ތީ ފުރާނައިގެ ދިރުމޭ މަގޭ... - 9

(24 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

 

ނުވަވަނަ ބައި

ޒިވިޔާ ކަންތައް ކުރަންވީގޮތް ޒިޔާދު ކިޔައިދިނެވެ. ޒިވިޔާ ލައްބައޭ ބުނަމުން ޝުކުރު އަދާކޮށްފައި ފޯނު ބޭއްވީއެވެ.

އޭގެ އިރުކޮޅަކޮޅެއްފަހުން އަރުޝަދު ގުޅިއެވެ. އަރުޝަދު ގުޅަން ފެށުމުން އަވަސްއަވަހަށް ޒިވިޔާ ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު ހެލޯއޭ ބުނެލިއެވެ.

''ޒިވީ، ޑޮކުޓަރ ޒިޔާދު ގުޅުއްވިތަ! '' ޒިވިޔާގެ އަޑު އިވުމާއެކު އަރުޝަދު ސުވާލުކުރިއެވެ.

''ލައްބަ ގުޅުއްވި'' ޒިވިޔާގެ އަޑުން ހުރީ ހިތްހަމަ ޖެހިފައިކަން އަރުޝަދު ދެނެގަތެވެ.

''ކީކޭ ބުނީ!'' ބުނީ ކީކޭކަން އެނގި ހުރެވެސް ޒިވިޔާގެ އަނގައިން ބުނުވަން އަރުޝަދު ބޭނުންވާތީ ސުވާލުކުރިއެވެ.

ޑޮކުޓަރ ޒިޔާދު ދެއްކި ވާހަކަ ދެއްކި ގޮތަށް ޒިވިޔާ އަރުޝަދަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު އަރުޝަދު ބުނީ ޒިވިޔާ ނެތުމުން ހަނދާންވާ ވާހަކައެވެ.

''އެ ކީއްވެގެންތޯ!'' ޒިވިޔާއަށް އެ ވާހަކައިން އުފާވެރިކަން އިޙުސާސް ވިޔަސް ހައިރާންކަން އެކުލެވިގެންވާ އަޑަކުން ސުވާލުކުރިއެވެ.

''އަހަންނަކަށް ވެސް ކީއްވެގެން ކަމެއް ނޭނގެ! ތެދަށް ބުނަންތަ، ޒިވީ!'' އަރުޝަދު ބޭނުންވީ ޒިވިޔާ ހުރިގޮތެއް އަދި ދެކޭ ގޮތެއް އޮޅުން ފިލުވާށެވެ.

''ހަމްމްމް!'' އަރުޝަދަށް އިވުނީ ހަމަ އެކަނި ޒިވިޔާގެ އަނގައިން ބޭރުވި މި ވަރެވެ.  އެހެންކަމުން އިތުރަށް ބުނަން އަރުޝަދު ޖެހިލުންވިއެވެ. އެއީ ފަރުވާ ކުޑަ ޖަވާބެކޭ އަރުޝަދު ހިތަށް އެރިއެވެ. އަރުޝަދު ހީކޮށްގެން ހުރީ ޒިވިޔާގެ ޖަވާބު ލިބޭނީ ވަރަށް ޝައުޤުވެރިކަމާ އެކު ކަމަށެވެ. ހީކުރި ގޮތް ނުވުމުން އަރުޝަދުގެ ހިތުގައި ޖެހި މާޔޫސް ވެއްޖެއެވެ. ފޯނެއް އަންނަ ކަމަށް ބުނެ އަރުޝަދު އެ ކޯލް ކުރުކޮށްލީއެވެ.

ޒިވިޔާ ޖަވާބު ދިން ފިނިގޮތަކުން ހިތުގައި ޖެހި އެކަމާ އަރުޝަދު ވަރަށް ވިސްނިއެވެ. ޒިވިޔާ އަރުޝަދާ މެދު ދެކޭ ގޮތަކާމެދުގައެވެ. ޒިވިޔާގެ ހިތުގައި އެއްވެސް ޚާއްސަ ކަމެއް، ތަފާތު އިހުސާސެއް ނުހިނގަނީތޯ ޚިޔާލުކުރެވުނު ވަރެއްވެސް ބުނެދޭކަށް ނޭނގެއެވެ. މުޅި ދުވަސް އަރުޝަދަށް ހުރެވުނީ މި ވިސްނުމުގައެވެ. މިހާތަނަށް ދިމާވި ހުރިހާ އަންހެންކުދިންނާ ތަފާތު ގޮތަކަށް ޒިވިޔާއާ މެދު ދެކެވި މާ ބޮޑަށް ޚާއްސަވި ސަބަބު އަރުޝަދަށް މިހާރު އެނގެއެވެ. އެ ހިތުގައި ތަފާތު އިހުސާސެއްގެ ވިންދު ޖަހަން ފަށައިފިކަމަށް ގަބޫލު ކުރެވެން ފެށިއެވެ. ޒިވިޔާ ހާސިލް ކުރުމުގެ އެދުން ކިތަންމެ ބޮޑަސް އެ ފިޔަވަޅު އަޅާކަށް އަރުޝަދަކަށް ނުކެރެއެވެ. އަރުޝަދު ބޭނުންވަނީ އަބަދުވެސް ޒިވިޔާގެ މޫނުމަތިން ހިނިތުންވުން ދެކޭށެވެ. ބުނެވޭ ބަހަކުން، ކުރެވޭ ކަމަކުން މިހާރު މިއާދެވިފައި ހުރި ހިސާބުން ދޮންވެލި ތުނޑީގައި ހުންނަ ފިޔަވަޅެއްގެ ނިޝާން ރާޅެއް ބީއްސާލުމުން ފޮހެވިގެން ދާހެން ދާކަށް އަރުޝަދު ނޭދެއެވެ.

ޒިވިޔާ ޑޮކުޓަރ ޒިޔާދު ބުނުއްވި ގަޑިއަށް ހޮސްޕިޓަލަށް ގޮސް މެސެޖް ކޮށްލިއެވެ. ދެތިން މިނިޓް ފަހެވެ. ދާންވީ ކޮން ރޫމަކަށްކަން ޒިޔާދު މެސެޖަކުން ޒިވިޔާއަށް އަންގައިލިއެވެ.

ޑޮކުޓަރ ޒިޔާދު ބައްލަވާ ރޫމްގައި ޓަކި ޖަހާލަމުން ޒިވިޔާ ދޮރު ހުޅުވައިލިއެވެ. ޒިޔާދު އިނީ އެ ވަގުތަށް އިންތިޒާރު ކޮށްގެންހެން ހީވިއެވެ. ރޫމަށް ވަންނަމުން ޒިވިޔާ އަމިއްލައިން ތަޢާރަފު ވިއެވެ. ޑޮކުޓަރ ޒިޔާދު ވެސް ތަޢާރަފުވަމުން ޒިވިޔާއާ ކުރަންޖެހޭ ބައެއް ސުވާލުކޮށް ހިސްޓްރީ ނެގިއެވެ. އަދި ދެން ކަންކުރަންވީ ގޮތްތަކާ ހަދަންވީ ޓެސްޓްތައް ލިޔެދިނެވެ.

ޒިވިޔާ އެ ރޫމުން ނިކުމެގެން ދިޔައީ ޑޮކުޓަރ ޒިޔާދަށް ވަރަށް ޝުކުރު އަދާކޮށްފައެވެ. އެވަގުތު ޝުކުރު އަދާކުރަންވީ ޑޮކުޓަރ އަރުޝަދަށް ކަމަށް ޒިޔާދު ބުނުއްވުމުން ޒިވިޔާގެ މޫނު ރަތްވެގެން ދިޔައީ ލަދުންނެވެ. ޑޮކުޓަރ ޒިޔާދު އެހެން އެ ބުނުއްވީ ވަކި އެއްޗެއް މާނަކޮށްފައިބާވައޭ ހިތަށް އެރިއެވެ.

ޒިވިޔާ ރޫމުން ހަމަ ނުކުތުމާއެކު ޒިޔާދު ގުޅީ އަރުޝަދަށެވެ.

''އޭ އަރޫ، މަ މަރާ ވައްޓާލައިފި އިނގޭ! ' ސީރިއަސްކަން އަޑަށް ގެންނަން މަސައްކަތް ކުރަމުން ޒިޔާދު ބުންޏެވެ.

''ކީއްވީ އަނެއްކާ! ކަމެއް ގޯސްވީތަ!'' އަރުޝަދު ކޮންމެވެސް ވަރަކަށް ހާސްވާގޮތް ވެއްޖެއެވެ. ވީ ގޮތެއް ނޭނގުމުން ކަންބޮޑުވުމުގެ އަސަރު އަޑުގައި ހުއްޓެވެ.

''ކީއްވީހޭ! ރައްޓެއްސެކޭ ކިޔާފަ ފަންމިންޏެއްނު މަގާތަށް ތިފޮނުވީ! ހުވާ މިބުނީ، ހާދަހާއޭ ރީތީ! އެހެރަ ލަދުރަކި ކަމެއް! އެހެރަ ތޫނު ނަޒަރެއް! ވާއު ވާއު!'' ޒިޔާދުގެ ވާހަކަތައް އަޑުއިވުމުން ފުރަތަމަ ފަހަރަށް އަރުޝަދަށް އުނދަގޫ ގޮތްތަކެއް އިހުސާސްވާން ވިއެވެ. އެހެންނަމަވެސް '' ޒިޔާދު ދައްކާވާހަކަ ދޯ '' އޭ ބުނެ އެ ވާހަކަތައް ހުއްޓުވަންވެގެން އަރުޝަދު ވާހަކަ ކުރުކޮށްލިއެވެ.

''ނޫނޭ، ހަމަތެދެއް މިބުނީ. އެހެރަ ކަޅިރަވައެއް. މަ މުޅިން ޒަޚަމް ކޮށްލައިފި!" ދެންވެސް ޒިޔާދު ހުއްޓާލާކަށް ނޫޅުނެވެ. އެހެން ފިރިހެނެއްގެ ދުލުން ޒިވިޔާގެ ރީތިކަމުގެ ވާހަކަ ދައްކާ ތަޢުރީފު ކުރާ އަޑު އަހާކަށް އަރުޝަދަކަށް ކުޅަދާނައެއް ނުވިއެވެ. އެއީ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވިޔަސް އެވެ. އެހެންކަމުން ބިޒީ ވެއްޖެއޭ ބުނެ ފަހުންގުޅާނެ ކަމަށް ބުނަމުން އަރުޝަދު ފޯނު ބޭއްވީއެވެ.

ކުރީ ދުވަހު ގުޅިގޮތަށް އަރުޝަދުގެ ޚަބަރެއް ނުވެއެވެ. އަރުޝަދުގެ ކޯލަކަށް ނުވަތަ ވައިބަރ މެސެޖަކަށް ނަމަވެސް އިންތިޒާރު ކޮށްކޮށް ޒިވިޔާ އެންމެ ފަހުން ވަރުބަލިވެ މާޔޫސް ވެއްޖެއެވެ. އަރުޝަދު ހަނދާންވާވަރުން އެރޭ ނިދަން އޮށޯވެ ވެސް ޒިވިޔާއަށް ނިދޭ ގޮތެއް ނުވިއެވެ.

''އަހަރެން މާލެ ފޮނުވައިލުމަށްފަހު އަހަރެންގެ އެއްވެސް ޚަބަރެއް އަރުޝަދު ނުބަލަނީބާ! އަނެއްކާ އަހަރެން ދެކެ ހިތް ހަމަ ނުޖެހުނީބާ! ނޫނީ އަހަންނަށް ބުނެވުނު އެއްޗަކުން ހިތްހަމަ ނުޖެހުނީބާ!'' ވިސްނާ ވިސްނާ ޒިވިޔާގެ ބޯފަޅައިގެން ދާވަރު ވެއްޖެއެވެ. އަރުޝަދަކީ އޭނާގެ އެއްވެސް މީހެއްނޫނެވެ. އަރުޝަދު އޭނަގެ ޚަބަރު ބަލާކަށް ގުޅާކަށް ނުޖެހެއެވެ. އެހެންމީހުންނެކޭ އަރުޝަދެކޭ ވަކި ތަފާތު ވެގެން ނުވާނެއެވެ. ޒިވިޔާ ބޭނުންވީ އޭނަގެ މޮޔަ ހިތަށް މިގޮތަށް ވިސްނައިދޭށެވެ! އެހެންނަމަވެސް އެ ހިތުގެ ކަނެއްގައި އަރުޝަދުގެ ނަން ލިޔެވި މަޑުމަޑުން އެ ސޫރަ ޒިވިޔާގެ ހިތުގައި ކުރެހެން ފަށައިފިއެވެ. ޚުދު ޒިވިޔާއަށް ވެސް ސިއްރުންނެވެ. އަރުޝަދު ފެނުމުން އުފާވެފައި ހުރެވުމާ، ދުރުގައި ހުންނަން ބޭނުން ނުވުމާ،  އަރުޝަދާ ވާހަކަ ދައްކާހިތްވުމާ، އަރުޝަދުގެ ވައިބާރ މެސެޖްތަކުން ހިތަށް ފިނިކަން ލިބި އިންތިޒާރު ކުރެވެން ފެށުމާ މި ހުރިހާ ކަމެއް މިހެން ވާން މިފެށީ މިހެންވެގެންތާއޭ އޭގެ ކުރިން އެއްފަހަރު ވެސް ޒިވިޔާގެ ހިތަކަށް ނާރައެވެ.

ޒިވިޔާއަށް ކަމުގެ ހަގީގަތާ ކުރިމަތިލާން ޖެހުމުން ބިރުވެރިކަން ހިތަށް ވަދެ މީހާ ފިނިދަލެއް ވެސް ހިއްލާލައިފިއެވެ. އެހެންނަމަވެސް އަރުޝަދުގެ އިޝާރާތަކަށް އިންތިޒާރުކޮށް ކެތްތެރިވުން ނޫންގޮތެއް ނެތޭ ހިތަށް އެރިއެވެ. މި އިޙުސާސް މިހިނގަނީ ހަމައެކަނި ޒިވިޔާގެ ހިތުގައޭ ހިތަށް އެރުމުން ލަދުވެތިކަމާ މާޔޫސްކަން ހިތަށް ވެރިވިއެވެ.

އަރުޝަދުގެ ޚަބަރެއް ނުވެ ދެ ދުވަސް ފާއިތުވީއެވެ. އެއްވެސް ޚަބަރެއް ނުވެއެވެ. މި ދެ ދުވަސް ހޭދަވިއިރު އެއް ގަރުނު ފާއިތުވެއްޖެކަމަށް ހީވިއެވެ. އަބަދު ކުރެވެނީ އެއް ޚިޔާލެކެވެ. ދުލުގެ ކުރީގައި އޮތީ އެންމެ ނަމެކެވެ. އިންތިޒާރު ކުރެވުނީ އެންމެ މީހެއްގެ އަޑުއެހުމަށެވެ. އަރުޝަދު ދެކެ މާބޮޑަށްވެސް ލޯބި ވެވިއްޖެކަން ޒިވިޔާއަށް ރޭކާލީ އަރުޝަދުގެ ޚިޔާލު ހިތުގައި ވިކަމުންދިޔަ ވަރުންނެވެ. އެ ހަނދާން ތަކާ ދުރުނުވެވި އަރުޝަދު ނުގުޅުމުން ވީދެރައިން ހިތުގައި އުފެދުނު ޝަކުވާއިން ލޮލަށް  ޖަމާވި ކަރުނަ ކޯތާފަތުން ތިރިއަށް ދެމިގެން ދިއުމުންނެވެ.

ދެން އޮތީ އަމިއްލަ ދުލުން އެކަމަށް އިޢުތިރާފު ވުމޭ ހިތަށް އަރާ، އެންމެ ފަހުން ފޯނުނަގައިގެން އަރުޝަދު ގެ ފޮޓޯއަށް ބަލަން އޮވެވުނެވެ. އެވަގުތު ހަނދާނަށް އައީ އަރުޝަދު ޒިވިޔާ މަތިން ހަނދާންވާ ވާހަކަ ބުނި ހަނދާނެވެ.  މި ހަނދާން އައުމުން ވިސްނާލަން އިރުކޮޅަކު އޮތުމަށްފަހު ''އައި މިސް ޔޫ ޓޫ'' އޭ ލިޔެ މެސެޖު ފޮނުވައިލިއެވެ. އޭގެ ފަހުގައި ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށެވެ. ދެން ނިންމީ އެރޭ ފޯނު ނިންވާލާފައި ބޭއްވުމަށެވެ. ފޯނު ހުޅުވާނީ ވެސް މާދަމާ ހެނދުނުންނެވެ. މިގޮތަށް ނިންމުމަށްފަހު ފޯނު ނިންވައިލީއެވެ. އަދި އެއަށްފަހު ފޯނު ބޯ އަޅައިގެން އޮތް ބާލީހުގެ ދަށަށް ލުމަށްފަހު ނިދީއެވެ.

އަރުޝަދު ޑިއުޓީ ނިންމާލުމަށްފަހު ފޯނު ޖީބަށްލަމުން ހިނގައިގަތީ ގެއާ ދިމާއަށެވެ. މި ދެ ދުވަހަކު މުއީޒާ ވެސް ބަލިވެ އުޅޭތީ ޑިއުޓީއަކަށް ނުނިކުމެއެވެ. އެހެންކަމުން އަރުޝަދު ގެއަށް ގޮސް ފޯނު ބަލައި ވެސް ނުލާ އޮށޯތީ ނިދުމަށެވެ! ޒިވިޔާ މެސެޖު ނުކުރާނެކަން އެނގޭތީ ފޯނު ބެލުމުގެ ބޭނުމެއް ވެސް ނެތީއެވެ. އަރުޝަދަށް އިހުސާސްވަނީ ފާޑެއްގެ އެކަނިވެރިކަމެކެވެ. ހުސްކަމެކެވެ. ކޮށްމެވެސް އެއްޗެއް މަދުކަމުގެ އިހުސާސް މާ ބޮޑަށް ވެސް ކުރެވެނީއެވެ. އެހެންވެ ބޭނުންވީ ފެންވަރާލައިގެން އޮށޯވެ އަވަހަށް ނިދާލާށެވެ. ސިކުނޑިއަށާ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުވައިލުމަށެވެ. ހިތަށް އަނިޔާ ކުރަމުންދާ ޚިޔާލުތަކަކުން މިންޖު ވެސް ވުމަށެވެ.

ހެނދުނު އަރުޝަދަށް ހޭލެވުނީ އަށެއްވެސް ޖެހިފަހުންނެވެ. ހޭލެވުމުން ވެސް ތެދުވާ ހިތެއް ނުވިއެވެ. ޒިވިޔާ އޭނަޔާ ދޭތެރޭ އެއްވެސް ޚާއްސަ ނަޒަރަކުން ނުދެކޭކަން ކަށަވަރު ކަމަށް ހިތުން ނިންމިއެވެ. އަދި ޒިވިޔާގެ ޚިޔާލުތައް ކުރުމަކީ ބޭކާރުކަމެއްކަން އަރުޝަދު އޭނަގެ ބަސްނާހާ ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ފޯނުނަގައި އޮން ކޮށްލިއެވެ.

ވައިބަރ މެސެޖުތައް މެސެޖަކަށްފަހު މެސެޖެއް އަންނަ އަޑުއިވެމުން ދެއެވެ. އެހެންކަމުން މުހިންމު މެސެޖެއް ވެސް އައިސް އޮވެދާނެތީ ވައިބާރ ހުޅުވައި ބަލައިލިއެވެ. އަރުޝަދަށް ހީވީ ދުނިޔެ ރަންވެ މުޅިދުނިޔެ މިލްކު ވީހެންނެވެ.

 ''އައިމިސް ޔޫ ޓޫ!'' ތަކުރާރުކޮށް އަރުޝަދު އެތައްފަހަރަކު އެ މެސެޖު ކިޔައިލިއެވެ. އަދި ދެން މަޑުމަޑުން ފޯނު ގެނެސް ތުންފަތުގައި ޖައްސައި ބާރުކޮށްލިއެވެ. ޒިވިޔާގެ ނިތްކުރީގައި ވެސް ބޮސްދޭނެ ފަދައަކުންނެވެ. ދެލޯ މަރާލަމުންނެވެ. އެ މައުސޫމު ސޫރަ ހިތުގެ ދުރުމީއިން ބަލަމުންނެވެ.

އެދުވަހަކީ ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ހަދާ ނިމިގެން ޒިވިޔާ ރަށަށް ފުރަން އޮތް ދުވަހެވެ. ބައެއް ޓެސްޓް ތަކުގެ ނަތީޖާ ފަހުން ލިބުނަސް އެ އެއްޗެހި ރައްޓެހި ކުއްޖަކު ނަގައިދޭނެ ވާހަކަ ބުނުމުން އަވަހަށް ރަށަށް ދަނީއެވެ. ފޯނު ރިންގުވީ ޒިވިޔާ ފޮއްޓަށް އެއްޗެހި އަޅަން ހުއްޓައެވެ. ރިންގުގެ އަޑާއެކު ޒިވިޔާގެ ހިތް ތެޅިލިއެވެ. އަރުޝަދުގެ ފޯނަކަށް ވެސް ވެދާނެއޭ ހިތް ބުނަނީއެވެ. ޒިވިޔާ މަންމައާ ވާހަކަ ދައްކާފަ ފޯނު ބޭއްވީ އިރުކޮޅެއް ކުރިންވީމައެވެ.

ފަށްޖަހަމުން ދިޔަ ހެދުން ފޮށިތެރޭ ބޭއްވުމަށްފަހު އެނބުރުނީ ފޯނު ކޮބައިތޯ ބަލާލުމަށެވެ. މަންމައަށް ގުޅިފަހުން އަދި ފޯނުގައި އަތް ނުލާތީ ރިންގުގެ އަޑުއިވޭ ދިމާއަށް އެނބުރުނު އިރު ޑްރެސިންގް ޓޭބަލްމަތީ ފޯނު އޮތްވާ ފެނިއްޖެއެވެ.

ފޯނުގެ ސްކްރީނަށް އަރާފައިވާ ޑޮކުޓަރ އަރުޝަދުގެ ނަން ވަރަށް ދުރުންވެސް ޒިވިޔާއަށް ފާހަގަ ކުރެވިއްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.