ވިހަ ތީރު (32)

(15 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ކޮޓަރީގައި ޓަކިޖެހި ނޯކަރު ކިޔަމުންދިޔަ އެއްޗަކަށް ނުވިސްނައި އަވަސްއަވަހަށް ، ތިރިޔަށްދާން ހައިދަރު ހިނގައިގަތެވެ. މިގަޑީގައި ، އެގެޔަށް މެހެމަލް އަންނާނީ އާދަޔާޚިލާފުކަމެއް ދިމާވެގެންކަމަށް ޙައިދަރު ނިންމިއެވެ. ނިދައިފާއޮތް ދިލްނަޝީނާ ދިމާލަށް ބަލައިލަމުން ، ޙައިދަރު ތިރިޔަށްދާން ދުއްވައިގަތެވެ.)

ޙައިދަރު ތިރިޔަށްދިޔައިރު ، ދަރިފުޅު ގޮވައިގެން އައިސް މެހެމަލް ހުށްޓާ ފެނުނެވެ. ޙައިދަރަށް ލިބުނު ޙައިރާންކަމުގައި ހުއްޓިލައިގެން ހުއްޓައި ، މެހެމަލް އައިސް ޙައިދަރުގެ ގައިގައި ބައްދައިލިއެވެ. މެހެމަލް އެއައީ ، އަބަދަށްޓަކައި އޭނާއާ ވަކިވެގެންކަމުގައި ރޮމުންރޮމުން ، މެހެމަލް ބުންޏެވެ. ޙައިދަރުގެ މުށް ކެވުނެވެ. ހަދާނެގޮތް ބޮޑުވިއެވެ. މެހެމަލް އޭނާގެ ގައިން ވަކިކޮށް ، ދުރުކޮށްލުމަށްފަހު ، ވީގޮތެއް ސާފުކޮށްދިނުމަށް އެދުނެވެ.

" އަހަރެން މިއައީ އޭނާ ދޫކޮށްލާފައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އަހަރެމެންގެ ދިރިއުޅުން ، އަލުން ފަށަމާ ހިނގާށެވެ ! އަހަރެންނާއި ޙައިދަރާ ދެމީހުންގެ މެދުގައި ކުރިން އޮތް ގުޅުން އަލުން ޤާއިމް ކުރާނީއެވެ. އަހަރެން ޙައިދަރާ ދުރަށްދިޔައީ ، އަހަރެމެން ދެމީހުންގެ ވާހަކަ ނުނިމެނީހެވެ. އަހަރެން މިއައީ އެވާހަކަ ފުރިހަމަކޮށް ރީތިކޮށް ނިންމާށެވެ. " ރޮމުންރޮމުން މެހެމަލް ބުންޏެވެ.

މެހެމަލްއާ ދުރަށް ޙައިދަރު ޖެހިލިއެވެ. މެހެމަލް ނުނިންމާދިޔަ ވާހަކަ މިހާރު ނިމިއްޖެކަމުގައި ޙައިދަރު ބުންޏެވެ. އެވާހަކަ އެހެންމީހަކު ނިންމައިދީފިއެވެ. ދިރިއުޅުމަކީ ހުއްޓި އޮންނަ އެއްޗެއްނޫނެވެ. ކޮންމެވެސް ސިފައެއްގައި ކުރިޔަށް ދާނެއެވެ. އެއީ ކޯރަކުން އޮހޭ ފެންފަދަ އެއްޗެކެވެ. އެފެންވެސް ދައުރުވަމުންގޮސްގޮސް ހުރެއެވެ. އެހެންދަމުންދަމުންގޮސް ހުއްޓޭނެތަނެއް އެފެނަކަށް ނުފެނެއެވެ.

މެހެމަލް ، ވާހަކަ ދައްކަން ފެއްޓުމުން އެކަމަށް ފުރުޞަތުނުދީ ، ޙައިދަރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ޙައިދަރަށްވެސް އެވީ އެހެންނެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ ޙަޔާތުގައި މިހާރު އެންމެ މުހިންމު އިންސާނާއެވެ. ޙައިދަރު ދޫކޮށްލާފައި ، މެހެމަލް ފުރިހަމަކޮށްނުދީ ދިޔަ ވާހަކަ ، ފުރިހަމަކޮށްދިނީ ދިލްނަޝީނެވެ. މެހެމަލްއަކީ ޙައިދަރަށް އެހާ މުހިންމު މީހެއްނޫންކަމަށް ޙައިދަރު ބުންޏެވެ.

މެހެމަލް އައިސް ޙައިދަރުގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.

" ދޮގެކެވެ. ޙައިދަރު ތިހަދަނީ ހުސް ދޮގެވެ. ޙައިދަރު މިހާރުވެސް ހުއްޓި ތިހުރީ ، އަހަރެން ޙައިދަރު ދޫކޮށްލާފައި ދިޔަހިސާބުގައިކަން ، ޙައިދަރުގެ މޫނުމަތިން ވަރަށް ސާފުކޮށް އެނގެއެވެ. " މެހެމަލް ބުނަމުން ގެންދިޔައެވެ.

އޭނާދޫކޮށްލާފައި މެހެމަލް ދިޔައިމަ ، އޭނާއަށް ލިބުނު ތަކުލީފާއި ވޭން މިހާރު ނެތިއްޖެކަމުގައި ޙައިދަރު ބުންޏެވެ. އެ ތަކުލީފުތައް ދެވަނަފަހަރަށް ބަރުދާސްތު ކުރާކަށް ، ޙައިދަރު ބޭނުމެއްނޫނެވެ.

" ތިވާނީ މެހެމަލްއާއި ފިރިމީހާއާ ދެމީހުންގެ މެދުގައި ދެބަސްވުމެއް އުފެދުނީ ކަމުގައެވެ. ފިރިމީހާއަށް މާބޮޑަށް އަސަރުކޮށް ، ނަފްސު ކޮންޓްރޯލް ނުކުރެވުނީކަމަށް ވެދާނެއެވެ. އެހެންވެދާނެއެވެ. އެއީ ، ޢާންމު ކަމެކެވެ. އަހަރެންނާ ގުޅިފައިވާ އާ ގުޅުމަކުން މެހެމަލްއަށް ތަކުލީފުލިބޭކަމަށް ވަންޏާ ، މެހެމަލްގެ މާޒީ ހަނދާން ވާނެއެވެ. އެއީ ވަގުތީ އިޙްސާސެކެވެ. ތި ލިބުނު ހިތާމަވެސް މެހެމަލް ހަނދާން ނެތޭނެއެވެ. އެނބުރި އޭނާގާތަށް ދާނެއެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރު ވާހަކަ ދައްކަމުން ގެންދިޔައިރު ، ނޫނެކޭ ބުނަމުން ، މެހެމަލް ބޯހޫރަމުން ގެންދިޔައެވެ. ޙައިދަރަށްޓަކައި ، މެހެމަލް އެއައީ ، އޭނާގެ ހުރިހާ ގުޅުމެއް ކަނޑައިލާފައިކަމަށް ، މެހެމަލް ބުނަމުން ގެންދިޔައެވެ. އޭނާއާ ދިމާލަށް ބަލައިލުމަށް މެހެމަލް އާދޭސްކުރަމުން ގެންދިޔައެވެ. މެހެމަލްއާ ދިމާލަށް ބަލައިލައި ހަތަރުކަޅި ހަމަކޮށްލާކަށް ޙައިދަރު ބޭނުމެއްނޫނެވެ. އެއީ ، ރޭގަނޑުގެ ވަރަށް ލަސްގަޑިއެއްކަމުގައި ޙައިދަރު ބުންޏެވެ. އެކަމާބެހޭގޮތުން އިތުރަށް ވާހަކަ ދައްކާނީ މާދަމާ ހެނދުނުންނެވެ. އޭނާގެ އަންހެނުން އޭނާގެ ކޮޓަރީގައި ނިދާފައި އެބައޮތްކަމަށް ޙައިދަރު ބުނެ ، މެހެމަލްގެ ދަރިފުޅު ޢީޝަލް އުރާލައި ، އޭނާއާއެކީ އައުމަށް އެދުނެވެ. ގޭގެ ތިރީބުރީގައި ވަކިން ހުރި ކޮޓަރިއަކަށް މެހެމަލްގެ ފޮށި ލުމަށް ، ނޯކަރެއްގެ ގާތުގައި ޙައިދަރު ބުންޏެވެ.

ޢީޝަލް ކޮޓަރިޔަށް ގެންގޮސް ، އެނދުގައި ބޭއްވުމަށްފަހު ، ރޭގަނޑުގެ ސަލާމްކޮށްލާފައި އެތަނުން ނުކުންނަން ޙައިދަރު ހިނގައިގަތެވެ.

" ޙައިދަރު ޤަބޫލުކުރިޔަސް ، ނުކުރިޔަސް ، ޙައިދަރުގެ ހިތް ، އަދިވެސް އޮތީ އަހަރެންގެ އަތުގައެވެ. ޙައިދަރުގެ ހިތުން ، އަހަރެންގެ ނަން ފިލުވައެއް ނުލެވޭނެއެވެ. މިކޮޓަރީގެ ކޮންމެ އެއްޗަކީ ، ޙައިދަރުގެ ހިތުގައި އަހަރެންގެ މައްޗަށް އޮތްލޯބި ހެކިކޮށްދޭ އެއްޗެކެވެ. އަހަރެން ހިތްއުފާވާ ، އެންމެ ގަޔާވާ ހުރިހާ އެއްޗަކުން މިކޮޓަރި މިވަނީ ފުރިހަމަ ކޮށްފައެވެ. އަހަރެން ބޭނުންވާ އެއްޗިއްސާއި ބޭނުންވާ ކުލަޔާއި ބޭނުންވާގޮތް ، ޙައިދަރުގެ ހަނދާނުގައި އަދިވެސް އެބަހުރިކަން ، މިކޮޓަރީގައިހުރި ކޮންމެ އެއްޗަކުން އެނގި ކަށަވަރު ވެއެވެ. އެހެންވީމާ ، ޙައިދަރުގެ ހިތްބުނާގޮތަށް ، އަހަރެންނަށްޓަކައި ޚާއްޞަ ކޮޓަރިއެއް މިހުރީ ގޭގައި ހަދައިދީފައެވެ. " ހިނިތުންވެލައިގެންހުރެ މެހެމަލް ބުނަމުން ގެންދިޔައެވެ.

އެގެޔަކީ ، ދިލްނަޝީނާ ކައިވެނިކުރުމުގެ މާކުރިން ، ޙައިދަރު ބިނާކޮށްފައިވާ ގެޔެކެވެ. އޭނާގެ ކައިވެނީގެ ފަހުން އެކޮޓަރި އޭނާ ހެދިނަމަ ، އެކޮޓަރީގައިވާ ކޮންމެ އެއްޗަކީ ، ދިލްނަޝީން ބޭނުންވާގޮތަށް ، ދިލްނަޝީން ހިތްއުފާވާގޮތަށް ހުންނާނެ އެއްޗެއްކަމުގައި ޙައިދަރު ބުންޏެވެ. އަދި ، ޢީޝަލްއަށް މެހެމަލްގެ އަޅައިލުން ބޭނުންވާކަމަށްބުނެ ، އެކުއްޖާފުޅު ނިންދެވުމަށް އެދެމުން ، އެކޮޓަރިން ޙައިދަރު ނުކުތެވެ.

********************

ހެނދުނު ތެދުވެގެން، ޙައިދަރު ކޮފީބޮއެ ހެދިއިރުވެސް ، ދިލްނަޝީނަށް އޮތީ ނިދިފައެވެ. މަޑުމަޑުން އައިސް ދިލްނަޝީންގާތުގައި ޙައިދަރު އިށީނދެލިއެވެ. ދިލްނަޝީންގެ އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ވެއްޓިފައެވެ. އިސްތަށިގަނޑު ރަނގަޅުކޮށްލަނިކޮށް ، ޙައިދަރުގެ އަތް ދިލްނަޝީންގެ މޫނުގައި ޖެހުމާއެކު ، ދިލްނަޝީނަށް ސިއްސައިގެންގޮސް ހޭލެވުނެވެ. އަދި ޙައިދަރު އެކުރަނީ ކޮންކަމެއްހޭ އަހައި ދުރަށް ޖެހިލިއެވެ.

ޙައިދަރު އެއުޅުނީ ، ދިލްނަޝީން އެހީކުރިކަހަލަ ކަމެއް ކުރާކަށްނޫނެވެ. ހަމައެކަނި އިސްތަށިގަނޑު ރަނގަޅުކޮށްލަން އުޅުނީއެވެ. އޭނާއާ ދޭތެރޭ ދިލްނަޝީން ހީކުރާނެ އެއްޗަކަށް ޙައިދަރަށްވެސް ވިސްނައި ނުލެވުނީއެވެ. އޭނާއަށް އެކުރެވުނު ކަމަކަށް ޙައިދަރު މަޢާފަށް އެދުނެވެ. އިތުރަށް ބުނާނެ އެއްޗެއް ޙައިދަރަކަށް ނޭނގުނެވެ. އަވަސްއަވަހަށް ތެދުވެގެން ޙައިދަރު ، އޭނާގެ ސްޓަޑީރޫމަށް ދިޔައެވެ. އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަންޖެހޭކަމަށް އޭނާގެ ނަފްސު ޙައިދަރަށް ހަނދާން ކޮށްދިނެވެ.

ހެނދުނު ހެނދުނާ ތެދުވެގެން ކޮފީތަށްޓެއް ހިފައިގެން ، މަންމަގެ ކޮޓަރިޔަށް ޙައިދަރު އައިއިރު ، މަންމައިނީ ޤުރުއާން ކިޔަވާށެވެ. ޙައިދަރު އައިމަ ކިޔެވުން ހުޢްޓައިލުމަށްފަހު ، ކުލްސޫމް އޭނާގެ ދަރިފުޅަށް ސަލާމް ގޮވައިލިއެވެ. ޙައިދަރު އެއައީ މަންމަގާތު ވާހަކައެއް ބުނާށެވެ. އެކަމަކު ، އެވާހަކަ ފައްޓާނެގޮތެއް ޙައިދަރަކަށް ނޭނގުނެވެ. އެންމެ ފަހުން ، އަޅައަޅައިގެންފައި ، މެހެމަލް އެރޭ ދަންވަރު އެގެޔަށް އައިވާހަކަ ޙައިދަރު ބުންޏެވެ. ފަހަރެއްގައި އަންޞާބާ ދެމީހުން މައްސަލަ ޖެހުނީކަމަށް ވެދާނެއެވެ.

ކުލްސޫމް ދިޔައީ ސިއްސައިގެންނެވެ. ޙައިދަރާ މެހެމަލް ދުރުކުރަން ކުލްސޫމް މަސައްކަތްކުރާ ވަރަކަށް ، މެހެމަލްގެ ޗާލާކީކަމުން އޭނާ ކުރަމުންގެންދާ މަސައްކަތް ، އެބަ ބޭކާރު ކޮށްލައެވެ. ގޭތެރޭގައި ދެމަފިރިންގެ މެދުގައިޖެހޭ މައްސަލަތައް ގޭގެ ހަތަރުފާރުން ބޭރަށް ނުކުމެގެން ނުވާނެކަމަށް ކުލްސޫމް ބުންޏެވެ. އެހެންމީހުންގެ ގެޔަށް އެކަންކަން އައިސްގެންވާނެ ކަމަކަށް ކުލްސޫމަކަށް ނުފެނެއެވެ. މެހެމަލް އެގެޔަށް އަންނަންވީ ކޮން ޙައިޞިއްޔަތަކުން ހެއްޔެވެ ؟

" މަންމާއެވެ ! އިންސާނުންގެ ހިތަށް ތަދުވީމަ ، އަންނާނީ އެމީހަކާ އެންމެގާތް އެމީހެއްގެ އަމިއްލަ މީހުންގެ ގާތަށެވެ. " ޙައިދަރު ބުންޏެވެ.

" އެމީހެއްގެ އަމިއްލަ އަދި ގާތްމީހުން " އެބަސް ، ކުލްސޫމް ތަކުރާރު ކޮށްލިއެވެ. އެގޭގައި އުޅެނީ ، މެހެމަލްގެ ގާތް ކާކުތޯ ކުލްސޫމް ސުއާލު ކުރިއެވެ. މެހެމަލް އަމިއްލަޔަށް ، އެބައެއް ދޫކޮށްލައި ، އެބަޔެއްގެ މޫނުމަތީ ޖަހައިފާ ދުރުވެގެންދިޔަ މީހުން ހެއްޔެވެ ؟ ވެދިޔަކަމެއް ވެދިޔައީއެވެ. އެކަން ހަނދާންކުރާކަށް ޙައިދަރު ބޭނުމެއްނޫނެވެ. މަންމަވެސް ، އެވާހަކަ ދައްކާކަށް ޙައިދަރު ބޭނުމެއްނޫނެވެ.

" މެހެމަލްއަށް ހަމްދަރުދީވެގެން ، އެހީތެރިވެ އަޅައިލަން ޙައިދަރު މަސައްކަތް ނުކުރާށެވެ. އޭނާއަށް ވެގެންވިއްޔާ ، ޙައިދަރުގެ ތި ދިރިއުޅުން ބަރުބާދުކޮށްލާނެއެވެ. އޭނާ އެއައީ ، ބޮލިރޮދި ކެނޑިފައޮތް ރާރާގުޑިއެއްހެން ، ޙައިދަރުގެ ދިރިއުޅުމާ ކުޅެލާށެވެ. ޙައިދަރުގެ ޙަޔާތަށް ލިބޭ އުފަލަށް ކެތްނުކުރެވިގެންނެވެ. މާގިނަދުވަހު ، މިގޭގައި އޭނާ މަޑުކުރިޔަކަ ނުދޭނަމެވެ. ޙައިދަރުވެސް ، އޭނާއާ ދުރުގައި ހުންނާށެވެ. މެހެމަލްގެ އަވާގައި ޖެހި ޙައިދަރުގެ ދިރިއުޅުން ބަރުބާދު ކޮށްނުލާށެވެ ! އެއީ ކޮންކަހަލަ އަންހެނެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އެއައީ ، ކުރިންކޮށް ހިރަފުސްއެޅިފައި އޮތް ވަޢުދުން ހިރަފުސް ފޮޅައި ، ޙައިދަރުގެ ގަޔަށް އެ ހިރަފުސްތައް ބުރުވާށެވެ. " ކުލްސޫމް ބުންޏެވެ.

އެއީ ނުވާނެކަމެއްކަމަށް ޙައިދަރު ބުންޏެވެ. އޭނާއަކީ ، މީހެއްގެ ފިރިއެއްކަން ހަނދާން ނައްތައެއް ނުލާނެއެވެ. ޙާލަތު އެވަނީ ވަރަށްބޮޑަށް ބަދަލު ވެފައެވެ. އޭނާގެ ހިތުން އެ ޙަޤީޤަތް ކައްސައިލިޔަ ނުދޭނެކަމަށް ޙައިދަރު ބުންޏެވެ. ފަހުންވާނެގޮތެއް ނޭނގެއެވެ. ދިލްނަޝީނާއި އޭނާއާ ދޭތެރޭ ކިތަންމެ ދުރު ، ބީރައްޓެހިކަމެއް އޮތަސް ، ފިރިއެއްގެ ވާޖިބު އޭނާ އަދާކުރާނެއެވެ. އެހެނަސް ، އެގޮތުގައި އޭނާއަށް ކެތްކުރެވޭނީ ކިހާދުވަހަކުކަމެއް ނޭނގެއެވެ. އޭނާއަކީވެސް ، ފިރިފުރާ ޢުމުރު ފަހަނައަޅައި ، މެދުޢުމުރަށް ގޮސްފައިހުރި ފިރިހެނެކެވެ. ޒުވާންކަމުގެ ލެޔާއި ޖޯޝް އޭނާގައި އަދި އެބަހުށްޓެވެ. ފިރިހެނެއްގެ ހަށިގަނޑުގައި ދައުރުވާނެ ޖަޒުބާތާއި އިޙްސާސްތައް ، އޭނާގެ ހިތުގައިވެސް އުފެދެއެވެ.

ފެންވަރައި ކޮޅުނެތްކޮޅަށް ނަލަހެދި ، މުޅިތަން އެއްވަސްވާ ވަރަށް ، މީރުވަސްދުވާ ސެންޓުޖަހައިގެން ، މެހެމަލް ގޭތެރެޔަށް ނުކުންނަން ހިނގައިގަތެވެ. ޢީޝަލް އޮތީ ނިދާފައެވެ. އެކުއްޖާފުޅު ނަގައި ރީތިކުރުވާކަށް މެހެމަލްއަކަށް ވަގުތެއް ނުވިއެވެ. ރީތިވެ ނަލަހެދެންހުރިއިރުވެސް ، މެހެމަލްގެ މޫނުމަތިން ފެންނަމުންދިޔަ މަންޒަރަކީ ، އޭނާގެ ރީތިކަމާއި ނަލަކަމުން އަދި ޖަހައިގެންހުރި ނީރުވަސްދުވާ ސެންޓްގެވަސް ޖެހުމުން ، ޙައިދަރަށް ކުރާނެ އަސަރެވެ. އޭނާގެ މައްޗަށް ޙައިދަރު ލެނބިގެންދާނެ އަސަރުގަދަ މަންޒަރެވެ.

ކުލްސޫމް ފެނުމާއެކީ ، މެހެމަލް ސަލާމް ގޮވައިލިއެވެ. އޭރު ، ކުލްސޫމް ގެންދިޔައީ ، ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްފައިހުރި ތަކެތި ނޯކަރުގެ އެހީގައި މޭޒުމަތީ އެތުރުމުގެ މަސައްކަތް ކުރަމުންނެވެ. ދިލްނަޝީނާއި ޙައިދަރު ތިރިޔަށް ފައިބަންވާއިރަށް އެމީހުންނަށް ބޭނުންވާ ހުރިހާއެއްޗެއް ކައިރިކޮށް ، ނާސްތާކޮށްލަން ފަސޭހަވާނެ ހުރިހާ ގޮތެއް ކުލްސޫމް ވިސްނާނެއެވެ. މެހެމަލް އައިގޮތަށް އައިސް ، މޭޒުގެ ކޮޅުގޮނޑިއާ ޖެހިގެން އެންމެ ފުރަތަމައަށް ހުރި ގޮނޑީގައި އިށީނދެލައި ޖޫސްތަށްޓެއް އަޅައިގެން ބޯންފެއްޓިއެވެ. ކުލްސޫމަކަށް އަނގައިން ނުބުނެއެއް ނުހުރެވުނެވެ. އެހެންމީހުންގެ ގޭގެޔަށް މެހެމާނުންގެ ގޮތުގައި އައިސް އުޅޭއިރު ، އަމިއްލަ ގޭގައި ބޮޑުހެދިގެން އެގޭގައި ނޫޅުމަށް މެހެމަލްއަށް އެންގިއެވެ. ކާމޭޒުގެ ކޮޅުގޮނޑީގައި އިށީންނާނީ ގޭގެވެރިމީހާއެވެ. އެއީ ޙައިދަރެވެ. ދެފަރާތުގައި ޖެހިގެންހުރި ދެގޮނޑީގައި އިށީންނާނީ ، ޙައިދަރާ އެންމެ ގާތް ދެމީހުންނެވެ. އެއީ ޙައިދަރުގެ މަންމައާއި އަނބިމީހާއެވެ. މެހެމަލްއަށް ، ކުލްސޫމް އެދިން މެސެޖަކީ ، މެހެމަލް ލަދުގަންނުވައިލުމަށް ދިން މެސެޖެކެވެ. އެހެނަނަމަވެސް ، އެއީ އަދި މީހަކު އެހެން ބުނެލާ ބަހަކުން ލަދުގަންނަވަރަށްވުރެ ، ލަދުޙަޔާތްކުޑަ މީހެކެވެ. ކުލްސޫމް ބުނީމަވެސް މެހެމަލް އެގޮނޑިން ތެދުވާކަށް ނުވިސްނިއެވެ. މެހެމަލްވެސް ބޭނުންވީ ޙައިދަރާ އެންމެގާތުގައި އިނުމަށެވެ. އޭނާޖަހައިގެން އެއިން ސެންޓްގެ މީރުވަސް ޙައިދަރަށް ފޯރާހިސާބުގައި އިނުމަށެވެ. ވަށްކަޅިޔަކުންނަމަވެސް ، ޙައިދަރަށް ފަސޭހައިން ބަލައިލެވޭ ހިސާބެއްގައި އިނުމަށެވެ. މެހެމަލްއަކީ ، އެވަރުން މައިތިރި ކުރެވޭނެ މީހެއްނޫންކަން ކުލްސޫމަށް އެނގެއެވެ. މެހެމަލްއަށް ސައިދީފައި ، މެހެމަލް ސައިބޮއެ ނިމުމުން ، އެހެންމީހުންނަށް ސައިބޯން ގޮވުމަށް ނޯކަރުގާތު ބުނުމަށްފަހު ، ޙައިދަރުގެ ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ.

މެހެމަލްދެކެ ، ކުލްސޫމް ފޫހިވެފައިހުންނަވަރު ، މެހެމަލްއަށް އެނގެއެވެ. ކުލްސޫމަށް ވެގެންވިއްޔާ މެހެމަލް އެގެޔަކަށް ނުވައްދާނެއެވެ. އޭނާ މާ ކަންތައްގަނޑު ބޮޑުކޮށްފިއްޔާ ، އެންމެ ދުވަހަކުވެސް އެގޭގައި މަޑުކޮށް ނުލެވޭނެކަން މެހެމަލްއަށް ވިސްނުނެވެ. އަދި ، ކުލްސޫމަށް ގޮވައިލުމަށްފަހު ، ބޮޑުދައިތަ އަންނާށޭ ބުނެ ، ޖެހިގެންހުރި ގޮނޑީގައި އިށީނެވެ.

މެހެމަލް އެހާވަރަކަށް ތައްޔާރުވެފައި ހުރީމަ ، ހެނދުނުހެނދުނާ ތަނަކަށްދާން އޮތީތޯ ކުލްސޫމް ސުއާލުކުރިއެވެ.

" ބައެއްފަހަރަށް ، ރީތިކޮށް ތައްޔާރުވުމަކީ ، ތެރަޕީއެކެވެ. އެކަމުން ހިތާމަތައް ފިލައިގެން ދާނެއެވެ. އެމީހާނޫން އެހެންމީހުންގެ ހިތަށްވެސް އެކަމުން ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. މާބުރުވެސް މާމަލުން ފޮނިބޮމުންދާއިރު ، ފޮނިރަހަދޭ މާމަލުގައި ގިނައިރު އިށީނދެ އިންނާނެއެވެ. " މެހެމަލް ބުންޏެވެ.

މެހެމަލް ވަށްބަހުން އެދިން ޖަވާބުގެ މާނަ ، ކުލްސޫމް ދެނެގަތެވެ. އަދި ، މެހެމަލް އެގެޔަށް އަންނަންޖެހުނު ގޮތަކާމެދު ސުއާލު ކުރިއެވެ. އެއީ ވަރަށްދިގު ވާހަކައެއްކަމަށާއި ދޭތެރެދޭތެރެއިން ، ބޮޑުދައިތަޔަށް އެވާހަކަ ކިޔައިދެމުން ގެންދާނެކަމަށް މެހެމަލް ބުންޏެވެ. ކުލްސޫމަށް ހީކުރެވުނީ ރަނގަޅަށެވެ. އެހެންވީމާ ، މެހެމަލް އެގެޔަށް އެއައީ އެހާއަވަހަށް ދާގޮތަކަށް ނޫނެވެ. އެކަމަކު ، އެކަން އެހެންވިޔަނުދޭން ، ކުލްސޫމް ނިޔަތްގަތެވެ.

" މެހެމަލްއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުނުކޮށް މާގިނަވަގުތު ހޭދަކުރާކަށް ނުވާނެއެވެ. ފިރިހެނުން އެކަނި އުޅެން ފުރުޞަތު ދީފިއްޔާ އެމީހުން ، އަތުން ބީވެގެން ހިނގައިދާނެއެވެ. " ކުލްސޫމް ބުންޏެވެ.

އެގޭގައި މެހެމަލް ދިރިއުޅެނީ އެކަނި ނޫންކަމަށް މެހެމަލް ބުންޏެވެ. އެއީ ރެޔާއި ދުވާލު މެހެމާނުން އަންނަ ގެޔެކެވެ. އެންމެ ފަހުގެ ޒުވާން މޮޑެލުންނާއި ، ކުންފުނިތަކުގެ އަންހެން ސީއީއޯ އިން ، މަޝްހޫރު ފިލްމު ސްޓާރުން އަދި ، އަންޞާބާ އެއް ފެންވަރުގެ މުއްސަނދި ، އޭނާގެ ބިޒިނަސް ޕާޓްނަރުންނާއި ، މުއްސަނދި ޢާއިލާތަކަށް ނިސްބަތްވާ ޒުވާން އަންހެނުން އެގެޔަށް އައިސް އުޅެއެވެ. ރޭގަނޑު ހަތަރުދަމު ، މަޖާކޮށް ޕާޓީކުރަން އުޅެއެވެ.

މެހެމަލް އެބުނި ވާހަކަޔަކުން ، ކުލްސޫމަށްވެސް ކުއްލި ޙައިރާންކަމެއް ލިބުނެވެ. އެހާތަނަށް ، މެހެމަލްގެ އަނގައިން އަންޞާބު ސިފަކޮށްދީފައިއޮތީ ، މެހެމަލްދެކެ ވަރަށް ލޯބިވާ ، ރަނގަޅު ފިރިއެއްގެ ގޮތުގައެވެ. އަންޞާބަށް ތަޢުރީފް ނުކުރާ އެއްކަމެއްވެސް ނެތެވެ. އެހާ ހެޔޮވެފައި ، މެހެމަލް އަށާއި ޢީޝަލްއަށް އެހާ އަޅާލައެވެ. އަންޞާބާ ބެހޭގޮތުން ، އޭނާ ކޮށްފައިވާ ތަޢުރީފަކީ ދޮގުކަމުގައި މެހެމަލް ބުންޏެވެ. އެހުރިހާ ދުވަހަކު ، އަންޞާބުގެ ތަޞައްވުރާއި އޭނާއަށް ކުރާ އިޙްތިރާމް ، ކުލްސޫމަށް މެހެމަލް ސިފަކޮށްދީފައިވަނީ ދިމާއިދިކޮޅަށެވެ.

ކުލްސޫމް ޤަބޫލުކުރާ ގޮތުގައި ، ދެމަފިރިންވެސް އެކަކުއަނެކަކަށް އިޙްތިރާމް ކުރަން ޖެހޭނެއެވެ. އިޙްތިރާމަކީ ، އިޙްތިރާމް ކޮށްގެން ބަދަލުގައި ލިބޭނެ އެއްޗެކެވެ. އަންޞާބަށް މެހެމަލް ކުރި ތަޢުރީފަކީ ، ރަނގަޅު ކަމެކެވެ. ފިރިމީހާގެ ގޯސްވާހަކަ އެހެންތަންތަނަށް ގޮސް ދައްކައިގެން ނުވާނެއެވެ. މެހެމަލް އެކުރި ހެޔޮޢަމަލުގެ ޖަޒާ ، ހެޔޮގޮތުގައި މެހެމަލްއަށް ލިބޭނެކަމަށް ކުލްސޫމް ބުންޏެވެ. ކުލްސޫމްގެ އެދުމަކަށްވީ ، ކުރިޔަށް އޮތަތާނގައިވެސް ، މެހެމަލް އެގޮތަށް ޢަމަލު ކުރުމެވެ.

އެހިތްދަތިކަމުގައި އޭނާއަށް އިތުރަށް ދިރިނުހުރެވޭނެކަމުގައި މެހެމަލް ބުންޏެވެ. އެހެނަސް ، އެކަން ކުލްސޫމް ޤަބޫލެއް ނުކުރިއެވެ. މެހެމަލްއަށް ޖެހޭނީ އެގޮތުގައި ހުރުމަށް ކަމަށާއި އެނޫންގޮތެއް ނޯންނާނެކަމަށް ، ކުލްސޫމް ބުންޏެވެ. ކައިވެންޏަށްފަހު ، އަންހެނާގެ ގެޔަކީ ، އޭނާގެ ފިރިމީހާގެ ގެއެވެ. އެގެ ދޫކޮށްލާފައި ކުދިން ގޮވައިގެން އަންހެނުން ނުކުތުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ.

" ވަރިވުމަށްފަހު ، އަންހެނާ ކުރާނީ ކީއްހެއްޔެވެ ؟ ދާނީ ކޮންތާކަށް ހެއްޔެވެ ؟ އަހަރެން އެގެއިން ނުކުމެގެން މިގެޔަށް މިއައީ ، އަންޞާބުގާތުން ވަރިވުމަށްފަހު ، މިގޭގައި ދިރިއުޅޭށެވެ. " މެހެމަލް ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.