(13 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( އެދެމީހުންގެ މެދުގައި ކޮންމެވެސް މައްސަލައެއް އެބައުޅޭހެން ހީވާކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންގާތަށް ޙައިދަރު އައިސް އިށީނދެލާ ކޮންމެ ފަހަރަކުވެސް ، ކޮންމެވެސް ބަހަނާއެއް ދައްކާފައި ތެދުވެގެން އެބަ ދެއެވެ. ދެމީހުން ހަމަޖެހިލައިގެން ވާހަކަ ދައްކާލާތަނެއްވެސް ނުފެނެއެވެ. އެއްވެސް މިންވަރެއްގެ އުފާވެރިކަމެއްވެސް ، ދިލްނަޝީންގެ މޫނުމައްޗަކުން ނުފެނެއެވެ. )
މަންމަގެ އެ ކަންބޮޑުވުމަށް ، ޙައިދަރުދިނީ ވަރަށްފިނި ޖަވާބެކެވެ. އެގެޔަކީ ، ދިލްނަޝީނަށް އާ މާޙައުލެކެވެ. އެގެއިން ދިލްނަޝީނާ އެ ބައްދަލުވަނީ މުޅިން އާ މީހުންނާއެވެ. މީހުން ދަސްކުރަންވެސް ، އަދި މީހުންނާ ބާއްވަންވީ ކިހާވަރެއްގެ ގުޅުމެއްކަން ދެނެގަންނަންވެސް ވަގުތު ނަގާނެއެވެ. ޙައިދަރަކީވެސް ، އޭގެ ތެރެއިން އެކަކުކަމުގައި ޙައިދަރު ބުންޏެވެ.
ދިލްނަޝީން އައީ ، ސައިހަދަން ބުނެފައެވެ. އައިގޮތަށް އައިސް އިށީނީ ކުލްސޫމް އިންގޮނޑީގައެވެ. މިއަދަކީ ސާރާ އެގެޔަށް އައި ދުވަހެކެވެ. ޙައިދަރާއި ދިލްނަޝީނަށް ހަދިޔާއަކަށް ، ސާރާގެ ދެމަފިރިންގެ ފަރާތުން ، ހަނީމޫން ދަތުރެއް ރާވާފައި އޮތްކަމުގައި ކުލްސޫމް ބުންޏެވެ. ދިލްނަޝީން ދާން ބޭނުންވަނީ ކޮންތާކަށްތޯ ކުލްސޫމް ސުއާލު ކުރިއެވެ. ދިލްނަޝީން ހީލިއެވެ. ޖަވާބެއްދޭން ދިލްނަޝީން އަނގަހުޅުވައިލިތަނާ ، މިހާރަކު ނޫންކަމަށް ޙައިދަރު ބުންޏެވެ. މިހާރަކު އެއްގޮތަކަށްވެސް ހަނީމޫނަކަށް ނުދެވޭނެއެވެ. ޙައިދަރަށް އެވަގުތު ރަށުންބޭރަށް ދެވެން ނެތްކަމުގައި ޙައިދަރު ބުންޏެވެ. މިވަގުތު ، އޭނާ ރަށުންބޭރަށް ގޮއްސިއްޔާ އޭނާގެ ވިޔަފާރިއަށް ވަރަށް ގެއްލުންވާނެއެވެ. ކުރަންހުރި އެތައްކަމެއް ފުނިޖެހިފައި އެބަހުށްޓެވެ.
" މަސައްކަތަކީ އަބަދުވެސް ، ހުސްވާނެ އެއްޗެއްނޫނެވެ. އެއީ ކުރާވަރަކަށް އުފެދޭ އެއްޗެކެވެ. މަސައްކަތްކުރަން ޝަޢުޤުހުންނަ މީހުންނަށް ، އަބަދުވެސް މަސައްކަތް ފެންނާނެއެވެ. ކައިވެންޏެއް ކުރުމަށްފަހު ، ދެމީހުން އެކުގައި ތަންތަނަށްގޮސް މަޖާކޮށްލަންވެސް ޖެހޭނެއެވެ. އެކަކު އަނެކަކަށް ދަސްވާނީވެސް އޭރުންނެވެ." ކުލްސޫމް ބުންޏެވެ.
މަންމަގެ ވާހަކަ ، ޙައިދަރަކަށް ޤަބޫލެއް ނުކުރެވުނެވެ. ކުޑަދުވަސްކޮޅަކުން ، އޭނާ އެކަމަށް ހުސްވާނެކަމުގައި ޙައިދަރު ބުންޏެވެ. އެކަމަކު މިހާރަކު ނޫނެވެ. ދިލްނަޝީންގެ ޢަމަލުތައް އެހުންނަގޮތުން ، އެފަދަ ދަތުރަކުގޮސް ، އެދެމީހުން އެކުގައި އެކަނި އުޅުމަކީ ދިލްނަޝީނަށް އެހާ ފަސޭހަކަމަކަށް ނުވާނެކަން ޙައިދަރަށް ވިސްނުނެވެ.
ރޭގަނޑު ކައިނިމިގެން ކޮޓަރިޔަށްވަދެ ، ޙައިދަރުއިނީ ، ލެޕްޓޮޕް ހިފައިގެން އޮފީހުގެ މަސައްކަތެއްގެ ތެރެޔަށް ގެއްލިފައެވެ. ދިލްނަޝީންވެސް ކޮޓަރިޔަށްވަދެ ، ޙައިދަރުގެ ސަމާލުކަން އޭނާއަށް ގެނެސްގަތުމަށްޓަކައި ، އިރުކޮޅަކު އެއްފަރާތުގައި ހުއްޓިލައިގެން ހުށްޓެވެ. ދިލްނަޝީން އެތަނަށް ވަތްހެންވެސް ޙައިދަރަކަށް ހިއެއް ނުވެއެވެ. ދިލްނަޝީން އެއައީ ޙައިދަރުގާތުގައި ކޮންމެވެސް ވާހަކައެއް ބުނާށެވެ. ކަރުކެހިލީމަވެސް ، އެއަޑެއް ޙައިދަރަކަށް ނީވުނެވެ. ޙައިދަރުގެ ކުރިމަތިން ، މަޑުމަޑުން ހިނގައިލާފައިގޮސް ، ޙައިދަރާ ކުރިމަތިވާގޮތަށް އެނދުގައި ޖައްސައިލިއެވެ. އެވަރަކުންވެސް ، ޙައިދަރުގެ ސަމާލުކަމަކަށް ދިލްނަޝީނެއް ނައެވެ. ފަހަރެއްގައި ، ދިލްނަޝީންގެ ޢަމަލުތައް ހުންނަގޮތުން ޙައިދަރު ، ހިތްހަމަ ނުޖެހިފައި އިނީކަމަށްވެސް ވެދާނެއެވެ. އެތައްއިރެއްވަންދެން އިންއިރުވެސް ޙައިދަރު އޭނާއާ ދިމާލަކަށް ބަދަލެއް ނުލިއެވެ. އަތުގައި އަޅައިފާހުރި ތަނޑުތައްވެސް ތަޅުވާލައި އަޑު އިއްވައިފިއެވެ. ޙައިދަރު ، ކަހާތަން ހިރުވައިވެސް ނުލައެވެ. ކަރުވެސް ކެހިލައިފިއެވެ. ކަހެރުވަކެކޭވެސް ޙައިދަރަކަށް ، ހިއެއްނުވެއެވެ. ކުޑައިރުކޮޅެއް ކޮށްލުމަށްފަހު ، އެހެންގޮތެއް ނެތިގެން ، ޙައިދަރާ ދިމާލަށް ބަލަހައްޓައިގެން އިނދެ ، ޝުކުރިއްޔާ ބުނެ ، ދިލްނަޝީން ވާހަކަ ދައްކަން އިސްނެގިއެވެ. ދިލްނަޝީން ، އޭނާއަށް ޝުކުރުއަދާކުރީ ، ކޮންކަމަކާކަން ، ޙައިދަރަށް އެނގެއެވެ. އެހެނަސް ، އެއީ ކޮންކަމަކާ އަދާކުރި ޝުކުރެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ހަނީމޫންދަތުރު ނުދާގޮތަށް ނިންމުމުން ޝުކުރުއަދާކުރީކަމަށް ވަންޏާ ، އެއީ މަންމަޔަށްޓަކައި އޭނާކުރިކަމެއްކަމަށް ޙައިދަރު ބުންޏެވެ. އެއީ ، ދިލްނަޝީނަށް ކޮށްދިންކަމެއް ނޫނެވެ. އެކަމަށްޓަކައި ދިލްނަޝީންގެ ފަރާތުން އޭނާ އެއްވެސް ޝުކުރެއް ބޭނުމެއްނޫނެވެ.
" އަހަރެން ބޭނުމީ ޝުކުރިއްޔާއެއްނޫނެވެ. އަހަރެން ބޭނުމީ ދިލްނަޝީން ، އަހަރެންނަށް ކަމެއްކޮށްދޭށެވެ ! އެވެސް އަހަރެންނަށް ބޭނުންވެގެންނެއް ނޫނެވެ. އަހަރެންގެ މަންމަޔަށްޓަކައެވެ. މި ދުނިޔޭގައި ، މަންމަގެ އުފާނޫން އެހެން އެއްޗެއް އަހަރެން ބޭނުމެއްނޫނެވެ. އަހަރެމެންގެ ކައިވެންޏަކީ ، ވަރަށް އުފަލުން ، އަމިއްލަ ނަފްސުގެ އުފަލަށްޓަކައި މަންމަ ކޮށްދިން ކަމެކެވެ. އަހަރެން އެކަމަށް އެއްބަސްވީ މަންމަގެ އުފަލަށްޓަކައެވެ. އަހަރެންނާއެކީ ދިރިއުޅެން ދިލްނަޝީން ހިތްހަމަނުޖެހޭކަން ، މަންމަޔަށް އެނގޭކަށް އަހަރެން ބޭނުމެއްނޫނެވެ. ދެމަފިރިއެއްގެ ދެމެދުގައި އޮންނަންޖެހޭ އެއްވެސް ގުޅުމެއް އަހަރެމެން ދެމީހުންގެ މެދުގައި ޤާއިމްވެފައި ނެތްކަން ، މަންމަޔަށް އިޙްސާސްވާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންވީމާ ، އާދޭސްކޮށްފައި ބުނަމެވެ. އެންމެ ދެރަވެގެން ، މަންމަގެ ކުރިމަތީގައި ، އަހަރެންނާ ބީރައްޓެހިކޮށް ނުއުޅުން ، އަހަރެން ވަރަށްބޮޑަށް އެދެމެވެ. ކޮންމެވެސް ވަރަކަށް ހެދިގެން އުޅޭށެވެ. ދިލްނަޝީންވެސް އަހަރެންނާ އަޅައިލާކަން ، މަންމަޔަށް އިޙްސާސްވާގޮތަށް ، ހެދިގެން އުޅެދޭށެވެ ! އަހަރެންނެއް އެއްވެސް ޙާލެއްގައި ދިލްނަޝީން ބޭނުންނޫންކަމެއް ނުކުރަމެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ، އެކަހަލަކަމެއް ނުކުރާނަމެވެ. އެކަމަކު ، އަހަރެންގެ މަންމައަށްޓަކައި ، ދިލްނަޝީންގެ ފަރާތުން އެކަމަށް އަހަރެން އެދެމެވެ. " ޙައިދަރު ބުންޏެވެ.
ޙައިދަރު އެބުނީ ރަނގަޅު ވާހަކައެއްކަމަށް ދިލްނަޝީނަށްވެސް ޤަބޫލު ކުރެވުނެވެ. އަދި ، އެވާހަކަތަކަށް އެއްބަސްވާކަން އަންގައިލުމަށްޓަކައި ، އާނއެކޭބުނެ ބޯޖަހައިލިއެވެ.
***********************************
މެންދުރުއަތަށް އަޅައިލިތަނާ ، މެހެމަލްވެސް ޙައިދަރުމެންގެ ގެޔަށް އައެވެ. ޙައިދަރާއި ދިލްނަޝީންވީ ބާޒާރުކޮށްލަން ބޭރަށް ގޮހެވެ. މެހެމަލްއާއި ކުލްސޫމް ތިބީ ސިޓިންގރޫމުގައި އިށީނދެލައިގެން ވާހަކަ ދައްކައިލާށެވެ. އިރުކޮޅަކުން އެތަނަށް އައިސް އެވަނީ ދިލްނަޝީނާއި ޙައިދަރެވެ. ދިލްނަޝީން އައިސް ކުލްސޫމްގާތު އިށީނދެލައި ، އެމީހުންގަތް ތަކެތި ކޮތަޅުން ނަގައި ، ކުލްސޫމަށް ދައްކަމުން ގެންދިޔައެވެ. އެމީހުން އެގަތްތަކެތިވެސް ، ކުލްސޫމަށް އެހާ ރީތިވިއެވެ. މެހެމަލްއަށް އޭގެތެރެޔަށް ނުވަދެއެއް ނުއިނދެވުނެވެ. ގަންނާނެ ތަކެއްޗާއި ގަންނަންވީ ތަކެތީގެ ފެންވަރު ، ދިލްނަޝީނަށް އެނގޭކަމުގައި މެހެމަލް ބުންޏެވެ. ދިލްނަޝީންގާތަށް ހިނިއައެވެ. އެތަކެތި ގަތީ ދިލްނަޝީން ނޫންކަމަށާއި ، އެއީ " އޭނާ " އަށް ރީތިވި ތަކެތިކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީން ، އޭނާއޭ އެބުނީ ޙައިދަރަށް ނިސްބަތްކޮށްފައެވެ. ޙައިދަރުގެ ނަން ނުބުނެ ، އޭނާއޭ ބުނުމުން މެހެމަލް އަށް ޙައިރާންކަން ލިބުނެވެ. އަދި ، އޭނާއޭ ބުނެ އެބަސް ، މެހެމަލް ތަކުރާރުކޮށްލިއެވެ.
" ކީއްވީ ހެއްޔެވެ ؟ ރަނގަޅު ޢާއިލާތަކަށް އުފަންވާ އަންހެންކުދިން ، އެކުދިންގެ ފިރިމީހާއަށް ނަމަކުން ނުކިޔާނެއެވެ. އެއީ ، ފިރިމީހާއަށް އަދާކުރެވޭ އިޙްތިރާމެކެވެ. " ކުލްސޫމް ، މެހެމަލްއާ ދިމާލަށް ބުންޏެވެ.
" ރޭގައި އަހަރެމެން ރޭގަނޑުގެ ކެއުމަށްދިޔައިމަ ، ދިލްނަޝީން އަހަރެންގެ ނަންނުކިޔާތީ ، ޢާޞިފާއި ޝާހިދުވެސް އެކަން ފާހަގަ ކުރިއެވެ. " ޙައިދަރުވެސް ބުންޏެވެ.
ދެމަފިރިން އެކަކުއަނެކަކަށް ނަމުންނުކިޔައި ، އެކަމުގެ ޖޯކުން މަލާމާތް އެލިބިގަތީ ޙައިދަރުކަމަށް މެހެމަލް ބުންޏެވެ. އެކުގައި ލޯބިން ދިރިއުޅޭ ދެމަފިރިޔަކު ، އެކަހަލަގޮތަކަށް ނަމުން މުޚާތަބުނުކޮށް އުޅޭނެތޯ މެހެމަލް ސުއާލުކުރިއެވެ.
ދިލްނަޝީނަށް ގޮވާލައި ޙައިދަރު ، އޭނާގެ އަތް ދިލްނަޝީނާ ދިމާލަށް ދިއްކޮށްލިއެވެ. ދިލްނަޝީންވެސް ޙައިދަރުގެ އަތުގައިހިފާލައި ، ހައިދަރުގާތުގައި އިށީނދެލިއެވެ. ދިލްނަޝީން ، ޙައިދަރާ މުޚާތަބުކޮށް ކޮންމެ ނަމަކުންކިޔަސް އެއީ ، އޭނާއަށް ވަރަށްކަމުދާކަމެއްކަމުގައި ޙައިދަރު ބުންޏެވެ. އެއާއެކު ، މެހެމަލް ލަދުގަނެ އިސްދަށަށްޖަހައި ފޯނާކުޅެން ފެށްޓިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި މެހެމަލްގެ ބަސްހުށްޓުނެވެ. މެހެމަލްއާ ދިމާލަށް ބަވައިގަނެ ، މެހެމަލްއާ އެއްދަރަޖަޔަކަށް ވެއްޓޭކަށް ޙައިދަރު ބޭނުމެއް ނޫނެވެ. ދިލްނަޝީން ، ޙައިދަރާދިމާލަށް ބަލައިލާ ، ހީލިއެވެ. ޙައިދަރުގެ އެވާހަކަޔަށް ކުލްސޫމްވެސް އުފާކުރިއެވެ. އަދި ، ﷲ އެދެމަފިރިންނަށް ހެޔޮރަޙުމަތް ލެއްވުންއެދި ދުޢާކުރިއެވެ. ކުލްސޫމްއިނީ މެހެމަލްއާ ދިމާލަށް ލޯއަޅައިގެންނެވެ.
********************************
ރޭވެ ، އަނދިރިވަންދެން ، މެހެމަލް އެގޭގައި އުޅެފައި. ގެޔަށްގޮސް ، ސިޓިންގރޫމުގައި އެކަނި ޖައްސައިލައިގެން އިނެވެ. އެތަނަށް ނޯކަރަކު އައުމާއެކީ ، ސާހިބުމީހާ ގެޔަށް އަތުވެއްޖެތޯ މެހެމަލް ސުއާލު ކުރިއެވެ. އަންޞާބު ގެޔަށް އައިތާ އިރުކޮޅެއް ވެއްޖެއެވެ. އާދައިގެ މަތިން އެރޭވެސް ، އަންޞާބުއައީ ، އަންހެންކުއްޖަކު ގޮވައިގެންނެވެ. އަންޞާބަށް ޚާއްޞަކުރެވިފައިހުންނަ ވަކި ކޮޓަރިއެއްގައި އަންޞާބު އެބައުޅެއެވެ. އަންޞާބާބެހޭ މަޢުލޫމާތު ، އެކުއްޖާ މެހެމަލްއަށް ދިނީ ވަރަށް ބިރުން ހުރެއެވެ.
ނޯކަރުންގެ ކުރިމަތީ ، އަންޞާބު އެއުޅޭގޮތުން ، މެހެމަލްއަށް އިތުރަށް ކެތްނުކުރެވޭ ޙާލަތަށް ހިނގައްޖެއެވެ. ދެކޮޅަށް ހޫރެމުންގޮސް ، އަންޞާބު އުޅޭކޮޓަރިޔަށް ވަނެވެ. އެތާހުރި އަންހެންކުއްޖާއާ ދިމާލަށް ، އެތަނުން ނުކުމެގެންދާށޭބުނެ ، މެހެމަލް ހަޅޭއްލަވައިގަތެވެ. އެއަންހެންކުއްޖާއަށް ލިބުނު ސިހުމާއެކީ ، އެތަނުން ނުކުންނަން ހިނގައިގަތުމާއެކީ ، އަންޞާބު އެކުއްޖާ ހުށްޓުވިއެވެ. އަދި އޭނާގެ މެހެމާނާއަށް ކަމޭހިތުމަށް މެހެމަލްއަށް އަމުރު ކުރިއެވެ.
" އަހަރެންނަށް އަންޞާބު ، ތިހެން ނުހަދާށެވެ ! އަހަރެންނަށް އަންޞާބުގެ އަޅާއިލުމާއި ލޯބި ބޭނުމެވެ. އަހަރެން މިއީ އަންޞާބުގެ ޙަލާލު އަނބިމީހާއެވެ! " މެހެމަލް އަންޞާބާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
ކަންބޮޑުވެ ހާސްވެފައިހުރި ، އަންހެންކުއްޖާގެ އަތުގައި ހިފައި ، އެތަނުން ނެރުމަށް މެހެމަލް މަސައްކަތް ކުރިއެވެ. އެހެނަސް ، މެހެމަލްއާ ގާތަށް ޖެހިލައި ، އަންޞާބުގެ އަތުގައި ހުރިބާރެއް ލާފައި މެހެމަލްގެ މޫނުމަތީ ޖަހައި ، މެހެމަލް މައިތިރި ކުރިއެވެ. އަދި އޭނާގެ އުފާވެރި ވަގުތުކޮޅު ޚަރާބު ނުކޮށް ، މެހެމަލް އެތަނުން ދިއުމަށް އަންޞާބު އަމުރު ކުރިއެވެ. މެހެމަލްއާ އޭނާ ވާހަކަ ދައްކާނީ މާދަމާ ހެނދުނުކަމަށް ބުނަމުން ، ކޮއްޕަމުން މެހެމަލް އެކޮޓަރިން ނެރުނެވެ.
މެހެމަލް ، އޭނާގެ ކޮޓަރިޔަށް އައިސް ، ހެދުންތައް ފޮށްޓަށް އަޅަން ފެށްޓިއެވެ. އޭނާގެ ކަންފަތަށް އިވެމުން ދިޔައީ ، ޙައިދަރާއި އޭނާއާ ދެމެދު ، ދެކެވުނު ވާހަކަތަކެކެވެ. އެއީ މެހެމަލްގެ ކައިވެންޏަށްފަހު ، ޙައިދަރާ ބައްދަލުވި ފުރަތަމަ ފަހަރު ، ދެކެވުނު ވާހަކަ ތަކެކެވެ.
" ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި އަހަރެން އެކަނިވެރިވެއްޖެނަމަ ، ޙައިދަރުގެ އެހީތެރިކަން އަހަރެންނަށް ލިބިދާނެ ހެއްޔެވެ ؟ "
މެހެމަލް އެކުރި ސުއާލަށް ޙައިދަރުދިނީ ވަރަށް އުއްމީދީ ޖަވާބެކެވެ. ދިރިއުޅުމުގެ އެއްވެސް ހިސާބަކުން ، މެހެމަލްއަށް އޭނާގެ އެހީތެރިކަން ބޭނުންވެއްޖެނަމަ ، އެކަން މަނާކުރާނެ އެއްވެސް ޙާލަތެއް އުފަންނުވާނެކަމަށް ޙައިދަރު ވަޢުދު ވިއެވެ. އެކަހަލަ ޙާލަތެއް އުފަންވެއްޖެނަމަ ، އޭނާގާތަށް އެނބުރި އައުމަށް ޙައިދަރު އެދުނެވެ. އެދުވަހަކަށް އޭނާ އިންތިޒާރުގައި ހުންނާނެކަމަށް ، ޙައިދަރު ބުންޏެވެ.
*********************************
ޙައިދަރު އައިސް ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީންއޮތީ ، ކޮޓަރީގައިހުރި ޑޭބެޑް މަތީ ، އަރާމުކޮށް ނިދައިލާފައެވެ. ދިލްނަޝީންގެ މަޢުޞޫމިއްޔަތުކަމަށް ޙައިދަރު ވިސްނައިލިއެވެ. ކުރިން އެއްވެސް ގުޅުމެއް ނުއުފެދި ، އެކަކުއަނެކަކަށް ނޭނގިތިބެ ، އޭނާއަށް އެކުރެވުނު ކައިވެންޏަށް ވާނެގޮތަކާމެދު ، ޙައިދަރު ކަންބޮޑުވިއެވެ. އެތައް އިރެއްވަންދެން ، ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން ޙައިދަރަށް ހުރެވުނެވެ.
ކުއްލިޔަކަށް ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލި އަޑަށް ޙައިދަރު ސިއްސައިގެން ދިޔައެވެ. މިގަޑީގައި އެމީހުންގެ ނިދާކޮޓަރީގައި ޓަކިޖަހާނީ ކާކު ހެއްޔެވެ ؟ ހަމަ ގައިމުވެސް މަންމައެއް އެކަމެއް ނުކުރާނެއެވެ. އެގޭގައި އިތުރު އެހެންމީހަކު ނެތެވެ. ތިއްބަސް އިތުރަށް ތިބޭނީ ނޯކަރުންނެވެ. ނޯކަރުންނަށް އެކަހަލަކަމެއް ކުރާކަށް ނުކެރޭނެއެވެ. ދިލްނަޝީންމެން ކޮޓަރިޔަށް ވަނުމުގެ ފަހުން ، އެމީހުންނަށް އެއްވެސް އުނދަގުލެއް ނުކުރަން ، ކުލްސޫމް އޮތީ ނޯކަރުންނަށް އަންގައި އިންޒާރު ކޮށްފައެވެ.
އެވަގުތު ، ޙައިދަރުގެ ފޯނަށް ކޯލެއް އައެވެ. އެއީ މެހެމަލްގެ ކޯލެވެ. އޭނާހުރީ އެގޭގެ ތިރީގައި ކަމަށާއި ، އޭނާއާ ބައްދަލުކޮށްލުމަށް ތިރިޔަށް އައިސްލަދިނުމަށް ، ޙައިދަރުގެ ކިބައިން މެހެމަލް އެދުނެވެ. މެހެމަލްގެ އަޑުގައިހުރި ކެކުޅުމާއި ، ވޭނުގެ އަސަރު ، ޙައިދަރަށް އިޙްސާސް ކުރެވުނެވެ. އަދި ، ދޮރުހުޅުވާލައި ، ކޮޓަރީގައި ޓަކިޖެހި ނޯކަރު ކިޔަމުން ދިޔަ އެއްޗަކަށް ނުވިސްނައި އަވަސްއަވަހަށް ، ތިރިޔަށްދާން ހިނގައިގަތެވެ. މިގަޑީގައި ، އެގެޔަށް މެހެމަލް އަންނާނީ އާދަޔާޚިލާފުކަމެއް ދިމާވެގެންކަމަށް ޙައިދަރު ނިންމިއެވެ. ނިދައިފާއޮތް ދިލްނަޝީނާ ދިމާލަށް ބަލައިލަމުން ، ޙައިދަރު ތިރިޔަށްދާން ދުއްވައިގަތެވެ. ( ނުނިމޭ )
ވަރަށްވެސް ރީތި ޝުކުރަން