ރަނގަޅު ކަމެއް ކުރާ މީހަކަށް އެކަމުގެ ސަވާބާއި ދަރުމަ ލިބޭނެއެވެ. އަދި ދުނިޔޭގައިވެސް އޭގެ ހެޔޮ ބަދަލު ކޮންމެވެސް ސިފައެއްގައި ފެންނާނެއެވެ.
އިންސާނާ އުފެއްދެވުމަށް ފަހު ﷲ ތަޢާލާ ވަނީ އޭނާއަށް ކޮންމެވެސް ބޭނުންވާ ހުރިހައި އެއްޗެއް ދެއްވައިފައެވެ. މުޅިން ހިލެއެވެ. އޭގެ އިތުރަށް އޭނާ އެދޭ ކަންތައްތައް އެއީ ފައިދާހުރި ކަމެއް ކަމަށް ވަނީނަމަ ގެންދަވަނީ ކޮށްދެއްވަމުންނެވެ. އެކަމަކު އަހަރެމެން އަބަދުވެސް ޝުކުރުއަދާކުރަނީ ކޮންމެވެސް މީހަކަށެވެ. ﷲ ގެ މަތީން ހަނދާނެއް ނުހުރެއެވެ. އެކަލާނގެ ރަޙުމަތުގެ މަތީން ހަނދާނެއް ނުކުރެވެއެވެ.
އެހެންވީމާ މީހަކަށް ކަމެއް ކޮށްދީފައި އެމީހާ ޝުކުރު އަދާނުކުރީތީ ހައިރާން ނުވާށެވެ. އެފަދަ މީސްމީހުން ހަމައެކަނި ޝުކުރު އަދާނުކުރަނީއެއް ނޫނެވެ. ބައެއް ފަހަރު ސީދާ ދުޝްމަނުންނަށްވެސް ވަނީއެވެ. ދުޝްމަނުންނަށް ނުވިޔަސް ބައެއް ފަހަރަށް ނެތިނުބައިމޮށުމުގައި އެންމެ ކުރީގައި ތިބެނީ މިފަދަ މީސްމީހުންނެވެ.
"اللَّهގެ فضلވަންތަކަމުން، اللَّهއާއި، އެކަލާނގެ رسولއާ، އެއުރެން (އެބަހީ: مؤمنން) މުއްސަނދި ކޮށްދެއްވިކަން ނޫން އެހެން ކަމަކާމެދު އެއުރެން ރުޅިއެއް ނާދެތެވެ." (އައްތަވްބާ ސޫރަތުގެ 74 ވަނަ އާޔަތް)
ދަރިންނަށްޓަކައި ގުރުބާންވާ މައިންބަފައިންނަށްވެސް ބައެއް ފަހަރަށް ލިބެނީ ކޮޅުކެއްސެވެ. އެކަމަކު އެ މައިންބަފައިން ދަރިންނަށްޓަކައި ނުކުރާ އެއްވެސް ކަމެއް ނޯވެއެވެ. ނުކައި ނުބޮއި ތިބެގެން ދަރިންނަށް ކާން ދެއެވެ. ދަރިންނަށްޓަކައި ރެޔާ ދުވާލު މަސައްކަތް ކުރަނީ އަރާމަކަށް، ޞިއްޙަތަކަށް ބަލައިލުމެއް ނެތިއެވެ. އެކަމަކު މުސްކުޅިވާ ދުވަހު ފެންނަނީ ދަރިންގެ އަޅައިލުން ނުލިބޭ ތަނެވެ. މައިންބަފައިންގެ ގުރުބާނީގެ އަގު ވަޒަން ނުކުރާ ތަނެވެ.
މިއީވެސް ފެންނަ މަންޒަރެކެވެ. އެހެންވީމާ މީހަކަށް ކަމެއް ކޮށްދީފައި އެ މީހަކު ޝުކުރު އަދާކޮށްފާނޭ ކަމަށް ބެލެވޭނީ ކިހައި ވަރަކަށް ހެއްޔެވެ؟ މަތީގައި ދެންނެވި މިސާލުގައި ފާހަގަ ކުރަން ޖެހޭ ކަމެއް އެބައޮތެވެ. މައިންބަފައިން އެއްވެސް ކަމެއް ކޮށްދެނީ ދަރިން ޝުކުރު އަދާކޮށްފާނޭ ކަމަކަށް ނޫނެވެ.
ކުރާ ކޮންމެ ކަމެއް ﷲ ގެ ރުއްސެވުމަށް އެދިގެން ކުރާށެވެ. އިންސާނެއްގެ ޝުކުރަކުން ކުރާނޭ ކަމެއް ނޯންނާނެއެވެ. ﷲ ގެ ރުއްސެވުމަކީ ދިންނެވުމެވެ. ހަގީގީ ފައިދާއަކީ އެއީއެވެ. މީހަކު ރުޅި އައުމަކުން ވާނޭ ގެއްލުމެއް ނެތެވެ. ﷲ ގެ ކޯފާއަކީ ގެއްލުން ދެނިވި ކަމެކެވެ.
"ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّهގެ وجهފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكرއެއްވެސް ތިމަންމެން ނޭދެމުއެވެ." (އަލްއިންސާން ސޫރަތުގެ 9 ވަނަ އާޔަތް)
ތާރީޚުގެ ތެރެއިން ޙިކުމަތްތެރިން ޢަމަލުކުރައްވާފައިވާ ގޮތަށް ބަލާއިރު ޝުކުރުވެރިނުވާ މީހުންގެ ހަރަކާތްތަކާމެދު އެ ބޭފުޅުން ފަރުވާލެއް ނުބަހައްޓަވައެވެ. ސަބަބަކީ އެފަދަ މީސްމީހުން އެ ޢަމަލުކުރަނީ ﷲ އަށް ކިޔަމަންތެރިނުވާ މީހުން ކަންތައްކުރާ ގޮތަށް ކަމުގައިވުމެވެ.
"ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ." (ޔޫނުސް ސޫރަތުގެ 12 ވަނަ އާޔަތް)
ޝުކުރުވެރިނުވާ މީހުން އިހްސާންތެރިކަން ހަނދާން ނުހުންނަ މީހުން އަހަރެމެންނަށް ޝުކުރު އަދާކުރާ ބަޔަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނަކަށް އެމީހުން ހެއްދެވި ފަރާތަކަށްވެސް ސަމާލުކަމެއް ނުދެވެއެވެ. އެހެންވީމާ އެފަދަ މީސްމީހުންނާމެދު ވިސްނައި ކަންބޮޑުނުވާށެވެ. ތިމާގެ އަމިއްލަ ހެޔޮ ކަމާއި ރަނގަޅުކަން ކުރިއަށް ނެރޭށެވެ. އެމީހަކު ކުރި ކަމެއް އޮންނާނީ އެ މީހަކަށެވެ.