މަހާރާނީ - 7

(17 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މާޝިޠާ ބިރުނުގަންނަކަން ފިރުޢަވްނަށް އިހުސާސް ކުރެވުނީމާ އެ ރަހުމެއް ނެތް ނުލަފާ ކަލޭގެ ހިތަށް އެރިއެވެ. އަމިއްލަ ފުރާނަޔާމެދު ފަރުވާލެއް ނުބެހެއްޓިޔަށް އަމިއްލަ ދަރިން ދެކެ ތިމާގެ ފުރާނައަށްވުރެ ބޮޑަށް ލޯބިވާނެއެވެ. މާޝިޠާގެ އަދަބުގެ ބަޔަކަށް ދަރިން ހަދައި އެ އަދަބުގެ ބޮޑުކަން އިތުރު ކުރެވިދާނެއެވެ. ދެން އޭނާ އަމުރުކުޅައީ އެ މައުސޫމު ފަސް ދަރިން އެ ތަނަށް ގެންނާށެވެ.

ދަރިން ގެނެވިއްޖެއެވެ. މި ވަނީ ކީއްކަމެއް އެ ކުދިންނަކަށް ނޭނގެއެވެ. ދެލޯ ބޮޑުކޮށްގެން ތިބެ އެތަން މިތަން ހޯދައި ބަލަނީއެވެ. މަންމަ ފެނުމާއެކު ރޮއިގެންފައި މަންމަގެ ގައިގައި އޮޅުލައިގެންފިއެވެ. މޮޅިވެފައި އިން މަންމަވެސް އެ ކުދިންނަށް މެދުވެރިވާން އުޅޭ ހާލަތު އެނގުނީމާ ރޯން ފަށައިފިއެވެ. އޭނާގެ ފުރާނައިުގެ ބައެއް ކަމުގައިވާ ދަރިންގެ މޫނަށް ބޮސްދޭން ފަށައިފިއެވެ. އެންމެ ހަގު ކުއްޖާ އުނގަށްލައި ގަޔާލައި ބޮނޑިކޮށްލިއެވެ.

ފިރުޢަވްނުގެ އަމުރަށް ސިފައިން އެންމެ ދޮށި ކުއްޖާ ކެކިކެކި ހުރި ތެޔޮ ތެއްޔާ ދިމާއަށް ގެންދާން ފަށައިފިއެވެ. އެ ކުއްޖާ ރޮއޮރޮއިފައި މަންމަޔާ ދިމާއަށް ބަލަހައްޓައިގެން ހުރެ ސިފައިން އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރާން ފަށައިފިއެވެ. ސިފައިން ގެންދިޔައީ އެކުއްޖާފުޅުގެ ގައިގައިވެސް ތަޅަމުންނެވެ. ހިތާމައިން ފޯވެފައިވާ މަންމަ ވަދާޢުގެ ނަޒަރަކުން ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ސިފައިން އެ ކުއްޖާ ތެޔޮ ތެއްޔަށް އެއްލައިފިއެވެ. އެ މަންޒަރު ބަލާން ނުކެރިގެން ހަގަށް ތިބި ކުދިން ލޮލުގައި އަތްއަޅައިފިއެވެ. ކެކިކެކި ހުރި ތެޔޮތެލިން އެ ކުއްޖާ އިސާހިތަކުން ހުލިކޮށް ނިންމައިލައިފިއެވެ. ހުދު ކުލައިގެން ކަށިގަނޑު މައްޗަށް އަރައިފިއެވެ. ފިރުޢަވްނު މާޝިޠާއާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "އަދިވެސް ވަގުތު އެބައޮތެވެ. ﷲއަށް މުންކިރުވާށެވެ."

މާޝިޠާ ހަރުކަށިކަމާއެކު ދެކޮޅު ހަދައިފިއެވެ.

ފިރުޢަވްނު ރުޅި އައިސް ރަތްވެއްޖެއެވެ. އޭނާގެ އަމުރަށް ޖެހިގެން ހުރި ކުއްޖާ ނަގައި ތެޔޮ ތެއްޔަށް އެއްލައިލައިފިއެވެ. މަންމަ ކުރާނޭ ކަމެއް ނެތިފައި ބަލަހައްޓައިގެން ހުރީއެވެ. ބޭބެގެ ކަށިތައް ފަދައިން ކޮއްކޮގެ ކަށީތައްވެސަ މައްޗަށް އުފުލިއްޖެއެވެ. މާޝިޠާގެ އީމާންކަމާއި ޢަޒުމަކަށް އެއްވެސް ބަދަލެއް ނައެވެ. އެޔަށް ފަހު ތިންވަނަ ކުއްޖާއާއި ހަތަރުވަނަ ކުއްޖާވެސް ތެޔޮ ތެއްޔަށް އެއްލައިލައިފިއެވެ. ދެން އޮތީ ތުއްތު ކުއްޖާއެވެ. އެ ފަކީރަކަށް ވާނުވާވެސް ނޭނގެއެވެ. މަންމަގެ އުނގުގައި އިށިނދެގެން އިނީއެވެ. ސިފައިން އައިސް އެ ކުއްޖާފުޅު ޖަހައިގަތީމާ މާޝީޠާ ބާރަށް ރޮއިގަތެވެ. ﷲ ތަޢާލާ އެ ވަގުތު އެ ތުއްތު ކުއްޖާއަށް ވާހަކަދެއްކުމުގެ ބާރު ދެއްވައިފިއެވެ. ދަރިފުޅު ބުންޏެވެ. "ލޯބިވާ މަންމާއެވެ. ކެތްކުރާށެވެ. މަންމަ ތިޔަހަރީ ހައްޤު މަގުގައެވެ." އޭގެ ފަހުން އަނގަޔަކުން ނުބުނެއެވެ. މަންމަގެ ހިތް ހަމަޖެހިއްޖެއެވެ. ސިފައިން ތުއްތު ކުއްޖާ ތެޔޮ ތެއްޔަށް އެއްލައިފިއެވެ. މާޝިޠާ އޭނާގެ ފަސް ދަރިން ގުރުބާންކޮށްފިއެވެ. އޭނާ ބޭނުންނަމަ ފިރުޢަވްނުގެ ކުރިމަތީގައި ކުފުރުވެގެން ދަރިންކޮޅު ސަލާމަތް ކުރެވުނީހެވެ. އެކަމަކު ﷲ ތަޢާލާއާއި އޭނާއާއި އޭނާގެ ދަރިންނަށްޓަކައި ތައްޔާރު ކުރައްވައިފައިވާ އަރާމާއި ދަރުމައަކީ ކޮބައިކަން އޭނާއަށް އެނގެއެވެ.

ފިރުޢަވްނުގެ ސިފައިން މޮޔަވެފައިވާ ކުއްތާތަކެއްހެން މާޝިޠާގެ މައްޗަށް ޖެހިގެންފިއެވެ. އޭނާ ދަމައިފައި ތެޔޮތެލީގެ ކައިރިއަށް ގެންގޮސްފިއެވެ. މާޝިޠާ ކުއްލިއަކަށް އެނބުރި ފިރުޢަވްނާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ކަލޭ ގާތު ވާހަކައެއް ބުނަން ބޭނުމެވެ."

"ބުނާށެވެ."

"އަހަންނާއި އަހަރެންގެ ދަރިންގެ ކަށިތައް އެއްކޮށް އެއް ވަޅެއްގައި ވަޅުލައިދޭށެވެ." މާޝިޠާ އޭނާގެ އެންމެ ފަހުގެ އެދުން ހާމަކޮށްލިއެވެ.

ހިނދުކޮޅެއްގެ ތެރޭގައި ފެނުނީ އޭނާގެ ކަށިތައްވެސް ފެނުން މައްޗަށް އެރިތަނެވެ.

ﷲ ތަޢާލާ މާޝިޠާއަށް ދެއްވި ނިޢުމަތުގައި އުޅޭކަމުގެ އަސަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްރާއާއި މިޢުރާޖެގެ ރޭ ދެކެވަޑައިގަތެވެ. އެކަލޭގެފާނު އެ ވާހަކަ ޞަޙާބީން ގާތު ވިދާޅުވިއެވެ. ބައިހަޤީގެ ރިވާޔަތެއްގައި ވެއެވެ. "އިސްރާގެ ރޭ ތިމަންކަލޭގެފާނުގެ ކައިރިން ވަރަށް ތާހިރު މީރު ވަހެއް ފަސްދީ ދިޔައެވެ. ތިމަންކަލޭގެފާނު ސުވާލު ކުރެއްވީމެވެ. އެއީ ކޮން ވަހެއްތޯއެވެ؟ ޖަވާބު ލިބުނެވެ. އެއީ ފިރުޢަވްނުގެ ނޯކަރާއި އޭނާގެ ދަރީންނެވެ."

މިއީ އިޚްލާސްތެރި މުއުމިން އަންހެނަކު ﷲ ތަޢާލާގެ ރުއްސެވުމާއެކު އެކަލާނގެ ޙަޟުރަތުގައި ލެއްވި ގޮތެވެ. މާޝިޠާގެ އީމާންކަމުގެ ސަބަބުން އޭނާ ސުވަރުގޭގެ ބަގީޗާތަކާއި ކޯރުތަކުގެ ތެރޭގައި ލައްވާނޭކަން ކަށަވަރެވެ. އެއީ ކޮންފަދަ މަތިވެރި ނިޢުމަތެއް ހެއްޔެވެ؟

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސުކުރެއްވިއެވެ. "ސުވަރުގޭގެ އަންހެނަކު ބިމާ ދިމާއަށް ބަލައިލިޔަސް އުޑާއި ބިމާ ދެމެދުގައި ވާހައި ތަނަކަށް މީރުވަސް ފެތުރިގެން ހިނގައިދާނެއެވެ. (އެ އަންހެނަމީހާގެ) ބޮލުގައި އޮތް ބުރުގާ ދުނިޔެއާއި ދުނިޔޭގައި ލެއްވިހައި އެއްޗަކަށްވުރެ ހެޔޮކަން ބޮޑެވެ."

މުސްލިމްގެ ރިވާޔަތެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސުކުރެއްވިއެވެ. "ސުވަރުގެއަށް ވަންނަ މީހަކުގެ ހުރިހައި އުއްމީދެއް ފުރިހަމަވާނެއެވެ. ފަގީރުކަމެއް އެ މީހުންގެ މައްޗަކަށް ނާންނާނެއެވެ. އެމީހުންގެ ހެދުން ބަލެއް ނުވާނެއެވެ. ޒުވަންކަން ފާއިތުވެގެންނެއް ނުދާނެއެވެ. މީހަކު ދުވަހަކުވެސް ލޮލުން ނުދެކޭފަދަ އަދި ކަންފަތުން އަޑުނާހާފަދަ އަދި ޚިޔާލަށްވެސް ނުގެނެވޭފަދަ ނިޢުމަތްތައް ވަނީ ސުވަރުގޭގައި އެމީހުންނަށްޓަކައި ލައްވައިފައެވެ. ސުވަރުގެއަށް ވަންނަ މީހާގެ ހުރިހައި ތަކުލީފެއް ފިލައިގެން ހިނގައިދާނެއެވެ."

އިންސާނަކަށް ސުވަރުގެ ވަދެވޭނީ އަދި އެ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭނީ މި ދުނިޔޭގެ އެދުންތަކާއި ބޭނުންތައް ދޫކޮށް އާޚިރަތުގެ ނިޢުމަތަށް އެދޭނަމައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސުކުރެއްވިއެވެ. "ސުވަރުގެ ވަނީ ނޭދެވޭ ހުރިހައި ކަމަކުން މަހުރޫމުވެގެންނެވެ. ނަރަކަ ވަނީ ހެޔޮ ހުރިހައި ކަމަކުން މަހުރޫމުވެގެންނެވެ."

ލޯބިވާ އަންހެންދަރިންނޭވެ. މިއަދު ބުރަ އުފުލާށެވެ. ދަތި އުނދަގޫތަކަށް ކެތްކުރާށެވެ. އާޚިރަތުގައި އޮންނާނީ އަރާމާއި އުފަލެވެ. ޤިޔާމަތް ދުވަހު ސުވަރުގޭގެ އަހުލުވެރިންނަށް ބުނެވޭނެއެވެ.

"އިބަމެންގެ މައްޗަށް ސަލާމް ހުއްޓެވެ. ކެތްތެރިވީ ކަމަށްޓަކައެވެ. އާޚިރަތުގެ ގޮވައްޗަކީ ވަރަށް ރަނގަޅު ގޮވައްޗެކެވެ."

ނަރަކައިގެ އަހުލުވެރިންނަށް އެންގެވޭނެއެވެ.

"ކަލޭމެނަށް ހުރި ހެޔޮކަންތައް ވަނީ ދުނިޔޭގައި ލިބިގެންފައެވެ. މިއަދު ކަލޭމެންގެ މައްޗަށް އޮތް ބަދަލަކީ ޢަޒާބެވެ. އެއީ ކަލޭމެން ހައްގަކާ ނުލައި ބޮޑާވެގަތް ކަމަށްޓަކައްޔާއި ނުކިޔަމަންތެރިވީ ކަމަށްޓަކައެވެ."

ގަދަފަދަ އަދަބާއި އަނިޔާގެ ކުރިމަތީގައިވެސް މާޝިޠާ ހުރީ ދީނުގެ މަތީގައި ގާއިމުވެގެންނެވެ. އޭނާގެ ސާބިތުކަމަކަށް އެއްވެސް ބަދަލެއް ނައެވެ. ނަމާދު ފަދަ އާދައިގެ ފަސޭހަ އަޅުކަމެއްވެސް ބަރާބަރަށް ބުކުރެވޭ އަންހެން ދަރިން ފެނުނީމާ އަހަރެން ހައިރާންވެއެވެ. އެ ކުދިން ވަނީ ނަމާދަށް ފަރުވާ ކުޑަކޮށްލައި އެހެން ކޮންމެވެސް ކަމެއްގެ ތެރެއަށް ވަދެ ގެއްލިފައެވެ. އެންމެ ފަހުން ގޮސް ކުފުރުވުމާ ހަމައަށްވެސް ދަނީއެވެ.

ތިރްމިޒީގެ ރިވާޔަތެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސުކުރެއްވިއެވެ.

"އަހަރެމެންނާއި އެމީހުންނާ (މުނާފިގުންނާ ނުވަތަ ހުރިހައި މުސްލިމުންނާ) ދެމެދު އޮތް ޢަހުދަކީ ނަމާދެވެ. ނަމާދު މުގުރައިފިމީހާ ކުފުރުވާވަރުގެ ކުށެއް ކޮށްފިއެވެ."

ނަމާދު ނުކޮށް ދޫކޮށްލައިފި މީހަކު ވައްދަވާނީ ނަރަކައަށެވެ. ޝައިޠާނުންނާއެކު އެ މީހުންނަށް އަޒާބު ދެއްވާނެއެވެ. ސުވަރުގޭގެ ދަރުމައިން މަޙްރޫމް ކުރައްވާނެއެވެ.

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.