ޑރ. ޖަމީލު ޕީޕީއެމް އިން ވަކިވެއްޖެ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕީޕީއެމް އިން ވަކިވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ޓީމުގައި ވެސް މިހާރު ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު ޕީޕީއެމް އިން ވަކިވެވަޑައިގެންފައި މިވަނީ ރައީސް ޔާމީން ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ވަނިކޮށެވެ.

ޑރ. ޖަމީލު ޕީޕީއެެމް އިން ވަކިވެވަޑައިގެން ވިދާޅުވީ ޕީޕީއެމްގައި އޭނާ ދެމިހުންނެވީ ރައީސް ޔާމީންގެ ވިސްނުންފުޅާއި ފިކުރުގެ މަތީގައި ހިންގާ ޕާޓިއަކަށް އެ ޕާޓީ އޮތުމުން ކަމަށެވެ. އަދި އެ ޕާޓީން ވަކިވީ އެކަން ނެތިދިޔުމުން ކަމަށެވެ.

ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ރައީސް ޔާމީން އާ ދޭތެރޭގައި ކަންތައް ކުރެއްވީ ވަރަށް ވެސް އިހާނާތްތެރިކޮށް ކަމަށާއި އެހެންކަމުން ޕީޕީއެމްގައި މިހާރު ދެމިހުންނެވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންނެވީ ރައީސް ޔާމީންގެ އަސާސްތަކާއި އެމަނިކުފާނުގެ ވިސްނުންފުޅާއި ތަރައްގީއާއި އެމަނިކުފާނު ރާއްޖެއަށް ގެންނެވި ބަދަލުތައް ވިއްކައިގައި ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިދިޔަ ކެމްޕެއިންގައި ރައީސް ޔާމީންގެ މަސައްކަތްޕުޅުތައް ވިއްކިކަން ފާހަގަ ކުރައްވާ ވިދާޅުވީ ވެރިކަން ލިބިވަޑައިގަތުމުން މިއަދު ރައީސް ޔާމީންގެ އިރުޝާދު ބޭނުން ނުވާކަންވަރަށް ސާފުކޮށް ހާމަވަމުން އަންނަކަަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން މިހާރު އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓާވާފައި ވާއިރު، ރައީސް ޔާމީންގެ ސިޔާސީ ވިސްނުންފުޅާއި ތަޖުރިބާ ގަބޫލު ކުރައްވައިގެން އެމަނިކުފާނާ އެކުގައި އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މުސްތަގްބަލުގައި ވެސް ހުންނަވާނީ ޔާމީނާ އެކުގައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.