(17 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުޑައިރުކޮޅެއް ފަހުން ޙަސަނާއި ޔަޢްޤޫބާއި އިތުރު ނޯކަރަކާ ތިން މީހުން އިމާރާތުގެ ދެވަނަ ބުރީގެ ހަނި ފެންޑާއަކުން ލައިފައި ގޮސް ހުއްޓުނީ ކޮޓަރިއެއްގެ ދޮރުމައްޗަށެވެ. ނޯކަރު ދޮރުގައި ލައިފައި އޮތް ތަޅު ހުޅުވައިފިއެވެ. ކޮޓަރީގެ އެއް ފަރާތުގައި ހުރި ހިލަ ސިޑިއަކުން އެމީހުން ތިރިއަށް ފައިބާން ފަށައިފިއެވެ. ވިއްސަކަށް ހަރުފަތަށް ފޭބުނުއިރު އެމީހުން ތިބީ ދަގަނޑު ތޭރިޖަހައިފައިވާ ގޮޅިއެއްގެ ކުރިމަތީގައެވެ. ޔަޢްޤޫބް އެ ގޮޅީގެ ދޮރު ހުޅުވައިފިއެވެ. އެތެރެއަށް ވެރިވެފައި އޮތީ ކަނުއަނދިރިކަމެވެ. ޔަޢްޤޫބް ކުރިއަށް ޖެހިލައި ދޮރާ ކައިރީގައި ހުރި ދަނގަޑު ހެންޑެއްޔެއަކަށް އަނބުރައިލިއެވެ. އެޔާއެކު ފާރުން ތަންގަނޑެއް ކެހިގެން ގޮސް ހުޅުވިއްޖެއެވެ. އެތަނުން ފަނޑު އަލިކަމެއް ބޭރަށް ނުކުމެފައި ހުއްޓެވެ. އެތަނުން އެތެރެއަށް ބަލައިލިއިރު މުޅި ކޮޓަރި އޮތީ ހުހަށެވެ. އެއް ފަރާތުކަނުގައި މީހަކު އެމީހުންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެއީ މޫސާ އިބްނި އަބީ ޣައްސާނެވެ. ހިތްވަރުފުޅުގަދަކަމާއި ކުޅަދާނަފުޅުކަމަށް މަޝްހޫރު މުޖާހިދެވެ. އޭނާގެ މިލައިފައިވާ މޫނުފުޅު ފެނުނީމާ މިހާރުވެސް ބަޔަކު ޖެހިލުންވާހައި ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރިއެކެވެ.
ޙަސަން ކުރިއަށް ޖެހިލައިފައި ދެންނެވިއެވެ. [އަޅުގަނޑު މި އައީ ޠަރީފް ބިން މާލިކްގެ އަމުރުފުޅަށް މަނިކުފާނު މި ހުރަގެއިން ނެރެގެން ގެންދާށެވެ.]
މޫސާ ހަމަހިމޭންކަމާއެކު ޙަސަނާ ދިމާއަށް ބައްލަވާން އިންނެވީއެވެ. ޙަސަން ވާހަކަ ކުރިއަށް ގެންދިޔައެވެ. [އޭނާ އޮންނެވީ ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފައެވެ. އޭނާގެ އެންމެ ފަހުގެ އެދުންފުޅަކީ މަނިކުފާނުގެ ފައިންޕުޅު މައްޗަށް ވެއްޓިވަޑައިގަތުމެވެ. އަޅުގަނޑުމެން އޭނާ މިތަނަށް ގެނައީ ހޭފުޅުނެތިފައިވާ ހާލުކޮޅުގައެވެ. މަނިކުފާނު އޭނާއަށް މާފުނުކުރައްވާނޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމަކު އޭނާ ތައުބާވެވަޑައިގެންފިއެވެ. ހީވާ ގޮތުގައި މާ ގިނަ އިރެއްނުވެ އޭނާ ﷲ ގެ ޙަޟުރަތަށް ވަޑައިގެންފާނެއެވެ. އަޅުގަނޑުމެން އެންމެންނަކީވެސް ކުށްވެރިންނެވެ. މަނިކުފާނު އަޅުގަނޑުމެންނަށް އަދަބެއް ދެއްވާން ބޭނުންފުޅިއްޔާ ދެއްވާށެވެ. ފިލަން ދުއްވައިގަންނަ ބަޔަކަށް އަޅުގަނޑުމެން ނުވާނޫއެވެ.]
ޙަސަންގެ އިޝާރާތަކަށް ޖެހިލުންވެފައި ހުރެގެން ޔަޢްޤޫބް އެ ދޮރު މުޅީން ހުޅުވައިލިއެވެ. މޫސަ ވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އަދި އިރުކޮޅަކު ހިމޭނުން ހުންނެވުމަށް ފަހު ވިދާޅުވިއެވެ. [ޠަރީފަކީ އަބޫ ޢަބްދުﷲގެ އަމުރަށް ކޮންމެފަދަ ބޮޑު ފާފައެއް ކުރާންވެސް ތައްޔާރަށް ހުރި މީހެކެވެ. ކުއްލިއަކަށް އޭނާގެ މައްޗަށް ތިޔަ ސަވާރުވެގަތް ހެޔޮކަމުގެ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ.]
ޙަސަން ދެންނެވިއެވެ. [ޠަރީފް ޒަޚަމްކޮށްލީ ފެރްނާންދޯގެ މީހުންނެވެ. ހުރިހައި ވާހަކައެއް ތަފުސީލުކޮށް އެނގިވަޑައިގަތީމާ ފަހަރެއްގައި މަނިކުފާނު އޭނާއަށް މާފުކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ އިންތިޒާރުގައި އެބައޮންނެވިއެވެ. މަނިކުފާނަށް ކޮންމެވެސް ވާހަކަފުޅެއް ދަންނަވާން އޭނާ ބޭނުންފުޅުވެއެވެ.]
(6)
ޠަރީފް ކުކުރައިވަޑައިގެންފައި ވިދާޅުވިއެވެ. [އަވަހަށް އަރެން މޫސަގެ އަރިހަށް ގެންދާށެވެ.]
އެތާނގައި ތިބި މީހުންގެ ތެރެއިން މީހަކު ދެންނެވިއެވެ. [މޫސަ މިހާރު އެބަ ވަޑައިގަނެއެވެ.]
ޠަރީފް ލޯފުޅު ހުޅުވައިލައްވައި ދެ ފަރާތަށް ބައްލަވައިލެއްވުމަށް ފަހު މަޑުން ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. [މި ހާލަތުގައި އެމަނިކުފާނުގެ ފައިންޕުޅު ދެކޭކަށް އަހަރެން ބޭނުމްެއް ނޫނެވެ. އެމަނިކުފާނު އޮންނެވި ގޮޅީގެ ކުރިމައްޗަށް އަހަރެން ގޮވައިގެން ހިނގާށެވެ. އެމަނިކުފާނު އަހަރެންގެ ގާތަށް ވަޑައިގަންނަވާ ވަރުގެ އުރަތްޕެއް ހުރި މީހަކު ކަމުގައެއް އަހަރެން ނުވަމެވެ.]
ޠަރީފް ފައިންޕުޅު އެނދުދާންކޮޅުން ބޭރަށް ވައްޓަވައިލެއްވިއެވެ. ދެ މީހަކު އަރިހަށް ލެފިލައި ދެ މުލައްދަނޑިފުޅުގައި ހިފައިގެން އޭނާ ބޭރަށް ނެރެފިއެވެ. އެ ވަގުތު ނޯކަރަކު އައިސް ދެންނެވިއެވެ. [މޫސަ އެބަ ވަޑައިގަނެއެވެ.]
ޠަރީފް ވިދާޅުވިއެވެ. [އަހަރެންގެ އަތުން ދޫކޮށްލާށެވެ. އަހަންނަކަށް އެހީތެރިކަމެއް ބޭނުމެއް ނުވެއެވެ.]
ނޯކަރުން ހިތާ ދެކޮޅަށް އޭނާގެ އަމުރުފުޅަށް ކިޔަމަންގެންފިއެވެ. ޠަރީފް މަޑުމަޑުން ދެ ފިޔަވަޅުފުޅެއް ކުރިއަށް އެޅުއްވިއެވެ. އެ ވަގުތު މޫސަ އެ ދިމާއަށް ވަޑައިގަންނަވާތަން ފެނިވަޑައިގެންފިއެވެ. އޭނާގެ މޫނުފުޅަށް ކުއްލިއަކަށް އަނދިރިވާން ފަށައިފިއެވެ. އެކަމަކުވެސް ވަރަށް ދަތި ހާލުކޮޅުގައި ކުރިއަށް ޖެހިވަޑައިގެންފިއެވެ. ވެއްޓިވަޑައިނުގެން ސަލާމަތްވެވަޑައިގަންނަވާން ވެގެން ޗެންޗޭނުގައި ހިފަހައްޓަވައިލެއްވިއެވެ. މޫސާ ކައިރިއަށް ވަޑައިގެން ޝައްކުގެ ގޮތަކަށް ޠަރީފާ ދިމާއަށް ބައްލަވައިލެއްވިއެވެ. ޠަރީފްގެ ދޫފުޅުން ވޭނީ އަޑުފުޅެއް ނުކުތެވެ. [މޫސާއެވެ. އަޅުގަނޑަކީ މަނިކުފާނުގެ ކުށްވެރިއަކީމެވެ. މި ވަގުތު އަޅުގަނޑު މިހިރީ މަރުގެ ތުންފަތްމަތީގައެވެ. އެކަމަކު އޭގެ ކުރީން... އޭގެ ކުރީން...]
ޗެންޗޭނުން ދޫކޮށްލެއްވުމަށް ފަހު އޭނާ ކުރިއަށް ޖެހިވަޑައިގެން މޫސާގެ ފައިންޕުޅު މައްޗަށް ވެއްޓިވަޑައިގެންފިއެވެ. މޫސަ އިރުކޮޅެއް ވާންދެން އެއްވެސް ހަރަކާތެއް ނުކުރައްވައި ހުންނެވިއެވެ. އެޔަށް ފަހު ފަހަތަށް ޖެހިވަޑައިގަންނަވާން އުޅުއްވިއެވެ. އެކަމަކު ޠަރީފް އޮންނެވީ އޭނާގެ ފައިންޕުޅުގައި ވަރަށް ބާރަށް ހިފަހައްޓަވައިގެންނެވެ. ހޭފުޅުނެތެމުންދާ ހާލުކޮޅުގައިވެސް އޭނާގެ އަތްޕުޅުގައި ބާރު އެބަހުރިކަން ދޭހަވެއެވެ. ކުއްލިއަކަށް މޫސާއަށް އިހުސާސްވެވަޑައިގަތީ އޭނާގެ ފައިތިލަފުޅު ތެމެމުންދާ ކަމުގައެވެ. ޠަރީފް ކީރިތިކުރައްވަނީއެވެ. އެކަމަކު މޫސާގެ ފައިންޕުޅު ތެމެމުން ދިޔައީ އޭނާގެ ކަރުނަފޮދަކުންނެއް ނޫނެވެ. މޫސާގެ ހިތްޕުޅުގައި މީހަކު ބާރުގަދަ އެތިފަހަރެއް ޖެހިކަހަލައެވެ. މާޒީގެ ހުރިހައި ހިތިކަމެއް ހަނދުމަފުޅު ނައްތަވައިލެއްވުމަށް ފަހު ޠަރީފް އަތްދަނޑިފުޅުމައްޗަށް ނަންގަވައިފިއެވެ. ޠަރީފްގެ މޫނުފުޅުން އޮހެމުން ދިޔައީ އޭނާގެ ހޫނު ލޭފޮދެވެ. މޫސާ އޭނާ ގެންދަވައި އެނދުދާންކޮޅުގައި ބާއްވަވައިފިއެވެ. އެޔާއެކު ވަރުބަލިފުޅުވެފައިވާ ދަތުރުވެރިޔާ އޭނާގެ އެންމެ ފަހުގެ މަންޒިލަށް ވަޑައިގެންފިއެވެ.
މޫސާ ވިދާޅުވިއެވެ. [إنَا للّه و إنّا إليه راجعون] އެއްވެސް އިޚްތިޔާރުފުޅަކާ ނުލައި މޫސައަށް ކީރިތިކުރެއްވިއްޖެއެވެ. އޭނާގެ ކަރުނަފޮދު އޮހެމުން ދިޔައީ ޠަރީފްގެ މޫނުފުޅަށެވެ. ޠަރީފްގެ އިސްތަށިފުޅު އުނގުފުޅުމަތީގައި ބާއްވަވަމުން މޫސާ ވިދާޅުވިއެވެ. [ޠަރީފެވެ. މަނިކުފާނަކީ އަޅުގަނޑުމެންގެ ބޭފުޅެކެވެ.]
އައު ފޯރިއަކާއެކު
(1)
އެތައް ދުވަހަކަށް ފަހު މޫސާ މިހާރު އެ ހުންނެވީ ކޯރެއް ހުރަސްކޮށް އޮތް ބުރިޖެއްގެ ދޮށުގައެވެ. އެއީ ސަރަހައްދީ ބާޒުގެ ވެރިކަން ހިނގާ ސަރަހައްދު ފެށޭ ހިސާބެވެ. ބުރިޖުގެ ކައިރީގައި ހުރި ގަހެއްގައި ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. އެކަމަކު މިހާރު އެ ބޯޑުގައި ހުރި ލިޔުމާއި މޫސާ އެންމެ ފުރަތަމަ އެ ސަރަހައްދަށް ވަޑައިގެންނެވި ދުވަހު ހުރި ލިޔުމާ ތަފާތެވެ.
ބޯޑުގައި ލިޔެފައި އޮތެވެ. [މި ކޯރު ހުރަސްކުރީމާ ވަދެވޭނީ ސަރަހައްދީ ބާޒުގެ ވެރިކަމުގެ ސަރަހައްދަށެވެ. އަބޫ ޢަބްދުﷲގެ ވެރިކަން ގަބޫލުކޮށްގެން ހުރި ޚިޔާނާތްތެރިއަކު މި ސަރަހައްދަށް ވަނުމަކީ މަނާ ކަމެކެވެ. ކްރިސްޓިއަނުންގެ އަނިޔާވެރިކަމުން ސަލާމަތްވާން ކޮންމެ އިސްލާމަކަށް މި ސަރަހައްދަށް ވަނުމުގެ ހުއްދަ އެބައޮތެވެ. އެކަމަކު ދުޝްމިނުންގެ ޖާސޫސުންނަށް ކަނޑައެޅިފައިވާ އަދަބަކީ މަރުކަން ހަނދާންކުރާށެވެ.]
އެއީ އަސުރުނަމާދު ވަގުތެވެ. މޫސަ އަސްކޮޅުން ފައިބައިވަޑައިގެންފިއެވެ. އަދި އަސްކޮޅު ބުރިޖުގެ ތަނބެއްގައި ބެންނެވުމަށް ފަހު ކޯރުން ވުޟޫ ކުރައްވައިގެން ނަމާދުކުރައްވާން ހުއްޓިވަޑައިގެންފިއެވެ. އެ ވަގުތު ފަންސަވީހަކަށް ޒުވާނުން ކުއްލިއަކަށް ވަށައިގެން ހުރި ގަސްތަކުގެ ތެރެއިން ނުކުމެ މޫސަ ވަށައިލައިފިއެވެ. މޫސަ ނަމާދުން އަވަދިވެވަޑައިގެން އެމީހުންނަށް ސަމާލުކަން ދެއްވައިފިއެވެ. [އަހަރެންގެ ނަމަކީ މޫސާއެވެ.]
[މޫސާއޭތޯއެވެ؟] ޒުވާނަކު ކުރިއަށް ޖެހިލައި އޭނާގެ މޫނުފުޅަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. [މަނިކުފާނު ޝަހީދުވެވަޑައެއް ނުގަނޭތޯއެވެ؟ މިހައިތަނަށް އުޅުއްވީ ކޮން ތަނަކުތޯއެވެ؟] ޒުވާނާގެ ކަންބޮޑުވުން އޭނާގެ މޫނުމަތީން ވަރަށް ސާފުކޮށް ފާޅުވެގެން ދިޔައެވެ.
[އަހަރެން ފައިންޕުޅު ދެކެން ބޭނުން ވާހަކަ ކަލޭމެންގެ އަމީރަށް ދަންނަވާށެވެ. އަމީރުގެ އިޒުނަފުޅެއްގެ އިންތިޒާރުގައި އަހަރެން މިތާނގައި ހުންނާނަމެވެ.]
ޒުވާނާ ދެންނެވިއެވެ. [މި ވާދީއަށް ވެދެވަޑައިގަންނަވާން ގްރަނާދާގެ ސިންގާއަކަށް އިޒުނަފުޅެއް ބޭނުމެއް ނުވާނެއެވެ.]
އެ ޒުވާނާއަކީ ޖަންގަލިތެރެއިން ނުކުތް ޖަމާއަތުގެ ކޮމާންޑަރެވެ. އޭނާގެ އިޝާރާތަކަށް އެކަކު މޫސާގެ އަރިހަށް ލެފިލައިފިއެވެ. ބާކީ ތިބި ޒުވާނުން ޖކަންގަލިތެރެއަށް ވަދެ ގެއްލިއްޖެއެވެ.
ޖަންގަލި ތެރެއިން ދަތުރުކުރަމުން ގޮސް މެންދަމާ ގާތްވެފައި ހުއްޓައި ކިއްލާއެއްގެ ކައިރިއަށް ދެވިއްޖެއެވެ. މޫސަ ހީފުޅުކުރެއްވި ގޮތާ ޚިލާފަށް ކިއްލާގެ ދޮރާށި ހުރީ ހުޅުވައިފައެވެ. ބޭރުގައި ދެތިން މީހަކު އޭނާގެ އިންތިޒާރުގައި ތިއްބެވެ. އޭގެ ތެރެއިން އެކަކުގެ އަތުގައި އޮތީ ދަންމަރެކެވެ. މޫސަ ދޮރާށްޓާ ކައިރިއަށް ވަޑައިގަތީމާ އެކަކު ކުރިއަށް ޖެހިލައި އޭނާގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިފިއެވެ. މޫސަ އަސްކޮޅުން ފައިބައިވަޑައިގެން ދަންމަރުގެ ފަނޑު އަލީގައި އެމީހާގެ މޫނަށް ބައްލަވައިލެއްވިއެވެ. [ކޮން ބޭފުޅެއްތޯއެވެ؟ ބަޝީރްތޯއެވެ؟] ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ދެ ބޭފުޅުން އޮޅުލައިވަޑައިގެންފިއެވެ. ބަޝީރް ތަކުރާރުކޮށް ކުރައްވަމުން ގެންދެވީ އެންމެ ސުވާލެކެވެ. [މަނިކުފާނު އުޅުއްވީ ކޮންތާނކުތޯއެވެ؟]
[ޚަބަރެއް ވެވަޑައިނުގެން މިހައި ލަސްވީ ކީއްވެގެންތޯއެވެ؟ މިއީ އަނެއްކާ ހުވަފެނެއްތޯއެވެ؟]
ބަޝީރުގެ ގައިކޮޅުން ދޫކޮށްލެއްވުމަށް ފަހު މޫސަ ދެން ތިބި މީހުންގެ މައްޗަށް ސަމާލުކަން ދެއްވައިފިއެވެ. މޫސަޔާ ސަލާންކޮށްލުމަށްޓަކައި ކަޅު ހެދުމެއްގައި، ކަޅު ފޮށަކުން މޫނު ނިވައިކޮށްގެން ހުރި މީހަކު ކުރިއަށް ޖެހިލިއެވެ. މޫސަ، ބަޝީރާ ދިމާއަށް ބައްލަވައިލެއްވީމާ އޭނާ ވިދާޅުވިއެވެ. [މިއީ މަންޞޫރު ބިން އަޙްމަދެވެ.]
މަންޞޫރާ ސަލާންކޮށްލެއްވުމަށް ފަހު އެނބުރިވަޑައިގަތް ވަގުތު މޫސައަށް ފެނިވަޑައިގަތީ އަބޫ މުޙްސިނެވެ. އެއްވެސް ހަރަކާތެއް ނެތިފައި އޭނާ ބައްލަވާން ހުންނެވީއެވެ. މޫސަ އޭނާޔާ ދިމާއަށް އަތްޕުޅު ދިއްކޮށްލައްވަމުން ސުވާލުކުރެއްވިއެވެ. [އޭ އަބޫ މުޙްސިނެވެ. އަހަރެން މިއީ ކާކުކަން ނޭނގުނީ ހެއްޔެވެ؟]
އަބޫ މުޙްސިން މޫސަގެ އަތްތިލަފުޅުގައި ބޮސްދެއްވިއެވެ.
ސަލާންގަލާމަށް ފަހު ހުރިހައި ބޭފުޅުން ކިއްލާއަށް ވެދެވަޑައިގެންފިއެވެ. ބޮޑު ކޮޓަރިކޮޅެއްގައި ފަރީއްކޮޅު ތައްޔާރުކޮށްފައި ހުއްޓެވެ.
މޫސަ ސުވާލުކުރެއްވިއެވެ. [ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ އަދި ފަރީއްނުކުޅައްވައިތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ އިންތިޒާރުގައެވެ.]
[ދޮރުމަތީގައިވެސް އަޅުގަނޑުގެ އިންތިޒާރުގައި ތިއްބެވީމުއެވެ. އަޅުގަނޑު އަންނަކަން އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟]
މަންޞޫރް ވިދާޅުވިއެވެ. [މަނިކުފާނު އަޅުގަނޑުމެންގެ ސަރަހައްދާ ހަތަރު ކޯހުގެ ދުރުމިނުގައި ހުންނަވަނިކޮށް ޚާއްސަ މެހުމާނަކު ވަޑައިގަންނަވާ ޚަބަރު އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. މަޣްރިބު ނަމާދުގެ ކުޑައިރުކޮޅެއް ފަހުން އެ މެހުމާނަކީ ކޮން ބޭފުޅަކުކަންވެސް އެނގިއްޖެއެވެ.]
(ނުނިމޭ)
