(13 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގެންފައިހުރި ބިރެއްގެ ސަބަބުން އަހަރެންގެ ގައިން ހަކަތަ ދޫވެއްޖެއެވެ. ކޮޓަރީގެ ދޮރު ރަނގަޅަށް ލައްޕައި ތަޅުލައިފީމެވެ. ބިރުން ހުރި ވަރުން އެ ރެއަކު އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ.
އަނެއް ދުވަހު ހެނދުނު ތެދުވެ ކުޑަކޮށް ތައްޔާރުވެލައިގެން ހާލަތު އޮތް ގޮތެއް ބަލައިލުމުގެ ބޭނުމުގައި ބޭރަށް ނުކުމެއްޖައީމެވެ. ދުރުގައި ހުރެގެން މާރިޔާގެ ގެޔަށް ފާރަލާން ފަށައިފީމެވެ. ގޭގެ ދޮރު ހުރީ ލައްޕައިފައެވެ. އަހަރެން އިންތިޒާރުގައި ހުރީއެވެ. ކުއްލިއަކަށް ދޮރު ހުޅުވިއްޖެއެވެ. އަހަރެންގެ ގައިގައި ތަޅައިގަތް ތިން މީހުން ބޭރަށް ނުކުމެއްޖެއެވެ. އެމީހުންގެ ހަރަކާތް ހުރި ގޮތުން އާދައިގެ މަތީން މަސައްކަތު ދަނީކަން އެނގެއެވެ. އެ މީހުން ދިއުމާއެކު ދޮރު ލެއްޕިއްޖެއެވެ. އަހަރެން ބަލަހައްޓައިގެން ހުރީ މާރިޔާ ފެނިދާނޭ ކަމަށް އުއްމީދުކޮށްގެންނެވެ. އެތައް ގަޑިއެއްގެއިރު ވާންދެން އަހަރެން އިންތިޒާރުގައި ހުރީމެވެ. ހަވީރުވާން ކައިރިވެފައި ހުއްޓާ އެ ތިން މީހުން އެނބުރި އަތުވެއްޖެއެވެ. އަހަރެންވެސް އެނބުރި ހޮޓަލަށް އަތުވެއްޖައީމެވެ.
އަނެއް ދުވަހު އަނެއްކާވެސް އެ ގެއަށް ފާރަލާން ފަށައިފީމެވެ. އެ ދުވަހަކުވެސް މާރިޔާގެ ހިލަމެއް ނުވިއެވެ. ތިންވަނަ ދުވަހުވެސް ކުރިމަތިލާން ޖެހުނީ މާޔޫސީއާއެވެ. މާރިޔާ ދުނިޔޭގައި އިންކަމާމެދުވެސް މިހާރު ޝައްކުވާން ފަށައިފިއެވެ. އެމީހުންގެ އަނިޔާގެ ސަބަބުން މަރުވީ ކަމަށް ވެދާނެއޭ ހިތަށް އެރިއެވެ. ނޫނީ ބަޑި ޖަހައި މަރައިލީކަމަށްވެސް ވެދާނެއެވެ. އެޔާއެކު އެހެން ޚިޔާލެއްވެސް ކުރެވުނެވެ. މާރިޔާ މަރުވީނަމަ ތައުޒިޔާ ކިޔަން މީސްމީހުން އެ ގެއަށް އަންނަތަން ފެނުނީހެވެ. މުޅި ހިސާބުގަނޑަށް ވެރިވެފައި އޮތީ ހިމޭން ކަމެވެ. އެ ގެއަށް މީހަކު އަންނަތަނެއްވެސް ނުފެނެއެވެ. އެހެންވީމާ އަހަރެންގެ ހިތް ހަމަޖެހުނެވެ. މާރިޔާ ދުނިޔޭގައި އެބައިނޭ، ވަރަށް އަވަހަށް ބައްދަލުވާނެއޭ ހިތަށް އެރިއެވެ.
ބައްދަލުވުން
މިއަދަކީ މާރިޔާއާ ވަކިވީތާ ހަތަރު ވަނައަށްވީ ދުވަހެވެ. ކަންބޮޑުވެފައި ހުރި ވަރުން އަހަންނަކަށް ކޮޓަރީގައި ހުރެވޭ ވަރެއް ނުވިއެވެ. ނުކުމެގެން ގޮސް އާއްމުކޮށް ހުންނަތާގައި މާރިޔާގެ ގެޔާ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖައީމެވެ. ގޭގެ ފިރިހެންވެރިން މަސައްކަތު ހިނގައްޖެއެވެ. އަހަރެން އުއްމީދާއެކު ބަލަހައްޓައިގެން ހުރީއެވެ. މާ ގިނަ އިރުތަކެއް ނުވެ އަންހެނަކު ދޮރު ހުޅައިލާފައި ބޯދީ ބޭރު ބަލައިލައިފިއެވެ. އެއީ މާރިޔާއެވެ. އަނިޔާގެ ސަބަބުން މިލާފައި ހުރި މަލެއް ފެނިފައި އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އޭނާ އެކި ދިމަދިމާއަށް ބަލަނީއެވެ. ހީވަނީ ކޮންމެވެސް މީހަކު ފެނޭތޯ އުޅޭހެންނެވެ. އަހަރެން ދުވެފައި އޭނާގެ ގާތަށް ހިނގައްޖައީމެވެ. އޭނާގެ ހެދުން އޮތީ ވީދިފައެވެ. މޫނާއި އަތުގައި ހުރި ޒަޚަމްތަކުން މިހާރުވެސް ލޭ އެބަ ފައިބައެވެ. އޭނާގެ އަތް ހުރީ ފުރަގަހަށް އައްސާފައެވެ. ހުރީ ހިލިހިލާ ޖަހައިފައެވެ. މާރިޔާގެ ހާލު ފެނިފައި އަހަންނަކަށް ކެތެއް ނުކުރެވުނެވެ. ރޮއިގަނެވިއްޖެއެވެ.
"މާރިޔާ... މާރިޔާ..." އަހަރެންގެ އަޑު ހީވަނީ ފުން ވަޅުގަނޑެއްގެ ތެރެއިން ނުކުތް އަޑެއްހެންނެވެ.
"ޚާލިދު. އަހަރެންގެ ހާލަތާމެދު ކަންބޮޑުވަނީ ހެއްޔެވެ؟ ނިކަން ބަލާބަލާށެވެ. އަހަރެން މިހާރުވެސް މިހިރީ އަހުދުގެ މަތީގައި ގާއިމުވެއެވެ." އޭނާ ކަރުނަ ދިރުވައިލެވޭތޯ މަސައްކަތްކުރިއެވެ. "ﷲ ގަންދީ ބުނަމެވެ. ނަބީބޭކަލުންނާއި ޞަޙާބީން އުފުއްލެވި ބުރައާއި ކެތްކުރެއްވި އަނިޔާއަށް ބަލާއިރު މިއީ ހަމަ އެއްވެސް ކަމެއް ނޫނެވެ. އަހަންނާއި އަހަރެންގެ ގޭގެ މީހުންގެ މެދަށް ޚާލިދު ނަމަނަމަ ނުވަންނައްޗެވެ. އަވަހަށް މިތަނުން ދާށެވެ. ހޮޓަލުގައި އަހަންނަށް އިންތިޒާރުކުރާށެވެ. އިރާދަކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް ބައްދަލުކުރާނަމެވެ. އަހަންނަށްޓަކައި ދުޢާކުރާށެވެ. ސުންނަތް ނަމާދުވެސް ގިނަގިނައިން ކުރާށެވެ."
އަހަރެން މޮޅިވެފައި ހުރެގެން އެނބުރި ހޮޓަލަށް އަތުވެއްޖައީމެވެ. އަނެއް ދުވަސް ހޭދަވެގެން ދިޔައީ މާރިޔާގެ އިންތިޒާރުގައި ހިތްހަމަޖެހުމެއްނެތި، ތެޅިތެޅި އޮވެއެވެ. އެކަމަކު އޭނައެއް ނައެވެ. ދެވަނަ ދުވަސްވެސް ހަމަ އެކަހަލަ ގޮތަކަށް ފާއިތުވެގެން ހިނގައްޖެއެވެ.
ތިންވަނައަށް ވީ ދުވަހުގެރޭ މެންދަމާ ގާތް ވަނީއެވެ. އަހަރެން ހިތާމައިން ފޯވެފައި އޮށޯވެގެން އޮއްވައި ދޮރުގައި ޓަކި ޖަހައިލީ އަޑު އިވިއްޖެއެވެ. އަހަރެންގެ މޭގަނޑު ފުންމައިގެން އަނގަޔަށް އަތުވެއްޖެއެވެ. މިހައި ދަން ގަޑިއެއްގައި އަނެއްކާ ކާކު ބާވައެވެ؟ ބިރުގަތް ވަރުން ލޯލިތައް ކޮޅަށް ޖެހިއްޖެއެވެ. މާރިޔާގެ ގޭ މީހުންނަށް އަހަރެން ހުރިތަން އެނގުނީއެވެ. ނުވަތަ މާރިޔާ އެމީހުން ގާތު ހޮޓަލުގެ އެޑްރެސް ބުނީއެވެ. އެ މީހުން އެ އައީ އަހަރެން މަރައިލާން ވެގެންނެވެ. އަހަރެން މިހާރު މިހިރީ މަރާ ފޫޓެއްހައި ދުރުމިނުގައެވެ. ބިރުން ރޫރުއަޅަމުން އަހައިލީމެވެ. "ކާ...ކާ... ކާކުހެއްޔެވެ؟"
ޖަވާބުގައި އިވުނީ މާރިޔާގެ ލޫޅާފަތި އަޑެވެ. "އަހަންނެވެ. މާރިޔާއެވެ. ދޮރު ހުޅުވާށެވެ."
ހިތްހަމަޖެހުމުގެ ނޭވައެއް ލުމަށް ފަހު އަހަރެން ކޮޓަރީގެ ބޮކި ދިއްލާފައި ގޮސް ދޮރު ހުޅުވައިފީމެވެ. މާރިޔާ ޒަޚަމްވެފައިވާ ހާލުގައި ތުރުތުރުއަޅައަޅައި އަހަރެންގެ ކުރިމަތީގައި ހުއްޓެވެ. "އަވަސް ކުރާށެވެ. ހަމަ މިހާރު މިތަނުން ނުކުމެގެން ދަމާ ހިނގާށެވެ."
އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ.
"ތިޔަ ހާލަތުގައި ހުރެގެން ހެއްޔެވެ؟" އޭނާގެ ޒަޚަމްތަކަށް ނަޒަރު ހިންގައިލުމަށް ފަހު ފިކުރު ބޮޑުވެފައި އަހަރެން އަހައިލީމެވެ.
"އާނއެކެވެ. މި ހާލަތުގައި ހުރެގެންނެވެ." މާރިޔާ ކަށަވަރު ރާގެއްގައި ބުނެލިއެވެ. "އަވަސް ކުރާށެވެ."
އަހަރެން އެއްޗެހި އެއްކުރަން ފަށައިފީމެވެ. މާރިޔާ ހެދުން ބަދަލުކޮށް ބުރުގާ އަޅައި ތައްޔާރުވެއްޖެއެވެ. އަވަސްއަވަހަށް ހޮޓަލުން ޗެކްއައުޓުކޮށްފައި ނުކުމެ ކުލީ ކާރަކަށް އަރައިފީމެވެ. އަދި ރޫސީ ބަހުން އަހަރެން ބުނެފީމެވެ. "އެއަރޕޯޓަށް ހިނގާށެވެ."
މިހާރު އަހަންނަށް ކޮންމެވެސް ވަރަކަށް ރޫސީބަސް އެނގެއެވެ.
މާރިޔާ ބޯ ހޫރައިލިއެވެ. "ނޫނެކެވެ. ދާނީ އެއަރޕޯޓަކަށް ނޫނެވެ." މިހެން ބުނެފައި ކޮންމެވެސް އަވަށަކާ ދިމާއަށް ދާން ބުނެފިއެވެ.
"އެއީ ކީއްވެގެން ހެއްޔެވެ؟" އަހަރެން ހައިރާންވެފައި ސުވާލުކޮށްލީމެވެ. "ވީހައި އަވަހަކަށް މިތަނުން ފުރައިގެން ދާންވީކީއެއް ނޫން ހެއްޔެވެ؟"
"ތިޔައީ ރަނގަޅު ވާހަކައެކެވެ. އެކަމަކު އަހަރެން ފިލައިފިކަން ގޭ މީހުންނަށް އެނގުމާއެކު އެންމެ ފުރަތަމަ ބަލާނީ އެއަރޕޯޓެވެ. އެހެންވީމާ މިހާރު ދާނީ އަހަރެން މި ބުނާ އަވަށަށެވެ."
އެ ބުނާ އަވަށެއް ތަންކޮޅެއް ތަފުސީލުކޮށް މާރިޔާ ޑުރައިވަރަށް ކިޔައިދީފިއެވެ.
އެ އަވަށަށް ދެވުމާއެކު ކާރުން ފައިބައިގެން ގޮސް އެހެން ކާރަކަށް އަރައިފީމެވެ. ދެން ދަތުރު ފެށްޓީ އެހެން އަވަށަކާ ދިމާއަށެވެ. އެ އަވަށުން ތިން އަވަށާ ދިމާއަށެވެ. މިހެން ދަތުރު ކުރަމުން ގޮސް ރޫސީވިލާތުގެ އައްސޭރިފަށުގެ ރަށަކާ ހަމައަށް ދެވިއްޖެއެވެ. ސީދާ ދިޔައީ އެ ރަށުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށެވެ. އަހަރެމެންގެ ރަށަށް ދާން ޓިކެޓް ގަނެގެން އައީ ކައިރީގައި ހުރި ހޮޓަލަކަށެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށް ފަހު މާރިޔާ ލައިގެން ހުރި ޢަބާ ބާލައިފިއެވެ. އަހަރެން އޭނާއަށް އެމީހުން ކޮށްފައި ހުރި އަނިޔާތައް ބަލަން ފަށައިފީމެވެ.
"ޔާރައްބީ!" އޭނާގެ މުޅި ހަށިގަނޑު އޮތީ ޒަޚަމުން ފުރިފައެވެ. "އެމީހުން ކީއްކުރީ ހެއްޔެވެ؟"
އަނިޔާވެރިކަމުގެ ވާހަކަ
އަހަރެންގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.
މާރިޔާ ވާހަކަދައްކާން ފަށައިފިއެވެ.
"އެ ދުވަހު އަހަރެން ގޭތެރެއަށް ވަދެ ގޭ މީހުންގެ ކުރިމަތީގައި އިށީނދެއްޖައީމެވެ. އެމީހުން ފުރަތަމަ ސުވާލުކުރީ އަހަރެން ލައިގެން ހުރި ހެދުމާ ބެހޭ ގޮތުންނެވެ.
އަހަރެން ބުނީމެވެ. މިއީ އިސްލާމީ ހެދުމެވެ.
އެ މީހުން އަހައިފިއެވެ. ކަލެޔާ އެކީގައި އައިސް އެހެރީ ކާކު ހެއްޔެވެ؟
އަހަރެން ޖަވާބުގައި ބުނީމެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. އިސްލާމްދީން ގަބޫލު ކުރުމަށް ފަހު އަހަރެން އިނީ އިސްލާމަކާއެވެ.
އެމީހުން ބުންޏެވެ. ތިޔައީ ވާނޭ ކަމެއް ނޫނެވެ.
ދެން އަހަރެން އެމީހުންނަށް ކިޔައިދިނީ ރޫސީ ވިޔަފާރިވެރިޔާގެ ވާހަކައެވެ. އޭނާ އަހަރެން ވިއްކާލަން އުޅުނު ވާހަކައާއި އަބުރު ނަގައިލާން މަސައްކަތް ކުރި ވާހަކައެވެ. އަހަރެން ސަލާމަތްވީ ގޮތާއި ޚާލިދާ ދިމާވީ ގޮތުގެ ވާހަކަވެސް ކިޔައިދީފީމެވެ.
އަހަރެންގެ ވާހަކައިގެ ޖަވާބުގައި އެމީހުން ބުނީ އަހަރެން ހީވެސް ނުކުރާ ކަހަލަ ވާހަކައެކެވެ.
އެމީހުން ބުންޏެވެ. ކަލެއަށް ޖެހޭނީ އިސްލާމްދީން ދޫކޮށް އަލުން ކްރިސްޓިއަނަކަށް ވާށެވެ. އެހެން ނޫނީ މިގެއިން ނެރޭނީ ކަލޭގެ ގަބުރެވެ.
(ނުނިމޭ)