ވިހަ ތީރު (29)

( 6 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ޙައިދަރަށް އެކަންކުރަން މަޖުބޫރުވި ސަބަބަކީ އެއީކަމުގައިވެސް އަނީސާ ބުންޏެވެ. ﷲ ލެއްވި ރަޙުމަތަށް ޝުކުރުކޮށް ، ލިބުނު މޮޅައިގެން ކުރިޔަށް ދިއުމަށް އަނީސާ އޭނާގެ ދަރިފުޅަށް ހަނދާން ކޮށްދިނެވެ. އަދި ، ޙައިދަރަށް އެއްވެސް ތަކުލީފެއް ލިބޭނެކަމެއް ނުކުރުމަށް އިންޒާރުކޮށް ، ދިލްނަޝީން ގޮވައިގެން ތިރިޔަށް ދިޔައެވެ. )

އަނީސާ އެގެޔަށް އައީ އެންމެންނަށް ވާވަރަށް ހެނދުނުގެ ނާސްތާވެސް ހިފައިގެންނެވެ. ބައިވަރެއް ގެނެސްފައި ހުށްޓެވެ. އައްވަލާއި ޢާފިޔާވެސް އަނީސާއާއެކީ އައެވެ. ކުލްސޫމްހުރީ ، އަނީސާމެންގެނައި އެއްޗެތި ގިނަކަމުން ، އެކަމާ ކަންބޮޑުވެފައެވެ. ދިލްނަޝީނާއި އަނީސާއާ ދެމައިން ތިރިޔަށް ފޭބުމާއެކީ ، އަވަހަށް ދަމާހިނގާށޭ ޙައިދަރު ބުންޏެވެ. ނާސްތާއަކާ ނާސްތާއެކެވެ.

އެވަގުތު ކުއްލިޔަކަށް އެގެޔަށް އައިސް އެވަނީ މެހެމަލް އެވެ. އެހާ ހެނދުނުހެނދުނާ މެހެމަލް އެގެޔަށް އައުމުން ، ކުލްސޫމް ދިޔައީ ސިއްސައިގެންނެވެ. އެގަޑިޔަކީ ، މެހެމަލް އޭނާގެ ފިރިމީހާ އޮފީހަށް ދިއުމުގެ ކުރިން ، ސައިހަދައިދީ އޭނާއަށް ކަންކަން ކޮށްދޭންޖެހޭނެ ވަގުތެކެވެ. ހުރިހާކަމެއް ހުއްޓާލާފައި ، މެހެމަލް އެގެޔަށް އެއައީ ކީއްކުރަން ހެއްޔެވެ ؟ މެހެމަލްއަކީ ސަހަލުގޮތަކަށް މައިތިރި ކުރެވޭނެ މީހެއްނޫންކަން ކުލްސޫމަށް އެނގެއެވެ. އެކަމާ އެންމެ ކަންބޮޑުވީ ސާރާއެވެ. ސާރާއަކީ ، މެހެމަލްގެ ކަންކަން އެންމެގާތުން ފެނިފައިވާ މީހެކެވެ. މެހެމަލް އައިސް އެންމެންނަށް ސަލާމް ގޮވައިލިއެވެ. މެހެމަލް އައީ ކޮތަޅުތަކެއްވެސް ހިފައިގެންނެވެ.

މެހެމަލް އެގެނައި އެއްޗަކަށް އިޝާރާތްކޮށް ، އެއައީ ކޮންއެއްޗެއް ހިފައިގެންހޭ އަހައި ކުލްސޫމް ސުއާލު ކުރިއެވެ. ދިލްނަޝީންގެ ގެއިން އެހުރީ ، އެތައްބައިވަރު ކާއެއްޗެއް ގެނެސްފައެވެ. ދިލްނަޝީންމެންގެ ގެއިން ގެނައި ތަކެތިން ، އެގޭގެ އެންމެންކައިފާ އިތުރުވެސް ވާނެއެވެ. މެހެމަލްއަކީ އޭގެތެރެޔަށް އިތުރުވި އަނގަޔެކެވެ. މެހެމަލްވެސް އެއިން ކާންވީއެވެ. އަވަސް އަރުވައިލާފައި ހެނދުނުހެނދުނާ އަންނަންވެގެން ، މެހެމަލް އަންނާނީ ހެނދުނު އެއްވެސް އެއްޗެއް ނުކައެވެ.

އެހެންކަމަށްވަންޏާ ، މެންދުރުގެ ކެއުން ދޭނީ އޭނާކަމަށް މެހެމަލް ބުންޏެވެ. އެމީހުންގެ މެންދުރުގެ ކެއުން އޮންނާނީ ބޭރުގައެވެ. މެހެމަލްގެ އެނިންމުމަށް ކުލްސޫމް އެއްބަހެއް ނުވިއެވެ. އޭނާގެ ދަރިފުޅުގެ ކެއުން އޮންނާނެތަނަކާއި ކާއެއްޗެއް މިހާރު އެނގޭނީ ދިލްނަޝީނަށް ކަމަށް ކުލްސޫމް ބުންޏެވެ. އަދި ، ސާރާވެސް މަންމަޔަށް ތާއީދު ކުރިއެވެ.

ދިލްނަޝީން ޔުނިފޯމުގައި ހުއްޓާ ފެނުމުން ، އެކަމާ މެހެމަލް ސުއާލު ކުރިއެވެ. ދިލްނަޝީން ދަބަސް އަޅުވާފައި ހުރިއިރު ހީވަނީ ، ސްކޫލަށްދާން ތައްޔާރުކޮށްފައިހުރި ކުޑަކުއްޖެއް ހެންނެވެ. މެހެމަލްގެ އެސުއާލަށް ޖަވާބު ދިނީ ޙައިދަރެވެ.

މިއަދަކީ ، ދިލްނަޝީންގެ އެންމެފަހު އިމްތިޙާން އޮންނަ ދުވަހެވެ. ޙައިދަރު އެދަނީ އޮފީހަށް ދިއުމުގެކުރިން ، ދިލްނަޝީން ކޮލެޖަށްލާފައި ދާށެވެ. އެއީދެން އެހެންމީހަކާ ބެހޭކަމަކަށް ވެގެން ނުވާނެއެވެ. އެކަމަށް އެއްޗެކޭ ނުބުނެއެއް މެހެމަލްއަކަށް ނުހުރެވުނެވެ. ތިމާއަށްވުރެ ޢުމުރުން ޅަކުއްޖަކާ އިނދެވުނީމަ ، އެހުރިހާކަމެއް ކޮށްދޭންޖެހޭނެތާއޭ ބުނެ މެހެމަލް މަލާމާތް ކޮށްލިއެވެ. " ޅަކުދިން ، މަޢުޞޫމުވެފައި ކިޔަމަންތެރިވާނެއެވެ. ހަރުއަންހެންކުދިން ، ޗާލާކީވެފައި މަކަރުވެރިވާނެއެވެ. ނުބެހޭކަމެއް ނުއޮންނާނެއެވެ. އެހެން ނޫނަސް އެއީ މެހެމަލްއާ ބެހޭކަމެއްނޫނެވެ. " ކުލްސޫމް ، މެހެމަލްއަށް ޖަވާބު ދިނެވެ.

ކުލްސޫމުގެ މަލާމާތުގެ ޖަވާބުން މެހެމަލްގެ އނަގަ އެއްފަހަރުން ބެދުނެވެ. މެހެމަލްއަށް ޖަވާބުދޭން ޙައިދަރުވެސް ނިންމިއެވެ. ދިލްނަޝީންގެ ކިޔެވުން ކުރިޔަށް ގެންދަން ބާރުއެޅީ ޙައިދަރުކަމަށް އޭނާ ބުންޏެވެ. އޭނާ ބޭނުމީ ، ދިލްނަޝީންގެ ކިޔެވުން ފުރިހަމަކޮށް ، އެއީ ކިޔަވައިގެންހުރި ކުއްޖަކަށް ވުމެވެ. މެހެމަލްހެން ދުނިޔެ އެދިގެން އުޅޭމީހަކަށް ދިލްނަޝީންވާކަށް ޙައިދަރެއް ނޭދެއެވެ. ދިލްނަޝީނަކީ ، ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ ޤާބިލް އަނތްބަކަށް އޭނާ ހަދާނެއެވެ.

ބޭރަށްދާން ހިނގައިގަތުމާއެކީ ، އޭނާއެއައީ އެމީހުންނަށް ކާއެއްޗެތި ހިފައިގެންކަމަށް މެހެމަލް އަށް އޮޅުމަކުން އަނެއްކާވެސް ބުނެވުނެވެ. އަދި ، ޙައިދަރާއި ދިލްނަޝީންވެސް ކައިގެން ދިއުމަށް އެދުނެވެ.

" އަހަރެންގެ އަންހެނުންގެ މަންމަވެސް ވަރަށްގިނަ ކާއެއްޗެތި އެހެރީ ގެނެސްފައެވެ. އަހަރެމެން މިދަނީ އެއިން އެއްޗެއްގެވެސް ރަހަ ބަލައިނުލައެވެ. މެހެމަލް ތިގެނައި އެއްޗެއްގެ ރަހަ ބެލޭނީ ކިހިނެއް ހެއްޔެވެ ؟ ކާންވެއްޖިއްޔާ އަހަރެންގެ އަންހެނުންގެ އިމްތިޙާނަށް ލަސްވެދާނެއެވެ. އެއީ އަހަރެން އެއްގޮތަކަށްވެސް އެދޭގޮތެއް ނޫނެވެ. " ޙައިދަރު ބުންޏެވެ.

ކުލްސޫމްވެސް ، ޙައިދަރުމެން ފިނުވައިލަން ބޭނުންވިއެވެ. އަދި ، ދެކުދިން އަވަހަށްދާށޭ ބުނެ ، ފޮނުވައިލިއެވެ. ދިލްނަޝީންގެ އިމްތިޙާނަށް ކާމިޔާބު ދެއްވުންއެދި ކުލްސޫމް ދުޢާ ކުރިއެވެ. ނުހަނު ލޯބިން ދިލްނަޝީންގެ ބޮލުގައި ފިރުމާލައި ދޮރާ ދިމާލަށް ޢިޝާރާތް ކޮށްލިއެވެ.

ކޮލެޖްކައިރިޔަށް ދިލްނަޝީންމެންނަށް ދެވުމާއެކު ، އޭނާއަށް ޙައދަރު ހެޔުދުޢާކޮށް ، ރަނގަޅަށް ޖަވާބު ދިނުމަށް ޙައިދަރު ބުންޏެވެ. ވަގުތު އޮތިއްޔާ ދެފަހަރަށް ބަލައިލާ ޗެކްކޮށްލުމަށް ނަޞޭޙަތް ދިނެވެ. އަދި ، ޕޭޕަރ ފެށުމުގެ ކުރިން ބިސްމީކިޔައި ، ބިސްމީގެ ބަރަކާތުން ފެށުމަށްވެސް ބުންޏެވެ.

ދިލްނަޝީން އިނީ ޙައިރާންވެފައެވެ. އެއީ އޭނާގެ މަންމަވެސް ބުނެދީފައިނުވާ ކަންކަމެވެ. ހިނިތުންވެފައި އިނދެ ، ޙައިދަރަށް ޝުކުރުއަދާކޮށް ، އޭނާ އެހުރިހާކަމެއް ކުރާނެކަމަށް ދިލްނަޝީން ބުންޏެވެ. ޙައިދަރު ، އޭނާގެ ދަބަހުން  މޮބައިލް ފޯނެއްނަގައި ، އިމްތިޙާން ނިމުމުން އޭނާއަށް ގުޅައިލުމުން ބަލައި އަންނާނެކަމަށް ބުނެ ، ދިލްނަޝީނާ އެފޯނު ޙަވާލު ކުރިއެވެ. ޙައިދަރު އެކޮށްދިން ކަންކަމަށް ދިލްނަޝީން އަނެއްކާވެސް ޝުކުރު އަދާކުރިއެވެ. ޙައިދަރު އޭނާއަށް އެކޮށްދެނީ ވަރަށްބޮޑެތި ކަންކަމެވެ. އެއީ އޭނާ އެއްގޮތަކަށްވެސް ހީވެސްކޮށްފައި ނެތްކަހަލަ ކަންތައްތަކެކެވެ. އެއީ ދިލްނަޝީންގެ ޙަޔާތުގެ އާ ތަޖުރިބާ ތަކެކެވެ. އެއްވެސް އިންސާނެއްގެ ފަރާތުން އޭނާއަށް ފެނިފައިނުވާ އެތައްކަމެއް ، ޙައިދަރުގެ ފަރާތުން އެބަ ފެނެއެވެ. ފިރިންނަކީ އެކަހަލަ ބައެއްބާވައެވެ. މީހަކާ އިނީމަ ، ހުރިހާ ފިރިންގެ ފަރާތުންވެސް ކަންކަން ފެންނާނީ އެކަހަލަ ގޮތަކަށް ބާވައެވެ. އެއީ އޭނާގެ ބޭބެގެ ފަރާތުންވެސް ފެނިފައިނުވާ ކަހަލަ އިޙްސާންތެރި ކަމެކެވެ. ޢާފިޔާއަށްވެސް ، ބޭބެގެ ފަރާތުން އެވަރުގެ އަޅައިލުމާއި އޯގާތެރިކަމެއް ، ދިންތަނެއް ފެނިފައެއް ނުވެއެވެ.

ކޮލެޖް ތެރެޔަށް ވަނުމާއެކު ، ދިލްނަޝީނާ ދިމާލަށް ކުދިންތައް އައިސް ، އެކިކަހަލަ ވާހަކަ ދައްކަމުން އޭނާއާ ދިމާކުރިއެވެ. ދިލްނަޝީންގެ ކައިވެނިވީ އިއްޔެއެވެ. މިއަދު އެއައީ ކޮލެޖަށެވެ. އެވާނީ ، ފިރިމީހާ ގަދަކަމުން ކޮލެޖަށް ގެނައީކަމަށެވެ. ދިލްނަޝީނަށްއެލިބުނީ ހާދަ ރަނގަޅު ފިރިޔެވެ. އެކުދިން އެދައްކާ ވާހަކައެއްގެ އަޑު ނުއަހާ ، ދިލްނަޝީން ކުރިޔަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ ، އަރިމަތީހުރި ބެންޗެއްގައި އިށީނދެލައިގެން އިން ރިދާއާ ދިމާވިއެވެ. ރިދާ ފެނުމާއެކީ ، އެދިމާލަށް ދިލްނަޝީން މިސްރާބު ޖެހިއެވެ.

ޙަމްޒާ ކިހިނެއްތޯ ދިލްނަޝީން ރިދާއާ ސުއާލު ކުރިއެވެ.

" މަރުވެއްޖެއެވެ. ދިލްނަޝީންގެ ކައިވެންޏަށްފަހު ، އަހަރެންގެ ބޭބެ މިދުނިޔެއަކު ނެތެވެ. ދިރިހުއްޓާ އަހަރެންގެ ބޭބެ ، ތިމަރައިލީއެވެ. އެކަމަށް އަހަރެން ދުވަހަކުވެސް ، ދިލްނަޝީނަކަށް މަޢާފެއް ނުކުރާނަމެވެ. އަހަރެމެންގެ ރައްޓެހިކަންވެސް ްމިހިސާބުން މި ނިމުނީއެވެ. " ރިދާ ރުޅިއައިސްހުރެ ޖަވާބު ދިނެވެ.

އޭނާއާ އެގޮތަށް ވާހަކަ ނުދެއްކުމަށް ދިލްނަޝީން އެދުނެވެ. އެކަމުގައި އޭނާކުރާނެ އެއްވެސްކަމެއް ނެތޭވަރަށް ކަންކަން ދިޔައީއެވެ. އެއީ ، ދިލްނަޝީންގެ އަމިއްލަ އިޚްތިޔާރުގައި ކުރިކަމެއްނޫނެވެ. އެކައިވެނިން އޭނާއަކަށް އެއްވެސް އުފަލެއް ނުލިބެއެވެ. އެކަން އެގޮތަށް ވުމަކީ ، ރިދާގެ އަބަދުގެވެސް ދުޢާކަމަށް ރިދާ ބުންޏެވެ. ދިލްނަޝީންގެ ޙަޔާތުގައި ހަމަޖެހުމާއި އުފަލާއި ބާއްޖަވެރިކަން އެއީ ނުލައްވާނެ އެއްޗެއްކަމަށް ރިދާ ބުންޏެވެ. އަދި އެކަމަށް އެދި ، ތާއަބަދު އޭނާ ދުޢާ ކުރާނެއެވެ.

" ހޮސްޕިޓަލުގައި އޮއްވައި ޙަމްޒާ ހޭއެރިތަނުން ފުރަތަމަވެސް ގޮވައިލީ ދިލްނަޝީނަށެވެ. އޭގެ ބަދަލުގައި ދިލްނަޝީން ތިކުރީ ކޮންކަމެއް ހެއްޔެވެ ؟ އަހަރެންގެ ބޭބެ ދިރިހުއްޓާ ކަފުންކޮށް ވަޅުލީއެވެ. އެންމެ ދުވަހަކުވެސް ދިލްނަޝީނަށް މަޑުކޮށެއް ނުލެވުނެވެ. ހުރިހާކަމެއް ހަނދާން ނައްތާލާފައި ، ތިމާއަށްވުރެ އެތައް ތަނެއް ދޮށީ ބޮޑުބޭބެޔަކާ އިނީއެވެ. ދެރަނުވިތާނގައި ލަދެއްވެސް ނުގަތެވެ. ނިކަން ބަލަން ހުންނާށެވެ ! އަހަރެން ދިލްނަޝީނަށް ހަދާލާގޮތް ކޮލެޖްގެ ހުރިހާ ކުދިންނަށް ފެންނާނެއެވެ. އަހަރެން ކުރިން ހުރީ ދިލްނަޝީންގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ގޮތުގައެވެ. ދެން އަހަރެން ފެންނާނީ ދިލްނަޝީންގެ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައެވެ. މުޅިކޮލެޖަށް ދިލްނަޝީން ބޭޒާރުކޮށް ފަޟީޙަތް ކޮށްލާނަމެވެ.  " ދިލްނަޝީނާ ދިމާލަށް އެތިވަރު ގޮވަމުން ރިދާ ހިނގައިގަތެވެ.

އިމްތިޙާނުހޯލުގައި ، ރިދާއާއި ދިލްނަޝީން އިނީ ޖެހިޖެހިގެންނެވެ. ކަންބޮޑުވެފައި އިނދެ ޕޭޕަރގެ ސުއާލުތަކަށް ޖަވާބު ދިނުމަކީ ދިލްނަޝީނަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ. ރިދާއާ ދމާލަށް އިރުއިރުކޮޅުން ދިލްނަޝީނަށް ބަލައިލެވެއެވެ. ރުޅިއައިސް މޫނު ކުނިކޮށްގެން އިނދެ ، ރިދާވެސް ދިލްނަޝީނާ ދިމާލަށް އިރުއިރުކޮޅުން ބަލައިލައެވެ. އެހުރިހާކަމަކާ އެކުވެސް ، ރިދާ އޭނާގެ އިމްތިޙާން ކަރުދާސް ނިންމިއެވެ. އެންމެ ފުރަތަމަ އިމްތިޙާން ކަރުދާސް ނިންމީވެސް ރިދާއެވެ. އެތާނގައި ނީންނަންވެގެން ކަންނޭނގެއެވެ. އިމްތިޙާން ކަރުދާސް ނިމުމާއެކީ ، ތެދުވެގެންގޮސް ، ޓީޗަރާ ޕޭޕަރ ޙަވާލުކޮށް ހޯލުން ނުކުމެގެން ރިދާ ދިޔައެވެ. އެހެންނޫނީ ، ރިދާއަކީ ދިލްނަޝީނާއެކީ ނޫނީ ކްލާހުން ނުކުންނަ މީހެއްނޫނެވެ. މިއަދަކު ، އޭނާ ދިލްނަޝީނަކަށް ނުބަލައެވެ. އިމްތިޙާން ކަރުދާސް ނިމުމާއެކީ ، ޙައިދަރާ ގުޅުމުން ، ދިލްނަޝީންބަލައި ޙައިދަރު އައެވެ. ކާރަށް އެރުމަށްފަހު ، ދިލްނަޝީން އިނީ ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. ކަންބޮޑުވެފައި އިންވަރުން ، ޕޭޕަރ ކިހިނެއްތޯ ޙައިދަރު ކުރި ސުއާލުގެ އަޑުވެސް ދިލްނަޝީނަކަށް ނީވުނެވެ. އެއަޑު ދިލްނަޝީނަށް އިވުނީ ، ދެފަހަރަށް ، ތަންކޮޅެއްބާރަށް ، ޙައިދަރު އަހައިލުމުންނެވެ.

ޕޭޕަރުގައި މާގިނަ އެއްޗެއް ނުލިޔެވުނު ކަމަށް ދިލްނަޝީން ބުންޏެވެ. ވަގުތުވެސް ނުލިބުމާއެކީ ، އެވޭތުވެދިޔަ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ، ފިލާވަޅުތައް ރަނގަޅަށް ދަސްނުކުރެވުނީމަ ، އިމްތިޙާން ކަރުދާހަށް ޖަވާބުދޭކަށް އޭނާއަކަށް ރަނގަޅަކަށް ނޭނގުނެވެ.

އެއީ ، އެއްވެސްކަމެއް ނޫންކަމަށް ޙައިދަރު ބުންޏެވެ. ދެން ، ޖެހިގެން އަންނަ އަހަރު އެ މާއްދާ އަލުން ހެދިދާނެއެވެ. ކޮންމެ ގޮތެއްހަދާފަވެސް ، ދިލްނަޝީން އެ ކޯސް ފުރިހަމަ ކުރުމަކީ ، ޙައިދަރުގެ އެދުމެކެވެ. އެ އުއްމީދަކީ ، ދިލްނަޝީންގެ ހިތުން ދޫކޮށްލާވަރަށްވުރެ ފޮނި އުއްމީދެކެވެ. ދުނިޔޭގައި ކަންކަން ވާނެގޮތެއް އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ. އިންސާނާގެ ދިރިއުޅުމުގެ ހަމަޖެހުން އަބަދުވެސް އޮންނާނީ ، އުނގެނޭ ޢިލްމަކުން ސިކުނޑި ހުޅުވިގެން ، އެއިންސާނާއަށް ވިސްނޭ ރަނގަޅު މަގަށް ބައްޓަން ކުރެވިފައެވެ. ސިކުނޑި ހުޅުވެމުންދާނީ ، ލިބޭ ޢިލްމަކާއެކީ އޭގެތެރެޔަށް ޙިލްމު ވަދެގެންނެވެ.

ޙައިދަރުގެ ނަޞޭޙަތުގެ ބަސްތަކަށް ދިލްނަޝީން ޝުކުރު އަދާކުރިއެވެ. އޭނާގެ ކިޔެވުން އިތުރަށް ކުރިޔަށް ގެންދިއުމަކީ ، މިވަގުތުގެ ޙާލަތަށް ބަލާއިރު ، ކުރެވިދާނެ ކަމެއްކަން ނުވަތަ ނުކުރެވިދާނެ ކަމެއްކަން ނިންމުމަކީ ، ދިލްނަޝީނަށް އެހާ ފަސޭހަ ކަމެއްނޫނެވެ.  ގެޔަށްދިޔަ މަގުމަތީ ، އެއްޗެއް ކައިލުމަށްޓަކައި ރެސްޓޯރެންޓަކަށް މަޑުކޮށްލަން ޙައިދަރު ބޭނުންވިއެވެ. ދިލްނަޝީން ކޮލެޖަށް ދިޔައީ ހެނދުނު ސައިވެސް ނުބޮއެވެ. ދިލްނަޝީން ސައި ނުބޯތީ ޙައިދަރުވެސް ހުރީ ސައި ނުބޮޔެވެ.

ކާން ގެންނާނީ ކޮން އެއްޗެއްކަމެއް ދިލްނަޝީނަކަށް ނޭނގުނެވެ. އޭނާއަކީ އެހައި ގިނައިން ރެސްޓޯރެންޓްތަކަށް އައިސްއުޅޭ ކުއްޖެއްނޫންކަން އެނގޭކަމަށް ޙައިދަރު ބުންޏެވެ. އެއަކަށް ދިލްނަޝީން އެއްވެސް ޖަވާބެއް ނުދެއެވެ. ޙައިދަރަށް ފެންނަ އެއްޗެއް ގެނައިމަ ، ރަނގަޅުވާނެކަމަށް ބުނެ ، އެހިސާބުން އެކަން ނިންމައިލިއެވެ.

ހެނދުނު އައިގޮތަށް މެހެމަލް އަދިވެސް ގެޔަކަށް ނުދެއެވެ. މެހެމަލް މަޑުކުރަމުން އެގެންދަނީ ، ޙައިދަރުމެން އަންނާނެ ވަގުތަކަށެވެ. މެހެމަލް އެހާގިނައިރު މަޑުކުރާތީ ، ސާރާއައިސް މެހެމަލްގެ ފިރިމީހާއާ ބެހޭގޮތުން ސުއާލު ކުރިއެވެ. ފިރިމީހާ ލަސްވެގެން ނޫޅޭނެތޯ އަހައި ، ޙައިދަރުމެން އައުމުގެ ކުރިން މެހެމަލް ފޮނުވައިލަން ސާރާ ބޭނުންވިއެވެ. އެހެންނަމަވެސް ، މެހެމަލް އައިސްއެހުރީ ، އެހާއަވަހަށް ދާގޮތަކަށް ނޫނެވެ.

" އަހަރެން ބޭރަށް ނުކުމެއްޖިއްޔާ ، އަންޞާބު ފޯނުކުރާވަރުން ހީވާނީ އެހެންކަމެއް ހެންނެވެ. އެކަމާ އުނދަގޫވާތީ ، މިއަދު މިއައީ ގޭގައި ފޯނު ބާއްވާފައެވެ. އޮފީސްނިމިގެ ހަވީރު ، އަންޞާބު ގެޔަށް އަންނަންވާއިރަށް ގެޔަށްދިޔައިމަ ރަނގަޅުވާނެއެވެ. އެހުންނަނީކީ އެހާބޮޑެތި ކަންކަމެއް ނޫނެވެ. " މެހެމަލް ބުންޏެވެ.

ޙައިދަރުމެން ގެޔަށް އައިތަނުން މެހެމަލް އަދިވެސް ގެޔަށްނުގޮސް ހުރިތަން ފެނުނެވެ. އެކަމާ ޙައިރާން ނުވުމަށް މެހެމަލް ބުންޏެވެ. މިއަދު އޭނާ ހުންނާނީ އެގޭގައެވެ. ދުވާލުގެ ހަތަރުދަން އެމީހުންނަށް ޚާއްޞަ ކުރީތީ ، މެހެމަލްއަށް ޝުކުރު އަދާކުރަމުން ދިލްނަޝީން ގޮވައިގެން ޙައިދަރު މައްޗަށް އެރިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. އެންމެންގެ ކަރުބުޑުގަ ހިތިރަހަ ލަމުންގޮސް ، މިވާހަކާގަ އުޅޭ މީހުންގެ ހިތަށް ހަމަޖެހުން އަންނައިރު ފިސާރި ރީތިވާނެހެން ހީވަނީ. ރަނގަޅު ފިލާވަޅުތަކެއް މީހުންނަށް ލިބިފަ ހުންނާނީ. ޝުކުރިއްޔާ.

  2. ޙަމްޒާ އާއި މެހްމަލް މީ ކީއްވެގެން އުޅޭދެމިހުން
    ލަދުވެތިކަން ނަގާލާ އަމިއްލަ އެދުމުންފޯވެގެން، މިވެސް
    އިންސާނުންގެ ވައްތަރެއް، އެޔަކަށް ލޯތްބެކޭ ނުކިޔޭނެ!
    ޖެއްސުމާއި އުނދަގޫކުރުން ނޫން ދެންކަމެއް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.