(16 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެ ވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހައިލިއެވެ. އެންޖެލާ ހާސްވެފައި ދޮރު ހުޅުވައިލިއެވެ. މާރިޔާ އެތެރެއަށް ވަން ގޮތަށް އަމުނައިގެންފިއެވެ. [އެންޖެލާއެވެ. މެހުމާނުންގެ ކުރިމަތީގައި އަހަރެމެން ލަދުނުގަންނަވާށެވެ. އެ މީހުން ދިއުމުގެ ކުރިން އެތަނުން ނުކުމެގެން އައިސްގެން ނުވާނެކަން ނޭނގެނީ ހެއްޔެވެ؟ ކަލޭ ބޮލުގައި ރިއްސާތީ ނީނދެވިގެން އައީއޭ ބުނެ ބަހަނާ ދެއްކުން ނޫން ކަމެއް އަހަންނަކަށް ނުކުރެވުނެވެ. ހުރިހައި މެހުމާނުން ހިނގައްޖެއެވެ. ޖޯން މައިކަލް ބޭނުންވަނީ ކަލެޔާ ވާހަކަދައްކައިލާށެވެ. ކޮޓަރިއަށް ދާށެވެ. އަހަރެން އޭނާ ގޮވައިގެން އެބަ އަންނަމެވެ.]
އެންޖެލާ ބުންޏެވެ. [އޭނާ އިނީ ބޮއިގެން އަމަލުވެފައެވެ. އަހަރެން އޭނަޔަކާ ބައްދަލެއް ނުކުރާނަމެވެ.]
[ތިޔަހެން ހަދައިފިއްޔާ އޭނާ ދެކޭނީ އަހަރެމެން އޭނާގެ އަގު ވައްޓައިލީކަމުގައެވެ.]
[އޭނާގެ އަގަށްވުރެ އަހަންނަށް ބޮޑީ އަހަރެންގެ އަގެވެ.]
ކުޑަ އިރުކޮޅެއް ވާންދެން ދެމައިންގެ މެދުގައި މި މައްސަލައިގައި ބަހުސުކުރެވުނެވެ. މާ ގިނަ އިރުތަކެއް ނުވެ އަބޫ ދާވޫދް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
މާރިޔާ އޭނާގެ ފިރިމީހާޔާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [މި މަންޖެ ރަބީޢާ ދައްކާ ނޫން ވާހަކައެއް އަހާ ގޮތެއް ނުތްވެވެ.]
މާރިޔާގެ ވާހަކައަށް ސަމާލުކަމެއް ނުދީ، އަބޫ ދާވޫދް ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
އަނެއްކާވެސް މާރިޔާ ބުނެފިއެވެ. [ބުނެބުނެ އެންޖެލާ އޭނާގެ ކޮޓަރިއަކަށް ނުދިޔައެވެ. ޖޯން ވިސްނަވާނީ ގަސްތުގައި އޭނާގެ އަގު ވައްޓައިލީކަމަށެވެ.]
އަބޫ ދާވޫދް ހިތާމަވެރި ރާގަކަށް ބުނެލިއެވެ. [ރާބޯ މީހަކަށް ވިޔަސް އެހައި އަވަހަށް ތަންދޮރު ނުފިލާގޮތްވާ މީހަކަށް ވެގެން ނުވާނެއެވެ. އަހަރެން މި އައީ އޭނާ ކޮޓަރިއަށް ލައިފައެވެ. މާރިޔާއެވެ. އޭނާ މި ގަނޑުވަރުގައި ބަހައްޓާން ނިންމުމަކީ އަހަރެން ކުޅަ ދެރަވަރު ކަމެއްހެން ހީވެއެވެ. ކަލޭމެން އެންމެން ގޮވައިގެން އަހަންނަށް ދެވޭނެ ނަމައޭވެސް މިހާރު އެބަ ހިތަށް އަރައެވެ. އަހަރެން ނެތަސް ކަލޭމެންނާ ދިމާކޮށްލާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެކަމަކުވެސް މި ކުދިންނާމެދު ފިސާރި ރަނގަޅަށް ފަރުވާތެރިވެގެން އުޅެން ހަނދާން ކުރާށެވެ. އަމަލުވެފައި ހުންނައިރު އޭނާ ފެންނަނީ މުޅީން އެހެން ކަހަލަ މީހެއްގެ ސިފައިގައެވެ.]
މާރިޔާ ބުންޏެވެ. [މާތްވެގެންވާ ރަސްގެފާނު ފެރްނާންދޯ ނައިޓެއްގެ ދަރަޖަ ދެއްވައިފައިވާ ބޭފުޅަކު އެހައި ލަދުކުޑަ ކަމެއް ކުރައްވައިފާނޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ...]
އަބޫ ދާވޫދް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. [އެކަމަކުވެސް ފަރުވާތެރިވެގެން އުޅުމަކީ ގެއްލުމެއް ވާނޭ ކަމެއް ނޫނެއް ނޫންހެއްޔެވެ؟]
މާރިޔާ ދައްކާނޭ ވާހަކައެއް ނޭނގިގެން ކަހަލަ ގޮތަކަށް ބުންޏެވެ. [މި މަންޖެ ރަބީޢާގެ ހުއްދަޔާ ނުލައި މީހަކާ ވާހަކަވެސް ނުދައްކާނޭކަން އެނގިވަޑައިގަންނަވާނެއެވެ. މަލާއިކަތެއްގެ ސިފަ ލިބިގެން ހުއްޓަސް ކްރިސްޓިއަނަކަށް ވެއްޖެއްޔާ އެމީހަކާ ވާހަކަދެއްކުމުގެ ހުއްދައެއް ރަބީޢާ ނުދޭނެއެވެ. އެހެންވީމާ ތިޔަ ވާހަކަ އަޅުގަނޑާ ދެއްކެވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދައްކަވާންޖެހޭ ވާހަކައެއް ރަބީޢާއާ ދައްކަވާށެވެ.]
ރަބީޢާ ބުންޏެވެ. [މަންމާއެވެ. ބައްޕަ ވިދާޅު ނުވިޔަސް އަޅުގަނޑު، އަޅުގަނޑުގެ ވާޖިބު އަދާކުރާނަމެވެ.]
[ކަލެއަށް ހީވާ ގޮތުގައި އަހަރެން މިއީ އެންޖެލާގެ ދުޝްމިނެއް ދޯއެވެ؟]
[އަޅުގަނޑު އެހެންނެއް ނުބުނަމެވެ.]
[ކަލޭ ބޭނުންވަނީ އެންޖެލާ އޭނާޔާ އެއް ދީނުގެ މީހުންނާ ދުރުކުރުވާށެވެ.]
[އަޅުގަނޑު ބޭނުންވަނީ ނުބައި ނަޒަރުން ކޮއްކޮ ސަލާމަތްކުރާށެވެ.]
[ކަލޭ އެހެރީ އޭނާއަށް ކޮންމެވެސް ކަހަލަ ފަންޑިތައެއް ހަދައިފައެވެ. އޭނާއަށް ތިޔަ ދަސްކޮށްދެނީ ކަލޭގެ ދީނުގެ ކަންތައްތަކެވެ. އޭނާއަށް އަރަބިބަސް ދަސްކޮށް އެބަ ދެމުއެވެ. އަހަރެންގެ މައުސޫމު ދަރިފުޅުގެ ހިތުގައި އަހަރެންގެ މައްޗަށްވެސް ނަފުރަތު އުފައްދައިފީމުއެވެ. ކަލެއަކީ އަހަރެންގެ ދުޝްމިނެކެވެ. ކަލޭ...]
އެންޖެލާ ހަޅޭއްލަވައިގަތެވެ. [މަންމާއެވެ. ތިޔަ ކަހަލަ ވާހަކަ ނުދައްކާށެވެ. މަންމަގެ އެއްވެސް ވާހަކައަކުން ދައްތަ އަހަންނަށް ނަފުރަތު ކުރަން ފަށައިފިއްޔާ އަހަރެން ދުނިޔެއަކު ނުހުންނާނަމެވެ. މި ގަނޑުވަރުގެ އެންމެ އުސް ގުއްބުގެ މައްޗަށް އަރައި ބިންމައްޗަށް ފުންމައިލާނަމެވެ.]
އެންޖެލާ އެ ކޮއްޓައިލީ މައިންވަންތަކަމުގެ އެންމެ ހައްސާސް ނާރުގައެވެ. މާރިޔާ ދެރަވެފައި އޭނާގެ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. ދަރިފުޅުގެ ލޮލުން ކަރުނަ ފައިބާތަން ފެނުނީމާ ތުންފަތުގައި ދަތް އަޅައިލުމަށް ފަހު ހިމޭނުން އިރުކޮޅަކު ހުރުމަށް ފަހު ނުކުމެގެން ހިނގައްޖެއެވެ.
އަބޫ ދާވޫދް ތެދުވެއްޖެއެވެ. [ދަރިފުޅާ ރަބީޢާއެވެ. ބައްޕަ މި ދަނީ އެންޖެލާގެ ބެލެނިވެރިކަން ދަރިފުޅާ ހަވާލުކޮށްފައެވެ. މަންމަގެ ވާހަކަތައް ހިތުގައި ނާޅައްޗެވެ.]
(4)
ކަސްތިއްޔާގެ ޝާހީ ގަނޑުވަރުގެ ތަނަވަސް ކޮޓަރިއެއްގައި މި ވަގުތު އެތިބީ އަބޫ ދާވޫދްގެ ދަޢުވަތަކަށް އަންދަލުސްގެ އެކި ސަހަރުތަކުން އައިސް ތިބި ދީނީ އިލްމުވެރިންނެވެ. ޖަލްސާ ބޭއްވުމުގެ ކުރިން އޭނާ ވަނީ އެ މީހުންނާ ވަކިވަކީން ބައްދަލުކޮށްފައެވެ. އޭނާ ހާޒިރުވެ ތިބި އިލްމުވެރިންނާ މުޚާތަބުކޮށް ވާހަކަދައްކާން ފަށައިފިއެވެ.
[ދީނުގެ އިސް އިލްމުވެރިންނޭވެ! އަޅުގަނޑު މިއަދު ތިޔަ ބޭފުޅުންނަށް މި ދަންނަވައިލީ ވަރަށް މުހިއްމު މައްސަލަތަކެއްގެ މައްޗަށް ފުންކޮށް ވިސްނުމަށް ފަހުގައެވެ. އެއީ އިސްޕޭނުގެ އިސްލާމުންގެ ކުރިމަގާ ގުޅިފައި ހުރި މައްސަލަތަކެކެވެ. ގްރަނާދާގެ ކުޑަކުޑަ ސަރަހައްދަކާއި ފަރުބަދަމަތީގެ ބައެއް ތަންތަން ފިޔައި މުޅި އަންދަލުސްގެ ރައްޔިތުން ވަނީ އިސްލާމީ ރަސްގެފާނު ފެރްނާންދޯ ރައްޔިތުންކަމުގައި ވެފައެވެ. ގްރަނާދާއާއި އަޅުގަނޑުމެންނާ ދެމެދު ހަނގުރާމަ ނުފެށޭހައި ހިނދަކު އަންދަލުސްގެ އިސްލާމުން އެބައިމީހުންގެ އަދުލުވެރި، ހިތްޕުޅު ހެއު ރަސްގެފާނުގެ ހިޔާވަހިކަމުގެ ދަށުގައި އަރާމުގައި ދުވަސްތައް ހޭދަކުރަމުން ގެންދާނެއެވެ. މިހާރު ވެރިކަމުގައި އޮތް ގައުމުގެ ރައްޔިތުންގެ އަޣުލަބިއްޔަތު އަޅުގަނޑުމެންނަށް ނުލާހިކު ހެވެވެ. އެކަމަކު މިހާރު ތިޔަ ބޭފުޅުންގެ ޝަކުވާއަކީ ކްރިސްޓިއަން ސަރުކާރުން ތިޔަ ބޭފުޅުންނަށް ހެޔޮކޮށް ނުހިތާކަމުގެ ޝަކުވާއެވެ. ތިޔަ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަންދަލުސްގެ އިސްލާމުންގެ ދިރިއުޅުން ވަނީ ދަތިވެފައެވެ. ގްރަނާދާއަށް ޖާސޫސުކޮށް ދިނުމުގެ ތުހުމަތުގައި އިސްލާމުން ހައްޔަރުކުރަމުން ގެންދާ ވާހަކައާއި ކްރިސްޓިއަން ސަރުކާރުން އިލްމުވެރިންގެ ވަފާތެރިކަމާމެދު ޝައްކު ކުރަމުން ގެންދާ ވާހަކަވެސް ބައެއް ބޭފުޅުން އެބަ ވިދާޅުވެއެވެ. އެއީ ވަރަށް ހިތާމަވެރި ކަމެކެވެ. އެކަމަކު ފިނި ހިތްޕުޅަކާއެކު ރަނގަޅަށް ވިސްނައިވަޑައިގެންފިނަމަ އަޅުގަނޑުމެންނަށްވެސް ކަތި ފިޔަވަޅުތަކެއް އެޅިފައިވާކަން ފެނިވަޑައިގަންނަވާނެއެވެ. އާއްމު ރައްޔިތުންނަށް ބައެއް ފަހަރު ކަންތައްތައް ރަނގަޅަށް އޮޅުމެއް ނުފިލައެވެ. އެއީ އެހައި ބޮޑު ކަމެއް ނޫނެވެ. ދެރަ ކަމަކީ ވަގުތުގެ އޮއިވަރު ދެމެމުންދާ މިސްރާބު އަޅުގަނޑުމެންގެ އިލްމުވެރިންނަށްވެސް ރަނގަޅަށް އޮޅުންފިލައިވަޑައިނުގަންނަވާ ކަމެވެ. ގްރަނާދާއާއި ކަސްތިއްޔާގެ ހަނގުރާމައަކީ ހިންޏާއި ނީލަގެރިއެތާ ދެމެދު ކުރެވުނު ހަނގުރާމައެއްކަން އެނގިވަޑައިނުގަންނަވަނީ ތިޔައިގެ ތެރެއިން ކޮން ބޭފުޅަކަށްތޯއެވެ؟ ގްރަނާދާގެ އަހުލުވެރިން އެ ނުކުތް މަގަކީ ހަލާކުގެ މަގެކެވެ. ހައެއްކަ ހަފުތާ ވާންދެން އެ ހަލާކު އަޔަނުދީ ހިފެހެއްޓޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އަމިއްލަ ތަގުދީރު ބަދަލުކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.]
[މި މައްސަލަ ހަމައެކަނި ކަސްތިއްޔާއާއި ގްރަނާދާގެ ސިފައިންނާ ހަމައިން ނިމޭނަމަ އަޅުގަނޑުމެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަދި ތިޔަ ބޭފުޅުންނަށް މި ތަނަށް ވަޑައިގަންނަވާން ދައުވަތެއް ނުވެސް އެރުވީމުހެވެ. އެކަމަކު މި ހަނގުރާމައަކީ އަޅުގަނޑުމެންގެ މިހާރުގެ ހާލަތާއި ކުރިމަގާ ވަރަށް ފުންކޮށް ގުޅިފައިވާ ހަނގުރާމައެކެވެ. އަންދަލުސްގެ އެތައް ލައްކަ މުސްލިމުންނެއް އެ ތިބީ ކްރިސްޓިއަން އަޣުލަބިއްޔަތާއި ސަރުކާރުގެ ރަހުމާއި އެހީތެރިިކަމުގެ ދަށުގައެވެ. ކަސްތިއްޔާއާއި ގްރަނާދާގެ ހަނގުރާމަ މިހާރު ވެފައި ވަނީ އިސްލާމުންނާއި ކްރިސްޓިއަނުންނާ ދެމެދު ކުރެވޭ ހަނގުރާމައަކަށެވެ. މި ފަދަ ހާލަތެއްގައި އަންދަލުސްގެ ކްރިސްޓިއަނުންގެ ފަރާތުން ރަނގަޅު ސުލޫކެއްގެ އުއްމީދުކުރުމަކީ އިސްލާމުންނަށް ކުރާން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ގްރަނާދާގެ ހަނގުރާމައިގައި މަރުވެގެން ދިޔަ އަންދަލުސްގެ ކްރިސްޓިއަނުންގެ ގާތް މީހުން އެބައިމީހުންގެ މަރުގެ ބަދަލު އަޅުގަނޑުމެންގެ ކިބައިން ހިފާނެއެވެ. ހަނގުރާމަ ދިގު ލައިގެންދާ ވަރަކަށް ކްރިސްޓިއަނުންގެ ހިތުގައި އޮތް ބަދަލުހިފުމުގެ އެދުން ދާނީ ބޮޑުވަމުންނެވެ. ގްރަނާދާގެ ރައްޔިތުންނާމެދު އަޅުގަނޑު ކަންބޮޑެއް ނުވެއެވެ. އެމީހުން އެތިބީ ވަރަށް ބާރުގަދަ އަވަށްޓެރިއަކާ ދެކޮޅަށް ނުކުމެ ހަނގުރާމަ ފަށައިގެންނެވެ. އެއީ މޮޔަ ކަމެކެވެ. އެ މޮޔަކަމުގެ އަދަބު އެމީހުންނަށް ލިބޭނެއެވެ. އެކަމަކު އަންދަލުސްގައި ދިރިއުޅޭ އެތައް ލައްކަ އިސްލާމުންގެ ދިރިއުޅުމާމެދު ފަރުވާކުޑަ ކޮށްލައިގެން ތިބުމަކީ އަޅުގަނޑުމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަޅުގަނޑުމެން ސަލާމަތްވާނޭ އޮތީ އެންމެ ގޮތެކެވެ. އެއީ ގްރަނާދާގެ ހަނގުރާމަ އަވަހަށް ހުއްޓުމެވެ. މި ހަނގުރާމަ ނުހުއްޓި ކުރިއަށް ދާނަމަ އަންދަލުސްގެ ސަރުކާރު އޮންނާނީ އަޅުގަނޑުމެންގެ ވަފާތެރިކަމާމެދު ޝައްކުކުރުން މަތީގައެވެ. އަޅުގަނޑުމެންނާމެދު އެމީހުން އަމަލުކުރަމުން ގެންދާ ގޮތް ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ހަރުކަށިވަމުން، ނުބައި ވަމުންނެވެ.]
[މި ހަނގުރާމަ ހުއްޓުވާން އަންދަލުސްގެ އިލްމުވެރިންނާއި ބޮޑުންނަށް ކުރެއްވޭނީ ކޮން ކަމެއްތޯ ތިޔަބޭފުޅުން ސުވާލު ކުރައްވައިފާނެއެވެ. މި ސުވާލަށް ޖަވާބެއް އެރުވުމުގެ ކުރިން އަޅުގަނޑު ސުވާލެއް ދަންނަވައިލާނަމެވެ. މި ހަނގުރާމަ ހުއްޓުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވަންތޯއެވެ؟]
އެތަނުން އެކަކު ޖަވާބުދިނެވެ. [އަންދަލުސްގެ ކޮންމެ އިސްލާމަކުވެސް ދެކޭނީ އެއީ ކޮންމެހެންވެސް ކުރާންވެއްޖެ ކަމެއް ކަމުގައެވެ.]
ދެވަނަ މީހަކު ބުނެފިއެވެ. [އަޅުގަނޑުމެން އެންމެން އެއްބަހެވެ.]
އެއިން މީހަކު ދެކޮޅު ހަދައިފާނޭ ކަމަކަށް އަބޫ ދާވޫދް ލަފައެއްވެސް ނުކުރެއެވެ. އެއީ ހައްތަހާވެސް ޝާހީ މެހުމާނުންނެވެ. އަބޫ ދާވޫދް ވަނީ އެމީހުންނާ ވަކިވަކީން ބައެްދަލުކޮށް، އެ މީހުން ގެނެވުނު ބޭނުން ފިސާރި ރަނގަޅަށް އޮޅުންފިލުވައި ދީފައެވެ. އެމީހުންގެ އެކި ފިރުގާތަކުގެ މީހުން ވަކިވަކީން ތެދުވެ އޭނާގެ ވާހަކައަށް ތާއީދުކުރާކަން އިއުލާނުކުރީމާ އަބޫ ދާވޫދް އަނެއްކާވެސް ވާހަކަދައްކާން ފަށައިފިއެވެ.
[ބޭކަލުންނޭވެ! ކްރިސްޓިއަނުންގެ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އަޅުގަނޑު މަސައްކަތްކޮށްގެން ލޯޝާއާއި ބައެއް އެހެން ސަހަރުތަކުގެ އިސްލާމުން ރަސްގެފާނުގެ ލަޝްކަރުގައި ބައިވެރިވުމުގެ ދިއުމުގެ ލަފާ ދިނީމެވެ. އެންމެ ފަހުން ދެވުނު ހަމަލައިގައި ގާތްގަނޑަކަށް ފަސް ހާހެއްހައި އިސްލާމުން ސަރުކާރުގެ ލަޝްކަރުގައި ބައިވެރިވިއެވެ. އެކަމަކު ނަސީބު ދެރަކަމުން އޭގެ ތެރެއިން ގިނަ މީހުން ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ގޮސް ގްރަނާދާގެ ލަޝްކަރާ ގުޅިއްޖެއެވެ. ނަތީޖާއަކީ ކްރިސްޓިއަނުން އިސްލާމުންނަށް ކުރަމުން އައި އިތުބާރު މުޅީން ގެއްލިގެން ދިއުމެވެ. އެކި ރަށްރަށުގައި ހިނގަމުން އެދާ ހިތާވެރި ކާރިސާތަކަކީ މި ދެންނެވުނު އިތުބާރު ގެއްލުމުގެ ނަތީޖާއެވެ.]
[އަޅުގަނޑަށް ކުރެވުނު ދެރަ ކަމަކީ ޖަޒުބާތުގައި ޖެހިގެން ގޮސް މަގު ގެއްލޭ ކަހަލަ ދުރުވިސްނުމެއް ނެތް ބަޔަކަށް އިތުބާރުކުރެވުމެވެ. މިއަދު އަޅުގަނޑު ތިޔަ ބޭފުޅުންނާ މި ހަވާލުކުރަނީ ވަރަށް މުހިއްމު މަސައްކަތެކެވެ. ތިޔަ ބޭފުޅުން ގްރަނާދާއަށް ވަޑައިގަންނަވާނީ އަންދަލުސްގެ އިސްލާމުންގެ މަދަދުގާރުންގެ ގޮތުގައެވެ. ކުރައްވާން އޮތް މަސައްކަތްޕުޅަކީ ގްރަނާދާގެ ވެރިންނަށާއި ޚާއްސަކޮށް ރައްޔިތުންނަށް ވިސްނައިދެއްވުމެވެ. ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ނުރައްކާތެރިކަމާއި ގެއްލުމުގެ ވާހަކަތައް ވިދާޅުވެދެއްވުމެވެ. އެބައިމީހުންގެ ކަތިފިޔަވަޅުތަކުގެ ގެއްލުން އަންދަލުސްގެ އެހެން އިސްލާމުން ބަރުދާސްކުރަން ޖެހިފައިވާ ގޮތް އޮޅުފިލުއްވައިދެއްވުމެވެ. އިސްލާމުންގެ ދިރިއުޅުން އެއް ދުވަހުން އަނެއް ދުވަހަށް ދަތިވަމުންދާ ގޮތް ވިދާޅުވެދެއްވުމެވެ. ބޭކަލުންނޭވެ! ތިޔަ ބޭފުޅުންގެ މަސައްކަތްޕުޅުން ގްރަނާދާގެ އަހުލުވެރިން ލައްވައި ހަތިޔާރު ބަހައްޓުވައިފިނަމަ އެ ކުރެއްވޭ ކަމަކީ ފެރްނާންދޯގެ ވެރިކަމުގެ ދަށުގައި ތިބި އިސްލާމުންގެ އިތުރަށް ގްރަނާދާގެ ރައްޔިތުންވެސް ކްރިސްޓިއަނުންގެ ބަދަލުހިފުމުން ސަލާމަތްކޮށް ދެއްވުމެވެ. އެއީ ވަރަށް ބޮޑު ކަމެކެވެ.]
[މި މަސައްކަތް ކުރެއްވުމަށްޓަކައި ބޭނުންފުޅުވާ ހުރިހައި ކަމެއް ސަރުކާރުން ހަމަޖައްސައިދޭނެއެވެ. މަސައްކަތުގެ އިތުރު ތަފުސީލު އެރުވުމުގެ ގޮތުން މާދަމާ އަނެއްކާވެސް މިފަދަ ބައްދަލުވުމެއް ބާއްވާނަމެވެ. މި ބައްދަލުވުން ނިންމައިލުމުގެ ކުރީން ދަންނަވައިލަމެވެ. ތިޔައިން އެއްވެސް ބޭފުޅަކު އަޅުގަނޑުގެ މި ހުށަހެޅުމާ ދެކޮޅު ހައްދަވާނަމަ އެކަން ވަރަށް ސާފުކޮށް ވިދާޅުވެދެއްވާށެވެ. ނުވަތަ އެހެން ޚިޔާލުފުޅެއް އޮތަސް ހުށަހަޅުއްވާށެވެ.]
އެއްވެފައި ތިބި މީހުން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. އެއް ފަރާތު ކަނުގައި ކޯރްދޮބާއިން އައިސްހުރި އިލްމުވެރިއަކު އިނެވެ. އޭނާގެ ބޮލާއި ތުނބުޅި ހުރީ މުޅީން ނުރައަށް ވެފައެވެ. އޭނާ ތެދުވެ ވާހަކަދައްކާން ފަށައިފިއެވެ.
[ބޭކަލުންނޭވެ! އަޅުގަނޑު މި ރަށަށް އައީ މިއަދުއެވެ. އައީ އަޅުގަނޑުމެންގެ ކްރިސްޓިއަން ވެރިންނަށް ވާހަކައެއް ދަންނަވައިލުމުގެ ބޭނުމުގައެވެ. އެކަމަކު ހީވާ ގޮތުގައި ރަސްގެފާނު ފެރްނާންދޯގެ ފައިންޕުޅު ފެނުމަކީ ވާނޭ ކަމެއް ނޫނެވެ. ވުމާއެކު އެ މީހަކު ބޭނުންވާ ޚިޔާލެއް މިނިވަންކަމާއެކު ހުށަހެޅުމުގެ ހުއްދަ ދެއްވި ކަމަށްޓަކައި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ބޭފުޅާއަށް ޝުކުރު ދަންނަވަމެވެ. މިއީ އިސްލާމުންނަށް މިނިވަންކަމާއެކު ޚިޔާލު ހުށަހެޅުމަށް ދެވުނު ފުރުސަތެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުން އޮތީ ރިޔާސަތަށެވެ. ކޮންމެ ގޮތަކަށް ނިންމެވި ކަމުގައި ވިޔަސް އެ މަނިކުފާނު އަޅުގަނޑުމެންގެ މައްޗަށް ވަރަށް ބޮޑު ވާޖިބެއް މަތިކުރައްވައިފިއެވެ. އެއީ ޚިޔާލު ފައުޅުކުޅައުމުގެ ވާޖިބެވެ. އަޅުގަނޑު އެ ވާޖިބު އަދާކުރާނަމެވެ. އަޅުގަނޑު ހުށަހަޅާނީ އަޅުގަނޑުގެ ޖަޒުބާތެއް ނޫނެވެ. އަޅުގަނޑު ދައްކާނީ އިޖްމާޢީ ގޮތެއްގައި ހުރިހައި އިސްލާމީ އިލްމުވެރިންގެ ރައުޔެވެ.]
(ނުނިމޭ)
