2 - މާޒީ ފަހަތަށް ހިނގައްޖެއެވެ.

މާޒީއަކީ ވެދިޔަތެނެވެ. ކޮށްފައި ނުވަތަ ކުރެވިފައި ހުރި ކަންތައްތަކެވެ. އެކަންކަން ހަނދާނަށް ގެނެސްގެން ކަންބޮޑުވެ ހިތާކުރުމަކީ މޮޔަކަމެކެވެ. މިއަދު ކުރާން ހުރި ކަންތައްތަކަށް ހުރަސްއެޅޭ ކަމެކެވެ.

މާޒީ އަނބުރައެއް ނުގެނެވޭނެއެވެ. އެއީ އަނދިރި، ބަންދު ކޮޓަރިއެއްގައި ހައްޔަރުކޮށްފައިވާ އެއްޗަކަށް ވެއްޖެއެވެ. ހަނދާނުން ފޮހެވިގެން ގޮސްފައިވާ ކަންތައްތަކަކަށް ވެއްޖެއެވެ. މާޒީއަކަށް އެ އަނދިރި ކޮޓަރިން ނުކުމެގެން މިއަދާ ހަމައަކަށް ނާދެވޭނެއެވެ. އެއީ އަބަދަށްޓަކައި ބަންދުކޮށްފައި ބާއްވަން ޖެހޭ އެއްޗެކެވެ.

ކިތަންމެ ވަރަކަށް ހިތާމަ ކުރިއަކަސް މާޒީއެއް އެނބުރިއެއް ނާންނާނެއެވެ. ދެރަ ވިޔަކަސް ކޮށްފައި އޮތް ކަމެއް ނުކުރާ ކަމަކަށް ނުހެދޭނެއެވެ. ކޮށްފައި އޮތް ކަމަކަށް ބަދަލެއްވެސް ނުގެނެވޭނެއެވެ. އެހެންވީމާ މާޒީގެ ބިރުވެރިކަމާއި ހަނދާންތަކުގެ ތެރޭގައި ދިރިއުޅުން ދޫކޮށްލާށެވެ. ނުކުރެވުނު ކަމެއް ވިއްޔާ އެ އޮތީ ނުކުރެވިއެވެ. އެކަމާ ދެރަނުވާށެވެ.

މާޒީގެ ހަނދާންތަކުގެ ތެރެއިން ބޭރަށް ނުކުންނާށެވެ. ލޮލުން ނުކުންނަ ކަރުނަ އަނބުރައި ލޮލަކަށް ނުވެއްދޭނެއެވެ. ވަގުތު ހިނގާ ވަރަކަށް ހިނގާނެއެވެ. ފާއިތުވެގެންދާ ވަގުތު އަނބުރައެއް ނުގެނެވޭނެއެވެ.

މާޒީގެ ތެރޭގައި ދިރިއުޅޭމީހަކު އަބަދުވެސް އުޅޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޔަގީންކަމެއް ނެތް ދިރިއުޅުމެއްގައެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. ދިރިއުޅުމުގެ މުހިއްމު ކަންތައްތަކަށް ވަގުތު ނުދެވޭ މީހެއްގެ ގޮތުގައެވެ.

މާޒީގެ ސަފުހާތައް ހުޅުވައިގެން ކިޔަން ފެށުމަކީ މިހާރު ލިބިފައި އޮތް ވަގުތު ބޭކާރު ކުރުމެވެ. ހަކަތައާއި ވަގުތުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމެވެ. ތާރީޚުގެ ބަޔަކަށް ވެފައިވާ ހިތާމަތައް ކޮނެގެން ނެގުމުގެ ބޭނުމެއް ނެތެވެ. މާޒީ ހަނދާންކުރާ މީހާއަކީ ކީހުކުނޑި ކީހަން އުޅޭ މީހެއް ފަދަ މީހެކެވެ. މަރުވެފައިވާ ގަބުރެއް ނަގައިގެން ދިރުވަން މަސައްކަތްކުރާ މީހެއް ފަދަ މީހެކެވެ.

އަހަރެމެންނަށް ކަންތައް ކުރެވޭ ގޮތަކީ މިހާރު ދިރިއުޅެމުން މިގެންދާ އަގުހުރި ވަގުތުގެ މަތީން ހަނދާން ނައްތާލާފައި މާޒީގެ ފަހަތުން ދުވުމެވެ. މާޒީގެ ކަންތައްތަކާ ވިސްނޭވަރުން ގޮސް މިހާރުގެ ހާލަތަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ކުރަން ހުރި ކަންތައްތަކަކީ ކޮބައިކަމެއްވެސް ފާހަގައެއް ނުކުރެވެއެވެ. ކުރެވޭހައިވެސް ކަމަކީ މާޒީގެ ހިތި ހަނދާންތަކުގެ ތެރެއަށް ވަދެ ހިތާމަކުރުމެވެ. ރުއިމެވެ. ދުނިޔޭގެ ހުރިހައި އިންސާނުންނާއި ޖިންނީން އެކުވެގެން މަސައްކަތް ކުރި ކަމުގައި ވިޔަސް މާޒީ އަނބުރައެއް ނުގެނެވޭނެއެވެ. އެއީ އެކަށީގެންވާ ކަމެއް ނޫނެވެ. މިއީ އަހަރެމެން އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ.

އެހެންވީމާ މާޒީ ފަހަތަށް ދޫކޮށްލާށެވެ. ވައި ޖެހޭނީ އެއްކޮޅަށެވެ. ފެންގަނޑު ދަތުރުކުރާނީ އެއް ދިމާއަކަށެވެ. ކުރިއަށެވެ. އުފާވެރިކަމާއެކު ދިރިއުޅެން ބޭނުން ނަމަ ގުދުރަތުގެ ގާނޫނުތަކާ ދެކޮޅަށް މަސައްކަތް ނުކުރާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.