އަންދަލުސްގެ ބާޒު – 87

(17 ޖުލައި 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަލްޙަމްރާގެ ތެރެއިން މި ވަގުތު އިވެމުން ދަނީ ގްރަނާދާގެ ސިންގާގެ އެންމެ ފަހުގެ ކޯފާގެ އަޑެވެ. ދަރުބާރީން ނޭވާ ހިފަހައްޓައިލައިގެން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. މޫސާ ބިން ޣައްސާން ވިދާޅުވިއެވެ.

[އޭ ގްރަނާދާގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންގެ މިލައިފައިވާ މޫނުމަތީން ގްރަނާދާގެ ތަގުދީރުގެ ފައިސަލާ އަހަންނަށް ނިކަން ރީތިކޮށް އެބަފެނެއެވެ. ތިޔައީ އަށްސަތޭކަ އަހަރުވާންދެން މި ގައުމުގައި ވެރިކަން ކުރި މީހުންނެވެ. އެކަމަކު އަހަރެންގެ ރޮއިހޭރުމަކުން ތިޔަބައިމީހުންނަށް ކުރާނޭ އެއްވެސް އަސަރެއް ނެތްކަން އަހަންނަށް އެނގެއެވެ. ލަފުޒުތަކަކުން ޖޯޝް ހިލުވައިލެވޭ ކަހަލަ ލެއެއް މިހާރު ތިޔަބައިމީހުންގެ ނާރުތަކަކު ނުހިނގައެވެ. އެ ލޭ މިހާރު ހުރީ ހިކިފައެވެ. އެކަމަކު އަހަރެންގެ އަޑު މި މާލަމުގެ ފާރުތަކުގައި ޖެހިފައި ފަޒާގެ ތެރެއަށް ގޮސް ހުލިވެގެން ހިނގައިދާނޭކަން އެނގިހުރެމެ ތިޔަބައިމީހުންނާ މުޚާތަބުކޮށް ވާހަކަދައްކާން އަހަންނަށް މި ވަނީ މަޖުބޫރު ވެފައެވެ.]

[ލަފުޒުތަކަކީ މަރުވެފައި ތިބޭ ބަޔަކަށް ފޮނި ސަރުބަތަކަށް ވާނޭ އެއްޗެއް ނޫނެވެ. އެކަމަކުވެސް ތިޔަބައިމީހުންގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ދިރުމެއްގެ އަސަރު ހުރިކަމުގައި ވަނީނަމަ އަހަރެންގެ ވާހަކަ ކަނުލައި އަހާށެވެ. ކަލޭމެން އަމިއްލަ އަތުން އަމިއްލަ ކަރު ބުރިކުރަމުން ދިޔައިރު ކޮންމެވެސް މީހަކު އެކަން މަނާކުރާން އުޅުނުކަން އަލްޙަމްރާގެ މި ފުރާނަ ނެތް ފާރުތައް ގިޔާމަތް ދުވަހަކުން ހެކިދޭނެކަން ދަންނާށެވެ. ކަލޭމެން މަރުގެ ނިދީން ނިދާފައި ތިއްބައި ފެނުނީމާ މީހަކު ކަލޭމެންގެ ގައިގައި ހިފައި، ތަޅުވައި ނިދީން ހޭލައްވާން އުޅުނުކަން މި ފާރުތައް ދަންނާނެއެވެ. ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން މާޔޫސުވެ އަމިއްލަ ނަފުސަށްޓަކައި އަރާމާއި އުފާވެރި ދިރިއުޅުން ޚިޔާރުކޮށް، ގައުމުގެ މަތީން ހަނދާން ނައްތައިލީމާ މީހަކު އައިސް އަބުރާއި ޢިއްޒަތާއެކު ޝަހީދުވާނޭ މަގު ކަލޭމެންނަށް ދެއްކިކަން މި ގަނޑުވަރު ދަންނާނެއެވެ. ތިޔަބައިމީހުން ހީކޮށްގެން ތިޔަ ތިބީ ދުޝްމިނުންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި އަމާންދިނީމާ ދިރިއުޅުމުގެ ބާކީ އޮތް ބައި ހިތްހަމަޖެހުމާއެކު އުޅެވިދާނޭ ކަމަށެވެ. އެކަމަކު އަޅުވެތިކަމުގެ ކޮންމެ ހިނދުކޮޅަކީ ތިޔަބައިމީހުންނަށްޓަކައި މަރަށްވުރެ މާ ހިތި ހިނދުކޮޅަކަށް ވާނޭކަން ކަލޭމެންގެ ހަނދާނުން ފުހެވިގެން ހިނގައްޖެއެވެ. މި ބިމުގައި އެބައިމީހުންގެ ގަބުރުތައް ވަޅުލެވިފައިވާ ކާބަފައިންނާއި ތިޔަބައިމީހުން ގިޔާމަތްދުވަހުން ބައްދަލުވާހިނދު ލަދު ނުގަންނާނޭ ނަމަ، އެންމެ ކުޑަމިނުން އަންނާން އޮތް ޖީލުގެ މީހުން ތިޔަބައިމީހުންނާމެދު ވިސްނާނޭ ގޮތަކާމެދު ފިކުރުކޮށްބަލާށެވެ. މި ސަރުކާރާއި ދައުލަތް ތިޔަބައިމީހުންނާ ހަމައަށް ގެނެސްދިނީ ކާބަފައިންނެވެ. ތިޔަބައިމީހުން އަންނާން އޮތް ނަސްލާ ހަމައަށް ފޯރުކޮށްދޭ އެއްޗަކީ ކޮބައިހެއްޔެވެ؟ އަޅުވެތިކަމާއި އަގުވެއްޓުމާއި ނިކަމެތިކަން ހެއްޔެވެ؟]

[ތިޔަބައިމީހުން ހަތިޔާރު ބަހައްޓައިފިނަމަ ހަމައެކަނި ފާއިތުވެދިޔަ އަހަރުތަކުގައި އަހަރެމެން ވީ ގުރުބާނީ ބޭކާރު ގުރުބާނީއަކަށް ވެގެން ދާނީއެއް ނޫނެވެ. ޠާރިޤް ބިން ޒިޔާދުގެ ދުވަސްވަރުން ފެށިގެން މިހައިތަނަށް އިސްލާމުން މި ބިމަށް އޮހޮރިހައި ލެއެއްވެސް ބޭކާރުވެގެން ހިނގައިދާނެއެވެ. ޝަހީދުވެގެން ދިޔަ މުޖާހިދުންގެ ރޫޙު އެތިބީ ބަލާށެވެ. އެމީހުންގެ އަގު ވައްޓައިނުލާށެވެ. މިއަދުވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެންނަށް މި ހަނގުރާމަ ކާމިޔާބުކުރެވޭނެއެވެ. ތިޔަ ބުނަނީ ގްރަނާދާގެ ރައްޔިތުން ބަނޑަށް ތިބި ވާހަކައެއް ނޫން ހެއްޔެވެ؟ ފިނޑި މީހުން ހިތްވަރު ގަދަކޮށް، ހިތްވަރު ގަދަ މީހުން ފިނޑިކުރަނީ ބަނޑުހައިހޫނުކަމުން ހެއްޔެވެ؟ ތިޔަބައިމީހުން ހިތްވަރު އެލުވައިނުލާނަމަ ރައްޔިތުން މިއަދުވެސް އެ ތިބީ ހަނގުރާމަކުރަން ތައްޔާރަށެވެ. އަހަރެމެންގެ އެންމެ ސާޅީސް ހާސް މުޖާހިދުން ގޮސް ލޯޝާގެ ބިޔަ ލަޝްކަރު ބަލިކުރީ އިހަކަށް ދުވަހުއެވެ. އެއް ލައްކަ މުޖާހިދުންނަށް ގްރަނާދާ ދިފާއު ނުކުރެވޭނެ ހެއްޔެވެ؟ މިހައި ތަނަށް އަހަރެމެން މިތިބީ ގްރަނާދާގެ ހަތަރު ފާރުގެ އެތެރޭގައި ރައްކައުތެރިވެގެންނެވެ. ދެން ކުރާންވީ ކަމަކީ ކަފުން ބަނދެގެން މައިދާނަށް ނުކުތުމެވެ. އަހަރެމެންނަށް ކާމިޔާބީ މިންވަރު ކުރައްވައިފިނަމަ މިނިވަންކަން ދެމި އޮންނާނެއެވެ. ޝަހީދުވެއްޖެނަމަ އަހަރެމެންގެ ފަސްބަޔަކު ލަދުވެތިކަމުގެ ލައްގަނޑެއް ނުޖެހޭނެއެވެ. ކާބަފައިންގެ އިއްޒަތާއި އަބުރުވެރިކަމާއި ހިތްވަރުގަދަކަން ބިންވަޅު ނެގިފައިވާ މި ބިމުން އަހަރެމެންގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެވޭ ތަނެއް ނުދެކޭނެއެވެ. އަހަރެމެންގެ ކާބަފައިންގެ ވިދަވިދާ ހުރި ކަނޑިތައް ދުށް ފަޒާ، އަހަރެމެންގެ ފައިގައި ހިލިހިލާ ޖެހިފައި ވަނިކޮށެއް ނުދެކޭނެއެވެ. ގިޔާމަތް ދުވަހަކުން ފެންނާނީ އަހަރެމެންގެ ފަސްބައި ޝަހާދަތުގެ ލެއިން ކަޅިވެފައި ވަނިކޮށެވެ. އަޅުވެތިކަމުގެ ކަޅު ލައް ޖެހިފައި ވަނިކޮށެއް ނޫނެވެ.]

ނުފޫޒު ގަދަ އަމީރަކު ތެދުވެފައި ބުނެފިއެވެ. [މަނިކުފާނު ޖަޒުބާތުގެ އޮއިވަރުގައި ބެހިވަޑައިގަންނަވަނީއެވެ. މަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ހިތި ހަގީގަތްތައް ހަނދުމަފުޅު ނައްތަވައި ނުލައްވާށެވެ. ހަމައެކަނި ލަފުޒުތަކަކުން ތަނެއް ފަތަހަވެސް އަދި ދިފާއުވެސް ނުކުރެވޭނެކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ.]

މޫސާ ބިން ޣައްސާންގެ އަޑުފުޅު ހީވީ ގުގުރިއެއްގެ އަޑުހެންނެވެ. [އިށީންނާށެވެ. ހިތި ހަގީގަތްތައް ހަނދާން ނައްތައިލީ ކަލެއެވެ. އަހަންނެއް ނޫނެވެ.]

އެ އަމީރު އިށީނުމާއެކު ދަންނަބޭކަލަކު ތެދުވެއްޖެއެވެ. [މޫސާއެވެ. އަމިއްލައަށް މަރުވެގަތުމަކީ އަޅުގަނޑުމެންގެ ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ﷲގެ އިރާދަފުޅުގެ ކުރިމަތީގައި އަޅުގަނޑުމެންނަކަށް ދެއްކޭނޭ ގަދައެއް ނޯންނާނެއެވެ. ތަގުދީރުގައި ލިޔުއްވައިފައިވާ ކަމެއް ފޮހެލެވޭނޭ އެއްވެސް މީހަކު ނުހުންނާނެއެވެ.]

ކޯފާގެ ސަބަބުން މޫސާގެ ހަށިކޮޅު ތުރުތުރުއަޅާން ފަށައިފިއެވެ. [އަޅުވެތިކަމާއި ނިކަމެތިކަމުގެ ބަދަލުގައި ޝަހީދުވުން އެއީ އަމިއްލައަށް މަރުވުން ކަމަށް ކަލޭ ދެކެނީ ހެއްޔެވެ؟ މިއީ އައު ކަމެއް ނޫނެވެ. ޠާރިޤް އަންދަލުސްގެ އައްސޭރިއަށް ފައިބައިވަޑައިގެން ނައުފަހަރު އަންދައިލެއްވުމަށް ފަހު ކުރިއަށް ދާން އެމަނިކުފާނުގެ ބައިވެރިންނަށް އެންގެވީމާ ކަލޭ ކަހަލަ ދުރުވިސްނޭ މީހުން ބުނީ އެއީ އަމިއްލައަށް މަރުވުން ކަމުގައެވެ. ކަލޭވެސް ދެކެނީ ހަނގުރާމަކޮށް ޝަހީދުވުމަކީ އަމިއްލައަށް މަރުވުން ކަމުގައެވެ. ޠާރިޤާއި އަބުލްޙަސަނާ ދެ ބޭފުޅުންނަކީވެސް އަހަރެމެން ކަހަލަ އާދައިގެ ދެ އިންސާނުންނެވެ. އަބުލްޙަސަން ލޯޝާއާ ހަމަލަދެއްވުމަކީވެސް އަމިއްލައަށް މަރުވުން ކަމަށް ކަލެއަށް ފެނުނެއް ނޫން ހެއްޔެވެ؟ އެކަމަކު ހަނދާނަށް ގެންނާށެވެ. ބަދްރުގެ މައިދާނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ތިން ސަތޭކަ ތޭރަ މުޖާހިދުންނާއެކު މުޝްރިކުންނާ ހަނގުރާމަ ފެއްޓެވީމާ މުނާފިގުންގެ ފިތުނައިގައި ޖެހުނު ބައެއް މީހުންނަށް މުޝްރިކުންގެ އަދަދު ގިނަކަން ފެނިފައި އިސްލާމްދީނުގެ ބައްތިއަކަށް ކާފަރުންގެ ތޫފާނާ ކުރިމަތިލުމަކީ ކުރެވޭނޭ ކަމެއް ނޫނޭ ބުނަމުން ދިޔައެއް ނޫން ހެއްޔެވެ؟ ކަލޭ އީމާންވަނީ ކޮން ކަލަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ދަންނަނީ އެންމެ ކަލެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަހަރެން ކިޔަމަންވަނީ އެކަލާނގެ އަމުރުފުޅަށެވެ. އެކަލާނގެ އަމުރުފުޅުގެ ކުރިމަތީގައި އިސްޖަހައިލާން އަހަރެން ދަންނަމެވެ. އަހަރެން އީމާންވާ ﷲއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ކީރިތި ޤުރްއާން ބާވައިލެއްވީ ކަލާނގެއެވެ. އެއީ ނޫޙުގެފާނުގެ ނައުކޮޅު ތޫފާނުން ސަލާމަތްކޮށްދެއްވި ކަލާނގެއެވެ. އެއީ ކިސްރާއާއި ޤައިސަރުގެ ތާޖު ސަހަރާގައި ދިރިއުޅުނު އިސްލާމުންގެ ފައިތިލަދަށަށް ވައްޓަވައިލެއްވި ކަލާނގެއެވެ. އަހަންނަށް ލިބިފައިވާ ތައުލީމަކީ ﷲގެ ލޮބުވެތި ނަބިއްޔާގެ ތައުލީމެވެ. އެ ތައުލީމުގައި ބުނަނީ މުއުމިނަކު ޖިހާދުކޮށް، ދިރިހުރެއްޖެނަމަ ޣާޒީއަކަށް، މަރުވެއްޖެނަމަ ޝަހީދަކަށް ވާނޭ ކަމުގައެވެ. އެކަލާނގެއަށް އީމާންވާ މީހުން ދިރިއުޅެނީ ކަނޑީގެ މިޔަމަތީގައެވެ. އެއީ އަޅުވެތިކަމުގެ ހިލިހިލާގެ ބުރަ އުފުލާ ބައެއް ނޫނެވެ. އެކަލާނގެ ރުއްސަވާ ގޮތަކީ ކަފުން ބަނދެގެން މައިދާނަށް ނުކުތުމެވެ. ދުނިޔޭގެ އެންމެ ކޮޅަށް ދާން ޖެހުނަސް އަނިޔާވެރިކަމާއި އަޅުވެތިކަމާއި ޖަހާލަތާ ދެކޮޅު ހެދުމެވެ.]

[ގްރަނާދާގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންގެ ލޮލުން ފައިބަމުންދާ ކަރުނަ އަހަންނަށް އެބަ ފެނެއެވެ. އެކަމަކު ގްރަނާދާއަށް ބޭނުންވަނީ ކަރުނައެއް ނޫނެވެ. ލެއެވެ. ގައުމުތަކުގެ އަބުރުގެ ފަސާނާ ލިޔަނީ ކަރުނައަކުންނެއް ނޫނެވެ. ލެއިންނެވެ.]

[ތިޔަބައިމީހުންނަކީ ގައުމުގެ ލީޑަރުންނެވެ. މަގުދައްކާ އާރުކާޓީންނެވެ. ގައުމު ވަނީ އެބައި މީހުންގެ ކުރިމަގު އޮންނާނޭ ގޮތް ނިންމުމުގެ އިޚްތިޔާރު ތިޔަބައިމީހުންނަށް ދީފައެވެ. ތިޔަބައިމީހުން އަޅާ ކޮންމެ ނުބައި ފިޔަވަޅެއްގެ ހިތި ނަތީޖާ ދެކޭނީ ގައުމުގެ ރައްޔިތުންނެވެ. ގުދުރަތީ ގާނޫނުގައި ފަރުދީ ކަތި ފިޔަވަޅުތަކަށް މައާފު ލިބުން އޮވެއެވެ. އެކަމަކު ގިނަ ބަޔަކު ބައިވެރިވެގެން ކުރާ ނުބައި ކަންތައްތަކަކީ މައާފު ހައްގު ކަމެއް ނޫނެވެ. ތިޔަބައިމީހުން ގެނބިގެން ދާން ބޭނުންނަމަ އެކަން ކުރާށެވެ. އެކަމަކު ﷲއަށްޓަކައި ބުނަމެވެ. ގެނބިގެން ދިއުމުގެ މަޝްވަރާ ގައުމަށް ނުދޭށެވެ. ތިޔަބައިމީހުންނަށް ވަނީ ހުރިހައި ވަސީލަތެއް ލިބިފައެވެ. މުސީބާތެއް ލައިގަތީމާ ގްރަނާދާ ދޫކޮށް ބޭނުން ކޮންމެ ތަނަކަށްވެސް ދެވިދާނެއެވެ. އެކަމަކު އާއްމު ރައްޔިތުން ދާނޭ ތަނެއް ނޯންނާނެއެވެ. އެހެންވީމާ އެމީހުންނަށް އެފަދަ ނިކަމެތި ހާލަތެއް މެދުވެރި ނުކުރާށެވެ.]

މޫސާ އިށީނދެވަޑައިގެންފިއެވެ. މާލަމަށް ހިމޭންކަން ވެރިވެއްޖެއެވެ. ހާޒިރުވެ ތިބި މީހުން އިރުކޮޅެއް ވާންދެން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. އެންމެ ފަހުން އަބުލްޤާސިމް ތެދުވެއްޖެއެވެ.

[ގައުމުގެ ބޮޑުންނޭވެ. ގްރަނާދާގެ ނަސީބުގެ ފައިސަލާކުރެއްވުން މިހާރު އޮތީ ތިޔަ ބޭފުޅުންގެ އަތްޕުޅުގެ މަތީގައެވެ. ތިޔަ ބޭފުޅުން ނިންމެވި ގޮތުގެ މަތީން އަޅުގަނޑު ދުޝްމިނުންނާ ސުލްހައިގެ ވާހަކަދެއްކީމެވެ. ދުޝްމިނުން ހުށަހަޅާފައިވާ ޝަރުތުތައް ގަބޫލުފުޅު ކުރެއްވުމާއި ނުކުރެއްވުން އޮތީ ތިޔަބޭފުޅުންނަށެވެ. މި ހާލަތުގައިވެސް ހަނގުރާމައަށް ނުކުތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ތިޔަ ބޭފުޅުން ނިންމަވައިފިނަމަ އެ ނިންމެވުމަށް އަޅުގަނޑު މަރުހަބާ ކިޔާނަމެވެ. އެކަމަކު ހިތްޕުޅު ކިލަނބުވެފައިވާނަމަ ދަންނަވަންތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި ސުލްހަވެރިވާން އެމީހުން ހުށަހަޅައިފައިވާ ޝަރުތުތަކަކީ އަޅުގަނޑުމެންނަށް ލިބުނު ޣަނީމާއެކެވެ. ފަރުދީ ހައިސިއްޔަތުން އަޅުގަނޑު މޫސާގެ ވާހަކަފުޅަށް ތާއީދުކުރަމެވެ. އެކަމަކު ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު ބަލާނީ ތިޔަ ބޭފުޅުން ނިންމަވާ ގޮތަކާއިގެން ކުރިއަށް ދާށެވެ. ގްރަނާދާގެ ރައްޔިތުންގެ ލީޑަރުންކަމުގައިވާ ހުރިހައި އަމީރުންނާއި ދަންބޭކަލުން މިހާރު މިތާނގައި އެބަތިއްބެވިއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ކުރިއަށް ގެންދާން ތިޔަ ބޭފުޅުން ނިންމަވައިފިނަމަ ރައްޔިތުން ކިތަންމެ ދެރަ ހާލަތެއްގައި ތިބި ނަމަވެސް، އަނެއްކާވެސް މުޅި ގައުމު އެކީގައި އެއް އަޒުމަކާއެކު ތެދުވާނެއެވެ. އެކަމަކު ތިޔަ ބޭފުޅުން ތިއްބެވީ ސުލްހައިގެ ޝަރުތުތައް ގަބޫލުފުޅު ކުރައްވައިގެން ކަމުގައި ވަނީނަމަ ރައްޔިތުންނާއި ސިފައިންގެ ކިބައިން އެ ނޫން ގޮތަކަށް އެދިވަޑައިގަތުމަކީ ފައިދާއެއް ކުރާނޭ ކަމެއް ނޫނެވެ. ވަކި ގޮތަކަށް ނިންމެވުމުގައި ﷲ ތިޔަ ބޭފުޅުންނަށް ހެޔޮ ވިސްނުންފުޅު މިންވަރުކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަމެވެ.]

ބަރްބަރީ އަމީރަކު ތެދުވެއްޖެއެވެ. [މާޔޫސީގެ ހާލަތުގައިވެސް ހަނގުރާމައިގައި އަޅުގަނޑުމެން އެއްބާރުލުން އެރުވިކަން މޫސާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެކަމަކު މި ވަގުތު ހާލަތު އޮތް ގޮތަށް ބަލާއިރު ހަގީގަތުގެ މައްޗަށް ފަރުދާ ވައްޓައިލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ހަނގުރާމަ ކުރިއަށް ގެންގޮސްފިނަމަ ދެ ނަތީޖާއިންކުރެ އެއް ނަތީޖާއެއް ނުކުންނާނެއެވެ. އެއް ނަތީޖާއަކީ ފުރިހަމަ ފަތަހައެކެވެ. އަނެއް ނަތީޖާއަކީ ފުރިހަމަ ބަރުބާދީއެވެ. ހަލާކެވެ. ފަތަޙައިގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެކަމަކު ސުލްހަވުމުގައި، ބަރުބާދީން ސަލާމަތްވުމުގެ ފުރުސަތު އެބައޮތެވެ.]

އެހެން އަމީރަކު ތެދުވެ ބަރްބަރީއަށް ތާއީދުކޮށްފިއެވެ. އޭގެ ފަހުން ދަންނަބޭކަލުން އެކަކަށް ފަހު އަނެކަކު ތެދުވެ ތާއީދުކުރާން ފަށައިފިއެވެ. އެމީހުން ބުނަމުން ދިޔައީ މިއީ ﷲގެ އިރާދަފުޅުކަމަށާއި އިރާދަފުޅު މުގުރައިލުމަކީ އެކަކަށްވެސް ކުރެވޭނޭ ކަމެއް ނޫން ކަމުގައެވެ.

ގްރަނާދާގައި އިސްލާމްދީނާ ބެހޭ ގޮތުން އެތައް ފޮތެއް ލިޔެފައިވާ މުފްތީއަކު ތެދުވެ ބުނެފިއެވެ. [ކްރިސްޓިއަނުންނަކީ މި ވަގުތު އަޅުގަނޑުމެންގެ ދުޝްމިނުން ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ސުލްހައިގެ ފަހުން އަމާންކަމާއެކު އިސްލާމްދީން ފެތުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ދާނެއެވެ. މިހާރު އަޅުގަނޑުމެންގެ ވަށައިގެން ލެވިފައިވާ ނަފުރަތުގެ ބޯ ފާރު އަމިއްލއަށް ވެއްޓިގެން ހިނގައިދާނެއެވެ. އިސްލާމް ދީނުގެ ދުޝްމަނުންނަކީ އެ ދީނުގެ އެންމެ ވަރުގަދަ ސިފައިން ކަމުގައި ވެގެންދާނޭ ދުވަސް އަޅުގަނޑަށް އެބަ ފެނެއެވެ.]

ގްރަނާދާގެ ދަރުބާރުގައި ގިނަ ދުވަހު އުޅުުގެ ސަބަބުން ނުފޫޒާއި ބާރު ވަރަށް ގަދަވެފައިވާ ކޯރްދޮބާގެ މުހާޖިރަކު ތެދުވެ މުފްތީގެ ވާހަކައަށް ތާއީދުކޮށް ވާހަކަދައްކައިފިއެވެ.

(3)

ތަގުރީރުގެ ސިލްސިލާ މެންދުރުފަހާ ހަމައަށް ދިގުދެމިގެން ދިޔައެވެ. ގްރަނާދާގެ އަމީރުންނާއި ދަންނަބޭކަލުންގެ އެންމެން ސުލްހަވާން ތާއީދުކޮށްފިއެވެ. އެންމެން ވާހަކަދައްކައި ނިމުނީމާ އަބުލްޤާސިމް އަނެއްކާވެސް ތެދުވެ އަބޫ ޢަބްދުﷲއާ ދިމާއަށް ބަލައިލިއެވެ. ބަދުނަސީބު ގައުމުގެ އެންމެ ފަހުގެ ރަސްގެފާނު އިސްދަށަށް ޖަހައިލައިގެން އިނެވެ. އަބުލްޤާސިމް ބުނެފިއެވެ. [މަތިވެރިވެގެންވާ ރަސްގެފާނެވެ. ގައުމުގެ ލީޑަރުންގެ ނިންމެވުމަކީ ދުޝްމިނުންނާއެކު ސުލްހަވެރިވުމެވެ. ދުޝްމިނުން ހުށަހަޅައިފައިވާ ޝަރުތުތައް ގަބޫލުކުރުމެވެ. ރަދުންގެ އަމުރުފުޅަކީ ކޮބައިތޯއެވެ؟]

އަބޫ ޢަބްދުﷲ އިންތިހާއަށް ގޮތް ހުސްވެފައިވާ ނަޒަރަކުން ދަރުބާރީންނާ ދިމާއަށް ބަލައިލިއެވެ. މޫސާ ފިޔަވައި އެހެން އެންމެންގެ މޫނުމަތީން ފެންނަނީ މާޔޫސީގެ އަސަރެވެ. އަބޫ ޢަބްދުﷲ ހިތާމަވެރި ރާގަކަށް ބުނެލިއެވެ. [އަހަރެން ހީކުރީ މޫސާގެ ތަގުރީރަށް ފަހު ގައުމުގެ މިތިބަ ލީޑަރުން ޚިޔާލު ބަދަލުކުރާނޭ ކަމަށެވެ. އެކަމަކު އެހެންނެއް ނުވިތާއެވެ. ޚުދު އަހަރެންގެ އަމިއްލަ އަތުން ރޯކުޅަ އަލިފާންގަނޑު ނިއްވައިލެވޭނޭ އެއްވެސް ގޮތެއް ނެތި ނިމުނީއެވެ.] އިތުރަށް ވާހަކަދައްކާން އަބޫ ޢަބްދުﷲ އުޅުނެވެ. އެހެންނަމަވެސް އަޑު ކުރެހި އަރު ބެދޭގޮތް ވުމުން ވާހަކައެއް ނުދެއްކުނެވެ.

އަބުލްޤާސިމް މޫސާއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުފުޅުން މިހާރުވެސް ފެންނަނީ ކޯފާގެ އަސަރެވެ. އަބުލްޤާސިމް އަހައިލިއެވެ. [މޫސާ އިތުރު ވާހަކަފުޅެއް ދައްކަވަން ބޭނުންފުޅުތޯއެވެ؟]

މޫސާ ހިނދުކޮޅަކު ހިމޭނުން އިންނެވުމަށް ފަހު ވިދާޅުވިއެވެ. [މިއީ އަހަރެން ތިޔަބައިމީހުންނާ ދައްކާ އެންމެ ފަހުގެ ވާހަކައެވެ. މީގެ ފަހުން އަހަރެންގެ އަޑު ތިޔައިން އެއްވެސް މީހަކަށް ނީވޭނެއެވެ. މިއަދުން ފެށިގެން އަހަންނާއި ތިޔަބައިމީހުންގެ މަގު ތަފާތުވީއެވެ. އަބުރުވެރިކަމާއެކު ޝަހީދުވުމުގައި ބައިވެރިވާން އަހަރެން މިހާރުވެސް މިހިރީ ތައްޔާރަށެވެ. އެކަމަކު އަޅުވެތި ދިރިއުޅުމެއްގައި އަހަރެން ބައިވެރިއެއް ނުވާނަމެވެ. ތިޔަބައިމީހުން ދެކޭ ގޮތުގައި ފެރްނާންދޯގެ ސުލްހައިގެ މެސެޖަކީ އަމާންކަމާއި އެކުވެރިކަމުގެ މެސެޖެކެވެ. ތިޔަބައިމީހުންނަށް ވިސްނޭ ގޮތުގައި އަމިއްލަ މިނިވަންކަން ދުޝްމިނުންނާ ހަވާލުކުޅައީމާ ހިތްހަމަޖެހުމާއި އަރާމާއެކު މިނިވަން ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބޭނެއެވެ. އަމިއްލަ ނަފުސަށް އޮޅުވައިނުލާށެވެ. އެވާހަކަތަކަކީ އެ ވާހަކަތައް ލިޔެފައި އެހެރަ ކަރުދާސްހައި ވަގުތީ އެއްޗެކެވެ. ފެރްނާންދޯގެ އަޅުވެތިކަމަށް ތިޔަބައިމީހުން ވެއްޓިގަތީމާ ވާނޭ ގޮތް ހިތަށް ގެނައީމާވެސް އަހަރެންގެ ފުރާނައަށް ދާންދެން އެބަ ރޫރުއަޅައެވެ. އޭނާގެ ބާރުގެ ދަށަށް ގްރަނާދާ ގެނެވުމާއެކު ހުށަހަޅައިފައި ތިޔަހަރަ ހުރިހައި ޝަރުތެއްގެ މަފުހޫމު މުޅީން ބަދަލުވެގެން ހިނގައިދާނެއެވެ. ތިޔަބައިމީހުން ހީކުރަނީ ފެރްނާންދޯގެ ފާރަވެރިކަމުގައި އަރާމުކޮށް ނިދިދާނެ ކަމަށް ހެއްޔެވެ؟ ގެދޮރުން ނެރެލެވި އަޅުވެތިކަމުގެ ތެރެއަށް ވެއްޓުނީމާ އިސްލާމްދީނަށް ޚިދުމަތް ކުރެވިދާނޭ ކަމަށް ދެކެނީ ހެއްޔެވެ؟ ހަނދާންކުރާށެވެ. ފެރްނާންދޯގެ ވެރިކަން ގްރަނާދާގައި ގާއިމު ކުރެވުނީމާ ދުނިޔެ މިހައިތަނަށް ދެކެފައި ނުވާފަދަ އަނިޔާވެރިކަމާއި ވަހުޝިއްޔަތުގެ މަންޒަރުތައް ތިޔަބައިމީހުން ދެކޭނޫއެވެ. ﷲއާއި އެކަލާނގެ ރަސޫލާގެ ނަންފުޅު ގަނެވޭ ދޫތައް ބުރިކޮށްލެވޭނެއެވެ. މިސްކިތްތަކުގެ ހުރުމަތް ކަނޑައިލެވޭނެއެވެ. ގެތައް ލޫޓުވޭނެއެވެ. އަނބިދަރިންގެ އިއްފަތްތެރިކަން ނަގައިލެވޭނެއެވެ. އަންހެން ދަރިން ބާޒާރުގައި ވިއްކާ މަންޒަރު ފެންނާނެއެވެ. ކަނޑީގެ ބާރުގައި ތިޔަބައިމީހުން ކްރިސްޓިއަން ދީނަށް ވައްދާނެއެވެ. ތިޔަބައިމީހުންގެ ޖަގަހައަކަށް ވާނީ މި އާލީޝާން ގަނޑުވަރުތަކެއް ނޫނެވެ. އެންމެން އުކައިލެވޭނީ ހުރަގެތަކަށެވެ. މި ބިން ތިޔަބައިމީހުންގެ ކަރުނަ ދެކޭނެއެވެ. ބޯމަތީގައި މި އޮތް އުޑު ތިޔަބައިމީހުންގެ އާހުގެ އަޑު އަހާނެއެވެ. އެ މަންޒަރުތައް ދެކޭކަށް އަހަންނެއް ނުހުންނާނަމެވެ. މިނިވަންކަމުގެ މަރު އަހަންނަށް މާ ފަސޭހައެވެ. އަޅުވެތިކަމުގެ ދިރިއުޅުން ކަލޭމެންނަށް މާ ރަނގަޅެވެ. އަހަރެން މި ދަނީއެވެ. މީގެ ފަހުން ތިޔަބައިމީހުން ކުރެ އެކަކަށްވެސް އަހަރެން ނުފެންނާނެއެވެ.]

ދިގު ފިޔަވަޅުފުޅުތަކެއް އަޅުއްވަމުން ވަޑައިގެން މޫސާ އެ ކޮޓަރިކޮޅުން ނުކުމެވަޑައިގެންވިއެވެ. ދާރުލްއަސްވަދުގެ ދޮރާށިދޮށުގައި އަބޫ ޢަބްދުﷲގެ މަންމާފުޅާއި އަނބިކަނބަލުން ތިއްބެވިއެވެ. ދެ ބޭފުޅުންގެ ލޯފުޅުން ކަރުނަފޮދު އޮހެނީއެވެ. މޫސާ ހިނދުކޮޅަކު އެ ބޭފުޅުންނާ ދިމާއަށް ބައްލަވަން ހުންނެވުމަށް ފަހު ކުރިއަށް ވަޑައިގެންފިއެވެ.

އޭގެ އިރުކޮޅެއް ފަހުން ގަނޑުވަރުގެ ދޮރާށިދޮށަށް މީހުން ޖަމާވެއްޖެއެވެ. މޫސާ އޭނާގެ ރީތި އަސްކޮޅުގައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ ވަނީ މުޅި ހަށިކޮޅު ފޮރުވޭވަރަށް ދަގަނޑު ދަހަނާ އަޅުއްވައިފައެވެ. އޭނާ ނުކުމެވަޑައިގަތީމާ މީސްތަކުން ކެވިއަރައިގެން ދިޔައެވެ. އޭނާ އެއްވެސް މީހަކާ ވާހަކަފުޅެއް ނުދައްކަވައެވެ. އަސްކޮޅު ދުއްވައިލެއްވީ ސަހަރުގެ މައި ދޮރާށްޓާ ދިމާއަށެވެ. ދޮރާށިން ނުކުމެވަޑައިގަތުމަށް ފަހު ވަޔާ ވާހަކަގޮވަމުން އަސްކޮޅު ދުއްވައިގެންފިއެވެ. މާ ގިނަ އިރުތަކެއް ނުވެ ހިރަފުހުގެ ވިލާތަކުގެ ތެރެއަށް ގޮސް އޮބައިލައިފިއެވެ.

ގްރަނާދާގެ ސިންގާއަށް ވީ ގޮތެއް މިއަދާ ހަމައަށް އެއްވެސް މީހަކަށް ނޭނގެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ޖެނިލް ކޯރުގެ އައްސޭރީގައި ފެރްނާންދޯގެ ލަޝްކަރާ ހަނގުރާމަ ކުރައްވައި އޭނާ ޝަހީދުވެވަޑައިގަތީއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އޭނާ އެ ވަޑައިގެންނެވި ގޮތަށް ވަޑައިގެން ފެރްނާންދޯގެ ލަޝްކަރުގެ ތެރެއަށް ވެދެވަޑައިގެން އެތައް ބަޔަކު މެރުއްވުމަށް ފަހު އިންތިހާއަށް ޒަޚަމްވެވަޑައިގެން އެ ހާލުކޮޅުގައި ޖެނިލް ކޯރަށް ފުންމަވައިލެއްވީއެވެ. 1

(4)

އަލްޙަމްރާގައި ހިނގައިދިޔަ ކަންތައްތައް ރައްޔިތުންނަށް ސިއްރު ކުރެވޭ ގޮތެއް ނުވިއެވެ. ސަހަރުގެ ޒުވާނުން އޭރުވެސް ތިބީ އެމީހުންގެ ކޮމާންޑަރަކީ މޫސާ ކަމަށް ބަލައިގެންނެވެ. އެހެންވީމާ ޒުވާނުން ސަހަރުގެ އަމީރުންނާ ދެކޮޅަށް ތެދުވެއްޖެއެވެ. ލަޝްކަރުގެ ބައެއް މީހުން ސުލްހައިގެ އެއްބަސްވުމާ އެއްކޮޅަށް ޖެހުނު ކަމުގައި ވިޔަސް ގިނަ މީހުން ތިބީ ހަނގުރާމައަކާ ނުލައި ބަލި ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

(ނުނިމޭ)


1 -  މޫސާ ބިން ޣައްސާން ހިމެނިވަޑައިގެންފައިވަނީ އާދަޔާ ޚިލާފު ބޭފުޅެއް ކަމަށް ބަލައި، އަދިވެސް އޭނާ އަވަހާރަނުވާ ކަމަށް ބަޔަކު ގަބޫލުކުރާ މަދު ބޭފުޅުންގެ ތެރޭގައެވެ. މޮރޮކޯއަށް ވަޑައިގެން އެބައިމީހުންނަށް އެހީތެރިވެވަޑައިގަތުމުގެ ބޭނުންފުޅުގައި މޫސާ ލަޝްކަރެއް ތައްޔާރުކުރައްވަނީ ކަމަށް ގްރްނާދާގެ ރައްޔިތުން އުއްމީދުކޮށްގެން ތިއްބެވެ. ކްރިސްޓިއަން މުވައްރިޚެއް ކަމުގައިވާ ފްރޭ އެންޓޯނިއޯ އަގަޕިޑާ ލިޔެފައިވާ ގޮތުގައި އެއް ދުވަހަކު ހަވީރު ފެރްނާންދޯގެ ލަޝްކަރުގެ ލޮންސިވެރިން ފަހުލަވާނަކު ވަށައިލިއެވެ. ކާކުތޯ އޮޅުންފިލުވާން އެމީހުން ސުވާލުކުރަން ފެށީމާ ޖަވާބު ދިނުމުގެ ބަދަލުގައި އެ ފަހުލަވާނަކު އެމީހުންނަށް ހަމަލަދީފިއެވެ. ފުރަތަމަ އެތިފަހަރުގައި ފެރްނާންދޯގެ ނައިޓަކު މަރައި ވައްޓައިލިއެވެ. އޭގެ ފަހުންވެސް ކްރިސްޓިއަން ލަޝްކަރުގެ އެތައް ބަޔަކު މަރައިފިއެވެ. އެތައް ޒަޚަމަކާއެކުވެސް އެ ފަހުލަވާނަކު ދުލެއް ނުކުރެއެވެ. ކަނޑި އަތުން ދޫވީމާ ޚަންޖަރުންވެސް ހަމަލަދެމުން ގެންދިޔައީއެވެ. އަތްފައި ވާޅުވެ ހަކަތަ ހުސްވީމާވެސް އެ ފަހުލަވާނަކު ކްރިސްޓިއަނުންގެ އަތްދަށުވާކަށް ބޭނުމެއް ނުތްވެވެ. އެހެންވީމާ ޖެނިލް ކޯރަށް ފުންމައިލީއެވެ. ވެފައިވާ ޒަޚަމްގެ ބޮޑުކަމުންނާއި ދަގަނޑު ދަހަނާގެ ބަރުކަމާހުރެ އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. ކޯރުގެ ރާޅުތަކާއެކު ދިޔަ ދިމާއަކަށް ހިނގައްޖެއެވެ. ކްރިސްޓިއަން ލަޝްކަރުގެ މީހުން އެ ފަހުލަވާނުގެ އަސް ގެންދިޔައީއެވެ. ހަނގުރާމައިގައި ހައްޔަރުކޮށްފައި ތިބި އިސްލާމީ ގައިދީންނަށް އެ އަސް ދެއްކީމާ އެއީ މޫސާ ބިން އަބީ ޣައްސާންގެ އަސްކޮޅުކަން ކަށަވަރު ކަމުގައި އެ މީހުން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.