ބަނޑުހައިހޫނުކަން ނުވަތަ ފަގީރުކަން ނުވަތަ ހިތާމަ ނުވަތަ ނާއިންސާނު ފަދަ އެއްވެސް އުނިކަމެއް މެދުވެރިވެއްޖެ ނަމަ ސުވަރުގޭގައި ލިބޭނޭ ދާއިމީ އުފަލާއި މުއްސަނދިކަމާއި ސަލާމަތާއި ރައްކާތެރިކަމުގެ މަތީން ހަނދާންކުރާށެވެ.
ސުވަރުގެއަށް އީމާންވެ ގަބޫލުކުރުމަށް ފަހު ސުވަރުގޭގެ ނިޢުމަތް ހޯދަން މަސައްކަތް ފެށުމާއެކު ހިތާމައާއި ކަންބޮޑުވުން ވަޔަށް ބުރައިގެން ހިނގައިދާނެއެވެ. އެންމެ ބުއްދިވެރި މީހަކީ ދުނިޔޭގެ ދަޅައަށް ނުހެއްލި އާޚިރަތް ދުވަހުގެ ހެވާއި ފައިދާއަށް އެދިގެން މަސައްކަތްކުރާ މީހާއެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދިގެން މަސައްކަތްކުރާ މީހާއެވެ. އެންމެ ބޮޑު މޮޔައަކީ ދުނިޔެއަކީ ދާއިމީ ތަނެއް ކަމަށް ދެކިގެން އާޚިރަތުގެ މަތީން ހަނދާންނައްތައިލާ މީހާއެވެ.
ދުނިޔޭގެ ކަން ހިނގާ މަގަށް ބަލައިލާށެވެ. އެދޭ ގޮތަކަށް ކަމެއް ނިމިގެން ދަނީ ކިތައް ފަހަރު ހެއްޔެވެ؟ ފެންނަ ކޮންމެ މަންޒަރަކުން ފެންނަނީ އުނިކަމެވެ. އެކަމަކުވެސް ދުވަނީ ދުނިޔޭގެ އެދުންތަކުގެ ފަހަތުންނެވެ. އެއީ އީމާންކަމުގެ އުނިކަމެވެ.
ސުވަރުގޭގެ މަތީން ހަނދާންކުރަން ޖެހެނީ ދުނިޔޭގެ އެދުމުގެ ޖާދޫގައި ޖެހުމުން ސަލާމަތްވާށެވެ. ސުވަރުގެއަކީ ފުރިހަމަ ތަނެކެވެ. ސުވަރުގޭގެ ގެތަކަކީ ފުރިހަމަ ގެތަކެކެވެ. ހިތާމައެއް ނުރައްކަލެއް ނެތް ގެތަކެކެވެ. ކެއިންބުއިމަކީ އޭގެ ސަބަބުން ބަލިތައް ޖެހޭފަދަ އެއްޗިއްސެއް ނޫނެވެ. މީސްމީހުންގެ ފަރާތުން އަންނަ ނުރައްކަލެއް ނޯންނާނެއެވެ. ހަތިޔާރާއި ނިރުބަވެރި ހަމަލާތަކެއް ނޯންނާނެއެވެ.
ސުވަރުގޭގައި އެއްވެސް މީހަކަށް ބައްޔެއް ނުޖެހޭނެއެވެ. މަރެއް ނުވާނެއެވެ. މުސްކުޅިއެއް ނުވާނެއެވެ. އަންނަނު ބަލެއް ނުވާނެއެވެ. ސުވަރުގޭގެ އުފަލަކީ ދާއިމީ ކަމެކެވެ. އެއް ދުވަހުގެ ނުވަތަ ވަކި މުއްދަތެއްގެ ކަމެއް ނޫނެވެ.
އެފަދަ ފުރިހަމަ ތަނެއްގެ މަތީން ހަނދާން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ތަނަކަށް ދާން ނޭދެންވީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ތަނެއްގައި ދާއިމީ ދިރިއުޅުމެއް އުޅެވޭނޭ ކަމުގެ އުއްމީދު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟
ސުވަރުގޭގެ މަތީން ހަނދާން ކުރާށެވެ. އުފަލާއި އަރާމުގެ މަތީން ހަނދާން ކުރާށެވެ.