ﷲ ރުއްސަވާ އެތައް ޢަމަލެއް ހުރެއެވެ. ތެދުވެރިކަމާއި ސާފުތާހިރުކަމާއި މިފަދަ އެތައް ކަމެއް ހުރެއެވެ. އެކަމަކު ހިތަށް ހަމަޖެހުން ލިބޭނެ ކަމަށް އަންގަވައިފައި ވަނީ އެންމެ ކަމަކުންނެވެ. އެއީ ﷲ ހަނދުމަކުޅައުމެވެ.
"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!" (ބަޤަރާ ސޫރަތުގެ 152 ވަނަ އާޔާތް)
ދުނިޔެއަކީ ފުރިހަމަ ތަނެއް ނޫނެވެ. އެހެންވީމާ ހިތްހަމަނުޖެހުމާއި ހިތާމައާއި ދަތި ހާލަތްތައް މެދުވެރިވުމަކީ ވާނޭ ކަންކަމެވެ. ވަމުންދާ ކަންކަމެވެ. މިފަދަ ކޮންމެ ކަމަކުން މިންޖުކޮށްދެއްވުން އޮތީ ހަމައެކަނި ﷲ އަށެވެ. މީހަކަށް ކޮށްދެވޭ ކޮންމެ ކަމަކީ ވަގުތީ ކަމެކެވެ. ހަގީގީ ކަމެއްވެސް ނޫނެވެ.
ﷲ ހަނދުމަކުޅައުމުގެ ނަތީޖާއަކީ އަބަދުވެސް ބިރުވެރިކަމާއި ފިކުރުބޮޑުވުމާއި ހިތާމައިގެ ކަޅުވިލާތައް ބޯމަތީން ކެހިގެންދިއުމެވެ. މިއީ ﷲ ހަނދުމަކުރާ ކޮންމެ ފަހަރަކު ނުކުންނަ ލާޒިމީ ނަތީޖާއެކެވެ. ދާއިމީ ގޮތެއްގައި، ހުއްޓާނުލައި ﷲ ހަނދުމަކުޅައުންމަތީ ދެމިހުންނަ މީހަކަށް މި ދެންނެވުނު ފަދަ އެއްވެސް ތުރާލެއް ނުޖެހޭނެއެވެ. މިއީ މުޖައްރިބު ވާހަކައެކެވެ.
މިޔާ ޚިލާފަށް އަމަލުކުރާ މީހުންގެ ހާލަކީ ކޮބައިތޯއެވެ؟
"(އެއީ) މަރުވެފައިވާ، ދިރުމެއްނުވާ ތަކެއްޗެވެ. އަދި އެއުރެން (އެހެން ދިރުމަކަށް) ފޮނުއްވާނެ އިރެއް އެ ތަކެއްޗަކަށް ނޭނގެތެވެ." (އައްނަޙްލު ސޫރަތުގެ 21 ވަނަ އާޔަތް)
ﷲ ހަނދުމަކުޅައުމަކީ ތިމާގެ ހުރިހައި ކަމެއް އެފަރާތެއްގެ ބާރުފުޅާއި ބެއްލެވުމުގެ ދަށުގައިވާ މަތިވެރި ފަރާތެއްގެ މަތީން ހަނދުމަކުޅައުމެވެ. ތަކުބީރުކިޔައި އަސްތަޣްފާރުކޮށް އުޅުމަކީ ﷲ ހަނދުމަކުރާނޭ އެއް ގޮތެވެ. އަނެއް ގޮތަކީ ތިމާ ކޮންމެ ކަމެއްގައި ﷲގެ އެހީތެރިވެވޮޑިގަތުމަށް އެދެން ފަރިތަކުރުމެވެ. ލިބޭ ކޮންމެ އެއްޗަކަށް ޙަމްދުކުރަން އާދަކުރުމެވެ.
މަޑުމަތިރިވާށެވެ. މާ ބާރުގަދަ މީހަކު ކަމަށް ހީކުރާ ހީކުރުން ދޫކޮށްލާށެވެ. ﷲ އަށް އިތުބާރުކޮށް އެކަލާނގެ ހަނދުމަކުޅައުންމަތީ ދެމިހުންނާށެވެ. އުފާވެރިކަން ފަހަތުން ދުވެފައި އަންނާނެއެވެ.
"ދެންފަހެ، ދުނިޔޭގެ ސަވާބާއި، އާޚިރަތުގެ ރިވެތި ސަވާބާއި އެއުރެންނަށް اللَّه ދެއްވިއެވެ. އިޙްސާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ." (އާލްޢިމްރާން ސޫރަތުގެ 148 ވަނަ އާޔަތް)