ތީ ފުރާނައިގެ ދިރުމޭ މަގޭ... - 7

(16 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަތްވަނަ ބައި

އަގު ބޮޑު ފަރުނީޗަރެއް އެތާކު ނެތެވެ. އެހެންނަމަވެސް ރަށުގެ ފެންވަރުން ހުރި ތަކެތި ރަނގަޅެވެ. ކޮންމެ އެއްޗެއްވެސް ބެހެއްޓިފައިވަނީ ވަކި ތަރުތީބަކުން ކަން އެނގެއެވެ. ވަކިން ބޮޑަށް ސިޓިންރޫމާ އެތާ ހުރި ތަކެތީގެ ތަރުތީބުކަމާ އެކު ސާފުކަން އަރުޝަދުގެ ސަމާލުކަން އަތުލިއެވެ. ސިޓިންރޫމުގެ އެއްކަނެއްގައި ފާރުގައި ދެތިން ފޮޓޯ ލޯގަނޑު ހަރުކޮށްފައި ހުއްޓެވެ. އަރުޝަދު ތެދުވެގެން އެ ދިމާއަށް ހިނގައގަތީ މުޅިއަކުން އިޚުތިޔާރަކު ނޫނެވެ.

އެތަނުގައި ހުރި އެއް ފޮޓޯއިން ފެންނަނީ ޒިވިޔާ ކުޅިވަރު ހެދުމެއްގައި ޓްރޮފީއެއް ހިފައިގެން ހުރިތަނެވެ. ކުރު ސޯޓުކޮޅަކާއެކު ހުރި އެ ފޮޓޯގައި ޒިވިޔާއަށް ވާނީ ގާތްގަނޑަކަށް ސާދަ ވަރަކަށް އަހަރެވެ. އޭރުވެސް ޒިވިޔާގެ ފައިގެ މާކަޅުވާގެ ފުރިހަމަކަމާ ފައިގެ އޮމާންކަން އަރުޝަދަށް ފާހަގަވިއެވެ. އެ އުމުރުގައި ވެސް ޒިވިޔާ އަކީ ރީތި ކުއްޖެކެވެ. ފޮޓޯ ލޯގަނޑުތަކުން އަރުޝަދުގެ ނަޒަރު ވަކިކޮށްލަން ޖެހުނީ ސިޓިންރޫމަށް ވަދެގެން އައި ޒިވިޔާއާ މުޚާތަބުކޮށް އަސްލަމު ވާހަކަ ދެއްކި އަޑު އިވުމުންނެވެ.

ޒިވިޔާ ފެނުމާއެކު އަރުޝަދަށް ފުރަތަމަ ވެސް ބަލައިލެވުނީ ޒިވިޔާގެ ދެފައަށެވެ. ދެން މަޑުމަޑުން ކުޑަކޮށް ހީނލުމާއެކު ނޭފަތުގެ ކޮޅުގައި ހުރަހަށް އަތުގެ ޝަހާދަތް އިނގިލިން ހާކާލަމުން އައިސް ކުރިން އިންތަނުގައި އިށީނދެއްޖެއެވެ. އަމިއްލަ މީހާގެ ހުރި މޮޔަކަން ހިތަށް އަރާފައެވެ.

''ޒިވީ،  މަންމަގެ ފަހާތަނުގައި ކުރަން ވަރަށް މަސައްކަތް ހުންނާނެތަ!'' އަސްލަމް ސުވާލުކުރީ ޒިވިޔާއާ އެވެ.

''ހިއެއްނުވޭ! މި ދުވަސްކޮޅު މަންމަ ގޭގައި ގިނަ ވަގުތު އެ އުޅެނީ! އަހާލަން ޖެހޭނީ!'' ޒިވިޔާ ޖަވާބު ދިނީ އެއްފަހަރު އަރުޝަދަށް ބަލާލަމުން އަތުގެ އިނގިލި ތަކާ ކުޅެމުންނެވެ. ޒިވިޔާ އިނީ ލަދުންކަން ޒިވިޔާގެ ހަރަކާތުން އަރުޝަދަށް ފާހަގަ ކުރެވުނެވެ.

''ކަމަކު ކިޔަން މަންމަ ގާތު! އެކަމަކު ފަހުން މަންމަ ގާތު އަހާލާނަން! އަދި ދެން ބަހައްޓާ!'' އަސްލަމުގެ މި ޖަވާބާ އެކު ދެން ތަނަށް ވެރިވީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެކަކު ވެސް ދައްކާނެ ވާހަކައެއް ނެތް ކަހަލައެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން އަރުޝަދަށް ނީނދެވިގެން ޒިވިޔާއަށް ބަލައިލެވެއެވެ. އެއިން ކޮންމެ ފަހަރަކު އަރުޝަދުގެ ލޮލަށް ސިފަވެގެން އަންނަ ދެ މަންޒަރެއް ވިއެވެ. ޒިވިޔާގެ ހިނދިފައިވާ ދޮން ބަނޑާއި ބައްޓަން ރީތި މާކަޅުވާއެވެ. އަރުޝަދަށް ނީދެވިގެން ޒިވިޔާއަށް ބަލަމުން ދިއަޔަސް ޒިވިޔާ އިނީ އިސްޖަހާލައިގެންނެވެ.

ޒިވިޔާގެ މަންމަ ޖޫސް ގެނައުމުން ޖޫސް ބޮއެގެން އަސްލަމާއެކު އަރުޝަދު އެގެއިން ދިޔައީ ދާހިތަކުން ނޫނެވެ. ނިކުންނަން ދަމުން ދަމުންވެސް ފަސްއެނބުރި އެއްފަހަރު އަރުޝަދު ބަލައިލިއެވެ. އެ ރީތި މަޑުމައިތިރި އެހެނަސް ތަފާތު އަންހެން ކުއްޖާ އެގޮތަށް އަބަދުވެސް އޭނަގެ ލޮލަށް ފެންނަން މި އެދެވޭ ސަބަބަކީ އެ ކުއްޖާގެ ހުރި ގޮތް ދޫނުކުރުމުގެ ސަބަބުންނޭ އަރުޝަދު ހިތަށް އެރިއެވެ. ނުވަތަ އޭނަގެ ފަރާތުން މި ފެންނަ ލަދުވެތިކަމަކުންހެއްޔެވެ!

ޖެހިގެން އައި ދުވަހު ޒިވިޔާގެ ޑިއުޓީ އޮތީ މެންދުރުފަހު ތިނަކުންނެވެ. މެންދުރު އަތަށް އެޅީއްސުރެ މޫސުން އޮތީ ގޯސްކޮށެވެ. ވައި އެހާ ބާރެވެ. އުޑުމަތި އޮތީ ކަޅުވިލާތަކުން ބަރާވެފައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިގަންނާނެ ހެންނެވެ. އެހެންނަމަވެސް ފުރަތަމަ ކަނި ޖެހީވެސް އިރު އޮއްސުނު ފަހުނެވެ. ނަމަވެސް ރޭގަނޑުގެ ވަގުތު ފަސްދިން ވަރަކަށް ވާރޭ ތުނިކުރަމުން ދިއައެވެ.

ޑިއުޓީ ނިންމާފައި ޒިވިޔާ އާއި މުއީޒާ ގެއަށް ދާން ނިކުތީ ވާރޭ ހުއްޓާލާފައި އޮތް ވަގުތު ކޮޅެއްގައެވެ. ފަހަތުން އައި އަރުޝަދު އެމީހުންނާ އަރާ ހަމަ ކުރީ ދެކުދިންނަށް ތަންކޮޅަކަށް ދެވުނު ވެސް ފަހުންނެވެ.

''އައްދެ! ފިނި ބޮޑުކަމުން މިރޭ މާލިމީއާ ނުލާ ދަތުރު ފެށި ރެއަކީތަ!'' އަރުޝަދު ސަމާސާ ރާގަކަށް މިހެން ބުނުމުން ވަށައިގެން އުޑުމައްޗަށް ނަޒަރު ހިންގައިލުމަށްފަހު ޖަވާބު ދިނީ މުއީޒާއެވެ.

''ނޭނގެ ގެއާ ހަމައަށް ވެސް ދެވޭނެ ކަމެއް! ވެހި ނުގަތިއްޔާ ރަނގަޅު!''

މުއީޒާގެ ވާހަކައަށް އެއްބައި ވެލަމުން އަރުޝަދު ވެސް ހިނގުން ބާރުކޮށްލިއެވެ. އާދައިގެ މަތިން އެ ދެކުދިންގެ ކުރީގައި ހުރެގެން ބާރު ބާރަށް އަރުޝަދު ދާން ފެށުމުން ޒިވިޔާމެން ބައެއްފަހަރު ދުވަން ވެސް ޖެހެއެވެ.

މުއީޒާ ގެއަށް ވަނުމުން ހަމަ އެ ބާރުމިނުގައި އަރުޝަދު އަނެއްކާ ވެސް ހިނގައިގަތީ ކުރިއަށެވެ. އަރުޝަދު ހުންނަ ގެ ފަސްދީ ތަންކޮޅަކަށް ދެވުނުތަނާ ޒިވިޔާ ހުރި ފަރާތުގެ ފާރުމަތިން ދެބުޅާ ކޯޅިގަތް އަޑުން އަރުޝަދު ވެސް ދިޔައީ ސިއްސައިގެންނެވެ. އެއްބުޅާ ފުންމާލައިގެން ޒިވިޔާގެ ކުރިމަތިން ހުރަސް ކެނޑުމުން ޒިވިޔާގެ މޭގަނޑު ހީވީ އަނގަޔަށް އައި ހެންނެވެ. އެއީ ވިސްނައިގެން ހުރި ކަމަކަށް ނުވާތީ ގަންނާކުރެއްވި ބިރުން ދުވެގޮސް ޒިވިޔާއަށް ހިފުނީ އަރުޝަދުގެ މެދު ހަށީގައެވެ. ޒިވިޔާގެ މޭ ނެގިނެގިފައި ޖެހޭކަމުގެ އިހުސާސް އަރުޝަދަށް ވެސް ކުރިއެވެ. އެހެންވެ އަރުޝަދު ސިހިފައި ހުއްޓަސް އެކަން ޒިވިޔާ އަކަށް އަންގާކަށް ބޭނުމެއް ނުވިއެވެ. ޒިވިޔާ ކުރިމައްޗަށް ގެނެސް ޙިމާޔަތް ދޭފަދަ ގޮތަކަށް އިތުރަށް ގަޔާ ކައިރިކޮށްލިއެވެ. އެއް އަތުން ޒިވިޔާގެ ހަށިގަނޑުވަށާލާ ހިފަހައްޓައިގެން ހުރިއިރު އަނެއް އަތް އޮތީ ޖިންސްގެ ޖީބުގައެވެ.

އިރުކޮޅެއް ވަންދެން އިވުނީ ހަމައެކަނި ޒިވިޔާ ލަމުން ދިޔަ ނޭވާގެ އަޑެވެ. ޒިވިޔާގެ ބިރު ފިލާ ހަމައަކަށް އެޅުމުން ޒިވިޔާއަށް މި ކުރެވުނު ކަންތަކާ ދޭތެރޭ ލަދުގަނެ މަޑުމަޑުން ''ސޮރީ'' އޭ ބުނަމުން އަރުޝަދުގެ ގައިން ވަކިވެލާ ދުރަށް ޖެހިލިއެވެ. އަރުޝަދު ވެސް އިތުރަށް ޒިވިޔާ ހިފަހައްޓާކަށް ނޫޅުނެވެ. އަނެއްކާ ވެސް ކުރިއަށް ހިނގައިގަތީއެވެ. މިފަހަރު ޒިވިޔާއާ އެއްހަމައެއްގައި ހުރެގެންނެވެ. ޒިވިޔާ ވެސް އަރުޝަދާ ދުރުގައި ހުރުމުގެ ބަދަލުގައި އަރުޝަދާ ވަރަށް ގާތުގައި ހުރެގެން ކުރިއަށް ދިޔައެވެ. އެހެންކަމުން ޒިވިޔާ އަދިވެސް ހުރީ ނުލާހިކު ބިރުންކަން އަރުޝަދަށް އެނގުނެވެ. ބައެއްފަހަރު ޒިވިޔާގެ އަތުގައި އަރުޝަދުގެ އަތުން ޖެހިލައެވެ. އެއިން ކޮންމެ ފަހަރަކު ޒުވާންކަމުގެ ހޫނުގައި އަނދަމުން ދިޔަ ދެ ޖިސްމަށް އަރާމެއް އިހުސާސްވަމުން ދިއައެވެ. އެކަކު ވެސް ގަސްދުގައި އަނެކެއްގެ ގައިގާ ޖެހި ނުގަނެއެވެ. އެހާ ކައިރީގައި ތިބެގެން ހިނގާފައި ދިޔަނަމަވެސް ކޮންމެ މީހަކުވެސް އަނެކާއަށް އިހުތިރާމު ކުރިއެވެ. ކޮންމެ މީހަކުވެސް ބެލީ އެމީހެއްގެ ގޮތުގައި ދެމި ހުރެވޭތޯއެވެ.

އެހެން ރޭރޭ އަރުޝަދު ޒިވިޔާ ގެއަށް ވަންނަން ދެން މަޑުކުރާ ހިސާބުގައި މިރޭ ވެސް މަޑުކޮށްލިއެވެ. އެހެންނަމަވެސް މިރޭ ޒިވިޔާ ވެސް އަރުޝަދާ އެކު މަޑުކޮށްލިއެވެ. އެވީ ގޮތް އަރުޝަދަށް ވިސްނުމުން ކުޑަކޮށް ހީނލިއެވެ.

''އަދިވެސް ބިރުންތާ ތިހިރީ!''

އަރުޝަދު ކުރިއަށް ހިނގައިގަތެވެ. ވަކި ޖަވާބެއް ނުދިނަސް ޒިވިޔާ ހުރީ މިރޭ ދިމާވި ހާދިސާއިން ހިތަށް ފޮނި ތަދެއް އިހުސާސްވިޔަސް އަދިވެސް ލަދުންނެވެ. ޒިވިޔާގެ ގޭގެ ދޮރުން ޒިވިޔާ ވަނުމުން ވެސް އިރުކޮޅަކު އަރުޝަދު މަޑުކުރިއެވެ. ދެން ހިނގައިގަތީ ގެއާ ދިމާއަށެވެ. މަޑު ރާގަކަށް ތުނބުން ފުމެމުންނެވެ.

އަރުޝަދު ހިނގައިގަތް އަޑު އިވުމުން  ކުޑަދޮރުގެ ފޮތިގަނޑުން ނިވާވެ ހުރެ ޒިވިޔާ އަރުޝަދު ދާތަން ބަލަން ހުއްޓެވެ.

އަރުޝަދު މަގުމައްޗަށް ނިކުތުމަށްފަހު އެނބުރި  ޒިވިޔާ ވަނދެގެން ދިޔަ ދޮރާދިމާއަށް ބަލައިލީ ޒިވިޔާއަށް އެ މަންޒަރު ފެންނާނެކަމުގެ އުންމީދަކު ނޫނެވެ. އެ ރީތި ރީތި އަންހެންކުއްޖާ އަދިވެސް ދެކިލުމުގެ ބޭނުމުގައެވެ. ދެން މިރޭ ނުފެންނާނެކަން އެނގި ހުރުމާ ވެސް އެކުއެވެ.

އަރުޝަދު ގެއަށް ގޮސް ނިދަން އުޅެ އުޅެ އެކަންވީ މިރޭ ކިތަންމެ ފިންޏަސް އުދަނގޫ ކަމަކަށެވެ. ޒިވިޔާގެ ހަށިގަނޑުން ލިބުނު ހޫނުކަމުގެ އަސަރުން ހިތަށާ ސިކުނޑި އަނދަމުން ދަނީއެވެ. އެ ހޫނަށް އެދެވެނީއެވެ. އިތުރަށެވެ. މާ ބޮޑަށެވެ. އެހެންކަމުން ފޯނުނަގާ ވައިބަރއިން ޒިވިޔާ އޮންލައިންގައި އިންތޯ ޗެކުކޮށްލިއެވެ. ޒުވާންކަމުގެ ހޫނުން ފިއްސަމުންދާ ހިތަށް ތަޞައްލީއެއް ލިބޭތޯއެވެ.

މޫނުގެ ކުލަ އަލިވެގެން ދިޔައީ ޒިވިޔާ އޮންލައިންގަ އިންތަން ފެނުމުންނެވެ. މިއީ މިހާ ދަން ގަޑިއެއްގައި ޒިވިޔާ އޮންލައިންގަ އިންތަން އަރުޝަދަށް ފެނުނު ފުރަތަމަ ރެއެވެ. މިނޫނަސް ކިތަންމެ ރެއަކު އަރުޝަދު ޒިވިޔާ އޮންލައިންގައި އިންތޯ ބަލާފައިވާތީ މިރޭ މިހެން ފެނުމުން ޙައިރާން ވެސް ވިއެވެ.

ވިސްނަން އިރުކޮޅަކު އޮތުމަށްފަހު ޖަވާބު ނުލިބޭނެކަން ގާތްގަނޑަކަށް ކަށަވަރު ވާއިރުވެސް މެސެޖެއް ލިޔެ ޒިވިޔާއަށް ފޮނުވައިލިއެވެ.

''ހައި'' މެސެޖު ސެންޑް ވުމުން އަރުޝަދު އޮތީ ކެތްތެރިކަން ކުޑަވެފައެވެ. ޒިވިޔާ ކަންކުރާނެ ގޮތެއް ނޭނގޭތީއެވެ. އެހެންނަމަވެސް ސީން އެރިތަން ފެނުމުން އަރުޝަދުގެ މޭގައި ވިކައިލިކަމުގެ އިހުސާސްވެގެން ދިއައެވެ. މޫނުމައްޗަށް ވެރިވީ ހިނިތުން ވުމެކެވެ. އޮށޯވެ އޮތްފަރާތް ނޫން އަނެއްފަރާތަށް އެނބުރި ލެވުނެވެ. އުފަލުންނެވެ. އެހެންނަމަވެސް ވަގުތުކޮޅެއް ދިގުދެމިގެން ދިއައިރު ވެސް ޖަވާބު ނައުމުން މާޔޫސްވާގޮތް ވިއެވެ. އެހެންވިޔަސް ހިތްވަރުކޮށްފައި ދެވަނަ މެސެޖް ލިޔުނެވެ.

''ބިރުންތަ އަދިވެސް!''

ނިދަން އަރާ އޮތް ޒިވިޔާގެ ނޭވާ ވަނީ އަވަސްވެފައެވެ. މިރޭގެ ހާދިސާ ހުއްޓުމެއްނެތި އޭނަގެ ސިކުނޑީގައި އެނބުރެނީއެވެ. ތަކުރާރުވެގެންނެވެ. އެ ބައްދާލެވުނު  ވަގުތު އަރުޝަދުގެ ހަށިގަނޑުން ދުވި މީރުވަހަކީ ދުވަހަކު ވެސް މީގެ ކުރިން ޒިވިޔާ ތަޖުރިބާ ކުރި ވަހެއް ނޫނެވެ. އެ ހަށިގަނޑުގެ ހޫނުން އެ ލިބުނު ފޮނި މީރުކަމަކީ ވެސް ދުވަހަކު ވެސް ޒިވިޔާއަށް ލިބުނު ނަސީބެއް ނޫނެވެ. އަރުޝަދުގެ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑާ ރީތި ހިތްގައިމު ހިނިތުންވުމާ އަންހެން ކުދިން ފިދާވަމުންދިޔަ އެ ރީތި ދެލޯ ޒިވިޔާގެ ހިތުގެ އެންމެ ހިމަނާރަށް އަސަރު ފޯރުވަމުން ދިއައެވެ. ޒިވިޔާ އަރުޝަދުގެ ގައިގާ ބައްދާލައިގެން ހުރި އިރުވެސް އަރުޝަދު އޭގެ ފައިދާ ނަގަން ނޫޅުނުކަން އިޙުސާސްވުމުން ޒިވިޔާގެ ހިތުގައި އަރުޝަދަށް ދެވިފައިވާ ގަދަރު އުފުލިގެން ދިޔައެވެ.

ޒިވިޔާގެ ފޯނަށް އަރުޝަދުގެ ފުރަތަމަ މެސެޖު އައީ ވެސް ޒިވިޔާ އަރުޝަދުގެ ޚިޔާލުގައި އޮތްވައެވެ. މެސެޖް ފެނުމާއެކު ޒިވިޔާއަށް އުފަލުން ތެޅިގަނެވުނެވެ. އެހެން ނަމަވެސް ޖަވާބެއް ލިޔާކަށް ނުކެރުނެވެ. އެއީ ދުވަހަކުވެސް މިވީހާތަނަށް ޒިވިޔާ އެއްވެސް ފިރިހެނަކަށް މި ކަހަލަ ގޮތަކަށް މެސެޖެއް ނުލިޔާތީ ލިޔެ ފޮނުވާ މެސެޖު އަރުޝަދަށް ކަމުދާނެކަން ނޭނގޭތީއެވެ. ދެވަނަ މެސެޖު އައުމުން ޒިވިޔާވެސް ބޭނުންވީ ކޮންމެވެސް އެއްޗެއް ލިޔެ އަރުޝަދާ ވާހަކަ ދައްކާލާށެވެ. އެއީ އެކަމަށް ނިހާޔަތަށް ހިތް އެދި ގޮވާތީއެވެ.

''ނޫން''

ޒިވިޔާގެ މެސެޖް ފެނުމުން އަރުޝަދަށް ފޯނުގައި ބާރަކަށް ހިފަހައްޓައި ލެވުނެވެ. ފޯނު ގެނެސް މޭމަތީ ޖައްސާ ބާރުކޮށްލެވުނެވެ.

''ދެން ކީއްވެ ނުނިދާ!'' އެއްވެސް އެއްޗެއް ނުލިޔެ ސިކުންތުކޮޅެއް ދިއުމަށްފަހު އަރުޝަދު ލިޔުނެވެ.

ނުނިދި އުޅޭ ސަބަބު ޒިވިޔާ ބުނެދޭނީ ކިހިނެތްހެއްޔެވެ. އެހެންކަމުން ޖަވާބެއް ނުލިޔެ އިރުކޮޅަކު އޮތުމަށްފަހު ''ގުޑް ނައިޓް'' ލިޔެ އަރުޝަދަށް ފޮނުވައިލިއެވެ. ޖަވާބަކަށް އަރުޝަދު ޖަހާލީ ހިނިގަނޑެކެވެ. ދެން އަރުޝަދު ވެސް ހަމަ އެހެން ލިޔެ ޒިވިޔާއަށް ފޮނުވައިލިއެވެ. ޒިވިޔާގެ މެސެޖަށް ބަލަން އެތައް އިރަކު އަރުޝަދު އޮތެވެ. މިރޭގެ ވާހަކަ އެހިސާބުން ނިންމާލިޔަސް ޒިވިޔާ އެ ހުޅުވައިލީ މީގެ ކުރިން ހުޅުވާ ނުލާ ހިސާބެކެވެ. މިހސާބަށް އަރުޝަދަށް މިއާދެވުނީ އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހުއެވެ. އަދިވެސް އެންމެ ކުޑަމިނުން މަޢާފު ކޮށްފީމޭ ވެސް ބުނެ ނުލާ، ގެނބެނިކޮށް ސަލާމަތްކޮށް ދިނުމުން ޝުކުރިއްޔާއޭ ވެސް ބުނެ ނުލާ ހުރި ކުއްޖަކު މިއަޅައިލީ މިހާރަށް ހަމަ ކުލަ ގަދަ ރޮނގެކެވެ. އެވަރު އަރުޝަދަށް މާބޮޑަށް ވެސް ފުދުނެވެ.

ޖެހިގެން އައި ދުވަހު ޒިވިޔާ ހޮސްޕިޓަލަކަށް ނުދެއެވެ. ޒިވިޔާ ނުނިކުންނަކަން އަރުޝަދަށް އެނގުނީ ވެސް ގެއަށް ދާން ނިކުތް އިރު މުއީޒާ އެކަނި ދާން ނިކުމެ ހުރުމުންނެވެ. ވީ ކީއްތޯ ބަލަން އަރުޝަދު ހުރީ ކެތްމަދު ވެފައެވެ. އެ ގެއަށް ދާން ވެސް ވިސްނިއެވެ. އެހެންނަމަވެސް އެހެން ހަދާކަށް ނުކެރުނެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.