ﷲ އަށް ޝުކުރުވެރިވުމަކީ އެކަލާނގެ ދެއްވި ނިޢުމަތްތަކާމެދު ވިސްނައި ފިކުރު ކުރުމާއެކު އެ ނިޢުމަތްތައް ދެއްވި ކަމަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުންމަތީ ދެމިހުރުމެވެ.
ﷲ ތަޢާލާ އައްނަޙްލު ސޫރަތުގެ 18 ވަނަ އާޔަތުގައި ވަޙީކުރައްވައިފައި ވެއެވެ. "ތިޔަބައިމީހުން اللَّهގެ نعمة ހިމަނައި، عددކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمةއެއް ނުހިމެނޭނެއެވެ."
ފުންކޮށް ވިސްނައިލާށެވެ. އަޅުގަނޑުމެން މި ތިބެނީ ފުރިހަމަ ޞިއްޙަތެއްގައެވެ. ގައުމުގައި އޮތީ ހަމަޖެހުމެވެ. އަމާންކަމެވެ. ރޯދިބަރަކާތެވެ. އަންނައުނާއި ކާބޯތަކެތި އެބަލިބެއެވެ. ނޭވާ ލާނޭ ވަޔާއި ބޯނޭ ފެން ހުހެއް ނުވެއެވެ. މުޅި ދުނިޔެއާއި ދުނިޔޭގައި ލެއްވިހައި އެއްޗެއް ލައްވައިފައިވަނީ އަހަރެމެންގެ ބޭނުމަށެވެ. އެއިން އެއްވެސް އެއްޗަކުން ﷲ ތަޢާލާއަށް ކުރާނޭ އެއްވެސް ފައިދާއެއް ނެތެވެ. އެއިން އެއްވެސް އެއްޗެއް އުނިވުމަކުން އެކަލާނގެއަށް ލިބޭނޭ ގެއްލުމެއް ނެތެވެ. މިއިން އެއްވެސް ކަމަކާމެދު އަޅުގަނޑުމެންނަށް ވިސްނައިލެވޭބާވައެވެ؟ އެންމެ ކުޑަމިނުން ﷲ ދެއްވި ފުރާނައަކާހެދި ނޫންނަމަ ދިރިދުނިޔޭގައި ނުހުންނާނޭކަން އެނގޭބާވައެވެ؟
ލުޤްމާން ސޫރަތުގެ 20 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. "ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه ތިޔަބައިމީހުންނަށްޓަކައި خدمةތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެކަލާނގެ نعمةތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ.
އިންސާނާގެ ހަށިގަނޑަށް ބައްލަވައިލައްވާށެވެ. ކޮންމެ މީހަކަށްމެ ދެލޯ ދެއްވައިފައިވެއެވެ. ދުލެއް އެބައޮތެވެ. ދެ އަތާއި ދެ ފައި އެބަހުއްޓެވެ.
"ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟" (އައްރަޙްމާން ސޫރަތުގެ 13 ވަނަ އާޔަތް)
ދެފައިމަތީގައި ހުންނަމީހާއަށް ލިބިފައިވާ ވަރުގަދަ ނިޢުމަތުގެ ބޮޑުކަން އެނގޭނީ އެއް ފައި ނުވަތަ ދެފައިންކުރެ ފައެއް ނެތް މީހަކާމެދު ވިސްނައިލީމައެވެ. މީސްމީހުނާ ސަލާންކޮށް، އަތުގެ ބޭނުންކޮށްގެން ލިޔެ، ކައިބޮއި، މަސައްކަތްކުރާ މީހާ ހަނދާން ކުރަންވީ އެއް އަތް ނުވަތަ ދެ އަތުންކުރެ އަތެއް ނެތް މީހުނާ މެދުގައެވެ. ތިމާއަށް ލިބިފައިވާ ނިޢުމަތުގެ ބޮޑުކަން އިހުސާސް ކުރެވޭނީ އޭރުންނެވެ. އެހެން މީސްމީހުން ރޭގަނޑު ނުނިދިގެން އުޅޭއިރު އަރާމުކޮށް ނިދޭ މީހާއަށް އެއީ ފާހަގަކުރެވޭ ވަރުގެ ކަމަކަށް ނުވޭ ހެއްޔެވެ؟ ބޭނުން ކޮންމެ އެއްޗެއް ކައިބޮއި އުޅޭއިރު ބައެއް ކަހަލަ ކާ އެއްޗެހީގެ ބޭނުން ކުރީމާ ބަލިވާ މީހުން އުޅޭކަން ހަނދާން ކުރެވޭ ހެއްޔެވެ؟
ކަންފަތަށް އިވޭ އަޑުތަކާމެދު ވިސްނާއިރު ބީރުވާނެ ގޮތް މެދުވެރި ނުކުރައްވައި އިވުމުގެ ނިޢުމަތް ދެއްވިކަން ހަނދާން ކުރެވޭބާވައެވެ؟ ލޮލަށް އެބަ ފެނެއެވެ. ކަނު މީހެއްގެ ގޮތުގައި ލެއްވުމުގެ ބަދަލުގައި ދެ ލޮލަށް ސާފުކޮށް ފެންނަ މީހެއްގެ ގޮތުގައި ކޮން ފަރާތަކުން ހެއްޔެވެ؟ ގައިގެ ހަމާއި އެހެނިގެން ގުނަވަންތަކާމެދު ވިސްނައިލާށެވެ. އެކި ބަލިތައް ނުޖެހި ތިބެވެނީ ކިހިނެއް ހެއްޔެވެ؟ މޮޔަވެފައިވާ މީހެއް ކަމުގައި ނުލައްވައި ސިކުނޑީގެ ދުޅަހެއުކަން ދެއްވީ ކޮން ފަރާތަކުން ހެއްޔެވެ؟
ދުނިޔެ ފުރެންދެން ރަނާއި ރިއްސާއި ޖަވާހިރު ދީފައި ލޮލުގެ ފެނުން ދޭށޭ ބުނެފިއްޔާ ދީފާނަން ހެއްޔެވެ؟ ކާއިނާތުގެ ބަރަށް މުދާ ދީފައި ކަންފަތުގެ އިވުން ދޭށޭ ބުނެފިއްޔާ ދީފަންނަ ހެއްޔެވެ؟ ވާހަކަދެއްކުމަށްޓަކައި ﷲ ދެއްވައިފައިވާ ދޫ ދީފައި ގަނޑުވަރެއް ގެންފާނަން ހެއްޔެވެ؟ އެއް އަތް ދީފައި ޖަވާހިރު ފުންޏެއް ގެންފާނަން ހެއްޔެވެ؟
ﷲ ތަޢާލާގެ މަތިވެރި ނިޢުމަތްތައް އަހަރެމެން ކުޅަ އެއްވެސް ކަމަކާ ނުލައި ލިބެމުންދާއިރުވެސް އެ ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ހޫނު ކާނާ ކައިގެން ފިނިފެން ބޮއިގެން އަރާމު ނިދީގައި ނިދާއިރުވެސް އަހަރެމެންގެ ޝަކުވާތަކެއް ހުހެއް ނުވެއެވެ. ފުރިހަމަ ސިއްހަތެއްގައި ދިރިއުޅޭ އިންސާނާގެ ހިތެއް ނުއެއް ފުރެއެވެ. ތިބެވެނީ ތުން ދަމައި އޫކޮށްގެންނެވެ. ފިކުރުބޮޑުކުރުމާއި ކަންބޮޑުވުމުގެ ތެރެއަށް ގެއްލިފައެވެ.
އަހަރެމެންނަށް އަބަދުވެސް ވިސްނެނީ އަތުން ބީވެގެން ދިޔަ އެއްޗަކާ މެދުގައެވެ. ނުވަތަ ނުލިބުނު އެއްޗަކާ މެދުގައެވެ. ލިބިފައިވާ އެއްޗަކަށްޓަކައި ޝުކުރުވެރިވުމުގެ ވިސްނުމެއް ނުހުރެއެވެ. މުދަލާއި ފައިސާ ގެއްލުނީމާ ހިތާމަކުރާ މީހާގެ ހަނދާންކުރަން ޖެހޭ ކަމަކީ އެ މުދަލާއި ފައިސާ އަލުން ހޯދުމުގެ ގާބިލިއްޔަތުވެސް ﷲ ތަޢާލާ ތިމާއަށް ދެއްވާފައިވާ ކަމެވެ.
އެންމެ ފުރަތަމަ މި ކަންކަމާމެދު ފިކުރުކޮށް ހެޔޮ ހިތުން ﷲއަށް ޝުކުރުވެރިވާށެވެ.
"ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟" (އައްޛާރިޔާތު ސޫރަތުގެ 21 ވަނަ އާޔަތް)
ތިމާގހެ އަމިއްލަ ނަފްސަށާއި ވަށައިގެން އުޅޭ މީހުންނަށާއި ފެންނަ ތަކެއްޗަށް ބަލައި ވިސްނާށެވެ. ކުރިމަތިލާން ޖެހޭ ކަންކަމުގެ ސަބަބަށާއި ނަތީޖާއަށް ބަލައި ފިކުރުކުރާށެވެ. ލިބިފައިވާ ނިޢުމަތްތަކަށް ސަމާލުކަންދީ އުފާވެރިކަން ހިތްމައްޗަށް ގެންނާށެވެ.
"އެއުރެން اللَّهގެ نعمة ދަނެތެވެ. ދެން އެއުރެން އެއަށް إنكارކުރެތެވެ." (އައްނަޙްލު ސޫރަތުގެ 83 ވަނަ އާޔަތް)