15. ބަދަލުދެއްވުން ވަނީ ހަމައެކަނި ﷲ އަށެވެ.

ﷲ ތަޢާލާ މީހަކުގެ އަތުން އެއްޗެއް ބީވާ ގޮތް މެދުވެރި ކުރައްވަނީ އެ މީހަކަށް އެޔަށްވުރެ މާ ރަނގަޅު އެއްޗެއް ދެއްވަންނ އިރާދަކުރައްވައިފައެވެ. އެކަމަކު އެއީ ޝަރުޠަކާއެކުގައެވެ. އެ ޝަރުޠަކީ ކެތްތެރިވުމާއި ﷲ އަށް އިތުބާރު ކުރުމާއެކު ރަނގަޅަކަށް އުއްމީދުކޮށްގެން ހުރުމެވެ.

ޅަދަރިއަކު މަރުވެގެން ހިތާމަކުރާ މީހާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރައްވާނެ ކަމަށް ﷲ ވަނީ އަންގަވައިފައެވެ. އެހެންވީމާ އެއްގޮތަކަށްވެސް ހިތާމަ ނުކުރާށެވެ. ހިތާމައާއި މުސީބާތް މެދުވެރި ކުރައްވައިގެން ﷲ ތަޢާލާ އިންސާނާ އިމްތިޙާނު ކުރައްވައެވެ. އެ އިމްތިޙާނުން ފާސްވާ މީހާއަށް އޮތީ ހެޔޮ ބަދެލެކެވެ. އެ ބަދަލަކީ ސުވަރުގެއެވެ.

އައްރަޢުދު ސޫރަތުގެ 24 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. "(އެއީ) عَدْنُއޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ صالحވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، ملائكةން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ."

ދުނިޔޭގައި ދިރިއުޅެން ލިބިފައި ވަނީ ކުރު މުއްދަތެކެވެ. މަރު އަންނާނީ ކޮން ދުވަހަކު، ކޮން ވަގުތަކު ކަމެއް ނޭނގެއެވެ. ދުނިޔޭގައި އުޅެން ޖެހިފައި ވަނީ ދަތި ހާލުގައެވެ. ސަބަބަކީ ދުނިޔެއަކީ މުޅީން ފުރިހަމަ ތަނަކަށް ނުވުމެވެ. ސުވަރުގެއަކީ ދާއިމީ ތަނެކެވެ. ފުރިހަމަ ތަނެކެވެ. ސުވަރުގެ ހައްގުވަނީ ޙައްޤު ގޮތުގައި މަސައްކަތްކޮށް ބުރަ އުފުލާ މީހާއަށެވެ. ސުވަރުގޭގައި މަސައްކަތް ކުރުމެއް ނޯންނާނެއެވެ. އޮންނާނީ އުފަލާއި އަރާމެވެ.

މިޔާ ޚިލާފަށް ދުނިޔޭގައި އުޅެން ލިބޭ ކުރު މުއްދަތުގެ ތެރޭގައި މާއްދީ ތަކެތީގެ އެދުމުގައި މުޅި ދުނިޔޭގައި ވަކި އަޅަމުން ދުވާ މީހާއަށް އޮތީ ނާކާމިޔާބީއެވެ. އެފަދަ މީހަކަށް ދުނިޔޭގެ ދިރިއުޅުމުގެ މުޅި މުއްދަތު އުފަލާއި އަރާމުގައި އުޅޭން މެދުވެރި ވުމަކީ އެކަށިގެންވާ ކަމެކެވެ. އެކަމަކު ދާއިމީ ދުނިޔެއަށް ދާ ދުވަހު އޭނާޔާ ބައްދަލު ކުރާނީ ނާކާމިޔާބީއެވެ. ޙައްޤާ ދެކޮޅު ހަދައި ހަރާން ގޮތުގައި އުފަލާއި އަރާމު ހޯދާ މީހަކަށް އޮތީ ނަރަކައެވެ. އެއީވެސް ދާއިމީ ތަނެކެވެ.

ހަނދާންކުރާށެވެ. ދުނިޔެއަކީ ގެއްލުމުގެ ގޮވައްޗެއް ނޫނެވެ. ދުނިޔޭގައި ގެއްލޭ އެއްޗަކީ ހަގީގަތުގައި ގެއްލޭ އެއްޗެއް ނޫނެވެ. އެއީ އިމްތިޙާނެކެވެ. އެހެންވީމާ ކެތްތެރިކަމާއި ފުރިހަމަ އިތުބާރާއެކު ދިރިއުޅޭށެވެ. އުފާވެރިކަން ފަހަތުން ދުވެފައި އަންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.