27 - ކުދިކުދި ކަންތަކާހެދި ރުޅިނާންނާށެވެ.

ހިތާމަކުރަމުން ގެންދާ ގިނަ މީހުންގެ ހިތާމައިގެ ސަބަބަކީ ކޮބައިތޯ ބަލައިލާށެވެ. ގިނަ ފަހަރަށް ފެންނާނީ ވަރަށް ކުޑަކުޑަ ކަމަކާ ގުޅިގެން ބޮޑު ހިތާމައެއްގެ ތެރެއަށް ގެނބިގެން ދިރިއުޅެމުން ގެންދާ ތަނެވެ.

މުނާފިގުންގެ ވާހަކަތަކަށް ބަލައިލާށެވެ. އެމީހުންގެ ކިބަޔަކު ހިތްވަރެއް ނުހުރެއެވެ. އިޚްލާސްތެރިކަމެއް ނުހުރެއެވެ. ތިރީގައި މި ބަޔާންކުރާ ވާހަކަ އެމީހުން ދައްކަނީ އެހެން ވެގެންނެވެ.

"...އަދި އެއުރެން ބުނެފޫއެވެ. ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުނިކުންނާށެވެ!..." (ސޫރަތުއްތައުބާގެ 81 ވަނަ އާޔަތުގެ ބައެއް)

"އަދި (ހަނގުރާމައަށް ނުގޮސްހުރުމުގެ) އިޒުނަ ތިމަންނާއަށް ދެއްވާށޭ، އަދި ތިމަން ފިތުނަވެރި ނުކުރައްވާށޭ ބުނާ މީހަކު، އެއުރެންގެ ތެރެއިން ވެތެވެ..." (ސޫރަތުއްތައުބާގެ 49 ވަނަ އާޠަތުގެ ބައެއް)

"...ހަމަކަށަވަރުން، ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ..." (ސޫރަތުލްއަޙްޒާބްގެ 13 ވަނަ އާޔަތުގެ ބައެއް)

"...ތިމަންމެންނަށް މުޞީބާތެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ..." (އަލްމާއިދަތު ސޫރަތުގެ 52 ވަނަ އާޔަތުގެ ބައެއް)

މީގެ ތެރޭގައި މީހަކަށް ގަބޫލުކުރެވޭ ކަހަލަ އެއްވެސް އުޒުރެއް އެބައޮތް ހެއްޔެވެ؟ ކޮންމެ ވާހަކައަކީ ފިނޑިކަމާއި ނުކެރުމުގެ މިސާލެކެވެ. އެއީ ލިބިފައިާ ފުރުސަތުތަކަށް ބަލާ ބައެއް ނޫނެވެ. ބޯމަތީގައި ދިމާއަށް ފެންނާން އޮތް އުޑަކަށް އެމީހުން ނުބަލައެވެ. ތަރިތަކާއި ހަނދުގެ ވިދުވަރު ނުފެންނަނީ އެހެން ވެގެންނެވެ. އެމީހުންގެ ކުރިމަތީގައި ހުންނަނީ ފައިސާއާއި މުދަލެވެ. އަމިއްލަ އެދުމެވެ. ދުނިޔޭގެ ކުލަވަރު ނޫން އެއްޗެއް އެ މީހުންނަކަށް ނުފެނެއެވެ.

އެމީހުންގެ ދިރިއުޅުމުން ފެންނަނީ އަރައިރުމާއި ހަމަނުޖެހުމެވެ. އިނދެގެން އުޅޭމީހާޔާ ނުވަތަ ދަރިންނާ ނުވަތަ ގާތް ބަޔަކާ ޒުވާބުކޮށްގެން އަމިއްލައަށް އުފައްދާ މައްސަލަގަނޑެއްގެ ތެރޭގައި އުޅޭތަނެވެ. ފުންކޮށް ވިސްނާލައިފިނަމަ ފެންނާނީ އެއިން އެއްވެސް ޒުވާބަކީ މާނައެއް ހުރި ޒުވާބެއް ނޫންކަމެވެ. އެކަމަކު އެމީހުން ގެންދަނީ އެ ބުރަ ބޮލަށް ލައިގެން ވިސްނައި ފިކުރު ކުރަމުންނެވެ.

މިކަހަލަ ފިކުރުތަކުގައި ދުވަސް ހޭދަކުރާ މީހުންގެ ރަނގަޅު އަމާޒެއް ނުހުރެއެވެ. ދިރިއުޅުމުގެ މަގުސަދެއް ނޯވެއެވެ. ދުވަސް ހޭދަކުރާނޭ ރަނގަޅު ޚިޔާލެއް ނުހުރެއެވެ.

ރަނގަޅު ކަމެއްގެ ތެރޭގައި ދުވަސް ހޭދަކުރެވޭތޯ ބަލާށެވެ. ރަނގަޅު ޚިޔާލެއްގެ ތެރޭގައި ހުރެވޭތޯ ބަލާށެވެ. އަރައިރުމާއި ޒުވާބުކުރުމުން ދުރުހެލިވާށެވެ. ސިކުނޑިއަށް ބުރަ ބޮޑު ނުކުރާށެވެ. މާތް ރަސޫލާގެ ޞަޙާބީން ދުވަސް ހޭދަކުރައްވަމުން ގެންދެވީ ﷲ ހަނދުމަކުރުމުގެ ތެރޭގައެވެ. ބޭކާރު ފިކުރުތަކަށް ތަން ނުދެއްވައެވެ. ތިމާގެ މުޅި ވިސްނުމަކީ އަގު ބޮޑު މުދާ ނުވަތަ މަސްނޫއީ އުފާވެރިކަން ކަމުގައި ހަދައިފި މީހަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ސިކުނޑީގެ ބުރަ ފިލުވައިލުމާއެކު އުފާވެރިކަން ފަހަތުން ދުވެފައި އަންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.