13 - ޝަކުވާތަކުގެ އަޑު އައްސަވަނީ ކޮން ފަރާތަކުން ހެއްޔެވެ؟

އަޅުގަނޑުމެން ކަމަކާ ދެރަވެ، މަގު ބަންދުވެއްޖެ ކަމުގެ އިހުސާސް ކުރެވުނީމާ ދަންނަވަނީ ކޮން ފަރާތަކަށްތޯއެވެ؟ މި ކާއިނާތާއި ކާއިނާތުގައި ލައްވައިފައިވާ ހުރިހައި އެއްޗެއްގެ ވެރި ފަރާތަކީ ކޮބައިތޯއެވެ؟ ހުރިހައި ކަމެއް ކޮންޓްރޯލު ކުރައްވަނީ ކޮން ފަރާތަކުންތޯއެވެ؟

ކޮންމެ ކަމެއް ބޭނުން ވިޔަސް ސީދާ ﷲ އަށް ދެންނެވުމަކީ އެ ކަލާނގެ ހުރިހައި އިންސާނުންނަށް ދެއްވައިފައިވާ ޙައްޤެކެވެ. އެކަލާނގެ އަންގަވައިފައިވަނީ އަޅުގަނޑުމެންގެ ދެންނެވުމަށް އިޖާބަދެއްވާނެ ކަމުގައެވެ. އަޅުގަނޑުމެންގެ ބުރަތައް ލުއިކޮށްދެއްވާނެ ކަމުގައެވެ. ހިތާމަތައް ފިއްލަވައިދެއްވާނެ ކަމުގައެވެ. ސަޖިދައަށް ތިރިވާށެވެ. އިޚްލާސްތެރިކަމާއެކު ﷲ އަށް ދަންނަވާށެވެ.

ގެނެބެމުންދާ މީހާ ﷲ ސަލާމަތް ކުރައްވައެވެ. ބަލިމީހާއަށް ޝިފާދެއްވައެވެ. އަނިޔާ ލިބިފައިވާ މީހާއަށް އިންސާފު ދެއްވައެވެ. މަގު އޮޅިފައިވާ މީހާއަށް ތެދުމަގު ދައްކަވައެވެ.

ދުޢާއަކީ އަޅުކަމެކެވެ. ކިޔަމަންތެރިކަމުގެ ނިޝާނެކެވެ. ހުރިހައި އެހީތެރިކަމެއް ބީވެގެންދާ ވަގުތު އޮންނަނީ ﷲ ގެ މަދަދެވެ. ﷲ އަށް ދެންނެވުމަކީ ވަކި ހާލަތަކަށް ވަކި ތަނަކަށް ވަކި ވަގުތަކަށް ޚާއްސަ ކަމެއް ނޫނެވެ. އެ މީހަކަށް ކަމެއް ދިމާވެ، މަދަދަށް ބޭނުންވުމާއެކު ދަންނަވާށެވެ.

"...ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ..." (ޣާފިރް ސޫރަތުގެ 60 ވަނަ އާޔަތުގެ ބައެއް)

ތެދުވެރި ހިތަކާއެކު ދެންނެވުމަށް ފަހު އިޖާބަކުރައްވާނޭ ކަމުގެ އުއްމީދާއެކު ކުރިއަށް ދާށެވެ. އެދުނު ކަމެއް ފުއްދަވައިދެއްވާނޭ ވަގުތަކާއި ގޮތެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އުފާކުރާށެވެ. އިޖާބަކުރައްވާނޭކަމީ މުޖައްރިބު ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.