އަލިފާންކޮކާ - 2

(29 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެއީ ޒާރާގެ ދީނާއި އީމާންކަމަކީ ފައިސާއަށް ވެފައި ވާތީ ވެގެން އުޅޭގޮތެއް." އަޙްސަން އޭނާއަށް މަލާމަތްކޮށްލިއެވެ. އެކަމަކު ޒާރާ އޭނާގެ ވާހަކަޔާ ދެކޮޅު ހެދުމުގެ ބަދަލުގައި އެއްބަސްވީއެވެ.

"އާނ... އަހަރެން ގަބޫލުކުރާ ގޮތުގައި ފައިސާ ނެތިއްޔާ ދިރިއުޅުން ވެގެން ދާނީ ބޭކާރު އެއްޗަކަށް." އޭނާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. "ފައިސާގެ ބޭނުންތެރިކަމާމެދު އަޙްސަބނަކަށްވެސް ދެކޮޅެއް ނުހެދޭނެ. އަހަރެމެންގެ ގެއާއި އަޙްސަންމެންގެ ގެއާއި އެހެން ގޭގެއާ ނުގުޅެނީ ހަމަ ފައިސާގެ ތަފާތު އޮންނާތީ."

"ޒާރާ ބޭނުންވަނީ ހަމަހަމަވާންތަ؟"

"އަހަރެން ބޭނުންވަނީ ހަމަހަމަ ވާކަށް ނޫން. އެ މީހުންނަށްވުރެ ކުރިއަށް ދާން. މައްޗަށް އަރައިގެން ދިޔަދިޔައީނުން ގޮސް ތިރިއަށް ބަލައިލީމާ އެ ހުރިހައި އެންމެންނަކީ ކުދިކުދި ހިނި ފަދައިން ފެންނަ ހިސާބަށް މައްޗަށް ދާން."

"ތިޔައީ އެހައި ފަސޭހަކަމެއް ނޫން."

"އުނދަގޫ ކަމެއްވެސް ނޫން." އޭނާ ބުނެލިއެވެ.

"ބަލަން ހުންނާތި. އެއްދުވަހަކުން އަހަރެން މިއީ ތިމާގެ މީހެކޭ ބުނަން އެ މީހުން ފަޚުރުވެރިވާނެ. އެ ދުވަސް އަދި އަންނާނެ."

"އެ ދުވަސް އައީމާ ޒާރާ އެއިން މީހަކާ އަޅައެއް ނުލާނަން ދޯ؟"

"އާނ... އަޅައެއް ނުލާނަން... މިއަދު އެމީހުން އަހަރެމެންނާ ދޭތެރޭ ކަންތައްކުރާ ގޮތަށް މާދަމާ އަހަރެންވެސް ކަންތައް ކުރާނަން"

"ޒާރާ. އަހަރެން ހީކުރީ ދެންމެ ދެއްކި ވާހަކަތަކަކީ ސަމާސައަކަށް ދެއްކި ވާހަކަތަކެއް ކަމަށް. އެކަމަކު މިހާރު އެބަ އެނގޭ. އެއީ ސަމާސާ ވާހަކަތަކެއް ނޫންކަން... ޒާރާގެ މުސްތަގުބަލު ރާވާފައި އޮތީ ކިހިނެއްކަން ބުނެދީފާނަންތަ؟"

"ފައިސާގެ މައްޗަށް. ހަމައެކަނި ފައިސާގެ މައްޗަށް."

"ތަންކޮޅެއް ތަފްސީލުކޮށް ކިޔައިދީ."

"އާނ... އަޑުއަހާ." އޭނާ ތަފްސީލުކޮށް ކިޔައިދޭން އުޅުނު ތަނާ އަނެއްކާވެސް މަންމަ ގޮވައިލި އަޑު އިވިއްޖެއެވެ. "ޒާރާ. އަދިވެސް އިންތަނުން ގުޑައިވެސްނުލައި އިނީތަ؟ ކަލޭގެ ބައްޕަ ދުރުވުމުގެ ކުރިން ރޮށި ފިހެން ވާނެ."

"ބައްޕަ ދުރުވާނީ އަދި ވަރަށް ފަހުން." އޭނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

"މާލަހެއް ނުވެ ދުރުވާނެ... ކަލޭ ރޮށި ފިހޭވަރަށް ބަލާއިރު އެންމެ ރޮށްޓެއް ފިހެވޭއިރު ދުރުވެދާނެ."

"ސެހެރް. ހިނގާ... ކަލޭވެސް އަހަންނާ އެކީގައި ހިނގާ." އޭނާ ހިތާ ދެކޮޅަށް އިންތަނުން ތެދުވެއްޖެއެވެ.

"ދައްތާ... އަހަރެން ދަސްކުރަން ވަރަށް ގިނަ ފިލާވަޅު އެބަހުރި."

"މިރޭ ދަސްކުރާނީ... މިހާރު ހިނގާ." އޭނާ އަތުގައި ހިފައި ދަމަން ފަށައިފިއެވެ.

* * *

ޓައިޕްކުރަން ދަސްކުރާށާއި ޝޯޓް ހޭންޑް ދަސްކުރަން ދާ އިންސްޓިޓިއުޓުން ނިމިގެން އޭނާއަށް ގެއަށް އާދެވެނީ ހަވީރު ހައެއް ޖަހާއިރުއެވެ. ގެއަށް އާދެވޭއިރު ހުންނަނީ ކުޑަކޮށް ވަރުބަލިވެފައެވެ. އެކަމަކު ވެފައި ހުންނަ ވަރަށްވުރެވެސް މާބޮޑަށް ވަރުބަލިވާކަމަށް އޭނާ ހެދެނީ ކައްކަން ދާށޭ މަންމަ ބުނެފާނެތީއެވެ. މިއަދުވެސް ގެއަށް ވަންގޮތަށް ބޫޓު ބާލައި އެއްލައިލުމަށްފަހު އޭނާގޮސް އޮށޯތީ އުނދޯލީގައެވެ. އޮށޯވެ އޮވެގެން އަސްމާއަށް ގޮވައިލިއެވެ.

"އަސްމާ... ފެންތަށްޓެއް ގެނެސްދީބަލަ. ވަރަށް ބޮޑަށް ފެންބޮވައިގެންފި." އޭނާ ތުންފަތުގައި ދޫ ކާއްތައިލުމަށްފަހު ލޯމަރައިލިއެވެ. "ދައްތާ. މިހިރީ ފެންތަށި." އޭނާ ލޯހުޅުވައިލީ އަސްމާގެ އަޑަށެވެ. ފެންތަށި ތުނބުގައި ޖެހިގޮތަށް ނައްޓައިލީ ހުސްކޮށްލައިފައެވެ.

"ދައްތާ!" އަސްމާ ތަށި އަތުލުމަށްފަހު އުނދޯލީގައި އިށީނދެއްޖެއެވެ.

"ދައްތައަށް އެނގޭތަ؟ ޙިނާދައްތަ އެންގޭޖްވަނީ؟"

"ކޮން ދުވަހަކު؟"

"މާދަމާ."

"ކާކު ބުނީ؟"

"ކާޑު ހިފައިގެން ބޮޑު ބައްޕަ އައިސް ބުނީ."

"އެހެންތަ؟" އޭނާ ވެފައި ހުރި ވަރުބަލީގެ މަތީން ހަނދާން ނައްތައިލާފައި ތެދުވެ އިށީނދެއްޖެއެވެ.

"އެހެން ވާހަކަތައް އޮޅުން ފިލުވާނީ މަންމަޔާ ވާހަކަ ދައްކައިގެން."

އޭނާ އެ ދިޔަގޮތަށް ދިޔައީ މަންމަގެ ކައިރިއަށެވެ. މަންމަ އޭނާއަށް ވަރަށް ތަފްސީލުކޮށް ހުރިހައި ވާހަކައެއް ކިޔައި ދިނެވެ. އެހެންނަމަވެސް މި ގެއިން ދަޢުވަތު ލިބުނީ އެންމެ ދެ މީހުންނަށޭ ބުނީމާ އޭނާގެ ހުރިހައި އުއްމީދެއް ވެއްޔާ މޮޑެވިގެން ހިނގައްޖެއެވެ. އޭނާ ތުން ދަމައި އޫކޮށްގެން ހުރެ ބުންޏެވެ.

"އެކަކުވެސް ދާނެކަމެއް ނެތް."

"ނޫނޭ. ނުގޮހެއް ނުވާނެ... އަހަންނަށް ފެންނަނީ ކަލޭމެން ތިން އަންހެން ބެއިން ދާން."

"ދެ މީހުންނަށް ދަޢުވަތު ފޮނުވީމާ ދާންވީ ތިން މީހުންތަ؟"

"އެއީ މާ ބޮޑު މައްސަލައަކަށް ނުވާނެ."

"ބޮޑު މައްސަލައަކަށް ވާނެ. އެކެއްގެ ކާއެއްޗެހި މަދު ވެއްޖެއްޔާ އެމީހުން ކިހައި ލަދެއް ގަންނާނެ."

"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ އެއީ ބޮޑެތި މީހުން. އެ މީހުންނަށް ކާއެއްޗެހި މަދެއް ނުވާނެ."

"ބޮޑެތި މީހުންނޭ!؟" ޒާރާ މަލާމަތުގެ ރާގަކަށް ހީނލިއެވެ. "ބޮޑެތި މީހުން ކަންތައް ކުރި ގޮތް މަންމައަކަށް ނުފެނޭތަ؟ މިގެއިން ދައުވަތު ދިނީ އެންމެ ދެ މީހުންނަށް... މަންމާ... ބުނަންތަ؟ މިގެއިން އެކަކުވެސް ގޮސްގެން ނުވާނެ."

މިހެން ބުނެފައި އޭނާ އެދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުމައްޗަށް ބަނޑުން ވެއްޓިގެންފައި އާދައިގެ މަތީން ރޯން ފެށީއެވެ.

އޭގެ އަނެއް ދުވަހު ޕާޓީއަށް މަންމަ ދިޔައީ ސެހެރާއި އަސްމާއާ ގޮވައިގެންނެވެ. އޭނާ ހުރީ އެކަމާ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އައި ރުޅީގައި ގޮސް މުޅި ހަށިގަނޑު ނިވައިވާ ގޮތަށް ރަޖާލައިގެން އޮށޯތީއެވެ. އެހެން އޮވެގެން ތިމާގެ އަގެއް ނެތްކަމާ މެދު ވިސްނަނީއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ކުރާނޭ ގޮތް ރާވަމުން ދަނީއެވެ.

އަޙްސަން އައިސް ރަޖާ ދަމައިގަތީ އެހެން އޮއްވައެވެ.

"ތިޔައީ ކޮން ކަމެއް؟" އޭނާ ހަޅޭއްލަވައިގަތެވެ.

"މިއީ މީހުން ނިދާ ގަޑިއެއްތަ؟" ޒާރާގެ ރުޅިއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި އަޙްސަން އަހައިލިއެވެ.

"އަޙްސަނަކާ ބެހޭ ކަމެއް ނޫން." އޭނާ އަނެއްކާވެސް ރަޖާ ލައިގެން އޮށޯންނާން އުޅުނެވެ. އެކަމަކު އަޙްސަން އަނެއްކާވެސް ރަޖާ ގަނޑުގައި ހިފައި ދަމައިގެންފިއެވެ.

"މިއަދު ރަޖަޔާ މާ ދޯޅު ވެގެން ތިޔަ އުޅެނީ ކީއްވެގެން؟"

"އަހަރެން ރަޖަޔާ ދޯޅުވަނީ ކިހިނެއް ވީމާކަން އަޙްސަނަށް އެނގެއެއްނު؟"

"އާނ!" އަޙްސަން ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

 "މިއަދު ކުރިމަތިވީ ކޮން މައްސަލައެއް؟"

"މިއަދު ހިނާގެ އެންގޭޖްމަންޓް ޕާޓީ އެބައޮތް؟"

"އެއީ މައްސަލައެއްތަ؟"

"އެއީ މައްސަލައެކޭ އަހަރެން ނުބުނަމެއްނު؟"

"އެހެންވެއްޖެއްޔާ މައްސަލައަކީ ކޮބާ؟"

"ސެހެރާއި އަސްމާޔާ ގޮވައިގެން މަންމަ އެ ޕާޓީއަށް ހިނގައްޖެ."

"އެހެންތަ؟ ޕުއްޕާފައި ތިޔަ އޮތީ އެ ޕާޓީއަށް ނުދެވިގެން ކަމަށްވަންޏާ ހިނގާ. އަހަރެން އެ ގެއަށް ގެންގޮސް ދީފާނަން."

"އަހަރެން ދެރަވަނީ އެ ޕާޓީއަށް ނުދެވިގެނެއް ނޫން... އެ މީހުން ދިޔައީތީ." އޭނާ ބުންޏެވެ. "ނިކަން ވިސްނާލަބަލަ... އެގޭ ޕާޓީއަށް ކިޔާފައި އޮތީ އެންމެ ދެ މީހުންނަށް. ނުކީނަމަ އެއަށްވުރެ މާ ރަނގަޅުވީސް."

"އަހަންނަށް ހީވަނީ އެއީ މީހަކު ރުޅި އަންނަވަރުގެ ކަމެއް ނޫންހެން. އެއީ އެންގޭޖްމަންޓެއްނު؟ ކާވެނި ޕާޓީގައި ތިޔަހެން ހަދައިފިއްޔާ ރުޅިއަންނަން އެންމެ ރަނގަޅު."

"ބަލަ އެހެން ހެދީ ހަމައެކަނި އަހަރެމެންނަށޭ. ޢާއިލާގެ މުއްސަނދީންގެ އެންމެންނަށް ކިޔައިފައި އެބައޮތް." އޭނާ އަޙްސަންގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެންމެންނަށް އެހެން ހެދީ އަހަރެމެންގެ އަތުގައި ފައިސާ ނެތީމާ."

"ޒާރާ ދައްކާ ކޮންމެ ވާހަކައެއް ގޮސް ފައިސާގައި ތިޔަ ޖެހެނީ ކީއްވެގެން؟"

"އެއީ ހުރިހައި އިމްތިޔާޒެއްގެ ސަބަބަކީ ފައިސާ ކަމަށް ވާތީ."

"ދެން ތިޔަ ވާހަކަ ހުއްޓާލާ! އިއްކޫ ފޫހިވެގެން މުޅި ގޭތެރޭގައި އެބަ އެނބުރޭ..." އަޙްސަން އޭނާގެ ސަމާލުކަން އެހެން ކަމެއްގެ މައްޗަށް އަނބުރައިލެވޭތޯ މަސައްކަތް ކުރިއެވެ. އެއީ ފައިސާގެ މައުޟޫއަށް ވާހަކަ ދައްކާން ފަށައިފިއްޔާ އެތައް އިރަކުން ނޫނީ ނުނިމޭނޭކަން އެނގޭތީއެވެ.

"އިއްކޫ..." އޭނާ އެނދުގައި އެ އޮތް ގޮތަށް އޮވެފައި ވަރަށް ބާރަށް ގޮވައިލިއެވެ. އަޑު އިވުމާއެކު އިއްކޫ ދުވެފައި އަތުވެއްޖެއެވެ.

"ބަދިގޭގެގައި ކިރު ހުރިތޯ ބަލާބަލަ... ނެތިއްޔާ ގަނެގެން އާދޭ... އަހަރެން ސައި ހަދައި ދޭނަން."

"ކިރެއް ނެތް."

"މިތާގައި ހުރެގެން އެނގެނީ ކިހިނެއް؟"

"ހުރި ކިރުފޮދު އަހަރެން ބޯލައިފިން."

"އެކަނި ބޯލީތަ؟"

"ދޮންދައްތަ އޮތީ ނިދާފައި. ހުރީ ކުޑަކުޑަ ކިރުފޮދެއް." އިއްކޫ އަތުން ދައްކައިލަމުން ބުނެލިއެވެ.

"އެންމެ ރަނގަޅު. ދެން އަވަހަށް ގޮސް ކިރު ގަނެގެން އާދޭ." އޭނާ ތެދުވަމުން ބުނެލިއެވެ. "އަޙްސަން ކާނަންތަ؟"

"ނޫނޭ... ނުކާނަން. ސައިތަށްޓެއް ދީ."

"ދޮންދައްތާ! އަޙްސަންބޭބެ ކައިރިން އަހަނީ ކީއްކުރަން؟ ދޮންދައްތަ ބޭނުމިއްޔާ ކެއީމާ ނިމުނީއެއްނު؟"

އޭނާ އިއްކޫއާ ދިމާއަށް ކަޅި އަޅައިލާފައި ބަދިގެއާ ދިމާއަށް ހިނގައިގެންފިއެވެ.

ކުޑަ އިރުކޮޅެއް ފަހުން ފެނުނީ ސައި ހިފައިގެން ބަދިގެއިން ނުކުމެގެން އައިތަނެވެ. އޭނާ އައިއިރު އިއްކޫ އިނީ އަޙްސަން ކައިރިން ހިސާބު ނަންބަރެއް ހަދާނޭގޮތް އޮޅުން ފިލުވާށެވެ.

"އަވަހަށް ސައި ބޯން ފަށާ." އޭނާ ތަބަށް މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ.

"އަހަންނަށް ހީވަނީ ބައްޕަވެސް އޮފީހުން ދުރުވާނީ ބޮޑު ބައްޕަގެ ގެއަށްހެން..." އޭނާ އަމިއްލައަމިއްލައަށް ވާހަކަ ދައްކާ ކަހަލަ ގޮތަކަށް ބުނެލިއެވެ. މި ވާހަކަ އަކަށް އަޙްސަން ވެސް އިއްކޫވެސް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.