ތީ ފުރާނައިގެ ދިރުމޭ މަގޭ... - 8

(20 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަށްވަނަ ބައި

ޖެހިގެން އައި ދުވަހު ޒިވިޔާ ހޮސްޕިޓަލަކަށް ނުދެއެވެ. ޒިވިޔާ ނުނިކުންނަކަން އަރުޝަދަށް އެނގުނީ ވެސް ގެއަށް ދާން ނިކުތް އިރު މުއީޒާ އެކަނި ދާން ނިކުމެ ހުރުމުންނެވެ. ވީ ކީއްތޯ ބަލަން އަރުޝަދު ހުރީ ކެތްމަދު ވެފައެވެ. އެ ގެއަށް ދާން ވެސް ވިސްނިއެވެ. އެހެންނަމަވެސް އެހެން ހަދާކަށް ނުކެރުނެވެ. އަދި މުއީޒާ ގާތު ޒިވިޔާއާ ބެހޭ ގޮތުން އަހާކަށް ވެސް ނުކެރުނެވެ. މުއީޒާ ގެއަށް ހަމަ ވަނުމާއެކު އަރުޝަދު ނެގީ ފޯނެވެ. ޒިވިޔާގެ ނަންބަރަށް ފިތާލީ ކަންބޮޑުވެފައި ހުރެގެންނެވެ. އެހެންނަމަވެސް ޒިވިޔާ ފޯނު ނުނެގުމުން ވަރަށް ބޮޑަށް މާޔޫސްވެއްޖެއެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ދެން ކޮށްލީ މެސެޖެކެވެ. ގައިމު މެސެޖު ކިޔައިލުމުން ގުޅި ބޭނުން އެނގޭނެތީއެވެ.

ގެއަށް ވަދެވެސް އަރުޝަދަކަށް ނުވެސް ކެވުނެވެ. ތަނެއްގައި މަޑަކުން ނުހުރެވުނެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގެނީއެވެ.

އަމިއްލަ ނަފުސާ މުޚާތަބުކޮށް ބުނެވުނެވެ. އަހަންނަށް މިވަނީ ކީއްހެއްޔެވެ! އަހަރެން މިހާ ކެތްތެރިކަން ކުޑަވީ ކޮންއިރަކު ހެއްޔެވެ! ހިނގާ ހިނގާ ވަރުބަލިވެގެން އެންމެފަހުން ފާޚާނާއަށް ވަނީއެވެ. ފެންވަރާ ތާޒާވެލުމަށެވެ. ފެންމާގަނޑު ދޫކޮށްލިތަނުން ފޯނު ރިންގު ވާއަޑު އިވިއްޖެއެވެ.

އަރުޝަދަށް ފާޚާނާއިން ނިކުމެވުނީ ދުވެފައެވެ. ފޯނާ ހަމައަށް ނުދެވެނީސް ސްކްރީނަށް އަރާފައި އޮތް ޑޮކުޓަރ ޒިޔާދުގެ ނަން ފެނުމުން މާޔޫސްވެ ކަރު އެލޭގޮތް ވެއްޖެއެވެ. އެހެން ކަމުން ފޯނު ކެނޑެން ދެން ހުރެވުނީ ފޯނަށް ބަލަހައްޓައިގެންނެވެ. ފޯނުކެނޑުމުން އެންމެ ފަހުން އަނެއްކާ ވެސް ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ. އަނެއްކާވެސް ފޯނު ރިންގުވާން ފެށިއަޑު އިވުނެވެ. ފަރުވާ ކުޑަގޮތަކަށް ދެއަތަކަށް ބޯހޫރާލުމަށްފަހު ފާޚާނާގެ ދޮރު ލައްޕައިލިއެވެ.

ފެންވަރާ ތާޒާވެލައިގެން އެނދުގައި އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އޭގެ ކުރިން ފޯނުނަގާ ބަލައިލިއެވެ. އެއަށްފަހު ފުންމައިގެން އެނދުން ތެދުވެވިއްޖެއެވެ. ޒިވިޔާގެ ކޯލް ފެނި އެ ކޯލް ނުނެގުނު ކަމަށްޓަކައި ވަރަށް ދެރަވެ ކަންބޮޑުވެއްޖެއެވެ. ދެން އަވަސް އަވަހަށް ބަލައިލީ ޒިވިޔާ އޮންލައިންގައި އިންތޯއެވެ. ނަސީބު މިފަހަރު އަތުގައި ހިފައިލީ އުފަލުންނެވެ. އަވަސްއަވަހަށް ލިޔެ މެސެޖް ސެންޑް ކޮށްލިއެވެ.

"ޒިވީ!"

ހީވީ ޒިވިޔާ ވެސް އެ އޮތީ އެ ގޮވައިލުމުގެ އިންތިޒާރުގައި ހެންނެވެ. ސީން އެރުމުން އަރުޝަދަށް ބޭއިޚުތިޔާރުގައި އަލް ޙަމްދުލި ﷲ އޭ ބުނެ ހީނލެވުނެވެ. ސިކުންތު ކޮޅެއްގެ ތެރޭ ދެވަނަ މެސެޖެއް ވެސް ލިޔެ ފޮނުވައިލިއެވެ.

''ކީއްވީ! ބަލިވީތަ ޒިވީ! .....އަހަރެން ގުޅަފާ އޮތްތަން ދުށިންތަ!''

އެއްނޭވާއިން އަހަންބޭނުން އެތައް ސުވާލެއް އަރުޝަދު ލިޔުނެވެ. ފޯނުގެ ސްކްރީންގައި އެ ދިގު އިނގިލިތައް ހަރަކާތްކުރަމުން ދިޔައީ އާދަޔާ ޚިލާފު އަވަސްމިނުގައެވެ.

''ކުޑަކޮށް ނޭވާލާން އުނދަގޫ ވާތީ މިއުޅެނީ!'' ޒިވިޔާގެ ޖަވާބު ލިބުމުން އަރުޝަދު ކަންބޮޑުވިއެވެ.

"އޯހް" އަރުޝަދު ވިސްނައިލިއެވެ.

''އެބަ ބަލަން ތިކަމާ ގުޅޭ ބޭހެއް އަތުޖެހޭތޯ! ނުނިދައްޗެ އިނގެ!'' މިހެން ބުނަމުން އަރުޝަދު އަވަސްވެގަތީ ބޭސް ފިހާރަ ބަންދު ކުރުމުގެ ކުރިން އެހިސާބަށް ދެވޭތޯއެވެ.

ބޭސް ފިހާރަ ބަންދުކުރުމަށްފަހު ފާރމަސިސްޓު ހިނގައިގަތީ ދަންވަރު ކަމުން އަވަހަށް ގެއަށް ދެވޭތޯއެވެ. ގެއަށް ވަންނަން އޮންނަ ގޯޅި އަޅަނިކޮށް މީހަކު ގޮވައިލިހެން ހީވެގެން ފަސްއެނބުރި ބަލައިލިއިރު ޑޮކުޓަރ އަރުޝަދު ފެނުމުން އަނބުރާލާފައި އައިސް ވީ ކީއްތޯ އަހާ ސާފުކުރިއެވެ.

އަރުޝަދު ހޯދަން ބޭނުންވި ދެތިންބޭސް ނަސީބަކުން ފާމަސީގައި ހުއްޓެވެ. އަވަސް އަވަހަށް ބޭސް ކޮތަޅު ހިފައިގެން ޒިވިޔާގެ ގޭދޮށަށް ގޮސް ގުޅުމުން ދޮރު ހުޅުވާލާފައި ޒިވިޔާ ނިކުތެވެ.

ޒިވިޔާ ފެނުމުން އަރުޝަދަށް ކުރިއަސަރު އޭނަގެ ލޮލުން ހާމަވާން ހުއްޓެވެ. ބޭނުންވީ ޒިވިޔާ ގެނެސް މޭގައި ބޮނޑިކޮށްލާ ވީހާ އަވަހަކަށް ފަސޭހަވާނޭހާ ފަރުވާއެއް ދޭށެވެ. ބުރަކަށީގައި ފިރުމައިދީ ހިތްވަރު ދޭށެވެ. އެ މައުސޫމު އަންހެން ކުއްޖާއަށްޓަކައި އަރުޝަދުގެ ހިތް އުދާސްވިއެވެ. ޒިވިޔާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ކުރިއަށް ޖެހިލިއެވެ.

''މިހިރީ ބޭސް. މިބޭސް ގަވައިދުން ބޭނުން ކުރާތި!''  އަރުޝަދު ޒިވިޔާއަށް ބޭސްކޮތަޅު ދިނެވެ.

''ޝުކުރިއްޔާ'' ވަރުބަލި އަޑެކެވެ. ލަދުވެތި ނަޒަރެކެވެ. އެހެންނަމަވެސް ވިދުންގަދަ ދެލޮލެކެވެ.

''ޒިވީ! ކީއްވެތަ ބަލި ވީމަ އަހަރެން ގާތު ނުބުނީ! ބުނީމެއްނު އުދަނގުލެއް ވަންޏާ ބުނާށޭ ވެސް!'' އޯގާތެރި އެހެނަސް ޝަކުވާ އެކުލެވިފައިވާ އަޑަކުން އަރުޝަދު ވާހަކަ ދައްކަން ފެށުމުން ޒިވިޔާގެ ހިތުގައި އަރުޝަދަށް ދެވެމުން އައި މަގާމު އިތުރަށް ކުރިލާ ހެދެންފެށިއެވެ. އަރުޝަދުގެ ޝަކުވާތައް އަޑުއިވުނަސް ޒިވިޔާ ވަކި ޖަވާބެއް ނުދެއެވެ. ބަސްއަހާ ކުޑަކުއްޖަކުފަދައިން ހުރީއެވެ. އިސްޖަހާލައިގެންނެވެ. އެއީ އަރުޝަދަށް ޒިވިޔާ އެންމެ ކަމުދާ އެއް ސިފައެއެވެ.

''ދެން ދޭ! ބޭސް ކާލައިގެން ނިދާލާ! އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ!'' އިސް އޮބާލައިގެން ހުރި ޒިވިޔާއަށް ބަލަން ހުރި އަރުޝަދު ވާހަކަ ދައްކަ ދައްކާ ހުރެފައި ކަމެއް ހަނދާންވުމުން އަހާލާ ކަހަލަ ގޮތަކަށް އަނެއްކާ ވެސް ކުރީ ސުވާލެކެވެ.

''ކޮބާ، މަންމަ!''

''ނިދައިފި!'' އަރުޝަދުގެ މޫނަށް ބަލާލަމުން ޒިވިޔާ ޖަވާބު ދިނެވެ.

"މަންމަ ގާތު ބުނިންތަ ނޭވާލާން އުނދަގޫ ވާހާކަ!'' އަރުޝަދު ބޭނުންވީ ޒިވިޔާގެ މަންމައަށް މިކަން އެނގޭތޯ ބެލުމެވެ.

''ނޫން، މަންމަ ވަރަށް ހާސްވާނެ. އެހެންވެ ނުބުނަން!'' ޒިވިޔާ ވާހަކަ ދެއްކީ އިސްޖަހާލައިގެން ހުރެއެވެ.

''އަޅެ،  ދެން ޒިވީ!'' އަރުޝަދަކަށް މަޑަކުން ނުހުރެވުނެވެ. ބޭސްކޮތަޅުގައި ހިފަހައްޓައިގެން ހުރި ޒިވިޔާގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. މިފަހަރު ޒިވިޔާ އަތް ދަމައިގަންނާކަށް ނޫޅުނެވެ. އަދި އެމޫނުމަތިން ނުރުހުމުގެ އަސަރެއް ވިޔަސް ފާހަގަ އެއް ނުކުރެވުނެވެ. އެހެން ނަމަވެސް އިސް އުފުލާލާ އަރުޝަދުގެ މޫނަށް ބަލައިލިއެވެ. އެ ވަރުބަލިކަން އެކުލެވިފައިވާ ބެލުމުން އަރުޝަދުގެ ހިތަށް ވަރަށް ފުން އަސަރު ކުރިއެވެ. އެހެންނަމަވެސް އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން އަރުޝަދު ބޭނުމެވެ.

''ބަލައިގެން އުޅެއްޗޭ. ދެން ބޭސްކައިގެން ނިދާލާ!'' އަރުޝަދު އެނބުރި ހިނގައިގަތެވެ. ޒިވިޔާ ބޭނުންވީ އަރުޝަދު ލޯމަތިން ގެއްލެންދެން ވެސް އެ ގޮތުގައި އެ ފިރިހެންވަންތަ ހިނގުމަށް ބަލަހައްޓައިގެން ހުންނާށެވެ. އެހެންނަމަވެސް ގެއަށްވަދެ ދޮރުލައްޕާ ތަޅުލިއެވެ.

ފަތިސްނަމާދަށް ތެދުވިއިރު ވަރުބަލިކަމުގެ އެއްވެސް އިޙުސާސެއް ޒިވިޔާއަކަށް ނުވެއެވެ. ބޭހުގެ އަސަރު ކުރީތާއެވެ. އެވަގުތު ވެސް ސިކުނޑިއަށް ވެރިވެގަތީ އަރުޝަދެވެ. އަރުޝަދުގެ އަޅާލުމެވެ. އޯގާތެރި ކަމެވެ. ވާހަކަ ދެއްކުމުގައި ހުންނަ މަޑުމައިތިރި އަޅާލާ ސިފައެވެ. އިރުކޮޅަކު ޚިޔާލަށް ގެއްލިފައި އޮތުމަށްފަހު ތެދުވެ ވުޟޫކޮށްލައިގެން ނަމާދުކުރިއެވެ. އެއަށްފަހު ފޯނު ހުޅުވައި ބަލައިލިއެވެ. އެންމެ ފަހުން އަރުޝަދު ކޮށްފައި އޮތް މެސެޖަށް ބަލަން އޮންނަތާ އިރުކޮޅެއްފަހެވެ. ޒިވިޔާއަށް ފުންމައިގެން ތެދު ވެވުނެވެ.

''ހައި، ޒިވީ!'' އަރުޝަދުގެ މެސެޖެކެވެ. ޒިވިޔާއަށް ދެލޯ ބޮޑުކޮށްގެން އެ މެސެޖަށް ބަލަން އޮވެވުނީ ޔަގީން ނުކުރެވިފައެވެ. އޭނާ އެއޮތީ އަރުޝަދުގެ މެސެޖެއްގެ އިންތިޒާރުގައި ކަން އަރުޝަދަށް އެނގުނީ ހެއްޔެވެ. ބަލަން އޮވެވުނީ އަރުޝަދުގެ އެ ހިތްގައިމު ސޫރައަށްކަން އެނގުނީ ކިހިނެތް ހެއްޔެވެ!

''އެބަ ގުޅަން! ނަގާބަލަ ފޯނު!''

އަރުޝަދު އެހެންބުނީ ފޮނުވި މެސެޖަށް ''ސީން'' އެރުމުންނެވެ. އަދި ޒިވިޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގުޅައިލިއެވެ. ވަގުތުން ޒިވިޔާ ފޯނު ނެގުމުން ހިތަށް ފިނިކަން ލިބި މޫނު މައްޗަށް ހިނިތުންވުމެއް ވެރިކޮށްލެވުނީ އިޚުތިޔާރަކާ ނުލައެވެ.

''ހެލޯ'' އަރުޝަދުގެ އަޑު އިވުމުން ކުޑަކޮށް އުނދަގޫ ގޮތަކަށް ކަރު ކެހިލަމުން އެހެންނަމަވެސް ވައިއަޑުން ކަހަލަ ގޮތަކަށް ހަލޯ އޭ ބުނެ ޒިވިޔާއަށް ޖަވާބު ދެވުނެވެ.

''މިހާރު ކިހިނެއް! އެއްވެސް ވަރަކަށް ރަނގަޅުތަ!" އަރުޝަދު ބޭނުންވީ ބޭސް ބޭނުން ކުރުމުން އެއްވެސް ވަރަކަށް ޒިވިޔާއަށް ލުއިވިތޯ ބެލުމެވެ.

''ބެޓަރ، ވަރަށް ބޮޑަށް ވެސް ރަނގަޅު!'' ޒިވިޔާ ޖަވާބުދިނީ ލިޔެފައިވާ އެއްޗެއް ކިޔާ ފަދައަކުންނެވެ. ދެން އިވުނީ އަރުޝަދުގެ މަޑު ހުނުމެއްގެ އަޑެވެ. އަދި ދެން އެއްވެސް މީހެއްގެ ނޭވާގެ އަޑުނޫން އަޑެއް ނީވި ސިކުންތުކޮޅެއް ދިއުމަށްފަހު އިވުނީ އަރުޝަދުގެ އަޑެވެ.

''ޒިވީ، އަސްލު މި ގުޅީ ޚިޔާލެއް ދޭން ވެގެންނޭ....... ދާންވީނު މާލެ!''

''މާލެއަށޭ!'' ޒިވިޔާއަށް ވިސްނައިގަންނަން އުނދަގޫވިއެވެ. އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.

''އާން! އަހަންނަށް ފެނޭ އެތެރެހަށީގެ ރަނގަޅު ޑޮކުޓަރަކަށް ދައްކާ ޗެކް ކޮށްލަން. ތި އުނދަގޫ ވެސް ހުރުމާއެކު! އޭރުން ޔަގީން ވާނެތާ މައްސަލައެއް ހުރިކަން ނުވަތަ ނެތްކަން..... ދޯ!'' އަރުޝަދު ވާހަކަ ދެއްކީ ޒިވިޔާއަށް ކަމުގެ ހުރި އެންމެ ރަނގަޅުގޮތް ވިސްނައިދޭ ފަދަ މޭރުމަކުންނެވެ.

ޒިވިޔާ ޖަވާބެއް ދޭން ވަގުތުކޮޅެއް ނެގިއެވެ.

''އަޅުގަނޑަށް ވަރަށް އުދަނގޫވާނެ!'' ޒިވިޔާ ބުނެލީ ފުން ވިސްނުމަކަށް ގެއްލިފައި ހުންނަ މީހަކު ބުނާކަހަލަ ގޮތަކަށެވެ.

''އުނދަގުލެއް ނުވާނެ! އަހަރެން އެހީވެދޭނަން!...... ދޭނަން ޑޮކްޓަރެއްގެ ނަމާ ނަމްބަރާ! ޒިވީ އެކޮޅަށް ދިއުމުގެ ކުރިން އަހަރެން ހުރިހާ ކަމެއް ހަމަ ޖައްސާނަން! ހަމަ އެކަނި ޒިވީ ކުރަން ޖެހޭނެ ކަމަކީ އަހަރެން ދޭ ނަމްބަރަށް ގުޅާލުން!'' އަރުޝަދު ހީވަނީ މުޅި ރޭހަތަރު ދަމު ކޮށްފައިވާ ޕްލޭނެއް ހުށަހަޅާ ހެންނެވެ.

އެންމެފަހުން ޒިވިޔާ މާލެ ދާން އެއްބަސް ވުމުން އަރުޝަދަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވި  ބުނަން ނޭނގޭފަދަ ހިތްހަމަ ޖެހުމެއް ލިބިގެން ދިއައެވެ.

ދެތިން ދުވަސް ފަހެވެ. ޒިވިޔާ މާލެ ފުރީ ޑޮކުޓަރަށް ދައްކާލަން ވެގެން ކުރު ޗުއްޓީއެއް ނަގައިގެންނެވެ. އޭލެވެލަށް ކިޔަވަން ހުރެފައި ރަށަށް ދިއަގޮތަކަށް ޒިވިޔާ އަދި މާލެ ނުދެއެވެ. އެހެންކަމުން ޑޮކުޓަރަށް ދެއްކުމުގެ އިތުރުން ޒީނާ މެންނާ ބައްދަލުކޮށްލާ ވަގުތުކޮޅެއް ހޭދަ ކޮށްލުން ވެސް ޒިވިޔާ މާލެ ދިއުމުގެ ބޭނުމަކަށް ވިއެވެ.

މާލެ ދެވުމާއެކު އަރުޝަދު ދިން ނަމްބަރަށް ޒިވިޔާ ގުޅާލިއެވެ. ޖަވާބެއް ނުލިބުމުން ގުޅީކާކުކަން އެނގޭ ގޮތަށް މެސެޖެއް ކޮށްލިއެވެ. އެއީ އަރުޝަދު ބުނެފައިވާ ގޮތެވެ. މެސެޖް ކުރިތާ ފަނަރަ ވަރަކަށް މިނިޓް ފަހުން އެ ނަމްބަރުން ޒިވިޔާއަށް ގުޅިއެވެ.

''މިއީ ޑޮކުޓަރ ޒިޔާދު! ޒިވިޔާ އެހެންނޫންތޯ!''

''ލައްބަ. ޒިވިޔާ'' ވަރަށް ޖެހިލުންވެ ހުރެ އެކަމަކު ޔަގީންކަމާއެކު ޒިވިޔާ މަޑުމަޑުން ޖަވާބު ދިނެވެ.

''އެހެންވީމާ.......  އަޅުގަނޑު ޑިއުޓީ އޮންނާނީ ދެން މާދަމާ ހެނދުނު. ޒިވިޔާ ދުރުވޭ އެގާރައިގެ ފަހުން. ހޮސްޕިޓަލަށް ވަދެ މެސެޖެއް ކޮށްލާތި! ޖަވާބު ތަންކޮޅެއް ލަސްވެސް ވެދާނެ. އެކަމަކު އަޅުގަނޑުގެ ޚަބަރެއް ވަންދެން މަޑުކުރާތި!" ޒިވިޔާ ކަންތައް ކުރަންވީގޮތް ޒިޔާދު ކިޔައިދިނެވެ. ޒިވިޔާ ލައްބައޭ ބުނަމުން ޝުކުރު އަދާކޮށްފައި ފޯނު ބޭއްވީއެވެ.

އޭގެ އިރުކޮޅަކޮޅެއްފަހުން އަރުޝަދު ގުޅިއެވެ. އަރުޝަދު ގުޅަން ފެށުމުން އަވަސްއަވަހަށް ޒިވިޔާ ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު ހެލޯއޭ ބުނެލިއެވެ.

''ޒިވީ، ޑޮކުޓަރ ޒިޔާދު ގުޅުއްވިތަ!''

ޒިވިޔާގެ އަޑު އިވުމާއެކު އަރުޝަދު ސުވާލުކުރިއެވެ.

''ލައްބަ ގުޅުއްވި!'' ޒިވިޔާގެ އަޑުން ހުރީ ހިތްހަމަ ޖެހިފައިކަން އަރުޝަދު ދެނެގަތެވެ.

''ކީކޭ ބުނީ!'' ބުނީ ކީކޭކަން އެނގި ހުރެވެސް ޒިވިޔާގެ އަނގައިން ބުނުވަން އަރުޝަދު ބޭނުންވާތީ ސުވާލުކުރިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.