7 - އޯގާތެރިވުމަކީ ހިތުގެ ހަމަޖެހުމެވެ.

ﷲ ގެ މިންވަރުފުޅާއި ރަޙްމަތުން ކާމިޔާބީއެއް ލިބިއްޖެނަމަ އެ ކާމިޔާބީއެއްގެ ފޮނި ރަހަ ލާނީ ކާމިޔާބީ ލިބުނު މީހެއްގެ އަރުގައެވެ. އޭގެ ފަހުން އޭނާގެ ގާތް މީހުންގެ އަރުގައެވެ. ކާމިޔާބީގެ މޭވާއަކީ ހިތްހަމަޖެހުމެވެ. އަރާމެވެ. ފަސޭހަކަމެވެ.

ކާމިޔާބީއެއް ލިބިއްޖެނަމަ ތިމާގެ ވަށައިގެން އުޅޭ މީހުންނާ އެ ކާމިޔާބީގެ ނަތީޖާ ހިއްސާކުރާށެވެ. އޯގާތެރިވާށެވެ. ހެޔޮކޮށް ހިތާށެވެ. ހިތްހަމަޖެހުމާއި ލުއިކަން ލިބިގެންދާނޭ ގޮތަކީ އެއީއެވެ. ނިކަމެތިންގެ މަތީން ހަނދާންކުރާށެވެ. ނުފުދި ހުރި ކަންތައްތައް ތިމާއަށް ވީވަރަކުން ފުއްދައިދޭށެވެ. ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދޭށެވެ. ބަލިމީހުންނަށް ޒިޔާރަތްކޮށް ތަސައްލީދޭށެވެ. މިއީ ކާމިޔާބީގެ ފޮނި ރަހަ ގަދަވެގެންދާނޭ ކަންކަމެވެ. އަދި ތިމާގެ ފަހަތުންނާއި ކުރިމަތިން އިތުރު ކާމިޔާބީ އަންނާނޭ ކަމެކެވެ.

ހުވަނދަކަށް ވާށެވެ. ހުވަނދުލާ މީހާއަށްވެސް ކުރަނީ ފައިދާއެވެ. ވިއްކާ މީހާއަށްވެސް ކުރަނީ ފައިދާއެވެ. ގަންނަ މީހާއަށްވެސް ކުރަނީ ފައިދާއެވެ. ތިމާގެ ކާމިޔާބީއަކީ ކޮންމެ ކަހަލަ ކާމިޔާބީއަކަށް ވިޔަސް އެ ކާމިޔާބީ އެހެން މީހުންނާ ހިއްސާކުރެވެން އޮތް ގޮތަކަށް ކުރުމަކީ ހުވަނދުގެ ވަސް ފެތުރޭ ފަދައިން ފެތުރިގެން ދާނޭ ހެޔޮ ކަމެކެވެ. އޯގާތެރިވުމުގެ މާނައަކީ ހަމައެކަނި އެއްޗެއް ދިނުމެއް ނޫނެވެ. ހެޔޮބަހެއް ބުނެލުމަކީވެސް އޯގާތެރިވުމެވެ. ލޯތްބާއެކު ފިރުމައިލުމަކީވެސް އޯގާތެރިކަމެވެ.

ހިނިތުންވުމާއެކު މީހުންނާ ކުރިމަތިލާށެވެ. ބީރައްޓެއްސަކަށް ވިޔަސް ގާތް މީހަކަށް ވިޔަސް ތަފާތު ނުކުރާށެވެ. ކުނިމޫނަކާއެކު ބައްދަލުކުރުމަކީ އެހެން މީހުންގެ މޫނުމައްޗަށްވެސް ނުރުހުމުގެ އަސަރު ގެންނާނޭ ކަމެކެވެ. ހިނިތުންވުމަކީ ބަލިތައް ގައިން ގަޔަށް އަރާފަދައިން ގައިންގަޔަށް އަރާ ކަމެކެވެ.

ފެންބޮވައިގެން އޮތް ކުއްތާއަކަށް ފެންދިން މީހާ ސުވަރުގެއަށް ވެއްދެވި ވާހަކައަކީ އަހަރެމެން އެންމެން ދަންނަ މަޝަހޫރު ވާހަކައެވެ. ﷲ ތަޢާލާއަކީ ކިތަންމެ ކުޑަކުޑަ ހެޔޮ ކަމަކަށް ވިޔަސް ބޭކާރު ގޮތުގައި ދޫކޮށްލައްވާނޭ ކަލެއް ނޫނެވެ. އެކަމަކާ އެކަށީގެންވާ ވަރަކަށް އަޖުރުދެއްވާނެއެވެ.

ބިރުގަތުމާއި ހިތްހަމަނުޖެހުމުގެ ފަރުވާއަކީ އޯގާތެރިކަމެވެ. އެހެންވީމާ އޯގާތެރިކަމުގެ ގޮޅިއަށް ވަންނާށެވެ. ހަދިޔާ ދޭށެވެ. ހުއްދަ ގޮތުގައި މުނިފޫހިފިލުވައިދޭށެވެ. ހިތްވަރުދޭށެވެ. ކާމިޔާބީގެ ތަޅުދަނޑިއަކީ އެއީއެވެ.

"އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. އެހެނެއްކަމަކު )އޭނާ ހޭދަކުރަނީ( އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ ވަޖުހުފުޅު އަދައިގެންނެވެ. އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ." (އައްލައިލް ސޫރަތުގެ 19 ވަނަ އާޔަތުން 21 ވަނަ އާޔަތަށް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.