ފަލްސަފާ - 4

(6 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޙަފުސާ ގެޔަށް އައިސް . މުރުތަޟާގާތަށްގޮސް ، ވެގެން އުޅެނީ ކީއްތޯ ސުއާލުކުރިއެވެ. އޭނާހުރީ ކަންބޮޑުވެގެންގޮސް ހާސްވެފައެވެ. ހުރިހާކަމެއްވެސް ރަނގަޅެވެ. މަންމަ ، ކަންބޮޑުނުވުމަށް މުރުތަޟާ އެދުނެވެ. ޙަފުސާ ކަންބޮޑު ނުވާންވީ ކީއްވެ ހެއްޔެވެ ؟ އޭނާ ނޫރުމެންގެޔަށް ދިޔައީ މުރުތަޟާގެ ކައިވެނީގެ ދަޢުވަތު ހިފައިގެން ، އެވާހަކަ ދައްކާށެވެ. ނޫރު ، ގެޔަށް އައި އިރުވެސް ، މުރުތަޟާ އޭނާއާއެކީ ނައިސް ، އަމިއްލަ ގެޔަށް އައިސް ، އެގެއިން ނުކުމެގެން އަވަހަށް އަންނާށޭ ބުނީމަ ، ކޮންމެ މީހަކުނަމަވެސް ކަންބޮޑުވާނެއެވެ. އެހެންނަމަވެސް ، އެކަމާބެހޭގޮތުން އިތުރަށް ވާހަކަ ދައްކާނީ މާދަމައޭ ބުނެ ، މުރުތަޟާ އޭނާގެ ކޮޓަރިޔަށް ވަނެވެ. ޠާހިރާ ޤަބޫލުކުރި ގޮތުގައި ، ކައިވެންޏާ ބެހޭގޮތުން ނޫރު އާއި މުރުތަޟާއާ ދެމެދު ، ކޮންމެވެސް ވާހަކަތަކެއް ދެކެވިއްޖެއެވެ. މުރުތަޟާ އެއުޅެނީ އެވާހަކަ ނުދައްކަން ވެގެންނެވެ. މަންމަ ، އެކަމާ ކަންބޮޑު ނުވުމަށާއި ހުރިހާކަމެއްވެސް ރަނގަޅުވާނެކަމުގައި ބުނެ ، ޙަފުޞާ ހަމަޖައްސައި ލެވޭތޯ ޠާހިރާ މަސައްކަތް ކުރަމުން ގެންދިޔައެވެ.

ނޫރުއާއި މުރުތަޟާއާ ދެމެދު އެދެކުވުނު ވާހަކައެއް ބާއްވާށެވެ. އެއީ އެ ދެމީހުންގެ ކަމެކެވެ. ނޫރު ދެކެ މުރުތަޟާ ރުޅިއައިސް ހުއްޓަސް އެއީ އެމީހުންނާ ބެހޭކަމެއްނޫނެވެ. އެކައިވަނީގެ ކަންތައް މިހާރު އެއޮތީ ބޮޑެތިމީހުންގެ އަތްމައްޗަށް އައިއްސައެވެ. އެކަމާމެދު ގޮތް ނިންމާނީ ބޮޑެތި މީހުންނެވެ. ނޫރު ގެޔަށް އައިސް ، ސަލާމްވެސް ކޮށްނުލައި ، ކައިވެނީގެ ވާހަކަ އިތުރަށް ދައްކަން ބޭނުން ނޫންކަމަށް ބުނިހިސާބުން ޙަފުޞާގެ ބޮލުގައި ރިއްސައިލިއެވެ. މުރުތަޟާވެސް އެބުނީ އެހެންނެވެ. އެކަމާބެހޭގޮތުން  އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ. އެދެމީހުންގެ މެދުގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިކަން ޙަފުޞާ ދެނެގަތެވެ. އަދި ، މުރުތަޟާ އަށްގޮވައި އޭނާގާތަށް މުރުތަޟާ ގެންނަން ޠާހިރާގާތު ބުންޏެވެ.

ނޫރުމެންގެ ގޭގައިވެސް ހޫނުކަން ވަކި ކުޑައެއްނޫނެވެ. ނޫރުގެ ބައްޕަ ހުރީ ، ގެޔަށް ވަދެ ނޫރު އެޢަމަލުކުރިގޮތުންނާއި ބުނިބަސްތަކުން ހިތްހަމަ ނުޖެހިފައެވެ. ކާމޭޒުކައިރިޔަށް އެންމެން އައިއިރުވެސް ބައްޕަހުރީ ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގައެވެ. ނޫރު އާއި ހާރިސް   ކާމޭޒުދޮށުގައި އިށީނދެލައިގެން ތިއްބެވެ. ރައިދާ އުޅެނީ މޭޒުމައްޗަށް ކާއެއްޗެތި ގެނައުމުގައި އަވަދިނެތިއެވެ. ނޫރުގެ ބައްޕަ އޭނާއާ އެތައް ސުއާލެއް ކުރަމުން ގެންދިޔައެވެ. ނޫރު ، އޭނާ އެނިންމި ގޮތެއް ސާފުކޮށްދެވޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ. އެއީ މުރުތަޟާއަށް ޤަބޫލުކުރަން އުނދަގޫވި ސަބަބުތަކެއްފަދައިން ، ނޫރުގެ ބައްޕައަށްވެސް އެވާހަކަތައް ޤަބޫލުކުރާކަށް ނޭނގުނެވެ.

" ނޫރުގެ ވާހަކަތަކުން ، ބައްޕަޔަކަށް ކަރެއްވެސް އަދި ފަޔެއްވެސް ނުފެނެއެވެ. ނޫރު ތިކުރީ ވަރަށް ވިޔާނުދާ ކަމެކެވެ. " ނޫރުގެ ބައްޕަ ބުންޏެވެ. އޭނާގާތަށް ހުރީ ރުޅިވެސް އައިހެވެ. އެރުޅިގަނޑު ނޫރުއަށް ބާލާކަށް ހިތަކަށް ކުޅަދާނައެއްނޫނެވެ. އެކަމަކު ނޫރު މިއަދު އެކުރީކީ ، އޭނާ ހީކޮށްގެންހުރިކަހަލަ ކަމެއްނޫނެވެ. ޙަފުޞައްތަގެ ކުރިމަތީ ނޫރު އެގޮތަށް އުޅެގެން ނުވާނެއެވެ.

ނޫރު އޭނާގެ ބައްޕަޔަށް ، މަޑުމައިތިރިކަމާއެކު ގޮވައިލިއެވެ. އަދި ވިޔާނުދާކަމެއްކުރަން އޭނާ ކުރީ ކޮންކަމެއްތޯ ސުއާލުކުރިއެވެ. އަމިއްލަ ދިރިއުޅުމެއް ފަށާއިރު ، ކައިވެނީގެ ގުޅުމަކުން ގުޅޭ ދެމީހަކު އެއްބަސްވާންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ކައިވެންޏެއް ކުރެވޭނީ ދެމީހަކު އެކަމަށް އެއްބަސް ވެގެންނެވެ. ދެމީހުން ވާހަކަ ދައްކައިގެން ޚިޔާލު އެއްގޮތް ކޮށްގެންނެވެ. މުރުތަޟާހުރީ ނޫރު އެދެއްކި އެއްވެސް ވާޙަކައެއް ޤަބޫކުކުރާ ގޮތަކަށްނޫނެވެ. ބައްޕަޔަކަށްވެސް ނޫރުގެ ވާހަކަތަކެއް ޤަބޫލެއް ނުކުރެވެއެވެ. ނޫރުގެ ނިންމުން އޮޅުންފިލުވައިދޭން އޭނާއަށް ދެއްކޭ ވާހަކަ ސާފުނޫނީކަމަށްވެދާނެއެވެ. އެހެންނޫނީ ، އެވާހަކަ ދައްކަން އޭނާއަށް ނޭނގިގެން އުޅެނީ ހެއްޔެވެ ؟

ހާރިސްވެސް ، ބޭބެއެއްގެ ޙައިޞިއްޔަތުން އެކަމުގައި އެއްޗެއް ނުބުނެ އިންނަން ދަތިވިއެވެ. މުރުތަޟާފަދަ ރަނގަޅު މީހެއްގެ ކައިވެންޏަކާ ނޫރު ދެކޮޅުހަދައި ނޫނެކޭ ބުނަންޖެހޭ ސަބަބެއް ހާރިސްއަކަށް ނުވިސްނެއެވެ. އެވަރުގެ ރަނގަޅުމީހަކު ނޫރަކަށް ނުލިބޭނެއެވެ. އެކައިވެންޏާ އޭނާ ދެކޮޅުހަދަނީ ނޫންކަމަށާއި ، ކައިވެންޏަކަށް ތައްޔާރުވާން އޭނާގެ ޟަމީރަށާއި އަމިއްލަ ނަފުސަށް ބޭނުންވާ ވަގުތުކޮޅަކަށް އެދެނީ ކަމުގައިބުނެ ބޭބެއަށް ޖަވާބު ދިނެވެ. އެންމެންގެ ކިބައިންވެސް ނޫރު އެދޭ އެދުމަކީ އެއީއެވެ. އޭނާއަށް އިތުރު ވަގުތުކޮޅެއް ދިނުމެވެ. އޭނާގެ ޟަމީރު ޤަބޫކޮށް ސިކުނޑީ ތައްޔާރުނުވެއޮތް ކަމެއް ގަދަކަމުން އޭނާލައްވައި ނުކުރުވުމެވެ. ދިރިއުޅުމެއްގެ ބިންގާ އަޅާނީ ކައިވެނިވާ ދެމީހުންނެވެ. މައިންބަފައިންނެއްނޫނެވެ. އެދިރިއުޅުމުގެ ތަކުޕީފާއި ހަމަޖެހުމަކީ ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ހޯދާ އެއްޗެކެވެ. އެއީ ވަރަށް ބޮޑަށް ވިސްނާފައި ކުރަންޖެހޭ ކަމެކެވެ. މައިންބަފައިންނަށް ފެނުނީމަ ، ކުއްލިޔަކަށް މާދަމާ ކައިވެނިކޮށްގެން ، ދެމީހެއްގެ ދިރިއުޅުން އާބާދެއް ނުކުރެވޭނެއެވެ.

ނޫރުއަކީ ، ކިޔަވައިގެންހުރި ތޫނުފިލި ކުއްޖެކެވެ. ހެވާއި ނުބައި ވަކިވާނެއެވެ. އެކުގައި އުޅުނު ކުދިންނަށް ޖެހުނު ޙާލުން މިސާލުނަގައިގެން ، ނޫރު މަސައްކަތް ކުރަމުން އެގެންދަނީ އޭނާގެ އަމިއްލަ ދިރިއުޅުން އެފަދަ ތަކުލީފުތަކުން ދުރުކުރެވޭތޯއެވެ. ޙަފުޞައްތައާއި ބައްޕަ އަދި ބޭނުންވިޔަސް ، ނޫރުގެ ކައިވެނި ކުރެވެންވާނީ ، ނޫރުގެ ލަފާވެސް ހޯދައިގެންނެވެ. އެއީ ގޯސްވާހަކައެއް ހެއްޔެވެ ؟ އެވާހަކަތައް އެކަކަށްވެސް ޤަބޫލު ނުކުރެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ ؟

ހާރިސަށްވެސް ނޫރުއަކާ އެއްބަހެއް ނުވެވެއެވެ. ދިރިއުޅުމަކަށް ތައްޔާރުވާން ނޫރު އެ ބޭނުންވާ ފުރިހަމަކަން އެއީ ނޫރުގެ ޢުމުރުން ބޮޑުބައި ނުދަނިސް ޙާޞިލްކުރެވޭނެ ކަންތައްތަކެއްކަމަކަށް ހާރިސަކަށްވެސް ނުފެނެއެވެ. އަމިއްލަ މިނިވަން ދިރިއުޅުމަކާއި ބޮޑޫ ގެޔަކާ އަދި ޢިއްޒަތާއި ޤަދަރާ މަޤާމަކީ ، މީހުން ދޮށީ ޢުމުރަށްދާއިރު ޙާޞިލް ކުރެވޭ ކަންކަމެވެ. އެހުރިހާ ދުވަހެއްވަންދެން ނޫރުގެ އިންތިޒާރުގައި މުރުތަޟާ ހުރުމަކީ ، ހާރިސްއަށް ޤަބޫލުކުރެވޭ ކަމެއްނޫނެވެ. ފިރިހެނަކަށްވާތީ ، މުރުތަޟާ ފަދައިން  އޭނާވެސް އެކަން ޤަބޫލެއް ނުކުރާނެއެވެ. އެއީ ބުނެލަން ވަރަށް ފަސޭހަ ކަންތައްތަކެކެވެ. އެކަމަކު އެކަންކަން ޙާޞިލްކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބުގައި ހިފައިގެން ، ދިރިއުޅުމައިގެން ކުރިޔަށް ދިއުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ހާރިސްވެސް އިނީ ނޫރުގެ ވާހަކަތަކުން ފޫހިވެފައެވެ.

ނޫރު ، އެދައްކާ ވާހަކައިގެ އެންމެ މުހިންމު ނުކުތާ ، ބޭބެ އެބުނީއެވެ. ސަބަބުގައި ހިފައިގެން ދިރިއުޅުން ކުރިޔަށް ގެންދިއުމެވެ. މުރުތަޟާގެ ޙާލަތަށް ބަލާއިރު ، ސަބަބުގައި ހިފައިގެން ކުރިޔަށް އެންމެ ފިޔަވަޅެއްވެސް އެޅޭކަށް ނެތެވެ. އެކަނިއިން މަޔަކާއި ފިރިމަރުވެފައިހުރި ދައްތައަކާ އަދި ބައްޕަ މަރުވެފައިހުރި ކުޑަކުއްޖަކާ ، އަނތްބަކު ގޮވައިގެން ، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ފަށާނެ ފުރުޞަތެއް ނެތެވެ. ޙަފުޞައްތަގެ ޠަބީޢަތާއި މިޒާޖަށްބަލާއިރު ، މައިދައިތަގެ ބަސްޤަބޫކުކޮށް ކިޔަމަންވެގެން ގޭގައި އިނދެ ، އެހުރިހާ ޒިންމާއެއްގެ މަސްއޫލިއްޔަތުން ބަޔެއް އުފުއްލުމަކީ ނޫރުއަށް ކުރެވޭނެކަމެއްނޫނެވެ. ނޫރު ބޭނުންވަނީ ، މުރުތަޟާއާއެކީ އެމަސްއޫލިއްޔަތު އުފުއްލުމަށްޓަކައި ، އޭނާދޭޏްޖެހޭ ޙިއްޞާއަށް ތައްޔާރުވުމެވެ. ބުރަ މަސައްކަތްކޮށްގެން ، ތަނަވަސްކަން ހޯދައިގެން މުރުތަޟާގެ ޢާއިލާ ބަލަހައްޓައިގެން ، އެދެމަފިރިންގެ އަމިއްލަ ދިރިއުޅުމެއް އާބާދު ކުރުމެވެ. ނޫރު އެ ބޭނުންވާ ވަގުތަކީ އެކަމަށް އޭނާ ހޯދާ ވަގުތެވެ. މުރުތަޟާއާ ނޫރު ކައިވެނި ކުރާނެއެވެ. އެކަމަކު ، ނޫރު ބޭނުންވާ މަޤާމަށް ދެވުމަށްފަހު ، އެހެން މީހަކަށް ބަރޯސާނުވެ ، އަމިއްލަ ދިރިއުޅުން ނެގެހެއްޓޭވަރު ވެގެންނެވެ.

ނޫރު އެންމެ ތުއްތުއިރު ، މަންމަ ނިޔާވުމުން އެޢާއިލާއަށް ކުރިމަތިވި ނިކަމެތި ޙާލުގެ ހިތި ތަޖުރިބާ އަދިވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. ޙަފުޞައްތަގެ އިޙުސާންތެރިކަން ، ދުވަހަކުވެސް އޭނާގެ ހިތުން ފުހެއެއް  ނުލާނެއެވެ. އެހެނަސް ، އެ އިޙްސާންތެރިކަމުގެ ބަދަލުގައި އޭނާގެ މުޅިދިރިއުޅުން ޤުރުބާންކުރާކަށް ބޭނުމެއްނޫނެވެ. އެވާހަކަ ދެން އިތުރަށް ދައްކާނެކަމެއް ނެތެވެ. ނޫރުގެ ޙަޔާތުގައި އެފަދަ ދުވަހެއް އައިއްސިނަމަ ، އޭނާ ދުނިޔެއަށް ގިނަނުވާނެވަރުކުރަން އޭނާ ބޭނުމެވެ. އެކަމަކު ، އެކަމަށް އޭނާއަށް ތައްޔާރު ވެވޭ ދުވަހަކުންނެވެ. އެދުވަހަކަށް އިންތިޒާރުކުރުމާއި ނުކުރުން އެއީ މުރުތަޟާގެ ކަމެކެވެ. އަވަސް އަރުވާލާފައި ، ބައްޕައާއި ޙަފުޞައްތަ ބޭނުންވީމާ ބޭނުންއިރަކު އޭނާގެ ކައިވެނިކުރެވިގެންދާކަށް ނޫރު ބޭނުމެއްނޫނެވެ. އެކަން ކުރެވެންވާނީ އޭނާވެސް އެދޭގޮތަކަށެވެ.

ރައިދާ އެއީ ނޫރުގެ ފަހަރިއެއްނަމަވެސް ، ރައިދާ ބަލަނީ ނޫރަކީ އޭނާގެ ކޮއްކޮއެއްގެ ގޮތުގައެވެ. ދިމާވެގެން އެއުޅޭ މައްސަލައިގާ އެއްޗެއްބުނަން ، ރައިދާވެސް ބޭނުންވިއެވެ. ރައިދާ މިސާލުނެގީ އޭނާއާއި ހާރިސްގެ ދިރިއުޅުމުންނެވެ. ކައިވެނިވީތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. ދޭތެރެ ދޭތެރެއިން މައްސަލަވެސް ޖެހެއެވެ. ޒުވާބުވެސް ކުރެވެއެވެ. އެކަމަކު ލޯބިން ވާހަކަ ދައްކާލައިގެން މައްސަލަތައް ޙައްލު ކުރެވެއެވެ. އަންހެންކުއްޖެއްގެ ދިރިއުޅުމުގައި ދޫކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ޠާހިރާ އުޅެމުން އެގެންދަނީ އޭނާގެ އަމިއްލަ ގޮތްތައް ދޫކޮށް ހާރިސްއާއެކު އުފާވެރ ދިރިއުޅުމެއްގައެވެ. ގޭގައި އިނދެ ، އެންމެންނަށް ކައްކައި ކާންބޯންދީ ގޭތެރެ ބަލަހައްޓަމުން އެގެންދަނީ ، ކިޔަވައިގެންހުރެއެވެ. ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ، ކިޔެވި އެއްޗެއްގެ ބޭނުން ހިފަމުންނެވެ. ދިރިއުޅުމުގައި އަންހެންކުދިންނަށް ލިބޭނެ އުފާވެރިކަމަކީ ޢާއިލާ ބެލެހެއްޓުމުގެ އުފަލެވެ. އެއަށްވުރެ ބޮޑު އުއްމީދެއްގެ ފުރުޞަތު ތަނަވަސްވުމަކީ ، މަދުން ނޫނީ އަންހެންކުދިންނަށް ލިބޭނެ ފުރުޞަތެއްނޫނެވެ. މުރުތަޟާގެ ގޭގައި ނޫރުއަށްވެސް އެ ފުރުޞަތު އޮންނާނެއެވެ. ބޭނުންކަމަށްވަންޏާ ވަޒީފާއަށް ދެވޭނެއެވެ. މުރުތަޟާގެ ދައްތަ އެއިންނަނީ ގޭގައެވެ. ގޭގެ ހުރިހާކަމެއް ޠާހިރާ ބަލަހައްޓާނެއެވެ. އެއީ ނޫރުއަށްލިބޭ ރަނުގެ ފުރުޞަތެކެވެ.

ރައިދާގެ ވާހަކަޔަށް ނޫރު ޖަވާބު ދިނެވެ. އެއްޗެއް ހީނުކުރާށޭ ބުނުމަށްފަހުގައެވެ. ނޫރު މިއަދު އެ އެޅި ފިޔަވަޅަކީ ، ހާރިސްއާއި ރައިދާގެ ދިރިއުޅުމުން ފިލާވަޅު ލލިބިގެން ނިންމި ނިންމުމެކެވެ. ނޫރުއަށް ދިރިއުޅުމުގެ ގިނަ ކަންކަން ދަސްވީ އެދެމަފިރިންގެ ފަރާތުންނެވެ. ނޫރު މިއަދު މީހަކަށްވެފައި އެހުރީ އެދެމަފިރިން ނޫރުއަށް ދަސްކޮށްދިން ފިލާވަޅުތަކުން ޢިބްރަތް ޙާޞިލްކޮށްގެންނެވެ. ބޭބެގެ ދެމަފިރިންގެ ދިރިއުޅުމުން ނޫރުއަށް ދަސްވި އެއްކަމަކީ ، އަންހެންކުއްޖަކު ، އޭނާ ޙާޞިލްކުރަން ބޭނުންވާ ކަންކަން ކައިވެނީގެ ކުރިން ، ޙާޞިލްކުރަން ޖެހޭނެކަމެވެ. ކައިވެންޏަށްފަހު ، އަންހެންކުދިންނަށް ގެއްލޭނެ އެތައް ފުރުޞަތުތަކެއް ހުރިކަން ބޭބެގެ ދެމަފިރިންގެ ދިރިއުޅުމުން ނޫރުއަށް ވިސްނެއެވެ. ރައިދާއަށް ގޮވައިލުމަށްފަހު ، ކައިވެނީގެ ކުރިން ރައިދާ ، ނޫރުގާތު ބުނެފަ އޮތް ވާހަކައެއް އޭނާއަށް ހަނދާން ކޮށްދިނެވެ. ހަނީމޫނަށް ދިވެހިރާއްޖެޔަށް ދިއުމަކީ ، ތިމަންނަ ވަރަށްކުރީއްސުރެ ދެކެމުން އައި ހުވަފެނެއްކަމުގައި ނޫރުގާތު ރައިދާ ބުނެފައި ވެއެވެ. ކައިވެންޏަށް ހަތަރުއަހަރު ވީއިރުވެސް ، އެހުވަފެން ޙަޤީޤަތަކަށް ނުވެއެވެ. އެންމެ ކުޑަމިނުން ، ހަނީމޫނަށޭ ކިޔާފައި ކަރާޗީން ބޭރަށްވެސް ގޮސްލެވިފައެއް ނުވެއެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި އަންހެންކުދިން ވާންޖެހޭ ޤުރުބާނީއަކީ އެއީ ހެއްޔެވެ ؟ ދެކެމުން އަންނަ އުފާވެރި ހުވަފެންތަކާއި ފޮނި އުއްމީދުތައް ، ފަހަރަކު ކަމެއް ޤުރުބާންކުރަމުން ގެންދިއުން ހެއްޔެވެ ؟ ފަހަރެއްގައި ރައިދާގެ އެ ހުވަފެންތައް ދެކެން މުޅި ޢުމުރުވެސް ހިނގައިދާނެއެވެ. އެހެންނަމަވެސް ، ނޫރުގެ ފޮނި އުއްމީދުތައް ، އެގޮތަށް ބިލާހަކަށްވެގެންދާކަށް އޭނާ ބޭނުމެއްނޫނެވެ.

އެންމެ ފަހުބަހަކަށް ، ނޫރުގެ ބައްޕަ އޭނާގެ ޚިޔާލު ފާޅުކުރިއެވެ. މިއަދަކީ ، އޭނާގެ ދަރިފުޅުގެ ޚިޔާލުހުރިގޮތް އެނގިފައި ހިތަށް ކެކުޅުން ލިބުނު ދުވަހެކެވެ. ނޫރުއަށް މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދިނީ ، މިދުވަސް ދެކެންތޯ ، އޭނާ ، އޭނާގެ އަމިއްލަ ނަފުސާ ސުއާލުކުރިއެވެ. އެއީ ، އެދަރިފުޅަށް ތަޢުލީމު އުނގަންނައިދެވުނީމައި ސިކުނޑި ހުޅުވިގެން ، ދުނިޔެދަސްކޮށްގެން ، އަމިއްލަ ދިރިއުޅުން އާބާދުކުރުމަށް އެދަރިފުޅުގެ ހިތާއި ސިކުނޑީގައި އުފެދުނު އަގުހުރި ވިސްނުންތަކެއްކަމެއް އެބައްޕަޔަކަށް ނޭނގުނެވެ. އަމިއްލަ ވިސްނުމާއި ފިކުރުގައި ހިފެހެއްޓުމުގެ ފުރިހަމަ ޙައްޤު ނޫރުއަށް އޮންނާނެކަމަށް އޭނާ ޤަބޫލުކުރިއެވެ.

އެހެންނަމަވެސް ، ނޫރު ޤަބޫލުކުރާގޮތުގައި ، އަމިއްލަ ވިސްނުމާއި ފިކުރަށް އިޙުތިރާމްކޮށް ، އަބުރުވެރި ދިރރިއުޅުމަކަށް އުއްމީދުކުރުމުގެ ޙައްޤު އެއިން ކޮންމެ މީހަކަށްވެސް ލިބިގެން ވެއެވެ. އެއީ އޭނާއަށް އެކަނި ޙައްޤު އެއްޗެއްނޫނެވެ. ސަބަބަކީ ، ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އިސްކަންދޭ ކަންކަމާއި ކުރާ އުއްމީދުގައި އެކިމީހުންގެ ވިސްނުމާއި ފިކުރު ތަފާތު ވާނެއެވެ. އެއިން ކޮންމެ މީހެއްގެ ވިސްނުމާއި ފިކުރަކީ އިޙްތިރާމް ލިބިގެންވާ ޙައްޤެކެވެ. ކޮންމެ މީހަކަށްވެސް ، އެމީހެއްގެ ވިސްނުމާއި ފިކުރަށް ލިބިގެންވާ ޙައްޤަށް އިޙްތިރާމްކޮށް އެ ފުރުޞަތު ދެވެންޖެހޭނެއެވެ. އެއީ އަންހެނެއް ފިރިހެނެއް ތަފާތެއް ނެތި އެންމެންނަށްވެސް ލިބެންޖެހޭ އިންސާނީ ޙައްޤެކެވެ.

ކައިވެންޏަށް ބަލާއިރު ، ނޫރު ، އެކައިވެންޏާ އެއްވެސް ވަރަކަށް ދެކޮޅެއްނޫނެވެ. އޭނާގެ މައްސަލަޔަކީ އަވަސް އަރުވާލާފައި އެކަން ކުރަން އުޅުމެވެ. ބޭނުންވާ ވަގުތު ނުލިބުމެވެ. ނޫރު އޭނާގެ ވިސްނުމާއި ފިކުރު ބުނެދޭން އުޅެ އުޅެ ، އޭނާ އެދައްކާ އެއްވެސް ވާހަކައެއް އެކަކަށްވެސް ނުވިސްނެއެވެ. އެވާހަކަ އެކިގޮތްގޮތަށް ދައްކައި އޭނާ ވަރުބަލި ވެއްޖެއެވެ.

މުރުތަޟާއާއި ނޫރުއާ ދެމީހުން އުޅެނީ ރައްޓެހިވެގެންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ލޯބިވެއެވެ. ކައިވެނިކުރަންވެސް ބޭނުމެވެ. އެފަދަ ގުޅުމެއް ، އަވަސް އަރުވާލާފައި ، ދެފަރާތުގެ ޢާއިލާ ބޭނުންވެގެންކުރާ ކައިވެންޏެއްގެ ސިފައިގާ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެ ދެލޯބިވެރިން ބޭނުންވީމާ ، ބޭނުންވާގޮތަކަށް އެކައިވެނިކުރަން ނުބޭއްވިގެން އެއުޅެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟

ނޫރު ، އޭނާގެ ވާހަކަ ނިންމާލައި ، ނުވެސްކައި ، ފޫހިވެގެން ކާމޭޒުދޮށުން ތެދުވެ ކޮޓަރިޔަށް ވަނެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. ހާރިސް އެތައްވަރަކަށް ކީމަވެސް ނުވެސްކައި ، ނޫރުގެ ބައްޕަވެސް އޭނާގެ ކޮޓަރިޔަށް ވަނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.