އަމިއްލަ ނަފްސު ދެނެގަންނާށެވެ. - 3

(20 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޙަޤީޤަތުގައި އިންސާނާ އަކީ ވަކި ޖިސްމަކަށް ނުވަތަ ހަށިގަނޑަކަށް ކިޔާ ނަމެއް ނޫނެވެ. އިންސާނާ އަކީ ހަށިގަނޑުގެ އެތެރޭގައި އޮންނަ ފުރާނަ އަށް ނުވަތަ ރޫޙަށް ކިޔާ ނަމެކެވެ. މިހައި ތަނަށް ހޯދިފައިވާ ހޯދުންތަކުން އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މި ދެންނެވުނު ފުރާނަ އެކުލެވިފައި ވަނީ އިންތިހާއަށް ކުދި ކުދި ޒައްރާތަކެއް އެކުވެގެންނެވެ. އެ ޒައްރާ ތަކަށް އަޅުގަނޑުމެން ކިޔާ ނަމަކީ [ލިވިންގ ސެލް] އެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގައި ލައްވައިފައިވާ ސެލްތަކުގެ މިސާލަކީ ޢިމާރާތެއް ރާނަން ބޭނުން ކޮށްފައިވާ ގަލުގެ މިސާލެވެ. އަޅުގަނޑުމެންގެ ޖިސްމާނީ ޢިމާރާތުގެ ގައުތައް ނުވަތަ ސެލްތައް އަޅުގަނޑުމެންގެ ޙަރަކާތާއި، ޢަމަލުތަކުގެ ސަބަބުން އަބަދުމެ ހުންނަނީ މަރު ވޭވެއެވެ. މަރު ވެގެންދާ ބައި ފޫ ބައްދަނީ ކެއިން ބުއިމުގެ ޒަރީޢާ އިންނެވެ. ކާބޯ ތަކެތި ހަޖަމު ވެގެން އެކި ކަހަލަ ސެލްތަކަށް ބަދަލު ވަނީއެވެ. ހަށިގަނޑަށް ލިބޭ ގެއްލުންތައް ފޫ ބައްދައި ދެނީއެވެ. މި ދެންނެވި އުޅުމުގެ މަތީން އިންސާނާގެ ހަށިގަނޑު އަބަދުމެ ދަނީ ހަލާކު ވަމުން، މަރާމާތު ވަމުންނެވެ. ބަދަލު ވަމުންނެވެ. ކުރީގެ ސެލްތައް މަރު ވަނީއެވެ. އައު ސެލްތައް އުފެދެނީއެވެ. މި ކަންތައްތައް މި ގަޮތަށް މެދު ނުކެނޑި ކޮންމެ ދުވަހަކުމެ ކުރިއަށް ދެއެވެ. އެންމެ ފަހުން ދުވަސް ތަކަކަށް ފަހު އިންސާނާގެ މުޅި ހަށިގަނޑު އައު ވެދެއެވެ.

މި ދެންނެވުނު ގޮތަށް ހަށިގަނޑު މުޅީން ބަދަލުވެ ނިމެނީ ދިހަ އަހަރު ދުވަހުންނެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ ތިބާ އަށް މީގެ ދިހަ އަހަރު ކުރިން ލިބިވަޑައިގެންފައިވާ ހަށިގަނޑަކީ މިހާރު ލިބިވަޑައިގެންފައި ތިޔަވާ ހަށިގަނޑެއް ނޫނެވެ. މިއަދުގެ ހަށިގަނޑަކީ މުޅީން އައު ހަށިގަނޑެކެވެ. ދިހަ އަހަރު ދުވަހުގެ ތެރޭގައި ހަށިގަނޑުން އުނިވެގެން ދިޔަ ސެލްތައް އެއްކޮށް ޖަމާ ކޮށްފި ނަމަ މިހާރު ހުރި ހަށިގަނޑާ މުޅިން އެއް ވައްތަރު އެހެން ހަށިގަނޑެއް އުފެއްދޭނެއެވެ. އިންސާނެއްގެ ޢުމުރަކީ ސަތޭކަ އަހަރު ކަމަށް ބަލައިފި ނަމަ އެ މުއްދަތުގެ ތެރޭގައި އޭނާޔާ އެއް ސިފައިގެ ދިހަ އިންސާނުން އުފެއްދިދާނެއެވެ. އެއިން ކޮންމެ ހަށިގަނޑެއް ވެސް އޮންނާނީ ހަމަ އެއް ސިފައެއްގައެވެ. އެހެން ނަމަވެސް އެއިން އެއްވެސް ހަށިގަނޑެއްގައި ފުރާނައެއް ނުހުންނާނެއެވެ. ސަބަބަކީ އެތެރޭގައި އޮތް އިންސާނާ ނެތުމެވެ. އެހެނީ އެ އިންސާނާ ވަނީ ކުރީގެ ހަށިގަނޑު ދޫކޮށް، އަލުން އުފެދުނު ހަށިގަނޑަށް ބަދަލު ވެފައެވެ.

މިފަދައިން އަޅުގަނޑުމެންގެ ހަށިގަނޑު އުފެދެމުން، ނެތެމުން ދަނީއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ [އެތެރެ] އަކަށް ބަދަލެއް ނާދެއެވެ. އަޅުގަނޑުމެން [އަހަރެން] އޭ މި ކިޔާ އެއްޗެއް އޮތް ގޮތަށް އޮވެއެވެ. އަޅުގަނޑުމެން ބަޔަކާ އެކު މުޢާހަދާއެއް ކޮށްފައި އޮވެއްޖެ ނަމަ އޭގެ ދިހަ އަހަރު ފަހުން ވެސް އެއީ [އަހަރެން] ވެފައި އޮތް އެއްބަސްވުމެއް ކަމަށް ޤަބޫލު ކުރަމުއެވެ. އެހެން ނަމަވެސް ދިހަ އަހަރު ފަހުން އޮންނަނީ އަކީ ދިހަ އަހަރު ކުރިން އޮތް ހަށިގަނޑެއް ނޫނެވެ. އެ މުޢާހަދާ ގައި ސޮއި ކުޅަ އަތެއް މިހާރަކު ނެތެވެ. އެ މުޢާހަދާގެ ވާހަކަ ދެއްކި ދުލެއް މިހާރަކު ނެތެވެ. އެހެން ނަމަވެސް އެއްކަލަ އަހަރެން އަދިވެސް އެބަހުއްޓެވެ. އަދި އެއީ ހަމަ އަހަރެން ވީ އެއްބަސްވުމެއް ކަމަށް ޤަބޫލު ކުރެއެވެ. އަދި އެއްބަސްވުމަށް އިޙްތިރާމް ކުރަންވެސް އެއްބަސް ވެއެވެ. މި ޤަބޫލު ކުރުމެއް ޤަބޫލު ކުރަނީ ހަށިގަނޑުގެ އެތެރޭގައި އޮތް އިންސާނާއެވެ. ހަށިގަނޑަށް އެތައް ބަދަލެއް އައުމާއެކުވެސް އެތެރޭގައި އޮތް އިންސާނާ އަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

މި ވާހަކަތަކުން ސާބިތު ވަނީ އިންސާނާ އަކީ ވަކި ހަށިގަނޑަކަށް ކިޔާ ނަމެއް ނޫން ކަމެވެ. އެހެންވީމާ ހަށިގަނޑު މަރު ވިޔަކަސް އިންސާނާއެއް މަރެއް ނުވެއެވެ. އިންސާނާ އަކީ ހަށިގަނޑާ މުޅިން ވަކި ވުޖޫދެއްގެ ގޮތުގައި ހަށިގަނޑުގެ އެތެރޭގައި އޮންނަ ފުރާނައެވެ. ހަށިގަނޑަށް ބަދަލު އައުމާއެކުވެސް މި ފުރާނަ ދެމި އޮވެއެވެ. ހަށިގަނޑު ބަދަލު ވުމާއި، ފުރާނަ ނުގޮސް އޮތުމުން ސާބިތު ވަނީ ހަށިގަނޑަކީ ފަނާ ވެގެންދާ އެއްޗެއް ކަމާއި، ފުރާނައަކީ ފަނާ ނުވާ އެއްޗެއް ކަމެވެ.

މިހާރަކަށް އައިސް ބައެއް މީހުން ބުނާ ގޮތުގައި ދިރިހުރުމާއި، މަރަކީ މާއްދީ އެއްޗެހިތަކެއް އެކު ވެގެން އުފެދި، އެ އެއްޗެހި ފަނާވީމާ ފަނާ ވެގެން ދިއުމަށް ކިޔާ ނަމެކެވެ. މި ދެންނެވުނު އެއްޗެހި އެއްތަންވީމާ ދިރިހުރުން ވުޖޫދަށް އަންނަނީއެވެ. އެ އެއްޗެހި ފަނާ ވެގެން ދިޔައީމާ މަރު ވަނީއެވެ. ޔަކްބަސްތް މި ނަޒަރިއްޔާ ބަޔާން ކޮށްފައި ވަނީ އަންނަނިވި ޅެން ބައިތުންނެވެ.

ޒިންދަގީ ކިޔާހޭ އަނާސިރްކާ ޒުހޫރެ ތަރްތީބް

މައުތު ކިޔާހޭ އިންހީ އަޖްޒާ ކާ ޕަރޭޝާން ހޯނާ

(މި ޅެން ބައިތުގެ މާނައަކީ "ދިރިހުރުމަކީ ކޮބައިތޯއެވެ؟ (އެއީ) ވަކި މާއްދާތަކެއް ތަރުތީބެއްގެ މަތީން އެއްތަންވުމެވެ. މަރަކީ ކޮބައިތޯއެވެ؟ (އެއީ ކުރިން ބުނެވި ދިޔަ) މާއްދާ ތަކަށް ޚަލަލް އައުމެވެ.")

އެކަމަކު މިއީ ޢިލްމާ އެއްވެސް ގުޅުމެއް އޮތް ވާހަކައެއް ނޫނެވެ. ދިރިހުރުމަކީ އެ ބުނާހެން މާއްދާތަކެއް ތަރުތީބެއްގެ މަތީން އެއްތަންވުން ކަމަށް ވާނަމަ އެ ތަރުތީބު އޮތްހައި ހިނދަކު ފުރާނަ ހުންނަން ވާނެއެވެ. ދިރިހުރުން ނެތިގެން ގޮސްގެން ނުވާނެއެވެ. އަދި މި ދެންނެވުނު މާއްދާތައް ތަރުތީބެއްގެ މަތީން އެއްތަން ކޮށްގެން ދިރިހުރުން ވުޖޫދަށް ގެނައުމަކީ ސައިންސްވެރިންނަށް ކުރެވޭ ކަމަކަށް ވާން ވާނެއެވެ. އެކަމަކު މި ދެކަމުން ކުރެ ކަމަކީ މުމްކިން ކަމެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ.

މަރު ވަނީ ދިމާވާ ހާދިސާއެއްގައި ހަށިގަނޑުގެ ގުނަވަންތައް ވަކިވެގެންދާ މީހުން އެކަނި ނޫންކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެކި ޙާލަތްތަކާއި، އެކި ޢުމުރުގައި މީހުން މަރު ވެއެވެ. ބައެއް ފަހަރަށް ހަމަ ދުޅަހެއުކޮށް، ހަށިގަނޑު ރަނގަޅަށް ތިބޭ މީސް މީހުން ހިތް ހުއްޓިގެން މަރުވެއެވެ. ހިތް ހުއްޓުނީ ކީއްވެގެންކަން ބުނެ ދިނުމަކީ ޑަކްޓަރުންނަށްވެސް ކުރެވޭ ކަމަކަށް ނުވެއެވެ. މަރުވީމާ އަޅުގަނޑުމެންނަށް ފެންނަނީ މައްޔިތާ ހަމަ އޮތް ގޮތަށް (އެއްވެސް ގުނަވަނެއް މަދު ނުވެ) ތަނެއްގައި ބާއްވާފައި އޮއްވައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ މާއްދާތައް އުނިވެގެން ނުގޮސް، ތަރުތީބުގެ މަތީގައި ހުރެއެވެ. އެކަމަކު އެތެރޭގައި އޮތް ފުރާނަ ނުކުމެގެން ހިނގައްޖެއެވެ. ދެތިން ހަތަރު މިނިޓް ކުރިއާ ހަމައަށް ހަށިގަނޑުގެ މާއްދާތައް ތަރުތީބު ކުރެވިފައި ހުރި ގޮތަށް މިހާރުވެސް އެބަ ހުއްޓެވެ. އެހެން ނަމަވެސް ދިރުމެއް، ފުރާނައެއް ނެތެވެ. މި ކަމުން އެނގެނީ މާއްދީ އެއްޗެހީގެ ތަރުތީބަކީ ދިރިހުރުން ގެނެސްދޭ އެއްޗެއް ނޫން ކަމެވެ. ދިރިހުރުމަކީ އެ އެއްޗިއްސާ އެއްވެސް ގުޅުމެއް ނެތް މުޅީން ވަކި އެއްޗެއް ކަމެވެ.

އެއްވެސް ލެބޯޓަރީއެއްގައި ދިރިހުރި އިންސާނަކު އުފެއްދުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހަށިގަނޑުގެ ސޫރައެއް ކޮންމެ ވަގުތަކުވެސް އުފެއްދިދާނެ އެވެ. ހަށިގަނޑު އުފެދިފައި ވަނީ ކެމިކަލްތަކާއި، އެޓަމްތައް އެކުވެގެން ކަން މިހާރު އެނގިއްޖެ އެވެ. ހަށިގަނޑުގައި ހުންނަ ކާރބަން އަކީ އަޅުގަނޑުމެންނަށް ޗާކޯލް އިން ފެންނަ ފަދަ ކާރބަންއެވެ. ހައިޑްރޯޖަން އާއި، އޮކްސިޖަން އަކީ ފެނުގައިވެސް ހުންނަ ފަދަ ހައިޑްރޯޖަނާއި އޮކްސިޖަނެވެ. ނައިޓްރޯޖަން އަކީ ޖައްވުގައި ހަމަ މި ހުންނަ ފަދަ ނައިޓްރޯޖަނެވެ. އެހެން މާއްދާތަކަށް ބެލި ނަމަވެސް ކަންތައް އޮތް ގޮތަކީ މިއީއެވެ. އެހެން ނަމަވެސް އިންސާނާ އަކީ އާދައިގެ އެޓަމްތަކެއް އާދަޔާ ޚިލާފު ގޮތަކަށް ތަރުތީބު ކުރެވުމުގެ ސަބަބުން އުފެދޭ މަޚްލޫޤެކޭ ބުނެވޭނޭ އެއްވެސް ގޮތެއް ނެތެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އިންސާނާ އުފެދިފައި ވަނީ ކޮން ކޮން މާއްދާތަކެއް އެކުވެގެން ކަން އެނގުނު ކަމުގައި ވިޔަސް އެ މާއްދާތައް އެ ވަރަށް އެއްކޮށް، ޖަމާ ކޮށްގެން އިންސާނަކު އުފެއްދުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ ދިރުން ހުރި އިންސާނާ އަކީ ހަމައެކަނި ދިރުމެއް ނެތް އެޓަމްތަކެއްގެ މަޖްމޫޢާ އެއް ނޫނެވެ. އެއީ އެޓަމާއި، ފުރާނައެވެ. މަރުވީމާ ހަށިގަނޑު އަޅުގަނޑުމެންގެ ކުރިމަތީގައި އޮވެއެވެ. އާދެ، އެޓަމް ގެ މަޖްމޫޢާ އޮވެއެވެ. އެހެން ނަމަވެސް ފުރާނަ އެހެން ދުނިޔެއަކަށް ހިނގައިދެއެވެ.

މި ވާހަކަތަކުން އެނގުނު ގޮތުގައި ފުރާނައަކީ ނުވަތަ ދިރުމަކީ ނެތިގެން ދާ އެއްޗެއް ނޫނެވެ. އެއީ އަބަދަށް ދެމި އޮންނަ އެއްޗެކެވެ. މަރު ވުމަށް ފަހު އައު ދިރިއުޅުމެއް އޮތް ކަމުގެ ނަޒަރިއްޔާ އަކީ ބުއްދި ޤަބޫލު ކުރާ ނަޒަރިއްޔާ އެއްކަން ވަރަށް ރަނގަޅަށް އެބަ އެނގެއެވެ. މި ޙަޤީޤަތް ހަރު އަޑުން ގޮވަނީ ދިރިއުޅުމަކީ ހަމައެކަނި މަރުވުމުގެ ކުރިން މި ފެންނަ ދިރިއުޅުމަށް ވެގެން ނުވާނޭ ކަމުގައެވެ. އަދި ކީއްތޯއެވެ؟ މަރު ވުމަށް ފަހުވެސް ދިރި ހުންނަން ޖެހޭނޭ ކަމުގައެވެ. މި ދުނިޔެއަކީ ޢުމުރު ހުސްވެ، ފަނާ ވެގެން ދާނޭ ތަނެއް ކަމަށް އަޅުގަނޑުމެންގެ ބުއްދި ޤަބޫލު ކުރެއެވެ. އަދި ދުނިޔެ ފަނާ ވުމަށް ފަހުވެސް އިންސާނާގެ ވުޖޫދު ދެމި ހުންނާނޭ ކަމަށް ވެސް ޤަބޫލު ކުރެއެވެ. ފުރާނަ ދިޔައީމާ އަޅުގަނޑުމެން މަރު ވަނީއެއް ނޫނެވެ. އެހެން ދުނިޔެއެއްގައި ދިރިއުޅެން ދަނީއެވެ. މިހާރު މި އުޅޭ ދިރިއުޅުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދަތުރުގެ ކުޑަކުޑަ ވަގުތުކޮޅެކެވެ. މުޅި ޢުމުރެއް ނޫނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.