(6 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެ ދުވަސްވަރަކީ ޝަކީލާގެ ކާވެނީގެ ވާހަކަ ވަރަށް ގިނައިން ދެކެވެމުން ދިޔަ ދުވަސްވަރެކެވެ. އެހެންވީމާ އެންމެންގެ ސަމާލުކަން ހުއްޓިފައި އޮތީ އެ ވާހަކައަށެވެ. ގޭތެރޭގައި ދެއްކޭ ކޮންމެ ވާހަކައެއްވެސް އެންމެފަހުން ބަދަލުވެގެން ދަނީ ޝަކީލާއާ އިންނާން އެދޭ މީހުންގެ ވާހަކައަށެވެ. ޝެހެރޫޒަށް އެ ދުވަސްވަރު ޖެހެނީ ދެ ދަންފަޅި އަދާކުރާށެވެ. އެއްދަންފަޅި އަކީ އޭނާގެ އޮފީހުގެ މަސައްކަތެވެ. ދެވަނަ މަސައްކަތަކީ ގެއަށް އައިސް މަންމަ ބުނާ މީސްމީހުންގެ މަޢުލޫމާތު ހޯދާން ހިނގުމެވެ.
"ތިޔަ މަސައްކަތުގައި މުޅި އުމުރު ދުވަސް ހޭދަވެގެން ހިނގައިދާނެ." މިއީ އަޙްސަނާ ދިމާއަށް ޒާރާ ބުނި ވާހަކައެކެވެ. އެހެންނަމަވެސް މިއަދު މިއޮތީ އެކަންތައްތައް އޭނާގެ ގެއިން ފެންނާން ފަށައިފައެވެ.
ޒާރާއަކީ އެގޭގެ އެންމެ ދޮށީ ޅީދަރިއެވެ. ވުމާއެކު ގޭގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާގެ ބޮޑު ބައެއް އޮންނަނީ އޭނާގެ ބޮލުގައެވެ. ގޭގެ މީހުންނާ އެކީގައި ކަންތައްތަކުގައި ބައިވެރިވެގެން އުޅުމަކީ އޭނާގެ ވާޖިބެކެވެ. އެހެންނަމަވެސް އޭނާއަށް ބޮޑަށް ކުރެވޭ ފިކުރަކީ ޝެހެރޫޒް އޭނާޔާއެކު ހޭދަ ކުރާ ވަގުތުކޮޅު ކުޑަވެގެން ކުރާ ފިކުރެވެ. އެއްދުވަހަކު ޝެހެރޫޒް މަންމަގެ ކައިރީގައި އާދަޔާ ޚިލާފަށް ގިނަ ވަގުތު ހޭދަކޮށްފިއެވެ. އޭނާ އެނބުރި ކޮޓަރިއަށް އައި އިރު ޒާރާ ހުރީ ރުޅިއައިސް ފުފިފައެވެ. ކޮޓަރިއަށް ވަނުމާއެކު މޫސުން މާ ރަނގަޅު ނޫންކަން ޝެހެރޫޒަށް އެނގިއްޖެއެވެ. އެހެންވީމާ ހިނިތުންވެލައިފައި އަހައިލިއެވެ.
"ޒާރާ... ކިހިނެއްވީ؟"
ޒާރާ ޖަވާބެއް ނުދިނެވެ.
"ކިހިނެއްވީތަ؟" އޭނާ ޒާރާގެ އަތުގައި މަޑުމަޑުން ޖަހައިލިއެވެ.
"އަހަންނާ ވާހަކަ ނުދައްކާ."
"އެޔޯ؟" ޝެހެރޫޒް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "މާބޮޑަށް ތުން ދަމައި އޫކޮށްގެން ތިޔަ ހުންނަނީ ކިހިނެއްވެގެން؟" ޝެހެރޫޒް ބޭނުންވީ ކޮންމެވެސް ކަހަލަ ހެއްވާ ވާހަކައެއް ދައްކައިގެން އޭނާ ހެއްވައިލާށެވެ.
"ޝެހެރޫޒް އަހްމަދު... ބުނަންތަ؟ ޝެހެރޫޒް އެކި ތަންތާނގައި އުޅޭނެ ގޮތަކަށް އުޅެފައި ވަރުބަލިވެގެން އަހަރެން ކައިރީގައި ހޭދަކޮށްލާ ވަގުތުކޮޅަކުން އަހަންނަކަށް ނުފުދޭނެ. އަހަރެން މިއީ އެ ބޭނުމުގައި މި ގެއަށް ގެނައި މީހަކަށް ހަދައިގެން ނުވާނެ."
"ޒާރާ!" އޭނާ ޙައިރާންވިއެވެ.
"ވާހަކަ ދައްކައިގެން އަހަރެން ހައްލައިލަން މަސައްކަތް ނުކުރާތި."
"އަހަރެން އެކަހަލަ އެއްވެސް މަސައްކަތެއް ނުކުރާނަން." ޝެހެރޫޒް ގާތަށް ރުޅިއަތުވެއްޖެއެވެ. "ކެތް ކުރެވޭނީވެސް ވަކި ވަރަކަށް ނޫންހެއްޔެވެ؟ "އަހަރެން ނުބުންޏަސް ޒާރާއަށް ވިސްނެންވާނެ. އެކަމަކު ޒާރާ ވިސްނަން ބޭނުންވާ ހެންނެއް އަހަންނަކަށް ހިއެއްނުވޭ."
"އާނ. އަހަރެން ވިސްނާކަށް ބޭނުމެއް ނުވޭ." އޭނާ ރުޅި އައިސްފައި މިހެން ބުނުމަށްފަހު މޫނާ އެއްކޮށް ފޮތިގަނޑު އަޅައިގެން އޮށޯވެއްޖެއެވެ. ޝެހެރޫޒް އިރުކޮޅަކު އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ބޮކި ނިއްވައިލާފައި އައިސް އެނދުގައި އޮށޯވެއްޖެއެވެ.
މިއީ ކާވެނި ކުރެވުނު ފަހުން މިވީ ދުވަސްތަކުގެ ތެރޭގައި ދެމަފިރިންގެ މެދުގައި ހަމަނުޖެހުން އުފެދި ރުޅި އަންނަން ޖެހުނު ފުރަތަމަ ފަހަރެވެ. އެ ހަމަނުޖެހުމުގެ އަސަރު ވަރަށް ގިނަ ދުވަސް ވާންދެން ދެމިއޮތެވެ. ފުރަތަމަ އެކަންތައްތައް އޮތީ ކޮޓަރިތެރޭގައެވެ. އެކަމަކު ފަހުން ބޭރަށް ވެސް ނުކުމެއްޖެއެވެ. ޝެހެރޫޒްގެ މަންމައަކީ ވަރަށް ވިސްނުން ތޫނު އަންހެނެކެވެ. ވުމާއެކު އޭނާއަކަށް މިކަން ސިއްރެއް ނުވިއެވެ. އޭނާ ޝެހެރޫޒަށް ނަސޭހަތްދޭން ފަށައިފިއެވެ. ސުލްހައަށް ޝެހެރޫޒް އިސްނެގީ އެހެންވެގެންނެވެ.
ބަލަން ޖެހޭ ހުރިހައި ބެލުމެއް ބަލައި ނިންމުމަށްފަހު ޝަކީލާ އާ އިންނާން ޖާވީދު ހަމަޖައްސައި ނިންމައިފިއެވެ. އެ ދުވަސްވަރަކީ ކާވެނީގެ ކަންތައްތައް ކުއްލިއަކަށް ހަމަޖެއްސޭން އޮތް ދުވަސްވަރަކަށް ނުވާތީ އެންގޭޖްމަންޓްގެ ކަންތައްތައް ނިންމawiލާފައި ފުއްދައިލީއެވެ. އެންގޭޖްމަންޓްވެސް އޮތީ މާބޮޑު ރަސްމިއްޔާތެއްގައެއް ނޫނެވެ. ގޭގެ ހައެއްކަ މީހުންގެ ހާޒިރުގައި އަނގޮޓި އަޅުވައިލައިފައި ނިންމައިލީއެވެ.
ޝެހެރޫޒަށް އޭނާގެ ޒިންމާ އިޙްސާސްކުރެވެއެވެ. ވަރަށް އަވަހަށް ޝަކީލާގެ ކާވެނިވެސް ކުރަން ޖެހޭނެކަން އޭނާއަށް އެނގެއެވެ. އާއިލާގެ އެންމެ ދޮށީ ދަރިއަށްވާތީ ހުރިހައި ޒިންމާއެއް އޮންނަނީ އޭނާގެ ބޮލުގައި ކަމަށް އޭނާ ގަބޫލުކުރެއެވެ. އޭނާއަށް ލިބޭ އާމްދަނީން ކިރިޔާ ގޭގެ ޚަރަދުތައް ބެލެހެއްޓޭވަރު ވަނީއެވެ. އެހެންވީމާ އިތުރު ވަގުތު އަދާކުރާނޭ ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އޭނާ އެ މަސައްކަތް ފެށި ވާހަކަ ޒާރާ ގާތުވެސް ބުންޏެވެ. އެ ދުވަހު އޭނާ އެކަމަކާ ދެކޮޅެއް ނުހަދައެވެ. ރަނގަޅު މޫޑެއްގައި ހުރީމާ ކަމަށްވެސް ވެދާނެއެވެ. އެޔާ ވިދިގެން އައި ދުވަސްތައްވެސް ދިޔައީ ސުލްހަވެރިކަމާ އެކީގައެވެ. ލަހުން އަންނާތީ ޝަކުވާއެއް ނުކުރެއެވެ.
މަސައްކަތް ކުރަމުން ގޮސް އޮފީހަކުން ވަޒީފާއެއް ލިބިއްޖެއެވެ. އެ އޮފީހުގެ އެކައުންޓެންޓް ހުރީ ޗުއްޓީގައެވެ. އެހެންވީމާ ބަދަލުގައި މީހަކު ބޭނުންވެފައި އޮތީމާ ވަޒީފާ ލިބުނީއެވެ. ވަގުތީ ކަމަކަށްވިޔަސް ޝެހެރޫޒް އެ ވަޒީފާ ގަބޫލުކޮށްފިއެވެ.
"ޝެހެރޫޒް އިތުރުގަޑީގައި ތިޔަ އަދާކުރާ ވަޒީފާއިން ލިބެނީ ކިހައި ވަރަކަށް؟" އެއްރެއަކު ނިދާން އޮށޯތްތަނާ ޒާރާ އަހައިލިއެވެ.
"ދޮޅުހާސް ރުފިޔާ."
"މަހަކު ދޮޅުހާސް ރުފިޔާ ޖަމާ ކުރަމުން ގޮސް އަހަރަކު ޖަމާ ކުރެވޭނީ ކިހައި ވަރަކަށް؟" މިހެން އަހައިފައި ޝެހެރޫޒްގެ ޖަވާބަކަށް އިންތިޒާރު ނުކޮށް އަނެއްކާވެސް ވާހަކަ ދައްކާން ފަށައިފިއެވެ. "އަށާރަ ހާސް ރުފިޔާ. އަށާރަ ހާސް ރުފިޔާއިން ކޮއްކޮގެ ކާވެނިކޮށް ދެވޭނެހެން ޝެހެރޫޒަށް ހީވޭތަ؟"
އޭނާ އޮށޯތީ ނިދާށެވެ. އެހެން ނަމަވެސް ޒާރާ ދެއްކި ވާހަކައަކުން ނިދި ފިލައިފިއެވެ. ދެ ލޯ ބޮޑުކޮށްގެން ޒާރާއާ ދިމާއަށް ބަލަން ފަށައިފިއެވެ.
"އަހަންނާ ދިމާއަށް ތިޔަހެން ބަލަނީ ކީއްވެގެން؟ އަހަރެން މި ދެއްކީ ރަނގަޅު ވާހަކައެއްހެން ހީ ނުވަނީތަ؟"
"އެހެނެއް ނޫން. އެކަމަކު ތިޔަ ކަމުގައި އަހަރެން ކުރާނޭ ކަމެއްވެސް ނެތެއްނު؟"
"ޝެހެރޫޒަށް ކަމެއް ނުކުރެވުނަސް އަހަންނަށް ކުރެވިދާނެ."
"ކީކޭ؟"
"އާނ. އަހަރެން މީގެ ކުރީންވެސް ވަޒީފާ އަދާކުރީމެއްނު؟"
"ނޫނޭ. ތިޔަހެން ހަދާނޭކަމެއް ނެތް. މަންމަ ހުއްދައެއް ނުދޭނެ."
"ޝެހެރޫޒް ހުއްދަ ދީ. މަންމައަށް ވިސްނައިދީ. ތިޔަ ގޮތަށް ލިބޭ ކުޑަ ފައިސާ ކޮޅަކުން ޝަކީލާގެ ކާވެންޏެއް ނުކުރެވޭނެއޭ ބުނޭ. އެއްއަހަރު ދުވަހަކީ އެހައި ދިގު މުއްދަތެއް ނޫން. އެސްފިޔަ ޖަހާހައި ހިނދުކޮޅެއްގެ ތެރޭގައި އެއްއަހަރު ދުވަސް ވޭތުވެގެން ހިނގައިދާނެ."
"ޒާރާ." އޭނާ އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. "އަހަރެން މިހާރުވެސް މިހުންނަނީ ހާސްވެފައި. އަހަރެންގެ ހާސްކަން ބޮޑު ކުރަން ނޫޅޭ. އަހަރެން މަންމަޔާ ވާހަކަ ދައްކާނަން." އޭނާ އަނެއްފަރާތަށް އެނބުރިއްޖެއެވެ.
ޒާރާ ވަޒީފާ އަދާކުރާކަށް މަންމަ އެއްބަހެއް ނުވިއެވެ. ދަރިފުޅުގެ ކާވެނި ކުރާން ވެގެން ޅީދަރިފުޅު ލައްވައި މަސައްކަތް ކުރުވާކަށް އޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. އަދި ވިސްނައިލާން ޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. ޒާރާ ވަޒީފާ އަދާކުރާން އެ އުޅެނީ އަމިއްލަ އަށް ބުނެގެންނެވެ. އެހެންނަމަވެސް ފަހުން އޭނާ ހިތްހަމަނުޖެހޭ ކަމެއް ދިމާވާ ދުވަހަކު، ޝަކީލާގެ ކާވެނި ކުރާން ޚަރަދު ހަމަޖައްސާން ތިމަން ލައްވައި ވަޒީފާ އަދާކުރުވީއޭ ބުނެފާނެތީވެސް މަންމަ ބިރު ގަނެއެވެ. އެހެންވީމާ މަންމަ ވަރަށް ވިސްނުންތެރިކަމާއެކު ވާހަކަ ދައްކައިގެން ޒާރާ ވަޒީފާއަދާ ކުރާން ދިޔަ ނުދީ ހުއްޓުވައިފިއެވެ. އެހެންނަމަވެސް ޒާރާއަކީ ވެސް އޭނާގެ ގޮތް ދޫކުރާން ރުހޭ މީހެއް ނޫނެވެ. އެކި ކަހަލަ ވާހަކަ ދައްކައިގެން ނުވަތަ ޝަކުވާ ކޮށްގެން ހުއްދަ ލިބޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. އެ ވަރުންވެސް ނުވީމާ ހުއްދަ ދޭން މަޖުބޫރުވާ ކަހަލަ ކަންތައްތައް ކުރާން ފަށައިފިއެވެ. އެންމެ ފަހުން މަންމައަށް ޖެހުނީ ހުއްދަ ދޭށެވެ. ހުއްދަ ލިބުމާއެކު އޭނާ ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ނަސީބު ރަނގަޅުކަމުން އޭނާއަށް ވަރަށް އަވަހަށް ވަޒީފާއެއް ލިބިއްޖެއެވެ.
ޒާރާ ވަޒީފާ އަދާ ކުރާން ފެށިތާ ހަ މަސްދުވަސް ވެގެން ހިނގައްޖެއެވެ. އޭނާ ވަޒީފާ އަދާކުރާން ބޭނުންވެގެން ވާހަކަދެއްކި ދުވަހު އޭނާގެ ހިތުގައި ޝަކީލާގެ ކާވެނީގެ ޚިޔާލުއޮތް ހެންނެއް ހިއެއް ނުވެއެވެ. ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ރައްކާ ކުރާށޭ ކިޔާފައި އޭނާ ޝެހެރޫޒްގެ އަތަށް ފައިސާކޮޅެއް ދިނީ އެންމެ ފަހަރަކުއެވެ. އެހެން ނޫނީ މުސާރަ ހަމަ ލިބުމާއެކު ދަނީ ބާޒާރަށެވެ. ބާޒާރުކޮށް ނިމިގެން ބާކީވާ ފައިސާއަށް ހަދަނީ ކިހިނެއްކަމެއް އެކަކަށްވެސް ނޭނގެއެވެ. ހަދާގޮތެއް އެއްވެސް މީހަކަށް އަންގާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.
ޝެހެރޫޒަކީ އަމިއްލަ އުސޫލުތަކެއްގައި ހިފަހައްޓައިގެން އުޅޭ މީހެކެވެ. އެއީ އޭނާގެ މަންމަގެ ތަރުބިއްޔަތުގެ ނަތީޖާއެވެ. ވުމާއެކު ކުރީ ދުވަހު ޝަކީލާގެ ކާވެނީގެ ވާހަކަ ދެއްކި ފަހުން އެކަހަލަ އެއްވެސް ވާހަކައެއް ޒާރާގެ ގާތަކު ނުދައްކައެވެ. މަންމަ އޮތީ އެ ކަހަލަ ވާހަކަތައް ނުދައްކާށޭ ބުނެފައެވެ.
އެއްދުވަހަކު ޝެހެރޫޒް އޮފީހުން ނިމިގެން ގެއަށް އައި އިރު ޒާރާއާއި މަންމަޔާއި ގޭގެ އެހެން ކުދިން ފެންޑާގައި އިށީނދެގެން ތިއްބެވެ. ޝެހެރޫޒް ފެނިފައި ޒާރާ ޙައިރާންވިއެވެ. އެއީ އޭނާ އިތުރު ވަޒީފާއެއް އަދާ ކުރާން ފެށި ފަހުން ގެއަށް އަންނަނީ ވަރަށް ލަހުން ކަމަށް ވާތީއެވެ.
(ނުނިމޭ)
varah varshves reethi