ފަލްސަފާ (35)

(30ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނޫރުކުރަމުން އެގެންދާ ކޮންމެ ކަމަކުންވެސް ، މުރުތަޟާއަށް އިޙުސާސްކުރުވަމުން އެދަނީ ، ތަހުނިޔާއާއި މުރުތަޟާއާ ދެމެދަށް ވަދެ ، ނޫރުހުރިކަމެވެ. އެދެމީހުންގެ ގުޅުމުގެ ތެރެއިން ، ތަހުނިޔާއަށް ކުރެވޭނީ ކޮން އިޙުސާސެއްކަމެއް ، ނޭނގެއެވެ. އެހެންނަމަވެސް ، މުރުތަޟާއާއި ނޫރުގެ ގުޅުމަކީ ، އޭނާގެ ޙަޔާތުން ދުވަހަކުވެސް ވަކި ނުކުރެވޭނެ ގުޅުމެއްކަން ތަހުނިޔާއަށްވެސް އެނގެއެވެ. ތަހުނިޔާގެ ދިރިއުޅުން ބަށްޓަން ކުރެވިގެންދާނީ އެއަސްލުގެ މައްޗަށެވެ. ނޫރުއާއި ތަހުނިޔާއާ ދެމެދު ކުޑައިރުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ޙައްޤުގައި ތަހުނިޔާއަށް އެއީ މައްސަލައެއް ނޫނެވެ. އެތަކުލީފުތައް ، އޭނާގެ ދިރިއުޅުމުގައި އުފުއްލާނީ އެއީ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައެވެ. ނޫރުއަށްޓަކައިވާ ޤުރުބާނީއެއްގެ ގޮތުގައެވެ.

" ނޫރުލްޢައިނެވެ ! އަހަރެންނާއި ނޫރުއާ ދެމެދު އޮތްގުޅުން މިހާރު އެއޮތީ ނިމިފައެވެ. އެގުޅުމަށް ، އެއްވެސް ނަމެއްވެސް އަދި އެއްވެސް ޖާގައެއްވެސް އެއްވެސްމީހެއްގެ ހިތަކު ނެތެވެ. އެއީ ، ކާމިޔާބީއާއި ނާކާމިޔާބީގެ ނަތީޖާއެއް ނެރެން މަސައްކަތްކުރުމަށް ، އެއްވެސްމީހަކަށް ފުރުޞަތެއް އޮތް ގުޅުމެއްނޫނެވެ. އެންމެ ރަނގަޅުވާނީ ، ނޫރުވެސް ، އެގުޅުމުގެމަތިން ހަނދާން ނައްތައިލުމެވެ. އަދި ، އަހަރެންވެސް އެގުޅުމުގެ މަތިން ހަނދާން ނައްތައިލިޔަދޭށެވެ. ނިމިގޮސްފައިވާ އެގުޅުމުގެމަތިން ، އިރުއިރުކޮޅުން އަހަރެންނަށް ހަނދާންކޮށް ނުދޭށެވެ. އެއީ އަހަރެންނަށް ލިބޭ ތަކުލީފެކެވެ. ތަހުނިޔާއަށްޓަކައިވެސް އެކަން ކޮށްދޭށެވެ. އެއީ ނޫރުގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ބަލާށެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ދިރިއުޅުމުގެ ތެރެއިން ވަކިވެދިއުމަށް ނޫރު މަސައްކަތް ނުކޮށްފިނަމަ ، އެ ދެމީހުންކުރެމީހަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެކަކަށްވެސް އޭނާ ބޭނުންވާ މަންޒިލަކަށް ދަތުރެއް ނުކުރެވޭނެއެވެ. އެކަމުގައި ދެމީހުންކުރެ އެކަކަށްވެސް އެއްވެސް ފައިދާއެއް ނެތެވެ.

މުރުތަޟާއަށް އޭނާފެށި ދިރިއުޅުމައިގެން ކުރިޔަށްދިއުމަށް ފުރުސަތުދީ ، މުރުތަޟާ ބޭނުންވާ ގޮތަކަށް އޭނާގެ ދިރިއުޅުން ބަށްޓަންކުރުމަށް ފުރުސަތު ދިނުމަށް އެދި އާދޭސްކުރަމުން ، މުރުތަޟާ ފޯނު ކަނޑައިލިއެވެ. މުރުތަޟާ ، އޭނާގެ ފޯނު ކަނޑައިލިނަމަވެސް ، ހިތުގައިހުރި ރިހުން ކެނޑިގެންނެއް ނުދެއެވެ. ފުން މާނޭވާއެއްލައި ، އެތަނުގައި އެއްވެސްމީހަކު ހުރިތޯ ބަލައިލުމަށް ހަތަރުފަރާތަށް ނަޒަރު ހިންގައިލިއެވެ. ނޫރުވެސް އެއީ މައްސަލަޔަކަށް ނުބަލައެވެ. މުރުތަޟާ އެދެއްކީ ހަމަ ، ރަނގަޅު ވާހަކައެވެ. އެހެންނަމަވެސް ، އެ ހަނދާންތަކާ ދުރުވުމަކީ ، ނޫރުއަށް އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. ނޫރުގެ ފަލްސަފާ ބަދަލުކުރުމަކީ ، އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލެވެ. އެކަން ކުރަންޖެހޭނީ ވަރަށްބޮޑަށް ވިސްނައިގެންނެވެ. ތަހުނިޔާއާއި މުރުތަޟާގެ ގުޅުން ކެނޑިގެންދިއުމަކީ ، ތަހުނިޔާއަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެކެވެ. އެފަދަ ގެއްލުމެއްގެ ތެރެޔަށް ތަހުނިޔާ ވަންނަންޖެހުމަކީވެސް ނޫރުއެދޭކަމެއްނޫނެވެ. ހަމަ އެއާއެކު ، މުރުތަޟާގެ ހަނދާންތަކާ ދުރަށް ދިއުމަކީވެސް ނޫރުއަށް އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. ނޫރުގެ ފަލްސަފާ ބަދަލުކުރަންޖެހޭނީ ، ތަހުނިޔާއަށްވެސް އަދި ނޫރުއަށްވެސް ތަކުލީފެއް ނުލިބޭނެ ގޮތަކަށެވެ. އެކަން އެގޮތަށް ކުރެވިދާނެކަމެއް ނުވަތަ ނުކުރެވޭނެކަމެއް ނޫރުއަކަށް ، މިވަގުތަކު ނުވިސްނެއެވެ. އެހެނަސް ، އެކަން އެގޮތަށް ކުރެވޭތޯ ، އޭނާ ގަދައަޅާ މަސައްކަތްކުރާނެއެވެ. ތަހުނިޔާއަށްޓަކައެވެ. އަދި ، ޚުރު ނޫރުއަށްޓަކައިވެސް މެއެވެ.

އޭނާގެ ހިތަށްލިބިފައިވާ ތަކުލީފާއެކު ، ނޫރުވެސް މަޑުމަޑުން ތެދުވެގެން ކޮޓަރިޔާދިމާއަށް ހިނގައިގަތެވެ. އޭނާގެ ޙަރަކާތް އަދިވެސް ހުރީ ކެނޑިފައެވެ. ހިތުގައި އަޅަމުންދިޔަ ވޭން ފިލައިގެންނެއް ނުދެއެވެ. އެނދުގައި އިށީނދެލެވުމާއެކު ، ނޫރުއަށް ރޮވެން ފެށިއެވެ. އޭނާގެ ޙަޔާތަށް އެކުރިމަތިވީ ، ބަރުދާސްތުކުރަން ދަތި ޙާލަތެކެވެ. އެފަދަ ޙާލަތެއް ﷲ ، އޭނާއަށް މިންވަރުކުރެއްވީ ކީއްވެބާވައެވެ. އެކަމުގައި ރަނގަޅެއް އޮތަސް ، އެލިބޭ ވޭނުގެ ސަބަބުން ، ރަނގަޅު ކަންކަން ދެނެގަތުމަށް ވިސްނުމުގެ ބާރެއް ނޫރުގެ ސިކުނޑިޔަކަށް ލިބިގެންނެއް ނުވެއެވެ. އެޙާލަތު އޭނާއަށް މިންވަރު ކުރެއްވީތީ ، ހިތުގައި އުފެދިފައިވާ ޝަކުވާތައް ބައިވަރެވެ. އެއަށްފަހު ، ދެން ކުރިމަތިވާނީ ކޮންފަދަ މުޞީބާތެއްކަމެއްވެސް ނޭނގެއެވެ. އެ ތަކުލީފުތަކުގައި ، އެފަދަ ހިތްދަތިކަމެއްގައި ، އޭނާއަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެކަމުގެ ޔަޤީންކަމެއް ، ނޫރުގެ ހިތަކަށް ނުވަދެއެވެ. އެއީ ، އަންހެންކުއްޖަކަށް ކުރިމަތިވާނެ އެންމެ ބޮޑު ތަކުލީފެވެ. އެހާ ގިނަދުވަސްވީ ލޯބީގެ ގުޅުމެއް ، އެހާ އަވަހަށް ކެނޑިގެން ދިއުމެވެ. އަދި އަމްދުން ، އެ ގުޅުންދެމެހެއްޓުމަށްޓަކައި ، ނޫރުގެ ގޮތްދޫކޮށް ، އިތުރު ފުރުސަތުތަކަކަށް ޖާގަދީ ، ކުރިޔަށް ދިއުމުގެ ވިސްނުމުގައި ގޮތްދޫކޮށްގެންހުރި ޙާލަތެއްގައި ، އެފުރުސަތު ގެއްލިގެން ދިއުމުން ނޫރުގެ އުއްމީދުތައް އެވަނީ ވިއްސިވިހާލިވެގެން ގޮއްސައެވެ. އެއްތާކަށް އެ އުއްމީދުތައް އެއްކޮށް ނަތީޖާއެއް ނެރެވޭނެފަދަ ހިތްވަރެއް ނޫރުގެ ނަފުސަށް ، އެވަގުތު ލިބފައެއް ނުވެއެވެ.

ނޫރުއަށް ރޯންފެށުނީ މަޑުމަޑުންނަމަވެސް ، ގިސްލެވެމުންގޮސް ރުއިމުގެ އަޑު ގަދަވެގެންދިޔައެވެ، އެނދުހުރަހަށް ވެށްޓުނެވެ. ނޫރުއަށް ނިދިގެންދިޔައީ ، ރޮމުންރޮމުންގޮސް ވަރިބަލިވެގެންނެވެ.

މުރުތަޟާއާއި ތަހުނިޔާ ، ކޮޓަރިން ނުކުތުން ލަސްވެގެން ޠާހިރާގޮސް އެމީހުންގެ ކޮޓަރީގައި ޓަކިޖަހައިލިއެވެ. ކުޑައިރުކޮޅެއްވުމަށްފަހު ، ދުރުހުޅުވައިލީ ތަހުނިޔާއެވެ. ކޮޓަރިތެރެއިން މުރުތަޟާއެއް ނުފެނެއެވެ. މުރުތަޟާ އެވަގުތުވީ ފާޚާނާގައެވެ. މުރުތަޟާ ފާޚާނާއިން ނުކުތްތަނުން ، ދައްތަ ކޮޓަރިތެރޭހުރިތަން ފެނިފައި ސަލާމް ކޮށްލިއެވެ. މުރުތަޟާއާއި ތަހުނިޔާ އެކުގައިތިބިތަން ފެނިފައި ، ޠާހިރާހުރީ އުފަލުންގޮސް ފޮޅިފައެވެ.

ޠާހިރާ އެއައީ އެމީހުން ހެނދުނުގެ ނާސްތާކުރުމަށް ނުކުންނާށޭ ބުނަންވެގެންނެވެ. ހެނދުނު އެގޭގައި ނުކައްކައެވެ. ހެނދުނުގެ ނާސްތާ އެގެޔަށް ފޮނުވީ ސާޖިދާއެވެ. ސާޖިދާގެ ދެމަފިރިންވެސް ނާސްތާއަށް އެގެޔަށް އައިސް އެބަތިއްބެވެ.

ޠާހިރާ ނުކުތުމާއެކު ، މުރުތަޟާ ، ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އަދި ތަހުނިޔާއަށް އެރޭ ، ވަގުތުހުސްނުކުރެވުނީތީ މާފަށް އެދުނެވެ. އެއީ ތަހުނިޔާއަށް މައްސަލައެއްނޫނެވެ. އެކަންވާނީ އެހެންކަން ތަހުނިޔާއަށްވެސް އެނގެއެވެ. އެކަމުގައި ތަހުނިޔާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެއީ ، ޚުދު ތަހުނިޔާވެސް އެދިގެންހުރި ގޮތެވެ. މުރުތަޟާއާއި އޭނާގެ ގުޅުން ، އެހާ އަވަހަށް ޢާންމު ޙާލަތަށް ނުދާނެކަން ތަހުނިޔާއަށްވެސް އެނގެއެވެ.

" ޢާންމު ޙާލަތަށް ބަދަލުވާން އެންމެންނަށްވެސް ވަގުތު ބޭނުންވާނެއެވެ. އެކަމާ މުރުތަޟާ ކަންބޮޑުނުވާށެވެ. އެއީ އެންމެންގެވެސް ކަންބޮޑުވުމެއްގެ ގޮތުގައި ދުވަސްކޮޅަކު އޮންނާނެއެވެ. ކަންކަން ހަމަޔަކަށް އެޅެންބޭނުންވާ ވަގުތު ދޭށެވެ. "  ހިނިތުންވެލައިގެން ހުރެ ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ވިސްނުމުގައި އެހުރިހާކަމެއް ހުރީތީ މުރުތަޟާ އޭނާއަށް ޝުކުރު އަދާކުރިއެވެ. މުރުތަޟާވެސް ބޭނުންވާގޮތަކީ އެއީއެވެ. ޙާލަތާގުޅޭގޮތަށް ވިސްނުން ބަހައްޓައިގެން ، މުރުތަޟާއާއި ތަހުނިޔާގެ ގުޅުން ކުރިޔަށް ގެންދިއުމުގައި ތަހުނިޔާ ސާބިތުވެ ހުރުމެވެ. އެއީ ، މުރުތަޟާއަށް އެކަނި ކުރެވޭނެކަމެއް ނޫނެވެ. ތަހުނިޔާގެ ޤުރުބާނީ އެކަމުގައި ވަރަށް މުހިންމެވެ. ތަހުނިޔާގެ ވިސްނުމާއި ޢަމަލުތައްވެސް އެއީ ހަމަ އެހާމެ މުހިންމު އެއްޗެކެވެ. އެހެނަސް ، އެއީ ތަހުނިޔާގެ މުޅި ޢުމުރަށްވެސް އުޅެންޖެހިދާނެ ޙާލަތެކެވެ. އެކަމަށްވެސް ތަހުނިޔާހުރީ ތައްޔާރުވެގެންނެވެ. ކުރިމަތިވެދާނެ ކޮންމެ ތަކުލީފަކަށްވެސް އޭނާ ކެތްކުރެވޭތޯ ބަލާނެއެވެ.

ނާސްތާގެ ވަގުތު ، އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ފާޅުކުރަން ބޭނުންނުވިނަމަވެސް ، މުރުތަޟާއާއި ތަހުނިޔާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފާޅުވާން ހުށްޓެވެ. އެއީ އަލަތު ކައިވެނީގެ ފުރަތަމަރޭ ނިމިދާއިރު ، ކޮންމެ ދެމަފިރިއެއްގެ މޫނުމަތިންވެސް ފާޅުވެދާނެ އަސަރެކެވެ. އެހެންކަމުން ، އެއީ އެހާބޮޑުކަމެއްގެ ގޮތުގައި އެއްވެސްމީހަކު ނުދެކެއެވެ.

ކައިވެންޏަށްފަހު ، މުރުތަޟާގެ ޕްލޭނަކީ ކޮބައިތޯ ، ޢާޞިމް ސުއާލުކުރިއެވެ. ބައްޕަގެ އެ ސުއާލުން ތަހުނިޔާއަށް ލިބުނު ސިހުމަށްވުރެ ، މުރުތަޟާއަށް ލިބުނު ސިހުން ބޮޑެވެ. އެކަމަކު އެ ސުއާލަށް އޭނާ ޖަވާބެއްދޭން ޖެހެއެވެ. އެހެންކަމުން ، މާދަމައިން ފެށިގެން އޮފީހަށް ނުކުންނާނީއޭ ، އޮފީހުގައި ވަރަށް މަސައްކަތް އެބައޮތޭބުނެ ، ކުޑަކޮށް ވިސްނައިލާފައި ، މުރުތަޟާ ޖަވާބުދިނެވެ. އެއާހަމަ ވިއްދައިގެން ދެންކުރިމަތިވީ ސާޖިދާގެ ސުއާލެވެ. އެހާ އަވަހަށް އޮފީހަށް ނުމުތުމުގެ ބޭނުމެއްނެތޭ ބުނެ ، ދަތުރެއް ރާވައިލުމަށް ސާޖިދާ ލަފާދިނެވެ. އެހެންމީހުންވެސް ކައިވެންޏަށްފަހު ، ހަނީމޫނަށް ދާވާހަކަ ސާޖިދާއަށް އޮންނަނީ އަޑުއިވިފައެވެ. ބައްޕަގެ ސުއާލަށްވުރެ މަންމަ އެކުރި ސުއާލަކުން ތަހުނިޔާ ވަކިން ކަންބޮޑުވިއެވެ.

ޠާހިރާ ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު ، މުރުތަޟާއާ ދިމާއަށް ބަލައިލާ ކޮންމެވެސް އެއްޗެކޭ ބުނުމަށް ލޮލުން ޢިޝާރާތް ކުރިއެވެ.

" ދައްތާއެވެ ! ރަށުންބޭރަށް ދިއުމަކީ އަހަރެންނަށް މިވަގުތު ވާންއޮތްކަމެއްނޫނެވެ. ދިރިއުޅުމަށްކުރާ މަސައްކަތަކީ ވަޒީފާ އަދާކުރުމެވެ. ވަޒީފާގެ މަސްއޫލިއްޔަތު އެއްފަރާތްކޮށްފައި ، އެހެންކަމެއް ކުރަން އުޅޭކަށް ނުވާނެއެވެ. " މުރުތަޟާ ޖަވާބު ދިނެވެ.

މުރުތަޟާގެ އެޖަވާބަށް ޙަފުޞާ ކުއްލިޔަކަށް ޖަވާބުދިނެވެ. މުރުތަޟާއަށް ހަނީމޫނަށް ނުދެވެންވީ ސަބަބެއް ޙަފުޞާއަކަށް ނުވިސްނެއެވެ. ކޮންމެތާކު ވަޒީފާ އަދާކުރިޔަސް ، ކައިވެންޏަކަށްފަހު އެބަޔަކަށް ޗުއްޓީ ލިބެއެވެ. އެއީ ޢާންމު ކަމެކެވެ. ސަރުކާރުގެ ވަޒީފާގައިވެސް އަދި އަމިއްލަ ކުންފުނިތަކުގެ ވަޒީފާގައިވެސް އެކަން އޮންނަނީ އެގޮތަށެވެ. އެއީ މުރުތަޟާގެ ކިބައިން ނިގުޅައިގަނެވޭނެ ޙައްޤެއްނޫނެވެ. ޙަފުޞާ ދެކޭގޮތުގައި މުރުތަޟާއަށްވެސް އެޙައްޤު ލިބެންޖެހޭނެއެވެ. އަދި ، ލިބޭނެވެސް މެއެވެ. ޙަފުޞާ ބޭނުންވީ ، މުރުތަޟާއަށް ލިބޭ ހުރިހާ ހުސްވަގުތެއް ، ތަހުނިޔާއަށްޓަކައި ޚާއްޞަ ކުރުމެވެ. ކައިވެންޏަށްފަހު ، ކޮންމެ އަންހެންކުއްޖެއްގެ ބޭނުމަކަށްވާނީ ، ވީހާގިނަ ވަގުތެއްގައި ، އެކުއްޖެއްގެ ގާތުގައި އޭނާގެ ފިރިމީހާ ހުރުމެވެ. އެއީ ކައިވެނީގެ އުފާވެރިކަމުގެ ތެރެއިން އެންމެ ޚާއްޞަ ވަގުތުކޮޅެވެ. ހަފުތާއެއްގެ ޗުއްޓީއެއް ނެގިޔަކަސް އެއީ މަސައްކަތަށް ހުރަސްއެޅޭނެކަމެއް ނޫނެވެ. މަސައްކަތަކީ ދުވަހަކުވެސް ހުސްވާނެ އެއްޗެއްނޫނެވެ. މަސައްކަތެއް ނެތިގެން ، ހަނީމޫނަށްދާން ތިބިއްޔާ ، މުރުތަޟާއަކަށް އެކަމަކަށް ވަގުތެއް ނުލިބޭނެއެވެ. ޙަފުޞާގެ ވާހަކަތަކުން މުރުތަޟާގެ އަނގަ އެއްކޮށް ބައްދައިލިއެވެ.

ޙަފުޞާގެ ވާހަކަތަކަށް އެންމެ ބޮޑަށް ތާއީދުކުރީ ސާޖިދާއެވެ. އެކަމަށް މުރުތަޟާއަށް ބާރުއެޅުމަށް ، ޙަފުޞާގެ ލޮލުން ޠާހިރާއަށް ޢިޝާރާތް ކުރިއެވެ. ޙަފުޞާ އެކަމަށް ޠާހިރާއަށް އަންގައިލީ ، މުރުތަޟާއާއި ތަހުނިޔާއާ ދިމާއަށް ބަލައިލުމަށްފަހު ، އެދެމީހުން އެވާހަކަޔާމެދު ކަންބޮޑުވެފައިތިބިކަން އެނގުމުންނެވެ.  މަންމަގެ ވާހަކަޔަށް އިތުރަށް އެއްޗެއްބުނަން ވެއްޖިއްޔާ ، މާ ރަނގަޅު ނުވާނެކަން މުރުތަޟާއަށް އެނގެއެވެ. އެންމެ ރަނގަޅުވާނީ އަގަހިމޭނުންލައިގެން އިނިއްޔާއެވެ.

ސައިބޮއެނިމިގެން ، ތަހުނިޔާގެ ކޮޓަރި ދައްކައިލުމަށް ސާޖިދާ އެދުނެވެ. އެކަމަށް މަޖުބޫރުވެގެން މަންމަޔާއެކު ތަހުނިޔާ ހިނގައިގަތެވެ. ތަހުނިޔާގެ ކޮޓަރީގެ ފުރިހަމަކަމަށްޓަކައި ސާޖިދާ ތަޢުރީފު ކުރިއެވެ. ވާހަކަ ދައްކަމުންގޮސް ، ތަހުނިޔާއާ ދިމާއަށް ބަލައިލެވުނުއިރު ، ތަހުނިޔާ ކަންބޮޑުވެފައިހުރިތަން ސާޖިދާއަށް ފެނުނެވެ. އަދި ، ހުރިހާކަމެއް ރަނގަޅުތޯ ތަހުނިޔާގާތު ސުއާލުކުރިއެވެ. ތަހުނިޔާގެ ޖަވާބަކަށްވީ ، ހިތްހަމަޖެހިގެން އުފަލުގައި ހުރުމަށްޓަކައި އޭނާ މަސައްކަތްކުރަމުން ގެންދާ ކަމުގައެވެ.

ތަހުނިޔާ ގޮވައިގެން ހަނީމޫނަށް ދިއުމަކީ ، މުރުތަޟާއަށް އެވަގުތު ކުރެވެން އޮތްކަމެއްނޫނެވެ. އެކަން މުރުތަޟާއަށް ކުރެވެން ނެތީ އޮފީހުގެ މަސައްކަތް ހުރިގޮތުންނެއްނޫނެވެ. އޮފީސް އޭނާ ހެދީ ، އެދަތުރު ނުދިއުމުގެ ބަހަނާއަކަށެވެ. އެކަމުގެ ސަބަބު މަންމަޔަށް ސާފުކޮށްދިނުމަކީ ، ނުރައްކާކަމެއްކަން މުރުތަޟާއަށް ވިސްނެއެވެ. އެހެންނަމަވެސް ، ކޮންމެވެސް ގޮތަކަށް އެވާހަކަ ދައްކަން އެބަޖެހެއެވެ. އޭނާއާއެކީ އޮފީހުގައި މަސައްކަތްކުރާ މީހުން ކައިވެނިޕާޓީއަށް އައީ އޭނާއަށް ހަތްދުވަހުގެ ޗުއްޓީއެއް ހޯދައިދީ ، ހަނީމޫންގެ ޓިކެޓްވެސް ހަދިޔާއަކަށް ހިފައިގެންނެވެ. އޭނާގެ އަތުގައި އަދިވެސް އެ ޓިކެޓް އެބައޮތެވެ. ހަނީމޫނެއްގެ އުފާވެރިކަމަކީ ، ކައިވެންޏަކަށްފަހު ، ކޮންމެ ދެމަފިރިއެއްގެ އުފަލަކަށްވާނެކަމެއްކަން މުރުތަޟާއަށްވެސް އެނގެއެވެ. އެހެނަސް ، މުރުތަޟާއާއި ތަހުނިޔާގެ ކައިވެނިކުރެވުނު ޙާލަތަށް ބަލާއިރު ، އެދެމީހުންނަކީ ، ހަނީމޫނަކަށްގޮސް ، އެކަކު އަނެކަކަށް އުފާކޮށް މަޖާކޮށް ހަދާވަރުގެ ގާތްކަމެއް އޮތްދެމީހެއްނޫނެވެ. އަދި އެދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުމަށް އެޅިފައިވާ ހުރަހަކީ ، އެހެންމީހުންނަށް ވިސްނޭވަރަށްވުރެ ބޮޑު ހުރަހެކެވެ.

އޮފީހުގައި މަސައްކަތް އޮތްވަރާއި އެދުވަސްވަރު ޗުއްޓީއެއް ނަގައިގެން އޮފީހަށްނުގޮސް ހުރުމަކީ ، އޭނާގެ ވަޒީފާވެސް ގެއްލިދާފަދަ ކަމެއްކަން ، މުރުތަޟާ އޭނާގެ މަންމަޔަށް ވިސްނައިދެމުން ގެންދިޔައެވެ. އެވާހަކަ އެތައްފަހަރަކު މަންމަގާތު އޭނާ ބުނެފިއެވެ. އިރުއިރުކޮޅުން އެވާހަކަ ފަށަފަށައިގެން ، މަންމަ އެދައްކަނީ ކީއްވެގެންކަންވެސް މުރުތަޟާއަށް އެނގެއެވެ. ކައިވެންޏަށް ތައްޔާރުވުމަށްޓަކައި ، ދެދުވަހެއްގެ ޗުއްޓީވެސް ލިބުނީ ވަރަށް އުނދަގުލުންކަން ، މުރުތަޟާ އޭނާގެ މަންމަޔަށް ސާފުކޮށްދިނެވެ.

" މުރުތަޟާއެވެ ! މުރުތަޟާގެ އޮފީހުގެ ރައްޓެހިން ކައިވެނި ޕާޓީއަށް އައިއިރު ، ހަނީމޫނަށް ދިއުމުގެ ހުރިހާކަމެއް އިންތިޒާމްކޮށްގެން އައިކަން އަހަރެންނަށް އެނގެއެވެ. ޗުއްޓީވެސް އޮތީ ލިބިފައެވެ. އެމީހުން އައީ ޓިކެޓްވެސް ހިފައިގެންނެވެ. ބަހަނާ ދައްކާނެކަމެއް ނެތެވެ. ތަހުނިޔާ މިގެޔަށްގެނެސް އަހަރެން މިލީ ، ވަރަށް ފޮނި އުއްމީދުތަކަކާ އެކީގައެވެ. ތަހުނިޔާއަށް ތަކުލީފެއްލިބޭނެ އެއްވެސްކަމެއް މުރުތަޟާ ކޮށްގެން ނުވާނެއެވެ. " ޙަފުޞާ އަމުރުކުރިއެވެ.

މުރުތަޟާވެސް ކުރަމުން އެގެންދަނީ އެމަސައްކަތެވެ. ތަހުނިޔާއަށް ތަކުލީފެއްލިބޭނެ އެއްވެސްކަމެއް  ނުކޮށްވޭތޯ ބަލަނީއެވެ. ކޮންމެ ކަމަކަށްވެސް ވަގުތު ބޭނުންވާނެއެވެ. ތަހުނިޔާއަކަށް މުރުތަޟާއާއެކީ ، މަސްހުނިވެ އުޅޭކަށް އަދި އެހާ ފަސޭހައެއް ނުވާނެއެވެ. އެކަމަށް ތަހުނިޔާއަށް ވަގުތު ދޭންޖެހޭނެއެވެ.

އެވާހަކަތައް ދައްކަމުން ދިޔައިރު ، އަޑުއިވޭހިސާބުގައި ކޮޓަރިން ބޭރުގައި ތަހުނިޔާ ހުށްޓެވެ. ވާހަކަ އެހިސާބަށްދިޔަތަނާ ، ތަހުނިޔާއަކަށް ނުހުރެވުނެވެ. ދައްތާއޭ ބުނެ ޙަފުޞާއާ މުޚާތަބުކޮށް ގޮވައިލަމުން އެކޮޓަރިތެރެޔަށް ތަހުނިޔާ ވަނެވެ. ތަހުނިޔާވެސް އެއްވެސްތާކަށް ނުގޮސް ގޭގައި މަޑުކުރަން ބޭނުންވާހަކަ ބުންޏެވެ.

ތަހުނިޔާގެ ވާހަކަޔަކަށް ޙަފުޞާ އަޅައެއް ނުލައެވެ. މުރުތަޟާގެ އޮފީހުގެ ރައްޓެހިން ރާވައިފައި އޮތްގޮތަށް ހަނީމޫނަށް ދާން ތައްޔާރުވުމަށް މުރުތަޟާއާއި ތަހުނިޔާއަށް އަމުރު ކުރިއެވެ. އެހިސާބުން އެކަން އެއޮތީ ނިމިފައެވެ. ޙަފުޞާ ބުނެފިއްޔާ އެބުނިގޮތެއް އެގޭގައި ވާން ޖެހޭނެއެވެ. ޙަފުޞާގެ ޙުކުން ބަދަލުކުރެވޭނެ އެއްވެސްމީހަކު އެގެޔަކު ނޫޅޭނެއެވެ. އެންމެފަހުން ، މަންމަގެ އަމުރަށް ކިޔަމަންވުމަށް ، މުރުތަޟާއަށް މަޖުބޫރުވިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.