11 - ކޮންމެ ދަތިކަމާއެކު ފަސޭހަކަން ވެއެވެ.

"މިތުރުންގެ ހިތަށް ދަތިކުރި ކޮންމެ ކޮންމެ ރެއެއްވެސް
ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމްދުން"

ޅެންވެރިޔާގެ ވާހަކަ ސައްތައިންސައްތަ ތެދެވެ. އެއްވެސް މީހަކުގެ ހާލަތު އަބަދު އެއްގޮތަކަށް ނޯވެއެވެ. މިއީ އަޅުގަނޑުމެން އެންމެން ތަޖުރިބާކުރާ ކަމެކެވެ. ހިތާމައިގެ ފަހަތުން އުފާވެރިކަން އާދެއެވެ. ރޭގަނޑުގެ ފަހުން އައު ދުވާލަކަށް އިރުއަރައެވެ. މިއީ ދިރިއުޅުމުގެ ހަގީގަތެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ.

"ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." (ސޫރަތުއްޝަރްޙި: 5 ވަނަ އާޔަތް)

މި ހަގީގަތް ދެނެތިބުމާއެކުވެސް ގިނަ ފަހަރަށް އަޅުގަނޑުމެންގެ ވިސްނުން އެނބުރެނީ މިޔާ ދިމާ އިދިކޮޅަށެވެ. ދެރަ ހާލަތެއް މެދުވެރިވުމާއެކު އުއްމީދު ކަނޑައިލެވެނީއެވެ. ދުވަހަކުވެސް ތިމާގެ ހާލަތު ބަދަލު ނުވާނެ ކަމަށް ގަބޫލު ކުރެވެނީއެވެ.

މިފަދަ ވިސްނުމަކީ އިސްލާމީ ވިސްނުމެއް ނޫނެވެ. އިސްލާމީ ނަޒަރުން އެއްކިބާވެ ހުރެ ބަލައިލިޔަސް ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބަކީ މި ވިސްނުމުގެ އަހުލުވެރިންގެ ހާލަތުވެސް ބަދަލުވަމުން ދަނީ ﷲ އަންގަވައިފައިވާ ގޮތަށެވެ. އިސްލާމެއް ކާފަރެއް ތަފާތެއް ނެތިއެވެ.

އުނދަގޫކަމާއެކު ފަސޭހަކަން އޮންނަ ކަމަށް އެންގެވުމުގެ އިތުރަށް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިނުލުމަށްވެސް ވަނީ އަންގަވައިފައެވެ.

ނޭދެވޭ ހާލަތަކާ ކުރިމަތިލާ މީހާއަށް އެކަމުން އަރައިނުގަނެވޭނެ ކަމަށް ގަބޫލުކުރުމަކީ އެއްގޮތަކުން ބަލާއިރު ﷲ ގެ ކުޅަދުންވަންތަކަމާ ދެކޮޅުހެދުމެވެ. ދެރަ ހާލަތު މެދުވެރި ކުރައްވަނީ ﷲއެވެ. އެއީ އިންސާނާގެ އިމްތިޙާނަކަށެވެ. ދެރަ ހާލަތު މެދުވެރިކުރައްވަން ކުޅަދުންވަންތަ ކަލަކަށް ހެޔޮ ހާލަތެއް މެދުވެރިކުރައްވަން ދަތިވެވޮޑިގެންވާނެތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.

އެހެންވީމާ އިސްފުލައިލާށެވެ. ކިޔަމަންތެރިކަމާއެކު ދަތިކަމާ ކުރިމަތިލާށެވެ. ﷲ ތިބާގެ ހާލަތު ރަނގަޅު ކުރައްވާނެކަން ކަށަވަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.