( 1 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
(އެއީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އިންސާނެކެވެ. ޙަމްޒާގެ ގޮތާއިފޮތާ ، އަނީސާމެންނަށް އޮތީ އެނގިފައެވެ. ރަނގަބީލުގެ އަޑަށް ، މިގަޑީގައި ގެޔަށް އަންނާނީ ކާކުހޭ ކިޔަމުން ، އައްވަލްވެސް ތިރިޔަށް ފޭބިއެވެ. އަދި ދޮރުހުޚުވުމަށްޓަކައި ހިނގައިގަތެވެ. )
އައްވަލުގޮސް ދޮރުހުޅުވައިލިއިރު ދޮރުމަތީގައިހުރީ ޙައިދަރެވެ. ކައިވެނީގެ ރޭ ، އެހާ ދަންގަނޑިއެއްގައި ޙައިދަރު ފެނުމާއެކީ ، އެންމެންނަށްވެސް ސިހުން ލިބިގެންދިޔައެވެ. ކަމެއް ގޯސްވީތޯ ، އެއްފަހަރާ އެއެންމެންނަށް ސުއާލު ކުރެވުނެވެ. އަދި ޙައިދަރު ގޭތެރެޔަށް ވެއްދިއެވެ.
ޙައިދަރުގާތު ، ދިލްނަޝީން ވާހަކައެއް ބުނީތޯ ، ބިރުންހުރެ އަނީސާ ސުއާލު ކުރިއެވެ. އެގަޑީގައި ދިލްނަޝީންމެންގެ ގެޔަށް އާދެވުނީތީ ޚުދު ޙައިދަރުވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ޙައިރާން ވެފައެވެ.
" ދިލްނަޝީން ބުނީ ކީކޭކަމަށް ހެއްޔެވެ ؟ އަހަރެންނަށް އެކަން އެނގުނީމައި ، އަހަރެން ވަރަށް ލަދުގަތެވެ. މާދަމާއަކީ ދިލްނަޝީންގެ ފުރަތަމަ އިމްތިޙާން އޮންނަ ދުވަހެވެ. ދިލްނަޝީންގެ ކިޔެވުން ފުރިހަމަކޮށްދޭން އަހަރެން ބޭނުމެވެ. " ޙައިދަރުގެ ވާހަކައިން ، ހިތްބިރުގެންފައިތިބި އެ ތިންމައިންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
ދިލްނަޝީންގެ ކިޔެވުން މަނާކުރީ އޭނާކަމަށް ، ބުނެ އެއީ ދެން ، ބޭނުންކަމެއްނޫންކަމަށް އަނީސާ ބުންޏެވެ. ކައިވެނީގެ ފަހުން ކިޔަވަން އުޅެންހަދައިގެން ގޭތެރޭގެ ކަންކަން ބޮއްސުންލައިގެން ހިނގައިދާނެއެވެ. ޙައިދަރަށް އެއީ އެހާ ބޮޑުކަމެއްނޫނެވެ. ދިލްނަޝީނަށް އުނދަގޫނުކޮށް ، ގޭތެރޭގެ ކަންކަން ފުރިހަމަ ކުރެވޭނެއެވެ. މަންމައާއި ނޯކަރުންވެގެން އެކަން ހަމަޖައްސާނެއެވެ. އޭނާގެ އަނތްބެއްގެ ގޮތުގައި ދިލްނަޝީން ޤަބޫކުރީ ، ދިލްނަޝީންގެ ހުރިހާ ބޭނުންތަކެއް ފުރިހަމަކޮށްދިނުމުގެ ވަޢުދާއެކީކަމަށް ޙައިދަރު ބުންޏެވެ. ދިލްނަޝީން ، ކިޔެވުން ފުރިހަމަކޮށްފިނަމަ ، އަދިވަކިންބޮޑަށް ޙައިދަރު އުފާވާނެއެވެ. ތިންހަތަރު އަހަރުގެ ބުރަމަސައްކަތަށްފަހު ، އެންމެ ފަހުވަގުތު ، އޭނާއާހުރެ ، ދިލްނަޝީންގެ އެންމެ ފަހުގެ އިމްތިޙާނާހަމައިން ކިޔެވުން ދޫކޮށްލައިފިނަމަ ، އެއީ ޙައިދަރުގެ ފަރާތުން ދިލްނަޝީނަށް ދެވޭ އަނިޔާއެކެވެ.
މާދަމާއަކީ ދިލްނަޝީންގެ އިމްތިޙާން އޮންނަ ދުވަހެވެ. އެކަމާ ދިލްނަޝީން އިނީ ވަރަށް ކަންބޮޑުވެފައިކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރު އެއައީ ، ދިލްނަޝީންގެ ފޮތްތަކާއި ޔުނިފޯމް ބަލައެވެ. އެއެއްޗެތި އޭނާގެ އަތަށް ދިނުމަށް ޙައިދަރު އެދުނެވެ. އެއެއްޗެތި ގެނެސްދިނުމަށް ޢާފިޔާއަށް އައްވަލް ޢިޝާރާތް ކޮށްލިއެވެ. އަދި ، ޢާފިޔާގޮސް އެއެއްޗެތި ހިފައިގެން އައިސް ޙައިދަރާ ޙަވާލު ކުރިއެވެ.
" ހާދަ މަޖާ ކަމެކެވެ. އަލަތު ކައިވެނީގެ ރޭ ، ފިރިކަލޭގެ އެއައީ ، އަނބިމީހާގެ ފޮތާއި ޔުނިފޯމް ބަލައެވެ. " ޢާފިޔާ ، ޙައިދަރާ ސަމާސާ ކޮށްލިއެވެ.
ޢާފިޔާގެ ވާހަކައިން ޙައިދަރު ލަދުގަތެވެ. އެކަމާ އޭނާ ކުރާނީ ކީއްހެއްޔެވެ ؟ ދިލްނަޝީނަކީ އޭނާއަށްވުރެ ޢުމުރުން އެތައްތަނެއް ހަގު ކުއްޖެއްކަމުގައި ޙައިދަރު ބުންޏެވެ.
ޙައިދަރު ދިއުމާއެކީ ، އެކަމާބެހޭގޮތުން ތިންމައިން ހީހީފައި އުފާކުރަމުން ވާހަކަ ދައްކައިލަން އިރުކޮޅަކު ތިއްބެވެ. އަނީސާ ބުނިގޮތުގައި ، އޭނާއަށް އެލިބުނީ ޖަވާހިރެއްފަދަ ޅީ ދަރިއެކެވެ. ކުޑަކުއްޖެއްފަދައިން ، އޭނާގެ ދަރިފުޅު ، ޙައިދަރު ބަލަހައްޓާނެއެވެ. ދިލްނަޝީނަށް ހެޔޮގޮތް ވިސްނިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެ ޙަމްޒާގެ މަތިން ހަނދާން ނައްތައިލައި ، ﷲ ގެ މިންވަރުފުޅަށް ކެތްތެރިވެ ، ބާއްޖަވެރި ޙަޔާތަކަށް ދިލްނަޝީން ވިސްނުމަކީ ، މިދުނިޔެމަތިން އަނީސާ އެދޭ އެންމެ ބޮޑު އެދުމެވެ. ދިލްނަޝީނަށް ރަނގަޅާއި ނުބައި ވަކިވެ ، ހެޔޮވިސްނުން ލިބޭނެކަމަށް އުއްމީދުކުރާކަމުގައި އައްވަލްވެސް ބުންޏެވެ.
ދިލްނަޝީންހުރީ ، ހަދާނެގޮތް ބޮޑުވެ ، ތަޤްދީރު އޭނާގެ ކުރިމައްޗަށް އެގެނުވި ޙާލަތަށް ފޫހިވެފައެވެ. ދެކޮޅަށްދެކޮޅަށް ހިނގައިލަހިނގައިލައެވެ. ފޫހިވެގަނެގެންގޮސް ، ތަންޒީނަތްތެރިކުރުމަށް ތަރުތީބުކުރެވިފައިހުރި މާތަކަށް ރޯޅިބާލަމުން ގެންދިޔައެވެ. މަންމަމެންގެ ފަރާތުން ޙައިދަރާ ކުރިމަތިވާނީ ކޮންފަދަ މުޞީބާތަކާކަމެއްވެސް ނޭނގެއެވެ.
****************************************
އެރޭގެ ދަންބަޔަށް އެޅިއިރުވެސް ، މެހެމަލްގެ ފިރިމީހާ އަންޞާބު ގެޔަކަށް ނާދެއެވެ. ގޭތެރޭގައި ދެކޮޅަށް ހިނގަމުން އައިސް ގޯތިތެރެޔަށް ނުކުތްތަނުން އަންޞާބު އޭނާގެ ކާރުގައި އައިސް ގެޔަށް ވަނެވެ. ކާރުގައި އަންހެންކުއްޖަކުވެސް އިނެވެ. ކާރުން ފައިބައި ، އެއަންހެންކުއްޖާގެ އަތުގައި ހިފައިލައިގެން ، އަންޞާބު ގޭތެރެޔަށް ވަދެގެން ދިޔައީ ، މެހެމަލްގެ ކުރިމަތިންލާފައި ، އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބު ކައިރިންނެވެ. ދެލޯބޮޑުވެފައިހުރި މެހެމަލްއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނޭނގުނެވެ. އަންޞާބުވެސް ، އެންމެ ދެރަވެގެން މެހެމަލްއާ ދިމާލަށް ބަލައިވެސް ނުލައެވެ. އެތަނުގައި މީހަކު ހުރިހެންވެސް އަންޞާބަކަށް ހިއެއް ނުވެއެވެ.
އެއީ ޙައިދަރުގެ އަލަތުކައިވެނީގެ ރެޔެވެ. އަންހެނުންނާއެކީ ، ޙައިދަރުގެ އުފާވެރިކަން ފެށިގެންދާ ރެޔެވެ. އެދެމީހުން ، ޙަލާލުގޮތުގައި ދުނިޔޭގެ އުފާ ޙާޞިލްކުރަމުންދާނެ ފުރަތަމަ ރެޔެވެ. ހިލޭ އަންހެނަކު ގޮވައިގެން އެރޭގެ މަޖަލާއި އުފަލަށް ، އޭނާގެ ފިރިމީހާ އަންޞާބު އެއައީ ޅަ އަންހެންކުއްޖަކު ގޮވައިގެން ، އެކަމަށް ފުރިހަޔަށް ތައްޔާރު ވެގެންނެވެ. އެކުއްޖާ ގޮވައިގެން ، އަންޞާބު ކޮޓަރިޔަށް ވަދެގެން އެދިޔައީ މެހެމަލްގެ ކުރިމަތިންލާފައެވެ. އެވަގުތުވެސް ، މެހެމަލްގެ ޚިޔާލަށް އައީ ، ޙައިދަރާއެކު އޭނާ ހޭދަކުރި ކުޑަ ވަގުތުކޮޅެއްގެ މާޒީއެވެ.
" މެހެމަލްއެވެ ! ބޮލުގެ އިސްތަށިގަނޑު ނިއުޅާލައިފާ ބާއްވާށެވެ ! އޭރަށް އަހަރެންނަށް މާ ރީއްޗެވެ. " ޙައިދަރު އެބުނި ވާހަކަޔަކަށް މެހެމަލް ޢަމަލުކުރީ އިދިކޮޅަށެވެ. އޭނާގެ އިސްތަށިގަނޑު ހުޅިޖަހައި އެއްވަރު ކޮށްލުމުންވެސް ޙައިދަރުބުނީ ، މެހެމަލް ކޮންމެ ގޮތެއް ހެދިޔަސް އޭނާގެ ހިތަށް އުނދަގުލެއް ނުވާނެކަމަށެވެ. އެއަށްވުރެ ބޮޑަށް މެހެމަލްދެކެ އޭނާ ލޯބިވާކަމަށެވެ.
ޙައިދަރު އައިސް ، ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީން އިނީ ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އޭނާ ބުނިގޮތަށް ބައިގަޑިއެއްހައި އިރުގެ ތެރޭގައި ޙައިދަރު އައެވެ. ޙައިދަރު އައިސް ، ދިލްނަޝީންގާތުގައި އިށީނދެލިއެވެ. މާދަމާއޮތީ ކޮން މާއްދާއެއްތޯ ދިލްނަޝީނާ ސުއާލު ކުރިއެވެ. މާދަމާ އޮންނާނީ އިނގިރޭސި ޕޭޕަރުކަމަށް ޖެހިލުންވެފައިހުރެ ، ދިލްނަޝީނަށް ބުނެވުނެވެ.
ޙައިދަރުގެ ސްޓަޑީރޫމް ހުންނަނީ އޭނާގެ ކޮޓަރިޔާ ޖެހިގެންނެވެ. އެތަނަށް ދިލްނަޝީން ވައްދައި ، އިމްތިޙާނަށް ތައްޔާރުވުމަށް ދިލްނަޝީންގާތު ބުންޏެވެ. އެތަނުގައި ދިލްނަޝީން އިންދާ ، އެއްވެސްމީހަކު އޭނާއަކަށް އުނދަގުލެއް ނުކުރާނެއެވެ. ހަމަޖެހިލައިގެން އަރާމުގައި އިނދެ ފިލާވަޅު ދަސްކުރެވޭނެއެވެ. އެއްވެސް އެހީއެއް ބޭނުންވެއްޖެނަމަ ، އޭނާއަށް ގޮވާލީމަ އަންނާނެކަމަށް ބުނަމުން ، ޙައިދަރު އެތަނުން ނުކުތެވެ. ޙައިދަރުގެ އިޙްސާންތެރިކަމަށް ދިލްނަޝީން ޝުކުރު އަދާކުރިއެވެ.
ހެނދުނު ތެދުވެގެން ޙައިދަރު އައިސް ދިލްނަޝީން ހެދީ ކިހިނެއްތޯ ބަލައިލަން ދޮރުހުޅުވައިލިއެވެ. ޙައިދަރު އައީ ، ދިލްނަޝީނަށް ކޮފީތަށްޓެއް ހަދައިގެންނެވެ. ދިލްނަޝީން އޮތީ ، ފޮތްތަކުގެ މަތީ ބޯއަޅައިލައިގެން ނިދިފައެވެ. ޙައިދަރު ، މަޑުމަޑުން އައިސް ، ދިލްނަޝީނާ ވަރަށްގާތުގައި އިށީނދެލިއެވެ. އެތައް އިރެއްވަންދެން ދިލްނަޝީންގެ މަޢުޞޫމު މޫނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނެވެ. ގޮވަން ނުގޮވަން އިނދެފައި ، ދިލްނަޝީންގެ މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ދިލްނަޝީން ދިޔައީ ސިއްސައިގެންނެވެ. ޙައިދަރަށްވެސް ލިބުނު ސިހުމުގައި ކޮފީތަށިން ބައެއް އޭނާގެ އަތަށް އެޅުނެވެ.
ދިލްނަޝީނަށް ހޭލެވި ، އޭނާއަށް އެކުރެވުނު ކަމަކަށް ޙައިދަރުގެ ކިބައިން މަޢާފަށް އެދުނެވެ. އޭނާއަށް ވިސްނައިނުލާ ސިއްސައިގެންގޮސް ކުއްލިޔަކަށް ތެދުވެވުނީކަމަށް ބުންޏެވެ. ޙައިދަރުގެ އިނގިލިތައް ފިހި ، ފޮޅު ނެގިއެވެ. އެހެނަސް ، ދިލްނަޝީނަށްޓަކައި އެފޮޅުތައް އޮބިއްޖެއެވެ. އަތުގައި ފިރުމަމުން ޙައިދަރު ތެދުވިއެވެ. އޭނާއަށް މާބޮޑުކަމެއް ނުވާކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރު ހުރީ ، ނޯކަރުން ލައްވާ ، ދިލްނަޝީންގެ ޔުނިފޯމް ، އެރޭ ދޮވެ އިސްތިރިވެސް ކުރުވާފައެވެ.
ދިލްނަޝީންގެ އިސްތަށިގަނޑާ ކުޅެލައި އޭނާއަށް ދިލްނަޝީން ސިއްސުވައިލެވުނީތީ މަޢާފަށް އެދެމުން ، ދިލްނަޝީންގެ ބޮލުގައި ފިރުމާލުމަށް ޙައިދަރުގެ އަތް އުފުލައިލިއެވެ. ދިލްނަޝީނަށް ދުރަށް ޖެހިލެވުނެވެ. އެހެނަސް އެއީ މާބޮޑުކަމަކަށް ޙައިދަރެއް ނުހަދައެވެ. ހިނިތުންވެލުމަށްފަހު ، އެއީ ، އޭނާގެ އަތުންހެދި ކޮފީތަށްޓެއް ކަމަށް ބުނެ ، ޙައިދަރު ގެނައި ކޮފީތަށި ދިލްނަޝީނަށް ދިއްކޮށްލިއެވެ. ދިލްނަޝީނަށް ކަމުދާނެކަމަށް ހީކުރާކަމަށް ބުނަމުންނެވެ.
ދިލްނަޝީން ހިނިތުންވެލިއެވެ. އެހެނަސް ، ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނުއެނގުނެވެ. ޙައިދަރުގެ އެއަދާތަކަކީ ، އޭނާއަށް އާ ކަންތައްތަކެކެވެ. ދުވަހަކުވެސް ، އެއްވެސްމީހަކު އޭނާއަށް ކޮފީތަށްޓެއް މީގެކުރިން ހަދައިދީފައެއް ނުވެއެވެ. ތަންކޮޅެއް އަވަހަށް ތައްޔާރުވެލާށޭ ، ލަސްވެދާނޭ ބުނަމުން ޙައިދަރު އެތަނުން ނުކުތެވެ.
ޙައިދަރުގެނައި ކޮފީތަށްޓަށް ދިލްނަޝީނަށް ބަލައިލެވުނެވެ. މަޑުމަޑުން ތުންފަތުގައި ޖައްސައި ރަހަ ބަލައިލެވުނެވެ. ކުޑަކޮށް ހޫނެވެ. އެހެނަސް ، ވަރަށް މީރެވެ. ޙައިރާންވެފައި ހުރެ ، އެތަނުން ނުކުމެގެން އެދާ ޙައިދަރާދިމާލަށް ދިލްނަޝީނަށް ބަލައި ލެވުނެވެ.
ކޮފީތަށި ބޮއެގެން ކޮލެޖަށްދާން ދިލްނަޝީން ތައްޔާރުވިތަނާ ، ދިލްނަޝީންގެ ދަބަސް ހިފައިގެން ޙައިދަރު އައެވެ. ދިލްނަޝީނަށް ނޭނގޭ އުފާވެރިކަމެއް އިޙްސާސް ކުރެވުނެވެ. މޫނުމަތީ ، ފަރި ހިނިތުންވުމެއް އުފެދުނެވެ.
" އަހަރެންނަށް ކަންކަން ތިކޮށްދެނީ ، ކުޑަކުއްޖަކަށް ކަންކަން ކޮށްދޭގޮތަށެވެ. އަހަރެންގެ ގެޔަށް ގޮސް ޔުނިފޯމާ ފޮތްތައް ގެނެސްދީފީމުއެވެ. ފިލާވަޅު ދަސްކުރަން ހިތްވަރު ދީ ، އަހަރެންނަށް އެކަމަށް ވަގުތު ދީފީމުއެވެ. ޔުނިފޯމް ދޮވެ އިސްތިރި ކުރުވައިފީމުއެވެ. ދަބަހަށް ފޮތްތައް ލައިދީ ދަބަސް ތައްޔާރު ކޮށްދީފީމުއެވެ. އެއީ އަހަރެންގެ ޙަޔާތުގައި އަލަށް ތަޖުރިބާ ކުރެވޭ ކަންކަމެވެ. ކުރިން ، އެހުރިހާކަމެއް ކުރީ އަހަރެން އަމިއްލަޔަށެވެ. " ހިނިތުންވެފައިހުރެ ، ދިލްނަޝީނަށް ބުނެވުނެވެ.
ޙައިދަރު ޤަބޫލުކުރާ ގޮތުގައި އިޙްތިރާމް ލިބޭނީ އިޙްތިރާމް އަދާކޮށްގެންނެވެ. އޭނާއަށް ދިލްނަޝީންގެ ފަރާތުން ޚިދުމަތް ލިބޭނީ އޭނާވެސް ، ދިލްނަޝީނަށް ޚިދުމަތް ކޮށްދީގެންނެވެ. އެކަމުގައި ކިތަންމެ ކުޑަކަމެއްކޮށްލުންވެސް އެއީ އޭނާއަށް ލިބޭނެ އުފަލެކެވެ. ދިލްނަޝީނާއި ޙައިދަރު ވާހަކަދައްކަމުން ގެންދަނިކޮށް ، ޓަކިޖަހައިލާފައި އަނީސާއައިސް އެތަނަށް ވަނެވެ. އެހާ ހެނދުނާ އަނީސާ އެގެޔަށް އައިސް ވަނުމުން ، ދިލްނަޝީނަށްވެސް އަދި ޙައިދަރަށްވެސް ކުއްލި ސިހުމެއް ލިބުނެވެ. ދެމީހުންވެސް އެއް އަޑަކުން މަންމަޔަށް ސަލާމް ގޮވައިލިއެވެ. ދިލްނަޝީން ގޮވައިގެން ނުކުންނަން އުޅެނިކޮށް މަންމަ އައުމުން ، ޙައިދަރު ހުރީ ކަންބޮޑުވެފައެވެ. ދިލްނަޝީނަށް ލިބުނު ހާސްކަން ވަކިން ބޮޑެވެ. މައްޗަށްގޮސް ، ދެތިން މިނެޓަށް ޙައިދަރާ ވާހަކަ ދައްކައިލެވިދާނެތޯ އަނީސާ ސުއާލުކުރިއެވެ. އެއީ މައްސަލައެއް ނޫންކަމަށް ބުނެ ، އަނީސާއާއެކީ ޙައިދަރު މަތީބުރިޔަށް ދާން ހިނގައިގަތެވެ.
އެކަމަކު ، ޙައިދަރު ޝަރުތެއް ހުށަހެޅިއެވެ. އެދައްކާ ވާހަކަޔަކީ ، އޭނާގެ އަނބިމީހާ ކަންބޮޑުވާނެ ވާހަކަޔަކަށް ވެގެން ނުވާނެއެވެ. އޭނާގެ އަނބިމީހާ ކުރާކަމެއް އެކުރަނީ ، ޙައިދަރުގެ އުފަލަށްޓަކައި ކަމުގައި ޙައިދަރު ބުންޏެވެ.
އެހިސާބުން އަނީސާ ހުއްޓިލިއެވެ. އަދި ، އެއީ ޙައިދަރުގެ އުފަލަށްޓަކައި ކުރާކަމެއްތޯ ސުއާލު ކުރިއެވެ. އަނީސާ އެހެން އަހައިލީ ވަށްކަޅިން ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. މަންމަގެ ހިތުގައި އޮތީ ކޮން އެއްޗެއްކަން ދިލްނަޝީން ދެނެގަތެވެ.
" އާނއެކެވެ ! ރޭ ހަތަރުދަމު ، ހޭލާ އިނދެގެން ދިލްނަޝީން ފިލާވަޅު ދަސްކުރީ އަހަރެން މަޖުބޫރު ކޮށްގެންނެވެ. އެކަން ނުކުރަން ދިލްނަޝީން އުޅުނެވެ. އެހެނަސް ، ދިލްނަޝީންގެ ކިޔެވުން ފުރިހަމަކުރުމަކީ އަހަރެންގެ އެދުމެކެވެ. އެއަށްވުރެ ބޮޑަށް އަހަރެން އުފާވާނެ އެހެންކަމެއް ނޯންނާނެއެވެ. އަހަރެންގެ އަންހެނުންނަކީ ކިޔަވައިގެންހުރި މީހަކަށް ވުމަކީ ، އަހަރެން ބޭނުންވާ ކަމެކެވެ. " ޙައިދަރު ބުންޏެވެ.
" އެހެންކަމަށްވަންޏާ ، ދެން ، މަންމަޔާއެކީ ހައިދަރު މައްޗަށް ދާނެކަމެއް ނެތެވެ. ދިލްނަޝީނާއެކު އަހަރެން ވަކިން ދެމިނިޓެއްހާ އިރު ވާހަކަ ދައްކައިލާން ފުރުޞަތު ލިބިދާނެ ހެއްޔެވެ ؟ " އަނީސާ ޙައިދަރު ކުރެން އެހިއެވެ.
އެކަމާ ޙައިދަރު ދެކޮޅެއް ނުހަދައެވެ. ކުރިޔަށް ގެންދާށޭ ބުނެ ، އެކަމަށް ފުރުޞަތު ދެމުން ޙައިދަރު އެތަނުން ނުކުތެވެ. އަނީސާ އައިސް ދިލްނަޝީނާ ގާތަށް ޖެހިލިއެވެ.
" ކިޔެވުން ބަހަނާއަކަށް ހަދައިގެން ، ދިލްނަޝީން ކުރަން ތިއުޅޭކަމެއް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނުލާހިކު ހެޔޮ ރަނގަޅު އިންސާނަކަށް ދޭން ތިއުޅޭ ލަނޑަކީ އަހަރެންނަށް އެނގޭ އެއްޗެކެވެ. " އަނީސާ ރުޅިއައިސްހުރެ ބުންޏެވެ.
ދިލްނަޝީން އެއްވެސްކަމެއްގެ ވާހަކަ ޙައިދަރުގާތަކު ނުބުނެއެވެ. ކުރި ، ހުރިހާކަމެއް އެކުރީ ، ޙައިދަރަށް އަމިއްލަޔަށް ފެނިގެންކަމަށް ދިލްނަޝީން ބުންޏެވެ. އަނީސާ އެވަރަކުން ދުލެއް ނުކުރިއެވެ. ދިލްނަޝީން އެރޭ ، ވަރަށް ބޮޑަށް ރޮއެފައިހުރިކަން އަނީސާއަށް އެނގެއެވެ. ޙައިދަރަށް އެކަންކުރަން މަޖުބޫރުވި ސަބަބަކީ އެއީކަމުގައިވެސް އަނީސާ ބުންޏެވެ. ﷲ ލެއްވި ރަޙުމަތަށް ޝުކުރުކޮށް ، ލިބުނު މޮޅައިގެން ކުރިޔަށް ދިއުމަށް އަނީސާ އޭނާގެ ދަރިފުޅަށް ހަނދާން ކޮށްދިނެވެ. އަދި ، ޙައިދަރަށް އެއްވެސް ތަކުލީފެއް ލިބޭނެކަމެއް ނުކުރުމަށް އިންޒާރުކޮށް ، ދިލްނަޝީން ގޮވައިގެން ތިރިޔަށް ދިޔައެވެ. ( ނުނިމޭ )
އިޙުސާސާއި ޙަރަކާތްތައް ފުދޭވަރަކަށް ތަފްސީލުކޮށް ، ތަރުތީބުކޮށް ، ޝަޢުޤުވެރިގޮތްގޮތަށް ތަޞައްވަރު ކޮށްދެމުން ގެނެސްދެމުންދާ ، ރީތި ވާހަކައެއް. ލޯބީގެ ވާހަކައެއްގައި ހުންނަންވާ ހުރިހާކަމެއް މިވާހަކައިން އެބަފެނޭ. މީންދުވަހަކު މިކަހަލަ ވާހަކައެއް ކިޔާލާކަށް ނުލިބޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ.
Vv.reethi shukuran