(4 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެކާވީސް ވަނަ ބައި
''ޒީ!..... ''
އަރުޝަދަށް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ.
ޒީނާ ވިސްނުމަކަށް ގެއްލިފައި އިރުކޮޅަކު އިނުމަށްފަހު ވާހަކަ ދައްކަން ފެށީ އަރުޝަދު އޭނަގެ ނަން ކިޔައިލުމުންނެވެ. ކުރެހިފައިވާ އަޑަކުންނެވެ.
''އަހަރެން ގަބޫލުކުރާނަން!....... އަހަންނަކީ ހެޔޮ އެދޭ މީހެއްކަމަށް ބަލާ! ހަސަންއަށް ދެރަ ގޮތަކަށް ވުމަކަށް ނޭނދޭނަން! ....... ދުވަހަކުވެސް ނޭދޭނަން!''
މަޑު ޖައްސައިލުމަށްފަހު ޒީނާ ވާހަކަ ކުރިއަށް ގެންދިއައެވެ.
''ވަރަށް ދުވަހު ތިހެން ތި ހިތާމަތައް ސިއްރު ކޮށްގެން އުޅެވިއްޖެނު! މަންމައަށްޓަކައި މިވަރުން ފުދޭނެ! އަހަރެން އަޑު އަހާނަން! ޕްލީޒް ..... ޕްލީޒް..... ކިޔައިދީ!''
އަރުޝަދުގެ ހިތުގެ ޙާލު އެނގޭތީ ޒީނާ ހިފީ އާދޭސް ކުރާ ހާލު އަރުޝަދުގެ އަތުގައެވެ.
އެ ހިސާބުން އަރުޝަދު އޭނަގެ މާޒީ ފުރަތަމަ ފަހަރަށް ޒީނާގެ ކުރިމަތީ ނިއުޅައިލިއެވެ. އެއްވެސް އެއްޗެއް ނު ފޮރުވައެވެ.
ކެތްތެރިކަމާއެކު ޒީނާ އަހަމުން ދިޔަ އަމިއްލަ ފިރިމީހާގެ ހަޔާތުގެ އެ ހިތްދަތި ވާހަކަތައް އަޑު އެހީ ފިރިމީހާގެ ހުރި ކެތްތެރިކަމަށް ހިތުގައި ތަޢުރީފު ވެސް ކުރަމުންނެވެ. އަދި މަޔަކަށްޓަކައި ވި ޤުރުބާނީއަށް އުފާ ވެސް ކުރަމުންނެވެ.
އަރުޝަދުގެ ވާހަކަ އަޑު އެހުމަށްފަހު އެއްވެސް އެއްޗެއް ނުބުނެ ވިސްނުމަކަށް ގެއްލިފައި އިރުކޮޅަކު ޒީނާ އިނެވެ.
''ދެން މިރޭ ނިދާލާ! ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ! ހަސަންގެ ޒިވީ ހަސަންއަށް ލިބޭތޯ އަހަރެން ދުޢާ ކުރާނަން!''
ޒީނާ ހިތުގައި އަތް އަޅަމުން ލިބުނު ހިތާމަ ފޮރުވަމުން އަރުޝަދަށް ހިތްވަރު ދިނެވެ. އެންމެ ބޮޑަށް ދެރަވީ އެންމެ ގާތް ރަޙުމަތްތެރިޔާއާ ދެމީހުންނަށް އެކެއް ދެކެ ލޯބި ވެވުނީތީއެވެ. ދެމީހުންކުރެ ކޮންމެ ވެސް އެކަކު މި ދިރިއުޅުމުން ދުރަށް ދާން ޖެހޭނެކަން އެނގޭތީއެވެ. ޒީނާ ދެކެ އަރުޝަދު ނުވި ލޯބި ޒިވިޔާ ދެކެ ވީތީއެވެ. އެހެން ނަމަވެސް ޒީނާގެ ހަސަން ޙާސިލް ކުރުމުގައި ޒިވިޔާ ކުރި ހޯދީ ޒީނާއަށް އަރުޝަދު ފެނުމުގެ މާކުރިންކަން ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރިއެވެ.
ހެނދުނު ގާތްގަނޑަކަށް ދިހައެއް ޖަހަން އުޅެނިކޮށް ޒިވިޔާގެ ބައްޕަ ގުޅާފަ އަމްރު ގޮވައިގެން ދާ ވާހަކަ ބުންޏެވެ. ޒީނާ މަޖީދަށް އެޑްރެހާ ކިތައްވަނަ ފްލޯރކަން މެސެޖު ކުރުމަށްފަހު ގޮސްވަނީ ބަދިގެއަށެވެ. އިރުކޮޅަކުން ގޭގެ ރަނގަބީލު ޖަހާލުމުން ގޮސް ދޮރު ހުޅުވީ ޒީނާއެވެ. މޫނުމަތި ކިތަންމެ މިލާމޯޅިވެފައި ހުއްޓަސް ހިނިތުންވުމަކުން މަރުޙަބާ ކިޔަމުން ޢަމްރު ގޮވައިގެން ވަނީ އެތެރެއަށެވެ. ޒިވިޔާގެ ބައްޕައަށް ވެސް ވަންނަން ދައުވަތު ދިނެވެ. އެހެންނަމަވެސް ޒިވިޔާގެ ބައްޕަ ލަސްވާކަމަށް ބުނެ ދިއައީއެވެ.
ޒީނާ ޢަމްރު ގޮވައިގެން ގޮސް ސޯފާގައި ބައިންދަމުން ގޮވައިލީ ޒީނާގެ ދަރިފުޅަށެވެ. އަރުޝަދަށް ވެސް އިވޭ ވަރަށެވެ.
''އައިރާ، ދަރިފުޅާ ބަލާބަލަ! މިއިނީ ބޭބެއެކޭ!''
އައިރާ ދުވަމުން ކޮޓަރިން ނިކުތީ އައިރާގެ ބައްޕަގެ އަތުން ވީއްލިގެންނެވެ. އަރުޝަދު ހޭލުމުން އައިރާ އަރާ އިނީ އަރުޝަދު ގާތު ވާހަކަ ކިޔުއްވާށެވެ. ޒީނާ ބުނި އެއްޗަކުން އައިރާ ބަލައިލީ މަންމަ ގާތުގައި ބައިންދާގެން އިން ''ބޭބެ'' އަށެވެ. ޒީނާ ބުނި އެއްޗެއްގެ އަޑު އަރުޝަދަށް ވެސް އިވުނެވެ. އެހެންވެ ކޮޓަރީގެ ހުޅުވިފައި ހުރި ދޮރުން އަރުޝަދު ބަލައިލީ ސޯފާ ގޮނޑީގައި އިށީނދެގެން އިން ލޯބި ލޯބި ފިރިހެން ކުއްޖާއަށެވެ.
އަރުޝަދު ނިކުމެގެން ދަމުން އެ ކުއްޖާއަށް ''ހެލޯ'' އޭ ބުނަމުން ކުޑަކޮށް ހީނލިއެވެ. ޢަމްރުއަށް އަރުޝަދު އެއްޗެއް ބުނިހެނެއް ހިއެއް ނުވެއެވެ. ޢަމްރު އިނީ އައިރާ ގެނައި ކުޅޭ އެއްޗަށް ސަމާލުކަން ދީގެންނެވެ. އަރުޝަދު ގޮސް އިށީނީ ސައި ބޯން ވެގެންނެވެ. އެހެންނަމަވެސް އިރުއިރުކޮޅާ އެ ތުއްތު ފިރިހެން ކުއްޖާއަށް ބަލައިލެވެއެވެ. އަރުޝަދުގެ ޙަރަކާތްތަކަށް ފާރަވެރިވެގެން ހުރި ޒީނާއަށް އަރުޝަދު ޢަމްރުއަށް ބަލަމުން ދިޔަގޮތް ފާހަގަވިއެވެ. ޢަމްރު އެއީ ޒިވިޔާގެ ކުއްޖެއްކަން އަރުޝަދަށް އެނގިފައި އޮވެދާނެބާއޭ ޒީނާ ހިތަށް އެރިއެވެ. ފަހަރެއްގައި އެއީ ޒިވިޔާ އެހެން މީހަކާ އިނދެގެން ލިބިފައި ހުރި ކުއްޖަކަށް ވެސް ވެދާނެއޭ ޒީނާ ހިތަށް އެރިއެވެ. ދަރިފުޅުގެ ބައްޕައާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ޒިވިޔާ އެއްބަހެއް ނުވިއެވެ. އެ ފުރުސަތެއް ނުވެސް ދިނެވެ. އެހެންކަމުން ޒީނާ ހުރީ އޮޅުންބޮޅުންތަކެއްގެ ތެރޭގައެވެ.
ޢަމްރުއާ މެދު އަރުޝަދަށް އިތުރަށް ޚިޔާލު ކުރެވުނީ ސައިބޮއެގެން ގޮސް އަނެއްކާ ވެސް އެނދުގައި އޮށޯވެލުމުންނެވެ. ޚިޔާލަށް އައީ އެ މޫނެވެ. ދަންނަ ވައްތަރު ހުރިހެން ހީވެއެވެ. އެކަމަކު ވައްތަރީ ކާކާ ކަމެއް ހަނދާނަކަށް ނައެވެ. އެހެންކަމުން ޒީނާއަށް ގޮވާލަމުން އެއީ ކޮން ކުއްޖެއްތޯ އަހަން ބޭނުންވިއެވެ.
ގޮވައި ވެސް ލިއެވެ. އެހެންނަމަވެސް ފަހުން ޚިޔާލު ބަދަލުވީ ދެވަނަ ފަހަރު ޒީނާއަށް ގޮވަން ޖެހުމުންނެވެ.
ޑިއުޓީ އޮތީ މެންދުރު ފަހުކަމުން ދެން ޖެހިލީ ބޭރަށެވެ. ޒީނާ ދިއައީ އަރުޝަދުގެ ޙަރަކާތްތަކަށް ބަލަމުންނެވެ. އަރުޝަދު އެ ގަޑީގައި ދިޔައީ ހޮސްޕިޓަލަށްކަން ޒީނާއަށް އެނގުނެވެ.
އަރުޝަދު ޒިވިޔާ އޮތް ރޫމްގެ ދޮރު ހުޅުވައިލިއިރު ޒިވިޔާ ގާތުގައި އެ ގަޑީގައި މީހަކު ނެތެވެ. ޒިވިޔާ އޮތީ ނިދިފައެވެ. އަރުޝަދު މަޑު މަޑުން ގޮސް ޒިވިޔާގެ މޫނަށް ފަރުވާތެރިކަމާއެކު ބައިލިއެވެ. އެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމުން އަރުޝަދުގެ ހިތަށް އަސަރު ކުރިއެވެ. އެހެން ހުރެފައި ދެން ގުދުވެ ޒިވިޔާގެ ނިތުގައި ބޮސްދިނެވެ. ޒިވިޔާ ކުޑަކޮށް ޙަރަކާތް ކޮށްލާފައި ކެނިއުލާ ނުގުޅާ އޮތް އަތް ގެންގޮސް އަރުޝަދުގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. ނިދިފައި އޮތަސް ޒިވިޔާއަށް އަރުޝަދު ވަކިކުރަން އެނގެނީތާއޭ ހިތަށް އެރުމުން އަރުޝަދުގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަރުޝަދު ޒިވިޔާގެ އެ އަތުގައި ހިފައި ފިތާލަމުން ކައިރީގައި ހުރި ގޮނޑީގައި އިށީދެއްޖެއެވެ.
ޒިވިޔާ ލޯ ހުޅުވައިލީ ވެސް ހިނިތުންވެފައިވާ މޫނަކާ އެކު އުފާވެރިކަން އިޙުސާސް ކުރަމުންނެވެ.
''ޒިވީ، ކޮބާ ބައްޕަ! ހިނގާބަލަ ބައްޕައަށް އަހަރެން ތަޢާރަފު ކޮށްދޭން!''
އަރުޝަދު މަޖީދުގެ ވާހަކަ ދެއްކުމުން ޒިވިޔާ އެވަގުތު ހަނދާން ވީ ޢަމްރު މަތިންނެވެ. ދަރިފުޅު ވާނީ ޒީނާމެންގެ ގޭގައެވެ. ބައްޕަ އެ އައީ ޢަމްރު އެ ގެއަށް ލާފައެވެ.
''ބައްޕަ ވެއްޖެ ބޭރަށް ގޮސް! އިރު ކޮޅެއް ކުރިން މިތާ އިނީ! އަންނާނެ ލަހެއް ނުވެ! ''
ޒިވިޔާ ޖަވާބު ދިނީ ސީދާ އަރުޝަދުގެ ލޮލަށް ބަލަން އިނދެއެވެ. އެހެންނަމަވެސް ޢަމްރުގެ ވާހަކައެއް މިފަހަރު ވެސް ނުބުނެއެވެ. ވަގުތު ޖެހެންދެން އަދި ވެސް މަޑުކުރީއެވެ.
''ޒިވީ، އެނގޭތަ ޒިވީއާ އަލުން ދިމާވުން އަހަންނަށް ވީ ހަމަ މުޢުޖިޒާތެއް ކަހަލަ ކަމަކަށް! ތެދަށް ބުނަންޏާ އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ މިއީ ހަގީގަތެއް ކަމަކަށެއް!''
އަރުޝަދުގެ އަތުގައި އޮތް ޒިވިޔާގެ އަތުގައި ފިރުމާލަމުން އަރުޝަދު ބުންޏެވެ.
ޒިވިޔާ އޮތީ އަރުޝަދު ވާހަކަ ދެއްކިއިރު ކަނުލާ އަޑުއަހަންކަން އެނގެއެވެ! ޒިވިޔާގެ ދެ ލޮލުގެ ވިދުން ގަދަވެ އެ ދެ ލޮލުން އަރުޝަދަށް އުފާވެރިކަން ފެނުނެވެ.
''އަހަރެން ކަމަކު އެދެފިއްޔާ ކޮށްދޭނަންތަ، ޒިވީ!''
އަރުޝަދު ރާގު ބަދަލުކޮށްލާފައި ސީރިއަސް އަޑަކުން ސުވާލު ކުރިއެވެ.
''ކޮންކަމެއް! ...... ކިހިނެއް!''
ޙައިރާން ކަން އެކުލެވިފައިވާ އަޑަކުން ޒިވިޔާ ސުވާލު ކުރީ އެހާބަލިވެ އޮވެ މީހަކަށް ކޮށްދެވޭނެ ކަމެއް ނެތޭ ބުނާ ކަހަލަ މޭރުމަކުންނެވެ.
''އަހަރެން ބުނާ އެއްޗަކަށް ހަމަ އެކަނި އާނއެކޭ ބުނެލާނީ! އޭރުން އެ ކޮށްދެވުނީ މިލިއަން ޑޮލަރުގެ ކަމެއް!''
ޒިވިޔާގެ އަޑުގައި ހުރި ހައިރާން ކަމަކުން އަރުޝަދު އިނީ މަޖާވެފައެވެ. ހަމަ ޖެހިފައެވެ. ރޭގައި ހިނގި އެއްވެސް ކަމެއް ހަނދާނުގައި ނުވެސް ނެތްފަދައެވެ.
އަރުޝަދުގެ ވާހަކަ އަޑު އިވުމުން ޒިވިޔާގެ ހިތް ތެޅިލިއެވެ. މެއަށް ބާރު ވެލިއެވެ. އެހެން ނަމަވެސް ކުޑަކޮށް ލޯ ހަނިކޮށްލަމުން، ބުމަ ހިތްލާލަމުން ކޮން ކަމެއްތޯ ސުވާލު ކޮށްފިއެވެ.
''އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވެދީ! އެ ވެސް އަދި މުޅި އުމުރަށް!''
ހިފަހައްޓާ ލައިގެން އިން ޒިވިޔާގެ އަތްތިލަ ގެނެސް ހިތާ ދިމާލުގައި ޖައްސައިލަމުން އަރުޝަދު ބުނީ ޒިވިޔާ ހީވެސް ނުކުރާ ވާހަކައެކެވެ.
އެ ވަގުތަކީ މަޖީދު ޒިވިޔާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންގަޑިއެވެ. މަޖީދަށް އަރުޝަދު ފެނުމުން ބަލަން ހުރީ ތީކާކުހޭ އަހާފަދަ ނަޒަރަކުންނެވެ.
އަރުޝަދަށް ވެސް ވީ ފުރަތަމަ އެކަހަލަ ގޮތެކެވެ. އެހެންނަމަވެސް ޒިވިޔާއާ ވައްތަރު ގޮތެއް މޫނުމަތިން ފެންނާތީ އެއީ ޒިވިޔާގެ ބައްޕަކަން ޔަގީނާ ގާތަށް އެނގުނެވެ. އެހެންކަމުން އަވަސް އަވަހަށް ހިފަހައްޓައިގެން އިން ޒިވިޔާގެ އަތުން ދޫކޮށްލުމަށްފަހު ގޮނޑީގައި ރީތިކޮށް އިށީނެވެ. އިސްޖަހައިލައިގެންނެވެ.
ޒިވިޔާ ވެސް މަޖީދަށް ބަލާލުމަށްފަހު އިސްޖަހައިލިއެވެ. މަޖީދު ހުރީ ޒިވިޔާއާ ދިމާއަށް ބަލަހައްޓައިގެންކަން އެނގުމުން ސިކުންތުކޮޅަކަށްފަހު ޒިވިޔާ ވާހަކަ ދައްކަން އުޅުނެވެ.
'' ބައްޕާ މިއީ .....''
އެހެން ނަމަވެސް ވާހަކަ ދައްކަން އުނދަގޫވެ ހުއްޓާލިއެވެ.
މަޖީދުގެ ނަޒަރު އެވަގުތު ވެސް ހުރީ އަރުޝަދާ ދިމާއަށެވެ. ދަންނަކަހަލަ ސިފައެއް އެ މޫނުމަތިން ސިފަވާހެން ވެސް ހީވެއެވެ. މަޑުމަޑުން އަރުޝަދާ ގާތަށް ޖެހެމުން ދިއައިރު އޭނަގެ ހަވަނަ ހިއްސު ކަމެއް ބުނެދޭހެން ވެސް ހީވެއެވެ.
''ދަރިފުޅާ! މިއީ ޢަމްރުގެ ބައްޕަތަ!''
މަޖީދު ސުވާލުކުރީ ޒިވިޔާއާއެވެ. އެހެންނަމަވެސް ކަޅި ޖަހާނުލާ ބަލަން ހުރީ އަރުޝަދަށެވެ. ކުޑަކޮށް ބޯ އެއްފަރާތަކަށް އަރިކޮށްގެން ހުރެއެވެ. އިވުނު ޖުމުލަ ފަހުމުކުރަން ނޭނގި އަރުޝަދަށް ހުރެވުނީ މަޖީދަށް ބަލަހައްޓައިގެންނެވެ.
''އާނ....ބައްޕާ! ތިއީ އަރުޝަދު! އަހަރެންގެ ........''
ޒިވިޔާއަށް ބުނެވުނީ އެހިސާބަށެވެ. މަޖީދު އައީ އަރުޝަދާ ދިމާއަށް ފުންމައިގެންނެވެ.
މަޖީދު ކައިރި ވާން ފެށުމުން އަރުޝަދު ވެސް ހުރީ ކޮޅަށް ތެދުވެއެވެ. ޒިވިޔާގެ ބައްޕައަށް ވުމުން އިޙުތިރާމް ކުރުމުގެ ގޮތުންނެވެ.
''ކަލޭގެ ތި މަކަރުވެރިކަމުގެ ދަލުގައި އަހަރެންގެ މި މައުސޫމު ކުއްޖާ ޖެއްސި އިރު އެއްވެސް އެއްޗެއް ހިތަކަށް ނޭރި ނު! ...... ކޮބާ ކަލޭގެ ލަދު ޙަޔާތް! ....''
މަޖީދު ހީވީ މޮޔަވެފައިވާ ސިންގާއެއް ހެންނެވެ. އެހިސާބަށް ބުނެފައި މަޖީދު ހިފީ އަރުޝަދުގެ ޓީޝާޓުގެ ގިރުވާނުގައެވެ. އޭރު މަޖީދުގެ އަތް ތުރުތުރު އަޅައެވެ.
''ބައްޕާ! އަރުޝަދުގެ ކުށެއް ނެތް! ކަންހިނގީ އަހަރެމެން ހީ ކުރި ގޮތަކަށް ނޫނޭ!''
ޒިވިޔާއަށް އެހިސާބަށް ބުނެވުނުއިރު އިނީ ރޮވިފައެވެ. އެހެން ބުނީ ވެސް ވަރަށް ހިތްވަރުންނެވެ.
''ދަރިފުޅު ހާދަ އަވަހަކަށް ތި ހަނދާން ނެތުނީ! ކޮބާތަ ދަރިފުޅު ކުރި ހިތާމަ! ކޮބާ އުފުލި ބުރަޔާ ތަޙައްމަލް ކުރި ވޭން! ކޮބާ ދަރިފުޅާ ހެދި ގެއްލި ދިޔަ ދަރިފުޅުގެ މަންމަގެ ފުރާނަ! ކޮބާ ރަށު މީހުން ދަރިފުޅަށް ކުރިހާ މަލާމާތާ ފުރައްސާރަ! ........ މި ހުރިހާ އެއްޗެއް ހަނދާން ނެތުނީތަ!''
މަޖީދު އަރުޝަދުގެ ޓީޝާޓުގެ ގިރުވާނުން ދޫކޮށްލީ ވާހަކަ ދައްކަން އުނދަގޫވެ އިތުރަށް ވާހަކަ ކުރިއަށް ގެންދަން ނުކުޅެދުމުންނެވެ. އަރުޝަދު ހުރީ މަޖީދު އަރުޝަދުގެ ޓީޝާޓުގެ ގިރުވާނުގައި ހިފީއްސުރެން ވެސް އިސްދަށަށް ޖަހައިގެންނެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާނެ އެއްޗެއް، އަމިއްލަ ދިފާޢުގައި ކުރާނެ އެއްވެސް ކަމެއް ނުވިސްނިފައެވެ. މަޖީދު އެ ދެއްކީ ކޮން ކުއްޖެއްގެ ވާހަކައެއް ބާއޭ ހިތަށް އަރާ ވަރުން ކިއި މާގިނަ އެއްޗެއް ސިކުނޑިއަކަށް ނުވެސް ވަނެވެ.
(ނުނިމޭ)
varahves reethi