( 8 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ޙައިދަރުމެން ގެޔަށް އައިތަނުން މެހެމަލް އަދިވެސް ގެޔަށްނުގޮސް ހުރިތަން ފެނުނެވެ. އެކަމާ ޙައިރާން ނުވުމަށް މެހެމަލް ބުންޏެވެ. މިއަދު އޭނާ ހުންނާނީ އެގޭގައެވެ. ދުވާލުގެ ހަތަރުދަން އެމީހުންނަށް ޚާއްޞަ ކުރީތީ ، މެހެމަލްއަށް ޝުކުރު އަދާކުރަމުން ދިލްނަޝީން ގޮވައިގެން ޙައިދަރު މައްޗަށް އެރިއެވެ. )
ޙައިދަރަށް ގޮވައިލުމަށްފަހު ، އޭނާ މަޑުކުރަންބުނެ ، ދިލްނަޝީން ގޮވައިގެން މައްޗަށްގޮސް ، ތައްޔާރުކޮށްގެން ގެންނަން ސާރާ ގާތު ކުލްސޫމް ބުންޏެވެ. ދިލްނަޝީން ގޮވައިގެން ސާރާ ހިނގައިގަތްތަނާ ، މެހެމަލްވެސް އެމީހުންނާއެކީ ދާން ހިނގައިގަތީމަ ، މެހެމަލްގާތު އެތާ މަޑުކުރަން ކުލްސޫމް ބުންޏެވެ. އެހެނަސް ، މެހެމަލް މަޑެއް ނުކުރިއެވެ. އޭނާގެ އޮތީ އެންމެ ބޭނުމެއްކަމަށާއި އެއީ ޙައިދަރުގެ އަންހެނުން ތައްޔާރު ކުރުވުންކަމަށް މެހެމަލް ބުންޏެވެ. އަދި އެއޮށްހުރިހާ ދުވަހެއް ވީއިރުވެސް ، މީހަކާ އިންނަން ޙައިދަރު އެއްބަހެއްވެސް ނުވިވިއްޔާއޭ ބުނެ ، ޙައިދަރަށް ދޯ އެއްލިއެވެ.
" މިހާރު އެއްބަސް ވެއްޖެ ނޫންހެއްޔެވެ ؟ ޙައިދަރަށް ވިސްނުނީ ލަހުންނެވެ. އެކަމަކު ، ވިސްނިގެން މިހާރު އެހުރީ މީހަކާ އިނދެގެންނެވެ. ކުރީގެ ހަނދާންތައް ހިތުން ފިލުވައިލައިފިއެވެ. " ކުލްސޫމް ، މެހެމަލް އާ ދިމާލަށް ބަހެއް ހެއްލިއެވެ.
މެހެމަލްއަށް ލަދުގަންނާކަށް ނޭނގުނެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ، މައްޗަށް އަރައިގެން ދިލްނަޝީންމެންގާތަށް ދިޔައެވެ.
މެހެމަލް އެގެއިން ފޮނުވައިލުމަށް ، ޙައިދަރުގާތު ކުލްސޫމް ބުންޏެވެ.
" އަޅައި ނުލާށެވެ ! މެހެމަލްކުރާކަމެއްކުރަން ދޫކޮށްލާށެވެ ! އޭނާގެ އަވައިގާ އަހަރެންނެއް ނުޖެހޭނަމެވެ. އޭނާގެ ކިބައިން ސަލާމަތްވާން އަހަރެންނަށް އެނގޭނެއެވެ. މެހެމަލް ބޭނުންވަނީ ، އަހަރެންގެ އަންހެނުން ރީތިކޮށްދޭންކަމަށް ވަންޏާ އެކަންކުރަން މެހެމަލްއަށް ފުރުޞަތު ދޭށެވެ ! " ޙައިދަރު އޭނާގެ މަންމަގާތު ބުންޏެވެ.
ކުލްސޫމުގެ ކަންބޮޑުވުމަކީ ޖާއިޒް ކަމެކެވެ. މެހެމަލްގެ ސަބަބުން ، ޙައިދަރާއި ދިލްނަޝީންގެ ކައިވެންޏަށް ނޭދެވޭ އެއްވެސް ކުރާކަށް ކުލްސޫމް ބޭނުމެއް ނުވެއެވެ. ޙައިދަރު މީހަކާ ދެވިއިރުވެސް ، ކުލްސޫމް އެންމެ ކަންބޮޑުވި ކަމަކީ އެއީއެވެ.
ދިލްނަޝީން ރީތިކުރަމުން ގެންދަނިކޮށް ، އެތަނަށް މެހެމަލް އައިތަން ސާރާއަށް ފެނުމުން ސާރާ ތުންފިއްތައިލިއެވެ. މެހެމަލް އައިސް ، މާބޮޑު އަޅާއިލުމެއްނެތި ، ދިލްނަޝީންގެ ގަހަނާތަކާ ކުޅެ އެތަކެތި ބަލަމުން ގެންދިޔައެވެ.
" އަހަރެންގެ ދެބެންގެ ދެދަރި ފިރިހެނާ އާމެދު ، ދިލްނަޝީން ދެކެނީ ކިހިނަކުން ހެއްޔެވެ ؟ " އެއްވެސް ލަދުވެތިކަމެއްނެތި މެހެމަލް ސުއާލުކުރިއެވެ.
މެހެމަލް އެކުރި ސުއާލުން ، ސާރާގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު އައެވެ. އަދި މެހެމަލްއާ ދިމާލަށް ލޯއަޅައިލިއެވެ. މެހެމަލްއަށް އެކުރެވުނު ސުއާލަށް ސާރާ ނުރުހުންވެފައި ހުރިތަންފެނިފައި އޭނާގެ ސުއާލު ރަނގަޅުކޮށްލިއެވެ.
" ޙައިދަރާމެދު ދިލްނަޝީން ދެކޭގޮތަކީ ކޮބައި ހެއްޔެވެ ؟ އަހަރެން މި ސުއާލު ކޮށްލަނީ ދިލްނަޝީނާއެވެ. " ސާރާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ، މެހެމަލް ބުންޏެވެ.
ޙައިދަރަކީ ، ރަނގަޅުމީހެއްކަމަށްބުނެ ދިލްނަޝީން ޖަވާބު ދިނެވެ. ޙައިދަރަކީ ރަނގަޅުމީހެއްކަން މެހެމަލްއަށްވެސް އެނގޭކަމަށާއި ، މެހެމަލް ބޭނުންވަނީ ، އެއީ ފިރިއެއްގެ ގޮތުގައި ކިހާ ރަނގަޅުމީހެއްކަން ދެނެގަތުމަށްކަމަށް ބުނެ ، އަނެއްކާވެސް ، ދިލްނަޝީންގެ ގަހަނާތަކާ ދިމާލަށް ޖެހިލިއެވެ. އެހިސާބުން ސާރާއަކަށް އަނގައިން ނުބުނެއެއް ނުހުރެވުނެވެ. އޭނާގެ ފަހަރިއަށް އުނދަގޫކުރަން މެހެމަލް އެތަނަށް އައީ ކީއްވެތޯ ، ސާރާ ސުއާލު ކުރިއެވެ.
މެހެމަލްއަށް އަނގަހިމޭނުންލައިގެންނެއް ނުހުރެވުނެވެ. އޭނާ އެތަނަށް އައީ ، ދިލްނަޝީނަށް އުނދަގޫ ކުރަންނޫންކަމަށް ބުންޏެވެ. އޭނާއަކީ ، ޙައިދަރުގެ ވަރަށްގާތް ރަޙުމަތްތެރިޔެކެވެ. ޙައިދަރަކީ ، ކިހާ ރަނގަޅު ފިރިއެއްކަން އެނގެން އޭނާ ބޭނުންވާކަމުގައި މެހެމަލް ބުންޏެވެ. ކައިވެންޏަށް ދިލްނަޝީނަށް ޙައިދަރުދިނީ ކޮން އެއްޗެއްތޯ މެހެމަލް ސުއާލު ކުރިއެވެ.
" ހަނދާން ނެތިގެން އަހަރެން އެއްވެސް އެއްޗެއް ނުދެމެވެ. " ސިޑިން ފަހަތުން އަރަމުން ޙައިދަރު ބުންޏެވެ.
މެހެމަލްއާ ގާތަށް ޖެހިލުމަށްފަހު ، އަޞްލުގައިވެސް ، އޭނާ ހަނދާންނެތުނީކަމަށް ، ޙައިދަރު ބުންޏެވެ. އެވަރަކުން ޙައިދަރު ހުއްޓައެއް ނުލިއެވެ. މެހެމަލްއަކީ ، އެމީހުންނާ ތިމާގެ މީހެއްކަން ހަނދާން ކޮށްދިނެވެ. އަދި ، ތިމާގެކަމުގެ ޙައްޤުގައި މެހެމަލްގެ ފަރާތުން ދިލްނަޝީނަށް ދިނީ ކޮންއެއްޗެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. އެކަމަކު ، ދިލްނަޝީނަށް ރަނގަޅު ހަދިޔާއެއްދޭން މެހެމަލް އޭނާއަށް ހަނދާން ކޮށްދީފިކަމަށް ބުނެ ، ކައިރީގައިހުރި މޭޒެއްގެ ވަތްގަނޑު ހުޅުވައިލިއެވެ. އަދި ، އޭގެތެރެއިން ފޮށްޓެއް ނަގައިގެން އައިސް ، ދިލްނަޝީންގާތުގައި ހުށްޓިލިއެވެ.
" އަޞްލުގައި ވީގޮތަކީ ، އަހަރެންގެ އަންހެނުންގެ ރީތިކަން ފެނިފައި އެހެންހުރިހާކަމެއް ، އަހަރެން ހަނދާން ނެތުނީއެވެ. މި ހާރު ރީތިދޯއެވެ. ކައިވެނީގެ ހަދިޔާއަކަށްދޭން އެކަށީގެންވޭ ނޫންހެއްޔެވެ ؟ " ދިލްނަޝީނަށް ހޯދައިދިން ހާރު ، މެހެމަލްއަށް ދައްކައިލަމުން ޙައިދަރު ބުންޏެވެ.
ސާރާއަތަށް ހާރުދިއްކޮށްލަމުން ، ދިލްނަޝީންގެ ކަރުގައި އެ ހާރު އަޅުވައިދިނުމަށް ޙައިދަރުގެ ބޮލުން ޢިޝާރާތްކޮށްލިއެވެ. ހާރުގެ ރީތިކަމަށް ތަޢުރީފު ކުރަމުން ސާރާ ، ދިލްނަޝީންގެ ކަރުގައި ހާރު އަޅުވައިދިނެވެ. އަދި ، ދިލްނަޝީންގެ ރީތިކަމާއި ނަލަކަން އެ ހާރު އެޅުމުން އިތުރުކޮށްދީފިކަމުގައި ސާރާ ބުންޏެވެ. ޙައިދަރުހުރީ ، ހަށަންބަނދެލައިގެން ، މަލާމާތުގެ ހިނިތުންވުމަކާއެކު މެހެމަލްއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހަމަ ރީތިކޮށްވެސް ، ޙައިދަރަށް އެދުވަހު ، މެހެމަލް ލަދުގަންނުވައިލެވިއްޖެއެވެ. އެތާ ހުންނަން އުނދަގޫވެގެން ،އެތަނުން ނުކުމެގެން ދާވަރަށެވެ. މެހެމަލް އަށް މަޖުބޫރުވީ ، އެތަނުން ނުކުމެގެން ދާށެވެ.
ދިލްނަޝީންގެ ކަރުގައި ހާރުއެޅުވިފައިހުރިގޮތުން ، ހާރުގައި ހަރުކޮށްފައި އިން ފޫ އެއްފަރާތަށް ޖެހިފައި އިންތަން ފެނުމާއެކު ، އެކަން ރަނގަޅުކޮށްލުމަށް ، ޙައިދަރުގެ ޢިޝާރާތުން ދިލްނަޝީނަށް އަންގައިލިއެވެ.
އެހާ އަގުބޮޑު ހާރެއް ކައިވެނީގެ ހަދިޔާއަކަށް ދިނީތީ ، ދިލްނަޝީން ، ޙައިދަރަށް ޝުކުރު އަދާކުރިއެވެ. ޙައިދަރަކީ އޭނާއަށް އިޙްތިރާމްކުރާ އަދި އޭނާގެ އަގުވަޒަންކުރާ ފިރިއެއްކަން ދިލްނަޝީން ފާހަގަ ކުރިއެވެ. އެހެނަސް ، އަދި އެހާގިނަވާހަކަ ދެއްކޭވަރަށް އެދެމީހުން ރައްޓެއްސެއްނޫނެވެ.
******************************************
މެހެމަލް ނުކުމެގެންދިޔަގޮތަށް ދިޔައީ ، ސީދާ އޭނާގެ ގެޔަށެވެ. ކޮޓަރިޔަށްވަދެ ، އޭނާގެ ކައިވެންޏަށް އަންޞާބު ހަދިޔާކުރި ގަހަނާތައް ނަގައި ފަހަރަކު އެއްޗެއް ބަލަމުން ގެންދިޔައެވެ. ގަހަނާތައް ހާވަން ހުއްޓައި އެތަނަށް އަންޞާބަށްވެސް އާދެވުނެވެ. އެހެންނަމަވެސް ، އެތާހުރެގެން މެހެމަލް އެކުރާ ކަމަކަށް އަންޞާބު ސަމާލުކަމެއް ނުދެއެވެ. އެތާ މީހަކު ހުރިކަންވެސް އަންޞާބަކަށް ނޭނގެއެވެ.
އޭނާއަށް އަންޞާބު ލޯބިންދިން ހަދިޔާއަކީ ، އެތަނުން ކޮބައިތޯ މެހެމަލް ސުއާލު ކުރިއެވެ. މެހެމަލްގެ އެ ސުއާލުން އަންޞާބުގާތަށް އައީކީ އަމަށަކު ހިންޏެއްނޫނެވެ. އޭނާ މެހެމަލްއަށް ދިނީ ހަމައެކަނި ނަމެއްކަމަށް އަންޞާބު ބުންޏެވެ. މެހެމަލްގެ ނަމާ ގުޅުވައިލުމަށްޓަކައި ، މެހެމަލްއަށް އޭނާދިނީ ހަމައެކަނި އޭނާގެ ނަމެވެ. އިތުރު އެއްވެސް އެއްޗެއް ނުދެއެވެ. އެތާއެހުރި ހުރިހާ ގަހަނާއަކީ ، އޭނާގެ ނަން ވިއްކައިގެން ، މެހެމަލް ގަތް ޖަވާހިރާއި ގަހަނާކަމުގައި އަންޞާބު ބުންޏެވެ.
" ގަންނަ ކޮންމެ އެއްޗެއްގެ އަގާ ގުޅިފައި އޮންނާނީ ، އެއެއްޗެއް ގަންނަން ކުރާ ހޭދައެވެ. އެއެއްޗަކާ ލޯތްބާ ގުޅިފައެއް ނުއޮންނާނެއެވެ. ޙައިދަރުގެ ގެޔަށްގޮސް ، އެމީހުންނަށް އުނދަގޫކުރުން ހުއްޓައިލާށެވެ ! " މެހެމަލްއާ ދިމާލަށް ގުދުވެލަމުން އަންޞާބު ބުންޏެވެ.
ޙައިދަރުގެ ކައިވެނިކުރެވުނީ އިއްޔެއެވެ. އަލަތުކައިވެނީގެ ދެމަފިރިޔެއްގެ ދޭތެރެ ފަނިކުރަން ނުއުޅުމަށް ، އަންޞާބު ، މެހެމަލްއަށް ނަޞޭޙަތްތެރި ވިއެވެ. އަލަތުކައިވެންޏާއެކީ ، އެދެމަފިރިންގެ ލޯބިގުޅުން ފެނިފައި ، މެހެމަލްއަށް ޙަޖަމުނުވެގެން އުޅޭކަން އޭނާއަށް އެނގޭކަމުގައި އަންޞާބު ބުންޏެވެ.
މެހެމަލްވެސް އަންޞާބަކަށް ދުލެއް ނުކުރެއެވެ. އޭނާގެ ހިތްހަލާކުވަނީ އަންޞާބާ ހުރެކަން ، މެހެމަލް ހަނދާން ކޮށްދިނެވެ. އެއީ އަންޞާބަށް ވަރަށް ކަމުދިޔަ ޚަބަރެކެވެ. އޭނާއާހުރެ ، މެހެމަލްގެ ހިތްހަލާކުވާކަމަށް ވަންޏާ އޭނާގެ ކިބައިން ސަލާމަތްވުމުގެ ދޮރު ، އަބަދުވެސް އޮންނާނީ ހުޅުވިފައިކަމަށް އަންޞާބު ބުންޏެވެ. މެހެމަލްއަށް މިނިވަންކަން ބޭނުންވާއިރެއް ބުނަންވީއެވެ. އެންމެ ސިކުންތަކުވެސް އަންޞާބު މަޑެއް ނުކުރާނެއެވެ. ވަގުތުން ، މެހެމަލް މިނިވަންކޮށްދޭނެއެވެ.
" ވާހަކައެއް ބުނަން ހެއްޔެވެ ؟ އަހަރެންދޫކޮށްލުމަކީ ، މެހެމަލްއަށް ދާދި ފަސޭހަކަމެކެވެ. އެކަމާގުޅިގެން އެއްވެސްވަރަކަށް މެހެމަލްގެ ހިތަކު ނުޖެހޭނެއެވެ. ކުޑަވެސް އަސަރެއް ނުކުރާނެއެވެ. އެކަމަކު ، މިހިރަ އަގުބޮޑު ގަހަނާތައް މެހެމަލްއަށް ދޫކޮށްލެވިދާނެ ހެއްޔެވެ ؟ އެއީ މެހެމަލްއަށް ކުރެވޭނެކަމެއް ނޫނެވެ. އެހެންވީމާ ، އެންމެ ރަނގަޅުގޮތަކީ ، ދިމާވާކަންކަމާމެދު ނުވިސްނައި ، ހިތުގައިވެސް ޖެހިގެން އަރާމުގައި އުޅުމެވެ. ޙައިދަރުގެ ގެއިން ނޫނަސް ، މެހެމަލް ބޭނުންވާ ވަރަކަށް ، އަރާމާއި މުއްސަނދިކަން މިގެއިންވެސް ލިބޭނެއެވެ. އެކަމަކު ، މިގެއިންވެސް އަދި މީގެފަހުން އެގެއިންވެސް ، މެހެމަލްއަށް ނުލިބޭޏެ އެއްޗަކީ ފިރިހެނެއްގެ ލޯތްބެވެ. ލޯތްބަކީ އަގުބޮޑު ޖަވާހިރުހެން ، ލާރިއަށް ގަނެވޭ އެއްޗެއްނޫނެވެ. " އަންޞާބު ބުންޏެވެ.
އެހިސާބުން ، އަންޞާބަށް ކޮޅަށް ހުންނަން އުނދަގޫވިއެވެ. އޭނާގެ އަތުގައި އޮތްތަށި ބަންޑުންވާގޮތް ވިއެވެ. މަޑުމަޑުން ނުކުމެގެން ގޮސް ޖެހިގެން ހުރިކޮޓަރިޔަށް އަންޞާބު ވަނެވެ. އޭރު ، އެކޮޓަރީގައި ރީތި އަދި ނަލަ ، ޒުވާން އަންހެންކުއްޖަކު ، އަންޞާބުގެ އިންތިޒާރުގައި ، އެނދުމަތީ އޮށޯވެލައިގެން އޮތެވެ.
*************************************
އަތަށްހެޔޮވަރު ހިކިގޮފިކޮޅެއް ނަގައިގެން އޭގެތެރެއިން ދުރުބަލަހައްޓައިގެން ޙަމްޒާ ހުށްޓެވެ. އޭނާހުރީ ބަސްހުއްޓިފައެވެ. އެއްވެސް މީހަކާ އަނގަޔަކުން ނުބުނެއެވެ. އެގެއިން އެއްވެސް މީހަކާ ވާހަކަ ދައްކާކަށްވެސް ޙަމްޒާ ބޭނުމެއް ނޫނެވެ. އެހެން ހުއްޓައި ، ބުޝްރާ އައިސް ސައިހެދިފަ ހުރިވާހަކަ ބުންޏެވެ. އަދި ދަރިފުޅަށް ތިހުރީ ކިހިނެއްވެފައި ހެއްޔޭ ބުނެ ޙަމްޒާއާ ގާތަށް ޖެހިލިއެވެ.
" ތިއުޅެނީ ކޮންގޮތަކަށް ހެއްޔެވެ ؟ ޙަމްޒާގެ ލޯތްބަށް އެވީ ކިހިނެއް ހެއްޔެވެ ؟ އެ ލޯބި މިހާރު ކޮބައި ހެއްޔެވެ ؟ ޙަމްޒާގެ ޙާލަތާމެދު ، އެކުއްޖާ އެއްވެސްވަރަކަށް ވިސްނައެއް ނުލިއެވެ. ދިރިދުނިޔޭގައި ހުރިތޯވެސް މަރުވީތޯވެސް ބަލައެއް ނުލައެވެ. ލަހެއްފަހެއްނެތި ، ފާޑެއްގެ މީހަކާ އިނދެގެން އުފާވެރި ދިރިއުޅުމެއް ފެށީއެވެ. " ބުޝްރާ ބުނަމުން ގެންދިޔައެވެ.
ބުޝްރާގެ ބޭނުމަކީ ، ޙަމްޒާގެ ހިތުގައި ދިލްނަޝީނާމެދު ފޫހިކަން އުފެއްދުމެވެ. އެއީ އޭނާއަށް ކުރެވޭނެ ކަމެއްކަމެއް ނުވަތަ ނުކުރެވޭނެ ކަމެއްކަމެއްވެސް ބުޝްރާއަކަށް ނޭނގެއެވެ. ބުޝްރާ އެތާހުރެގެން ، ތުކިތުކި ލައްވާއަޑު ޞާދިޤަށް އިވިގެން ، ވެގެން އުޅެނީ ކީއްތޯ ބަލައިލަން ، ބުޝްރާގާތަށް ޖެހިލިއެވެ. ނިކަން ވިސްނައިލަ ބަލާށެވެ. ޙަމްޒާ އެހުރި ޙާލަތު ، ޞާދިޤްވެސް ދެކެބަލާށޭ ބުޝްރާ ބުންޏެވެ. ޙަމްޒާގެ ޙާލަތަށް ނުބަލައި ، އެކުއްޖާ މީހަކާ އިންއިރު ޙަމްޒާއަށް އެކަމުންކުރާނެ އަސަރަކަށް އެކުއްޖާ އެއްވެސް ވަރަކަށް ބަލައެއް ނުލިއެވެ. ޙަމްޒާވެސް އޭނާގެ މަތިން ފޫހިވާން މަސައްކަތް ކުރާށޭބުނެ ބުޝްރާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
ކުރިންވެސް ، ޙަމްޒާ ހުރީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ފާޑުފާޑުގެ ވާހަކަ ދައްކައިގެން މިހާރު އަނެއްކާ ބުޝްރާ އެ މަސައްކަތްކުރަނީ ، ޙަމްޒާގެ ހިތަށް އިތުރަށް އުނދަގޫވާ ގޮތަކަށްކަމަށް ބުނެ ، ބުޝްރާއާ ދިމާލަށް ޞާދިޤް ހަޅޭއްލަވައިގަތުމާއެކީ ، ޙަމްޒާގާތަށް ގޮސް އޭނާގެ ކޮނޑުގައި ހިފައިލިއެވެ. އަދި ، މަންމަ އެދައްކާ ވާހަކަތަކަށް ނުވިސްނައި ، ޙަމްޒާގެ މުސްތަޤްބަލާމެދު ވިސްނުމަށް ނަޞޭޙަތް ދިނެވެ.
" އަހަރެން ކިޔަވަން ބޭރަށްދާން ބޭނުމެވެ. އާ މާޙައުލަކަށެވެ. އާ ޤައުމަކަށެވެ. އެކަން ކޮށްދެވިދާނެ ހެއްޔެވެ ؟ " ޙަމްޒާ އޭނާގެ ބައްޕަޔާ ސުއާލުކުރިއެވެ.
ޙަމްޒާ އެކުރި ސުއާލުން ، ޞާދިޤްވެސް އަދި ބުޝްރާގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވިއެވެ. އެއީ އެދެމަފިރިންވެސް އެންމެ އެދޭ ގޮތެވެ. ޙަމްޒާ ބޭނުންކޮންމެ ޤައުމަކަށް ބޭނުންދުވަހެއްގައި ، ބޭނުންވަރަކަށް ކިޔަވަން ، ބޭރަށް ފޮނުވައިލުމަށް ޞާދިޤްހުރީ ބޭނުން ވެފައެވެ. އެކަމަށް އެއްބަސްވާކަށް ޞާދިޤް ، މާގިނަ ވަގުތެއް ނުނަގައެވެ. ޙަމްޒާގެ ހިތަށް ހަމަޖެހުމެއްލިބޭނެ ކޮންމެ ކަމެއް ކޮށްދޭންވެސް ޞާދިޤް އެހުރީ ތައްޔާރަށެވެ.
*********************************
ގޭގެ ސިޓިންރޫމުގައި ، ދިލްނަޝީނާއި ކުލްސޫމާ ދެމައިން އިށީނދެލައިގެން ތިއްބެވެ. ކުރިމަތީގައި އޮތީ ގޭގެ އެއްކޮޅުން އަނެއްކޮޅަށް އަރިމަތިން ހަދާފައިވާ ބޮޑު ސްވިމިންގްޕޫލެވެ. އެހިތްގައިމު އުފާވެރިކަމުން ދިލްނަޝީންގެ ހިތަށް މާބޮޑު ހަމަޖެހުމެއް އައިހެންނެއް ހިއެއް ނުވެއެވެ. އެކަމާ ކުލްސޫމް އިނީ ކަންބޮޑުވެފައެވެ. ގޭގެ މާޙައުލަށް ދިލްނަޝީން ހިތްހަމަޖެހޭތޯ ކުލްސޫމް ސުއާލުކުރިއެވެ. އޭނާއަށް އެއީ ވަރަށް އާ މާޙައުލެކެވެ. އެކަމަކުވެސް ، ވަރަށް ހިތްހަމަ ޖެހޭކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީނަކީ ، ކުއްލިޔަކަށް އެގެޔަށް އައިސް ވަތް ކުއްޖެކެވެ. ކައިވެނިކުރެވުނީ ، ޙައިދަރާއެކީ މާގިނަ ބައްދަލުވުންތަކެއް ބޭއްވުމަކާ ނުލައެވެ. ކައިވެނީގެ ކުރިން ، އެ ދެމީހުންދިމާވީވެސް އެންމެ ދެ މުނާސަބަތެއްގައެވެ. އެވެސް ، ވަރަށް އެހެންގޮތަކަށް ހިނގައިދިޔަ ކަމެކެވެ. އާ ކޮންމެ އެއްޗަކަށް އަދި އާ ތަންތަނާއި އާ މީހުންނަށް ، ހޭނިލުމަށް ވަގުތުކޮޅެއް ނަގާނެއެވެ. ދިލްނަޝީންގެ ކަންކަމަށް ޙައިދަރު ސަމާލުކަންދޭތޯވެސް ކުލްސޫމް ސުއާލު ކުރިއެވެ. އެސުއާލަށްވެސް އާނއެކޭބުނެ ، ދިލްނަޝީން ޖަވާބު ދިނެވެ.
ޙައިދަރަކީ ، ވަރަށް ހިތްހެޔޮ އަދި ހިތްތިރި އިންސާނެކެވެ. ދިލްނަޝީންގެ ހުރިހާކަމަކަށް ، ޙައިދަރު ވިސްނާނެއެވެ. ދެމައިން ވާހަކަ ދައްކަން ތިއްބާ ، ޙައިދަރު އައިސް ސަލާމް ގޮވައިލިއެވެ. ކުލްސޫމާއި ދިލްނަޝީނާ ދެމައިން އެއްއަޑަކުން ، އެއްފަހަރާ ޙައިދަރުގެ ސަލާމް ބަލައިގަތެވެ.
ޙައިދަރު އައިސް ، ދިލްނަޝިން އިށީނދެއިން ގޮޑީގެ އަތްގަނޑުގައި އިށީނދެލުމާއެކީ ، އެކަމާ އުނދަގޫވެގެން ، ކުއްލިޔަކަށް ދިލްނަޝީނަށް ތެދުވެވުނެވެ. އަދި ސައިތަށްޓެއް ހަދައިގެން އަންނަންތޯ އަހައިލެވުނެވެ. ކުރިމަތީގައި ތިބި ދެ ނޯކަރުންނަށް ޢިޝާރާތްކޮށް ، އެމީހުން ސައިހަދައިދޭނެކަމަށް ބުނެ ދިލްނަޝީން މަޑުކުރުމަށް ޙައިދަރު ބުންޏެވެ. އެހެންނަމަވެސް ، އެތާނގައި މަޑުކުރުމަކަށް ދިލްނަޝީން ހިތްހަމައެއް ނުޖެހުނެވެ. އެމީހުންގާތު އެވާހަކަ ބުނެފައި އެބަ އަންނަމޭބުނެ ، ދިލްނަޝީން އެތަނުން ދުރަށް ދިޔައެވެ.
ޙައިދަރު އައިސް ، އިށީނުމާއެކީ ދިލްނަޝީނަށް ލިބުނު ސިހުން ، ކުލްސޫމަށްވެސް ފާހަގަ ކުރެވުނެވެ. އެއީ ، އާދައިގެކަމެއްނޫނެވެ.
" ކިހިނެއްވީ ހެއްޔެވެ ؟ ދެމީހުންގެ މެދުގައި ހަމަނުޖެހުމެއް އުޅެނީ ހެއްޔެވެ ؟ " ކުލްސޫމް ، ޙައިދަރާ ސުއާލު ކުރިއެވެ.
އެ ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށް ، މަންމަގާތުގައި ޙައިދަރު ބުންޏެވެ. މަންމަޔަށް އެހެންހީވީ ކިހިނެއްވެގެންތޯ ޙައިދަރު ސުއާލު ކުރިއެވެ.
ކައިވެންޏަށްފަހު ، ދިލްނަޝީންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ފެނަންމުންދަނީ ހިތްނުތަނަވަސްކަމާއި ހާސްކަމެވެ. އެދެމީހުންގެ މެދުގައި ކޮންމެވެސް މައްސަލައެއް އެބައުޅޭހެން ހީވާކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންގާތަށް ޙައިދަރު އައިސް އިށީނދެލާ ކޮންމެ ފަހަރަކުވެސް ، ކޮންމެވެސް ބަހަނާއެއް ދައްކާފައި ތެދުވެގެން އެބަ ދެއެވެ. ދެމީހުން ހަމަޖެހިލައިގެން ވާހަކަ ދައްކާލާތަނެއްވެސް ނުފެނެއެވެ. އެއްވެސް މިންވަރެއްގެ އުފާވެރިކަމެއްވެސް ދިލްނަޝީންގެ މޫނުމައްޗަކުން ނުފެނެއެވެ. ( ނުނިމޭ )
ވަރަށްވެސް ރީތި ޝުކުރަން