ދިރިއުޅުން ފަހި ކުރުމަށްޓަކައި އިންސާނަކަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި މިންވަރަށް އީމާންވުން ހިމެނެއެވެ. މުދާކަމުގައި ވިޔަސް، ދަރިންކަމުގައި ވިޔަސް، ގެދޮރުކަމުގައި ވިޔަސް، ހަށިގަނޑުކަމުގައި ވިޔަސް، ހުނަރެއްކަމުގައި ވިޔަސް ﷲ ދެއްވަނީ އިރާދަކުރެއްވި މިންވަރަކަށެވެ. އެހެންވީމާ ދެއްވި މިންވަރަށް ޝުކުރުވެރިވުން ނޫން ގޮތެއް އެއްވެސް މީހަކަށް ނޯންނާނެއެވެ.
"ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!" (އަލްއަޢްރާފް ސޫރަތުގެ 144 ވަނަ އާޔަތުގެ ބައެއް)
މާޒީއަށް ބަލާއިރު ފެނިފައިވާ ބޮޑެތި ޢިލްމުވެރިންނާއި މުފައްކިރުންނަކީ މުއްސަނދިންނެއް ނޫނެވެ. ދުނިޔޭގެ ހުރިހައި ކަމެއް ފުރިހަމަ ވެގެން ދިރިއުޅުއްވަމުން ގެންދެވި ބޭފުޅުންނެއް ނޫނެވެ. އެ ބޭފުޅުންގެ ބޮޑެތި ގެތަކެއް ނެތެވެ. އަގުބޮޑު ސަވާރީއެއް ނެތެވެ. އެކަމަކުވެސް އެބޭފުޅުންގެ ކިބައިން ފެނިގެން ގޮސްފައިވަނީ ހިތްތިރިކަމާއި ފުދުންތެރިކަމެވެ.
ސަބަބަކީ ކޮބައިހެއްޔެވެ؟ ސަބަބަކީ އެ ބޭފުޅުން ﷲ އަށް އިތުބާރު ކުރެއްވުމެވެ. މިންވަރުފުޅަށް ރުހިވަޑައިގެން ތިއްބެވުމެވެ.
މިޔާ އިދިކޮޅަށް ކަންތައްކުރާ މީހުންނަކީ ދަރިންނާއި މުދަލާއި ތަނަވަސްކަން ދެއްވީމާވެސް ދިރިއުޅުމުގައި ނާކާމިޔާބީއާ ކުރިމަތިލާ މީހުންނެވެ. އެމީހުން ނާކާމިޔާބު ބަޔަކަށް ވެގެން ދަނީ ދިރިއުޅުން ރަނގަޅު މިސްރާބުން ކުރިއަށް ގެންދަން ނޭނގުމުގެ ސަބަބުންނެވެ.
މިސާލަކަށް ﷲ ދެއްވި ނިޢުމަތެއް ކަމުގައިވާ މަތީ ތައުލީމުގެ ފާސް ނަގައިގެން އެބައެއްގެ ސަބަބުން މުޖުތަމަޢަށްވެސް ޚުދު އެ މީހާއަށްވެސް އެއްވެސް ފައިދާއެއް ނުކުރާ ކިތައް މީހުން އެބަތިބި ހެއްޔެވެ؟ އެއްވެސް ފާހެއް ނެތި އެ މީހަކުގެ ސަބަބުން މުޖުތަމަޢަށް އެތައް ފައިދާއެއް ލިބެމުންދާ ކިތައް މީހުން އެބަތިބި ހެއްޔެވެ؟
ދިރިޮއުޅުމުގައި ކާމިޔާބީ ހޯދަން ބޭނުންނަމަ ﷲ ތިބާ ލެއްވި ތައްގަނޑުގައި ދިރިއުޅެން އާދަކުރާށެވެ. ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމާއެކު އެ ނިޢުމަތްތަކުގެ ބޭނުން ހަމަގޮތުގައި ކުރާށެވެ. ނުލިބޭ އެއްޗެއްގެ ފިކުރުގައި މުޅި ދިރިއުޅުން ކަސިޔާރުވެގެންއ ދިޔަ ނުދޭށެވެ.
ނަބީބޭކަލުންގެ މައްޗަށް ބަލައިލާށެވެ. ދާވޫދުގެފާނަކީ އަތްކަންކުރެއްވި ބޭކަލެކެވެ. ޒަކަރިއްޔާގެފާނަކީ ވަޑާންކުރެއްވި ބޭކަލެކެވެ. އިދްރީސްގެފާނު ކުރެއްވި މަސައްކަތްޕުޅަކީ ފެއްސެވުމެވެ.