4 - މުސްތަގުބަލު އަންނަންދެން އަތްނުލައި ބާއްވާށެވެ.

"ﷲ ގެ އަމުރުފުޅު އައުމާއެކު އެކަމެއް ވާނެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ." (އަންނަޙްލް ސޫރަތުގެ ފުރަތަމަ އާޔަތް)

ކަމެއް ވުމުގެ ކުރިން އެކަމެއް ވާނޭ ގޮތަކާމެދު ހާސްވެ ކަންބޮޑުވެގެން ނޫޅޭށެވެ. މާދަމައަކީ، މިއަދު ކިތަންމެ ވަރަކަށް ވިސްނިޔަސް، ފެންނާނެ އެއްޗެއް ނޫނެވެ. މާދަމާގެ ކުލައެއް ރަހައެއް ނެތެވެ. އެހެންވީމާ މާދަމަޔާމެދު ވިސްނުމުގެ ބޭނުމެއް ނެތެވެ. ކުރިއަށް އޮތް ހިނދުކޮޅު ވާނީ ކިހިނެއް ކަމެއްވެސް ނޭނގޭއިރު މާދަމާ ވާނެ ކަމެއް އަމުދުން އެނގޭނީ ކިހިނެއް ހެއްޔެވެ؟ މާދަމަޔާ އަހަރެމެންނާ ދެމެދު ވަނީ ފާރެއް ލެވިފައެވެ. ކަންބޮޑުވާން ފަރިތަ މީހުން ކުރާ ކަމަކީ އެ ފާރުމަތިން ބޯދީ ބެލުމެވެ. އެވަރަށް ބެލީމާވެސް ފެންނަ އެއްޗަކާ ހަގީގީ މާދަމަޔާ ބައްދަލުވީމާ ފެންނަ ކަންތަކާ ތަފާތެވެ. ކަންބޮޑުވެގެން އުޅުނު ކަންތައް އޮންނަނީ އެކޮޅުކޮޅުން ޖެހިފައެވެ. އެއްވެސް ކަމަކަށް ނުވެ ނިމިގެން ގޮސްފައެވެ.

ފާލަމަކާމެދު ވިސްނައިލާށެވެ. އަހަރެމެން ގިނަ ފަހަރަށް ފާލަން ހުރަސް ކުރާނޭ ގޮތަކާމެދު ވިސްނަން ފަށަނީ އެ ފާލަމާ ހަމައަށް ނުވެސް ދެވެނީހެވެ. ފުންކޮށް ވިސްނާލައިފިނަމަ އެނގޭ ހަގީގަތަކީ އެ ފާލަމާ ހަމައަށް ދެވޭނެކަމެއްވެސް ނޭނގޭ ކަމެކެވެ. އެ ހިސާބަށް ދެވޭއިރު ފާލަން އޮންނާނެ ކަމެއްވެސް ނޭނގެއެވެ. އެހެންވީމާ ހުރަސް ކުރާނޭ ގޮތަކާ މެދު މިއަދު ވިސްނަން ފަށައިފިއްޔާ ބޮލަށް އުނދަގޫވުން ނޫން ކަމެއް ނުވާނެއެވެ.

މިއަދާމެދު ވިސްނާނޭ ޖާގަ ސިކުނޑިއަށް ދޭށެވެ. މާދަޔާމެދު ވިސްނާނޭ ޖާގަ ދިނުމަކީ އެނގުމެއް ނެތް، ނުފެންނަ ކަންތައްތަކާމެދު ވިސްނާނޭ ޖާގަ ދިނުނެވެ. މާދަޔާމެދު ކޮންމެ ގޮތަކަށް ވިސްނިޔަސް ވިސްނޭނީ ޔަގީން ނޫން ކަމަކާ މެދުގައެވެ. ރަނގަޅު ކަމަކަށް ވިޔަސް ނުވަތަ ނުބައި ކަމަކަށް ވިޔަސް އެ ކަމެއް އަދި ނުވެއެވެ. ވާނޭ ކަމެއްވެސް ނޭނގެއެވެ. ނުބައި އުއްމީދަކީވެސް ބުރައެކެވެ. ބިރަކީވެސް ބުރައެކެވެ.

މާދަމައާމެދު ވިސްނާ މީހުން ގިނަ ފަހަރަށް ވިސްނަނީ ރަނގަޅު ކަމެއް ވެދާނޭ ކަމަކަށެއް ނޫނެވެ. ބަނޑުހައިކަމާއި ވިޔަފާރީގައި ގެއްލުންވުމާއި ބަލިމަޑުކަމެއް ކުރިމަތިވުމާއި ފަގީރުވުމާއި މިކަހަލަ ހާސްކަންބޮޑު ކަންތައްތަކާމެދުގައެވެ. މިފަދަ ހުރިހައި ކަމަކީ ޝައިޠާނާގެ ވަސްވާހެވެ.

"ފަގީރުވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠާނާ ތިޔަބައިމީހުންނަށް ނުބައި ކަންތަކަށް އަމުރުކުރެތެވެ. ﷲ ތިޔަބައިމީހުންނަށް ވަޢުދު ކުރައްވަނީ އެކަލާނގެ ޙަޟުރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި ފަޟުލުވަންތަކަމަށެވެ. ﷲ އީ ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ބަޤަރާ ސޫރަތުގެ 268 ވަނަ އާޔަތް)

މާދަމާ ކާނޭ އެއްޗެއް ނުލިބިދާނެއޭ ހިތަށް އަރާ މީހުން އުޅެއެވެ. ދެތިން މަހެއްގެ ތެރޭގައި ނުވަތަ އަހަރެއްގެ ތެރޭގައި މަރުވެދާނެއޭ ހިތަށް އަރާ މީހުން އުޅެއެވެ. ފަންސާހަކަށް އަހަރު ފަހުން ގިޔާމަތްވެދާނެއޭ ހިތަށް އަރާ މީހުން އުޅެއެވެ. ނިކަން ވިސްނާލަބަލާށެވެ. މިއިން އެއްވެސް ކަމަކީ އެއްވެސް މަޚްލޫގެއްގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫނެވެ. މި ހުރިހައި ކަމެއް ނިންމެވުމުގެ ބާރުވެރިއަކީ ﷲ ތަޢާލާއެވެ. އެހެންވީމާ ﷲ ތަޢާލާގެ ބާރުފުޅުގެ ދަށުގައި އޮންނަ ކަމަކާމެދު އަހަރެމެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ކަންބޮޑު ވިިޔަސް ކޮންމެ ކަމެއްވެސް ނިމިގެން ދާނީ ﷲ އިރާދަކުރެއްވި ގޮތަކަށެވެ.

އެހެންވީމާ މާދަމާ އަންނަންދެން އަތްނުލައި ބާއްވާށެވެ. މާދަމާ ވާނޭ ގޮތުގެ ސުވާލު ހިތުގައި ނުއުފައްދާށެވެ. މިއަދާއިގެން ކުރިއަށް ދާށެވެ.

އެ ދުވަހަކަށް އަދި އިރުނާރާ ދުވަހެއްގެ އަލިކަމާ މެދު ފިކުރު ކުރާނޭ ކަމެއް ނެތެވެ. ސިކުނޑިއަށް ބުރަ ބޮޑުވުން ނޫން ކަމެއް ނުވާނެއެވެ. އުފާވެރިކަމަކީ ﷲ އަށް އިތުބާރު ކުރުމާއެކު އެކަލާނގެ އިރާދަފުޅަށް ކަންތައްތައް ދޫކޮށްލައިގެން ހުރެގެން ނޫނީ ސާސިލުކުރެވޭނޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.