(6 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަތަރުވަނަ ބައި
އަރުޝަދުގެ ހަޔާތުގައި އަންހެން ކުއްޖެއްގެ ފަރާތުން ހިތުގައި ޖެހުނު އެންމެ ބޮޑު ރެއަށް އެރޭ ވުމުގެ ސަބަބުން ނިދުނީ ފަތިސްވާން ގާތްވީ ފަހުންނެވެ. މިހެންވުމުން ފަތިސްނަމާދަށް ވެސް ހޭނުލެވުނެވެ. ކާން ދިނުމުގެ ކަންތަކާ ހަވާލުވެ ހުންނަ ހަލީމަތު އޭނަގެ އާދައިގެ މަތިން ކޮފީ ހަދައިގެން އައިސް ދޮރުގައި ޓަކިދޭ އަޑަށް އަރުޝަދަށް ހޭ ލެވިއްޖެއެވެ. ދޮރު ހުޅުވަން އެނދުން ތެދުވަމުން ފޯނު ނަގައި ގަޑި ބަލާލިއެވެ.
''އަސްތާ! ހާދަ ލަހުންނޭ މި ހޭލެވުނީ!'' އަވަސްއަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވާ ކޮފީތަށި އަތުލަމުން ދޮރު ލައްޕައިލިއެވެ. އަދި އެނބުރި އައިސް އާދަކޮށް ހުއްޓި ހުންނަ ކުޑަދޮރު ކައިރީ ހުއްޓި ހުރެ ކޮފީތަށި އެތި ފޮދަކުން ބޮއެ ހުސްކުރަމުން ދިޔައެވެ. ކުރިމަތިން ދިގު ދިގު ދިވެހި ރުއްތަކާ ހެޔޮވަރަކަށް ހެދިފައި ހުރި އަހި ގަސްތަކާ އެއަށްވުރެ ތަންކޮޅެއް ދުރުން ފެންނަން އޮތް ހާމަކަނޑު ކުރިމަތީ އޮތަސް، އަދި ބަލާމީހަކަށް އަރުޝަދު އެހެރީ އެމަންޒަރަށް ގެއްލިފައިހެން ހީވިޔަސް ހަގީގަތަކީ އެއީ އެއް ނޫނެވެ. ވިސްނުމާ ފިކުރުގައި ހުރީ ކުރީ ރޭ އޭނަގެ ނިދި ނަގައިލި ރީތި ދެލޮލުގެ ވެރިޔާގެ ތަސްވީރެވެ. އެ ބިރުގެންފައިވާ ދެލޮލެވެ. އިޚުތިޔާރުން ބޭރުން އަރުޝަދަށް ގެނެވުނު ޙަރަކާތުގެ ނަތީޖާ ނިކުންނާނެ ގޮތެއްގެ ފިކުރެވެ. އެ އަންހެންކުއްޖާ އޭނައާ މެދު ބަހައްޓާ ދުރުކަމެވެ. ނުވިސްނިގެން އުޅޭ އެކަމުގެ ސަބަބެވެ. ލިޔުނު މެސެޖަށް އަދިވެސް ޖަވާބު ލިބުން ކީއްކުރަންތޯއެވެ. މެސެޖް ބަލާލާފައި ވެސް ނެތެވެ. ފޯނު ނުވެސް ހުޅުވަނީކަން ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް ފޮނުވި މެސެޖްގެ ޖަވާބު ނުލިބުމާ ޒިވިޔާގެ ފަރާތުން ފެންނަމުން އައި އަޅާލުން ކުޑަކަމާ މިހުރިހާ ކަމެއް މިހެން ހުއްޓާ އެންމެ ފަހުން މިހިނގައި ދިޔަ ކަމުގެ ސަބަބުން އަރުޝަދު ވަރަށް ބޮޑަށް މާޔޫސްވެ އެކަމާ މެދު ފިކުރު ހިންގެން ފަށައިފިއެވެ.
ޒިވިޔާ އަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ.
''ދަރިފުޅާ! ހާދަވަރަކަށް ނިދާ ދުވަހެކޭ! ބަލީތަ އަނެއްކާ!''
މަންމަ ޓަކިދެމުން، އަހާ އަޑު އިވުމުން ނިދީގައި އޮތް ޒިވިޔާއަށް އެނދުން ތެދުވެވުނީ ކުއްލިއަކަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީ މަންމަ ހުރިތަން ފެނުމުން ހީނލަމުން މޫނުމައްޗަށް އެޅިފައިވާ އިސްތަށިގަނޑުގެ ބައިތައް ފަހަތަށް ގެންގޮސް އަތުގެ އިނގިލި ތަކުން ބޮލުގައި ފުނާ އަޅާލިއެވެ.
''ފަތިހު ތެދުވެފަ އަނެއްކާ އޮށޯތީމަ މާގަދަޔަށް ނިދުނީ!'' މާއަށް ބާރުލަމުން ޒިވިޔާ ވީ ގޮތް މަންމައަށް ކިޔައިދިނެވެ.
''ފާޚާނާއިން ނިމިގެން ސައިބޯން އާދޭ! ހުންނާނެ ދަރިފުޅަށް އެންމެ މީރު ކޮޕީފަތުން މަސްހުނި ހަދާފަ!'' ސައިބޯން އަންނަން ބުނެފައި ޒިވިޔާގެ މަންމަ އަނެއްކާ ވެސް ވަނީ ބަދިގެއަށެވެ. މަންމަގެ އޯގާތެރިއަޑު ޒިވިޔާގެ ކަންފަތުގައި ޖެހުނީ ފޮނި މިޔުޒިކެއްގެ އަރާމާ އެކުގައެވެ. މައިން ޚާއްސަވަނީ މިފަދަ އެތައް ސަބަބަކަށްޓަކައެވެ. ޒިވިޔާ ހިތަށް އެރިއެވެ. އަދި މަންމައަށްޓަކައި ހިތް ފުރިގެން އައީ ލޯބިންނެވެ.
މަންމަ ބަދިގެއަށް ވަންނަން ދާ މަންޒަރު ކުށްވެރިކަމުގެ އިހުސާސަކާ އެކު ބަލަން ޒިވިޔާއަށް ހުރެވުނެވެ. އޮފް ދުވަހެއްގައި ވެސް މަންމައަށް ގޭތެރޭގެ ކަންތަކުގައި އެހީ ވެވޭލެއް ކުޑަކަމުން އަމިއްލަ ނަފުސު ކުށްވެރިކޮށް އަޑުލިއެވެ.
ސައިބުއިމަށްފަހު ބައެއް އެއްޗެހި ދޮންނަން މެޝިނަށް އެޅުމަށްފަހު ޒިވިޔާ އަވަސްވެގަތީ ކޮޓަރި ފޮޅާ ސާފު ކުރުމަށެވެ. މި މަސައްކަތުގައި އަވަދިނެތި އުޅެއުޅެ ހުއްޓާ ޒިވިޔާގެ މަންމަ އައިސް ޒިވިޔާގެ ބައްޕަ ނުގުޅިގެން އުޅޭވާހަކަ ބުންޏެވެ.
ފޯނުމަތިން ޒިވިޔާ ހަނދާންވީ ވެސް ދެނެވެ. ސައިޑުކަބަޑުމަތީ ބާއްވާފައި އޮތް ފޯނުނަގާ ބަލާލިއިރު ތިންފަހަރު ބައްޕަ ގުޅާފަ އޮތެވެ. ދެން ޒިވިޔާ އަވަސްވެގަތީ ބައްޕައަށް ގުޅުމަށެވެ. ނަސީބަކުން ދެ ފަހަރަކު ރިންގުވާއިރަށް ބައްޕަ ފޯނު ނަގައިފިއެވެ. ހީވީ އެ ފޯނުގެ އިންތިޒާރުގައި ބައްޕަ ހުރިހެންނެވެ.
''ދަރިފުޅާ! މިއަދު އޮފީހަށް ނުދާ ދުވަހަކީތަ!'' ބައްޕަގެ ސުވާލަށް ޒިވިޔާއަށް ޖަވާބެއް ނުދެވެނީސް އަނެއްކާ ވެސް ވާހަކަ ދެއްކީ ބައްޕައެވެ.
''އަސްލު ކަމަކުއޭ ބައްޕަ މި ގުޅަނީ ވެސް މިއަދު!'' ޒިވިޔާގެ ބައްޕަ ބައެއް ވާހަކަތައް ދެއްކުމަށްފަހު އެންމެ ފަހުން ބުންޏެވެ.
''މިއަދު ޒިވީ އޮފީސް ނެތްދުވަހެކޭ ބައްޕާ! ކޮންކަމަކު ބައްޕަ ތި ގުޅީ! ކޮބާ ކޮއްކޮމެން!'' ޒިވިޔާ އޮޅުން ފިލުވައިދިނެވެ.
''މިއަދު ހަވީރު އެބައޮތް ދައްތަގެ ކޮއްކޮއެއްގެ ކާވެނި! ދައްތަ ވަރަށް އުފާވާނެ ދަރިފުޅު އައިއްޔާ! ބައްޕަ ފޮނުވާނަން ލޯންޗު!''
ޒިވިޔާގެ ދޮންމަންމައަށް ޒިވިޔާ ކިޔަނީ ދައްތައެވެ. އެހެންކަމުން ބައްޕަ އެ ބުނީ ދޮންމަންމަގެ ކޮއްކޮއެއްގެ ވާހަކަކަން ޒިވިޔާއަށް އެނގުނެވެ.
''މަންމަ .... '' ޒިވިޔާއަށް އެ ހިސާބަށް ބުނެވުނު ތަނާ އަނެއްކާ ވެސް ޒިވިޔާގެ ބައްޕަ ޒިވިޔާގެ ވާހަކަ މެދު ކަނޑާލުމަށްފަހު ބުންޏެވެ.
''މަންމަ އަންނާކަށް އެއްބަހެއް ނުވިއޭ! ބުނީ ދަރިފުޅު ދިއަޔަސް މައްސަލައެއް ނެތޭ! މަންމަ އަންނަ ހިތް ނުވަންޏާ ކިހިނެތް ގެންނާނީ ވެސް! ދަރިފުޅަށް ވެސް އެނގޭނު މަންމަގެ ގޮތް!'' ޒިވިޔާއަށް ވިސްނައިދޭ ފަދަ ގޮތަކަށް ޒިވިޔާގެ ބައްޕަ ބުންޏެވެ.
''އެހެން ނޫނަސް ދަރިފުޅު އެކަންޏެއް ނުވާނެ! އަސްލަމްބެއާ އިތުރު ބައެއް މީހުންވެސް އަންނާނެ! އޯކޭނު!''
ބައްޕަގެ ވާހަކަ ހުރި ގޮތުން މަންމައާ ވަކިން ދާން ބޭނުން ނޫނަސް ދާން ޖެހޭނެކަން އެނގޭތީ ޒިވިޔާ އެންމެ ރަނގަޅޭ ބުނެ އެއްބަސްވިއެވެ.
ބައްޕަގެ ފޯނުކޯލު ނިމުމުން ފޯނު ހިފައިގެން ޒިވިޔާ އިށީނީ އެނދުގައެވެ. އަދި ވައިފައި ޖެއްސުމުން ފުލުފުލުގައި މެސެޖްތައް އަންނަ އަޑު އިވުނެވެ. އެހެންކަމުން ދެން ޒިވިޔާ ބަލައިލީ ވައިބަރއިން އައިސްފައި ހުރި މެސެޖް ތަކަށެވެ. ތަންކޮޅެއް ފަހަތުން ސޭވް ނުކޮށް އޮތް ނަމްބަރަކުން އައިސްފައި އޮތް މެސެޖް ލޮލުގައި އަޅައިގަތީވެސް އިރުކޮޅެއް ފަހުންނެވެ. އަދި ނަންބަރުގެ ވެރިޔާގެ ފުރަގަހުން ނަގާފައިހުރި ފޮޓޯއަށް ފުރަތަމަ ވެސް ސަމާލުކަން ދެވުނެވެ. އެއީ އެރީތި ހަށިގަނޑެވެ. ފުޅާ ބާމައްޗެވެ. ހަށިގަނޑަށް ހިފާލާފައިވާ އަޅިކުލައިގެ ގަމީހެވެ. ތުނިކޮށް ކޮށާލާފައިވާ ބޮލުގެ އިސްތަށިގަނޑާއެކު އެ ދޮން ކަނދުރާއަށް ކޮންމެ އަންހެންކުއްޖަކު ފިދާވާހައި ހިތްދަމާގަންނަ ގޮތެއް ހުއްޓެވެ. މީހާގެ ފުރަގަސް ފެންނަން ހުއްޓަސް ދެންފެންނަން ހުރީ ހުދުކަން ގަދަ ހުދުކުލައިގެ މުސަޅެކެވެ. ފޮޓޯއިން އެކަނި ވެސް ފޮޓޯގެ ވެރިޔާ ދިރޭ ތަކެއްޗަށް ލޯބި ކުރާވަރު އަންގައިދެއެވެ. އާނއެކެވެ. އެއީ ޑޮކުޓަރ އަރުޝަދެވެ. ފޮޓޯއަށް އިރުކޮޅަކު ބަލަން ހުރެވިއްޖެކަން ޒިވިޔާއަށް ރޭކާލީ ރޭގެ ހާދިސާ ހިތުގެ ކަނެއްގައި ކޮއްޓާލުމުންނެވެ. މެސެޖް ހުޅުވާލައި ކިޔަން ފެށީ ދެނެވެ.
''އައިމް ސޮރީ........، ރިއަލީ ރިއަލީ ސޮރީ! ....... ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރަން އަހަރެން ރޭގައި އެ ކުރިކަން އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަން! އެ ވަރު އަހަންނަށް ވިސްނުނު އިރު އެކަން އެއޮތީ ވެ ނިމިފައި! އެކަމަކު ވެސް ޒިވީ ގާތު ބުނަން ބޭނުން.........، އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫނޭ! އަހަރެން އުޅުނީ ވާހަކައެއް ބުނަން ...... ޒިވީ ކޮންމެ ރެއަކު ވެސް އެ ގޮތަށް ހަދާތީ އަހަރެން އުޅުނީ މަޑުކުރުވާފަ އެ ވާހަކަ އަހަން! އެ ގޮތަށް ކަންތައް ކުރާ ސަބަބު! އަހަންނަށް އިތުބާރު ނުކުރަނީތޯ ނޫނީ ޒިވީގެ ޚާއްސަ މީހަކު އަހަންނާ އެކު ދާން ހިތްހަމަ ނުޖެހެނީތޯ! ...................... އެކަމަކު ކަންވީ އަދި ކުރިއަށް ވުރެން ވެސް ގޯސްކޮށް! އަދިވެސް އެއްފަހަރު ޔަގީންކަން ދޭން ބޭނުން، އަހަރެންގެ އެއްވެސް ނުބައި ނިޔަތެއް ނެތްކަން!
ޒިވީ ،... އަހަރެން ގަބޫލުކުރަން. ޒިވީގެ ހުއްދައަކާ ނުލާ އަހަންނަށް ޒިވީގައިގަ އަތް ލެވިގެން ނުވާނެ! އެއީ އަތުގަ ކަމަށް ވިޔަސް! މިފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ހުވާ ކުރަން ވެސް އަހަރެން މިހިރީ ތައްޔާރަށް! ސޯ، ޕްލީޒް، އަހަންނަށް މައާފު ކޮށްދީ!''
އަރުޝަދުގެ މެސެޖް ކިޔައި ނިމުނު އިރު ޒިވިޔާ އިނީ ފިނިވެފައެވެ. އަރުޝަދުގެ ނިޔަތް އެނގުމުން އައިސްފައި ހުރި ރުޅި ފިލައިފިއެވެ. ތެދެކެވެ. ޒިވިޔާ ވެސް އެހާ ގޮތްކުޑަކޮށް އެއްތަނެއްގައި މަސައްކަތް ކުރާ ޑޮކުޓަރަކާ ދޭތެރޭ ހަދައިގެން ނުވާނެއެވެ.
ފޯނު މޭގައި ޖައްސާލައިގެން އިރުކޮޅަކު ވިސްނަން ޒިވިޔާއަށް އިނދެވުނެވެ. އަދި ހިތާ ހިތުން ކިޔާލެވުނެވެ.
''ޒިވީ....'' އެ ލަފުޒު ދެ ފަހަރަކު ކިޔައިލެވުމުން ޒިވިޔާގެ ހިތަށް ފިނިވެގެން ދިޔައެވެ.
އަރުޝަދުގެ މެސެޖް ކިޔާލިއަސް އެ މެސެޖަށް ރިޕްލައި ކުރާކަށް ޒިވިޔާއަކަށް ނޭނގުނެވެ. ބޮޑަށް ނުކެރުނީއެވެ. ޖަވާބެއްގެ އިންތިޒާރުގައި ހުރި މީހާ ކުރަމުންދަނީ ކިހާވަރެއްގެ ކެތްތެރިކަން ކުޑަ އިންތިޒާރެއްކަން ޒިވިޔާއަށް އެނގޭނީ ކިހިނެއްހެއްޔެވެ!
ހަވީރު ޕާޓީއަށް ދާން އަސްލަމު ތައްޔާރުވަމުން ދިޔައިރު ހިތަށްއަރަމުން ދިޔައީ އެ ޕާޓީއަށް އަރުޝަދު ވެސް ގެންދިއުމާ ދޭތެރޭގައެވެ. އެއީ ޑިއުޓީ ނެތް ދުވަހަކަށް ވުމުން އަރުޝަދު ވެސް ފޫހިފިލާ އެހެންމީހުންނާ އެކުވެރިކަން ވެސް އުފެދޭނެކަމަކަށް ވާނެތީ އަސްލަމް ބޭނުންވީ އެ ގޮތެވެ. އެހެންވެ އަރުޝަދަށް ގުޅާ، ކައިރި ރަށެއްގައި ހުރި ރައްޓެއްސެއްގެ ޕާޓިއަކަށް އެރަށަށް ދާން ފުރުސަތު ލިބިފައި އޮތް ވާހަކަ ބުންޏެވެ. ބޭނުމިއްޔާ ދާންވީކަމާ އަސްލަމު ވެސް ދާވާހަކަ ބުނުމުން އަރުޝަދު ހުރީ މާ ބޮޑަށް ވެސް ދާހިތުންކަން އެނގުނެވެ.
ގަޑި ޖެހުމުގެ ކުރިން އަސްލަމް ތައްޔާރުވެގެން ދިޔައީ ޑޮކުޓަރ އަރުޝަދު ބަލައެވެ. އަރުޝަދު ގޮވައިގެން ފާލަމުގެ ކޮޅާ ހަމައަށް ނުދެވެނީސް އެމީހުން ބަލާ އައިސް އޮތް ލޯންޗު މާދުރުން ފެނިއްޖެއެވެ. އަދި ކައިރިވަމުން ދިޔައިރު އަސްލަމުގެ އިންތިޒާރުގައި ފާލަން ފެށޭ ހިސާބުގައި ހުރި ރުކެއްގެ ދަށުގައި އަވިން ހިޔާވެލަން ވަދެހުރި ޒިވިޔާ އަސްލަމަށް ފެނިއްޖެއެވެ. އެވަގުތު އަރުޝަދަށް އަތުގެ އިޝާރާތުން ޒިވިޔާ ދައްކާލަމުން ޒިވިޔާ އެހެރީ ލަސް ވެފައިކަންނޭގެއޭ ބުނެލިއެވެ. ދުރުން ފެންނަ ލޯންޗާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ކުރިއަށް އައި އަރުޝަދަށް ޒިވިޔާ ލޮލުގައި އަޅައިގަތީ އަސްލަމު އެހެން ބުނެ އިޝާރާތް ކޮށްލުމުންނެވެ. އެހިސާބުން އަރުޝަދުގެ މޫޑު ބަދަލު ވެއްޖެއެވެ. މަދު ސިކުންތުކޮޅަކަށް ފަހު ބޯކަހާލަމުން އެއްޗެއް ވިސްނާފަދަ ހަރަކާތެއް ގެންނަމުން މިރެއަށް ކޮންމެހެން ނިންމަން ޖެހޭ ލިޔެކިއުމުގެ މަސައްކަތެއް އެބައޮތޭ ބުނެ ޕާޓީއަށް ދާން އުޒުރުވެރިކަން ފާޅުކޮށްފިއެވެ.
''މާގިނައިރެއް ނުވާނެ! ހަތެއްގެ ކުރިން އަހަރެމެން އަންނާނީއޭ!''
އަސްލަމު ކަންބޮޑުވެފައިވާ އަޑަކުން ވާހަކަ ދެއްކުމުން ވެސް ދެވެން ނެތް ވާހަކަ ބުނުމަށްފަހު އަރުޝަދު ފަސް އެނބުރި ހިނގައިގަތީ އައި ކޮޅަށެވެ. އަރުޝަދު ދާތަން ބަލަން އެނބުރި އިރުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް އަސްލަމު ލޯންޗާ ދިމާއަށް ހިނގައިގަތީ ޒިވިޔާ ވެސް ރުއް ދަށުން ނިކުމެ ބަލަން ހުރިތަން ފެނުމުންނެވެ.
''ފުރަތަމަ އަރުޝަދު ގާތު ޕާޓީއަށް އެ ރަށަށް ދާން ބުނީމަ ހުރީ ވަރަށް އުފަލުން ދާހިތުން! ނޭނގެ މިވީ ގޮތެއް! ކުއްލިއަކަށް ދެވެން ނެތޭ ބުނުއްވާފަ އެ ދުރުވީ!''
ޒިވިޔާއާ އަރާ ހަމަވަމުން އަސްލަމް ބުނި ވާހަކައިން އަސްލަމް، އަރުޝަދު ގެންދަން ބޭނުންވެފައިވާވަރު ޒިވިޔާއަށް އެނގުނެވެ. އަދި އަރުޝަދުގެ ވިސްނުން ބަދަލު އެވީ ޒިވިޔާ ފެނުނު ހިސާބުންކަން ޒިވިޔާގެ ވިސްނުމަށް ނަގައިގަނެވުނެވެ. އެހެންކަމުން އަމިއްލަ ނަފުސު ކުށްވެރި ކުރެވުނީ އަރުޝަދަށް އަނިޔާއެއް ދެވޭ ކަމުގެ އިހުސާސް ކުރެވުމުންނެވެ. އެކަމަކު ވެސް އަތުގައި ހިފީތީ މަޢާފު ކޮށްފީމޭ ބުނާކަށް ޒިވިޔާ ބޭނުމެއް ނޫނެވެ. ދުވަސްކޮޅަކުން އަރުޝަދު ހަމައަކަށް އެޅިދާނެއޭ ޒިވިޔާ ހިތަށް އެރިއެވެ.
(ނުނިމޭ)