އަންދަލުސްގެ ބާޒު – 76

(6 މާރިޗު 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެ ދުވަސް ކުރިން މި ބަޔާން ދިނުމަށް ފަހު މިހާރު ރަބީޢާ އެހެރީ ކޯޓުން ކުރާނޭ ހުކުމެއްގެ އިންތިޒާރުގައެވެ. ކޯޓުގެ އިސް ފަނޑިޔާރަކަށް ހަމަޖެހިފައި އޮތީ ބިޝޮޕް ޖޯން ލޫކަސްއެވެ. އޭނާއަށް އޮތް ގޮތަކީ އައު ގަވަރުނަރު ޑޮން ލުއީ އަންގައިފައިވާ ގޮތަށް ހުކުން ކުރުމެވެ. އެކަން އެ ގޮތަށް ކުރާކަށް ބިޝޮޕް ބޭނުމެއް ނުވިއެވެ. އެކަމަކު އެހެން ހުރިހައި ފާދިރީން އެ އަމުރަށް ތާއީދުކުރިއެވެ. އެ އަމުރުގައި އޮތީ ރަބީޢާ އެހެން ރަށަކަށް އަރުވައިލާށެވެ. އަދި ޖޯން މައިކަލްގެ ކުށެއްވެސް އޮތް ކަމަށް ނިންމާށެވެ. އެހެން ގަވަރުނަރުންނާއި ފާދިރީން ދުށް ގޮތުގައި ރަބީޢާ ވަނީ ޖޯން ލޫކަސްއަށް ބާވަތެއްގެ ސިހުރެއް ހަދައިފައެވެ. އެހެންވީމާ ހުކުން ކުރާން އޮތް ދުވަހު އިސް ފަނޑިޔާރުގެ ގޮނޑީގައި އިނީ އެހެން ފާދިރީއެކެވެ.

ކޯޓުގެ އެތެރެއާއި ބޭރު އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ. ކޯޓުގެ ހުކުމަކީ ކޮބައިކަން އެ މީހުންނަށްވެސް އެނގޭކަހަލައެވެ. ރަބީޢާ ވަނީ ފައްޅީގެ ކޯޓުގެ އަގު ވައްޓައިލައިފައެވެ. އަދި ފައްޅީގެ އަގުހުރި ހެއްވަކު މަރައިލައިފައެވެ. ބިޝޮޕް ލޫކަސް މިއަދު ކޯޓަށް ނައީ ކީއްވެގެންކަން ބައެއް މީހުންނަށް އޮތީ އެނގިފައެވެ. ބިޝޮޕް ގަބޫލުކުރާ ގޮތުގައި ރަބީޢާއަކީ ވަރަށް ނުރައްކާތެރި ސިހުރުވެރިއެކެވެ. އެއްވެފައި ތިބި މީހުން އެކި ކަހަލަ ވާހަކަތައް ދައްކަމުންދެއެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ރަބީޢާ ދަން ޖައްސާނީއެވެ. ނުވަތަ ރަޖަމުކުރާނީއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އޭނާ ދިރިހުއްޓައި އަންދައިލާނީއެވެ.

އެއްވެފައިވާ މީހުންނަށް އަޑުމަޑުކޮށް، ހިމޭނުން ތިބުމަށް އަމުރުކުރުމަށް ފަހު ފަނޑިޔާރު ހުކުން އިއްވައިފިއެވެ. އެއްވެފައި ތިބި މީހުން ރަބީޢާއާ ދިމާއަށް ބަލަމުން ގެންދަނިއެވެ. އޭނާއަށް އިއްވުނީ މަރުގެ ހުކުމެވެ. އެކަމަކުވެސް ހިމޭނުން ހުރީއެވެ. ފަނޑިޔާރު ބުނި ގޮތުގައި ފައްޅިއާއި ކޯޓުގެ އަގު ވައްޓައިލުމާވެސް އެކު ރަބީޢާއަށް ދޭން ޖެހެނީ ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބެވެ. އެހެންނަމަވެސް އޭނާގެ ބައްޕަގެ އަގުހުރި ޚިދުމަތްތަކަށް ރިއާޔަތްކޮށް، ދިރިހުއްޓައި އަންދައިލުމުގެ ބަދަލުގައި ގަތުލުކުރުމުގެ ހުކުން އިއްވީއެވެ. ހުކުން އިއްވައި ނިމުމާއެކު އެއްވެފައި ތިބި މީހުން ފޫއަޅުވައިލައިފައި އަންހެން ކުއްޖަކު ނުކުމެގެން އައިސް ރަބީޢާގެ ގާތަށް ހުއްޓިއެްޖެއެވެ. [އިހަށް މަޑުކުރައްވާށެވެ. އިންސާފާއި އިންސާނިއްޔަތުކަން މަރުއްވައިނުލައްވާށެވެ. ޖޯން މައިކަލް މަރައިލީ އަޅުގަނޑެވެ.]

ކޯޓަށް ހިމޭންކަން ވެރިވެއްޖެއެވެ.

ރަބީޢާ ސިހިފައި އެކުއްޖާޔާ ދިމާއަށް ބަލައިލިއެވެ. އެއީ އެންޖެލާއެވެ. ފަނިޔާރާއި ފާދިރިންވެސް އިރުކޮޅަކަށް މުޅީން ހިމޭން ވެއްޖެއެވެ. އެންޖެލާގެ އަތުގައި ފޮތިގަނޑެއް ކަހަލަ އެއްޗެއް އޮތެވެ.

ރަބީޢާ ބުންޏެވެ. [ކަންބޮޑުވެވަޑައިނުގަންނަވާށެވެ. މިއީ އަޅުގަނޑުގެ އެއްބަފާ ކޮއްކޮއެވެ. އޭނާގެ ސިކުނޑިއަށް ވަނީ ވަރަށް ނޭދެވޭ އަސަރެއް ކޮށްފައެވެ.]

އެންޖެލާ ފިޔަވަޅެއް ކުރިއަށް ޖެހިލުމަށް ފަހު ބުންޏެވެ. [އެއީ ދޮގެކެވެ. ރަބީޢާ އެ ހުރިހައި ވާހަކައެއް ދެއްކީ އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރަން ވެގެންނެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. ޖޯން މައިކަލް މަރައިލީ އަޅުގަނޑެވެ. އޭނާ މަރައިލުމަކީ އެ ވަގުތު އަޅުގަނޑުގެ މައްޗަށް އޮތް ވާޖިބެކެވެ.]

ފަނޑިޔާރު ސުވާލުކުރިއެވެ. [މިއޮއްހައި ދުވަހު ކަލޭ އުޅުނީ ކޮން ތަނަކުހެއްޔެވެ؟]

އެންޖެލާ ބުންޏެވެ. [އަޅުގަނޑު ޖޯން މައިކަލް މަރައިލީމާ ރަބީޢާ އަޅުގަނޑު ގެންގޮސް ކޮޓަރިއަކަށް ލައި ބަންދުކުރީއެވެ. އޭގެ ފަހުން ހައެއްކަ ދުވަސްވާންދެން އަޅުގަނޑު އޮތީ ހަމައެޔަކު ނޫނެވެ. އަޅުގަނޑުގެ މަންމަ، ކޮޓަރީގެ ދޮރުމަތީގައި ފާރަވެރިން ބައިތިއްބައިގެން އަޅުގަނޑަށް ނުކުތަ ނުދިނެވެ. ދައްތަ ފަދައިން މަންމަވެސް މަސައްކަތް ކުރީ އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރާށެވެ.]

ފަނޑިޔާރު ބުންޏެވެ. [މިހާރުވެސް ކަލޭ ފެންނަނީ ބަލިކަމުގައެވެ. ކަލޭގެ ބަޔާން ނެގުމުގެ ކުރިން ކަލޭގެ ސިކުނޑީގެ ހާލަތު ހުރި ނެތް ގޮތް ބެލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެކެވެ.]

އެންޖެލާ ބުންޏެވެ. [އަޅުގަނޑުގެ ސިކުނޑީގައި އޮތީ އެންމެ ބުރައެކެވެ. އެއީ އަޅުގަނޑުގެކުށުގެ ބަދަލުގައި ދައްތަ ގުރުބާންވާން އުޅޭތީ އޮތް ބުރައެކެވެ. މިހާރު އެ ބުރަ ފިލައިފިއެވެ.]

[ކޯޓަށް ހެކި ބޭނުންވެއެވެ.]

[ހެކިތޯއެވެ؟ ހެކި މިއޮތީއެވެ.] އެންޖެލާ ކުރިއަށް ޖެހިލައި އޭނާގެ އަތުގައި އޮތް ފޮތިގަނޑު ފަނޑިޔާރުގެ ކުރިމަތީގައި ބާއްވައިފިއެވެ. [ތިޔައަށް ނިކަން ރަނގަޅަށް ބައްލަވައިލައްވާށެވެ. ތިޔައީ އަޅުގަނޑު އެރޭ ލައިގެން ހުރި ހެދުމެވެ. ތިޔަ ހެދުން ވީދައިލީ ތިޔަ ބޭފުޅުންގެ ހިތްވަރުފުޅު ގަދަ ނައިޓެވެ. މަރުވުމުގެ ކުރިން އެ ހިތްވަރުގަދަ ނައިޓް އަރައިގަތީ ކާކުގެ ގަޔަށްކަން ތިޔަ ހެދުމުން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.]

އަނެއްކާވެސް ކޯޓުގެ ތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ.

ކުއްލިއަކަށް މާރިޔާ މާނޭވާ ލެވިފައި ހުރެގެން އައިސް ކޯޓަށް ވަދެއްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް އެންޖެލާގެ ގައިގައި އޮޅުލައިގެންފިއެވެ. [މަގޭ ދަރިފުޅާއެވެ. ދަރިފުޅާ އެންޖެލާއެވެ. ދަރިފުޅުގެ ހާލު ރަނގަޅެއް ނޫނެވެ. އަވަހަށް ގެއަށް ހިނގާށެވެ.] މިހެން ބުނެފައި މާރިޔާ އޭނާގެ އަތުގައި ހިފައި ދަމައިފައި ގެންދާން އުޅެގެންފިއެވެ.

ފަނޑިޔާރު ބުންޏެވެ. [މަޑުކުރާށެވެ. ދެތިން ސުވާލެއް ކޮށްލާން އަހަރެމެން އެބަ ބޭނުންވެއެވެ.]

އެންޖެލާ އޭނާގެ މަންމަގެ އަތް ފޮޅުވައިލިއެވެ. މާރިޔާ އާދޭހުގެ ނަޒަރަކުން ފަނޑިޔާރާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [މި މަރަކާއި އަޅުގަނޑުގެ ދަރިފުޅަކާ އެއްވެސް ގުޅުމެއް ނެތެވެ. މިއީ ބަލި ކުއްޖެކެވެ. މިހާރަކުވެސް ހަމަހޭވަރިކަމެއް ނެތެވެ.]

ފަނޑިޔާރު އެންޖެލާގެ ހެދުން ދައްކައިލައިފައި އަހައިލިއެވެ. [މިއީ ކާކުގެ ހެދުމެއްކަން ކަލެއަށް އެނގޭހެއްޔެވެ؟]

ޖަވާބެއް ދިނުމުގެ ބަދަލުގައި މާރިޔާ ބަލައިލީ އެންޖެލާއާ ދިމާއަށެވެ. އެންޖެލާ ބުންޏެވެ. [މަންމާއެވެ. ޖަވާބެއް ނުދިނީ ކީއްވެގެން ހެއްޔެވެ؟ އެ ހެދުން އަހަންނަށް ދޭން ގެނައީ މަންމައެއް ނޫން ހެއްޔެވެ؟ ހުރިހައި ކަމެއް މަންމައަށް ރަނގަޅަށް އެނގެއެވެ. އޭނާ ގެއަށް އައީ އަހަރެން ހޯދަންކަންވެސް މަންމައަށް އެނގެއެވެ. އެއީ އޭނާގެ ދެވަނަ ހަމަލަކަންވެސް މަންމަ ދެނަހުރީމު ނޫން ހެއްޔެވެ؟ ފުރަތަމަ ފަހަރަށް މަންމަ އޭނާއަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިނީމާ އައިސް އަހަންނާ ދިމާކޮށްލީ މަންމަގެ ކުރިމަތީގައެވެ. ކަސްތިއްޔާގެ ބިޝޮޕަކީ އެ ހާދިސާގެ ހެއްކެކެވެ. އެ ދުވަހު އަހަރެން ސަލާމަތްވީ އޭނާގެ ބޮލުގައި ޖެހީމާކަންވެސް ދެނަހުރީމު ނޫން ހެއްޔެވެ؟ އޭނާ އެ ދުވަހުގެ ކަންތައްތަކާމެދު ދެރަވެގެން ލިޔެފައި ފޮނުވި ސިޓީ އަދިވެސް މަންމަގެ އަތުގައި އޮންނާނެއެވެ. އޭނާ ކަންތައް ކުރި ގޮތްވެސް މަންމައަށް އެނގޭނެއެވެ. ވަރަށް ހުސިޔާރުކަމާއެކު މަންމަ ގެޔާ މާ ދުރުގައި ހުންނާނޭ ގޮތް މެދުވެރި ކުރުވީއެވެ. މަންމަ ގެއަށް އަންނާން އުޅުނީމާވެސް ފުލުހުންގެ ވެރިޔާ އެކަން މަނާކުރިއެއް ނޫން ހެއްޔެވެ؟]

ދެން އެންޖެލާ ސަމާލުކަން ދިނީ ފަނޑިޔާރަށެވެ. [މަންމަ އަޅުގަނޑު ދެކެވާ ގަދަ ލޯތްބެއްގެ ސަބަބުން ތެދުބަސް ބުނަން އުނދަގޫވެދާނެއެވެ. އެކަމަކު އަޅުގަނޑާމެދު ޖޯން މައިކަލް ވިސްނި ގޮތާއި އޭނާގެ ސިކުނޑީގައި އެނބުރުނު ވިޔާނުދާ ޚިޔާލުގެ ހެކިބަސް ބިޝޮޕް ލޫކަސް ދެއްވާނެއެވެ. އަޅުގަނޑު ޖޯންއާ އިންނާން ދެކޮޅު ހެދީ ބިޝޮޕް ލޫކާސް އިންނެވި ތަނެއްގައެވެ. އެ ދުވަހުން ފެށިގެން ޖޯން ހުރީ ބަދަލުހިފަން ބޭނުންވެފައެވެ.]

މާރިޔާ ކަންބޮޑުވެފައި ފަނޑިޔާރާ ދިމާއަށް ބަލައިލިއެވެ. [މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑުގެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. މީނާއަށް ވަނީ ރަބީޢާގެ ސިހުރު ޖެހިފައެވެ. އޭނާ އެހެރީ އަޅުގަނޑުގެ ދަރިފުޅު ދީނާވެސް ދުރުކޮށްފައެވެ. ރަބީޢާގެ ސިހުރުގެ އަސަރު ހުރިވަރު ދަންނަވަންތޯއެވެ؟ މިހާރު އަޅުގަނޑުގެ ދަރިފުޅު ޤުރްއާން ކިޔަވައެވެ. ނަމާދުކުރެއެވެ. އަޅުގަނޑު ބޭނުންވީ ޖޯން މައިކަލާ އޭނާ ދެވާށެވެ. އެކަމަށް ހުރަސްއެޅީވެސް ރަބީޢާއެވެ. ސިހުރުގެ ބާރުގައި ރަބީޢާ ބޭނުންކަމެއް އެންޖެލާ ލައްވައި ކުރުވަމުން ގެންދެއެވެ. އެންޖެލާއަކީ މައުސޫމު ކުއްޖެކެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް އޭނާއަކަށް ނޭނގެއެވެ. މި ހުރިހައި ކަމަކީ ރަބީޢާގެ ސިހުރުގެ އަސަރެވެ. ބިޝޮޕް ލޫކަސްއަށްވެސް އޭނާ ސިހުރު ހަދައިފައި ހުރެދާނެތީ އަޅުގަނޑު ބިރުގަނެއެވެ. ޖޯން މައިކަލް މަރުވީ ދުވަހުވެސް އަޅުގަނޑުގެ ދަރިފުޅު އޮތީ ބާވަތެއްގެ މޮޔަ ބައްޔެއް ޖެހިފައެވެ. ކޮޓަރީގެ ދޮރު ވައްޓައިލައިފައި ނުކުންނާން އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. މަނިކުފާނުގެ އަތްޕުޅުގައި ތިޔަ އޮތް ހެދުން ވީދައިލީވެސް އެ މޮޔަ ހާލަތުގައި ހުރެގެން އަމިއްލައަށެވެ.]

އެންޖެލާ ނުރުހުމުގެ ނަޒަރަކުން އޭނާގެ މަންމަޔާ ދިމާއަށް ބަލައިލުމަށް ފަހު އަނެއްކާވެސް ފަނޑިޔާރާ ދިމާއަށް އެނބުރިލިއެވެ. [ދައްތަ އެހެރީ އަޅުގަނޑުގެ ކުށް ބޮލުގައި އަޅައިގެންނެވެ. އަޅުގަނޑާމެދު ދައްތަގެ ހިތުގައި އެއްވެސް ކަހަލަ ނުބައި ނިޔަތެއް އޮތްނަމަ އެހެން ހަދާނެތޯއެވެ؟ އޭނާގެ ހެޔޮކަމުން އަސަރު ކުރުމުގެ ބަދަލުގައި އަޅުގަނޑުގެ މަންމަ މިހާރުވެސް އެ ގެންދަނީ އަޅުގަނޑު ސަލާމަތް ކުރުމަށްޓަކައި ހަގީގަތް ފޮރުވާން މަސައްކަތް ކުރަމުންނެވެ. ދައްތައަކީ އިސްލާމަކަށް ވީތީ އޭނާޔާ ދެކޮޅަށް ދެކެވޭ ކޮންމެ ވާހަކައެއް މި ކޯޓުން ގަބޫލުކުރާނޭ ކަމަށް މަންމަ ދެކެނީއެވެ. އިސްލާން އަންހެން ކުއްޖެއްގެ މައްޗަށް ކުށެއް ސާބިތު ނުކުރެވިއްޖެނަމަ އެއީ ސިހުރުވެރިއެއް ކަމަށް ސާބިތުކުރާން ފަސޭހަ ވާނޭ ކަމަށްވެސް މަންމައަށް ގަބޫލު ކުރެވެނީއެވެ. އަޅުގަނޑު މި ކޯޓުގައި ހަމަހޭގައި ބުއްދި ސަލާމަތުން ހުރެ މި އިއުލާނުކުރަނީއެވެ. އަޅުގަނޑުގެ އެއްބަފާ ދައްތަ ފަދައިން އަޅުގަނޑަކީވެސް މިހާރު އިސްލާމަކީމެވެ. އިސްލާންކަމަކީ ސިހުރެއް ކަމުގައި ވަނީނަމަ އެ ސިހުރު އަޅުގަނޑަށް ޖެހިއްޖެއެވެ. ދުނިޔޭގެ އެއްވެސް ބާރަކުން އެ ސިހުރު ނައްތައެއް ނުލެވޭނެއެވެ. އަޅުގަނޑު ހިތާމަކުރަނީ މީގެ ކުރީން ސިއްރުން ނަމާދު ކުރެވުނީތީއެވެ. އެއީ އަޅުގަނޑުގެ ފިނޑިކަމެވެ. ދިރިއުޅުމާއި މަރުގެ ހަގީގަތް މިހާރު އަޅުގަނޑަށް އެނގިއްޖެއެވެ. މިހާރު އަޅުގަނޑު ބިރުގަންނަ އެއްވެސް ކަމެއް ނެތެވެ. އިސްލާމަކަށްވީތީ ކުރިމަތިލާން ޖެހޭ އަދަބެއް އޮތްނަމަ އަޅުގަނޑު މިހިރީ ކުރިމަތިލާން ތައްޔާރަށެވެ. ދެން އޮތީ ޖޯން މައިކަލްގެ މަރުގެ ވާހަކައެވެ. އޭނާ މަރައިލުމަކީ ކުށެއް ނޫނެވެ. އެއީ ވަހުޝީ ޖަނަވާރެކެވެ. ނުލަފާ ލުއްޗާއެކެވެ. މި ކޯޓުން ކަންބޮޑުވެގެން އުޅެނީ އޭނާއަކީ ރާނީގެ ގާތްތިމާގެ މީހަކަށް ވާތީއެވެ. ދުނިޔޭގެ ކޮންމެ އަންހެނަކަށް، އަދި ޚާއްސަކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާ އަންހެނަކަށް އޭނާގެ އަބުރާއި އިއްޒަތަކީ އަގުހުރި އެއްޗަކަށް ވާނޭކަން ރާނީއަށް އެނގިވަޑައިގަންނަވާނޭ ނަމަ ހާދަހާ ރަނގަޅެވެ. ފައްޅިން ހިތާމަކުރަމުން ގެންދަނީ މީސްތަކުންގެ ހިތުގައި ފައްޅީގެ ގަދަރު އުފުލާށާއި ބިރުވެރިކަން ފަތުރަން މަސައްކަތްކުރާ އަތެއް ބުރިވެގެން ވެއްޓުނީމައެވެ. އެކަމަކު ދަންނަވަންތޯއެވެ؟ އަޅުގަނޑުގެ ހެދުންގަނޑު ވީދައި ކުދިކުދިކޮށްލި އަތް ފައްޅީގެ ދަންނަބޭކަލުންގެ އަނބިދަރިންނާ ހަމައަށް ފޯރިނަމަ ވީހީ ކިހިނެއްކަމާމެދު ވިސްނައިވަޑައިގަންނަވާށެވެ.]

ފަނޑިޔާރާއި ފާދިރީންނާއި އަޑުއަހާން ތިބި މީހުންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ފަނޑިޔާރު ރުޅި އައިސް ރަތްވެފައި ބުނެފިއެވެ. [ލަދެއް ހަޔާތެއް ނެތް ކުއްޖާގަނޑާއެވެ. އަނގަމަޑުކުރާށެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.