އަމިއްލަ ނަފްސު ދެނެގަންނާށެވެ. - 1

އަސްލު: މަވްލާނާ ވަޙީދުއްދީން ޚާން ރަޙިމަހުﷲ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ދުނިޔޭގައި ލައްވައިފައިވާ، ބިމަށް ދަމާ ބާރު ސުމަކަށް ހިނގައްޖެއޭ، ވުމާއެކު ދުނިޔެ ގަޑިއަކު 6000 ކިލޯ މީޓަރު ބާރު މިނުގައި އިރާ ދިމާ އަށް ދަމަމުން ދަނީއޭ ސައިންސްވެރިން ބުނެފި ނަމަ މުޅި ދުނިޔެ ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓޭނެއެވެ. ދުނިޔޭގައި އުޅޭ މީހުން ހާސް ވެގެން ތެޅިގަންނާނެއެވެ. އެހެނީ އެހެން ވެއްޖެ ނަމަ ދެތިން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ދުނިޔޭގެ ހުރިހައި ދިރުމެއް ނެތިގެން ހިނގައިދާނެއެވެ.

ޙަޤީޤަތުގައި މި ދުނިޔެ، މި އޮންނަނީ އެއަށް ވުރެ މާ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ. އެކަމަކު އެއްވެސް މީހަކު އެކަމާ މެދު ފިކުރެއް ނުކުރެއެވެ. ހާހެއް ނުވެއެވެ. އެ ބިރުވެރި ކަމަކީ ކޮބައިތޯއެވެ؟ އެއީ އާޚިރަތް ދުވަހުގެ ބިރުވެރި ކަމެވެ. އެއީ މި ދުނިޔެ ހެއްދެވި ދުވަހުން ފެށިގެން، މި ދުނިޔެއަށް ޓަކައި އިރާދަ ކުރައްވައިފައިވާ ގޮތެވެ. ދުނިޔެ އޭގެ މަންޒިލާ ދިމާއަށް ދަނީ ނުހަނު ހަލުވި ކަމާ އެކީގައެވެ. ދީނީ ޢަޤީދާއެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިކަން ޤަބޫލު ކުރެއެވެ. ޙައިރާން ވާން ޖެހެނީ އެއްވެސް މީހަކު މި ކަމާ މެދު ފުންކޮށް ވިސްނައި ނުލާތީއެވެ.

މިހާރު ދުނިޔޭގައި އިންސާނުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ކަމަކީ ކޮބައިތޯ ސުވާލު ކުރެވިއްޖެ ނަމަ އެކި މީހުން ދޭނީ އެކި ޖަވާބެވެ. އެއް ބަޔަކު ބުނާނީ އެއީ ނިއުކްލިއަރ ހަތިޔާރު ފެތުރުން ކަމަށެވެ. އަނެއް ބަޔަކު ބުނާނީ އެއީ އުފަންވާ ނިސްބަތް މާ ބޮޑަށް އިތުރު ވެގެން ދިއުން ކަމަށެވެ. އަދި މުއްސަނދި މީހުން އެ މީހުންނަށް ލިބިފައިވާ ފައިސާގެ ބައެއް އެހެން މީހުންނަށް ނުދީ ހިފެހެއްޓުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް ބުނާ ބަޔަކުވެސް ތިބެދާނެއެވެ. މި ތަފާތު ޚިޔާލު ތަކުން އެނގެނީ އިންސާނާ އަށް ޚުދު އޭނާ އަކީ ކާކުކަން ނޭނގޭ ކަމެވެ. އިންސާނާ އަށް ތިމާ އަކީ ކާކުކަން އެނގޭ ނަމަ، ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޚުދު ތިމާގެ ޙައިސިއްޔަތު ނޭނގުން ކަމުގައި ބުނީހެވެ. ކޮންމެވެސް އެއް ދުވަހަކުން މަރު ވެގެން ހެއްދެވި ފަރާތާ ކުރިމަތިލާން ޖެހޭކަން ނޭނގުން ކަމުގައި ބުނީހެވެ. މި ޙަޤީޤަތް އަޅުގަނޑުމެންނަށް ޤަބޫލު ކުރެވިއްޖެ ނަމަ މި ދުނިޔެއަށް ވުރެ ބޮޑަށް އަންނާން އޮތް ދުނިޔެއާ މެދު ފިކުރު ކުރީސްކަން ކަށަވަރެވެ.

މިއަދު ގިނަ މީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާން ވެއެވެ. އެ މީހުން މި ކަމާ ދެކޮޅު ހަދަނީއެއް ނޫނެވެ. އެހެން ނަމަވެސް އެ މީހުންގެ ޢަމަލު ތަކަކުން މިކަން ޤަބޫލު ކުރާ ކަމެއް ނުފެނެ އެވެ. ޢަމަލުތަކަށް ބަލާ އިރު އެންމެންވެސް އަވަދި ނެތި އުޅެނީ ހަމައެކަނި މި ދުނިޔެ އާބާދު ކުރާށެވެ.

ވިޔަފާރި އެންމެ ގިނައިން ކުރާ ވަގުތު، މީހުން ގިނައިން ވަންނަ ފިހާރަތަކެއް ހުރި ތަނެއްގެ ކައިރީގައި އިރުކޮޅަކު މަޑު ކޮށް ލައްވައިފި ނަމަ، މީހުން ދުވަނީ ކޮންމެ އެއްޗެއްގެ ފަހަތުންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެން ފާނެއެވެ. އެ މީހުން ދުވަނީ އެ މީހުންގެ އަމިއްލަ އެދުންތައް ފުއްދާށެވެ. އެ މީހުންނާ ދިމާއަށް ބައްލަވައި ލައްވައިފި ނަމަ ނުވަތަ އެ މީހުންގެ ވާހަކަތައް އަޑު އައްސަވައިފި ނަމަ، އެ މީހުންނަށް އެންމެ ބޮޑު އުފަލެއް ލިބެނީ ގަނެ ވިއްކުމާއި، އެއްޗެހި ނުވަތަ ފައިސާ ލިބިގަތުމުންކަން އެނގިވަޑައިގެންފާނެއެވެ. އެ މީހުންގެ މޫނުމަތީން ފެންނަ އުފާވެރިކަން ނުވަތަ ހިތާމަވެރިކަން އެއީ މާއްދީ އެދުމެއް ފުއްދައިގަނެވުމުގެ ސަބަބުން ނުވަތަ ފުއްދައި ނުގަނެވުމުގެ ސަބަބުން ފެންނަ ޝުޢޫރެކެވެ. އެކަކުވެސް މާދަމާ އާ މެދު ވިސްނައެއް ނުލައެވެ. ކޮންމެ މީހަކުވެސް ބޭނުން ވަނީ މިހާރު ފެންނާން މި އޮތް ވަގުތުކޮޅުން ލިބިގަނެވޭން އޮތް އެންމެ ބޮޑު ފައިދާއެއް ލިބިގަންނާށެވެ. މީހަކު އެހެން މީހަކާ ގަޔާ ވަނީ ނުވަތަ އެހެން މީހަކު އެއީ މީހެއް ކަމަށް ޤަބޫލު ކުރަނީ އެ މީހަކަށް ލިބިފައިވާ މާއްދީ އެއްޗެހީގެ މަދު ގިނަ މިނެއްގެ ނިސްބަތުން ކަމުގައި ފެނިވަޑައިގަންނަވާނެއެވެ.

ޙަޤީޤަތުގައި ކޮންމެ މީހަކުވެސް ބޭނުން ވަނީ މި ދުނިޔެއެވެ. އަންނާން އޮތް ދުނިޔެ ބޭނުން ވެގެން އެކަކުވެސް ނޫޅެއެވެ. އެ ދުނިޔެއާ މެދު މީހަކު ވިސްނައެއްވެސް ނުލައެވެ. މިއީ ހަމައެކަނި އަޅުގަނޑުމެން ދިރިއުޅޭ ބޮޑެތި ރަށް ރަށުގައި ކަންތައް އޮތް ގޮތެއް ނޫނެވެ. ކުދި ކުދި އަވަށް އަވަށުގައިވެސް ކަންތައް އޮތީ މި ގޮތަށެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް އިންސާނުންގެ ހިތުގައި އޮންނަނީ އެންމެ އެދުމެކެވެ. ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ނުވަތަ ފަޤީރަކަށް ވިޔަސް، މުއްސަންޖަކަށް ވިޔަސް، ބޮޑު ރަށެއްގެ މީހަކަށް ވިޔަސް، ރަށްފުށުގެ މީހަކަށް ވިޔަސް، ނުވަތަ އަޅުވެރިއަކަށް ވިޔަސް ނުވަތަ ނުވިޔަސް، ޅަކުއްޖަކަށް ވިޔަސް، މުސްކުޅިއަކަށް ވިޔަސް، އެންމެން ދަތުރު ކުރަނީ އެއް މިޞްރާބަކަށެވެ. އެންމެންވެސް، އެ މީހުންގެ އަގުހުރި ވަގުތު ތަކާއި، ހުނަރު ހޭދަ ކުރަމުން ދަނީ މާއްދީ އެދުންތަކެއް ފުއްދާށެވެ. ކޮންފަދަ މަސްތެއްތޯއެވެ؟ އެ ފަދަ މާއްދީ އެދުމެއް ފުއްދޭނޭ ގޮތެއް ވެއްޖެ ނަމަ ކޮންމެ ފަދަ ޤުރްބާނީއެއްވެސް ވާން އަޅުގަނޑުމެން މި ތިބެނީ ތައްޔާރަށެވެ. ދުނިޔޭގެ އެދުންތަކުގެ ކުރިމަތީގައި ދީނާއި، ތިމާގެ ޒަމީރުވެސް ޤުރްބާން ކޮށްލަނީއެވެ. އަމިއްލަ އެދުމެއް ފުއްދަން ކުރަން ނުކެރޭ އެއްވެސް ކަމެއް ނޯވެއެވެ.

އެހެން ނަމަވެސް މި ފަދަ ކާމިޔާބީ ތަކަކީ އެއްވެސް މާނައެއް ނެތް ވަގުތީ އެއްޗެކެވެ. އެހެނީ އެއިން އެއްވެސް ކާމިޔާބީ އަކުން އާޚިރަތް ދުވަހަށް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އާޚިރަތް ދުވަސް ނަގާލާފައި، ދުނިޔޭގެ އެދުންތައް ފުއްދާ މީހާ އަކީ ޒުވާން ދުވަސްވަރު، މުސްކުޅިވާނޭ ދުވަހަކަށް ތައްޔާރު ނުވި މީހެއް ފަދަ މީހެކެވެ. އެ ފަދަ މީހެއްގެ ގުނަވަންތަކުގެ ހަކަތަ ދޫވެ، ބާރު ކެނޑި، މަސައްކަތް ނުކުރެވޭ ވަރުވާ ދުވަހެއް އަންނާނެއެވެ. ޒުވާން ދުވަސްވަރު ބޭކާރު ގޮތުގައި ނަގައިލެވުނު ކަމުގެ މޮޔަ އިޙްސާސް ކުރެވެނީ ކާނޭ އެއްޗެއް ނެތި، ވަންނާނޭ ތަނެއް ނެތި ޙާލުގައި ޖެހުނީމައެވެ. މަގުމަތީގައި ގޯނި އަޅައިގެން ނިދާފައި ތިބޭ މީހުން އަޅުގަނޑުމެންނަކަށް ނުފެނޭތޯއެވެ؟ ފާރެއްގެ ބުޑުގައި އިށީނދެގެން ތިބޭ މީހުން ފެންނަނީ ކިހައި ވަރަކަށްތޯއެވެ؟ ކުއްތާތައް އެ މީހުންގެ ވަށައިގެން ވައްވައް ޖަހަމުން އެނބުރެއެވެ. ކުޑަ ކުދިން އެ މީހުންނާ ދިމާ އަށް ގައު އުކައެވެ. މި ފަދަ ހިތާމަވެރި މަންޒަރުތައް އަޅުގަނޑުމެން ވަރަށް ގިނައިން ދެކެމުއެވެ. އެކަމަކު އެއިން މަންޒަރަކުން އަޅުގަނޑުމެންނަކަށް އަސަރެއް ނުކުރެއެވެ. އެއިން ކަމަކުން އަޅުގަނޑުމެންނަކަށް ފިލާވަޅެއްވެސް ނުލިބެއެވެ. އެއިން ކަމަކީ އަޅުގަނޑުމެންނަށް ދިމާ ވެދާނޭ ކަމެކޭ ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. އެހެނީ އަޅުގަނޑުމެން ތިބެނީ މިއަދުގެ މައްޗަށް މާ ބޮޑަށް ގެއްލިފައެވެ. މާދަމާ އާ މެދު ވިސްނައިލަނީ ކާކުތޯއެވެ؟

ހަނގުރާމައިގެ ތެރޭގައި މަތިންދާބޯޓު ފަހަރުގައި އައިސް ބޮން އަޅައި ތަންތަން ހަލާކު ކޮށްލުމުގެ ކުރީން އެކަން އެންގުމުގެ ގޮތުން އިންޒާރުގެ ރަނގަބީލު ޖަހައެވެ. މި ރަނގަބީލުގެ އަޑު އިވުނީމާ އަޅުގަނޑުމެންގެ ހިތަށް ބިރުވެރިކަން ވަދެއެވެ. އަވަހަށް ދުއްވައިގަންނަނީ ބޮމުގެ ޙަމަލާއިން ރައްކާތެރިވާން ވަންނަ ތަންތަނާ ދިމާ އަށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހައި މަގެއް ފަޅު ވެދެއެވެ. މި ރަނގަބީލުގެ އަޑަށް ޙަރަކާތްތެރި ނުވާ މީހަކީ ނުވަތަ ފިލާން ދުއްވައި ނުގަންނަ މީހަކީ މޮޔައެއް ކަމަށް ނުވަތަ ސިކުނޑި ހަމަ ނޫން މީހެއް ކަމަށް މީހުން ބަލައެވެ. އެކަމަކު ދީނުގެ އަހުލުވެރީންނަށް ވެ ތިބެމެ،  ﷲ ގެ އެންގެވުމުގެ ރަނގަބީލުގެ އަޑު އިވުނީމާ އަޅުގަނޑުމެން ހަދަނީ ކިހިނެއްތޯއެވެ؟ އެ އެންގެވުމަކީ ކޮބައިތޯއެވެ؟ އޭ އިންސާނުންނޭވެ! ތިމަން ﷲ އަށް އަޅުކަން ކުރާށެވެ. ކަލޭމެން އެކަކު އަނެކަކާ މެދު ކަންތައްތައް ކުރަން ޖެހޭ ގޮތަށް ކަންތައް ކުރާށެވެ. ތިމަން ﷲ ގެ އަމުރުފުޅަށް ބޯ ލަނބާށެވެ. މި ފަދައިން ކަންތައް ނުކުރާ މީހަކަށް ކަލޭމެންގެ ހިތަށް ނުވެސް ގެނެވޭ ފަދަ ބޮޑު ޢަޒާބު ދެއްވާނަމެވެ. އެ މީހުން ތިބޭނީ އެ މީހުންނަށް ދުވަހަކުވެސް ސަލާމަތް ވެގެން ނުދެވޭ ފަދަ ބޮޑު ޢަޒާބެއްގެ ތެރޭގައެވެ. މި ފަދަ އިންޒާރުގެ ބަސްފުޅުތައް އަޑު އިވުނީމާ އަޅުގަނޑުމެން ހަދާ ގޮތަކީ ކޮބައިތޯއެވެ؟ މި އިންޒާރުގެ އަޑު އެންމެންނަށް އިވެއެވެ. އެކަމަކު އެ އިންޒާރުގެ ބާރެއް، އިޚްތިޔާރެއް ނުވަތަ ޙަޤީޤަތެއް އެކަކުވެސް ވަޒަނެއް ނުކުރެއެވެ. ޢާއްމު ގޮތެއްގައި އަޅުގަނޑުމެންނަށް ކަންތައް ކުރެވޭ ގޮތަކީ އެއީ މާ ބޮޑު ކަމަކަށް ނުހެދުމެވެ. ފަހުން އެ ކަމާ ވިސްނާލަން ބާއްވަނީއެވެ. ނޫނީ އެ ކަމާ ހަމަ އެއް ގޮތަކަށް ވެސް ވިސްނައި ނުލަނީއެވެ.

ދުނިޔޭގެ އެދުމެއް ފުއްދާން މީހުން ނުކުރާ ހަމަ އެއް ކަމެއްވެސް ނޯވެއެވެ. މި ގޮތުގެ މަތީން ދަތުރު ކުރާ ދިރިއުޅުމުގެ ޤާފިލާ އެ ދަނީ އެނބުރި އާދެވެން ނެތް މަންޒިލަކަށެވެ. ހަނގުރާމައިގެ އިންޒާރުގެ ރަނގަބީލަށް އަޅުގަނޑުމެން ސަމާލު ވަމުއެވެ. އެކަމަކު ޢާލަމް ތަކުގެ ވެރި ﷲ ގެ އަމުރުފުޅަކަށް ސަމާލު ކަމެއް ނުދެމުއެވެ. ހަމަ އެކަނި ރަނގަޅު ކަމެއް ނުކޮށް ދޫކޮށްލަނީ އެއް ނޫނެވެ. އަޅުގަނޑުމެން އެ އަމުރުފުޅުގެ އަޑު އިވިފައި އަޅުގަނޑުމެންގެ ދުނިޔަވީ އެދުމުގެ ދުވެލި އެންމެ ތަންފުކެއް ވެސް މަޑު ކޮށެއް ނުލަމުއެވެ.

މި އާދަޔާ ޚިލާފު ޚަސީލަތުގެ ސިއްރަކީ ކޮބައިތޯއެވެ؟ ހަނގުރާމައިގެ ބަރުގޮނުން އަޅުގަނޑުމެންނަށް  ދެނީ މި ދުނިޔޭގެ ނުރައްކަލެއްގެ އިންޒާރެވެ. އެ ނުރައްކަލުގެ ނަތީޖާ ހަމަ ވަގުތުން ފެންނާނެއެވެ. އެހެން ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިންޒާރުގެ ބަސްފުޅު ގޮސް ގުޅެނީ އަންނާން އޮތް ދުނިޔެއާއެވެ. އަޅުގަނޑުމެންނަށް ހީ ކުރެވިފައި އޮންނަ ގޮތުގައި އެއީ އަދި އަވަހަކަށް އަންނާން އޮތް ދުވަހެއް ނޫނެވެ. އެ އިންޒާރާއި އަޅުގަނޑުމެންނާ ދެމެދު އޮތް ހުރަހަކީ ހަމަ އެކަނި މަރެވެ. ވުމާއެކު އެ ކަންތައްތަކަކީ މިއަދު އިޙްސާސް ކުރެވޭނޭ ކަންތައްތަކެއް ނޫނެވެ. އެ ދުވަހުގެ އަލިފާނާއި، ދުމާއި، ނަރަކައިގެ ބިރުވެރިކަން އަޅުގަނޑުމެންނަކަށް އިޙްސާސެއް ނުކުރެވެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.