(11 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާވީސްވަނަ ބައި
އަރުޝަދު ހުރީ މަޖީދު އަރުޝަދުގެ ޓީޝާޓުގެ ގިރުވާނުގައި ހިފީއްސުރެން ވެސް އިސްދަށަށް ޖަހާލައިގެންނެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާނެ އެއްޗެއް، އަމިއްލަ ދިފާޢުގައި ކުރާނެ އެއްވެސް ކަމެއް ނުވިސްނިފައެވެ. މަޖީދު އެ ދެއްކީ ކޮން ކުއްޖެއްގެ ވާހަކައެއް ބާއޭ ހިތަށް އަރާ ވަރުން ކިއި މާގިނަ އެއްޗެއް ސިކުނޑިއަކަށް ނުވެސް ވަނެވެ. ޚިޔާލުގެ ދުނިޔެއިން ޒިވިޔާ ހޭލައްވައިލީ އަރުޝަދުގެ މަޑުމައިތރި އަޑެވެ.
''ޒިވީ، އަހަރެމެން އެބަޖެހޭ ބައްޕައަށް ޙަގީގަތް ކިޔައިދޭން! ބައްޕަ އެހެރަ މަގާމުގައި ކޮންމެ މީހަކު ހުއްޓަސް އެ ގޮތަށް ކަންތައް ކުރެވޭނެ! ކަންތައް ދިމާވި ގޮތް ކިޔައިދިނުމުން ބައްޕައަށް ވެސް ގަބޫލު ކުރެވޭނެ އަހަރެން ޒިވީއަށް އޮޅުވައިނުލާކަން! އެއްވެސް އިރެއްގައި އަހަރެން ޒިވީ ދޫކޮށެއް ނުލާކަން! ދެރައެއް ނުދޭކަން!''
ދެރަވެ އިސްޖެހިފައިހުރި އަރުޝަދުގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ. ހިތުގައި އުފެދުނު ސުވާލު ފަހުން ކުރަން ބޭއްވުމަށްފަހު އަރުޝަދު ދެއްކީ މި ވަގުތު ދައްކަންޖެހޭ ވާހަކަ ކަމަށް އޭނާ ދެކުނެވެ.
ޒިވިޔާ އިނީ އަރުޝަދު ވާހަކަ ދެއްކިއިރު ދެ ލޮލުން ފޭބި ކަރުނަ ފޮހެލަފޮހެލައެވެ. އަރުޝަދު ޒިވިޔާ ގާތު އިށީނދެ މަޑުމަޑުން ޒިވިޔާގެ ބުރަކަށީގައި ފިރުމައިލިއެވެ.
''އެބަ ބަލަން ކޮންމެވެސް ގޮތަކަށް ބައްޕައަށް ހަގީގަތް ކިޔައިދެވޭތޯ! ޒިވީ މިކަމާ މާ ބޮޑަށް ނުވިސްނާ! އިރާދަ ކުރެއްވިއްޔާ ދެން އަހަރެމެން ދުރުކުރެވޭނެ ދުނިޔޭގެ އެއްވެސް ބާރެއް ނޯންނާނެ!''
އެހެން ބުނުމަށްފަހު އެބަ އަންނަމޭ ބުނެފައި އަރުޝަދު ނިކުމެގެން ދިއައީއެވެ.
މަޖީދު ނިކުމެގެން ދިޔަގޮތަށް ދިޔައީ ޢަމްރު ބަލައެވެ. އޭރު ޢަމްރު އިނީ އެގެއިން ކާށެވެ. މަޖީދު ފެނުމުން ޒީނާ އެދުނީ މަޖީދުވެސް އެގެއިން ކައިގެން ދިއުމަށެވެ. އެހެންނަމަވެސް ޒުބޭދާ އިންނާނީ ކާން ހަދައިގެން ކަމަށް ބުނެ މަޖީދު ކާކަށް އެއްބަހެއް ނުވިއެވެ.
''ކާކު މިހާރު ޒިވީ ގާތު އިނީ!''
ޒީނާ ސުވާލު ކުރީ ޢަމްރު އިނގިލީ ހިފައިގެން ނިކުންނަން ދިޔަ މަޖީދު ދޮރު ހުޅުވިފަހުންނެވެ. އެހެންކަމުން މަޖީދުގެ ޖަވާބެއް ނުލިބުނެވެ. ޒީނާ ދެއަތަކަށް ބޯހޫރާލުމަށްފަހު ގޮސް ވަނީ ކޮޓަރިއަށެވެ.
ޑޮކުޓަރ ޒިޔާދު ހުރީ މަޖީދު އެކޮޓަރިއަށް އެނބުރި އާދޭތޯ ބަލަބަލައެވެ. ލަސްވެގެން އެންމެ ފަހުން އައިސް ޒިވިޔާ ގާތު ބައްޕައަށް ގުޅާފަ ޑޮކުޓަރ ޒިޔާދު ބައްދަލުކޮށްލަން އެދޭ ވާހަކަ ބުނެދޭށޭ ބުންޏެވެ.
ޒިވިޔާގެ ކޯލް މަޖީދަށް ލިބުނީ ޢަމްރު ގޮވައިގެން ގޮސް ގެއަށް ވަންތަނާއެވެ. ޑޮކްޓަރ ޒިޔާދަކީ އެތެރެހަށީގެ ޚާއްސަ ޑޮކުޓަރެއްކަން މަޖީދަށް އޮތީ ކުރީ ދުވަހަކު އެނގިފައެވެ. އެހެންކަމުން ޒިވިޔާގެ އޮޕްރޭޝަނާ ބެހޭ ވާހަކައެއް ދައްކަންކަމަށް ހީވުމުން އަވަސް ކޮށްލައިގެން ހޮސްޕިޓަލާ ދިމާއަށް މިސްރާބު ޖެހިއެވެ.
ބައްޕަގެ ޚަބަރެއް ނުވެ ގިނައިރުވީ ވަރަކަށް ޒިވިޔާގެ ހިތުގެ ހިނގުން އަވަސްވަމުން ދިއައެވެ. ދެންވާނެ ގޮތަކާ ބައްޕަ ކަންތައް ކޮށްފާނެ ގޮތަކާމެދު ވިސްނެނީއެވެ. ބައްޕައަށް ހަގީގަތް ކިޔައިދޭނެ ގޮތަކާ މެދު ފިކުރު ހިންގަހިންގާ ޒިވިޔާގެ ވަރުދެރަވެ، އެންމެ ފަހުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ޢަމްރު އެއީ އަރުޝަދާ ޒިވިޔާގެ ލޯބީގެ މޭވާކަން އަރުޝަދު ގާތު ބުނާނެ ގޮތަކާ މެދު ކުރެވޭ ފިކުރު އަދި މާބޮޑެވެ. މި ދަނޑިވަޅުގައި ބައްޕަގެ ޙަރަކާތް ހުރިގޮތް ފެނި ޒިވިޔާއަށް ނަފުސާނީ ގޮތުން ވެސް އަސަރުކޮށްފާނެ ކަމާ މެދު ޒިވިޔާ ކަންބޮޑުވެއްޖެއެވެ. ބޭނުންވަނީ ހިތަށާ ނަފުސަށް ލުޔެއް ލިބޭނެ ގޮތެކެވެ. މި އުނދަގޫ ޙާލަތު ނިދިފައި ހޭލެވޭ އިރު ރަނގަޅު ޙާލަތަކަށް ބަދަލު ވާނެނަމައޭ ޒިވިޔާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. އަރުޝަދާ އޭނަގެ ގުޅުމަށް ބައްޕަގެ ރުހުން ލިބުން އެއީ މިހާރު ޒިވިޔާ އެންމެ ބޭނުން ކަންތަކެވެ. ހިތާހިތުން ދުޢާ ކޮށްލަކޮށްލާ އިނދެވުނީ އެކަމާއެވެ.
މަޖީދު އައިސް ޒިވިޔާ އޮތް ރޫމަށް ވަންއިރު ވަރުބަލިވެގެން ޒިވިޔާއަށް އޮތީ ނިދިފައވެ. އޭރުވެސް ލޮލުން ފޭބި ކަރުނަތައް ކޯތާފަތުގައި ހިކިފައި ހުރިކަމުގެ ނިޝާން ދައްކައެވެ.
މަޖީދު ހުރީ އޭނަގެ ދަރިފުޅާ މެދު ވާންވީ އުފާކަމެއް ނުވަތަ ދެރަވެ ރޯންވީކަމެއް ނޭނގިފައެވެ.
''ޑޮކުޓަރ ޒިޔާދު ދެއްކީ ތެދު ވާހަކައެއްބާ! ޢަމްރުގެ ބައްޕަ ވާނީ ޑޮކުޓަރ އަރުޝަދަށް...! ކޯމާއަކަށް ޑޮކުޓަރ އަރުޝަދު ދިޔަ ވާހަކައާ ޒިވިޔާ ހޯދަން މަސައްކަތް ކުރި ވާހަކަ އެއީ ހަމަ ތެދުބާ!''
މިޚިޔާލުގެ ތެރެއިން މަޖީދުގެ ހަނދާނަށް އައީ ޒިވިޔާ ފޯނަކާ ނުލާ ޢަމްރު ވިހަންދެން އުޅުނު ހަނދާނެވެ. ފޯނު ވަގަށް ގެންދިއަ ވާހަކަ ޒިވިޔާ ބުންޏަސް މަޖީދުގެ ރަށަށް ދަތުރު ކުރި ލޯންޗުގައި އިނދެފައި ޒިވިޔާ ފޯނު ކަނޑަށް ހޫރާލި ވާހަކަ ލޯންޗްގެ ކައްޕި މަޖީދު ގާތު ބުނީ ޒިވިޔާގެ މަންމަ ނިޔާވިތާ ދެތިން ދުވަސް ފަހުން އެއް ދުވަހަކު ދިމާވެގެންނެވެ.
މި ހަނދާން އާވެގެން އައި ހިނދު މަޖީދުއަށް ލޯބިވާ ދަރިފުޅުގެ މޫނަށް ބަލައިލެވުނެވެ. އެއީ ހިތްވަރުގަދަ ކުއްޖެކެވެ. ދީނީކަންތަކަށް ފަރުވާބަހައްޓާ ކުއްޖެކެވެ. އަމުދުން ޢަމްރުއަށް ބަލިވެ އިންފަހުން މާ ބޮޑަށް އަޅުކަމާއިގެން އުޅޭތަން ފެނުނެވެ. ޒިވިޔާ އެއީ އެއްވެސް އިރެއްގައި މިޒަމާނުގެ ކުދިން މިއުޅޭ ގޮތަށް މަގުމަތީ އެނބުރުނު ކުއްޖެއް ނޫނެވެ. ކެތްތެރި، މީހުންނަށް ހިތް ހެޔޮ، އޯގާތެރި، ގެވެހި ކުއްޖެކެވެ. ކުރެވުނު އެއްމެ ފާފައެއްގެ އަދަބު މުޅި އުމުރަށް ލިބިގަތުމުގެ ޙައްގެއް ނެތެވެ. އުފާވެރި ހަމަ ޖެހޭ ދިރިއުޅުމެއް ޒިވިޔާ ވެސް ބޭނުންވާނެއެވެ. އަރުޝަދު އެއީ ޒިވިޔާގެ ލޯތްބެވެ. ޢަމްރުގެ ބައްޕައެވެ. ޒިވިޔާގެ މުޅި ދިރިއުޅުމުގެ ހަމަޖެހުމެވެ. އުމުރުން އަދި އެހާ ޅައެވެ. ދުނިޔޭގެ އުފަލާ އަރާމުން ޒިވިޔާ މަޙުރޫމު ކުރުމުގެ ހައްގެއް ޒިވިޔާގެ ބައްޕަ ކަމުގައި ވިޔަސް އޭނާއަކަށް ވެސް ނޯންނާނެއެވެ. ޒިވިޔާ ބޭނުންވާ ގޮތް މިއަދު ޒިވިޔާއަށް ހޯދައިދޭން މަޖީދު ހިތުން ޢަޒުމު ކަނޑައެޅިއެވެ.
މަޖީދު މަޑުމަޑުން ކުރިއަށް ޖެހިލާ ދަރިފުޅުގެ ނިތްމަތީ އަތް ބާއްވައިލިއެވެ. ޒިވިޔާ ބަރު އެސްފިޔަތައް ދުރުކުރަމުން ދެލޯ ހުޅުވައި ބަލައިލީ އަރުޝަދު ކަމަށެވެ. ބައްޕަކަން އެނގުމުން ސިހުނުކަން އެ ދެ ލޮލުން އެނގުނެވެ.
''ހިނގާ އެއްޗެއް ބޯލަން، ބައްޕަ އަންނާނަން ގެއަށް ޖެހިލާފަ. ދަރިފުޅު ގުޅަންވީނު އަރުޝަދަށް!''
މަޖީދުގެ މޫނުމަތިން މި ފަހަރު ނުރުހުމުގެ އަސަރެއް ނުފެނުނެވެ. އަޑުގައި ހުރީ އޯގާތެރިކަމެވެ. އަދި އަރުޝަދުގެ ނަން ބުނި ވަގުތު ބައްޕަ ޖެހިލުންވެފައި ހުރިކަން ޒިވިޔާއަށް ފާހަގަ ކުރެވުނެވެ. އަރުޝަދަށް ގުޅަން ބައްޕަ ބުނާނީ އަރުޝަދު ދެކެ އައިއްސަ ހުރި ރުޅި މައިތިރިވުމުންކަން ޒިވިޔާ ދެނެގަތެވެ. ޒިވިޔާއަށް ބައްޕައަށް ބަލައިލެވުނީ ޝުކުރުވެރި ނަޒަރަކުންނެވެ. އާނއެކޭ ބުނެ ޒިވިޔާ ބޯޖަހާލުމުން މަޖީދު ކައިރިވީ ކުރުނބާ ފެންތައްޓެއް އަޅަން ކަބަޑު ކައިރިއަށެވެ.
"ބައްޕާ! ... އަހަންނަށް މަޢާފުކުރޭ! އަނެއްކާވެސް ބައްޕަގެ ހިތުގައި އަހަންނަށް........ އަރުޝަދު އެއީ އެހާ ގޯސް މީހެއް ނޫން!"
ޒިވިޔާގެ ވާހަކަ ދެއްކުމުގައި ހުރީ ލަދުވެތިކަމެވެ. ވަރަށް ގިނަ ވާހަކަ ޒިވިޔާ އޭނާގެ ބައްޕަ ކައިރީ ދައްކަން ބޭނުމެވެ. އެހެންނަމަވެސް އިތުރަކަށް އެންމެ ލަފުޒެއް ވެސް ޒިވިޔާއަކަށް ނުބުނެވުނެވެ. މަޖީދު އެނބުރި އޭނާގެ ލޯބިވާ ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އަދި މަޑުމަޑުން ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ. އެއީ މަޖީދުގެ ފަރާތުން ލިބުނު ފެހި ސިގުނަލެކެވެ.
ޒިވިޔާގެ ފޯނުކޯލް އަރުޝަދަށް ލިބުނީ ޒީނާއާ ދަރިފުޅު ގޮވައިގެން ޒީނާގެ އެދުމުގެ މަތިން ބަނާނާލީފަށް ކާން ވަންތަނާއެވެ. ޑިއުޓީ އޮތީ މެންދުރު ތިނަކުން ކަމުން ޒީނާ އެހެން ބުނުމުން އަރުޝަދު އެކަމާ އެއްބަސްވީއެވެ.
މޭޒުމަތީ އަރުޝަދު ބާއްވައިގެން އިން އަރުޝަދުގެ ފޯނު ރިންގު ވުމުން ޒީނާ މަޑުމަޑުން ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ވައްކަޅިންނެވެ. އަރުޝަދު ފޯނު ހިފައިގެން ކުޑަކޮށް އެއްފަރާތް ވެލާ ތިރީސް ވަރަކަށް މިނިޓު ފަހުން ދާނެކަމަށް ބުނި އަޑު ޒީނާއަށް އިވުނެވެ.
ގުޅީ ކާކުތޯ ޒީނާ އެހުމުން އަރުޝަދު ބުނީ ޕޭޝެންޓެއްކަމަށެވެ. އަރުޝަދު އެހެން ބުނިގޮތުން ޒީނާ ހިތުގައި ޖެހުނެވެ.
ދަރިފުޅު އައިރާ ގެނެސް އުނގުގައި ބޭންދުމަށްފަހު އައިރާއާ ވަރަށް ގިނަ ވާހަކަ އަރުޝަދު ދެއްކިއެވެ. އައިރާ ވާހަކަ ދައްކާ ތުއްތު ބަހުރުވައިންނެވެ. އައިރާއާ އަރުޝަދާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ. ޒީނާ ދެކެ ލޯބި ނުވިއަސް އަރުޝަދު އައިރާގެ ކޮންމެ ކަމެއްގައި ވަރަށް ފަރުވާ ބަހައްޓައެވެ. ޒީނާއަށް އެއީ އަރުޝަދުގެ ފަރާތުން ފެންނަ އެންމެ ކަމުދާ ސިފައެވެ.
ކެއުން ނިންމާލުމަށްފަހު ގެއަށް ދިޔަ އިރުވެސް އައިރާ އިނީ އަރުޝަދުގެ އުނގަށް އަރައެވެ. ދެ ފަހަރަކު ޒީނާ އައިރާ ގެނެސް ޒީނާގެ އުނގުގައި ބައިންދަން ވެސް އުޅުނެވެ. ތަޤުދީރު އައިރާއާ މެދު ދެން ކުރަހާލާނީ ކޮން ކަހަލަ މަންޒަރެއްކަން އެ ތުއްތު ކުއްޖާއަށް އެނގެނީއޭ ޒީނާގެ ހިތަށް އެރިއެވެ.
ޑިއުޓީއަށް ދާން އަރުޝަދު ތައްޔާރު ވަމުން ދިއައިރު ޒީނާ އިނީ އަރުޝަދުގެ ކޮންމެ ޙަރަކާތަކަށް ބަލަ ބަލައެވެ. ލާންވީ ގަމީހާ ފަޓުލޫނު ވެސް ނަގާ އެނދުމަތީ ބޭއްވީ ޒީނާގެ ދެއަތުންނެވެ. އަރުޝަދު ތައްޔާރުވެގެން ހިނގައިގަތުމުން އައިސް މަޑުމަޑުން ފުރަގަހުން ބައްދާލިއެވެ. އެ ހިތް ރޮނީ ކިހާވަރަކަށް ކަން އަރުޝަދަށް އަންގާކަށް ބޭނުން ނުވިއަސް އެ މުހިންމު ވަގުތު އަރުޝަދުގެ ބީހިލުމަކަށް ޒީނާ ނިހާޔަތަށް ބޭނުންވިއެވެ. އަރުޝަދު އެނބުރި ޒީނާގެ ނިތުގައި ބޮސްދީފައި ދަމުން އައިރާ ކޮބައިތޯ ބަލައިލި އިރު އައިރާ އިނީ ސިޓިންގރޫމުގައެވެ. އަރުޝަދު ގޮސް މަޑުމަޑުން އައިރާގެ ކޮލުގައި ކޮއްޓާލަމުން ޑެޑީ ދަނީކަމަށް ބުންޏެވެ. އައިރާ އެދުނީ ޑެޑީ އައިރާ އުރާލާފައި ދިއުމަށެވެ. އައިރާގެ އެދުމުގެ މަތިން ކިތަންމެ ލަސްވެގެން ހުއްޓަސް އަރުޝަދު ދިއައީ އައިރާ އުރާލާ ކޮލަށް ބޮސްދީފައެވެ. އެއީ ވަރަށް ގިނަ ދުވަހުގެ އާދައެވެ.
އަރުޝަދު ނިކުތުމުން ޒީނާ ޖެހިލީ ކުޑަދޮރު ކައިރިއަށެވެ. އަރުޝަދު ސައިކަލަށް އަރާ ސްޓާޓްކޮށް ދުއްވާލުމުން ލޯމަތިން ގެއްލެން ދެން ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު ވެސް އިރުކޮޅަކު އެ ހުރި ގޮތަށް ހުރެ ފުން ފުންކޮށް ދެތިން ފަހަރު ނޭވާލުމަށްފަހު ކޯތާފަތުން ދެމިގެން ތިރިއަށް ދިޔަ ކަރުނަ ތިކި އިނގިލިން ފޮހެލަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭގެ ކުރިން މައްޗަށް އިސް އުފުލާލާ ހަވީރު އަތަށް އަޅަން ތައްޔާރުވަމުންދާ ދައުރުވަމުންދިޔަ އިރަށް ބަލައިލިއެވެ. އަދި ނޫއުޑުން ފައުޅުވަމުންދިޔަ ވިލާ ރޮއްޖަށް ވެސް މެއެވެ.
ޒިވިޔާ އޮތް ރޫމަށް އަރުޝަދުވަނީ ގަޑި ޖެހެން ފަނަރަ ވަރަކަށް މިނިޓު ހުރުމުން ޒިވިޔާ ދެކިލާށެވެ. އަދި ގުޅީ ކީއްކުރަންތޯ ވެސް ބެލުމަށެވެ. އޭރު ޒިވިޔާ ގާތު މަޖީދާއި އެހެން ކުޑަ ފިރިހެން ކުއްޖެއް ހުއްޓެވެ. ކޮޓަރީގެ ދޮރު ހުޅުވާލި ތަނުން މަޖީދު ފެނުމުން އަރުޝަދުގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. ވަންނަން ފަސްޖެހެވުނެވެ. އެކަން ވިސްނިގެން މަޖީދު އަރުޝަދަށް ގޮވައިލިއެވެ.
''އަރުޝަދު!..... ވަދޭ ވަދޭ!''
މަޖީދުގެ އަޑުގައި ނުރުހުމެއް ނެތްކަން ފުރަތަމަ ފަހަރަށް އަރުޝަދަށް ފާހަގައެއް ވެސް ނުކުރެވުނެވެ. އެހެންކަމުން ކުޑަކޮށް މަޑުކޮށްލުމަށްފަހު އަރުޝަދު ވަދެގެން ގޮސް ޒިވިޔާ ގާތު މަޑުކުރިއިރު މަޖީދު ޢަމްރު ގެނެސް އަރުޝަދާ ދާދި ގާތުގައި ހުއްޓެނީއެވެ.
އަރުޝަދަށް ޢަމްރުއަށް ބަލާލެވުނެވެ. މިއީ ކުރީ ދުވަހު ގެއިން ފެނުނު ކުއްޖާހެން ހީވެގެން އަރުޝަދު ވަކިން ބޮޑަށް ޝައުގުވެރިވިއެވެ. ޢަމްރުވެސް ދަންނަ މީހަކަށް ބަލާހެން އަރުޝަދަށް ބަލަހައްޓައިގެން ހުއްޓެވެ.
މި ދެބަފައިން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިތަން ފެނުމުން މިއީ މުނާސަބު ވަގުތުކަން މަޖީދު ދެނެގެންފިއެވެ.
''ޑޮކްޓަރ އަރުޝަދު، އަމިއްލަ ލޭ ކުރިމަތިން ފެނުނީމަ އެނގެންވާނެ! މިއީ އަހަރެންގެ ދެ ލޮލުގެ ނޫރުކަމުގައިވާ ޒިވިޔާގެ ދަރިފުޅު ޢަމްރު! އަރުޝަދު ތިއީ މި ކުއްޖާގެ ބައްޕަ!''
މަޖީދު ވާހަކަ ކުރުކޮށްލީ އެވަގުތަށް މާގިނަ ވާހަކަ މުހިންމު ނުވާނެތީއެވެ. މަޖީދުގެ ވާހަކަ އަޑު އިވުމުން ކުޑަކުޑަ ޢަމްރު އަރުޝަދުގެ މޫނަށް ބަލަން ހުރެފައި މަޖީދުއާ އިތުރަށް ގާތްވެ މަޖީދުގެ ފައިގެ ފަލަ މަސްގަނޑުގައި ދެއަތުން ހިފާ ބައްދައިގަތެވެ.
(ނުނިމޭ)