
ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ރިޔާސަތުގެދަށުން މިއަދު ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި އެޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާފައިވަނިކޮށް، އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ ރިޔާސަތުގެދަށުން މިރޭ ކައުންސިލް ބައްދަލުވުމެއް ބާއްވައިފިއެވެ.
ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީނަށް ތާޢީދުކުރައްވާ މެމްބަރުންނާ އެކު މިރޭ ދަރުބާރުގޭގައި އެމަނިކުފާނު ބޭއްވި ބައްދަލުވުމުގައިވެސް ވަނީ ޕާޓީގެ ސެކްރަޓަރީ ޖެނަރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާފައެވެ. މިއަދު ރައީސް މައުމޫން ބޭއްވި ކައުންސިލް ބައްދަލުވުމުގައި، އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގައި މިހާތަނަށް ހުންނެވި ޢަބްދުލް ޢަލީމް ޢައްޔަންކުރައްވާފައިވާއިރު، ރައީސް ޔާމީން ބޭއްވި ބައްދަލުވުމުގައިވަނީ ސެކްރެޓަރީ ޖެނެރަލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ޢައްޔަންކުރައްވާފައެވެ.
އަދި ސަރުކާރުން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލު ކުރައްވާނެ ދެ ބޭފުޅުން ވެސް ރައީސް ޔާމީން ބޭއްވި ކައުންސިލް ބައްދަލުވުމުން ވަނީ ނިންމަވައިފަ އެވެ. އެއީ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ.
އެހެންނަމަވެސް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދަކީ ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ދެމެމްބަރުންކަމުގައި ރައީސް މައުމޫންވަނީ ކުރިން ނިންމަވާފައެވެ.