އަމިއްލަ ނަފްސު ދެނެގަންނާށެވެ. - 2

(19 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަނގުރާމައިގެ ރަނގަބީލަށް ކުއްލިއަކަށް ސަމާލުކަން ދިން ނަމަވެސް ޤިޔާމަތުގެ އިލާހީ އިންޒާރަކުން އެއްވެސް މީހަކަށް އަސަރެއް ނުކުރެއެވެ. ކަނޑައެޅިގެން އަންނާނޭ ދުވަހެއްގެ ކަށަވަރުކަން އެއްވެސް މީހެއްގެ ހިތަކަށް ނުވަދެއެވެ. ނަތީޖާއެއްގެ ގޮތުން ފާފަތަކުން ދުރުވެ، ހެޔޮ ލަފާ ދިރިއުޅުމެއް ވޭތު ކުރުމުގެ ޚިޔާލެއް އެއްވެސް މީހަކު ނުކުރެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައި ވަނީ ހަމައެކަނި ދުނިޔޭގެ އެކި ކަންތައްތައް ބަލައި، ހަދާނޭ ދެ ލޮލެއް ނޫނެވެ. މީގެ އިތުރަށް އަންނާން އޮތް ޒަމާން ނުވަތަ ފޮރުވިފައިވާ ޙަޤީޤަތްތައް ދެނެގަންނާނޭ ތިން ވަނަ ލޮލެއް ވެސް ވަނީ ދެއްވައިފައެވެ. އެ ތިން ވަނަ ލޮލަކީ އިންސާނާގެ ބުއްދިއެވެ. އިންސާނުން ޝައްކާއި، ޖާހިލު ކަމުގެ ތެރޭގައި އުޅެނީ މި ދެންނެވުނު ތިން ވަނަ ލޮލުގެ ބޭނުން ނުކުރާތީއެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި ޙަޤީޤަތަކީ ހަމައެކަނި އެ މީހުންގެ ދެ ލޮލަށް ފެންނަ އެއްޗިއްސެވެ. އެހެން ނަމަވެސް ފުންކޮށް ވިސްނާލައިފި ނަމަ ފެންނަން ހުރި ތަކެއްޗާ މެދު އޮންނަ ޔަޤީން ކަމަކަށް ވުރެ ބޮޑު ޔަޤީން ކަމެއް ނުފެންނަ ތަކެއްޗާ މެދު އުފެދޭނޭ ކަން ކަށަވަރެވެ.

ކޮންމެ މީހަކުމެ ޤަބޫލު ކުރާން ޖެހޭ އެއް ޙަޤީޤަތަކީ ކޮބައިތޯއެވެ؟ އެ ޙަޤީޤަތަކީ މަރު ކަމާ މެދަކު އެކަކުވެސް ޝައްކެއް ނުކުރާނެއެވެ. މަރަކީ ބޮޑެތި މީހުންނާއި، ކުޑަ ކުދިންނާއި، ދެރަ މީހުންނާއި، މޮޅު މީހުންނަށް ދާންދެން ބޯ ލަނބައިލާން ޖެހޭ ޙަޤީޤަތެކެވެ. މަރު އައިސް ތިމާގެ މައްޗަށް ހަމަ ކޮންމެ ވަގުތަކުވެސް ބާރު ފޯރުވައިފާނޭ ކަން ކޮންމެ މީހަކުވެސް ދަނެއެވެ. އެހެން ނަމަވެސް މި ޚިޔާލު ކުރެވުމާއެކު ކޮންމެ މީހަކުވެސް ވިސްނާން ފަށަނީ އެ މީހެއްގެ އަނބި ދަރީންނާ މެދުގައެވެ. އެ މީހުންނަށް ވާނީ ކިހިނެއް ހެއްޔޭ ސުވާލު ކުރާން ފަށައެވެ. ދަރިންނަށްޓަކައި ގެދޮރާއި، ފައިސާގެ އިންތިޒާމުތައް ކުރާނޭ ގޮތަކާ މެދު ވިސްނާން ފަށައެވެ. އަނބިދަރީންގެ ދުނިޔެ އާބަދު ކޮށް ދިނުމަށްޓަކައި ހޭބޯ ނާރާ މަސައްކަތް ކުރުމުގެ ސަބަބުން އާޚިރަތުގެ މަތީން އެއް ގޮތަކަށް ވެސް ހަނދާނެއް ނުހުރެއެވެ. މަރާ ހަމަ އަށް ނުވަތަ މަރު ވުމަށް ފަހު ކަންތައް ވާނޭ ގޮތަކާ މެދު އެއް ގޮތަކަށްވެސް ވިސްނައެއް ނުލެވެއެވެ. އެ މީހުންގެ ދިރިއުޅުމަށް ބަލާ އިރު ހީވަނީ އެ މީހުން މަރު ވުމަށް ފަހު ދަރީން ދުނިޔޭގައި އުޅޭނޭ ކަމަށް ބަލައިގެން އުޅޭ ހެންނެވެ. އެ މީހުން ތައްޔާރު ވާން ޖެހޭ އެއްވެސް ކަމެއް ނެތޭ ހީވާ ގޮތަކަށް އެ މީހުންގެ ދިރިއުޅުން ބައްޓަން ކުރަމުން ދަނީއެވެ.

މީހުން ދިރިއުޅުން ބިނާ ކުރަމުން ދާ ގޮތުން މަރު ވުމަށް ފަހު އެހެން ދިރިއުޅުމެއް އޮންނަ ކަމަށް ޤަބޫލު ކުރާ ހެންނެއް އެއް ގޮތަކަށްވެސް ހިއެއް ނުވެއެވެ. އެހެން ނަމަވެސް ޙަޤީޤީ ދިރިއުޅުން ފެށެނީ މަރު ވުމަށް ފަހުގައެވެ. މަރުވީމާ މީހާ ވަޅުލުމުން އެ ހިސާބުން ނިމުނީ ނޫން ކަމާއި، އެއީ އެހެން ދުނިޔެއަކަށް ވަނުންކަން އެނގޭ ނަމަ އިންސާނާ އޭނާގެ ކުރިމަގާ މެދު ވިސްނާނެއެވެ. ދަރީންގެ ކުރިމަގާ މެދު ފިކުރު ކުރާ ވަރަށް ވުރެ މާ ބޮޑަށް ޚުދު ތިމާގެ ޙާލަތާ މެދު ފިކުރު ކުރާނެއެވެ. ދީންވެރިއަކަށް ވިޔަސް އަދި ދީން ޤަބޫލު ނުކުރާ މީހަކަށް ވިޔަސް ގިނަ މީހުން ތިބެނީ މަރު ވުމަށް ފަހު އަންނާން އޮތް ދުނިޔޭގެ މަތީން ޣާފިލު ވެފައެވެ.

މަރު ވުމަށް ފަހު އެހެން ދިރިއުޅުމެއް އޮންނަ ކަމާ މެދު ޝައްކު އުފެދޭ ދެ ސަބަބެއް އޮވެއެވެ.  އެއް ސަބަބަކީ މަރު ވުމަށް ފަހު އިންސާނާގެ ހަށިގަނޑު ވެއްޔަށްވެ، ފަނާ ވެގެން ދާ ކަމެވެ. އޭނާގެ ހަށިގަނޑުގެ ހުރިހައި އަސަރެއް ދުނިޔެއިން ނެތިގެން ދަނީއެވެ. އެހެން ވުމަށް ފަހު އަނެއްކާ އެ ހަށިގަނޑު ދިރިގެން ތެދުވާނީ ކިހިނެއްތޯއެވެ؟ ދެވަނަ ސަބަބަކީ މަރު ވުމަށް ފަހު އަންނާން އޮތް ދުނިޔެ މިހާރު އަޅުގަނޑުމެންނަށް ނުފެނުމެވެ. އެއްވެސް މީހަކަށް އެ ދުނިޔެ ފެނިފައި ނުވާ ނަމަ އެ ދުނިޔެއަކީ އޮތް ދުނިޔެއެއް ކަމަށް ޔަޤީން ކުރާނީ ކިހިނެއްތޯއެވެ؟ މަރު ވުމަށް ފަހު އެހެން ދިރިއުޅުމަކަށް ވަދެވެނީކަން އެނގޭނީ ކިހިނެއްތޯއެވެ؟ މި ދެ ސަބަބުގެ މައްޗަށް ބަލައިލަމާ ތޯއެވެ؟

މަރު ވުމަށް ފަހު އައު ދިރިއުޅުމެއް

މަރު ވުމަށް ފަހު އަހަރެން އަނެއްކާވެސް ދިރުއްވާނޭ ހެއްޔެވެ؟ މި ސުވާލު މި ގޮތަށް ކުރާ މީހުން ވަރަށް މަދެވެ. އެހެން ނަމަވެސް މި ކަމުގެ މައްޗަށް ޔަޤީން ކޮށްގެން ތިބޭ މީހުންވެސް އެހައި ގިނައެއް ނޫނެވެ. ގިނަ މީހުންގެ ހިތުގައި ކޮންމެވެސް ސިފައެއްގައި މި ސުވާލު އުފެދިފައި އޮވެއެވެ. އެކަމަކު މި ސުވާލުގެ މައްޗަށް މާ ބޮޑު ސަމާލު ކަމެއް އޮންނަނީ ދެވޭ ގޮތް ނުވެފައެވެ. މަރު ވުމަށްފަހު އަންނާން އޮތް ދުނިޔޭގެ ވާހަކަތަކަކީ މާ ބޮޑު ޝައުޤުވެރިކަމެއް ނެތް ވާހަކަ އަކަށް ވެފައި ވަނީ ނުވަތަ އެ ކަމާ ބެހޭ ގޮތުން މަޢުލޫމާތެއް ހޯދަން ބޭނުން ނުވާ ސަބަބަކީ އެ ކަމާ މެދު ހިތުގައި ޝައްކު އުފެދިފައި ވާތީ ކަމަށް ބެލެވިދާނެއެވެ.

މި މައްސަލަޔާ މެދު ފުންކޮށް ވިސްނައިލުމާއެކު، ކަމުގެ ޙަޤީޤަތް އޮތް ގޮތް ވަރަށް ފަސޭހައިން އެނގިދެއެވެ. ﷲ އިރާދަ ކުރައްވައިފައި ވަނީ އަޅުގަނޑުމެންނާ އިމްތިޙާނެއް ކުރިމަތި ކުރައްވާށެވެ. ވުމާއެކު މަރުވުމަށް ފަހު އަންނާން އޮތް ދުނިޔޭގެ ހުރިހައި ސިއްރެއް އަޅުގަނޑުމެންނަކަށް ހާމަ ކުރައްވައިފައެއް ނުވެއެވެ. އެހެން ނަމަވެސް ﷲ ވަނީ އެ ކަލާނގެ ޤުދުރަތްތެރިކަމުގެ ހެކިތައް ދުނިޔޭގައި ލައްވައިފައެވެ. އެ ހެކިތަކުގެ އަލީގައި ޙަޤީޤަތް ހޯދުމަކީ އަޅުގަނޑުމެން އަމިއްލައަށް ކުރަން ޖެހޭ ކަމެކެވެ. މި ދުނިޔެއަކީ އަންނާން އޮތް ދުނިޔޭގެ ތަސްވީރު ދައްކުވައިދޭ މޫނުބަލާ ލޯގަނޑެކެވެ.

އިންސާނުން އެއް ސިފައިން އަނެއް ސިފައަށް ބަދަލު ވެގެންދާ ކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. އަޅުގަނޑުމެން އަބަދު ތިބެނީއަކީ ފުރަތަމަ ދުވަހު ތިބި ގޮތަކަށް ނޫނެވެ. އިންސާނާ ފުރަތަމަ އުފެދެނީ އެއްވެސް ސިފައެއް ނެތް މާއްދާ އަކުންނެވެ. ފެންފޮދަކުންނެވެ. އެއަށް ފަހު މައިމީހާގެ ރަޙިމްގައި އޮވެގެން އިންސާނެއްގެ ސިފައަށް ބަދަލު ވަނީއެވެ. އޭގެ ފަހުން ބޭރަށް ނުކުމެ (އުފަންވެ) ހެދި ބޮޑު ވަމުން އައިސް ފުރިހަމަ އިންސާނަކަށް ވަނީއެވެ. ކުޑަ ކަމުން ގޮސް ހަމަ ލޮލަށް ނުވެސް ފެންނަ ވަރުގެ، އެއްވެސް ކަހަލަ ޝުޢޫރެއް، އަގެއް ނެތް ފޮދުވަރެއް ހެދި ބޮޑު ވެގެން ގޮސް އިސްކޮޅުގައި ހަ ފޫޓު ހުންނަ ވަރުގެ ބޮޑު ސިންގާ އިންސާނަކަށް ބަދަލު ވަމުން ދިއުމަކީ ދުނިޔޭގައި ކޮންމެ ދުވަހަކުމެ ހިނގަމުން އަންނަ ކަމެކެވެ. ކަން މިހެން އޮތް އިރު އަޅުގަނޑުމެންގެ ހަށިގަނޑު ކުދި ކުދި ވެގެން ނިހާޔަތަށް ކުދި ކުދި ޒައްރާ ތަކަކަށް ބަދަލުވެ، ބިމުގެ ވެއްޔާ އެކުވެގެން ދިއުމަށް ފަހު އަލުން އިންސާނެއްގެ ސިފައަށް ބަދަލު ވެގެން ތެދުވެދާނޭ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލު ނުކުރެވެނީ ކީއްވެގެންތޯއެވެ؟

ދެފައިމަތީގައި ހިނގައިބިގައިވެ އުޅޭތަން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ އިންސާނުންނަކީ ޙަޤީޤަތުގައި މާ ކުރީއްސުރެ އަޅުގަނޑުމެން މި އުޅޭ ދުނިޔޭގެ ފަޒާގައި ބޮޑުމިން އެނގުމެއް ނުވާ ފަދަ ބޮޑު ސަރަހައްދަކަށް، ސުމާރެއް ނެތް މިންވަރަކަށް ފެތުރިފައިވާ އެޓޮމް (ޒައްރާ) ތަކެއް އެކުވެގެން އުފެދިފައިވާ މަޚްލޫޤެކެވެ. ވިސްނުމާއި، ޙަރަކާތާއި، އިޙްސާސްތަކާ އެކު ހިނގައިބިގައިވެ އުޅޭ އިންސާނަކު އުފެދެނީ މި ދެންނެވި އެޓޮމް ތައް އެއް ވެގެންނެވެ. އަޅުގަނޑުމެން މަރުވީމާ ހަމަ މި ކަންތައްތައް މި ގޮތަށް ހިނގާނެއެވެ. މަރުވީމާ އަޅުގަނޑުމެންގެ ހަށިގަނޑު އުފައްދަވައިފައިވާ މާއްދާތައް (ފެނާއި، ވަޔާއި، މި ނޫންވެސް އެހެން އެއްޗެހި) ބިމުގެ ތެރެއަށް ޖަޒްބު ވެގެން ހިނގައިދާނެއެވެ. އެއަށް ފަހު ﷲ ގެ އަމުރުފުޅަށް އެ އެއްޗެހި އަނެއްކާވެސް އެއްތަންވެ، އެކުވުމަށްފަހު އަލުން އިންސާނާ އުފެދިގެން ތެދުވަނީއެވެ. އެއް ފަހަރު ހިނގާފައިވާ ކަމެއް ދެވަނަ ފަހަރު ހިނގުމަކީ ޢަޖާއިބު ވާން ޖެހޭ ކަމެއްތޯއެވެ؟

ދިރިއުޅުމަކީ ދެވަނަ ފަހަރަށް ތަކުރާރު ވެގެން އަތުވެދާނޭ އެއްޗެއްކަން އަޅުގަނޑުމެން މި ދިރިއުޅޭ މާއްދީ ދުނިޔޭގެ މިސާލުތަކުންވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ކޮންމެ އަހަރަކު ވާރޭ މޫސުމުގައި ދަނޑުތައް ހެދި، ގޮވާމާއި، މޭވާ އަޅާތަން އަޅުގަނޑުމެން ދެކެމުއެވެ. އެއަށް ފަހު ހޫނު މޫސުމް އަންނަނީ މަރުގެ މެސެޖާއިގެންނެވެ. ދަނޑުތައް މަރުވެ، ހިކިގެން ހިނގައިދެއެވެ. ރީތި މާމެލާމެލި ފޮޅިފައި ހުންނަ ބޮޑެތި ބަގީޗާތައް ފެންނާން ފަށަނީ ހަނަފަސް ހިކި ބިންތަކެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އަނެއްކާވެސް ވާރޭ މޫސުމް އައުމާއެކު އެއްކަލަ މަރުވެފައިވާ ގަސްތައް ރޯވެ، ހެދިގަނެއެވެ. ހަނަފަސް ހިކި ބިމުގެ ތެރެއިން އަނެއްކާވެސް މާމެލާމެއްޔާއި، މޭވާ ފެންނާން ފަށައެވެ. އިންސާނުން މަރު ވުމަށް ފަހު އަލުން ދިރުއްވާނީވެސް މި ފަދަ ގޮތަކަށެވެ.

އެހެން ކަމެއްގެ މައްޗަށް ވިސްނުން އަނބުރައިލަމާ ތޯއެވެ؟ މަރުވުމަށް ފަހު އަލުން ދުނިޔެއަށް އަންނާނޭ ކަމާ މެދު ޝައްކު އުފެދޭ ގޮތް ވަނީ މާއްދީ ހަށިގަނޑުގެ މައްޗަށް ވިސްނުން ހިންގޭތީއެވެ. އަޅުގަނޑުމެންނަށް ހީ ކުރެވިފައި އޮންނަނީ ޙަޤީޤީ އިންސާނާ އަކީ މި ހަށިގަނޑު ކަމުގައެވެ. އެހެންވީމާ އެ ހަށިގަނޑު މަރުވެ، ފަނާވެ، ވެއްޔާ އެކުވެގެން ދިޔައީމާ އަލުން ދިރިގެން ތެދުވާނީ ކިހިނެއްތޯއެވެ؟ ދިރިހުރި އިންސާނެއްގެ މައްޗަށް މަރު އަންނަތަން (އޭނާ މަރުވާތަން) އަޅުގަނޑުމެން ދެކެމުއެވެ. އޭނާ މުޅީން ހިމޭން ވަނީއެވެ. ޙަރަކާތް ހުއްޓެނީއެވެ. ހަށިގަނޑުގެ ހުރިހައި ބާރެއް ނެތިގެން ދަނީއެވެ. އޭގެ ފަހުން އޭނާ ގެންގޮސް ވަޅުގަނޑެއް ކޮނެފައި ވަޅުލަނީއެވެ. ނުވަތަ ބައެއް ޤައުމުގައި އޮންނަ އާދަޔާ އެއްގޮތްވާ ގޮތުގެ މަތީން އަންދައި އަޅިއަށް ހަދައިލުމަށް ފަހު އެ އަޅި ކޯރެއްގެ ތެރެއަށް ގިރުވައިލަނީއެވެ. އިންސާނާ ކުދިކުދި ވެގެން ބިމުގެ ވެއްޔާއެކުވެ، އަސަރުވެސް ނުފެންނަ ފަދަ ގޮތަކަށް ފަނާވެ، ނެތިގެން ދަނީއެވެ. ދިރިހުރި އިންސާނަކު މި ދެންނެވި ފަދަ ގޮތަކަށް ހަލާކު ވެގެން، ނެތިގެން ދާ ތަން އަޅުގަނޑުމެންނަށް ދުވާލަކު އެތައް ފަހަރަކު ފެނެއެވެ. އެހެންވީމާ މި ބީދައިން ހަލާކު ވެގެންދާ އިންސާނަކު ދެވަނަ ފަހަރަށް އުފެދިގެން ތެދުވާނޭ ގޮތެއް އަޅުގަނޑުމެންގެ ވިސްނުމަކަށް ނާދެއެވެ.

އެހެން ނަމަވެސް ދަންނަވަންތޯއެވެ؟ އަޅުގަނޑުމެންގެ ޙަޤީޤީ ވުޖޫދަކީ ފެންނާން މި ހުންނަ ހަށިގަނޑެއް ނޫނެވެ. ޙަޤީޤީ އިންސާނާ އަކީ ލޮލަށް ނުފެންނަހެން ހަށިގަނޑުގެ އެތެރޭގައި ފޮރުވިފައިވާ މަޚްލޫޤެކެވެ. ވިސްނަނީ އެ އިންސާނާއެވެ. ހަށިގަނޑުގެ ހުރިހައި ޙަރަކާތެއް ހިންގަނީ އެ އިންސާނާއެވެ. ހަށިގަނޑު މަރު ނުވެ އޮންނަނީ އެ އިންސާނާ އޮތީމައެވެ. އެ އިންސާނާ ނުކުމެގެން ދިޔައީމާ އޮންނަނީ ހަމައެކަނި ހަށިގަނޑެވެ. ދިރުމެއް ނުހުންނާނެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.