ތީ ފުރާނައިގެ ދިރުމޭ މަގޭ... - 1

ފުރަތަމަ ބައި

އައިޖީއެމް ހޮސްޕިޓަލުގެ އަންހެނުންގެ ވޯޑްގެ އެނދެއްގައި އެޑްމިޓްކުރެވިފައިވާ އެ ހިމަތޮޅި އަންހެންކުއްޖާގެ އުމުރުން އަދި ވިއްޔާ ވާނީ ފަންސަވީހަކަށް އަހަރެވެ. ޢާންމު ގިނަ ދިވެހި އަންހެނުންނަށް ވުރެ ހަމުގެ ކުލަ އައްޔެވެ. އިސްކޮޅު ދިގު ކުއްޖެކޭ ބުނެވިދާނެއެވެ. ބަލި އެދުގައި އޮށޯތުމުގެ ކުރިން ވާނީ ރީތި ކުއްޖަކަށެވެ. މޫނުމަތީގެ ވަރުބަލިކަމާ ހަށިގަނޑުގެ ނިކަމެތިކަން އެމޫނުމަތިން ފާޅުވެއެވެ. އެސްފިޔަތައް ދިގު ދެލޯ ފެންނަނީ ކޮންމެވެސް ވަރަކަށް ވަޅުވަނދެފައި ވަނިކޮށެވެ. ދެލޮލުގެ ވަށައިގެން ވަނީ ހަނި އަޅިކުލައިގެ ދާއިރާއެއް ލެވިފައެވެ. ލޯހުޅުވާލާ އަނގައިން ބުނެލަނީ މަދުފަހަރަކުއެވެ. އެ ދެލޯ ހުޅުވާލާ ކޮންމެ ފަހަރަކު ވިދުން ގެއްލިފައިވާ ވިޔަސް ދެލޮލުގެ ރީތިކަން ފާހަގަ ކުރެވެއެވެ. އެއީ ޒިވިޔާއެވެ.

ދުވަހުގެ ސައުވީސްގަޑީގެ ތެރެއިން ހުރިހާ ވަގުތަކުވެސް ޒިވިޔާ ގާތު އައިސް ތިބެނީ ފިރިހެނަކާ އަންހެނެކެވެ. ބައެއްފަހަރު ހަތަރު ވަރަކަށް އަހަރުގެ ފިރިހެންކުއްޖަކު މަންމާ އޭ ކިޔާ ވާހަކަ ދައްކަން އިންނަތަން ފެނެއެވެ.

ޒިވިޔާ މާލެ ކިޔަވަން އައީ ރަށުން ކިޔެވެން ހުރި ހިސާބަށް ކިޔަވާ ނިމުމުންނެވެ. ޒިވިޔާގެ މަންމައާ ބައްޕަ ދިރިއުޅެމުން އައީ ޒިވިޔާ ހަނދާން ހުންނަން ފެށީއްސުރެ ވަކިންނެވެ. ބައްޕަ ފަހުން އުޅުނީވެސް އަތޮޅުގެ އެހެން ރަށެއްގައެވެ. ބައްޕަ އަކީ ތަނަވަސް މީހެކެވެ. މަންމަ ދިރިއުޅުނީ ގޭގައި ފަހާތަނެއް ހުޅުވައިގެން އެތަނުން ލިބޭ އެއްޗަކުންނެވެ. ޒިވިޔާގެ ބައްޕަ އެއްޗެއް ނުދިނަސް ފުދިގެން އުޅެވޭ ވަރަށް ޒިވިޔާގެ މަންމައަށް ފައިސާ ލިބެއެވެ. ޒިވިޔާގެ މަންމަގެ ޚަރަދުކުރަން ހުރީވެސް ޒިވިޔާ އެކަންޏެވެ. އެކަމަކު ވެސް ޒިވިޔާގެ ބައްޕަ ޒިވިޔާ ދެކެވާ ލޯތްބަކުން ޒިވިޔާއަށް ކުރަން ޖެހޭ ޚަރަދެއް ކުރުމުގައި ދުވަހަކު ވެސް ފަހެއް ނުޖެހެއެވެ.

މާލޭގައި ޒިވިޔާ ކިޔަވަން ދިޔައީ އަމީނިއްޔާ ސްކޫލަށެވެ. ޒިވިޔާ އަކީ ވިސްނުން ތޫނު ކިޔެވުމަށް މޮޅު ކުއްޖެކެވެ. ކިޔަމަންތެރި ބަސްއަހާ ޓީޗަރުން ލޯބިވި ކުއްޖެކެވެ. އަދަބީ ޙަރަކާތްތަކުގައި ބައިވެރި ނުވިއަސް  ވޮލީ އަދި  ނެޓްބޯޅާގައި ޒިވިޔާ ވީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަށެވެ.

އަމީނިއްޔާގައި ކިޔެވި ދުވަސްވަރު ޒިވިޔާގެ އެންމެ ގާތް ކުދިންނަކީ ޒީނާ އާއި ފިރުޝާ އާއި ލަމްޔާއެވެ. ގްރޭޑް އަށަކުން ފެށިގެން މި ހަތަރު ކުދިން އޯލެވެލް ނިންމީ ވެސް އެކު އެކީގައެވެ. އެހެންކަމުން މި ހަތަރު ކުދިންގެ މެދުގައި އުފެދިފައިވަނީ އެކުވެރި ކަމަކަށްވުރެ ބޮޑަށް އެއްބަނޑު އެއްބަފާކަމުގެ ގުޅުމެކެވެ. އެހެންކަމުން ހަސަދައާ އަރާރުމަކީ މި ކުދިންގެ ތެރޭ އޮތް ކަމެއްނޫނެވެ. އެއްކުއްޖަކަށް ހިތާމައެއް ލިބުނަސް އަދި އުފަލެއް ލިބުނަސް އަބަދު ވެސް އަނެއް ތިންކުދިން ތިބޭނީ އެންމެ ގާތުގައެވެ. ޚާއަސަކޮށް ޒިވިޔާއާ  ޒީނާއާ ދެމެދު އޮތް ގުޅުން ވަކިން ބަދަހިއެވެ.

އޯލެވެލް ނިމުމަށް ފަހު ކޮންމެ ކުއްޖަކުވެސް ބޭނުންވީ ގްރޭޑް ބާރަ ވެސް ނިންމާ އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާ އެއް ހޯދުމަށެވެ. އެހެންނަމަވެސް މަންމަ ބަލިވެގެން ޒިވިޔާ ރަށަށް ދިޔަގޮތަށް އެބުރި މާލެ އާދެވޭނެ ގޮތް ނުވީއެވެ. މަންމަ އެކަނި ދޫކޮށްލާފައި ދާން ޒިވިޔާ ބޭނުން ނުވީއެވެ. މަންމަ ކިތަންމެ ވަރަކަށް ވެސް ކިޔެވުން ހުއްޓާނުލުމަށް ބުންޏެވެ. އެހެންނަމަވެސް މަންމަގެ އިތުރު ކުއްޖަކު ވެސް ނެތުމުން ޒިވިޔާ ގަސްދު ކުރީ ރަށުން ވަޒީފާއެއް ހޯދައިގެން ކޮންމެވެސް ދުވަހަކުން މަތީ ތައުލީމަށް ކިޔެވުމަށެވެ.

ރަށަށް އައުމަށްފަހު ވަޒީފާއެއް ހޯދުމަކީ ޒިވިޔާ ހީކުރިހާ ފަސޭހަ ކަމަކަށް ނުވިއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ވެސް މަދީއެވެ. މާލެ ތޮއްޖެހެން ޖެހޭ ސަބަބަކީ މިއީތާއޭ ޒިވިޔާ ހިތަށްއެރިއެވެ.

ވަޒީފާއެއް ލިބެންދެން މަންމަ ކައިރީ ފަހާތަނުގައި ޒިވިޔާ ވެސް މަންމަ އަށް އެހީތެރިވެދޭން އުޅެން ފެށިއެވެ. މިގޮތަށް އުޅެން ފެށިތާ ފަސްވަރަކަށް މަސް ވީތަނާ ރަށުގެ ހޮސްޕިޓަލުން ކްލިނިކަލް އެސިސްޓެންޓެއްގެ ވަޒީފާ ހުސްވި ވާހަކަ ރައްޓެއްސަކު ބުނެފިއެވެ. ޒިވިޔާ ހިތަށް އެރިއެވެ. ކިޔެވީ ވެސް ސައިންސެވެ. އެހެންވީމާ މިއީ ރަނގަޅު ވަޒީފާއެކެވެ. ގައިމު އަހަރެންގެ ކަންތައް ކޮށްލައިގެން ސޭވް ކުރެވޭވަރު އެއްޗެއް ލިބޭނެއެވެ. އެހެން ވީމާ ކުރިމަތިލާނީއެވެ.

ޒިވިޔާގެ ނަސީބު ވަރަށް ރަނގަޅެވެ. ނަތީޖާއަށް ބަލާއިރު ޒިވިޔާއަށް ވުރެ ނަތީޖާ ރަނގަޅު ކުއްޖަކު ކުރިމައްޗެއް ނުލައެވެ. ކުރިމަތިލި ކޮންމެ ކުއްޖަކީ ތަޖުރިބާގެ ގޮތުން އެއްވެސް އެއްޗެއް އޮތްބައެއް ނޫނެވެ. އެހެންކަމުން އިންޓަރވިއުއަށް ފަހު ވަޒީފާ ލިބުނީ ޒިވިޔާއަށެވެ.

ރަށުގެ ހޮސްޕިޓަލަކީ ހޮސްޕިޓަލެކޭ ބުންޏަސް މާބޮޑު ތަނެއް ނޫނެވެ. ވަސީލަތްތައް މަދު އަދި ޑޮކުޓަރުން ވެސް މަދު ތަނެކެވެ. މާގިނަ ޓެސްޓްތަކެއް ހެދޭކަށް ނުހުރެއެވެ. ސްކޭން މެޝިނަކާ އެކްސްރޭ މެޝިނެއްހުރެއެވެ. ދޭތެރެ ދޭތެރެއިން އެ އެއްޗެހީގައި ވެސް ހުންނަނީ މައްސަލަ ޖެހިފައެވެ. އަހަރުގެ  ގިނަ ދުވަހު އަންހެނުންގެ ޑޮކުޓަރަކާ ކަށީގެ ޑޮކުޓަރެއް ހުންނަވައެވެ. ނުހުންނަ ފަހަރު ވެސް އާދެއެވެ. އެހެންނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ވުރެ މިރަށުން ލިބޭ ސިއްޙީ ޚިދުމަތް ރަނގަޅެވެ. އެހެންކަމުން ކައިރި އަތޮޅުތަކުގެ ރަށް ރަށުން ވެސް މި ހޮސްޕިޓަލަށް ފަރުވާ ހޯދަން މީހުން އައުން އެއީ ޢާންމު ކަމެކެވެ.

ޒިވިޔާގެ މަސައްކަތަކީ ޑޮކުޓަރާ ބަލި މީހާއާ ދެމެދު މުޢާމަލާތް ކުރުމަށް އެހީވެދިނުމެވެ. ތަރުޖަމާކޮށްދިނުމެވެ. އެކި ޑިއުޓީތަކުގައި އެކި ޑޮކުޓަރުންގެ ގާތުގައެވެ.

ޒިވިޔާ ވީ މަސައްކަތަށް ފަރުވާތެރި މައުލޫމާތު މުއްސަނދި ހީވާގި މުވައްޒަފަކަށެވެ. ބަލި މީހުންނާ ވާހަކަދެއްކުމާ މުޢާމަލާތު ކުރުމުގައި ހިތްހެޔޮ އެހީތެރި ސިއްރު ހިފަހައްޓާ މުވައްޒަފަކަށެވެ. ބަލިމީހުންގެ އިހުސާސްތައް ދަންނަ މުވައްޒަފަކަށެވެ.

އެ ހޮސްޕިޓަލުގެ މުވައްޒިފުންނަކީ އެއް އާއިލާއެއްހެން އުޅޭ ވަރަށް އެކުވެރި ބައެކެވެ. ބަލިމީހުން މަދު ދުވަސްކޮޅެއް ވިއްޔާ އޮންކޯލްގައި ހުންނާނީ ޑޮކުޓަރަކާ ނަރުހެކެވެ.

އިސްކޮޅުން މެދު މިނަށްވުރެ ދިގު ޒިވިޔާ އަކީ ރަށުގެ ކޮންމެ ޒުވާން ފިރިހެން ކުއްޖެއްގެ ހިތުން އެދި އެދި ހުރި އަންހެން ކުއްޖާއެވެ. ވަރަށް ދޮން އަންހެން ކުއްޖެކޭ ނުބުއްޏަސް ޒިވިޔާ އަކީ ހަމުގެ ކުލަ ދޮން ރީތި ހަށިގަނޑެއް ލިބިފައިވާ އިސްތަށިގަނޑު ފަން އަންހެން ކުއްޖެކެވެ. ޒިވިޔާގެ ރީތި ސިފަ އިތުރަށް ރީތިކޮށް ދެނީ ބޮލުގައިވާ ރީތި ފަން އިސްތަށިކޮޅު ކޮނޑާ ހަމައިން ކޮށާލާފައި ވާތީއެވެ. އެ ސިފައަކީ ރަށުގެ އެހެން އެއްވެސް ކުއްޖެއްގެ ހުރި ސިފައެއް ނޫނެވެ. ހުރިހާ ކުދިން ވެސް ތިބެނީ އިސްތަށިގަނޑު އައްސާލާފައި ފަހަތަށް ދޫކޮށްލާފައެވެ. ފަހަރެއްގައި ޒިވިޔާގެ އެސިފައަކީ މާލެއިން ކިޔެވުމުން އަށަގަތް ސިފައަކަށްވުން ވެސް އެކަށީގެންވެއެވެ. ދެލޮލުގެ ސިފަ އެންމެ ފުރިހަމަ ކޮށްދެނީ ބާބީ ޑޯލްއެއް ހެން ހީވާ ލޮލުގެ ދިގު އެސްފިޔަ ތަކެވެ. ދެލޮލުގެ ވިދުން ގަދަ ކަމުން މާ ގިނައިރަކު ޒިވިޔާގެ ދެލޮލަށް ބަލަހައްޓައިގެން ހުރުމަކީ އެކަކަށް ވެސް ކުޅަދާނަ ކަމެއް ނޫނެވެ. ޒިވިޔާގެ ދެލޮލަކީ އެކުގައި ކިޔަވަން އުޅުނު ކުދިން ވެސް އެންމެ އަޅައިގަންނަ ސިފައެވެ.

ކިތަންމެ ރީތި ހުނަރުވެރި އަދި ހިތްހެޔޮ ކުއްޖަކަށް ވިޔަސް އުމުރުން ވިހި އަހަރާ ހަމައަށް އައި އިރު ވެސް ޒިވިޔާގެ ހިތުން އެއްވެސް ފިރިހެން ކުއްޖަކަށް ޖާގައެއް ނުދެވުނެވެ. އެއީ އަމުދުން ޒިވިޔާ ވިސްނާ ކަމެއްވެސް ނޫނެވެ. ރަށުގެ ގިނަ އަންހެން ކުދިންނަކީ އެ އުމުރަށް ދިޔައިރު މީހުންގެ އަނބިންނެވެ. އެކަމަކާ ޒިވިޔާ އަކާ ކީކީ ހެއްޔެވެ!

ޑޮކުޓަރ އަރުޝަދު ހޮސްޕިޓަލަށް އައީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައި އިންޑިއާގެ މެޑިކަލް އޮފިސަރެއްކަމަށްވާ އަޖިތު ފުރައިގެން ދިއުމުންނެވެ. އަރުޝަދަކީ ކިއަވައިގެން އައިތާ މާގިނަދުވަހެއް ވެސް ނުވާ ތަޖުރިބާ މަދު ޑޮކުޓަރެކެވެ. އެހެންނަމަވެސް އަތޮޅުތެރޭގެ މާހައުލު ތަޖުރިބާ ކޮށްލާ ކަންތައް ކޮށްލަން ބޭނުންވާތީ ލިބުނު ފުރުސަތުގައި އަރުޝަދު އެރަށަށް ދުރުވީއެވެ.

އަރުޝަދުގެ އިސްތިގުބާލަށް ރަށުގެ ބަނދަރަށް ދިޔައީ ހޮސްޕިޓަލުގެ މެނޭޖަރާއި އިސް ނަރުހާއި އިތުރު ދެތިން މުވައްޒަފެކެވެ. އެމީހުން އެރަށާ ބެހޭ ބައެއް މައުލޫމާތާ މަސައްކަތާ ބެހޭ ބައެއް މައުލޫމާތު ދިނުމަށްފަހު އަރުޝަދު ހުންނަވާ ގެއަށް އަރުޝަދު ލުމަށްފަހު ޖެހިގެން އަންނަ ދުވަހު ޑިއުޓީއަށް ދާން ވާއިރަށް އެހީތެރިއަކު ބަލާ އަންނާނެ ވާހަކަ ބުނުމަށް ފަހު ދިޔައީއެވެ.

އަރުޝަދު ހުންނަވަނީ ޑޮކުޓަރުން ތިއްބެވުމަށް ހޮސްޕިޓަލުން ހިފާފައިވާ ތިންކޮޓަރީގެ ގެއެއްގައެވެ. އަރުޝަދާއެކު އިތުރު ދެ ޑޮކުޓަރަކު ވެސް އެގޭގައި ތިއްބަވައެވެ.

އެ ރަށުގެ މާހައުލުގެ ފެހިކަމާ ހިމުން ދޮންވެލި ލެވިފައިވާ ކުނީގެ އަސަރު ނުފެންނަ ރަށުގެ މަގުތަކުން ހިނގާފައި ދިޔައިރު އަރުޝަދަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. މަގުތަކުން ދިމާވާ މީހުންގެ މޫނުމަތިން ފެންނަ އިހުތިރާމު ކުރުމުގެ ސިފަޔާއެކު ހިތް ހެޔޮކަން އެއީ އަރުޝަދަށް އެރަށުގެ މީހުންނާ މެދު ގާތްކަމެއް އިހުސާސް ކުރުވި ފުރަތަމަކަމެވެ.

ޑޮކުޓަރ އަރުޝަދަށް  އެރަށަށް  ދެވުނީ ހަވީރު ވާން ގާތްވެފައި ވަނިކޮށް ކަމުން ފެންވަރާ ތާޒާ ވެލައިގެން ހަވީރު ސަޔަށްފަހު އިރު އޮއްސޭ މަންޒަރު ބަލާލުމަށާ ރަށް އަމިއްލައިން ބަލާލުމަށް ވެސް ބޭނުންވާތީ ނުކުމެލީ ރަށުތެރެ އަށެވެ. ފައިމަގުގައި ހިނގާލާފަ އަރުޝަދު ދިޔައީ ފުރަތަމަ މިސްކިތެއް ފެނޭތޯއެވެ. ނަސީބަކުން ވަރަށް ފަސޭހައިން ރަށުގެ ބޮޑުމަގުގެ މެދަކާ ހަމައިން ރަށުގެ ހުކުރުމިސްކިތް ފެނިއްޖެއެވެ. އަތުކުރީގަޑިއަށް ބަލައިލުމަށްފަހު އެއްޗެއް ވިސްނާލުމުން އެ ހިސާބަށް ގެއިން ނުކުމެގެން މިއާދެވުނީ ހަތް މިނިޓް ނުވަތަ އަށްމިނިޓް ތެރޭގައިކަން ޔަގީން ވެއްޖެއެވެ. އެއްޗެއް އޮޅުން ފިލުމުން ބޯ ޖަހާލާ ކަހަލަ ގޮތަކަށް ބޯ ޖަހާލުމަށްފަހު މޫނުމަތިން ހިނިތުން ވުމެއް ފާޅުކޮށްލިއެވެ. އަދި ކުރިއަށް ހިނގައިގަތީ އަތިރިމައްޗަށް ފޭބުމުގެ ނިޔަތުގައެވެ. ދިޔަ މަގުމަތީ ވޮލީ ކުޅެން ދެ ޖިންސްގެ މީހުން އެއްވެލައިގެން ތިބި ތަނަކާ ވެސް ދިމާވިއެވެ. އެހެންނަމަވެސް ރަށަށް އަދި ކިރިޔާ ފޭބި މީހަކަށް ވުމުން އެއްވެސް މީހަކާ ވާހަކަ ދައްކާލާ  އެއްޗެއް އަހާލާ ހަދާކަށް ގަސްދެއް ނުކުރިއެވެ.

އަތިރިމަތީގައި ހުރެފައި އަރުޝަދު އެއްގަމަށް ހިނގައިގަތީ ބަންގީގެ އަޑު އިވުމުންނެވެ. އޭރު ރަށުގެ އެކި ދިމަދިމާއިން ގޯޅިތަކުންނާ މަގުތަކުން އެކިއުމުރުގެ މީހުން މަޣުރިބު ނަމާދަށް މިސްކިތަށް އަންނަ ތަން ފެނެއެވެ. ގިނައީ ބޮލުގައި ތާކިހާ އަޅައިގެން ތިބި މުސްކުޅިފުރައިގެ މީހުންނާ އެމީހުންގެ އަތުގެ އިނގިލީގައި ހިފައިގެން އެ މީހުންނާ އެއްވަރަކަށް ހިނގާލާފައި އަންނަ ކުޑަ ކުދިންނެވެ. ޒުވާނަކު ފެނުނީ ވަރަށް މަދުންނެވެ.

އަރުޝަދު މިސްކިތުން ފެނުމުން ރަށަށް އަލަށް އައި ޑޮކުޓަރަކީ މިއީކަން ގިނަ މީހުންނަށް އެނގިގެން އައިސް ސަލާމް ކޮށްލާ ހާލު ކިހިނެތްތޯ އެހިއެވެ. ގިނަމީހުން އެމީހުންގެ ގެއަށް އައުމަށް ދައުވަތު ވެސް ދިނެވެ. މިމީހުންގެ ފަރާތުން މި ފެނުނު ހިތްހެޔޮކަމުން އަރުޝަދު ވަރަށް އުފާވިއެވެ.

އިޝާނަމާދު ވެސް އަރުޝަދު ކުރީ މިސްކިތަށް ގޮހެވެ. ރަށުގެ މީހުން ކަންކަމާ މެދު ވިސްނާ ގޮތަކާ އެމީހުންގެ އާދަ ކާދަ ދަސްވަންދެން އަރުޝަދު އުޅެން ވާނީ ވަރަށް ވިސްނައިގެންނޭ މަންމަ ބުނެފައި އޮތުމުން ސިކުނޑީގައި އެކަން ބެހެއްޓިއެވެ. އެހެން ނޫނީ ރަނގަޅު ލަނޑެއް ލިބުން ވެސް އޮންނާނީ ދާދި ކައިރީގައެވެ.

ދަތުރުގެ ވަރުބަލިކަމާއެކު ހެދުނު ޑިއުޓީ ވެސް އޮތުމުން އަރުޝަދު މާލޭގައި ނިދާ އުޅޭ ވަރަށް ވުރެ މާއަވަހަށް ނިދަން އޮށޯވެއްޖެއެވެ. އެހެންނޫނަސް މުޅިން އަލަށް އައި ބީރައްޓެހި ރަށެއްގައި އަދި އޮންނާނީވެސް ވަކި ކޮންކަމެއްހެއްޔެވެ!

(ނުނިމޭ)

5 ޚިޔާލު

  1. ކިޔާލައިފިން. ހައިރާން ވެއްޖެ. ފިރިހެނަކަށްވެ ހުރެ އަންހެނުންގެ ވާހަކަތައް ލިޔެފައި މިހިރީ ވަރަށް އަންހެންވަންތަކޮށް. މަރުހަބާ ޝާހިން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.