މަޑުމައިތިރިކަމާއެކު ވާހަކަދެއްކުމާއި، ހިތްހެޔޮ ހިނިތުންވުމާއި، ހިތްހަމަޖައްސައިދޭފަދަ ވާހަކަދެއްކުމަކީ ކާމިޔާބު މީހުންގެ ކިބައިން ފެންނަ ސިފަތަކެވެ. މިއީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފަތަކެއްވެސް މެއެވެ.
މާމުއިކުޅަނދުރު މަލުން ފޮނި ބޮއިގެން ގޮސް އުފައްދާ އެއްޗަކީ މާމުޔެވެ. އެކަމަކު އެ މީރު މާމުއި ތައްޔާރުކުރުމަށްޓަކައި ފޮނި ބުއިނަމަވެސް ކުޅަނދުރު މައު ހަލާކުކޮށެއް ނުލައެވެ.
ބައެއް މީސްމީހުން ގިނަ ބައެއްގެ ތެރެއަށް ނުކުތީމާ އެ ބައެއްގެ ތެރެއަށް އުފާވެރިކަމާއި ހިތަހަމަޖެހުން ފެތުރިގެން ދެއެވެ. އެއީ އެފަދަ މީސްމީހުން މާމުއިކުޅަނދުރުގެ އުސޫލު ގެންގުޅޭތީއެވެ. އަމިއްލަ ފައިދާއަށްޓަކައި އެހެން މީހުންގެ އަގު ވައްޓައިލުމާއި ބޮނޑިދިނުމުގެ އުސޫލު ބޭނުން ނުކުރާތީއެވެ. މަޑުމައިތިރިކަމާއެކު ވާހަކަދައްކާތީއެވެ. ދަރަޖައަކަށް މަގާމަކަށް ނުބަލައި ކޮންމެ މީހަކަށްވެސް ގަދަރުކޮށް ހިނިތުންވެލައި އުޅޭތީއެވެ.
އެކުވެރިން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ބައެއް މީހުން އިޚްލާސްތެރި އެކުވެރިން ވަރަށް ފަސޭހައިން ހޯދައެވެ. އެއީ އެފަދަ މީހުން ހިފަހައްޓާ ރަނގަޅު އުސޫލުތަކެއްގެ ނަތީޖާއެވެ.
"ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ." (ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތް)
އެ އުސޫލަކީ މަތީގައި ދެންނެވުނު ކަންތައްތަކުގެ އިތުރަށް މައާފުކުރުމާއި ރަހުމުކުރުމާއި އެހީތެރިވުމުގެ ރީތި އާދަވެސް ހިމެނޭ އުސޫލެކެވެ. އެފަދަ މީސްމީހުންނާ ބައްދަލުވީމާ ރައްކާތެރިކަމުގެ އިހުސާސް ކުރެވޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސު ކުރައްވައިފައިވާ ގޮތުގައި ރަނގަޅު މުސްލިމަކީ އޭނާގެ އަތާއި ދުލުން އެހެން މީހަކަށް ގެއްލުމެއް ނުދޭ މީހާއެވެ. ރަނގަޅު މުއުމިނަކީ އެމީހެއްގެ ފުށުން އެހެން މީހަކުގެ ހަށިގަނޑަށާއި މުދަލަށް ގެއްލުމެއް ނުލިބޭ މީހާއެވެ.
އުފާވެރިކަމަކީ މިއީއެވެ. އެހެން މީހުންނަށް އުނދަގޫ ނުކުރުމުގެ އިތުރަށް އުފާވެރިކަމާއި ހެޔޮކަން ފަތުރަމުން ގެންދިއުމެވެ. މަލުން މީރުވަސް ފަތުރާ ފަދައިންނެވެ.