މަހާރާނީ - 5

(14 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިހެން ބުނެފައި އަހަރެންގެ މައްޗަށް ޖެހިގަނެ ދަމައިފައި ގެންގޮސް ދެ އަތް ފުރަގަހަށް ބަނދެފިއެވެ. އަހަރެން ރޮއި ހަޅޭއްލެވީމެވެ. ރަހުމުކުރާށޭ ކިޔައިގެން އާދޭސްކުރީމެވެ. އެމީހުންގެ ހިތަށް އެއްވެސް އެއްޗެއް އެރިކަމަކަށް ނުވިއެވެ. އޭގެ ފަހުން އެމީހުން ދިޮޔައީ ޚާލިދާ ދިމާއަށެވެ. ޚާލިދުގެ ގައިގައި ތަޅައިގަތީއެވެ. ޚާލިދުގެ އަޑު އަހަންނަށް ސާފުކޮށް އިވުނެވެ. ޚާލިދު ފިލީމާ އެމީހުން އަނެއްކާވެސް އައީ އަހަންނާ ދިމާއަށެވެ. އަހަންނާ ދިމާއަށް ހިތަށް އައިހައި އެއްޗެއް ގޮވުމަށް ފަހު އަހަރެންގެ ހަތަރެސްފައިގައި ހިލިހިލާ ޖަހައިފިއެވެ. ދެން އަހަރެންގެ ގައިގައި ތެޅީ ޗާބޫކަކުންނެވެ. އެއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދައިފިއެވެ. ކޮންމެ ދުވަހަކު އަސުރުގެ ފަހުން އަހަންނަށް އަނިޔާ ކުރަން ފައްޓައެވެ. ނިންމައިލަމީ ރޭގަނޑުގެ ދެދަން ހުސްވާ ފަހުންނެވެ. ހެނދުނު ބައްޕައާއި ދެ ބޭބެއިން މަސައްކަތު ހިނގައިދެއެވެ. ގޭގައި ތިބެނީ ކުޑަކުޑަ އަންހެން ކޮއްކޮއާއި މަންމައެވެ. އެ ދެމީހުންވެސް އަހަންނަކަށް އެހީތެރިއެއް ނުވެއެވެ. މަލާމާތްކޮށްކޮށްފައި ހެނީއެވެ. ދުވާލުގެ ދެތިން ގަޑަިއިރު އަހަންނަށް އަރާމުކޮށްލެވެއެވެ. ބައްޕައާއި ބޭބެމެން އައުމާއެކު ތެޅުމުގެ ޕްރޮގްރާމް ފެށެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ފަހުން ފަހުން ގޮސް އަހަންނަކަށް ތަދެއްގެ އިހުސާސެއް ނުކުރެވެއެވެ. އެމީހުން އެދެނީ އެންމެ ކަމަކަށެވެ. އެއީ މުރުތައްދު ވުމެވެ. އިސްލާމްދީން ދޫކުރުމެވެ. އަހަރެން އެ ކަމެއް ގަބޫލެއް ނުކުރީމެވެ. ކެތްކުރީއެވެ. އަހަރެންގެ ކަންތައް ހުރިގޮތް ފެނުނީމާ ކޮއްކޮ ހައިރާންވެފައި އަހައެވެ. ދައްތަ ކާބަފައިންގެ ދީން ދޫކުރީ ކީއްވެގެން ހެއްޔެވެ؟

އަހަރެން އޭނާއަށް އިސްލާމްދީނުގެ ވާހަކަތައް ކިޔައިދޭން ފަށައިފީމެވެ. ތައުހީދަކީ ކޮބައިކަމާއި އިސްލާމްދީނުގައި ހުރި ރީތި ސިފަތަކާއި ފުރިހަމަކަން ވިސްނައިދޭން ފަށައިފީމެވެ. މަޑުމަޑުން ގޮސް އޭނާއަށް ހެޔޮ އަސަރުކުރާން ފަށައިފިއެވެ. އެއް ދުވަހަކު އައިސް ބުންޏެވެ. ދައްތަ ތިޔަހަރީ ހައްގުގޮތުގައެވެ. ތިޔައީ ހައްގު ދީނެކެވެ. އަހަރެންވެސް ބޭނުންވަނީ އިސްލާމްވާށެވެ.

އިރުކޮޅަކު ހިމޭނުން އިނދެފައި އަނެއްކާވެސް ކޮއްކޮ ބުންޏެވެ. އަހަރެން ދައްތައަށް އެހީތެރިވާނަމެވެ.

އަހަރެން ބުނީމެވެ. ކޮއްކޮ އެހީތެރިވާން ބޭނުމިއްޔާ އަހަރެންގެ ފިރިމީހާޔާ ބައްދަލުކުރެވޭނޭ ގޮތް ހަދައިދޭށެވެ.

އެއް ދުވަހަކު އޭނާ ގޭގެ ޓެރަސްމައްޗަށް އަރައި ބޭރު ބަލައިލީމާ އިހަށް ނުފެންނަ ބީރައްޓެހި މީހަކު ފެނިއްޖެއެވެ. ދުވެފައި އަހަރެންގެ ގާތަށް އައިސް ބުންޏެވެ. ބޭރުގައި އަހަރެން ނުދެކޭ ބީރައްޓެހި މީހަކު އެބަހުއްޓެވެ. ފެންނަފެނުމުގައި މި ރަށު މީހަކު ހެންނެއް ހިޔެއް ނުވެއެވެ. އެމީހަކު ސިފަ އޭނާ ކިޔައިދިނީމާ އަހަރެން ބުނީމެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. ދެން ފެނިއްޖެއްޔާ ދޮރުހުޅުވާށެވެ. އޭނާޔާ ބައްދަލުކުރަން އަހަރެން ބޭނުމެވެ.

އަނެއް ދުވަހު ޚާލިދު ފެނުނީމާ އޭނާ ގޭގެ މައި ދޮރު ހުޅުވައިފިއެވެ. އަހަރެން ޚާލިދާ ވާހަކަދެއްކީ އެ ދުވަހުއެވެ. އެ ވަގުތު ޚާލިދާ އެކީ ނާދެވުނީ އަހަރެން ހިލިހިލާ ޖަހައިފައި އޮތީމައެވެ. ތަޅުދަނޑި އޮތީ ބޭބނެގެ އަތުގައެވެ. ހިލިހިލާގެ އެއްކޮޅު އަހަރެންގެ ފައިގައި ޖަހައިފައި އަނެއްކޮޅު އޮތީ ފެންޑާގައި ހުރި ތަނބަކަށް އައްސައިފައެވެ. ބޭބެމެން ގޭގައި އުޅޭއިރު ކޮއްކޮގެ އަތަށް ތަޅުދަނޑި ދީފައި އޮވެއެވެ. އެއީ އަހަރެން ފާޚާނާއަށް ދާން ޖެހިއްޖެއްޔާ ހުޅުވައިދޭށެވެ.

ޚާލިދު ގޭ ދޮށަށް އައި ދުވަހު ކޮއްކޮ އިސްލާމްވެއްޖެއެވެ. އޭނާ ބޭނުންވީ އަހަރެންގެ ގުރުބާނީއަށްވުރެ ބޮޑު ގުރުބާނީއެއް ވާށެވެ. އޭނާ ބުންޏެވެ. އަހަރެން ދައްތަ މި އަޒާބުން މިންޖުކޮށް ދޭނަމެވެ.

އެ ދުވަހު ކޮއްކޮ ހެދި ގޮތަކީ އެމީހުން ބޯ ރާއަށް ކޮންމެވެސް އެއްޗެއް އެޅީއެވެ. ބައްޕައާއި ބޭބެމެން ބޮއިގެން ރަނގަޅަށް އަމަލުވެ ތަންޑާވެގެން ވެއްޓިއްޖެއެވެ. ކޮއްކޮ އަހަރެންގެ ހިލިހިލާގަނޑު ނައްޓައިދީފިއެވެ. ދެން މި އައީ ޚާލިދު ގާތަށެވެ.]

[މާރިޔާގެ ކޮއްކޮއަށް ވާނީ ކިހިނެއް ހެއްޔެވެ؟] މާރިޔާގެ ވާހަކަ ނިމުނީމާ ޚާލިދު އަހައިލިއެވެ.

[އެކަމާ ޚާލިދު ކަންބޮޑުނުވާށެވެ. އިހަށް އިސްލާމްކަން ސިއްރުކޮށްގެން ހުންނާށޭ އަހަރެން އޮންނާނީ ބުނެފައެވެ. އޭނާގެ ކަންތައްވެސް ކޮންމެވެސް ގޮތަކަށް ހަމަޖައްސާނީއެވެ.]

އެރޭ ހަމަޖެހިލައިގެން ނިދުމަށް ފަހު ޚާލިދުގެ ދެމަފިރިން އެނބުރި ރަށަށް އަތުވެއްޖެއެވެ. އެންމެ ފުރަތަމަ ޚާލިދު ދިޔައީ މާރިޔާ ގޮވައިގެން ހަސްފަތާލަށެވެ. ދުވަސްކޮޅަކު ބޭސްފަރުވާ ކުރުމަށް ފަހު މާރިޔާގެ ހާލު ރަނގަޅުވެއްޖެއެވެ.

މާރިޔާގެ އާދަޔާ ޚިލާފު ވާހަކަ މިހައިތަނުން ނިމުނީއެވެ. މިއީ ހަގީގީ ވާހަކައެކެވެ. މި ވާހަކަ ކިޔައި މިދިނީ ކިޔުންތެރިން ޖަޒުބާތުގައި ޖައްސާކަށް ނޫނެވެ. ރޮއްވާކަށް ނޫނެވެ. މި ވާހަކަ ކިޔައިދިނުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ މާތް ދީނަށްޓަކައި ޖާނުން ގުރުބާންވާން ތައްޔާރަށް ތިބޭ މީހުން މިހާރުވެސް އުޅޭޔޭ ދަންނަވަން ވެގެންނެވެ. މިފަދަ މީސްމީހުންނަކީ ބަޔަކު ކުރާ އަނިޔާއަކަށް، ކިޔާ އެއްޗަކަށް ޖެހިލުންވާ ބައެއް ނޫނެވެ.

ނަބީކަމުގެ ޒަމާނުގައި އެ ދުވަސްވަރުގެ ޖައްބާރު އަބޫ ޖަހުލު، ބިލާލް ރަޟިޔަﷲ ޢަންހުއަށް އެތައް އަނިޔާއެއް ކުރިއެވެ. އިސްލާމްދީން ދޫކޮށްލާށޭ ކިޔައިގެން ޖެއްސި ހާލުގެ ވާހަކަ ސިޔަރަތުން ފެންނާން އެ އޮތީއެވެ. އެކަމަކު ބިލާލުގެފާނު ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އިސްލާމްދީނަށްޓަކައި ގުރުބާންވެވަޑައިގަންނަވަން ތައްޔާރަށެވެ.

ރަނގަޅަށް ވިސްނަވާށެވެ. ބޭކަނބަލުންނޭވެ. އިސްލާމް ދީނުގެ ދުޝަމަނުންގެ މަޅީގައި ޖެހިވަޑައިނުގަންނަވާށެވެ. މިހާރު ފެންނަ މަންޒަރަށް ބަލާއިރު ތިޔަބޭކަނބަލުންނަކަށް، ތިޔަބޭކަނބަލުންގެ ހަގީގީ ދަރަޖަ ލަފާކުރައްވަންވެސް އެނގިވަޑައެއްނުގަނެއެވެ. އަޅުގަނޑު ބޭނުންވަނީ ތިޔަ ބޭކަނބަލުންގެ ދަރަޖަ ސާފުކޮށް ދަންނަވައިދޭށެވެ. މައްކާގެ މާތްވެގެންވާ ޙަރަމުގައި އެންމެ ފުރަތަމަ ގާއިމުވެވަޑައިގަތީ އަންހެނަކުކަން ތިޔަ ބޭކަނބަލުންނަށް އެނގިވަޑައިގަނޭތޯއެވެ؟

އާދޭހެވެ. ޔަގީން ނުކުރެއްވޭ ކަމަށް ވަންޏާ ޞަޙީޙް ބުޚާރީ ބައްލަވައިލައްވާށެވެ.

ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމް ޢަލައިހިއްސަލާމް ޝާމްކަރައިން ދަތުރު ކުރައްވައި ކަޢުބާއަށް ވަޑައިގަތްއިރު އަނބިކަނބަލުން ހާޖަރާވެސް ވަޑައިގަތެވެ. އަރިހުގައި ތުއްޕުޅު އިސްމާޢީލްގެފާނުވެސް ގެންދެވިއެވެ. އެކަލޭގެފާނު ފައިބައިވަޑައިގަތީ މައްކާއަށެވެ. އެ ޒަމާނަކު މައްކާގައި އެއްވެސް މީހަކު ވަޒަންވެރިވެގެންނެއް ނޫޅެއެވެ. ދުރުދުރަށް ދާންދެން ފެނުގެ އަސަރެއްވެސް އަދި ފެހިކަމެއް ނެތެވެ. އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން އެ ފަޅު ސަރަޙައްދަށް ދޫކުރައްވާފައި އެނބުރި ވަޑައިގަތީއެވެ. ކަދުރުކޮޅަކާއި ފެންހަމެއް ނޫން އެއްޗެއް ނުދެއްވައެވެ. ހާޖަރާގެފާނު ވަށައިގެން ބައްލަވައިލެއްވިއެވެ. ފަރުބަދަ ނޫން އެއްޗެއް ފެނިވަޑައެއް ނުގަތެވެ. އެކަމަނާއަކީ މިޞްރާއި ޝާމްގެ ގަނޑުވަރުތަކުގެ އުޅުއްވި ބޭކަނބަލެކެވެ. މިކަހަލަ ހަނަފަސް ސަހަރާއެއް ގިނިކަންޏާ އުޅުއްވަން ޖެހިވަޑައިގަންނަވާނެކަން އިހުސާސް ކުރެއްވުނީމާ އިބްރާހީމްގެފާނުގެ ފަހަތްޕުޅުން ދުވެވަޑައިގަތެވެ.

[އިބްރާހީމެވެ. އަޅުގަނޑުގެ ދެމައިން މި ފަޅުތަނަށް ދޫކުރައްވާފައި ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކަށްތޯއެވެ؟]

އިބްރާހީމްގެފާނު ބަސްފުޅެއް ވިދާޅެއް ނުވިއެވެ. އެނބުރި ބައްލަވައެއްވެސް ނުލެއްވިއެވެ.

ހާޖަރާގެފާނު އަނެއްކާވެސް ސުވާލުކުރެއްވިއެވެ. [އިބްރާހީމެވެ. ޖަވާބެއް ނުދެއްވީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެން މިތަނަށް ދޫކުރައްވާފައި ތިޔަ ވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟]

މި ފަހަރަކުވެސް އިބްރާހީމްގެފާނު ޖަވާބެއް ނުދެއްވިއެވެ.

ހާޖަރާގެފާނު ސުވާލުކުރެއްވިއެވެ. [އަޅުގަނޑުމެން މިތަނަށް ދޫކުރައްވާފައި ވަޑައިގަންނަވާން ﷲ އެންގެވީތޯއެވެ؟]

[އާނެއކެވެ.] އިބްރާހީމްގެފާނު ޖަވާބުދެއްވިއެވެ.

ހާޖަރާގެފާނު ހިތްޕުޅުހަމަޖެހިވަޑައިގަތުމާއެކު ވިދާޅުވިއެވެ. [ތިޔަހެންޏާ އެންމެ ރަނގަޅެވެ. ﷲ ގެ އަމުރުފުޅަށް އަޅުގަނޑު ރުހިގެންވަމެވެ. އެކަލާނގެ އަޅުގަނޑުމެން ގެއްލެބނިއެއް ނުކުރައްވާނެއެވެ.]

މިހެން ވިދާޅުވެފައި ހާޖަރާގެފާނު އެނބުރިވަޑައިގެންފިއެވެ. އިބްރާހީމްގެފާނުވެސް އެ ވަޑައިގަތް ގޮތަށް ވަޑައިގެންފިއެވެ. އަނބިކަނބަލުންނާއި ދަރިކަލުން ފެނިވަޑައިނުގަންނަވާ ހިސާބަށް ވަޑައިގަތުމަށް ދުޢާފުޅު ކުރެއްވިއެވެ.

﴿رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡ‍ِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ﴾

[އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒުޤުދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރި ވުމަށްޓަކައެވެ.] (އިބްރާހީމް ސޫރަތުގެ 37 ވަނަ އާޔަތް)

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.