ބުޅަލަށް ވަކި ގޮނޑިއެއް
މީހަކު ބުޅަލެއް ގޮވައިގެން އައިސް ބަހަށް އަރައިފިއެވެ. އަދި ކޮންޑަކްޓަރު ގާތު ބުންޏެވެ.
"އަހަރެން ބުޅަލަށްވެސް ފައިސާ ދައްކައިފީމެވެ. އެހެންވީމާ މިޔަށް އަރާ އިންސާނުންހެން މި ސޮރަށްވެސް ވަކި ގޮނޑިއެއްގައި އިނދެވެން ވާނެއެވެ."
ކޮންޑަކްޓަރު ބުންޏެވެ.
"މައްސަލައެއް ނެތެވެ. ވަކި ގޮނޑިއެއްގައި ބައިންދާށެވެ. އެކަމަކު ގަވާއިދު އޮންނާނީ އިންސާނުންނެކޭ އެއްގޮތަށެވެ. ގޮނޑިއަށް ފައި ލައިގެން ނުވާނެއެވެ."
މަނާ ސަރަހައްދަށް ވަނުން
އެއް ރެޔަކު މީހަކު ކާރުގައި ގޮސް ވަނުން މަނާ ސަރަހައްދަކަށް ވަދެއްޖެއެވެ. އެއީ ސިފައިންނަށް ޚާއްސަ ސަރަހައްދެކެވެ. ސިފައިން އެމީހާ ހިފަހައްޓައިފިއެވެ. އެ ރޭ ހަތަރުދަމު އޭނާ އޮތީ ގޮޅިއެއްގައި ހައްޔަރުކޮށްފައެވެ. އަނެއް ދުވަހު ހެނދުނު ދޫކޮށްލަމުން ސިފައިންގެ މީހަކު ބުންޏެވެ. "މިއަދު މި ދޫކޮށްލަނީއެވެ. މީގެ ފަހުން މި ސަރަހައްދަށް ނުވަންނައްޗެވެ. ވަދެއްޖެއްޔާ އިތުރު ވާހަކައެއް ދައްކާނޭ ފުރުސަތެއް ނުދޭނަމެވެ." މާނައަކީ ބަޑި ޖަހާނަމެވެ.
އަނެއް ރޭ އެ މީހާ އަނެއްކާވެސް އައިސް އެ ސަރަހައްދަށް ވަދެއްޖެއެވެ. ސިފައިން އޭނާޔާ ދިމާއަށް ބަޑިތައް އަމާޒުކުރުމާއެކު ދެ އަތް މައްޗަށް ނަގައިގެން ކާރުން ފައިބައިފައި ވަރަށް ދެރަވެފައި ހުރެގެން ބުނެފިއެވެ. "އަޅުގަނޑުގެ ގަޔަށް ބަޑި ޖެއްސެވިޔަސް އެންމެ ރަނގަޅެވެ. އެކަމަކު އޭގެ ކުރިން ކަމެއް ކޮށްދެއްވާށެވެ. ކާރުގައި އަޅުގަނޑުގެ އަންހެނުން އެބައިނެވެ. ރޭ ހަތަރުދަމު އަޅުގަނޑު އޮތީ މިތާނގައިކަމުގެ ޔަގީންކަން އޭނާއަށް ދެއްވާށެވެ."