(15 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތޭވީސް ވަނަ ބައި
''ޑޮކްޓަރ އަރުޝަދު، އަމިއްލަ ލޭ ކުރިމަތިން ފެނުނީމަ އެނގެންވާނެ! މިއީ އަހަރެންގެ ދެ ލޮލުގެ ނޫރުކަމުގައިވާ ޒިވިޔާގެ ދަރިފުޅު ޢަމްރު! އަރުޝަދު ތިއީ މި ކުއްޖާގެ ބައްޕަ!''
މަޖީދު ވާހަކަ ކުރުކޮށްލީ އެވަގުތަށް މާގިނަ ވާހަކަ މުހިންމު ނުވާނެތީއެވެ. މަޖީދުގެ ވާހަކަ އަޑު އިވުމުން ކުޑަކުޑަ ޢަމްރު އަރުޝަދުގެ މޫނަށް ބަލަން ހުރެފައި މަޖީދުއާ އިތުރަށް ގާތްވެ މަޖީދުގެ ފައިގެ ފަލަ މަސްގަނޑުގައި ދެއަތުން ހިފާ ބައްދައިގަތެވެ.
ދެކެވުނު ވާހަކަ އަޑުއަހަން ޢަމްރުއަށް ނުހުރެވުނީއެވެ. ނުވަތަ އެ ކުޑަކުޑަ ކުއްޖާގެ ވިސްނުމަށް ދެކެވުނު ވާހަކަ ފަހުމު ނުވީއެވެ. ޒިވިޔާ އިސްއުފުލާ އަރުޝަދަށް ބަލައިލީ މަޖީދުގެ ވާހަކަ އަކީ ތެދުކަން ޔަގީން ކޮށްދިނުމަށެވެ. އަރުޝަދު ވެސް ބަލައިލީ ޒިވިޔާއަށެވެ. އަރުޝަދު ޒިވިޔާއަށް ބަލައިލުމުން މަޑުމަޑުން ބޯޖަހާލީ ހިނިތުން ވުމަކާ އެކުގައެވެ. ތެދެކޭ ބުނަފަދަ މޭރުމަކުންނެވެ. އެ ވަގުތު އަރުޝަދު ހަނދާނަށް އައީ އެދެމީހުންގެ ދެމެދު ހިނގި އެންމެ ރެއެއްގެ އެ ޙާދިސާއެވެ. އެރޭ، އެ ބީހުން، އެ އުފާ، އެ ޚާއްސަ ވަގުތު ކޮޅު އަރުޝަދު ހަނދާން ނެތޭނީ ކިހިނެއްހެއްޔެވެ! އަރުޝަދުގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖަހައިލި ވަގުތު ކޮޅަކީ އެ ވަގުތު ކޮޅުވިއްޔާއެވެ.
އަރުޝަދު ތިރިވެ ޢަމްރު ގެނެސް މޭގާ ޖައްސާލަން އުޅުނެވެ. ޢަމްރު އަތުގައި ހިފައިލުމުން އަމްރު ހިފީ މަޖީދުގެ އަތުގައެވެ.
"ދަރިފުޅާ! މިއީ ދަރިފުޅުގެ ބައްޕައޭ! އަސްލު ބައްޕަ އިނގޭ!"
މަޖީދު އަމްރުއަށް ވިސްނޭނެހެން ވާހަކަ ދެއްކޭތޯ ބެއްޔެވެ.
އަމްރުއަށް ލިބުނީ ސިހުމެކެވެ. މިތަނުން އަމްރުގެ އަސްލު ބައްޕައަކީ ކާކުހެއްޔެވެ! އެކުޑަކުޑަ ހިތް ރުހުނީ އަރުޝަދަށެވެ. ބައްޕައެއްގެ ގޮތުގައި ބަލައިގަތީ އަރުޝަދެވެ. އަރުޝަދުގެ މޫނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު މަޖީދުގެ ގައިން ދޫކޮށްލުމަށްފަހު އައިސް އަރުޝަދުގެ އުނގުތެރެއަށް ވަނެވެ.
އެވަގުތަކީ އަރުޝަދަށް މިހާތަނަށް ލިބުނު އެންމެ އުފާވެރި ވަގުތުކޮޅުކަމުގެ އިޙުސާސް ކުރެވި ދެ ލޮލުން ފެން އަންނަގޮތް ވެއްޖެއެވެ. ޢަމްރު އުރާލައިގެން އަރުޝަދު އެނބުރުނީ ހާމަ އުޑާ ސާފު ނޫކުލައިގެ ކަނޑު ފެންނަން އޮތް އެ ކޮޓަރީގެ ކުޑަ ދޮރު ކައިރިއަށެވެ.
ޒިވިޔާގެ ލޮލުން އަބަދުވެސް ފޭބީ ލޭ ކަރުނައެވެ. ހިތާމަޔާ ހިތްދަތި ކަމުގެ ކަރުނައެވެ. ވޭނާ ކެކުޅުމުގެ ކަރުނައެވެ. އެހެންކަމުން އުފަލުގެ ކަރުނަ ޒިވިޔާގެ ލޮލުން ފޭބުންވީ ޒިވިޔާއަށް ގަބޫލުކުރަން ދަތި ކަމަކަށެވެ. އެތައް އަހަރަކަށްފަހު މިއަދު ފުރަތަމަ ފަހަރަށް ޒިވޔާގެ ދެ ލޮލުން ހަޤީޤީ ހިތްހަމަ ޖެހުމާ ދިރިއުޅުމުގެ އުންމީދުގެ ކުލަވަރު ފާޅުވެއްޖެއެވެ.
އަލަށް ބައްދަލުވި ދެ ބަފައިންގެ ފުރަތަމަ ބައްދަލުވުން ކިތަންމެހާވެސް އަސަރު ގަދައެވެ. އަރުޝަދު އިރު އިރުކޮޅާ ޢަމްރުގެ މޫނަށް ބަލަން ހުރެއެވެ. އަދި އެތައްފަހަރަކު ގެނެސް މެއާލާ ބޮނޑިކޮށްލިއެވެ. މޫނަށް ބޮސްދީ ދޮންނަގާ ހެދިއެވެ. މަޑުމަޑުން ބައެއްފަހަރު ބުރަކަށީގައި ޖަހާލައެވެ. ފިރުމާލައެވެ. އަރުޝަދު ޢަމްރު ދެކެ ވަރަށް ލޯބިވާކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
މި މަންޒަރު ބަލަން ދުރުގައި ހުރި މަޖީދުއަށް ކެތް ނުކުރެވުނުކަން އެނގުނީ ދެ ލޮލަށް ޖަމާވި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބާން ތައްޔާރުވުމުނެވެ. އެހެންކަމުން އިސް އޮބާލައިގެން ހުރެ މަޑު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނިކުމެ ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކޮޓަރީގައި ދެން ތިބި މީހުންނަށް ވަގުތު ވެސް ދެމުންނެވެ.
ބައްޕަ ނިކުތުމުން ޒިވިޔާ ގޮވައިލީ އަރުޝަދަށެވެ.
''އަރޫ، ގަޑި ނުޖެހޭތަ!''
އަރުޝަދު ހުވަފެނަކުން ހޭލެވުނުހެން ތެޅިގެންފާ ގަޑި ބަލައިލިއެވެ. އޭރު ގަޑި ޖެހިގެން ދިހަ މިނިޓު ހިނގައިފިއެވެ. މިއީ އަރުޝަދުގެ ޢުމުރުގައިވެސް ގަޑި ޖެހުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ތެޅިގެންފައި ގޮސް ޒިވިޔާ ގާތު އެނދުގެ މަގަތުގައި އިށީނދެ ޢަމްރު ޒިވިޔާ ގާތު ބައިންދަމުން ޑޭޑީ ޑިއުޓި ނިންމާފަ އަންނަންދެން މަޑު ކުރާށޭ ބުނެފައި ޒިވިޔާގެ އަތުގެ އިނގިލިތަކަށް ފިތާލަމުން އެ ދެލޮލަށް ބަލައިލިއެވެ. ނިކަން ލޯބިންނެވެ. ހިނތުންވުން އެ ދެތުންފަތުން ފިލައި ނުދެއެވެ. އަދި ދެން ނިކުމެގެން ހިނގައިގެންފިއެވެ.
ކޮޓަރިން ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނދެއިން މަޖީދު އަރުޝަދުގެ ލޮލުގައި އަޅައިނުގަތީ އެވަގުތު ލަސްވެފައި ހުރީމައާއި މީހާއަށް އައިސްފައި ހުރި ޖޯޝަކުންނެވެ.
ޒީނާ ގޭގެ ދޮރުން ނިކުތީ ގަދަ ހިތްވަރަކާ ވަރުގަދަ ޢަޒުމެއްގައެވެ. މަގުމައްޗަށް ނިކުމެ ޓެކްސީއަކަށް އަތް ހިއްލާލިއިރު ވެސް އަޅަން މިއުޅޭ ފިޔަވަޅާމެދު މާ ބޮޑުޔަގީންކަމެއް ނެތެވެ. އެވަރު ހިތްވަރެއް ލިބިދާނެ ކަމާމެދުއެވެ.
ޓެކްސީ މަޑުކުރީ އައިޖީއެމް ހޮސްޕިޓަލުގެ މައި ދޮރަށްވުރެ ތަންކޮޅެއް ދުރަށެވެ. އެއީ ޒީނާ ބޭނުންވި ގޮތެވެ. ޒީނާގެ ހިނގުން އަވަސްކޮށްލައި ބާރުކޮށްލިއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ލަސްވެގެން އުޅޭހެންނެވެ.
ޒިވިޔާ އޮތް ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމަށްފަހު އެތެރެއިން ހުއްދަ ލިބެންދެން މަޑުކުރުން ވެސް ވީ ޒީނާއަށް އުނދަގޫ ކަމަކަށެވެ.
އެކުވެރިޔާ ފެނުމުން ޖޫސް ފޮދެއް ބޯލަން އެނދުގެ މެދުގައި އިށީނދެ އިން ޒިވިޔާގެ ދެލޯ އުފަލުން ފުރިގެން އައެވެ. މޫނުމަތި އުޖާލާވެ ހިނިތުންވެވުނެވެ. ޒީނާއަށް އެވަގުތު ހީނލުންވެސް ވީ ވަރަށް ބުރަކަމަކަށެވެ. ހިތްވަރު ކުރަން ޖެހުނު ކަމަކަށެވެ. އެންމެފަހުން އައިސް ގަދަކަމުން ހީނލަމުން ބޮނީ ކޯޗެއްތޯ އަހައިލިއެވެ. ޒިވިޔާއަށް ޖޫސްތަށި ދިނުމަށްފަހު ޒުބޭދާ ހުރީ ބޭރަށް ޖެހިލަން ބޭނުންވެފައި ކަމަށްވާތީ ޒީނާ ވަނުމުން އެއްޗެއް ކާލައިގެން އެބަ އަންނަމޭ ބުނެ ބޭރަށް ހިނގައްޖެއެވެ. ޒިވިޔާ ޖޫސް ފޮދު ބޮމުން ދިޔައިރު ޒީނާ ވިސްނަމުން ދިޔައީ ޒިވިޔާއާ ކުރިމަތިލާނެ ގޮތެކެވެ.
ތަށި ހުސްކުރުމުން އެތަށި އަތުލަމުން ޒިވިޔާ ގާތު އޮށޯންނަށް ޒީނާ ބުންޏެވެ. ޒިވިޔާ އެހީ ޒީނާގެ ދަރިފުޅާ ބެހޭ ގޮތުންނެވެ. ބޭނުންވީ ޒިވިޔާގެ ލޯބިވާ އަރުޝަދާ ބައްދަލުވެ އެންމެ ލޯބިވާ ދަރިފުޅުގެ ބައްޕަ އެ ދަރިފުޅަށް ލިބުނު އެ އުފާވެރި ޚަބަރު، އެންމެ ގާތް އެކުވެރިޔާ ގާތު ތަންކޮޅެއް ލަސްކޮށްލާފައި ބުނުމެވެ. ޒީނާ ގާތު ޒިވިޔާ ބުނަން އެ އުޅޭ ވާހަކަ ގާތްގަނޑަކަށް ޒީނާއަށް އެނގޭތީ ޒީނާ ޖެހިލީ ޒިވިޔާގެ ދެލޮލާ ލޯ އަމާޒު ނުވާހިސާބަށް ޒިވިޔާގެ ބޮލާ ވީކޮޅަށެވެ.
''ޒިވީ، މިއުޅެނީ ވަރަށް އިމަރޖެންސީކޮށް ފުރަންވެގެން! އަހަރެން މިއައީ ހަމައެކަނި އެހެން ބުނެލަން! އުންމީދުކުރަނީ އަދި ދުޢާ ކުރަނީ ޒިވީއަށް ޒިވީގެ ލޯބި ޙާސިލްވުން! ޒިވީގެ ލޯބިވެރިޔާއާ ދިމާވި ދުވަހަކުން އޭނަ ލިބިގަތުން އެއީ އަހަރެން ޒިވީގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް!''
ޒިވިޔާ ހިފެހެއްޓީ ޒީނާގެ އަތުގައެވެ. އެއަޑުގައިވި ރިހުން ކޮންމެވެސް ވަރަކަށް އިޙުސާސް ކުރެވުމުންނެވެ.
''ޒީ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ! ...... އަހަންނަށް ވަގުތު ކޮޅެއް ދީބަލަ! އެބަ އޮތޭ ޒީ ވަރަށް އުފާވާނެ ވާހަކައެއް ބުނަން ވެފައި!''
ޒިވިޔާގެ އަޑުގައިވަނީ ޖޯޝެވެ. ލިބިފައިވާ އުފާވެރިކަން ހަމަ އެކަނި އެ އަޑުން ވެސް ޒީނާއަށް ފާހަގަ ކުރެވުނެވެ. އެކަމާ ޒީނާގެ ހިތުގައި ހަސަދަވެރިކަމެއް ނުހިނގައެވެ. ވީ އުފަލެވެ. އެހެންނަމަވެސް ހިތި ރަހައަކާ އެކުއެވެ.
''ތިވާހަކަ އަހަރެމެން ދެން ދިމާވާ ފަހަރަކުން ކިޔައިދޭތި! އަހަންނަށް ވަރަށް ވަރަށް ވަގުތު ކުޑަ! އަހަންނަށް ހިތް ހެޔޮ ކޮށްދީ! އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެއްވެސް ކުށެއް ކުރެވިފައިވާނަމަ އެކަމަކަށް!''
ޒީނާގެ ލޮލުން ފޭބި ކަރުނަ ތިކި ވެއްޓުނީ ޒިވިޔާގެ ނިތްކުރި މައްޗަށެވެ.
''ޒީ، އަޅެ ރޮނީތަ! ހާދަ އެހެން ފާޑަކަށް! މީހަކު ބަލިވީތަ! އެނގޭނެނު ޒީ ނުކުރާނެކަން އަހަރެން މަޢާފު ނުކުރާވަރުގެ ކަމެއް. ... ދޯ!''
ޒިވިޔާ ޒީނާގެ އަތުގައި ހިފައި ކުޑަކޮށް ކުރިމައްޗަށް ގެނައީ ޒީނާގެ މޫނު ފެންނަ ހިސާބަށެވެ. އެހެންނަމަވެސް ޒީނާގެ ރަތްވެފައިވާ ދެލޯ ހުއްޓާލީ ދުރަށެވެ. ކުޑަދޮރުން ބޭރުން ފެންނަން އޮތް ހާމަ އުޑަށެވެ. އެހެން އިރުކޮޅަކު ތިބުމަށްފަހު ޒީނާ ގުދުވެ ޒިވިޔާ ގައިގާ މަޑުމަޑުން ބައްދައިލިއެވެ. އެ ހަށިގަނޑުގައިވާ މަޑު ތުރުތުރު ޒިވިޔާއަށް ފާހަގަ ނުވީ އެކަމަށް ވިސްނުން ނުހިންގުނީތީއެވެ. އެ ގޮތުގައި ބައްދާލައިގެން އޮތުމަށްފަހު ޒީނާ ހިފީ ޒިވިޔާގެ އަތުގައެވެ. އަދި އެ އަތްތިލަ ގެންގޮސް ނޭފަތު ކުރީގައި ޖައްސައިލިއެވެ. އަދި ކޮލުގައި ވެސް މެއެވެ. އެއަށްފަހު ''އަހަންނަށް ހިތްހެޔޮ ކުރައްޗެ!'' އޭ ބުނަމުން ޒިވިޔާގެ މޫނަށް އިތުރަށް ބެލުމެއް ނެތި ދުއްވައިގަތީ ކޮޓަރިން ބޭރަށެވެ.
''ހަޒުބަންޑްއާ މައްސަލަ ޖެހުނީތަ!''
ޒިވިޔާ އަހަން ބޭނުންވި ސުވާލު ދުލާ ހަމައަށް އައުމުގެ ކުރިން ޒީނާ ލޯމަތިން ގޮސް އޮބާލައިފިއެވެ. ޒިވިޔާ އޮތީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.
ޒީނާގެ ފަރާތުން މި ފެނުނު ކަންތައްތަކަކީ ޒީނާގެ ސަކަ މިޒާޖާ އެއްވެސް ގުޅުމެއްނެތް ކަންތައްތަކެކެވެ.
''އަހަރެންގެ ހިތް ހެވޭ ބުނެލާނެ ވަގުތު ވެސް ނުދީ ޒީ ދިޔައީ ކީއްވެބާ! އަނެއްކާ ޒީގެ ހަޒްބަންޑާ މައްސަލަ ޖެހިގެން ފުރައިގެންދަނީބާ!"
ޒިވިޔާގެ ސިކުނޑިއަކަށް މިއިން އެއްވެސް ކަމެއް ނުވިސްނުނެވެ.
''ޒީ ފަކީރު! ކިހާދެރަ..... އަހަރެން ހިތް ހެޔޮ!''
ބޭއިޚުތިޔާރުގައި ޒިވިޔާއަށް ބުނެލެވުނެވެ. އެ އަޑު އަހާކަށް ޒީނާ އެއްނެތެވެ. ޒީނާ ދިޔައީ އެވެ. މާދުރަށެވެ.
ޑިއުޓީ ނިމުމުން އަރުޝަދު ޒިވިޔާ ގާތަށް ދިޔައިރު އޮތީ ނިދިފައެވެ. އޭރު ހުރީ ބާރަ ޖަހަން ގާތްވެފައެވެ. އެހެންކަމުން ޒިވިޔާ ގާތު އިން ޒުބޭދާ ކައިރީ ހެނދުނުން އަންނާނެ ކަމަށް ބުނެފައި އަރުޝަދު ދިއައީ ގެއަށެވެ.
ކޮޓަރިއަށް ވަނުމުން އަރުޝަދަށް ފެނުނީ ހުސް އެނދެކެވެ. ޒީނާ ފެންނަން ނެތުމުން އައިރާގެ ކޮޓަރީގައިކަމަށް ހީކޮށް ދެން ވަނީ ފާޚާނާއަށެވެ. ނިދަންލާ އެއްޗެހި ނަގަން އަލަމާރި ހުޅުވާލުމުން އަލަމާރިން ބައެއް އެއްޗެހި މަދުހެން ހީވެ ރަނގަޅަށް އަލަމާރިއަށް ނަޒަރު ހުއްޓާލިއެވެ. އަލަމާރީގައި ޒީނާގެ އެއްވެސް ހެދުމެއް އަދި އެހެން އެއްޗެއް ވިޔަސް ނެތެވެ. މިވީ ގޮތަކާމެދު ވިސްނާލަން ހުއްޓުން އަރާފައި އަރުޝަދަށް އިރުކޮޅަކު ހުރެވުނެވެ. ދެން ދުއްވައިގަތީ އައިރާ ނިދާ ކޮޓަރިއާ ދިމާއަށެވެ. އެ ކޮޓަރީގެ ދޮރު ހުޅުވައިލީ ތުރުތުރުއަޅާ އަތަކުންނެވެ.
ދޮރުމަތީ އަރުޝަދު ހުއްޓި ހުރީ ހިނދުކޮޅަކަށެވެ. އަރުޝަދުގެ ހަވަނަ ހިއްސު މަސައްކަތް ކުރަން ފެށީ ދެނެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އައިރާގެ އެނދުގައި އިށީނދެވިއްޖެއެވެ. ޒީނާ ދިޔައީއެވެ. އައިރާ ގޮވައިގެންނެވެ. އަރުޝަދާ ދުރަށެވެ.
ދެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލުމަށްފަހު އަރުޝަދު ހިނގައިގަތީ އަމިއްލަ ކޮޓަރިއަށެވެ. ހަށިގަނޑުން ބައެއް އުނިވެއްޖެ ކަމުގެ އިހުސާސާ އެކު ލޯބިވާ ދަރިފުޅު އައިރާ މަތިން ހަނދާން ކުރަމުންނެވެ. އެ ތުއްތު ތުއްތު މޫނު ހަނދާން ނައްތައިލާނީ ކިހިނަކުންހެއްޔެވެ!
އަމިއްލަ ނިދާ އެނދުގައި ހުރަހަށް އޮށޯވެ ބޯއަޅާ ބާލީސް ނަގާ ބަނޑުމަތީ ބޭއްވުމަށްފަހު ދިރިއުޅުމުގައި މިދިމާވަމުންދާ ކަންތައްތަކަށް ވިސްނާލެވުނެވެ. އަރުޝަދުގެ ފަރާތުން ލޯބި ނުލިބޭތީ ޒީނާ އަމިއްލައިން އަރުޝަދު ދޫކޮށް ދިޔައީހެއްޔެވެ!
''ޒީ އަޅެ! އަހަންނަށް މަޢާފު ކުރޭ! އަހަންނަކީ ޒީއަށްޓަކައި ދުރުހިލޭ މީހަކަށް ވެވުނީ އަހަރެންގެ އިޚުތިޔާރަކު ނޫން! ވަރަށް މަސައްކަތް ކުރިން ޒީ ދެކެ ލޯބި ވެވޭތޯ! ޒިވިޔާގެ ހަނދާން ތަކާ ދުރުވެވޭތޯ! އެކަމަކު ކީއްކުރާނީ! އަހަރެންގެ މި ބަސް ނައަހާ ހިތެއް މިއިން އެއްވެސް ކަމެއް ގަބޫލެއް ނުކުރި! އަހަންނަށް މަޢާފު ކުރޭ! އެނގޭ ޒީ ވަރަށް ކެތްކޮށްފިކަން ވެސް!''
ތަކުރާރުކޮށްވެސް އަރުޝަދަށް ބުނެވެމުން ދިޔައީ އެއް ވާހަކައެކެވެ. އެކަމަކު އޭރު މާލަސްވެއްޖެއެވެ.
އެތައްފަހަރަކު ޒީނާގެ ފޯނަށް އަރުޝަދު ގުޅިއެވެ. އެކަމަކު ފޯނު ނިންވާލާފައި އޮތުމުން ގުޅޭ ގޮތެއް ނުވިއެވެ. އެންމެ ދެރަވީ ދިޔަތަނެއް ވެސް ނޭނގުމުންނެވެ.
(ނުނިމޭ)
Vv.reethi shukuran