މަހާރާނީ - 6

(15 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މި ދުޢާ ކުރެއްވުމަށް ފަހު އިބްރާހީމްގެފާނު ޝާމަކަރަޔާ ދިމާއަށް ދަތުރުފުޅު ފަށްޓަވައިފިއެވެ. ހާޖަރާގެފާނު ދަރިކަލުންނާއެކު މައްކާގައި ދިރިއުޅުއްވަން ފަށްޓަވައިފިއެވެ. ކަދުރު ފަރީއްކުޅުއްވައިގެން، ފެންފޮދު ހިއްޕަވައިގެން  ދަރިކަލުންނަށް ކިރުފޮދު ދެއްވަމުން ގެންދެވީއެވެ. މާ ގިނަ ދުވަހެއް ނުވެ ކަދުރާއި ފެން ހުސްވެއްޖެއެވެ. ދެމައިކަނބަލުން ފެނަށް ޖެހިވަޑައިގެންފިއެވެ. ދަރިކަލުން ކީރިތިކުރައްވާތަން ފެނިވަޑައިގަތީމާ މަންމާފުޅުގެ ހިތްޕުޅަށް މުތަނަވަސްކަން ވެރިވެއްޖެއެވެ. ކައިރި ހިސާބަކުން ފެނުގެ އެއްވެސް އަސަރެއް ފެނިވަޑައެއް ނުގަތެވެ. ދަތުރުވެރިޔަކު ދާތަނެއްވެސް ފެނިވަޑައެއް ނުގަތެވެ. ހާޖަރާ ދަރިކަލުން ބާއްވަވާފައި ތެދުވެވަޑައިގެންފިއެވެ. ދަރިކަލުން އަވަހާރަވެދާނެތީ ބިރުފުޅުންނެވެ. އެ މަންޒަރު ދެކެވަޑައިގަތުމަކީ ހިތްޕުޅަށް ކުޅަދާނަ ކަމަކަށް ނުވާތީއެވެ. ތިމާގެ ހިތުގެ އެތިކޮޅެއް ކަމުގައިވާ ދަރިއަކު މަރުވާތަން ބަލަން ހުރެވޭނީ ކޮން އިންސާނަކަށް ހެއްޔެވެ؟

ތެދުވެވަޑައިގަތް ނަމަވެސް ވަޑައިގަންނަވާނޭ ދިމާއެއް އެނގިވަޑައެއް ނުގަތެވެ. ކުރިފުޅުމަތީގައި ހުރީ ޞަފާ ފަރުބަދައެވެ. ދުވެވަޑައިގެން އެ ފަރުބަދަ މައްޗަށް އަރައިވަޑައިގެންފިއެވެ. ފަރުބަދައިގެ އަނެއް ފަރާތުން ގާފިލާއެއް އަންނަތަން ފެނިވަޑައިގެންފާނޭ ކަމުގެ އުއްމީދުގައެވެ. އެކަމަކު އެ ފަރާތަކުން އެކަހަލަ އެއްވެސް މަންޒަރެއް ފެނިވަޑައެއް ނުގަތެވެ. ވުމާއެކު ތިރިއަށް ފައިބައިވަޑައިގެންފިއެވެ. ދުވއވަޑައިގެން އަނެއް ފަރާތުގައި ހުރި މަރްވާ ފަރުބަދައަށް އަރައިވަޑައިގެންފިއެވެ. އެ ފަރުބަދައިން ފައިބައިވަޑައިގެން އަނެއްކާވެސް ޞަފާ ފަރުބަދައަށް އަރައިވަޑައިގެންފިއެވެ. މި ގޮތަށް ދެ ފަރުބަދަ ދެމެދުގައި ހަތް ބުރު ޖައްސަވައިފިއެވެ. ހަތްވަނަ ފަހަރު މަރްވާ ފަރުބަދައަށް އަރާވަޑައިގަތްތަކުން އަޑެއް އިވިވަޑައިގެންފިއެވެ. ވިދާޅުވެއްޖެއެވެ. [އޭތް ހިމޭން ވާށެވެ.] އަނެއްކާވެސް ހަމަ އެ އަޑު އިވިވަޑައިގެންފިއެވެ. މި ގޮތަށް ދެތިން ފަހަރުވީމާ އެ އަޑަކާ މުޚާޠަބް ކުރައްވައި ވިދާޅުވިއެވެ. [އަހަންނަށް އަޑު އިވިއްޖެއެވެ. އަހަންނަށް އެހީތެރިވެދެވެން އޮތިއްޔާ ބުނާށެވެ.] އެއްވެސް ޖަވާބެއް ނައެވެ. ކުއްލިއަކަށް ދަރިކަލުންގެ މަތީން ހަނދުމަފުޅުވެގެން ބައްލައިލެއްވި އިރު ދަރިކަލުންގެ އަރިހުގައި މި ހުންނެވީ މަލާއިކަތެކެވެ. ދަރިކަލުން އޮންނެވި ތަނަކީ މިހާރު ޒަމްޒަމް ވަޅު އެހެރަ ތަނެވެ. (އޭރަކު އެ ވަޅެއް ނެތެވެ.) މަލާއިކަތާ ފައިންޕުޅުން ނުވަތަ ފިޔަފުޅުން ބުިންމަތީގައި ޖެއްސެވުމާއެކު އެ ތަނުން ފެން އަރާން ފަށައިފިއެވެ. ހާޖަރާ އެ ތަނަށް ވަޑައިގެން އެކަމަނާގެ ފެންހަންކޮޅު ފުރެންދެން ފެން އަޅުއްވައިފިއެވެ. ފެން އެރުމެއް ނުހުއްޓެވެ. އެކަމަނާ ހިލަ ގެންނަވައި ވަށައިގެން ޖައްސަވައި ރައްކާތެރިި ކުރައްވައިފިއެވެ.

މަލާއިކަތާ (ޖިބްރީލުގެފާނު) ވިދާޅުވިއެވެ. [ފިކުރުފުޅު ނުކުރައްވާށެވެ. ތިޔް ދެމައިކަނބަލުންނަކަށް ތުރާލެއް ކުރިމަތިވެވަޑައެއް ނުގަންނަވާނެއެވެ. ކަމަނާގެ މި ދަރިކަލުންނާއި ފިރިކަލުންނާ ދެކަލުން ވެގެން މިތާނގައި ﷲ ގެ ގެފުޅު ބިނާކުރައްވާނެއެވެ.]

މާޝާ ﷲ. ހާޖަރާގެފާނަކީ ކޮންފަދަ ކެތްތެރި ބޭކަނބަލެއް ހެއްޔެވެ؟ އެ ކަމަނާގެ އަޚްލާގުފުޅަކީ ހަގީގަތުގައިވެސް އެފަދަ އަޚްލާގެއް ލިބޭނެ ނަމައޭ މީހަކު ހިތަށް އަރާވަރުގެ މަތިވެރި އަޚްލާގުފުޅެކެވެ. އެކަމަނާ ބޮޑު އިމްތިޙާނަކާ ކުރިމަތިލެއްވީ ވަގުތީ ކަމެއްގެ ގޮތުގައެވެ. ވަޒަނުން ދުރަށް ވަޑައިގަންނަވާން ޖެހިވަޑައިގަތެވެ. ބަނޑުހައިހޫނުކަމުގައި އުޅުއްވާން ޖެހިވަޑައިގަތެވެ. އެކަމަކު އެކަމަނާ ﷲ ގެ މިންވަރުފުޅަށް ރުހިވަޑައިގެން ކެތްތެރިކަން އިޚްތިޔާރު ކުރެއްވިއެވެ. ދަތިހާލުކޮޅުގައި އުޅުއްވީ ﷲ ގެ މަގުގައެވެ. އެންމެ ފަހުން ﷲ ތަޢާލާ އެކަމަނާގެ ދަތި ހާލުކޮޅު ބަދަލު ކުރައްވައި ފަސޭހަކަން މިންވަރުކުރައްވައިފިއެވެ. ކީރިތި ޤުރްއާނުގައި މި ވާހަކަ ވަނީ ބަޔާންކުރައްވައިފައެވެ. އެކަމަނާގެ ދަރިކޮޅުން އެތައް ނަބީބޭކަލުންނެއް ވަޑައިގަތެވެ. އެކަނާ ވެވަޑައިގަތީ ނަބީބޭކަލުންގެ މައިކަނބަލަކަށެވެ. ﷲ ގެ މަގުގައި ހިނގާ ކޮންމެ މީހަކަށްމެ ހުރި ނަމޫނާއަކަށް ވެވަޑައިގަތެވެ. އެއީ ބީރައްޓެހިންނަށް އޮތް އުފާވެރި ޚަބަރެކެވެ.

ބީރައްޓެހިންނަކީ ކޮން ބައެއް ހެއްޔެވެ؟ އެއީ ނުބައި މީސްތަކުންގެ ތެރޭގައި އުޅޭ ހެޔޮލަފާ ޞާލިޙު މީހުންނެވެ. ﷲ ތަޢާލާއަށް ކޮށްފައިވާ ވަޢުދު ފުއްދާ މީހުންނެވެ. ﷲ ރުއްސެވުން ލިބިގަތުމުގެ ބޭނުމުގައި ދަތި އުދަގޫ ހާލަތްތަކާ ކުރިމަތިލާ މީހުންނެވެ. އުނދަގޫ މަރުހަލާތަކުގައި ފަރުބަތަކަށް އަރާ މީހުންނެވެ. ހިރަފުހާއި މަށީގެ ތެރޭގައި ރޭތައް ހޭދަކުރާ މީހުންނެވެ. ހިތްދަތި ވަގުތުތަކުގައި އިމްތިޙާނާ ކލުރިމަތިލާ މީހުންނެވެ.

މި ފަދަ މީސްމީހުން ފިތުނަ ފަސާދަޔާ ދުރަށް ދުވާނެއެވެ. ދުލުން ބޭރުކުރާނީ ތެދު ބަހެވެ. ފަސްބައިގައި ހުންނާނީ ޢިއްފަތްތެރިކަމުގެ ކުލައެވެ. ލޯތައް ތިރިކުރާނެއެވެ. ކޮންމެ ހާލަތެއްގައިވެސް ހެޔޮ މަގު ދޫކޮށެއް ނުލާނެއެވެ. ދިރިއުޅޭނީ ހެޔޮލަފާ މީހުންނާއެކުގައެވެ. ގިޔާމަތް ދުވަހު ﷲ ތަޢާލާގެ ދަރުބާރުގައި ހުއްޓޭ ވަގުތު އެފަދަ މީސްމީހުންގެ ހެޔޮކަމުގެ ހެކިބަސް ދޭނީ އެމީހުންގެ އަތްފައިންނެވެ. އަތްފައި ބުނާނެއެވެ. އޭ މަތިވެރިވަންތަ ﷲއެވެ. އިބަކަލާނގެ އަޅާ ރޭގަނޑު ދަންވަރު ތެދުވެ އިބަކަލާނގެ ހަނދުމަކުރުމުގައި ކަރުނަ އެޅިއެވެ. ދުވާލު ހޭދަކުރަނީ ހެޔޮ ޢަމަލުކުރުމުގައެވެ. މީނާގެ ދަރިން ތަރުބިއްޔަތުކުރީ ހެޔޮލަފާ ދަރިންގެ ގޮތުގައެވެ. ދިރިހުރުމާއި މަރުވުމާއި ގުރުބާނީއަކީ ހަމައެކަނި ﷲ އަށްޓަކައި އޮތް އެއްޗެއް ކަމުގައި ހެދިއެވެ.

ފިރުޢަވްނުގެ އަންހެންދަރި ބަލާމީހާ

ފިރުޢަވްނުގެ އަންހެންދަރި ބެލެހެއްޓިމީހާގެ މަތީން ތާރީޚު ހަނދާނެއް ނުކުރެއެވެ. އެކަމަކު އޭނާގެ ޢަމަލުތައް ވަނީ ތާރީޚުގައި ރައްކާތެރި ކުރެވިފައެވެ. އެއީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. ނަމަކީ މާޝިޠާއެވެ. އޭނާ ފިރިމީހާއާއެކު ދިރިއުޅުނީ ފިރްޢަވްނުގެ ބެލުމުގެ ދަށުގައެވެ. ފިރިމީހާއަކީ ފިރުޢަވްނުގެ އަރިސް މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ﷲ ތަޢާލާ މި ދެމަފިރިންނަށް ތެދުމަގު ދައްކަވައި އީމާންކަން ދެއްވައިފިއެވެ. ފިރުޢަވްނަށް މިކަން އެނގުނީމާ މާޝިޠާގެ ފިރިމީހާ ގަތުލުކޮށްފިއެވެ. މާޝިޠާ ފިރުޢަވްނު ގާތުގައި މަސައްކަތް ކޮށްގެން އޭނާގެ ފަސް ދަރިން ބަލައި ބޮޑުކުރަމުން ގެންދިޔައެވެ.

އެއް ދުވަހަކު މާޝިޠާ އިނީ ފިރުޢަވްނުގެ އަންހެންދަރީގެ ބޯ އޮމާންކޮށްދޭށެވެ. ކުއްލިއަކަށް ފުނާ އަތުން ދޫވެގެން ވެއްޓިއްޖެއެވެ. މާޝިޠާއަށް ބޭއިޚްތިޔާރުގައި [ބިސްމިއްލާހި] އޭ ކިޔައިލެވިއްޖެއެވެ.

ފިރުޢަވްނުގެ ދަރި އަހައިލިއެވެ. [ﷲ އޭ ތިޔަ ކިޔަނީ އަހަރެންގެ ބައްޕައަށް ހެއްޔެވެ؟]

މާޝިޠާ ހަރުކަށި ރާގަކަށް ބުނެލިއެވެ. [ނޫނެކެވެ. ﷲ އަކީ ކަމަނާގެވެސް، ކަމަނާގެ ބައްޕަގެވެސް އަދި އަޅުގަނޑުގެވެސް ކަލާނގެއެވެ.]

ފިރުޢަވްނުގެ ދަރި ވަރަށް ބޮޑަށް ހައިރާންވެއްޖެއެވެ. ހިތަށް އެރިއެވެ. އަހަރެންގެ ބައްޕަ ނޫން އެހެން މީހަކަށްވެސް މީހުން އަޅުކަން ކުރޭ ހެއްޔެވެ؟ އޭނާ ގޮސް ބައްޕަ ގާތު މި ވާހަކަދައްކައިފިއެވެ. ފިރުޢަވްނުވެސް ވަރަށް ބޮޑަށް އަޖައިބު ވެއްޖެއެވެ. މި ގަނޑުވަރުގައި އަހަރެން ނޫން މީހަކަށް އަޅުކަން ކުރާ ބަޔަކުވެސް އުޅެނީތާއެވެ. ވަގުތުން މާޝިޠާ ބަލައި ފޮނުވައިފިއެވެ.

[ކަލޭގެ ކަލަކީ ކާކު ހެއްޔެވެ؟] މާޝިޠާ އައީމާ ފިރުޢަވްނު ރުޅި އައިސް ފުފިފައި ހުރެގެން އަހައިލިއެވެ.

[އެއީ އަޅުގަނޑާއި ތިޔަ ރަސްގެފާނުގެވެސް ކަލާނގެއެވެ. ﷲ އެވެ.] މާޝިޠާ ފިސާރި ހަމަޖެހިލައިގެން ހުރެ އެއްވެސް ބިރެއް، ޖެހިލުންވުމެއް ނެތި ބުނެފިއެވެ.

ދީން ދޫކޮށްލަން ފިރުޢަވްނު އަމުރުކޮށްފިއެވެ. ދޫކޮށްނުލައިފިއްޔާ އޭނާ ގެންގޮސް ހުރަގެއަށް ލައި ހަރުކަށި އަދަބު ދޭން ސިފައިންނަށް އަންގައިފިއެވެ. މާޝިޠާ ދީން ދޫކޮށްލާކަށް އެއްބަހެއް ނުވިއެވެ. ސިފައިން އޭނާ ގެންގޮސް ހުރަގެއަށް ލައިފިއެވެ.

ދެން ފިރުޢަވްނުގެ އަމުރަށް ބޮޑު ސިންގާ ތެއްޔެއްގައި ތެޔޮ ކައްކައިފިއެވެ. ތެޔޮތެލި ވަރުގެ ކޮޅަށް ކެކުނީމާ މާޝިޠާ އެތަނަށް ގެނެވިއްޖެއެވެ. ތެޔޮތެލި ފެނުނީމާ ދޭން އުޅޭ އަދަބަކީ ކޮބައިކަން އޭނާއަށް އެނގިއްޖެއެވެ. އެ ވަގުތު ހިތަށް އެރިއެވެ. [ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. އެންމެ ބޮޑު ވަރަކަށް ވާނީ މަރެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.