ފަލްސަފާ (37)

(7 ޑިސެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހެނދުނުގެ ނާސްތާގެ ވަގުތު ނިމި ، ނޫރުއާއި އޭނާގެ ބައްޕަ ސޯފާގައި ޖައްސައިލައިގެން ވާހަކަ ދައްކަން ތިއްބެވެ. ނޫރު އެބުނި ވާހަކަޔަކުން ، އޭނާގެ ބައްޕަ ވަޞީމަށްލިބުނު ސިހުން ފޮރުވަން މަސައްކަތް ކުރިއެވެ.

" ބައްޕާއެވެ ! އަހަރެންނަށް އޮފީހުން ލިބުނު ، ވަޒީފާގެ ކުރިއެރުމާގުޅިގެން އޮފީހުގެ ރައްޓެހިން ދަތުރެއް ރާވައިފިއެވެ. އަހަރެން މިހުންނަނީ ، އެދަތުރު ދާނީތޯ ނުވަތަ ނުދާނީތޯ ނިންމަން ނޭނގިފައެވެ. " ނޫރު ބުންޏެވެ.

ނޫރުއަކީ މީގެކުރިން މާގިނަގިނައިން ދަތުރުގޮސް މަޖާކުރާ މިޒާޖެއް ގެންގުޅުނު މީހެއްނޫނެވެ. ވަޞީމުގެ ހިތް އޭނާގެ ދަރިފުޅުގެ މައްޗަށް ގޯސްކޮށް ތަޣައްޔަރުކުރާކަށް ބޭނުމެއް ނުވިއެވެ. އޮފީހުގެ ރައްޓެހިންނާއެކު ތަނަކަށްގޮސް މަޖާކޮށްލުމުން ، ނޫރުގެ ހިތަށް ލިބިފައިވާ އުނދަގޫ ފިލުވައިލަން ފަސޭހަވާނެއެވެ. އެހެންކަމުން ، އެދަތުރު ދިއުމަށް ވަޞީމް ، އޭނާގެ ދަރިފުޅަށް ބާރު އެޅުމަކީ ކުރަންޖެހޭ ކަމެކެވެ. ކުރިމަތިވެފައި އޮތް ޙާލަތުން ނޫރުގެ ހިތަށް ހަމަޖެހުމެއްލިބޭނީވެސް ، އުފާކޮށް ރައްޓެހިންނާ ގާތްކަން އުފެއްދި ވަރަކުންނެވެ. އެހެން ބައެއްގެ ފަރާތުން ނޫރުއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަމަކުވެސް ، ފިރިހެންކުދިންނާ ގައިގޯޅިވެ މަސްހުނިވެގެން ނޫރުއުޅުން އެއީ ، ވަޞީމު އެހާ ހިތްހަމަޖެހޭކަމެއްނޫނެވެ. އޮފީހުގައި އެކުގައި މަސައްކަތްކުރުމާއި ، ދަތުރުގޮސް މަޖާކުރުމަކީ ދެކަމެކެވެ. އެއީ ، ރަސްމީ މަސައްކަތަކާއި އަމިއްލަ ދިރިއުޅުމާ ގުޅުންހުރި މަސައްކަތެކެވެ. އެ ދެމަސައްކަތުގެ ތަފާތު ވަޞީމު ، އޭނާގެ ދަރިފުޅަށް ވިސްނައި ދިނެވެ. ރަސްމީ މަސައްކަތުގައި ، މަސައްކަތުގެ މާޙައުލުގައި ، އެކުގައި މަސައްކަތްކުރާ މީހުންނާއެކު ގެންގުޅެންޖެހޭ ދުރުމިނާއި ގާތްކަމާ އަދި ، ދަތުރުގޮސް އުޅުމުގައި ގެންގުޅެންޖެހޭނެ ދުރުމިނުގެ ތަފާތު ދެނެގަތުމަކީ ، ހުސްހަށިބައި އަންހެންކުއްޖަކަށް މުހިންމު ކަމެކެވެ. ނޫރުއަކީ ކުންފުނީގެ އިސް މެނޭޖަރެކެވެ. ދަށުން މަސައްކަތްކުރާ މީހުން އޭނާގެ ބޮލަށް އެރޭވަރަށް ، ލަދު ކެނޑި ޖެހިލުންވުން ނެތިދިއުމަކީ ވަޞީމު އެދޭކަމެއްނޫނެވެ.

ނޫރުއަށް މިހާރު ކުރިމަތިވެފައި އެއޮތް ޙާލަތުގައި ޖަޒުބާތުގައިޖެހި ، ކޮންމެކަމެއްވެސް ކުރެވިދާނެއެވެ. ވަރަށް ފަސޭހައިން ހައްލައިލެވިދާނެއެވެ. ބައެއް ފިރިހެނުންނަކީ ، އަބަދުވެސް ފުރުޞަތަކަށް ބަލަބަލާ ތިބޭ ބަޔެކެވެ. ނޫރު ލަދުގަންނަންޖެހޭނެކަމެއް ވުން އެއީ އެއްވެސް ޙާލެއްގައި ވަޞީމު އެދޭކަމެއްނޫނެވެ. ނޫރުއަކީ މަސްއޫލު މީހެކެވެ. އެދަތުރު ރޭވިގެން އެދިޔައީ ނޫރުއަށް ލިބުނު ކުރިއެރުމަކާ ގުޅިގެންނެވެ. އެކަމަށް ޖާގަދިނުން އެއީ ، ނޫރުކުރަންޖެހޭނެކަމެއްވެސް މެއެވެ. މުއައްޒަފުންގެ މެދުގައި ގާތްކަން އުފައްދައި ، އެންމެން އެއްބައިކުރުވައިގެން މަސައްކަތުގެ މާޙައުލުން ނަތީޖާ ނެރުން އެއީ ނޫރުގެ މަސްއޫލިއްޔަތެކެވެ.

ވަޞީމުގެ މައްސަލަޔަކީ އެއީއެއްނޫނެވެ. ނޫރުއަށް ކުރެވޭކަމަކުން ، އެހެންމީހުން ނޫރުއާދިމާއަށް އެއްޗެކޭބުނަން ފުރުޞަތު ލިބިދާނެތީ އޭނާ ކަންބޮޑުވެއެވެ. ނޫރުގެ ކާމިޔާބީއަށް ޙަސަދަވެރިވާ މީހުންވެސް ތިބޭނެއެވެ. ނޫރުއަށް ލިބެމުންދާ ކުރިއެރުމަށް ހިތްގޯސްކުރާ ބަޔަކުވެސް ތިބޭނެއެވެ. ނޫރު އޭނާގެ ދިރިއުޅުން ބަށްޓަންކުރަމުން އެގެންދަނީ ، އޭނާއަށް ފިރިހެނުން ނުނިޔަތްލާނެ ގޮތަކަށެވެ. ފިރިހެނުންގެ މައްޗަށް އަންހެނުން އިސްވުމަކީ ، ފިރިހެނުން ބޭނުންވާނެކަމެއްނޫނެވެ. އަންހެނަކު ދަތުރުކުރާ މަގަށް ހުރަސްއެޅުމަށް ފިރިހެނުން މަސައްކަތްކުރާނެއެވެ. އެމީހުންނަށްލިބޭ އެއްވެސް ފުރުސަތެއް ، ބޭނުންނުކޮށް ދޫކޮށެއް ނުލާނެއެވެ. ޒުވާނުން ދަތުރުގޮސް މަޖާކޮށް އުޅެނީ ، އެކި ބޭނުމުގައެވެ. ހިތުގައި ހުންނަ އެދުންތައް ޙާޞިލްކުރުމަކީ އެއްބައެއްގެ ބޭނުމަކަށް ވެދާނެއެވެ. އަނެއްބަޔަކު ، މަޖާކުރަމުންގޮސް ، މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ދަމައިލެވިފައި އޮންނަ ރޮނގު ހުރަސްކުރާނެއެވެ. މަޖާކުރަމުން ، ސަމާސާކުރަމުންގޮސް ، ސަމާސާ ވިހަވާނެއެވެ. އަބުރު ގެއްލި ، އެހެން ފިރިހެނުން އިނގިލި ދިއްކުރަން ފުރުސަތުލިބޭނެ ޙާލަތްތައް އުފަންވާނެއެވެ. ގުޅުމާއި ވަކިވުމުގެ އެކިކަހަލަ ފުރުސަތުތަކަށް ޖާގަ ލިބޭނެއެވެ.

ބައްޕަގެ ވާހަކަތައް ކިތަންމެ ރަނގަޅުނަމަވެސް ، އެއީ ނޫރުއަހަން ބޭނުންވި ޒާތުގެ ވާހަކަތަކެއްނޫނެވެ. ނޫރުގެ މަޤްޞަދަކީ އެއިން އެއްވެސްކަމެއް ނޫނެވެ. ނޫރުގެ މަޤްޞަދަކީ އޭނާގެ ހިތުގައި ފޮރުވިފައިވާ އެއްޗެކެވެ. އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެއެވެ. އެބުނާ ދަތުރަކީ އޮފީސްމީހުން ރޭވި ދަތުރެއްނޫންކަން ވަޞީމަކަށް ނޭނގެއެވެ. އެހެނަސް ، އެކަމުގައި ފޮރުވިފައިވާ ސިއްރުތަކެއްވާކަން ވަޞީމު ދެނެގަތެވެ. ނޫރުގެ ގޮތް އެންމެބޮޑަށް އެނގޭނީ ވަޞީމަށެވެ. އެހެންކަމުން ، ވަޞީމުގެ ވާހަކަތައް އަބަދުވެސް ހުންނާނީ އެގޮތަށެވެ. އެއީ ، ނޫރުއަށް ދެރައެއްދޭން ބުނާ ވާހަކަތަކެއްނޫނެވެ. ނޫރު އެ ހިނގާމަގުން ކަސިޔާރުނުވެ ކުރިޔަށް ދިއުމަށް ކޮށްދޭ ކަމެކެވެ. ބައްޕަ އެބުނަނީ ކީކޭކަން ނޫރުއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނޫރުގެ ވިސްނުމާއި ފިކުރު އެންމެބޮޑަށް އެނގޭނީ އޭނާގެ ބައްޕަޔައްކަން ނޫރުއަށްވެސް އެނގެއެވެ. ޝައްކާއި ވަހުމުގެ ކުލަޖެހިގެން ބައްޕަގެ ހިތަށް އަންނަ އެއްޗެއް ބުނެފިނަމަ އެއީ ގިނަފަހަރަށް ސީދާވެފައި އޮންނަ އެއްޗެކެވެ. ކޮންމެ ގޮތެއްވިޔަސް މި ދަތުރަކީ ، އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ، ނޫރުއަށް މުހިންމު އެއްޗެކެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިވާ ޖަޒުބާތުތަކާ ގުޅިފައިވާ އެއްޗެކެވެ.

" އަނެއްކާވެސް ބައްޕަ ތިދައްކަނީ އެއްކަލަ ކަހަލަ ވާހަކަތެކެވެ. އަހަރެންނަށް ލިބުނު ކާމިޔާބީއަށް އަހަރެން މިހުންނަނީ ހިތްހަމަޖެހިފައެވެ. ބައްޕަމެންގެ ފަރާތުންވެސް އަހަރެން އެދެނީ ، އަހަރެންނަށްލިބޭ ކުޑަކުޑަ އުފަލެއްގައިވެސް ބައްޕަމެން ބައިވެރިވުމެވެ. ބައިވެރިނުވާކަމަށް ވަންޏާ ، އެންމެ ދެރަވެގެން އަހަރެން އެއުފަލުގައި ބައިވެރިވިޔަ ދޭށެވެ. އެއީ އަހަރެންގެ ވަރަށްބޮޑު އެދުމެކެވެ. އަހަރެންގެ އަމިއްލަ ގޭގައި އަހަރެންނަކީ ބޭރުމީހެއްގެ ގޮތުގައި ނުދެކޭށެވެ. އަހަރެންގެ ޖަޒުބާތުތައް އެނގޭ އެއްވެސްމީހަކު ނެތެވެ. " ހިތްހަމަނުޖެހިފައި އިނދެ ނޫރު ، އޭނާގެ ބައްޕައާ ދިމާއަށް ބުންޏެވެ.

ނޫރު ވާހަކަދައްކަމުން ގެންދިޔައިރު ، ވަޞީމު އިނީ ނޫރުގެ މޫނަށް ބަލަހައްޓައިގެންނެވެ. ނޫރުގެ ހިތުގައި އަޅާ ވޭނާއި އުފުއްލަމުން އެގެންދާ ތަކުލީފުތައް އޭނާއަށް ވިސްނެއެވެ. އެކަމަކުވެސް ، ގޯސްމަގަކުން ހިނގައި ، ނޫރުގެ ދިރިއުޅުން އަމިއްލައަތުން ބަރުބާދު ކުރަމުންގެންދާތަން ބަލަން އިނުމަކީ ، އޭނާއަށް އެހާ ފަސޭހަކަމެއްނޫނެވެ. ލިބިފައިތިބި ދެކުދިންގެ ތެރެއިން ހާރިސްއަށްވުރެ ނޫރު އެހޯދަމުންގެންދާ ކާމިޔާބީތައް އެތައް ގުނަޔަކުން އިތުރެވެ. ނޫރުއަށްޓަކައި އޭނާ ފަޚުރުވެރިވެއެވެ. ވަޞީމަށް ވަކި އެއްޗެކޭބުނަން ނޭނގިއިންދާ ، ފޫހިއަރައިގަނެގެން ، ކުދިކިޔަމުން  ނޫރު ތެދުވެގެން ހިނގައިގަތެވެ.

އަނެއްކޮޅުން ، ޖެހިގެންހުރި ގޭގައި ހަނީމޫނަށްދާން ބަޔަކު ތައްޔާރުވަމުން އެބަގެންދެއެވެ. ޠާހިރާވެސް އައިސް ފޮށްޓަށް އެއްޗެތި އެޅުމުގައި ތަހުނިޔާއަށް އެހީތެރިވަމުން ގެންދިޔައެވެ. މޫސުމް އެހާ ގޯހެއްނޫނެވެ. ފިނި ، ފިންޏެއްވެސް ނޫނެވެ. އެކަމަކުވެސް ކުއްލިޔަކަށްވެސް ފިނިވެދާނެއެވެ. ފިނިއިރުލާ ހެދުމެއް ފޮށްޓަށްލައިދެމުން ޠާހިރާވެސް ދަތުރުގެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެ ދަތުރަކީ ، ތަހުނިޔާއަށްޓަކައި ހަނީމޫން ދަތުރެއްނޫނެވެ. އެއީ ކައިވެންޏަށްފަހު ، މުރުތަޟާއާއެކީ ތަހުނިޔާކުރާ ފުރަތަމަ ތަޖުރިބާއެވެ. ދެމީހުން އެކަނި އެކަހެރިވެގެން ތިބެލުމަށް ލިބޭ ފުރަތަމަ ފުރުޞަތެވެ. ކަންތައްތައް ނިމިދާނީ ކިހިނަކުންކަމެއް ތަހުނިޔާއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާ އެ ބެދިފައިވާމަޅިން ސަލާމަތްވުމަކީ   އެހާ ފަސޭހަކަމަކަށް ނުވާނެކަމެވެ. އެހާގިނަ ހެދުންތަކެއް ގެންދިއުމުގެ ބޭނުމެއް ތަހުނިޔާއަކަށް ނުވިސްނެއެވެ. އޭނާއެދަނީ އިރުއިރުކޮޅުން ފެންވަރައި ފަހަރަކު ހެދުމެއްލައިގެން ، މަޖާކޮށް ހިތްއުފާކުރާކަށްނޫނެވެ. މުރުތަޟާވެސް އެދަނީ އެބޭނުމުގައި ނޫންކަން ތަހުނިޔާއަށް އެނގެއެވެ. އެދެމީހުން އެ ދަތުރުގައި އެދަނީ މަޖުބޫރުވެގެންނެވެ. އެކަމަށް އެއްވެސްވަރަކަށް ހިތް އެދިގެންނެއްނޫނެވެ.

" ހެދުން ނުގެންގޮސް ، އިރުއިރުކޮޅުން ހެދުންބަދަލުކުރާނީ ކިހިނެއް ހެއްޔެވެ ؟ ހަނީމޫނަކީ ، އަނބިމީހާގެ ފަރާތުން އަލަތު ފިރިމީހާގެ ހިތްއުފާކޮށްލަދޭން ލިބޭ ފުރުޞަތެކެވެ. ގިނަފަހަރަށް ، ހަނީމޫނުން އަންނައިރު ، އަންހެންމީހާ އިންނާނީ ބަލިވެއެވެ. ދެން ކުރިމަތިވާނީ ގޭތެރޭގެ ކަންކަން ބެލުމާއި ، ދަރިންބަލައި ބޮޑުކުރުމުގެ ބުރަމަސައްކަތެވެ. ފިރިމީހާގެ ކަންތައްތައް ގަޑިންގަޑިޔަށް ބަރާބަރަށް ބެލެހެއްޓުމުގެ ޒިންމާއެވެ. މި ވަގުތަކީ އަރާމުކޮށް އުފާކޮށްލަން އަންހެންކުދިންނަށް ލިބޭ ހަނި ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ، އެންމެ ފުރިހަމަގޮތުގައި ތަހުނިޔާ ހިފާށެވެ. ކުރިމަތީގައިވާ ބުރަ މަސްއޫލިއްޔަތާއި ޒިންމާއަށް ފުރިހަމަޔަށް ތައްޔާރުވާށެވެ. ދަތުރު ނިމިގެން އަންނައިރު ، މުރުތަޟާއާ ދެމީހުން އެކަތިގަނޑަކަށް ވެގެން އަންނާށެވެ. ކައިވެނީގެ ފަހުން އަންނަ ހަނީމޫންގެ ދުވަސްތަކަކީ ، ހާދަ އުފާވެރި ދުވަސްތަކެކެވެ. ހަނީމޫން ނިމިގެން އަންނައިރު ، ގިނަފަހަރަށް އެއުފާވެރިކަމުގެ ނިޝާން ، އަންހެންކުއްޖާގެ ބަނޑުންވެސް އިޙުސާސް ވާނެއެވެ. އަހަރެންނަށްވެސް ދިމާވީ އެގޮތަށެވެ. " ޠާހިރާ ، ތަހުނިޔާއަށް ނަސޭހަތް ލައިދެމުން ގެންދިޔައެވެ.

ތަހުނިޔާ ހުރީ ޠާހިރާ އެދައްކަމުންގެންދިޔަ ވާހަކަތަކުން ، ކަންބޮޑުވެ ހާސްވެފައެވެ. ޠާހިރާ އެދައްކަނީ މުޅިން އެހެންކަހަލަ ވާހަކަ ތަކެކެވެ. ތަހުނިޔާގެ ޚިޔާލަށްވެސް އަދި ނުއަންނަކަހަލަ ވާހަކަ ތަކެކެވެ. އެއީ ، އެހާ ފަސޭހައިން ވާން އޮތްކަމެއްނޫންކަން ޠާހިރާއަކަށް ނުވިސްނެއެވެ. އެކަމަކުވެސް ، ޠާހިރާއަށް އެކަން ވިސްނައިދިނުމަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެކެވެ. ތަހުނިޔާގެ ޖަޒުބާތުތަކާއި އިޙުސާސްތައް އެއީ ޠާހިރާއަށްވެސް އަދި ޙަފުޞާއަށްވެސް ވިސްނައިގަންނަން އެހާ ފަސޭހަ އެއްޗަކަށް ނުވާނެއެވެ.

ތަހުނިޔާ މީހަކާއިނީ ، ހަމައެކަނި މަންމަޔާއި ބައްޕަޔަށްޓަކައެވެ. އެ ކައިވެންޏަށް އޭނާ އާނބަސްބުނީ ، މަންމައާއި ބައްޕަ ބުނެގެންނެވެ. އެއީ ތަހުނިޔާ އެދިގެންކުރި ކައިވެންޏެއްނޫނެވެ.

" އަހަރެން މިކައިވެންޏަށް އާނއެކޭބުނީ މަންމައާއި ބައްޕަ ބުނެގެންނެވެ. ކައިވެންޏެއްގެ ކުރިން އަހަރެންގެ ދިރިއުޅުމުގެ މުހިންމު އެތައްކަމެއް ފުރިހަމަކުރަން ބޭނުންވިއެވެ. އެއިން އެއްވެސްކަމެއް ނުފެށުނީ މި ކައިވެންޏާ ހުރެއެވެ. އެންމެ ދެރަވެގެން ، ކައިވެނިކުރަން ހަދައިގެން އަހަރެންނަށް ލިބުނު ވަޒީފާވެސް އެ ގެއްލުނީއެވެ. އެ ފުރުސަތަކީ އެތައް އުނދަގުލެއް އުފުއްލައިގެން ، އެތައް ތަނަކަށް ސިޓީލައިގެން އަހަރެންނަށް ހޯދުނު ފުރުސަތެކެވެ. މީހުން ބުނާގޮތުން ، ކައިވެންޏަކަށްފަހު ، އަންހެންކުއްޖާގެ ދިރިއުޅުމުގެ މިސްރާބު އެހިސާބުން އެ ބަދަލުވީއެވެ. އެކުއްޖަކު ކުރަމުން  ގެންދާ އުއްމީދުތައް ދޫކޮށްލަން މަޖުބޫރުވާނެއެވެ. މުޅިދުނިޔެ އޮންނާނީ ބަނަވެފައެވެ. އެކުއްޖާގެ ވިސްނުމާއި ފިކުރު އޮންނާނީ ، ފިރިމީހާއާއި ފިރިމީހާގެ ގޭގެ މީހުންނާ ގުޅިފައި ހުންނަ ކަންކަމުގެ މައްޗަށެވެ. އޭގެބޭރުން އެކުއްޖަކު އެދޭ އެއްވެސްކަމަކަށް ޖާގައެއް ނުލިބޭނެއެވެ. ޠާހިރާއަށްވެސް އެނގޭނެއެވެ. ވަޒީފާއެއް އަދާކުރަންވެސް އަހަރެން ބޭނުންވާނެއެވެ. އަދި އެއަށްވުރެވެސް ގިނަ ، ފޮނި އުއްމީދުތަކެއް އަހަރެންގެ އެބަހުށްޓެވެ. " ތަހުނިޔާ ވާހަކަދައްކަމުން ގެންދިޔައިރު ، ޠާހިރާއިނީ އާގަމަވެފައެވެ.

މިވެސް ހަމަ ނޫރުކަހަލަ ކުއްޖެކެވެ. ޠާހިރާގެ ހިތަށް އެރިއެވެ. ތަހުނިޔާ ވާހަކަ ދައްކަމުންގެންދިޔައިރު ، އެވާހަކަތައް އަޑުއަހަން ފަހަތުގައި  ހުއްޓިލައިގެންހުރި މުރުތަޟާ އޭނާއަކަށް ނުފެންނާނެއެވެ. އެކަމަކު ، ޠާހިރާއަށް ފެންނާނެއެވެ. ޠާހިރާއަށް ބުނާނެ ވަކި އެއްޗެއް ނުވިސްނުނެވެ. ކުރާނީ ކީއްކަމެއް ނޭނގުނެވެ. މުރުތަޟާ އެތަނަށް އައިކަން ތަހުނިޔާއަށް އަންގައިލުމަށްޓަކައި ، މުރުތަޟާއަށް ގޮވައިލިއެވެ. ތަހުނިޔާ އެދެއްކި ވާހަކަތަކުން މުރުތަޟާ ކަންބޮޑުވާނެވަރު ޠާހިރާއަށް ވިސްނެއެވެ. މުރުތަޟާ އައިކަން އެނގުމާއެކު ތަހުނިޔާވެސް ވާހަކަ މެދުކަނޑައިލިއެވެ. މުރުތަޟާ އައުމާއެކު ، މުރުތަޟާވެސް ހެދުންތައް ޕެކްކޮށްލާށޭ ބުނެ ، ޠާހިރާ އެ ކޮޓަރިން ނުކުތެވެ.

ތަހުނިޔާގެ ވާހަކަތަކަށް ދޭނެޖަވާބެއް ޠާހިރާއަށް ނޭނގުނުނަމަވެސް ، އެ ވާހަކަތަކަށް މުރުތަޟާ ޖަވާބެއްދޭން ޖެހޭކަމަށް މުރުތަޟާއަށް ފެނުނެވެ. ވާހަކަ ފެށުމަށްޓަކައި ކޮންމެވެސް އެއްޗެކޭ ބުނަން މުރުތަޟާ ނިންމިއެވެ. މުރުތަޟާދިން އަނގޮޓި ، ތަހުނިޔާ އަޅައިގެންހުރިތަން ފެނިފައި އެކަމަށް ޝުކުރު އަދާކުރިއެވެ. އެ އަނގޮޓި ނާޅައިފިއްޔާ އެންމެން ސުއާލު ކުރާނެއެވެ. ތަހުނިޔާ އެ އަނގޮޓިއެޅީ ، އެކަމާބެހޭގޮތުން މީހަކު ސުއާލުކޮށްފާނެތީ އެކަމާބިރުންތޯ މުރުތަޟާ ސުއާލުކުރިއެވެ. އެ އަނގޮޓި އެޅުމަށް މުރުތަޟާ ބޭނުންވުމަކީ ތަހުނިޔާވެސް އުފާވާނެ ކަމެކެވެ. މުރުތަޟާ ބޭނުންވިޔަސް އަދި ބޭނުންނުވިޔަސް ، އެހެންމީހުންގެ ކުރިމަތީ ލަދުގަނެ ، އޭނާގެ ދިރިއުޅުމަށް އެހެންމީހުން ފާޑުކިޔުމަކީ ތަހުނިޔާ އެދޭކަމެއްނޫނެވެ.

" އަހަރެންނަށް ވިސްނޭގޮތުގައި އަހަރެމެންގެ ކައިވެނި މިއޮތީ ކޮންމެ ޙާލަތެއްގައިނަމަވެސް ކުރެވިފައެވެ. އެކަމަށް ތަހުނިޔާވެސް އެދިގެންނެވެ. މި ކައިވެންޏަށް ތަހުނިޔާ އާނބަސްދިން ސަބަބު ބަލާކަށް އަހަރެން ބޭނުމެއްނޫނެވެ. އެކަމަކު ، އަހަރެމެން ދެމީހުންގެ މެދުގައި ، ދެބަސްވާ ކަންކަމާއި އެއްޚިޔާލެއްގެ ވިސްނުމާއި ދެމީހުންބޭނުންވާ ގޮތްގޮތް އެއްފަރާތްކޮށް ދޫކޮށްލައި ، ކުރިޔަށް ދާން އެބަ ޖެހެއެވެ. އަހަރެމެން ދެމީހުން މިތިބީ އެއްސަވާރީއަކަށް އަރައިގެންނެވެ. އެސަވާރީ ކޮންމެ ތާކަށްދިޔަޔަސް ، އަހަރެމެން ދެމީހުން އެކުގައި އެތަނަކަށް ގެންދާނެއެވެ. ސަވާރީން ފުންމައިލުމުގެ ފުރުސަތެއް ދެމީހުންކުރެ މީހަކަށް ލިބިގެންނެއް ނުވެއެވެ. ދެމީހުންވެސް ދާނީ އެއްމަންޒިލަކަށެވެ. ތަހުނިޔާގެ މަންމައާއި ބައްޕަގެ ހިތުން ރުހުމުން ، އެހާ އުފަލުގައި އަހަރެމެންނަށް ތައްޔާރުކޮށްދިން މިދަތުރު ކުރިޔަށް ގެންދަންޖެހޭނީ އަމާންގޮތަކަށެވެ. ދެމީހުން ދެފަރާތަށް މޫނުލައި ދެބުރަކަށި ޖައްސައިގެން ތިބެގެންނެއް ނޫނެވެ. މައިންބަފައިން ދެއްކިމަގުން ހިނގުމަކީ އަހަރެމެންގެ ޒިންމާއެކެވެ. އަހަރެން މިބުނަނީ ކީކޭކަން ތަހުނިޔާއަށް އެނގޭނޫން ހެއްޔެވެ ؟ " ތަހުނިޔާގެ ދެކޮނޑުގައި ހިފައި ، އޭނާއާދިމާއަށް ތަހުނިޔާ އަނބުރައިލަމުން ، މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކަތަކަށް އާނއެކޭބުނެ ތަހުނިޔާ ޖަވާބު ދިނުމުން ،  މުރުތަޟާގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައެވެ. މުރުތަޟާ ބޭނުންވަނީ ، ތަހުނިޔާ ، އޭނާގެ ގޭގެ ޒިންމާއާއި މަސްއޫލިއްޔަތަށް ފުރިހަމަޔަށް ސަމާލުވުމެވެ. އެންމެ ފުރަތަމަ އެކަން ފުރިހަމަކުރުމެވެ. އޭގެފަހުން ، ތަހުނިޔާ ވަޒީފާއެއް އަދާކުރަން ބޭނުންވެއްޖެނަމަ ، އެއީ މުރުތަޟާ ދެކޮޅުހަދާނެކަމެއްނޫނެވެ. އެކަމަކު ، އެންމެ ފުރަތަމަ ފުރިހަމަ ކުރަންޖެހޭނެކަމަކީ ، ގޭގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމެވެ. ގޭގެ މީހުންނަށް ކައްކައި ކާންދީ ، އެމީހުންނާއެކު ، މުރުތަޟާގެ ޒިންމާތައް ފުރިހަމަ ކުރުމެވެ. އަނތްބެއްގެ އެންމެ ފުރަތަމަ ވާޖިބަކީ އެއީއެވެ.

" މިގެޔަށް ތަހުނިޔާ ގެނެސް ވެއްދީ ، ގޭގެމީހުންނަށް ލިބުނު އުފާވެރިކަމެއްގެ ގޮތުގައެވެ. ގޭތެރެއިން ގެއްލިގޮސްފައިވާ ދިރުމާއި އަލިކަން ހޯދުމުގެ ބޭނުމުގައެވެ. އެމީހުންގެ އެ އުއްމީދާމެދު ކުޑަކޮށް ޚިޔާލުކޮށްލާށެވެ. އެމީހުންނަކީ އެހާ ގޯސް ބައެއްނޫނެވެ. ތަހުނިޔާގެ ކޮންމެ އުއްމީދެއް ޙާޞިލްކުރުމުގައި ބައިވެރިވެ އެހީތެރިވުމަކީ އަހަރެންގެ ވާޖިބެކެވެ. އެ ޔަޤީންކަން އަހަރެން ދެމެވެ. އެކަމަކު ، އަހަރެންނަށްޓަކައި ހަމަ އެންމެކަމެއް ކޮށްލަދޭށެވެ. މިގޭގެ އެންމެން ރަނގަޅަށް ބަލަހައްޓައި ދޭށެވެ. ގޭގެ އެންމެންނަށް އިސްކަން ދޭށެވެ. ގެއިންބޭރުމީހުންގެ ނުފޫޒު އެކަމަށް ފޯރިއަ ނުދޭށެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކަތަކަށް ، ތަހުނިޔާ އެއްވެސް ޖަވާބެއް ނުދެއެވެ. މުރުތަޟާވެސް ތިރިއަށް އަންނާށޭ ބުނަމުން ކޮޓަރިން ނުކުތެވެ. ތަހުނިޔާ ބޭނުންވީ ، ދަތުރަށް ފެށުމުގެ ކުރިން މަންމައާއި ބައްޕަޔާ ބައްދަލުކޮށްލަން ގެޔަށް ވަދެލުމަށެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. ކީއްވެބާ މިވާހަކައިގެ ބައިތައް މިހާރު މާބޮޑަށް ލަސްކޮށްފަ ކިޔުންތެރިންނާ ހިސާބަށް ގެނެސްދެނީ. ދެން އޮންނަ ބަޔަކަށް ވަރަށް އިންތިޒާރު ކުރެވޭ އެބަ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.