އަމިއްލަ ނަފްސު ދެނެގަންނާށެވެ. - 4

(21 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެން ދުނިޔެއެއް

ދެން ވިސްނަވައި ލައްވާށެވެ. (މި ދުނިޔެއަށްފަހު) އަންނާން އޮތް ދުނިޔެ އޮންނާނީ ކިހިނެއްތޯއެވެ؟ ﷲ ގެ ރަސޫލާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް) ހަދީސް ކުރައްވަނީ އެ ދުނިޔޭގައި ސުވަރުގެއަކާއި، ނަރަކައެއް ހުންނާނޭ ކަމުގައެވެ. މަރުވާ ކޮންމެ މީހަކު މި ދެ ތަނުން ކުރެ އެއް ތަނަކަށް ވަންނާނޭ ކަމުގައެވެ. މިއަދުގެ ދުނިޔޭގައި ﷲ އަށް ކިޔަމަންތެރިވެ، ހެޔޮ ޢަމަލުތައް ކުރާ މީހާ ވައްދަވާނީ ސުވަރުގޭގެ އަރާމުގެ ތެރެއަށެވެ. ނުބައި ކަންތައް ކުރުމާއި،  އަށް އުރެދުމުގައި އުޅޭ މީހާ ވައްޓަވައިލައްވާނީ ނަރަކައިގެ އުނދަގުލުގެ ތެރެއަށެވެ.

މިކަން ރަނގަޅަށް ފަހުމް ކޮށް ގަތުމަށްޓަކައި ވިސްނާވަޑައިގަންނަވާށެވެ. އިންސާނާ ކުރާ ކޮންމެ ކަމެއްގެ ވެސް ދެ ހައިސިއްޔަތެއް އޮވެއެވެ. ފުރަތަމައީ ދުނިޔޭގައި ހިންގާ ކަންތައްތަކުގެ ތެރެއިން ކޮންމެވެސް ކަމަކަށް އިންސާނާ ކުރާ ކޮންމެ ކަމެއްވެސް ވުމެވެ. ދެވަނައީ، އެއިން ކޮންމެ ކަމަކީ ވަކި ޚާއްޞަ މަޤްޞަދެއް އޮވެގެން ކުރާ ކަމަކަށް ވުމެވެ. ފުރަތަމަ ހައިސިއްޔަތަށް "ކުރާކަން" މިހެން ކިޔަމާ ހިންގަވާށެވެ. ދެވަނަ ހައިސިއްޔަތަށް ކިޔަން ޖެހެނީ އަޚްލާޤެވެ. މިކަމަށް ތަންކޮޅެއް ފުންކޮށް އަލި އަޅުވައިލުމަށްޓަކައި މިސާލެއް ދަންނަވައިލާނަމެވެ.

ގަހެއްގައި ހަރުލާފައި އޮތް ގާބުރިއެކެވެ. ތިބާ އެ ގަސްދޮށުން ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް އެ ގާބުރި ވެއްޓި ތިބާގެ އިސްތަށިފުޅުގައި ޖެހި، އިސްތަށިފުޅު ފަޅައިގެން ހިނގައްޖެއެވެ. އެހެން ނަމަވެސް ތިބާ ގަހާ އަރައިރުންވެ ވަޑައިގެން، ކޯފާވެއެއް ނުހައްދަވަމުއެވެ. މަޑުމަޑުން އިސްތަށިފުޅުގައި އަތްޕުޅު އަޅުއްވައިގެން ގެއަށް ވަޑައިގަންނަވަނީއެވެ. މިޔާ ޚިލާފަށް މީހަކު އައިސް ގަސްތުގައި ތިބާގެ އިސްތަށިފުޅުގައި ގާބުރިއަކުން ޖަހައި، ޒަޚަމްކޮށްލައިފި ނަމަ އެ މީހާއާ ތިބާވެސް ޙަމަލާ ދެއްވައެވެ. ތިބާގެ އިސްތަށިފުޅު ޒަޚަމްވީ ފަދައިން އެ މީހެއްގެ ބޯވެސް ފަޅައިލާން ބޭނުންފުޅު ވެއެވެ.

ގަހާއި، އިންސާނާ އާ ދެމެދު ހުރި ތަފާތަކީ މިއީއެވެ. އެއްވެސް ގަހެއްގެ ކިބައިން ބަދަލު ހިފާކަށް މީހަކު މަސައްކަތެއް ނުކުރާނެއެވެ. އެހެން ނަމަވެސް އިންސާނާ އަކީ އަބަދުވެސް ބަދަލު ހިފަން ބޭނުންވާ މަޚްލޫޤެކެވެ. މީގެ ހަމައެކަނި ސަބަބަކީ ގަހަށް އެއްވެސް ކަހަލަ ޝުޢޫރެއް ލިބިފައި ނުވާ ކަމެވެ. އިންސާނާ އަށް ވަނީ އެ ނިޢުމަތް ލިބިފައެވެ. ގަހުގެ ޢަމަލު ބެލެވެނީ ހަމައެކަނި "ކަމެއް" ގެ ގޮތުގައެވެ. އިންސާނާގެ ޢަމަލަކީ ކަމަކަށް ވުމުގެ އިތުރަށް އަޚްލާޤީ ކަމަކަށް ވެސް ވެއެވެ.

މިކަމުން އެނގެނީ އިންސާނާގެ ކޮންމެ ޢަމަލެއްގެވެސް ދެ ހައިސިއްޔަތެއް އޮންނަ ކަމެވެ. ފުރަތަމަ އޭނާގެ ޢަމަލުގެ ސަބަބުން ދުނިޔޭގައި ކޮންމެވެސް ކަމެއް ހިނގައެވެ. ދެވަނަ އަށް އެ ޢަމަލަކީ ރަނގަޅު ކަމެއްތޯ ނުވަތަ ނުބައި ކަމެއްތޯ، ނުވަތަ ހެޔޮ ނިޔަތެއްގައި ކުރި ކަމެއްތޯ ނުވަތަ ނުބައި ނިޔަތެއްގައި ކުރި ކަމެއްތޯ ބެލެއެވެ. އެއީ ކޮށްގެން ވާނެ ކަމެއްތޯ ނުވަތަ ކޮށްގެން ނުވާނެ ކަމެއްތޯ ބެލެއެވެ. ޢަމަލުގެ ފުރަތަމަ ހައިސިއްޔަތަށް ބަލާ އިރު އެކަން މި ދުނިޔޭގައި ފުރިހަމަ ވެގެން ދެއެވެ. އެކަމަކު ދެވަނަ ހައިސިއްޔަތު މި ދުނިޔޭގައި ފެނިގެންނެއް ނުދެއެވެ. ފަހަރެއްގައި އެ ހައިސިއްޔަތު ފެނުނު ނަމަވެސް ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ތިބާގެ އިސްތަށިފުޅުގައި ޖެހިމީހާގެ ޢަމަލުގެ ނަތީޖާ ހަމަ އެ ވަގުތު ފެނިއްޖެއެވެ. އެއީ ތިބާގެ އިސްތަށިފުޅު ޒަޚަމް ވުމެވެ. އެ ޢަމަލުގެ ދެވަނަ ފުށަކީ އޭނާ، އޭނާގެ ބާރުގެ ބޭނުން ނުބައި ގޮތުގައި ކުރުމެވެ. އެ ކަމުގެ ނަތީޖާ ވަގުތުން ފެނުމަކީ ލާޒިމު ކަމެއް ނޫނެވެ. އޭނާ ބޭނުންވީ ތިބާގެ އިސްތަށިފުޅު ޒަޚަމް ކޮށްލާށެވެ. އެކަން ކުރެވިއްޖެއެވެ. އޭނާ ބޭނުންވީ ނުބައި ކަމެއް ކުރާށެވެ. އެހެން ނަމަވެސް އޭނާގެ ނިޔަތުގެ ނަތީޖާ އަޅުގަނޑުމެންނަކަށް ނުފެނެއެވެ. ނަތީޖާގެ މާނައަކީ އިންސާނާގެ ނިޔަތް ފާޅުވެ އެނގުމެވެ. ބޭރަށް ފެނުމެވެ. އަޅުގަނޑުމެންނަށް ތަޖްރިބާ ކުރެވުނު ގޮތުގައި އިންސާނާގެ ޢަމަލުގެ އެއް ނަތީޖާ އާދެ، އޭނާ ކުރި ޢަމަލުގެ ސީދާ ނަތީޖާ، އަޅުގަނޑުމެންނަށް ހަމަ ވަގުތުން ހާމަ ވެގެން ދެއެވެ. އެހެން ނަމަވެސް އޭނާގެ ޢަމަލުގެ ދެވަނަބައި، އާދެ، އަޚްލާޤީ ނަތީޖާ ވެސް ފެނުމަކީ މުހިއްމު ކަމެކެވެ.

އާޚިރަތަކީ އިންސާނާގެ ޢަމަލުގެ މި ދެންނެވި ދެވަނަ ބައިގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ފެންނަ ތަނެވެ. އިންސާނާގެ ޢަމަލުގެ ސަބަބުން މި ދުނިޔޭގައި އެހެން ކަންތައްތަކެއް ހިނގައެވެ. ހަމަ އެހެންމެ އޭނާގެ ޢަމަލުތަކުގެ ނުފެންނަ ނަތީޖާއެއްވެސް އޮވެއެވެ. އާދެ، އެ ޢަމަލެއްގެ ސަބަބުން އަޅުގަނޑުމެންނަށް ކަނޑައެޅިގެން ފެންނަ ކަންތައްތަކުގެ އިތުރަށް ނުފެންނަނަ ނަތީޖާ ތަކެއްވެސް ނުކުމެއެވެ. ޢަމަލުގެ ފުރަތަމަ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަނީ މި ދުނިޔޭގައެވެ. ދެވަނަ ނަތީޖާ ފެންނަނީ މަރު ވުމަށް ފަހު އާޚިރަތުގައެވެ.

މި ދުނިޔޭގައި އުޅޭ ކޮންމެ މީހަކުވެސް އަވަދިނެތި އުޅެނީ އެ މީހަކު ކުރާ ކޮންމެވެސް ކަމެއްގެ ނަތީޖާއެއް ނެރެވޭތޯ ކުރާ މަސައްކަތުގައެވެ. އެ މީހަކު ހިމޭނުން، އެއްވެސް ކަމެއް ނުކޮށް ހުރި ކަމުގައި ވިޔަސް، ނުވަތަ ތާއަބަދު ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލު ވެގެން އުޅުނު ކަމުގައި ވިޔަސް، އޭނާޔާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ނަމަވެސް ދުނިޔޭގައި ކޮންމެވެސް ކަމެއް ހިނގާނެއެވެ. އޭނާގެ އާދަ ހުންނަ ގޮތެއްގެ މައްޗަށް ނުވަތަ އޭނާގެ އަޚްލާޤީ ސިފަތަކުގެ މައްޗަށް މީހުން ކޮންމެވެސް ކަހަލަ ރައުޔެއް ޤާއިމު ކުރާނެއެވެ. އޭނާގެ މަސައްކަތް އާބާދުވުން ނުވަތަ ބަރުބާދުވުން ބިނާ ވެފައި އޮންނަނީ އޭނާއަށް ލިބިފައިވާ ބާރުތަކުގެ ބޭނުން ކުރާ ގޮތެއްގެ މައްޗަށެވެ. އޭނާގެ މަސައްކަތާއި، ޝައުޤުވެރިކަން އަނބުރައިލާ ދިމާއެއްގައި ހުންނަ އެއްޗެހީގެ މައްޗަށް އޭނާއަށް ކޮންމެވެސް ވަރެއްގެ ބާރެއް ނުވަތަ ޙައްޤެއް ލިބިގެން ދެއެވެ.

ކޮންމެ މީހަކުވެސް އެ މީހެއްގެ ވަށައިގެން އެ މީހެއްގެ އަމިއްލަ، ވަކި ދުނިޔެއެއް ޤާއިމު ކުރަނީއެވެ. އެ ދުނިޔެ އޮންނަނީ އެ މީހެއްގެ ޢަމަލުތައް ހުންނަ ގޮތަކަށެވެ. އެއީ އެ މީހެއްގެ ޢަމަލުތަކުގެ އެއް ފުށެވެ. އެ ފުށް ގުޅިފައި އޮންނަނީ މި ދުނިޔެއާއެވެ. އެ މަސައްކަތުގެ އެހެން ފުށެއްވެސް އޮވެއެވެ. އެއީ ނުބައި ވުމާއި، ރަނގަޅުވުމުގެ ބައެވެ. އާދެ، އެ މީހަކު ކުރާ ކަމަކީ ރަނގަޅުކަމެއްތޯ ނުވަތަ ނުބައި ކަމެއްތޯ ކަނޑައެޅުމެވެ. މިއީ ދުނިޔޭގައި ފެންނަ ކަމެއް ނޫނެވެ. އޭނާގެ ޢަމަލުތަކުގެ މި ދެންނެވި ނަތީޖާ ފެންނަނީ އާޚިރަތުގެ ދުނިޔޭގައެވެ. އަޅުގަނޑުމެންގެ ނިމުން ނުވަތަ އެންމެ ފަހުގެ މަންޒިލް ފަރުމާ ކުރަމުން ދަނީ އަޅުގަނޑުމެންގެ ޢަމަލުތަކުގެ އަޚްލާޤީ ނަތީޖާ އިންނެވެ. އެޔަށް މި ކިޔާ ނަމަކީ ދީނެވެ. ނަތީޖާ އަކީ ސުވަރުގެ އާއި ނަރަކަ އެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ކުރާ ކަމަކީ އަމިއްލައަށް، ތިމާގެ ސުވަރުގެ ނުވަތަ ނަރަކަ ބިނާ ކުރުމެވެ. މި ދުނިޔޭގައި އިންސާނާ ލައްވާފައި ވަނީ އިމްތިޙާނަކަށެވެ. ސުވަރުގެއާއި، ނަރަކަ އިންސާނާއަށް ނުފެންނަ ގޮތަށް ލައްވާފައިވާ ސަބަބަކީ އެއީއެވެ. އިމްތިޙާނުގެ މުއްދަތު ހަމަވެ، ޤިޔާމަތް ދުވަސް އައުމާއެކު ކޮންމެ މީހަކުވެސް ގެންގޮސް ވައްދާނީ އެ މީހަކު އަމިއްލައަށް އެމީހަކަށްޓަކައި ބިނާކުޅަ ދުނިޔެއަށެވެ.

މިހައިތަނުން ސުވާލެއް އުފެދެއެވެ. އަޅުގަނޑުމެންގެ ޢަމަލުތަކުގެ އަޚްލާޤީ ނަތީޖާއެއް އޮންނަ ކަމަށް ވާނަމަ، އެ ނަތީޖާއެއް އަޅުގަނޑުމެންނަށް ނުފެންނަނީ ކީއްވެގެންތޯއެވެ؟ މިސާލަކަށް ގެއެއް އެޅުމަކީ ޢަމަލެކެވެ. އެ ޢަމަލުގެ އެއް ނަތީޖާ އަކީ ގެ ކޮޅަށް ހުރުމެވެ. އެ ނަތީޖާ އަޅުގަނޑުމެންނަށް ފާޅުކޮށް އެބަ ފެނެއެވެ. އެ ޢަމަލުގެ ދެވަނަ ނަތީޖާ އަކީ ކޮބައިތޯއެވެ؟ އާދެ، އޭނާ ގެ އެޅީ ޖާއިޒު ހަމަތަކުގެ މަތިން ނަމަ އެކަމުގެ ހެޔޮ ނަތީޖާއަކީ ކޮބައިތޯއެވެ؟ ނުވަތަ ގެ އަޅަނީ ނާޖާއިޒު ހަމަތަކެއްގެ މަތީން ނަމަ އެ ކަމުގެ ނުބައި ނަތީޖާ އަކީ ކޮބައިތޯއެވެ؟ މީހަކަށް ނުފެންނަ ނުވަތަ އަތް ނުލެވޭ ނަތީޖާއެއްވެސް އޮވެދާނެތޯއެވެ؟

މި ސުވާލުތަކުގެ ޖަވާބު ފޮރުވިފައި އޮންނަނީ ޚުދު އެ ޢަމަލުގެ ދެ ޙައިސިއްޔަތުގައެވެ. ކޮންމެ ޢަމަލެއްގެވެސް ފުރަތަމަ ނަތީޖާ ކޮންމެ މީހަކަށްވެސް އޮންނަނީ ފެންނާށެވެ. ކެމެރާގެ ފުރާނަ ނެތް [ލޮލަށް] ވެސް ނުލާހިކު ސާފުކޮށް އެ ނަތީޖާ ފެނެއެވެ. އެކަމަކު އެއްވެސް ޢަމަލެއްގެ އަޚްލާޤީ ނަތީޖާއެއް ނުފެނެއެވެ. އެ ނަތީޖާ އަކީ ކުރެވޭ އިޙްސާސެކެވެ. ފެންނަ އެއްޗެއް ނޫނެވެ. ޢަމަލުގެ މި ދެ ޙައިސިއްޔަތުން އަންގައިދެނީ ދެ ބާވަތުގެ ނަތީޖާވެސް ފެނުމަކީ ލާޒިމު ކަމެއް ކަމުގައެވެ. ޢަމަލުގެ ފުރަތަމަ ނަތީޖާ މި ދުނިޔޭގައި ފެންނަން ޖެހޭ ކަމަށް މި މިސާލުތަކުން ސާބިތުވެއެވެ. އަދި، ދެވަނަ ނަތީޖާ އިންސާނާ މަރުވުމަށް ފަހު އަންނާން އޮތް ދުނިޔެއިން، އާދެ، އަޅުގަނޑުމެންނަށް މިހާރު ފެންނަން ނެތް ދުނިޔެއަކުން، ފެންނަން ޖެހޭނެ ކަމަށް ވެސް ސާބިތު ވެއެވެ. ފެންނަން ޖެހެނީ ކޮންމެ ކަހަލަ ނަތީޖާއެއް ކަމަށް ވިޔަސް، ފެންނަން ޖެހޭ ކަމަށް އެއްބަސްވުން ލާޒިމު ކުރެއެވެ.

މިއީ ހަމައެކަނި ބުއްދީގެ ވާހަކައެއް ނޫނެވެ. ކާއިނާތުގެ މުޠާލިޢާ އިންވެސް އެނގެނީ ކޮންމެ ކަމެއްގެވެސް ދެ ވައްތަރެއްގެ ނަތީޖާ އޮންނަ ކަމެވެ. އެއް ނަތީޖާއަކީ ޢަމަލު ފުރިހަމަ ވުމާއެކު ވަގުތުން ފެންނަ ނަތީޖާ އެވެ. ދެވަނަ ނަތީޖާއަކީ އަޅުގަނޑުމެންގެ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ޙަޤީޤަތެއްގެ ސިފައިގައި އޮންނަ ނަތީޖާއެއްކަން ކަށަވަރެވެ. ކާއިނާތުގައި އަޅުގަނޑުމެންނަށް ފެންނަ ނަތީޖާތަކެއް ލައްވާފައި ވުމުން ދޭހަ ކޮށް ދެނީ ނުފެންނަ ނަތީޖާ ތަކެއްވެސް ލައްވާފައިވާ ކަމެވެ. ކާއިނާތުގެ އުފެދުމުންވެސް މި ކަންތައް ވަރަށް ރަނގަޅަށް ސާބިތު ވެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.