ކޮންމެ މީހަކުވެސް ދިރިއުޅެނީ އެހެން މީހުންގެ ތެރޭގައެވެ. އެހެންވީމާ ވަރަށް ފަރުވާތެރިކަމާއެކު އެކީގައި އުޅޭ މީހުން ޚިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަނގަޅު މީހުންނާއެކު އުޅުމުން ޚުދި ތިމާގެ ވިސްނުމާއި ފިކުރާއި އުޅުމަށް ރަނގަޅު އަސަރު ކުރާނެއެވެ.
ރަނގަޅު ނޫން ބަޔަކާއެކު އުޅުމުގެ ސަބަބުން މެދުވެރިވާ އެންމެ ގެއްލުން ބޮޑު ކަމަކީ ބޭކާރު ކަންކަމުގައި ވަގުތު ހޭދަވެގެން ދިއުމެވެ. އެއްވެސް ފައިދާއެއް ނުކުރާ ކަންކަން ކުރަން ޖެހުމެވެ. އަދި ނުބައި ކަންކަމުގެ ތެރެއަށް ވަންނާން ޖެހޭފަދަ ހާލަތްތައް ކުރިމަތިވުމެވެ.
ގިނަ މީހުންނަކީ ވަރަށް ގިނަ ކަންކަމުގައި އަވަދިނެތި އުޅޭ މީހުންނެވެ. އެހެންވީމާ އަވަދިނެތި އުޅެން ވާނީ ކޮންމެވެސް ރަނގަޅު ކަމެއްގައެވެ. ފައިދާ ކުރުވަނިވި ކަމެއްގައެވެ. ފައިދާކުރުވަނިވި ކަންކަމަކީ ތިމާގެ ދިރިއުޅުމަށް އެކަންކަމުން އެދެވޭ އަސަރުކުރާ ކަންކަމެވެ.
ވަކި އުސޫލަކަށް ތަބާނުވާ މީސްމީހުންނަކީ ވަރަށް ގިނަ ފަހަރަށް ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރާ މީހުންނެވެ. އެފަދަ މީސްމީހުންނާ ބައިވެރިވެ އުޅުމަކީ ބޭކާރު މަގަކަށް ތިމާ އެނބުރިގެން ހިގައިދާނޭ ކަމެކެވެ.
ތިމާއަށް ނުކުރެވޭ ކަމެއް އޮތް ނަމަ އެކަމާ ވިސްނައި ފިކުރުކޮށް އިސްލާހުވެގަންނަން މަސައްކަތް ކުރާށެވެ. އެއީ ވަކި ކަހަލަ ބަޔަކާއެކު އުޅެގެން ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. ހަމަ ގަބޫލުނުކުރާ ބަޔަކު އަބަދުވެސް މަސައްކަތް ކުރާނީ ހުރިހައި ކަމެއް ރަނގަޅު ކަމަށް ދައްކާށެވެ. އެހެންވީމާ އިސްލާހުވާން ލިބޭ ފުރުސަތު ކުޑަވާނެއެވެ.
ރަނގަޅު މިސްރާބަށް ދިރިއުޅުން އަމާޒުކުރުމަށްޓަކައި ތިމާގެ އަމިއްލަ ކަންކަމަށް އިސްކަން ދިނުމަކީވެސް މުހިއްމު ކަމެކެވެ. އަމިއްލަ ކަންކަމަށް ފަރުވާ ކުޑަ ކުރެވޭ ކަހަލަ ކުޅިވަރު ދައްކާ މީހުންނާ ދުރުހެލިވާށެވެ. މީގެ މާނައަކީ މީސްމީހުންނާ ދުޝްމިނު ވެގެން އުޅޭ ވާހަކައެއް ނޫނެވެ. މާނައަކީ އެކި ކަހަލަ މީސްމީހުން އެކި ދުރުމިނުގައި ބައިތިއްބަން ފަރިތަކުރުމުގެ ވާހަކައެވެ.