ސީއައިޑީ އިންސްޕެކްޓަރެއްގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ އިންޓަވިއު ކުރިއަށް ދަނީއެވެ. އިންޓަވިއުއަށް އައިސް ތިބީ ތިން ޒުވާނުންނެވެ.
ފުރަތަމަ ޒުވާނާ އެތެރެއަށް ވައްދައިފިއެވެ. އޭނާއަށް ދެއްކީ މީހަކުގެ މޫނު އަރިމަތީން ނަގައިފައި ހުރި ފޮޓޯއެކެވެ. އިންޓަވިއުކުރާ މީހާ އަހައިފިއެވެ. "މި ފޮޓޯއިން ފެންނަ އާދަޔާ ޚިލާފު ކަމަކީ ކޮބައިހެއްޔެވެ؟"
ޒުވާނާ ފޮޓޯއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށް ފަހު ބުންޏެވެ. "މި މީހާގެ މިހިރީ އެންމެ ކަންފަތެކެވެ."
އިންޓަވިއުކުރާ މީހާ ނުރުހިފައި ބުންޏެވެ. "ބަލަގަ މޮޔަޔާއެވެ. މިއީ އަރިމަތިން ނަގައިފައި ހުރި ފޮޓޯއެކެވެ. އެހެންވީމާ ފެންނާނީ އެންމެ ކަންފަތެއް ނޫންހެއްޔެވެ؟ ނުކުމެގެން ދާށެވެ."
ދެވަނަ ޒުވާނާ ވައްދައިފިއެވެ. އޭނާވެސް ދިނީ ހަމަ އެ ޖަވާބެވެ. "މި ފޮޓޯގައި މިހިރަ މީހާގެ ހުރީ އެންމެ ކަންފަތެކެވެ."
އިންޓަވިއުކުރާ މީހާ ރުޅި އައިސް ރަތް ވެއްޖެއެވެ. މިކަހަލަ ވަޒީފާއަކަށް އެދި ސިޓީލަނީ މިހައި މޮޔަބައެކޭ ހިތަށް އެރީމާ ބުނާނޭ އެއްޗެއް ނޭނގުނެވެ.
ތިންވަނަ ޒުވާނާ ވައްދައިފިއެވެ. އޭނާއަށް ފޮޓޯދެއްކީމާ އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި ބުންޏެވެ. "ފޮޓޯގައި މިހިރަ މީހާ މިހިރީ ލޮލަށް ކޮންޓެކްޓް ލެންސެއް ލައްވައިގެންނެވެ."
މި ޖަވާބު އަޑުއިވުނީމާ އިންޓަވިއުކުރާ މީހާ ވަރަށް އުފާވެއްޖެއެވެ. ހިތަށް އެރިއެވެ. މިއީ ވަރަށް ވިސްނުން ތޫނު ޒުވާނެކެވެ. "ކޮންޓެކްޓް ލެންސް ލައްވައިގެން ހުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟"
ޒުވާނާ ވިސްނައިލާފައި ބުންޏެވެ. "މީނާގެ އުމުރުން މިހާރު ސާޅީހަށްވުރެ މައްޗަށް ހިނގައިދާނެއެވެ. އެ އުމުރުގައި ލޮލުގެ ފެނުން ކުޑަވާނެއެވެ. ކޮންޓެކްޓް ލެންސް ލެއްވީ އައިނު ނޭޅޭނެތީއެވެ. އައިނު އެޅޭނީ ދެ ކަންފަތް ހުރެގެންނެވެ. މީނާގެ މިހިރީ އެންމެ ކަންފަތެކެވެ."