ޕްރޮގްރެސިވް ކޯލިޝަން ގެ ފަރާތުން މިރޭ އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
އެ ކޯލިޝަނުން ބުނީ މިއީ އެ ކޯލިޝަންގެ ހަރަކާތު ކޮމެޓީން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ.
މިރޭ 20:30 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފަށާ މި ހަރަކާތަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތުހުމަތުގައި ހައްޔަރުކޮށް، ވާނުވާގައި ބާތިއްބާފައިވާ މީހުންގެ ދިފާއުގައި ބާއްވާ ހަރަކާތެއް ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
" މި އެއްވުމަކީ އަދުލު އިންސާފުގެ ދާއިރާ ބަޔަކު ހިސާރުކޮށްފައިވާތީ އިންސާފު ނުލިބޭނެ ހާލަތެއް އޮތުމުން ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ބާއްވާ ހަރަކާތެއް." ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަނީ ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ.
އެ މައްސަލައިގާ މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.