ފަލްސަފާ - 1

ފަލްސަފާއަކީ ، ދުނިޔޭގައި ކަންކަން ހިނގާގޮތާމެދު ވިސްނައި ، އެކަންކަމުން ފިލާވަޅާއި ޢިބްރަތާ އަދި ޙިކުމަތް ލިބިގަތުމުގެ ޢިލްމެވެ. އަމިއްލަ ސިކުނޑިން ވިސްނައިގެން ހޯދާ ރަނގަޅު ގޮތްތަކާއި އުޞޫލުތަކެވެ. ފަލްސަފާ ވެރިންނަކީ ، ކަންކަން ހިނގާގޮތާމެދު ވިސްނައިގެން އެކަންކަމުން ޢިބްރަތާއި ޙިލްމުގެ ޢިލްމު ލިބިގެންވާ މީހާއެވެ. ރަނގަޅު ގޮތްތަކާއި އުޞޫލުތައް ހޯދާ އެ ހަމަތަކުގައި ހިފަހައްޓާ މީހާއެވެ.

ނޫރުލް ޢައިނަކީ ، އެހެންމީހުންނާ ޚިލާފަށް ، އޭނާގެ ދިރިއުޅުން ކުރިޔަށް ގެންދާނެގޮތް ، އޭނާ އަމިއްލަޔަށް ނިންމައި އެގޮތުގައި ދެމިހުރުމަށް ވިސްނާ ޒުވާން އަންހެން ކުއްޖެކެވެ. އެހެނަސް ، ނޫރުގެ އެއިން އެއްވެސް ކަމަކީ އެހެން އެކަކަށްވެސް ޤަބޫލުކުރެވޭ ކަންކަމެއްނޫނެވެ. ދިރިއުޅުމެއް ފެށުމަށް ވިސްނަންޖެހުނު ހިސާބުން ، ނޫރުގެ ވިސްނުމާއި ފިކުރު އޭނާ ސީދާކޮށްފައިވާ މަގަށް އަމާޒު ކުރިއެވެ. އެހެން އެއްވެސް މީހެއްގެ ނުފޫޒަކަށް އޭނާއެއް ނުހެއްލެއެވެ. އެހެން އެންމެންނާ ދެކޮޅަށް އޭނާ ތެދުވިއެވެ. އަދި އެންމެފަހުން ، އޭނާގެ  ފަލްސަފާގައި އޮތްގޮތަށް ، ނޫރު ، އޭނާގެ ދިރިއުޅުން ބަށްޓަން ކުރިއެވެ. އަމިއްލަ ހިތާ އަދި އޭނާގެ ޢާއިލާގެ ވިސްނުމާ މުޅިން އިދިކޮޅަށެވެ. ދިރިއުޅުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވުމަށްޓަކައި ، ހިތް ހަރުކޮށްފައި ، އަމިއްލަގޮތް އިސްކޮށްފައި އޭނާގެ ހިތްބުނާގޮތަށް ކުރިޔަށް ދިޔައެވެ.

ބައެއްފަހަރު ، އޭނާގެ ހިތް ނޫރުއަކަށް ކިޔަމަނެއް ނުވެއެވެ. އެންމެ ފުރަތަމަ ލޯބިވި މީހާގެ މަތިން އޭނާއަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. އެހެންނަމަވެސް ، ހިތާ ދެކޮޅަށްނަމަވެސް ،  އެހެން މީހަކާއެކު ދިރިއުޅުމަށް ކުރަން ޖެހުނު ހަނގުރާމަޔަށް އޭނާ ތައްޔާރު ވިއެވެ. ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކާ ކެރިގެން ކުރިމަތި ލިއެވެ.

އެއްފުރައިގެ ޒުވާން އަވަށްޓެރިންގެ މެދުގައި ، ކުޑައިރުއްސުރެ ދެކިފެނިވެ ، ދެކެފަރިތަވެ ، ބޮޑެތިވެ ފިރިފުރާވަރަށް އެޅުމުން ހިތްކިޔައި ރައްޓެހިކަން އުފެދުމަކީ ، ޢާންމު ކަމެކެވެ. އަދި ، އެ ރައްޓެހިކަން  ޒަވާޖީޙަޔާތަކާ ހަމަޔަށްގޮސް ، އެކުގައި ދިރިއުޅުމަށް ދަތުރުފެށުމަކީވެސް ހިނގަމުންދާ ކަމެކެވެ. ބައެއްފަހަރަށް ، ދެ ރައްޓެހިންގެ ގާތްކަން އުފެދި ، އެކަކު އަނެކަކަށް ހިތްކިޔައި ލޯބި އުފެދިގެންނެވެ. އަނެއްބައި ފަހަރަށް ދެފަރާތުގެ ޢާއިލާއަށް ، އޭގެ ދެމީހުން އެނގި ، އެދެމީހުންނާއި ޢާއިލާގެ ގާތްކަން ދަމަހައްޓަން ބޭނުންވެގެންނެވެ. އަދި ދެމީހުންގެ ނުވަތަ އެކެއްގެ އަޚުލާޤީ ސިފަތައް ފާހަގަކުރެވިގެން ، ރަނގަޅު ކުއްޖަކު ގެޔަށް ގެންނަންވެގެން ، ނުވަތަ ރަނގަޅު ކުއްޖަކާ ދެވަން ވެގެންނެވެ.

މުރުތަޟާގެ ގެ ހުންނަނީ ، ނޫރުލްޢައިނުގެ ގެޔާ ޖެހިގެން އެއްގެ ދޫކޮށް އެއްބަރިއެއްގައެވެ. އެއްގޭގެ ބެލްކަންޏަށް އަނެއްގޭގެ ބެލްކަނި ފެނެއެވެ. ބޮކި ދިއްލާފަ ހުންނައިރު ، ދޮރުފޮތި ކަހާލާފަ ހުރިއްޔާ ، ކޮޓަރިތެރެވެސް ފެންނަފަހަރު ދާނެއެވެ. ދެމީހުންނަކީވެސް ، ކުޑައިރުއްސުރެ އެދެގޭގައި އުޅެ ބޮޑެތިވެ ޒުވާނުންނަށްވެފައިވާ ދެމީހުންނެވެ. އެދެމީހުންނަށް ، އެކަކު އަނެކަކު ފެނި ، ހިތަށް އަސަރުކުރަންފެށީ ، ކޮލެޖްނިމިގެން އޮފީހަށް ނުކުންނަން ފެށިފަހުންނެވެ. ފިރިފުރާވަރަށް އެޅުމުން ، އެކަކުއަނެކަކު ފެނުމުން ދެމީހުންވެސް ހިތްކިޔާގޮތްވާން ފެށީއެވެ.

އެންމެފަހުން ، އެކަކު ގިނައިން ދާތަންތަނަށް އަނެކަކަށް ދެވެން ފެށިއްޖެއެވެ. ބެލްކަންޏަށް ނުކުމެ ކޮފީބޯން މަޑުކޮށްލާއިރު ، ލޮލުންނާއި އަތުންކުރެވޭ އިޝާރާތްތަކަށް އެކަށީގެންވާ ވަރަށްވުރެ ގިނައިރު ހޭދަވާން ފެށިއްޖެއެވެ. ނިދާގަޑީގައި ފޯނުކޮށްގެން މާފޮޅުވަން އެތައްއިރެއް ވެއެވެ. އެކަކު އަނެކަކަށް ސަމާސާ ކޮށްލެވި އެއީ ލޯބިންކޮށްލާ ކަމަކަށް ވެއްޖެއެވެ. އެކަކަށް އަނެކަކުގެ ނަން ގޭތެރޭގައި ގިނައިން ކިޔެން ފެށިއްޖެއެވެ. އެހެންމީހުންގެ ދުލުން އެނަން އަޑުއަހަން ، ޝަޢުޤުވެރިކަންވެސް ދެވެން ފެށީއެވެ. ދެގޭގެ މީހުންކުރެ ، އެއްގެއެއްގެ މީހުންނަށް އަނެއްގޭގެ މީހުން ފެންނަހިނދު ، ހީލެވެން ފެށި ހީލުންތަކުގައި ގާތްކަމުގެ ކުލަ ޖެހެން ފެށިއްޖެއެވެ. ގޭމީހުންގެ ސަމާސާގެ ތެރޭގައި އަޅުވާކިޔަންވެސް ފެށިއްޖެއެވެ. އެންމެފަހުން ، ބުޅާ ގޯނިން ނުކުމެއްޖެއެވެ. އެ ދެމީހުންގެ މެދުގައި އުފެދެމުންދާ ގުޅުން މީހުންނަށް އެނގިދާނެތީ ވެފައި އޮތް ޖެހިލުންވެސް ކެނޑިއްޖެއެވެ.

މުރުތަޟާއާއި ނޫރުލްޢައިން ނުވަތަ ނޫރުގެ ލޯބީގެ ވަސް ދެގެއިންވެސް ގަދަޔަށް ދުވަން ފަށައިފިއެވެ. ދެގޭގެ އެންމެންނަށްވެސް އެކަން ކަށަވަރު ވެއްޖެއެވެ. ދެމީހުންގެ އުޅުމާއި ގުޅުމާ އަދި ހުނުމުންވެސް އެކަން ސާފުވާން ފަށައިފިއެވެ.

ހެނދުނުގެ ނާސްތާއަށް އެންމެން ތައްޔާރުވެ ، މުރުތަޟާވެސް ނާސްތާކޮށްގެން އޮފީހަށްދާން ހިނގައިގަތެވެ. ފަސް އެނބުރި ބަލައިލުމަށްފަހު ، ރޭގަނޑުގެ ކެއުން އޮންނާނީ ބޭރުގައިކަމަށް މުރުތަޟާ އިޢުލާން ކުރިއެވެ. އެއީ ، އޭނާގެ ފަރާތުން މަންމައާއި ދައްތައަށް ދޭ ކެއުމެކެވެ. މުރުތަޟާގެ އިތުރުން އެގޭގައި ދިރިއުޅެނީ އޭނާގެ މަންމަ ޙަފުޞާ އާއި ދައްތަ ޠާހިރާއެވެ. ދެން އުޅެނީ ދައްތަގެ ހަތްއަހަރުގެ ފިރިހެންދަރިފުޅު އަރުސަލާނެވެ. ބައްޕައެއްގެ ފަރާތުން އަރުސަލާންއަށް ލިބެންޖެހޭ ހުރިހާކަމެއްގެ ޒިންމާ އަދާކުރަނީ މުރުތަޟާއެވެ. އަރުސަލާން ވިހޭތާ މާގިނަދުވަހެއްނުވެ ، ބައްޕަ ނިޔާވެ ، ޠާހިރާ ހުވަފަތް ވިއެވެ.

މުރުތަޟާ އެރޭ އެދޭ ކެއުމަކީ ކޮން މުނާސަބަތެއްގައި ދޭ ކެއުމެއްކަމެއް ހާމައެއް ނުކުރެއެވެ. އެއީ ކޮންކަމެއްގެ އުފަލުގައިދޭ ކެއުމެއްކަން ހާމަކުރަން މުރުތަޟާ ނިންމާނީ ވަގުތު ޖެހުނީމައެވެ. މުރުތަޟާގެ މަންމަ ޙަފުޞާ ޤަބޫލުކުރިގޮތުގައި އެވާނީ ، އޭނާގެ ދަރިފުޅަށް ވަޒީފާގެ ކުރިއެރުމެއް ލިބުނީކަމަށެވެ. ދެމައިންގެ ވާހަކައިގާ ނޫރުލްޢައިންގެ ވާހަކަވެސް އައެވެ. ނޫރު ، އެގެޔަށް އައުމުގެ ވަގުތު ޖެހުނީއެވެ. މުރުތަޟާގެ ވަޒީފާވެސް މަތިވެ މުސާރަވެސް ބޮޑުވީއެވެ. ދިރިއުޅުމެއް ފަށާހިސާބަށް ދިޔައީއެވެ. އެދެމީހުންގެ ކައިވެންޏާ ބެހޭގޮތުން ނޫރުގެ ބައްޕަ ވަސީމްއާ ވާހަކަ ދެއްކުމުގެ ވަގުތު ޖެހިއްޖެކަމަށް މުރުތަޟާގެ މަންމަ ޙަފުޞާ ނިންމިއެވެ.

އަރުސަލާނަށް ޓިއުޝަންދެނީ ، އެގެއާ ކައިރި ގެއެއްގައި ދިރިއުޅޭ ތަހުނިޔާ ކިޔާ ކުއްޖެކެވެ. އަރުސަލާނަށް ކިޔަވައިދޭން އޭނާ ފީއެއް ނުނަގައެވެ. އެއީ ވަރަށް އުނދަގޫވާ ކަމެއްގެ ގޮތުގައި ޠާހިރާ ފާހަގަ ކުރިއެވެ. އަދި ތަހުނިޔާއާ ވާހަކަ ދައްކައިގެން ފީއެއް ޤަބޫކުރަން އެއްބަސްވޭތޯ ބަލައިދިނުމަށް މަންމަގެ ކިބައިން އެދުނެވެ. ތަހުނިޔާއަކީ ، މުރުތަޟާގެ މަންމަ ، ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ. މިހާރު މިއުޅޭ ކުދިންނާ ވަރަށް ތަފާތު ޚުލްޤު ހެޔޮ ކުއްޖެކެވެ. މީހުންނަށްވެސް އެހާ ހެޔޮވާނެއެވެ. އަރުސަލާންގެ ފީގެ ކަންތަކުގައި ދެމައިންވެސް ނިންމީ ، ފީގައި ނުހިފަން ތަހުނިޔާ ނިންމައިފިއްޔާ ، ރަނގަޅު ހަދިޔާއެއް ދީގެން އެކަން ހަމަޖެއްސުމަށެވެ. ތަހުނިޔާއާއި ނޫރުއަކީ ވަރަށްގާތް ދެ ރަޙުމަތްތެރިންނެވެ. ކައިވެންޏާ ގުޅުވާފައި ، ނޫރުއަށް ހަދިޔާ ގަންނަންދާއިރު ، ތަހުނިޔާއަށްވެސް ހަދިޔާއެއް ގަންނާނީކަމަށް ދެމައިން ނިންމިއެވެ.

އޮފީހުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ނޫރު އަށް ފޯނެއް އައެވެ. ވަށްކަޅިޔަކުން ފޯނަށް ބަލައިލިއިރު ، އެއީ މުރުތަޟާގެ ފޯނެކެވެ. ދެމީހުން ދެމީހުންނަށް ސަލާމް ކޮށްލުމަށްފަހު ، މުރުތަޟާއާ ބައްދަލުކޮށްލަން ނޫރުގެ ކިބައިން އެދުނެވެ. އެހާ ކުއްލިގޮތަކަށް ބައްދަލުކޮށްލަން އެދުނީމަ ނޫރުއަށް ލިބުނު ޙައިރާންކަން ފާޅުކުރިއެވެ. މުރުތަޟާ ބުނިގޮތުގައި ، ބައެއް ބައްދަލުވުމުގެ ސަބަބާއި މަޤްޞަދު ހާމަކުރަން އޮންނަނީ ، ކުރިމަތީ އިންނަ މީހާގެ މޫނު ފެންނަގޮތަށް ، މޫނުން ފާޅުވާ އިޙްސާސްތައް ދެނެގަނެވޭ ގޮތަށެވެ. އެބައްދަލުވުމަކީ މުރުތަޟާއަށް ވަރަށް ޚާއްޞަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ، ނޫރުގެ މޫނުމަތިން ފާޅުވާ އިޙްސާސްތައް ދެނެގަތުމަށް މުރުތަޟާ ބޭނުން ވެއެވެ. ބައްދަލުވުން އިންތިޒާމް ކުރެވުނީ ، އެދެމީހުންގެ ގޭކައިރީހުންނަ ރެސްޓޯރެންޓެއްގައެވެ. މާ ދިގުކޮށް އިންތިޒާރުކުރަން ނުޖައްސައި ، ނޫރު ، އަވަހަށް އައުމަށް މުރުތަޟާ އެދުނެވެ. އޭރު ، ނޫރުގެ ފޯނުގެ ޗާޖްހުރީ ވަރަށް ކުޑަ ކޮށެވެ. ފަހަރެއްގައި ފަހުން ނުގުޅިދާނެ ވާހަކަ ބުނުމަށްފަހު ، އޭނާ ގަޑިއަށް ދާނެވާހަކަ ބުނެވުނީ ކިރިޔާއެވެ. ނޫރުގެ ފޯނުގެ ޗާޖު އެއްކޮށްގޮސް ފޯނު ނިވުނެވެ.

ރެސްޓޯރެންޓަށް ދިޔަމަގުމަތީގައި މުރުތަޟާ ދިޔައީ ރީތި މާބޮނޑިއަކާއި ، ނަލަނަލަ އަނގޮޓިއެއް ގަނެގެންނެވެ. ނޫރުވެސް އަވަސް އަރުވާލާފައި އޮފީހުން ނުކުމެ ކާރާދިމާއަށް ހިނގައިގަތެވެ. އެވަގުތު ، މަގުމަތީގައި ކަންބޮޑުވެފައިހުރި ތަހުނިޔާ ، ނޫރުގެ ލޮލުގައި އަޅައިގަތެވެ. ތަހުނިޔާ ފެނުމާއެކު ކައިރިޔަށްގޮސް ޙައިރާންވެފައި ތިބެ ދެމީހުންވެސް އެކަކު އަނެކަކަށް ބައްދައިލިއެވެ. ތަހުނިޔާ މަޑުކޮށްގެން އެހުންނަނީ އޭނާގެ ބައްޕަ ، އޭނާ ބަލައި އަންނަންދެނެވެ. އޭނާ އައިސް އެއުޅެނީ ވަޒީފާގެ ބަސްދީގަތުމަކަށެވެ. އެކަން ނިންމާފައި ، ނުކުމެ ބައްޕަ ނައިސްގެން އެތާ ހުންނަތާ އެތައް އިރެއް ވެއްޖެއެވެ. އެހެންކަމުން ، ވަކި އެހެންތަނަކަށް ނުދަންޏާ ގެޔަށްދާ މަގުމަތީ އޭނާ ގެޔާ ހަމަޔަށް ގެންގޮސްދިނުމަށް ތަހުނިޔާ އެދުނެވެ. ނޫރު އަށް ހަދާނެގޮތް ބޮޑުވިއެވެ. މުރުތަޟާ މިހާރު އިންނާނީ ރެސްޓޯރެންޓަށްގޮސް އޭނާގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. ކެތްތެރިވުމަކީ މުރުތަޟާގެ ތަބީޢަތުގައި ހުންނަ ސިފައެއްނޫންކަން ނޫރުއަށް އެނގެއެވެ. ތަހުނިޔާ އެތާ ބަހައްޓާފައި ދިއުމަކީވެސް ކުރަން ބޭނުންވާ ކަމެއްނޫނެވެ. އެހެން ހަދާވަރަށްވުރެ ތަހުނިޔާއާއި ނޫރުގެ ގާތްކަން ބޮޑެވެ. ސްކޫލް ދައުރުއްސުރެ ، އެއީ ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.

ތަހުނިޔާ އޭނާގެ ކާރަށް އަރުވައިގެން ދެ ރަޙުމަތްތެރިން އެކިވާހަކަ ދައްކައި ސަމާސާ ކުރަމުން ގެންދިޔައެވެ. އަރުސަލާންވެސް މިހާރު ހުންނާނީ ޓިއުޝަނަށް އައިސް އޭނާގެ އިންތިޒާރުގައެވެ. ތަހުނިޔާގެ ދުލުން އިންތިޒާރުގެ ބަސް އިވުނުތަނުން ، މުރުތަޟާ އޭނާގެ އިންތިޒާރުގައި އިންނާނެކަން ވިސްނި ، އެކަމާ ކަންބޮޑުވިއެވެ. ނޫރުގެ ކަންބޮޑުވުމުން ، އޭނާ ކަންބޮޑުވެފައި އެއިނީ މުރުތަޟާއާ ބައްދަލުކުރަން ނުދެވި ލަސްވެގެންކަން ތަހުނިޔާ ދެނެގަތެވެ. އަދި ، އެވާހަކައިން ، ނޫރުއާ ސަމާސާކޮށްލިއެވެ. ނޫރުގެ ފޯނުގެ ބެޓެރީ އެއްކޮށް އޮތީ ހުސްވެފައެވެ. ތަހުނިޔާ ގެޔަށްލާން ދާންޖެހިގެން އިތުރަށް ލަސްވާނެކަން މުރުތަޟާއަށް އަންގައިލާން ޖެހޭނެއެވެ. އެހެން ނޫނީ މައްސަލަ ވަރަށް ގޯސް ވާނެއެވެ. އެހެންކަމުން ، ތަހުނިޔާގެ ފޯނުން މުރުތަޟާއާ ގުޅައިލަ ދިނުމަށް ނޫރު އެދުނެވެ. މުރުތަޟާ އިނީ ނޫރުއަށްވެސް ތާޒާ ޖޫސްތަށްޓަކަށް އޯޑަރުކޮށްގެން ، ނޫރު ނައިސްގެން ކެތްތެރިކަން ކޮޅުންލާފައެވެ.

މުރުތަޟާއަށް އައިފޯނު ނަގައި ތަހުނިޔާއަށް ޖަވާބުދިނެވެ. ފޯނުން ވާހަކަ ދައްކަނީ ނޫރުކަމަށް ، ނޫރު ބުންޏެވެ. އޭނާގެ ފޯނުގެ ބެޓެރީ އެއްކޮށް ހުސްވެފައި އޮތީމަ ، ތަހުނިޔާގެ ފޯނުން ފޯނުކުރަން ޖެހުނީއެވެ. ތަހުނިޔާ މަގުމަތީ ހުއްޓާ ފެނިގެން ، އޭނާ ގެޔަށް ގެންގޮސްދޭންޖެހިގެން ލަސްވާނެ ކަމަށާއި ، އެކަން ކޮށްލާފައި ލަސްނުވެ މުރުތަޟާގާތަށް ދާނެވާހަކަ ނޫރު ބުންޏެވެ. އެކަމާ މުރުތަޟާ ހިތްހަމައެއް ނުޖެހުނެވެ. ނޫރުއަށް އިންތިޒާރުކޮށްގެން މުރުތަޟާ އިންނަތާ އެތައް އިރެއް ވެއްޖެއެވެ. ކުރިން ރާވާފައި އޮތްކަމެއްގެ ތެރެޔަށް އެހެންކަމެއް ވަނުމަކީ މުރުތަޟާ އެދޭކަމެއްނޫނެވެ. ނޫރު އެކަމަށް މާފަށް އެދިއެދި އޮއްވާ ، އޭނާދެން މަޑެއް ނުކުރާނަމޭ ބުނެ މުރުތަޟާ ފޯނު ކަނޑައިލިއެވެ.

ތަހުނިޔާއާހުރެ ، ނޫރުދެކެ މުރުތަޟާ ރުޅިއަންނަން ޖެހުނީތީ ، ތަހުނިޔާ އިނީ ވަރަށް ކަންބޮޑުވެފައެވެ. އެކަން ދިމާވީ އޭނާގެ ސަބަބުންކަމަށްބުނެ ، މުރުތަޟާގެ ކިބައިން މަޢާފަށް އެދުނުވާހަކަ ބުނެދޭން ތަހުނިޔާ އެދުނެވެ. އެވަގުތު އަނެއްކާވެސް މުރުތަޟާއަށް ފޯނެއް އައެވެ. ނަގަން ނުނަގަންހުރެފައި ފޯނު ނެގިއިރު އެއީ އަރުސަލާނެވެ. އަރުސަލާން ފޯނުކުރީ ، ރޭގަނޑުގެ ކެއުމަށް ބޭރަށްދާން އެންމެން އިންތިޒާރުގައި ތިބި ވާހަކަ ބުނަންވެގެންނެވެ.ހަމަ މިހާރު ، ބޭބެ މިދަނީ ގެޔަށް ކަމުގައި ބުނެ ، އަރުސަލާނަށް ޖަވާބުދިނުމަށްފަހު ، ނޫރުއަށް ދޭން ގެނައި ތަކެތި ހިފައިގެން މުރުތަޟާ ނުކުތެވެ.

ނޫރުއަށް ގޭދޮށަށް އާދެވުނީ މުރުތަޟާ އައިސް މަޑުކޮށްލައި ކާރުން ފޭބިތަނާއެވެ. ނޫރުއާއި ތަހުނިޔާއާ ދެމީހުން މުރުތަޟާއަށް ހީލިއެވެ. އެހެންނަމަވެސް ، ތަހުނިޔާއަށް ގޮވާލައި ސަލާމް ކޮށްލައި ، މުރުތަޟާ އިޖާބަދިނީ ހަމައެކަނި ޔަހުނިޔާގެ ހީލުމަށެވެ. ނޫރުއާ ދިމާއަށް ބަލައިވެސް ނުލައި ގޭތެރެޔަށް ވަދެގެން ދިޔައެވެ. ނޫރު އިނީ ވަރަށް ދެރަވެފައެވެ. މުރުތަޟާގެ ޢަމަލުހުރިގޮތުން ތަހުނިޔާވެސް އިނީ ވަރަށް ކަންބޮޑުވެފައެވެ. މުރުތަޟާއާ ބައްދަލުކުރަން ދާން އޮތްވާހަކަ ނުބުނީތީ ، ތަހުނިޔާ ދެރަވިއެވެ. ނޫރުއަށް ޝަކުވާކޮށްގަތެވެ. މުރުތަޟާއާއި ނޫރުއާ ދެމީހުންގެ މެދުގައި ދިމާވާ ކަންކަމުގައި ، ގިނަފަހަރަށް ހިތްހަމަނުޖެހިގެން ރުޅިއާދެވެނީ ނޫރަށެވެ. މިއަދު އެއޮތީ ނޫރުއަށް އެކަން ހަމަޖައްސަން ޖެހިފައެވެ. މުރުތަޟާ ހަމަޖައްސައިލަން އޭނާ މަސައްކަތްކުރާނެކަމަށާއި އެކަމާ ތަހުނިޔާ ކަންބޮޑު ނުވުމަށް ނޫރު އެދުނެވެ. ލޯތްބަކީ އެކަހަލަ ފާޑެއްގެ އެއްޗެކެވެ.

ތަހުނިޔާ ގެޔަށް ލުމަށްފަހު ، އަވަސް އަވަހަށް ގެޔަށް އައިސް ، ނޫރު އަވަސްވެގަތީ މުރުތަޟާއާ ބައްދަލުކުރުމަށް އެގެޔަށް ދިއުމަށެވެ. ހެދުން ބަދަލުކޮށްލައި ރީތިވެލައިގެން ، ނުކުންނަނިކޮށް ނޫރުގެ ފަހަރި ރައިދާއާ ދިމާވިއެވެ. މާއަވަސް އަރުވާލައިފާ އެދަނީ ، ނޫރުގެ ފަހަތުން މީހަކު އަޅައިގަނެގެން އުޅެނީތޯ ރައިދާ ސުއާލުކުރިއެވެ. ރަކި ހިނިތުންވުމެއްގައިހުރެ ، ނޫރު ޖަވާބު ދިނެވެ. އޭނާއެދަނީ އޭނާގެ ފަހަތުން މީހަކު އަޅައިގަނެގެންނެއް ނޫނެވެ. އޭނާއަށް މީހެއްގެ ފަހަތުން އަޅައިގަނެވުނީއެވެ.

މުރުތަޟާ ، އޭނާގެ ޢާއިލާގެ އެންމެން ބާޒާރުކޮށްލަން ޝޮޕިންގމޯލްތަކަށް ގެންގޮސް ، ރޭގަނޑުގެ ކެއުމަށް އެގެންދަނީ ކޮން މުނާސަބަތެއްގައިކަމެއް ، އެއްވެސް މީހަކަށް އަދި ނޭނގެއެވެ. އެންމެންވެސް ތިބީ ޙައިރާންކަމެއްގެ ތެރޭގައެވެ. އެ ޙައިރާންކަން ނެތިކޮށްލަން މުރުތަޟާ ރޭވި ފުރަތަމަ ބައްދަލުވުން އެއޮތީ ނާކާމިޔާބު ވެފައެވެ. އެކަން އިޢުލާންކުރުމަށް ބައްދަލުވުމެއް އިންތިޒާމްކުރި ނަމަވެސް ، އޭނާގެ ލޯބިވެރިޔާ ނޫރަކަށް ނާދެވުނެވެ. އެވާހަކަ ކޮންމެ ތާކު ، ކޮންމެ އިރަކުވެސް އިޢުލާންކުރުމަކުން މިހާރު މުރުތަޟާއަކަށް ތަފާތެއް ނެތެވެ. އެންމެ ފުރަތަމަ ، އެ އުފާވެރި ޚަބަރު އިއްވައިލުމަށް އޭނާ ބޭނުންވި ކަންފަތަށް ، އެއަޑު އަހާކަށް އޭނާގާތަކަށް ނާދެވުނެވެ. މުރުތަޟާއަށްވުރެ ، ނޫރުގެ ރަޙުމަތްތެރިޔާ ތަހުނިޔާ ، ނޫރަށް މާ މުހިންމުވީއެވެ. އެކަން ވީގޮތެއް ބަލާކަށްވެސް މުރުތަޟާ ބޭނުމެއްނޫނެވެ. އެބައްދަލުވުމަށް ނޫރުއަށް ނާދެވޭޏެ ސަބަބެއް ދިމާވެގެން ނުވާނެއެވެ.

މުރުތަޟާ މިއަދު އެއުޅެނީ  ކޮންފަދަ އުފާވެރިކަމެއް ލިބިގެންތޯ ، ރެސްޓޯރެންޓަށް ދިޔަމަގުމަތީ ، މަންމަ ސުއާލު ކުރިއެވެ. އެވާހަކަ އިޢުލާން ކުރުމަށް އެންމެ މުނާސަބު ގަޑިޔަކީ އެއީކަމަށް މުރުތަޟާ އަށް ފެނުނެވެ.

" އަހަރެން މެނޭޖަރެއްގެ މަޤާމަށް ބަދަލުވެ ، ވަޒީފާގެ ކުރިއެރުން ލިބުނީއެވެ. މުސާރަވެސް ބޮޑުވެއްޖެއެވެ. " ކާރު ދުއްވަމުން ، އެ އުފާވެރި ޚަބަރު ، މުރުތަޟާ އޭނާގެ ޢާއިލާއަށް ދިނެވެ.

ކާރު ތެރޭގައިތިބި އޭނާގެ މަންމައާއި ދައްތައަށް އެވަގުތު އެލިބުނު އުފާވެރިކަން ކޮޅުންލިއެވެ. ކުޑަކުޑަ އަރުސަލާންވެސް އުފަލުން ފޮޅުނެވެ. އެވާހަކަ އެންމެ ފުރަތަމަ ، ނޫރުލްޢައިނުގާތު ނުބުނީތީ ، ދައްތަ ޝަކުވާ ކުރިއެވެ. އެފަދަ އުފާވެރި ޚަބަރެއް އެންމެ ފުރަތަމަ ދޭންޖެހޭނީ ނޫރަށެވެ. އެއީ ޙަޔާތުގެ ދިގު މަގުގައި މުރުތަޟާގެ އަތުގައި ހިފައިގެން ކުރިޔަށް ހިނގަންހުރި މީހާއެވެ.

އެ އުފާވެރި ޚަބަރު ނޫރުގާތު ނުބުނެ އޮންނާނެކަމަކަށް މަންމަޔަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. އެ އުފާވެރިކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ، ނޫރާއި މުރުތަޟާގެ ކައިވެނީގެ ވާހަކަ ނޫރުގެ ބައްޕަޔާ ދެއްކުމަށް ، މަންމައާއި ދައްތަވަނީ ނިންމާފައެވެ. އެވާހަކަ މަންމައާއި ދައްތަ ދައްކައި ، އެކަމާ މަޝްވަރާކުރީ މިއަދު ހެނދުނުއެވެ. ލަހެއް ފަހެއްނުވެ ، އެކަން ކުރުމުގެ ވަގުތު ހަމަ މިއަދު އައިސް އެ ޖެހުނީއެވެ. އެހެންނަމަވެސް ، އެކަމާމެދު ، އެންމެ ފުރަތަމަ ހޯދަން ޖެހޭނީ ، މުރުތަޟާގެ ޖަވާބެކެވެ.

މަންމަ އެކަމާ ބެހޭގޮތުން ސުއާލު ކުރުމުން ، ބުނާނެ ވަކި އެއްޗެއް މުރުތަޟާއަކަށް ނޭނގުނެވެ. އޭނާގެ މޫނުމައްޗަށް ވެރިވީ ލަދުވެތިކަމެވެ. މުރުތަޟާގެ ހިތުގައި ފޮރުވިފައިވާ ޖަވާބު ދިނީ ދައްތަ ޠާހިރާއެވެ. އެއީ ، މުރުތަޟާ އެދޭގޮތްކަމަށް ބުނެއެވެ. އޭނާގެ ހިތް ދައްތަޔަށް އެނގޭނެކަމަށް ބުނެ ، އެކަމަކުވެސް ތިމަންނަޔަށް ފެންނަނީ .......

" ދެން އިތުރަށް ވާހަކަ ނުދައްކާށެވެ ! އިތުރަށް ދެން އިންތިޒާރެއް ނުކުރެވޭނެއެވެ. އަހަރެންގެ ގެއިން އުފާވެރިކަން ދެކިލުމަށް ލައްކަ ދުވަހު އިންތިޒާރު ކުރެވިއްޖެއެވެ. ދެން ކުރަންވީކަމެއް އެނގޭނީ އަހަރެންނަށެވެ. " މުރުތަޟާގެ ވާހަކަ ނުނިމެނިސް ޙަފުޞާ އޭނާގެ ގޮތް ނިންމިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.